عبد مبارك = މުޙައްމަދު ޖަމީލު = މިއީ، ހިޖުރައިން، 1 ޝައްވާލު 1399 (24 އޮގަސްޓް 1979) ހުކުރުވީ ފިޠުރު އީދު ދުވަހުގެ “ހަވީރު” ނޫހުގައި ފަޟީލަތުއްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ޝާއިޢުކުރައްވާފައިވާ ލިޔުމެވެ. ________________________                              ފިތުރު އީދުގެ ތަހުނިޔާތައް، މިތުރުނަށް އަދު ދަންނަވަން                                އަތަރުވަސް ދޭ މާމަލުން  އަމުނާ  މިހާރު ވެދުންކުރަން އީދު ދުވަހުގެ ހަވީރަކީ، ހަވީރުގެ އީދަށް ނުވެދާނެތޯއެވެ؟ ދެފަށްވެގެން އަންނަ އުފަލެކެވެ. އީދުގެ އުފަލާއި ހަވީރުގެ އުފަލެވެ.…

عبد مبارك

= މުޙައްމަދު ޖަމީލު =

މިއީ، ހިޖުރައިން، 1 ޝައްވާލު 1399 (24 އޮގަސްޓް 1979) ހުކުރުވީ ފިޠުރު އީދު ދުވަހުގެ “ހަވީރު” ނޫހުގައި ފަޟީލަތުއްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ޝާއިޢުކުރައްވާފައިވާ ލިޔުމެވެ.

________________________

                             ފިތުރު އީދުގެ ތަހުނިޔާތައް، މިތުރުނަށް އަދު ދަންނަވަން

                               އަތަރުވަސް ދޭ މާމަލުން  އަމުނާ  މިހާރު ވެދުންކުރަން

އީދު ދުވަހުގެ ހަވީރަކީ، ހަވީރުގެ އީދަށް ނުވެދާނެތޯއެވެ؟ ދެފަށްވެގެން އަންނަ އުފަލެކެވެ. އީދުގެ އުފަލާއި ހަވީރުގެ އުފަލެވެ. މިދެއުފަލުގެތެރެއިން، ގަލަމުގެ ދޯރިނަގައި، ބޯދިއްކޮށް ބަލައިލިއިރު ފެނުނީ، ފޮޅެމުންދާ މާތަކެވެ.އެކުވެރިކަމާއި އަޚްކަމުގެ މާތަކެވެ. ސަލާމަށް ފޯރުވައި ދިއްކޮށްލެވޭ އަތްތިލަތަކެވެ. އުފަލާއި ހިތްހެއުކަމާއިއެކު ހިނިތުންވަމުންދާ މޫނުތަކެވެ. ދުލާއިގަލަމުން ފައުޅުވެވޭ ހިތްހެޔޮބަސްތަކެވެ. އުފަލުން އުފަލެވެ.ބަހާއި ކަމުން އުފަލެވެ. ބަރަކާތްތެރި ފިތުރު އީދުގެ އުފަލެވެ.

މިކަމުގައިވެސް ދީނީ ފަރާތަކާއި ދުންޔަވީ ފަރާތެއް އޮންނާނެކަމަށް ބައެއް މީހުން ހީކުޅަޔަސް އަޅުގަނޑުގެ ގޮތުގައި، މިއީދަކީ އެ ދެ ފަރާތް އެއްކުރަމުން އައި އީދެކެވެ. ދީނާއި ދުނިޔެއެވެ. ދުނިޔޭގައި ވެސް ހެއުކަމެވެ. ހެއުއެދުންތަކާއި ވެދުންތަކެވެ. ދީނީ ގޮތުން ވެސް ހެޔޮކަމެވެ. ހެޔޮކަން ފޯރުވުމާއި ހެޔޮކޮށް ހިތުމެވެ.

އާދޭހެވެ. މި އީދަކީ އުފާވެރި އީދެކެވެ. މިފަދަ އުފާވެރި އީދުތަކުގެ އުފަލާއި މާނައާއި، އަމާޒުތައް އަގުވަޒަން ކުރެވޭނަމަ ކޮންފަދަތޯއެވެ؟ ޝައްކުކުރާކަށް ތަނެއް ނެތެވެ. މިފަދަ އީދުގެ އެންމެ ބޮޑު މަޤުޞަދަކީ، މަކަން، ނުވަތަ ތިމާގެ އަމިއްލަ ޒާތީގޮތް މުޅިން ދޫކޮށްލައި އެކަމަށް އިންކާރުވެގަތުމެވެ. ތިމާގެ މީހުން، ނުވަތަ ބައިމަތި، ނުވަތަ ޖަމާޢަތް، ނުވަތަ މުޖުތަމަޢު، ނުވަތަ ކޮމިޔުނިޓީގެ ކަންތަކާއި މަޞްލަޙަތުތަކަށް ތަރުޙީބުދީ، އެކަންތައް ކުރިޔަށް ނެރުމެވެ. ފުރިހަމަ މާނައިގެ އިޖުތިމާޢީ ބަޔަކަށް ވުމެވެ.

ވަރަށް އިހުގެ ދިވެހީންގެތެރޭގައި އެކަން ވަރަށް މަތީ ފެންވަރެއްގައި އޮންނަކަމަށް ބުނާ ލިޔުންތަކާއި އާދަކާދަ ހުރެއެވެ. ރަސްމީ ގޮތުން އީދު ގޮވައިލެއްވުމެއް އޮންނަ ވާހަކަ ވެސް އަހަމެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ވެސް ގޮވައިލުންތައް އޮންނަކަމަށް އިވެއެވެ. ގޮވައިލުމޭ މިދެންނެވީ ކެއިމަކަށް ގޮވައިލާ ގޮވައިލުމެއްގެ ވާހަކައެވެ. އެފަދަ ގޮވައިލުންތަކުގެ އިތުރަށް އީދު ކުޅުން އޮވެއެވެ. އެކިސިފަސިފައިގެ ކުޅުމެވެ. މާލިކުޅުމާއި ކޯޑިކުޅުމެވެ. ފަންކުޅުމާއި ވަންކުޅުމެވެ.

މިބާވަތުގެ އިޖުތިމާޢީ ޙަރަކާތްތައް ވަޅުޖަހަމުން ދިއުމަކަށްފަހު، މިހާރު އަލުން ތެދުވާން ފަށައިފިކަމުގެ ހެކިތައް އެކިތަންތަނުން ފެންނާން ފަށައިފިއެވެ. ވަރަށްބޮޑު އުފަލެކެވެ. ނަމަވެސް…….

އާދެ! މިފަދަ ދުވަސްދުވަހަށް، ތިމާއުޅޭ މުޖުތަމަޢުގެތެރެއިން ވަކިވެ، އެއްވެސް މީހަކަށް ތިމާގެ މޫނު ވެސް ނުފެންނަ ހިސާބަށް ގޮސް ފިލައި ނިވާވެގެން އުޅުން އެއީ، އަދިވެސް ބައެއް މީހުންގެ އުފަލަކަށް ވެފައި އޮންނަ ކަމެކެވެ. އޭގެ ބަދަލުގައި އެންމެން މަގުމައްޗަށް ނިކުމެ، އުފާކޮށް “އައްލަހަލާޔޯޔޯ” ކިޔައި އަތްތިލަބަޑިޖަހައި އުޅުނީއްޔާ ވާނީ ކީއްތޯއެވެ؟

މިފަދަ ދުވަސްދުވަހަށް ވެސް ބޮލާފޮށައިއަޅައި، ނިވާވެގޭން އުޅޭން ގޮވާ ބަޔަކު އަބަދު ވެސް އުޅެއެވެ. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ އުންމަތަށް އެޔޮއެދޭ ބައެއް ނޫނެވެ. އެއީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ މޫނުމަތީގައި ކަޅުބުރުގާ އަޅުވައި، އިޖުތިމާޢީ ޙަޔާތުގައި، ކަޅުކަލަލައި ބޮލާކީނިފަށް ދަމާން އުޅޭ ބައެކެވެ. އެފަދަ މީހުންނާއިމެދު ރައްކައުތެރިވާންވާނެއެވެ.

ތެދެކެވެ! މިއަދަކީ އީދު ދުވަހެވެ. އީދަކީ އުފަލެވެ. އެންމެންގެ އުފަލެވެ. އުންމަތުގެ އުފަލެވެ. މުހުތަމަޢުގެ އުފަލެވެ. އެހެންކަމުން، އެންމެ އަޚުންނާއި އުޚުތުން “ހަރު”ތަކުން ނިކުންނަވައި، އުފާވެރިކަން ފައުޅުކުރައްވައި، ފުރިހަމަ މާނައިގެ އިޖުތިމާޢީ އީދެއް ކުރެއްވުމަށް ދަންނަވަމެވެ. އާދެ!

“ކުޅޭށޭ!  ގުޅޭށޭ!  އުޅޭށޭ  މިހެން،

       ފޮޅޭ މާތަކެއް ދެއްވި، ވަސް މީރުހެން،

                    މޮޅޭ ތިއްބެވުން ތިޔަގޮތަށް ކޮންމެހެން،

                                       އޮޅޭހާ އޮޅުން  ދޭށެ ފިލުވައި މިހެން،

                                                       ކިޔައިދޭށެ  ބުލްބުލް ތަހާނީ  އަލުން،

                                                                      މިއައި ފިޠުރު އީދާ  ގުޅޭނޭ  ގޮތުން.”

_________________________


 

 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment