ޖޮން ޖޮންޑާއި އަކީ ތައިލެންޑުގެ އިރުއުތުރު ހިސާބަކަށް ނިސްބަތްވާ ދަނޑުވެރިއެކެވެ. އަމިއްލައަށް ހައްދާތަކެތިން ފުދުންތެރިކަން ހޯދަަން ދަސްކޮށްދިނުމުގެ ގޮތުން، ކެމިކަލް ނާޅައި، ގުދުރަތީ ތަކެތިން ގަސްކާނާ ހަދައިގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދެއެވެ. މީނާ އުފެއްދި  ” ޕަން ޕަން” ޖަމިއްޔާއަކީ ތައިލެންޑުގައި ފަސޭހައިން ހެދޭ ތަފާތު މޭވާ އާއި ތަރުކާރީގެ އޮށް އެއްކޮށް ފަހަށް ރައްކާކުރުމުގެ ކަންތައް ކުރާ ޖަމިއްޔާއެކެވެ.  މީގެ އިތުރުން ތައިލެންޑުގައި ބޯދާ ދުވަސްވަރު ކާބަފައިން ގެދޮރުއަޅައި އުޅުނުގޮތްގޮތް ދިރާސާކޮށް އެކަންކަންވެސް މީނާގެ ޖަމިއްޔާއިން…

ޖޮން ޖޮންޑާއި އަކީ ތައިލެންޑުގެ އިރުއުތުރު ހިސާބަކަށް ނިސްބަތްވާ ދަނޑުވެރިއެކެވެ. އަމިއްލައަށް ހައްދާތަކެތިން ފުދުންތެރިކަން ހޯދަަން ދަސްކޮށްދިނުމުގެ ގޮތުން، ކެމިކަލް ނާޅައި، ގުދުރަތީ ތަކެތިން ގަސްކާނާ ހަދައިގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދެއެވެ. މީނާ އުފެއްދި  ” ޕަން ޕަން” ޖަމިއްޔާއަކީ ތައިލެންޑުގައި ފަސޭހައިން ހެދޭ ތަފާތު މޭވާ އާއި ތަރުކާރީގެ އޮށް އެއްކޮށް ފަހަށް ރައްކާކުރުމުގެ ކަންތައް ކުރާ ޖަމިއްޔާއެކެވެ.  މީގެ އިތުރުން ތައިލެންޑުގައި ބޯދާ ދުވަސްވަރު ކާބަފައިން ގެދޮރުއަޅައި އުޅުނުގޮތްގޮތް ދިރާސާކޮށް އެކަންކަންވެސް މީނާގެ ޖަމިއްޔާއިން ދަސްކޮށްދެއެވެ. ތިރީގައި އެވަނީ ރަށްފުރުގެ ތަރައްގީއާ ބެހޭ ބައްދަލުވުމެއްގައި މީނާ ދެއްވި ތަގުރީރެއްގެ ތަރުޖަމާއެވެ.

” އަޅުގަނޑާ ބައްދަލުވާ ކޮންމެ މީހެއްގެގާތުގައި ތަކުރާރުކޮށް އަޅުގަނޑު ބުނާހިތްވާ ބަސްކޮޅެއް އޮވެއެވެ. އެއީ ” ދިރިއުޅުމަކީ އެހާބުރަ، އުނދަގޫ ކަމެއްނޫނެވެ!” ހަގީގަތުގައިވެސް ދިރިއުޅުމަކީ އުފާވެރި، ލުއިފަސޭހަ ކަމެކެވެ. ދިރިއުޅުން ބައްޓަން ކުރުމުގައި މީހުންނަށް ދަރައި ވިކިގެން އުޅެންމިޖެހެނީ އަޅުގަނޑުމެން އަމިއްލައަށް ” ނުފޯރާފޮތިން ފޫގަޅަން” ބޭނުންވާލެއް ބޮޑުކަމުންނެވެ! ނަމަވެސް އަޅުގަނޑަށް މިކަން ދަސްވީ ވަރަށް ބުރައިގައި އެތައްދުވަހަކު އުޅުނުފަހުންނެވެ!

އަޅުގަނޑު އުފަންވީ އިރުއުތުރު ތައިލެންޑުގެ ވަރަށް ފަގީރު އަވަށަކަށެވެ. އަޅުގަނޑުގެ ތުއްތު ދުވަސްވަރު ކޮންމެކަމެއްވެސް ކުރަން ވަރަށް ފަސޭހައެވެ. އަދިވެސް އެދުވަސްވަރުގެ ހަނދާންތައް ހިތުގައި ބިންވަޅު ނެގިފައިވަނީ ވަރަށް އުފާވެރި ހަނދާންތަކެއްގެ ގޮތުގައެވެ. ނަމަވެސް އަޅުގަނޑުމެންގެ އަވަށަށް ކަރަންޓު ލިބި، މީހުން ޓީވީތައް ގަންނަން ފެށިފަހުން އެކިހިސާބުގެ މީހުންގެ ދިރިއުޅުން ފެންނަންފަށައިފިއެވެ! ދެން ހަމަ އިސާހިތަކު އަޅުގަނޑުމެންނަކީ މާ ފަގީރު ބައެއްކަން އަވަށު މީހުންނަށް ވިސްނިއްޖެއެވެ. ޓީވީތައް އާންމުވި ފަހުން، އެންމެން ބޭނުންވީ ބޮޑެތި ސަހަރުސަހަރަށް ހިޖުރަކޮށް ބުރަ މަސައްކަތްކޮށް މުއްސަނދިވާށެވެ! އަޅުގަނޑަށްވެސް ވީވަރަކީ އަމިއްލަ ނިކަމެތިކަން ހިތަށްވަދެ، ‘މާފާގަތި ދިރިއުޅުމެއް’ ހޯދަން ވެރިކަންކުރާ ރަށަށް ދާން ބޭނުންވުމެވެ!

ބެންކޮކަށް ގޮސް މަސައްކަތެއް ހޯދައި، މީހެއްގެ ނޯކިރީގައި އެތައް އަހަރެއް ހޭދަކުރީމެވެ. ނަމަވެސް ހިތަށް އުފާވެރިކަމެއް ނުލިބުނެވެ. ސާފުތާހިރު ރަނގަޅު މަސައްކަތެއް ލިބެނީ ޔުނިވަރސިޓީގެ ދަސްވެނީންނަށެވެ. ވީމާ މަތީ ތައުލީމަށް ކިޔަވާން ޖެހިއްޖެއެވެ! ކިޔަވަންޖެހެނީ ބުރަމަސައްކަތްވެސް ކުރަމުން ލިބޭ މަދު ވަގުތުކޮޅުކޮޅުގައެވެ. ކިތަންމެ ބުރަކޮށް އުޅުނުނަމަވެސް ފެނުކެއްކި ނޫޑްލްސްކޮޅަކަށްވުރެ އަގުބޮޑު ކެއުމެއް ގަނެވޭނެ ފައިސާއެއް އަތަކު ނުހުރެއެވެ! ނިދާންޖެހެނީ އެތައްބަޔަކާ އެކީގައި ތަޅަންމަތީގައެވެ! ތަނަށް ތަކާވަރަށްވުރެ އެތަނުގައި ނިދާންޖެހޭ މީހުން ގިނަކަމުން، އަރާމުގައި ނިދޭވަރެއްވެސް ނޫނެވެ!

އަޅުގަނޑު ހިތާހިތާ ސުވާލުކުރީމެވެ. މިހާ ބުރަކޮށް މަސައްކަތް ކުރާއިރުވެސް މިހާ ދަތީގައި އުޅެންމިޖެހެނީ ފަހެ ކީއްވެބާއެވެ. ބުއްދި ގަބޫލުނުކުރާ ކޮންމެވެސް ގޯހެއް އެބަހިނގައެވެ! އަޅުގަނޑު ކިތަންމެ ގިނައިރު މަސައްކަތް ކުރިޔަސް އަޅުގަނޑަށް އަނބުރައި ލިބޭ މާބޮޑު އެއްޗެއް ނޯވެއެވެ. ދެން މަސައްކަތް ކުރީ ކިޔަވާށެވެ. ކިޔަވަންވެސް ހާދަހައި މަސައްކަތެއް ކުރީމެވެ. ނަމަވެސް ޔުނިވަރސިޓީގައި ކިޔަވައިދެނީ އަޅުގަނޑު އެމާއްދާތަކަށް މާޝައުގުވެރިވާ މާއްދާތަކެއްނޫނެވެ. ކިޔަވައިދޭ ގޮތުންވެސް ފޫހިވަނީއެވެ! ޔުނިވަރސިޓީގައި އަޅުގަނޑަށް ކިޔަވައިދިން މާއްދާތަކާމެދުގައި ފުންކޮށް ވިސްނީމެވެ!

ގިނަމާއްދާގެ މުޤައްރަރުގައި ހިމެނެނީ ބިނާކުރުމަށްވުރެ ފަނާކުރުމެވެ. އަޅުގަނޑަށް ގިނައިން ފެނުނީ އެއްޗެއް ހަލާކުކޮށްގެން އެހެންއެއްޗެއް އުފައްދަން ދަސްކޮށްދޭ އިލްމެވެ. ފަރުބަދަ ހަލާކުކޮށްފައި މަގުހެދުން، ގަށާފައިހުރި ގޮނގުރިޓު ކޯރު ހުރަހަށް އޮއްސައިގެން ޑޭމްހެދުން، ޖަނގަލި ކޮށައި ބޮޑެތި މަގުތައްހަދަން ދަސްކޮށްދިނުންފަދަ ކިޔަވައިދިނުމެވެ! މިކަހަލަ އިލްމު ކިޔަވައިގެން މަސައްކަތްކުރާބަޔަކު އެއްޗެއް އުފައްދަން އެތައް އެއްޗެއް ހަލާކުކުރާންޖެހެއެވެ.

ދަނޑު ހެއްދުމުގައިވެސް ދަސްކޮށްދެނީ ބިމަށް ވިހަލައިގެން، ބޭނުންނުވާ ވިނައާއި ތޮނަ މަރާށެވެ! މިހެން ވިހަލުމުގައި މަރުވަނީ ހަމައެކަނި އެވިހަލީ މީހުން ހިތުގައިއޮތް ބޭކާރުވިނަ އެކަންޏެއްނޫނެވެ! ބިމުގެ އިތުރުން ކޯރުތައްވެސް ކިލަނބުވެ ވިހަވެ އެކަމުގެ ސަބަބުން މަސްތައް މަރުވާން ފަށައެވެ! މިހުރިހާ ކަންކަމަކީ އަޅުގަނޑުކަހަލަ ސާދާ މީހަކު ހައިރާންވެ އަންތަރީސްވާ ކަންކަމެވެ. ފަސޭހަކަމެއް މިހާބޮޑުކަމަކަށް ހަދައި އުފުލަން ނުޖެހޭ އެތައް ތަކުލީފެއް އުފުލާންޖެހޭތީއެވެ! ވެރިރަށް ބޭންކޮކުން ދިމާވި ކޮންމެކަމަކީ އަޅުގަނޑަށް ވަރަށް ހިތްދަތިކަންކަމެވެ. މާޔޫސްވެ ގޮތްހުސްވެ، އެހެންގޮތެއް އޮތްތޯ ވިސްނާން މަޖުބޫރުކުރުވި ކަންކަމެވެ.

އަޅުގަނޑު ހިތަށްއެރިއެވެ. އަޅުގަނޑުމެން ބޮޑުވަމުންއައި ދުވަސްވަރު އެއްވެސް މީހަކު، މެދުނުކެނޑި އަށްގަޑިއިރު މަސައްކަތް ކުރާތަނެއް ނުދެކެމެވެ! އަދި ކިޔެއްތޯއެވެ، އަޅުގަނޑުމެންގެ އަވަށުގައި ދުވާލަކު ދެތިން ގަޑިއިރަށްވުރެ ގިނައިރު މީހަކު މަސައްކަތެއް ނުކުރެއެވެ. އެއީވެސް އަހަރަކު ދެމަހެއްހާ ދުވަހުއެވެ. އެއީ ހަނޑުލުނިރު ރުވާން ހޭދަވާ މަހެއްހާ ދުވަހާއި، ހަނޑޫ ދަނޑު ފައްކާވުމުން ގޮވާން ކަނޑަން ހޭދަވާ ދުވަސްކޮޅެވެ. ބާކީހުރި ދުވަސްތަކަކީ ހަމަ މުޅިން ހުސްވަގުތެވެ! އަޅުގަނޑުމެންގެ ރަށްރަށުގައި ތަފާތު ކުޅިވަރާއި އުފާކުރާނޭ ދުވަސްދުވަސް އެހައިގިނައީ އެހެންވެއެވެ. ހުސްވަގުތު ލިބޭތީ މީހުން އުފާކުރަނީއެވެ! ބޮޑެތި މީހުން މެންދުރު ކެއުމަށްފަހު ކުޑައިރުކޮޅަކު ޖައްސާލައި އަރާމުކޮށްލުމަކީވެސް އަޅުގަނޑުމެން ކުޑައިރުގައި ވަރަށް އާންމުކަމެކެވެ. މިހާރުވެސް، ތައިލެންޑުގެ އަވަށްޓެރި ލައޮސްގެ ރަށްފުށުގައި މެންދުރު ކައިގެން ބޮޑެތި މީހުން އަރާމުކޮށްލައެވެ. ހަވީރު ވަގުތަކީ އެކަކު އަނެކެއްގެ ހާލު ބަލައިލައި، ވަނަވަރު އޮޅުންފިލުވާ ވަގުތެވެ. ހުސްވަގުތު ލިބޭތީ ހާލު އަހައި އޮޅުންފިލުވައި އެކަކު އަނެކަކާ އަޅައިލާނެ ވަގުތު ލިބެނީއެވެ!

އަމިއްލަ ނަފުސަށް ހުސް ވަގުތުކޮޅެއް ލިބޭބަޔަކަށް ވިސްނައި ކަންކަން ތަދުބީރު ކުރާނޭ ވަގުތު ލިބޭނެއެވެ. ދިރިއުޅުމަކީ ކޮބައިކަމާއި، އުފާވެރި ދިރިއުޅުމަކީ ކޮބައިކަމާއި ލޯބިވާ އާއިލާގެ މެންބަރުންނާއެކީގައި އުފާވެރިވަގުތު ހޭދަކުރެވެއެވެ. ދުވާލު ހަތަރުދަމު ތެޅިފޮޅުމުގެ ބަދަލުގައި ހުސްވަގުތު ލިބޭބަޔަކަށް ދުނިޔޭގެ ގުދުރަތީ ރީތިކަން ފެނި އެ ރީތިކަން އެކި ގޮތްގޮތުން އެމީހުންގެ ދިރިއުޅުމުން ހާމަކުރެވޭނެއެވެ. ފަންނީ ތަފާތު ހުނަރުން އެމީހުންގެ އުފާވެރިކަން ދައްކައިދޭނެއެވެ. ފިރިހެނުން ދަނޑަށްދާއިރު ގެންގުޅޭ ވަޅީގެ މުއްގަނޑަކީވެސް އެމީހުން، ވަގުތު އޮވެގެން ވަރަށް ހަމަޖެހިލައިގެން ލޯބިން ލިޔެލާފައި އޮންނަ މުއްގަނޑެކެވެ. ދަނޑަށް ދާއިރު އަންހެނުން ގެންދާ ޓުކުރިއަކީވެސް އޭނާއަށް ވީ އެންމެރީތި ކިއްސަރަކަށް ވިޔެފައިވާ އެއްޗެކެވެ. މިދެންނެވީ އަޅުގަނޑުމެން ކުޑައިރުގެ ވާހަކައެވެ. ވަގުތު އޮތްއިރު މީހުން އުޅުނުގޮތުގެ ވާހަކައެވެ. މިހާރުތޯއެވެ؟ މިހާރުގެ ހައްލަކީ ޕްލާސްޓިކު ނޫންތޯއެވެ! އެއްތެލުންނާއި އޮނުން ތައްޔާރުކުރި ހުރިހައި އެއްޗެއް މިހާރު ޕްލާސްޓިކަށް ބަދަލުވެއްޖެއެވެ! މިދެންނެވީ ބެންކޮކުގައި އަޅުގަނޑުގެ ހިތަށްއަރައި ފައިބަމުންދިޔަ ތަފާތު ފުން ޚިޔާލުތަކުގެ ތެރެއިން މިންވަރެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަށް މި އަންނަމުންދާ ބަދަލު ހިތަށްއަރައި މިކަމުގައި ވަރަށްބޮޑު ގޯހެއް އެބަހިނގާކަން އެނގި ޔަގީން ވުމުން އަޅުގަނޑު، ބެންކޮކް ދޫކޮށް އަމިއްލަ އަވަށަށް އެނބުރި އައީއެވެ!

އެނބުރި އަމިއްލަ ރަށަށް އައިސް އަޅުގަނޑު އުޅެންފެށީ ކުޑައިރު އަޅުގަނޑުމެން އުޅުނު ގޮތަށެވެ. ދެމަސްދުވަހުގެ މަސައްކަތުން ހަތަރުޓަނުގެ ހަނޑޫހެއްދުނެވެ. އަޅުގަނޑުމެން ހަމީހުންނަށް އަހަރަކު ބައިޓަނު ހަނޑޫވެސް ނުކެވެއެވެ. ވީމާ ހެއްދި ހަނޑުލުގެ ބޮޑުބައެއް ވިއްކައިލެވެއެވެ. ދެން އަޅުގަނޑު ކުރިކަމަކީ ބޮޑު ދެވެޔޮ ކޮނުނީއެވެ. އެ ދެވެވަށް މަސްލައިފީމެވެ. މުޅިއަހަރު ކާނޭ މަސް ލިބެން ފަށައިފިއެވެ. އަޅުގަނޑު ހައްދަންފެށި ދަނޑުން ތިރީހަކަށް ވައްތަރުގެ ތަރުކާރީ އާއި މޭވާ ލިބެންފަށައިފިއެވެ! ހަމީހުންނަށް ކެވޭ ވަރަށްވުރެ މާގިނައިން އެ ދަނޑުން ލިބެއެވެ. ވީމާ އަވަށު މާރުކޭޓުގައި ވިއްކާނޭ މޭވާއާއި ތަރުކާރީ އަބަދުވެސް ލިބިލިބި ހުރެއެވެ. އަޅުގަނޑުމެންގެ އާއިލާއަށް ފުދި އިތުރުވާވަރުގެ އާމްދަނީއެއް ލިބެންފަށައިފިއެވެ.


ގެދޮރުއެޅުން:

އަޅުގަނޑުގެ އަސްލު މައުޟޫޢަށް އެނބުރިލާނަމެވެ. ދިރިއުޅުން މިހައި ބުރަ ތަކުލީފަކަށްމިވީ ކީއްވެހެއްޔެވެ. ވެރިރަށް ބެންކޮކުގައި އަޅުގަނޑު، ހަތް އަހަރު ވަންދެން ދުވާލަކު އަށްގަޑިއިރު މަސައްކަތްކުރިއިރު އަރާމުގައި ނިދައިލާނެ ހިޔާވަހިކަމެއް ނުގަނެވުނެވެ. ފެނުކެއްކި ކެއުމަކަށްވުރެ ރަނގަޅު ކެއުމަކަށް ޖީބުގެފުންމިން ތަނެއްނުދެއެވެ. އަޅުގަނޑު ހިތަށްއެރިއެވެ. ވެރިރަށް ބެންކޮކްގައި ބުރަ ހަތް އަހަރުގައި ނުހޯދުނު ކަންކަން އަހަރަކު ދެމަސްދުވަހުގެ މަސައްކަތުން ހޯދިއްޖެއެވެ. ދަނޑެއްގައި ދުވާލަކު އެންމެ ފަނަރަ މިނެޓު ހޭދަކޮށްލުމުން ހަމީހުން ކައި އިތުރުވާ ވަރަށް ދަނޑުގޮވާން ކުރެވެއެވެ! އެހެންވީމާ މެދުމިންވަރެއްގެ ސާދާ  ދިރިއުޅުމަކީ އާދައިގެ މީހަކަށްވެސް ނުކުރެވޭވަރުގެ ކަމެއްނޫނެވެ!

އަޅުގަނޑަށް ކުރިން ހީވެފައިއޮތީ އަޅުގަނޑުކަހަލަ ވިސްނުންކޮށި، ޒަމާނީ ތައުލީމުގެ މަތީހަރުފަތްތަކަށް ނުފޯރި މީހުންނަށް ދިރިއުޅޭނޭ އަމިއްލަ ގެއެއް މިލްކެއް ނުކުރެވޭނެއެވެ. އެހެން ހީވި ގޮތަކީ އަޅުގަނޑަށްވުރެ މާ ވިސްނުންތޫނު، މާ ތައުލީމީ މީހުން ބެންކޮކުން ގަތް ގެއަށް 30 އަހަރުވަންދެން ފައިސާ ދައްކައިލަ ދައްކައިލަ ހުންނަންޖެހޭތީއެވެ! ވިސްނުންތޫނު މޮޅެތިމީހުން އެހައި ހާލުގައި އުޅެމުންދާއިރު އަޅުގަނޑުކަހަލަ ދަނޑުމަސައްކަތް އެކަނި ދަންނަމީހަކަށް ގެއެއް އެޅޭނެކަމަށް ހީނުވީއެވެ!

އަމިއްލަ އަވަށަށް އެނބުރި އައިސް، އަޅުގަނޑު ކުރަންފެށިކަމަކީ ކޯރުކިސަޑު ތައްގަނޑަކަށް އަޅައި ރާނާގައު އެޅުމެވެ. މަސައްކަތް ކުރަނީ ކޮންމެ ދުވަހެއްގެ ފަތިހު ފަހަކުން ހެނދުނު ހަތެއް ޖަހަންދެންނެވެ. މިހެން، ދުވާލަކު ދެގަޑިއިރުގެ މަސައްކަތުން ތިން މަސްދުވަސް ވީއިރު އަޅުގަނޑަށް ގެއެއް އެޅިއްޖެއެވެ! އަޅުގަނޑުގެ ރަހުމަތްތެރިއަކު، އޭނާ އަކީ ކުލާހުގައިވެސް އެންމެ ވިސްނުންތޫނު، އެންމެ މޮޅުކުއްޖާއެވެ. މީނާވެސް ހަމަ ތިން މަސްދުވަހުން ގެއެއްއަޅައި އާއިލާއާއެކު އެގެއަށްވަދެފިއެވެ. ނަމަވެސް މީނާގެ ގެއަށްކުރި ޚަރަދު ބޭންކަށް ދެއްކެން އޮތީ ތިރީސް އަހަރަށް ބަހައިލައިގެންނެވެ! ވީމާ، އަޅުގަނޑުގެ ރަހުމަތްތެރިޔާ އާއި އަޅައި ބަލައިލާއިރު އަޅުގަނޑަށް 29 އަހަރާއި 10 މަސްދުވަހުގެ ހުސްވަގުތު ލިބިފައި އެބައޮތެވެ! މިހެންވެ އަޅުގަނޑަށް ވިސްނެނީ އަޅުގަނޑު މި އިޚްތިޔާރުކުރި ދިރިއުޅުމުގެ ލުއިފަސޭހަކަމެވެ!


އަންނައުނުގެވާހަކަ:

އަޅުގަނޑުގެ އެންމެ ޒުވާން ދުވަސްވަރު، އެއް މަހުގެ މުސާރަ އެއްކޮށްގެން ވަރަށްރީތި، ނޫކުލައިގެ ޖީންސެއް ގަނެފީމެވެ. އެ ފަޓުލޫނު ލައިގެން ބޮޑު ލޯގަނޑެއްގެ ކުރިމަތީގައި ހުރެގެން ހުރިހައި ފަރާތެއް އެކިއަރިއަރި މަތިން ބަލައިފީމެވެ. އެ އަގުބޮޑު ޖީންސް ލުމުންވެސް އަޅުގަނޑު އަދި މާ ދިގެއް ނުވިއެވެ. ފިލްމުސްޓާރަކާ އަމުދުން ވައްތަރެއް ނުވިއެވެ. ލޯގަނޑުން ބަލައިލާ ކޮންމެފަހަރަކު އަޅުގަނޑަށް ފެންނަނީ ހަމަ އަޅުގަނޑެވެ. މާމުހިންމު މީހަކަށް ބަދަލެއްނުވިއެވެ! ގަނެވުނު އެެ އަގުބޮޑު ޖީންސުގެ ސަބަބުން އަޅުގަނޑުގެ ދިރިއުޅުމަކަށް ހަމަ އެއްވެސް ބަދަލެއް ނައެވެ! މި ހިތި ތަޖުރިބާއިންވެސް އަޅުގަނޑަށް ދަސްވި ފިލާވަޅަކީ ފެޝަން ފަހަތުން ނުދުވުމެވެ. ފެޝަނަކީ އަޅުގަނޑުމެން ދުވަހަކުވެސް ފަހަތުން ގޮސް އަރައިހަމަ ކުރެވޭނޭ އެއްޗެއްނޫނެވެ. ފެޝަން އުޅޭނީ އަޅުގަނޑުމެނަށްވުރެ މާކުރީގައެވެ. ވީމާ އަންނައުނު ގަންނައިރު އަޅުގަނޑު ހަމައެކަނި ވިސްނަނީ އެއީ ލައިގެންހުންނައިރު ގަޔަށް ފަސޭހަ، އަޅުގަނޑު ކުރާމަސައްކަތާގުޅޭ އަންނައުނެއްތޯއެވެ.


ބޭސްކުރުން:

ދިރިއުޅުން ރަށްފުށަށް ބަދަލު ކުރުމުން އަޅުގަނޑު އެންމެ ކަންބޮޑުވި އެއްކަމަކީ އަޅުގަނޑުކަހަލަ އަތްމަތި މާ ތަނަވަސްނޫން މީހަކު މަޝްހޫރު ހޮސްޕިޓާތަކާއި ކްލިނިކްތަކާ މިހާދުރު ހިސާބެއްގައި އުޅޭއިރު ބަލިވެއްޖެނަމަ ކަންތައް ކުރާނޭ ގޮތެކެވެ. ކުރީކޮޅުގައި މި ވިސްނުމުގައި ވަރަށް ފިކުރު ކުރަންޖެހުނެވެ. ފުންކޮށް ވިސްނުމުގެ ތެރޭގައި އަޅުގަނޑަށް ވިސްނުނީ، ބަލިވުމަކީ އޭގެޒާތުގައި މާބޮޑު ގޯހެއް ނޫންކަމެވެ. ބަލިވުމަކީ އަޅުގަނޑުމެނަށް ކޮންމެވެސްކަމެއް، ކުރަންނުވާގޮތަށް ކުރެވޭކަން ހަށިގަނޑު އަޅުގަނޑުމެނަށް ހަނދާންކޮށްދިނުމެވެ! މިހެންވެ، އަޅުގަނޑު ބަލިވާ ކޮންމެ ފަހަރަކު ވިސްނަންފަށަނީ މިފަހަރު އަޅުގަނޑަށް ކުރެވުނު ނުރަނގަޅުކަމަކީ ކޮބައިތޯއެވެ. މިހާރު އަޅުގަނޑުގެ އެންމެ އަތްމަތީ ބޭހަކީ ބޯފެނެވެ. ބޯފެން ސާފުކޮށް ފެނުން ޝިފާ ހޯދަން ދަސްކުރީއެވެ.


މިނިވަންކަމުގެ އިހްސާސް :

އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމަށް މިގެނައި ބަދަލެއްގެ ސަބަބުން އަޅުގަނޑަށް ލިބުނު އެންމެބޮޑު އުފަލަކީ އަޅުގަނޑަށް ލިބުނު މިނިވަންކަމުގެ އިހުސާސެވެ. ތާއަބަދު ފައިސާ ހޯދުމުގެ ފިކުރުން ސަލާމަތްވުމެވެ. ފައިސާއާ ގުޅުންހުރި ކަންކަމާމެދު ވިސްނައި ހާސްވެ ބިރުގަތުމުން ސަލާމަތްވުމެވެ. މިހާރު އަޅުގަނޑަކީ ދިރިއުޅުމުގައި ކުރަން ބޭނުން ކަމެއް ކުރެވޭވަރުގެ މިނިވަނެއްކަމުގެ އުފާވެރި އިހުސާސެވެ. ބޮޑު އަނދިރިގަނޑަކުން އައްޔަށް ނިކުމެވުމުން ލިބޭކަހަލަ އުފަލެކެވެ.


އޮށް ރައްކާކުރުން:

އަޅުގަނޑު އިސްނަގައިގެން އުފެއްދި ޖަމިއްޔާގެ ނަމަކީ ޕަންޕަން ޖަމިއްޔާއެވެ. ބޭނުމަކީ އޮށް އެއްކޮށް ފަހުން ބޭނުންކުރެވޭގޮތަށް ރައްކާކުރުމެވެ. އެއީތޯއެވެ؟ އެއީ އޮށަކީ ކާނާއެވެ. ކާނާއަކީ ދިރުމެވެ. މޭވާގެ އޮށާއި ގޮވާމުގެ އޮށް ނެތިއްޖެނަމަ ދިރުމެއް ނުހުންނާނެއެވެ. އޮށް ނެތްތަނެއްގައި މިނިވަންކަމެއްވެސް ނޯންނާނެއެވެ. އުފާވެރި ކަމެއްވެސް ނޯންނާނެއެވެ. އެއީ އަމިއްލައަށް ގޮވާން ނުކުރެވޭބައެއްގެ ކާނާ އެވަނީ އެހެންބައެއްގެ އަތްމަތީގައެވެ. އެއީ ތިބާގެ ކިބައިގައި އަމިއްލަ ކާނާ ހެއްދޭނެ ކުޅަދާނަކަން ނެތުމުންނެވެ! މިދެންނެވި ހުރިހައި ސަބަބަކާހުރެ ޕަންޕަން ޖަމިއްޔާގެ އެންމެބޮޑު މަގުސަދަކީ އޮށް އެއްކޮށް ރައްކާކުރުމެވެ! އެންމެ އިސްކަމެއް ދެނީ ތައިލޭންޑުގައި ފަސޭހައިން ހެދޭ، މިހިސާބަށް ގުދުރަތީގޮތުން ނިސްބަތްވާ ގަސްގަހާގެއްސާއި މާމެލާމެއްޔާއި ގޮވާމާއި  މޭވާގެ އޮށް ރައްކާކޮށް ބެލެހެއްޓުމަށެވެ.


ކިޔަވައިދޭ މަރުކަޒެއް:

އަޅުގަނޑު މިގެންގުޅޭ ވިސްނުން، އާދެ، ދިރިއުޅުން ލުއިފަސޭހަކުރާނޭ ތަފާތު ގޮތްތޮތް ދަސްކޮށްދޭނެ މަރުކަޒެއް މިހާރު އުފައްދައިފީމެވެ. އެއީ، އަޅުގަނޑުމެންގެ ގިނަމީހުންނަށް ދަސްވެފައިހުރީ މާ އުނދަގޫ ގޮތްގޮތަށް ދިރިއުޅުން ބައްޓަންކުރާށެވެ. ދަސްވެފައި ހުރީ އަބަދުވެސް އުނދަގޫގޮތް ޚިޔާރުކުރާށެވެ! ބިމާ ގުޅުން ކަނޑައި، ކަނޑާއި ކޯރުކޯރާއި ޖަންގައްޔާއި މިފަދަ ގުދުރަތީ މަސްދަރުތަކާ ދުރުވެ، ހަމައެކަނި ފައިސާއަށް ބަރޯސާވުމުގެ ނަތީޖާއަކީ އަޅުގަނޑު އިސްވެ ދެންނެވި ތަކުލީފުގެ ފެށުމެވެ. ހުރިހާކަމެއް އުނދަގޫވެގެން މިއުޅެނީ ގުދުރަތީ ކަންކަމާ ދުރަށްގޮސް މާއްދީ ތަކެއްޗަށް މާބޮޑަށް ބަރޯސާވުމުންނެވެ!  ހަމައެކަނި ފައިސާއަށް ބަރޯސާވާ މިންވަރުން އެކަކު އަނެކަކާވެސް އޮންނަންޖެހޭ ގުޅުމެއް މިހާރަކު ނެތެވެ. ހުރިހާ އެއްޗަކީވެސް ފައިސާއެވެ. އެހެންވެ އަޅުގަނޑުމެން އަލުން ދަސްކުރަންޖެހޭ މުހިންމު އެއްކަމަކީ ދޭދޭފަރުދުންގެ ގުޅުން ބަދަހިކުރުމެވެ. އެކަކު އަނެކަކާ އަޅައިލުމެވެ. ރަހުމަތްތެރިކަން އުފައްދައި އާލާކުރުމެވެ!

އަޅުގަނޑު ދެކޭގޮތުގައި ދިރިއުޅުމުގައި އެންމެ އަސާސީ ހަތަރު ތަކެއްޗަކީ ހެޔޮއަގުގައި އިންސާނުންނަށް ލިބެންޖެހޭ  ކާނާއާއި ގެދޮރުގެ ހިޔާވަހިކަމާއި އަންނައުނާއި ބޭސްފަރުވާއެވެ. ބަޔަކު ތަހުޒީބުވެ ކުރިއަރައި ހެޔޮ ތަމައްދުނެއްގެވެރި ބަޔަކަށްވާނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި މިދެންނެވި ހަތަރު ބައި ހެޔޮ އަގުގައި ފޯރުކޮށްދެވިގެންނެވެ!

އަޅުގަނޑަށް ވިސްނޭގޮތުގައި އަޅުގަނޑުމެން މިހާރު މި ދިރިއުޅެނީ މިދުނިޔެ އެންމެ ތަހުޒީބުވި ދުވަސްވަރުގައެވެ. ކޮންމެ އަހަރަކު އެތައް މިލިޔަން ޒުވާނުން ދުނިޔޭގެ ތަފާތު ޔުނިވަރސިޓީތަކުން ކިޔަވައިނިމި ދަސްވެނިވެގެން ނިކުމެއެވެ.  ނަމަވެސް ދިރިއުޅުން ލުއިފަސޭހައެއް ނުވެއެވެ. ހައްތާވަނީ ބުރައެވެ! މި ބުރަ އުނދަގޫ މިއީ ކާކު ކާކަށް ކުރާ ބުރައެއްތޯއެވެ؟

އަޅުގަނޑު، ނުކިޔަވާހުރި މީހާއަށް ވިސްނެނީ މިއީ ގޯހެއްކަމުގައެވެ! އަޅުގަނޑަކީ ސޭކެއްކަމަށްވެސް ބަޔަކު ދެކޭނެއެވެ. އެއީ އެމީހުންގެ މައްސަލައެކެވެ! ހަމަގައިމުވެސް އަޅުގަނޑުގެ ސިކުނޑިޔަށް މިހާރު ހާދަހައި ލުޔެވެ. ދިރިއުޅުމުގައި ހާދަހައި ފޮނިމީރުކަމެއް އެބަހުއްޓެވެ. މިއީ އަޅުގަނޑު އަމިއްލަޔަށް އިޚްތިޔާރުކުރި މަގެވެ. ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައިވެސް ދެމަގު އެބައޮތެވެ. ބޭނުންފުޅު މަގަކުން ދިރިއުޅުމައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ!”

-ޖޮން ޖޮންޑާއި- ތައިލެންޑުގެ ދަނޑުވެރިޔެއް.

________________________


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment