000 މި މަޒުމޫނަށް އަޅުގަނޑު މައުލޫމާތު ހޯދީ، ޕްރޮފެސަރ ޑރ ރިޗަޑް ގެލެހަރ Richard Gallagher ލިޔުއްވާފައިވާ ދެތިން ހަތަރު ލިޔުމަކުންނެވެ. ޑރ ގެލެހަރ އަކީ އެމެރިކާގެ ނަފްސާނީ އިލްމުވެރީންގެ ޖަމިއްޔާގެ މެންބަރެކެވެ. އެ ޖަމިއްޔާގެ ސަނަދުތައް ހާސިލުކުރައްވައިގެން ބޭސްފަރުވާކުރައްވާ މަޝްހޫރު އިލްމުވެރިއެކެވެ. ނިޔުޔޯކު މެޑިކަލް ކޮލެޖުގައި ކިޔަވައިދެއްވާ އުސްތާޒެކެވެ. މަޝްހޫރު ޔޭލް ޔުނިވަރސިޓީގެ ދަސްވެނިއެކެވެ. ޖިންނި ސައިތާނުން އަވަލާ މީހުން އެކަމުން ސަލާމަތްކޮށްދޭ ދީނީ ޖަމާއަތްތަކުން ލަފަޔާއި މަޝްވަރާ ހޯދާ ހަމައެކަނި ނަފްސާނީ ޑަކްޓަރަކީ ޑރ.…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މި މަޒުމޫނަށް އަޅުގަނޑު މައުލޫމާތު ހޯދީ، ޕްރޮފެސަރ ޑރ ރިޗަޑް ގެލެހަރ Richard Gallagher ލިޔުއްވާފައިވާ ދެތިން ހަތަރު ލިޔުމަކުންނެވެ. ޑރ ގެލެހަރ އަކީ އެމެރިކާގެ ނަފްސާނީ އިލްމުވެރީންގެ ޖަމިއްޔާގެ މެންބަރެކެވެ. އެ ޖަމިއްޔާގެ ސަނަދުތައް ހާސިލުކުރައްވައިގެން ބޭސްފަރުވާކުރައްވާ މަޝްހޫރު އިލްމުވެރިއެކެވެ. ނިޔުޔޯކު މެޑިކަލް ކޮލެޖުގައި ކިޔަވައިދެއްވާ އުސްތާޒެކެވެ. މަޝްހޫރު ޔޭލް ޔުނިވަރސިޓީގެ ދަސްވެނިއެކެވެ. ޖިންނި ސައިތާނުން އަވަލާ މީހުން އެކަމުން ސަލާމަތްކޮށްދޭ ދީނީ ޖަމާއަތްތަކުން ލަފަޔާއި މަޝްވަރާ ހޯދާ ހަމައެކަނި ނަފްސާނީ ޑަކްޓަރަކީ ޑރ. ރިޗަޑް ގެލެހަރ ކަމަށް ވެއެވެ. މިހެންވާންޖެހޭ ސަބަބަކީ، ނަފްސާނީ އިލްމުގެ ޓެކްސްޓު ފޮތްފޮތުގައްޔާއި ކިޔަވައިދޭ މަންހަޖުތަކުގައި ‘ ޖިންނި ސައިތާނުން އަވަލުން’ އެއީ އެ އިލްމުގެ ހިޔާވަހިކަމުން ބޭރުކަމަކަށް ވާތީއެވެ. ޒަމާނީ އިލްމުގެ ކުރިމަތީގައި ޖިންނި ސައިތާނުން އިންސާނުންނާ އަވަލައިގެން އުޅުމަކީ ބުހުތާނު ދޮގެކެވެ.  އެއީ މަކަރު، ނުވަތަ ބަލިމީހާއަށް ހީވާ ވަސްވާސް ހީވުމެކެވެ!

ޒަމާނީ އިލްމުގެ އަލިކަން އެންމެ އުޖާލާވެފައިވާ މި ދުވަސްވަރުވެސް، އިލްމީ ގޮތުން އޮޅުންނުފިލާ ކަންކަން އަދިވެސް ފެންނަމުންދާއިރު، ޑރ. ގެލެހަރ ދެކެވަޑައިގަންވާގޮތުގައި އެއީ އަޅުގަނޑުމެނަށް ކިޔަވައިދޭ އިލްމުގައި އަދިވެސް ހުރި އުނިކަމެކެވެ. ކުރިމަތީގައި ހިނގަހިނގައި ހުރިކަމެއް ‘ އެހެން ވެގެންނުވާނޭ ‘ ކިޔައި ނުވާކަމަކަށް ހަދައިގެން ނުވާނެއެވެ. އަޅުގަނޑު މި ހުށަހަޅައިލަނީ މި ތަޖުރިބާކާރު ޕްރޮފެސަރުގެ ސީދާ ބަސްކޮޅެވެ.

” އަޅުގަނޑަކީ  މަޝްހޫރު ޕްރިންސްޓަން ޔުނިވަރސިޓީން ގަދީމީ ލެޓިން ބަހާއި ތާރީޚުވެސް ކިޔަވައިގެންހުރި، މެޑިކަލް ޑަކްޓަރެކެވެ، އަދި ސައިންޓިސްޓެއްވެސް މެއެވެ. ( އެމެރިކާގައި ޑަކްޓަރީކަން ކިޔަވާން މެޑިކަލް ކޮލެޖަށް ވަދެވެނީ އެހެން ދާއިރާއަކުން ޑިގިރީއެއް ހާސިލުކުރުމަށް ފަހުގައެވެ! ) ނަފްސާނީ އިލްމުގެ އެއް ގޮފި ކަމުގައިވާ ސައިކިއޭޓްރީ، ކިޔެވީ މަޝްހޫރު ޔޭލް ޔުނިވަރސިޓީގައެވެ. އަނެއް ގޮފި ކަމުގައިވާ ސައިކޯއެނެލިސިސް ކިޔެވީ ހަމަ އެހައިމެ މަޝްހޫރު ކޮލަމްބިޔާ ޔުނިވިރސިޓީގައެވެ.

ނަސޯރާ ދީނުގެ ކެތޮލިކް މަޒްހަބުގެ ފާދިރީން، ޖިންނި ސައިތާނުން އަވަލައިގެން އުޅޭ މީހުން އެކަމުން ސަލާމަތް ކުރުމަށް ކިޔަވައި ހަދާއިރު އަޅުގަނޑުގެ ލަފަޔާއި މަޝްވަރާ ހޯދަނީ  އިސްވެ ދެންނެވުނު އިލްމީ ސަނަދުތަކާއި އަޅުގަނޑަށް ލިބި ޖަމާވެފައިވާ ތަޖުރިބާގެ ސަބަބުންނެވެ. މިދެންނެވި ކަންކަމުގައި އަޅުގަނޑު އެހީތެރިވަނީ އެއްވެސް އަގެއް ނުކިޔައި ހިލޭ ސާބަހަށެވެ. އަޅުގަނޑުމެން ކިޔަވައިފައި ނުވާ ރޫހާނީ ކަންކަމުގެ ތެރެއަށް އަޅުގަނޑަށް ވަދެވުނީ 1980ގެ ފަހުކޮޅުގައެވެ. އެއީ އެމެރިކާގައި އެކިފާޑު ފާޑުގެ ” ދީނީ ” ޖަމާއަތްތަކެއް އުފެދެމުންއައި ދުވަސްވަރެއްގައެވެ. މިހެންވެ އަޅުގަނޑުގެ ހިތުގައިވެސް ޒަމާނީ އިލްމުގެ އަލީގައި ކިޔަވާފައިނުވާ، ފޮރުވިފައިވާ ކަންކަމަކަށް މާ ޝައުގުވެރިކަމެއް އެއިރަކު ނެތެވެ.

ކަން އެހެން ހުރިނަމަވެސް، ބަލިވެގެން އަޅުގަނޑާ ހަމައަށް ގެނެވުނު ބަލި މީހެއްގެ ކިބައިން ފެންނަން ފެށީ އަޅުގަނޑުމެނަށް ދުވަހަކުވެސް ކިޔަވައިދީފައިނުވާ ކަންކަމެވެ. އެ އަންހެން ކުއްޖާގެ ކަޅި ހުއްޓި ވިޔަރި އަރާފައި ހުންނަ ވަގުތުވަގުތު، ކައިރީގައި ފެންނާންތިބި މީސްމީހުން ދުވަހަކުވެސް ކިޔައިދީފައިނުވާ ކަންކަން އެ ބަލިމީހާ ކިޔައިދެއެވެ. މިއީ ބައެއް މީހުން ވަރަށް ލަދުގަންނަ ކަންކަން ކަމުގައިވެސް ވެއެވެ! މި އަންހެން މީހާގެ އާންމު ދިރިއުޅުމުގައި ދުވަހަކުވެސް ބައްދަލުނުވާ މީސްމީހުންގެ ދިރިއުޅުމުގެ ކަންކަން ތަފުސީލުކޮށް ކިޔައިދޭން އެނގެއެވެ! އަޅުގަނޑުގެ މަންމަ ނިޔާވީ ރަހިމުގެ ކެންސަރު ބަލީގައި ކަންވެސް މި އަންހެނާ ކިޔައިދިނެވެ!

ތަންކޮޅެއް ފަހުން، މީނާ އާއި އަވަލާފައިވާ ޖިންނި ސައިތާނުންގެ ކިބައިން ސަލާމަތްކުރެވޭތޯ ފާދިރީންތަކެއް ކުރި މަސައްކަތުގައި، މި އަންހެންމީހާ ހޭނެތިފައިކަހަލަ ގޮތަކަށް އޮވެ، އޭނާ ކުރިން ނުދަންނަ ތަފާތު ބަސްބަހުން ވާހަކަ ދެއްކި ކަމަށް  އަޅުގަނޑު ގާތުގައި ހަ މީހުން ބުންޏެވެ! މިދެންނެވި ބަސްބަހުގެ ތެރޭގައި ގަދީމީ ލެޓިން ބަސްވެސް ހިމެނުނެވެ! އެއީ އެއްގޮތަކަށްވެސް އެ ބަލިމީހާ ކުރިން ދަސްކޮށްފައިވާ ބަހެއް ނޫނެވެ! އަޅުގަނޑަށް ލިބިފައިވާ އިލްމުގެ އަލީގައި އަޅުގަނޑަށް ވިސްނުނީ މިއީ  އަޅުގަނޑުމެން ނަފްސާނީ ޑަކްޓަރުންނަށް އާންމުކޮށް ފެންނަ މޮޔަވުންފަދަ، އާދައިގެ ނަފްސާނީ ބަލީގެ މީހެއް ނޫންކަމެވެ. އަޅުގަނޑަށް މަޖުބޫރުވީ،  އޭނާ އެހުރީ ޖިންނި ސައިތާނުން އަވަލާފައިކަމުގައި ގަބޫލުކުރާށެވެ. ހަމަ ޔަގީނުންވެސް އެއީ ދުނިޔެމޮޔަވުމެއްނޫނެވެ. މާފަހުން، މި އަންހެންމީހާ މުޅީން ރަނގަޅުވެ އޭނާގެ ވާހަކަ އެހެންމީހުންނާ ހިއްސާކުރިޔަސް އެންމެ ރަނގަޅުކަމުގައި އަޅުގަނޑު ގާތުގައި ބުންޏެވެ!

އިސްވެ ދެންނެވުނު އަޖައިބެއްކަހަލަ ކަންތަކުގައި އަޅުގަނޑާ ގުޅުއްވި ފާދިރީއަކީ ވަރަށް ހަރުދަނާ ޝަޚްސިއްޔަތެއްގެވެރި، އިލްމީ ބޭކަލެކެވެ. ޖިންނި ސައިތާނުން އަވަލައިގެންއުޅޭ މީހުން އެކަމުން ސަލާމަތްކުރުމަށް ވަރަށް މަޝްހޫރު މީހެއްވެސްމެއެވެ. އާދެ، މުޅި އެމެރިކާގައިވެސް އެންމެ ތަޖުރިބާކާރު އެކަކެވެ. އެންމެ ފުރަތަމަ ބައްދަލުވުމުގައިވެސް އޭނާ ގާތުގައި އަޅުގަނޑު ބުނީމެވެ. ” އަޅުގަނޑަކީވެސް (ނަސޯރާ ދީނުގެ) ކެތޮލިކް މަޒްހަބުގެ މީހަކީމެވެ. އެހެންނަމަވެސް އަޅުގަނޑަކީ ޔުނިވަރސިޓީގައި ނަފްސާނީ އިލްމު ކިޔަވައިދޭ ޕްރޮފެސަރަކީމެވެ. އަޅުގަނޑު މިހައިތަނަށް ބޭސްފަރުވާ ކޮށްފައިވާނީ އިލްމީ ގަރީނާގެ މައްޗަށް ބުރަވެއެވެ! ވީމާ ހައްގު އިހްތިރާމާއެކު މި ދަންނަވަނީ އަޅުގަނޑަކީ، ތިޔަ ފާދިރީ ބޭކަލުން ‘ ޖައްސަވާހައި ބެރަކަށް’ ނަށާނޭ މީހެއް ނޫންކަމުގައެވެ!” މިހެން ދެންނެވުމުން ވަރަށް އުފާކުރައްވައި ވިދާޅުވިއެވެ، ” އަޅުގަނޑުމެންގެ މަސައްކަތުގައި ލަފާދެއްވައި އެހީތެރިވެދެއްވުމަށް، މަނިކުފާނަށް ދައުވަތު އެރުވީވެސް ހަމަ ތިޔަވިދާޅުވި ސަބަބުތަކާހުރެއެވެ!”

މިދެންނެވި ބޭކަލުންނާއި އަޅުގަނޑާ ގުޅުނީ މިދެންނެވި ހިސާބުންނެވެ. މިހާރު އެބޭކަލުންނާއެކީގައި އެކިފަހަރުމަތިން އަޅުގަނޑު މަސައްކަތް ކުރާތާ ފަންސަވީހަކަށް އަހަރު ވެއްޖެއެވެ. އެ މުއްދަތުގައި އެތައް ސަތޭކަ ބަލިމީހުންނަށް އެހީތެރި ވެވިއްޖެއެވެ. އެބޭކަލުންނާ އެކީގައި ކުރެވޭ މަސައްކަތުގައި ގިނައީ އަޅުގަނޑު ކިޔަވައި، އަދި މިހާރު އުނގަންނައިދެމުން މިއަންނަ އިލްމީ ދާއިރާގެ ބޭރު ކަންކަމެވެ. އާދެ، ޖިންނި ސައިތާނުންގެ އުނދަގުލުން މީހުން ސަލާމަތްކުރުމެވެ. ތެދެކެވެ، އެއީ ނަފްސާނީ އިލްމުގެ ޕްރޮފެސަރަކު ވަރަށް ނުކުރާނޭ މަސައްކަތެކެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިތަފާތު ދެ މަސައްކަތުގައި ފުށުއެރުމެއްނެތެވެ. އިލްމީ ދާއިރާގައި އަޅުގަނޑު ކުރާކަމަކީވެސް، ބަލިމީހާއަށް ހަމްދަރުދީވެ އޭނާ ދައްކާ ވާހަކަ ކަނުލައި އޯގާތެރިކަމާއެކު އަޑު އެހުމާއި، މާކުރިން ވަކިގޮތަކަށް ނުނިންމައި ވިސްނުންތެރިކަމާއެކު ކޮންމެ މީހެއްގެ ހާލާ ގުޅޭގޮތަށް އެމީހަކަށް އެންމެ އެކަށީގެންވާ ބޭސްފަރުވާ ކޮށްދިނުމެވެ.

ގިނަމީހުންގެ ހިތުގައި އުފެދޭނެ ސުވާލަކީ، އެންމެ ޒަމާނީ ތައުލީމު ލިބިފައިވާ ޕްރޮފެސަރަކު، އިލްމީ ގޮތުން ސާބިތު ނުކުރެވޭ އެއްޗެއް އުޅޭކަމަށް ގަބޫލުކޮށްފާނެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުގައި، އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރި ޑަކްޓަރުންނާއި، ނަފްސާނީ އިލްމުގެ ދާއިރާގައި ދެކެފަރިތަ ޑަކްޓަރުންވެސް ބުނާނީ ނޫނެކެވެ. މިހެންވާންޖެހޭ ސަބަބަކީ ބަލިމީހުންގެ ތެރެއިން ވަރަށް ގިނަމީހުންނަށް، ދުނިޔެއިން ބޭރުން އަންނަ މަޚުލޫގުން ފެންނަހެން ވެސް ހީވެއެވެ. ޖިންނި ސައިތާނުން ފެނެއޭ ބުނާ ކޮންމެ ބަލިމީހަކީ އަދި ޖިންނި އަވަލައިގެން އުޅޭ މީހުންނެއް ވެސް ނޫނެވެ. އަޅުގަނޑުމެންގެ އާންމު ފަރުވާއިން އެފަދަ މީސްމީހުންނަށް ފުރިހަމައަށް ބޭސްކުރެވެއެވެ. އަޅުގަނޑު އެކަމަކާ ދެބަހެއް ނުވަމެވެ. ނަމަވެސް އަޅުގަނޑު މިކަމުގައި މި ހޭދަކުރި ދިގު މުއްދަތުގައި ފެނިފައި ހުރި ބައެއް ކަންކަމަކީ، ޖިންނި ސައިތާނުންގެ ސަބަބުން ނޫނީ ފެންނަ ކަންތައް ކަމުގައި ގަބޫލު ކުރެވެނީއެވެ! “

2008 ވަނަ އަހަރު ޑރ. ރިޗަޑް ގެލެހަރ އަށް ތަޖުރިބާކުރެއްވުނު ހާދިސާއެއް ލިޔުއްވިއެވެ. އެއީ އޭނާ ފަރުވާ ދެއްވަމުން ގެންދެވި އަންހެނެއްގެ ވާހަކައެވެ. އަސްލު ނަން ވަންހަނާ ކުރައްވައި  ބަލިމީހާއަށް ދެއްވި ވަނަމަކީ ‘ ޖޫލިއާ’ އެވެ.

” އަހަރުމެންގެ ކުރިމަތީގައި ތަކުރާރުކޮށް ‘ ޖޫލިއާ’ ހޭނެތުމެއްގެ ތެރެއަށް ގެއްލެއެވެ. ތެދެކެވެ، ނަފްސާނީ ބަލީގައި ޖެހިފައިވާ މީހުންގެ  ތެރެއިން ވަކިވައްތަރެއްގެ ބަލީގައި ޖެހިފައިވާ މީހުން ގިނަގިނައިން ހޭނެތެއެވެ. ނަމަވެސް ‘ ޖޫލިއާ’ އަށް އަންނަނީ މާ ބޮޑު ބަދަލެކެވެ. ވެއްޓެނީ މާ ފުން ހޭނެތުމެއްގެ ތެރެއަށެވެ. މިހެން އޮވެ ވާހަކަ ދައްކާއިރު ބޭނުންކުރަނީ ވަރަށް މުޑުދާރު ހަޑިހުތުރު ބަހުރުވައެވެ. ސަލާމަތުން ހުންނައިރު އޭނާގެ އަމިއްލަ އަޑާ މުޅީން ތަފާތު އަޑަކުން، ވަރަށް ހަރުކަށި ބަސްމަގަކުން، ” އޭތް އޭނާއާ ނުބެހިބަލަ، މިހިރަ ގަމާރާ ! ” ” އޭތް ނަހަލާލު ދަރިޔާ.. ކަލޭމެނާ ބެހޭ ކަމެއް ނޫން.. މީނާއަކީ އަހަރުމެންގެ މިލްކެއް! ” މިކަހަލަ ބަސްމަގު ފިޔަވައި އަނގައިން ބޭރެއް ނުވެއެވެ! ނިކުންނަ އަޑަކީ ކަރުބުޑުން ނިކުންނަ ރާޅު އަޑެކެވެ، ހަމަ އެއްގޮތަކަށްވެސް އެއީ އަންހެނެއްގެ އަޑެކޭ މީހަކު ނުބުނާނެއެވެ! އެންމެ ފާހަގަ ކުރެވެނީ ދީނަށް ފުރައްސާރަ ކުރުމާއި ދީނާ ގުޅުން ހުރި ކޮންމެ ކަމަކަށް، ކޮންމެ އެއްޗަކަށް ކުރާ ނަފުރަތެވެ!”

ޑރ. ގެލެހަރ ލިޔުއްވާ ގޮތުގައި، ނަސޯރާ ދީނުގެ ކެތޮލިކް މަޒުހަބުގެ މައި މަރުކަޒު ކަމުގައިވާ ވެޓިކަންގެ ފަރާތުން ރަސްމީ ގޮތެއްގައި، އެމީހުންގެ ފާދިރީން، ޖިންނި ސައިތާނުން އަވަލާފައިވާ މީހުން ސަލާމަތްކުރުމަށް ކުރާ ތަފާތު މަސައްކަތުގެ ލިޔެކިޔުމެއް ނުބަލަހައްޓައެވެ. ނަމަވެސް އަޅުގަނޑާ ދިމާވާ ފާދިރީންގެ ފަރާތުން އެނގޭ ގޮތުގައި އެމެރިކާގައި އެމީހުންގެ އެހީއަށް އެދޭ އެދުން އަންނަނީ އިތުރުވަމުންނެވެ. ގަވައިދުން މިކަން ކުރާ ފަންސާހަކަށް ފާދިރީން އެމެރިކާގައި މިހާރު އުޅޭކަމަށްވެއެވެ. އެއީ އެކަމުގެ ހުއްދަ ލިބިގެން އެމަސައްކަތް ކުރާ މީހުންނެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރީގައި އެ މަސައްކަތުގައި އުޅުނީ ހަމައެކަނި ދޮޅަހަކަށް ފާދިރީނެވެ.

މިދެންނެވި ފާދިރީންގެ ތެރޭގައި ތިބި އެންމެންނަކީ ވަރަށް ފަރުވާތެރިކަމާއެކީގައި ބަލިމީހާގެ ހާލު ދެނެގަންނަ މީހުންނެކޭ ބުނެވޭކަށް ނެތެވެ. އެއީ ބައެއް ފާދިރީންނަށް ބަލި ކޮންމެ މީހަކީ ޖިންނި އަވަލައިފައިވާ މީހެއް ކަމުގައި ނިންމުމެވެ! މިހެންވެ ބައެއް ހާލަތުގައި ބަލި މީހާއަށް ވަރަށް ބޮޑެތި އަނިޔާވެސް ލިބިފައި އެބަހުއްޓެވެ! ނަފްސާނީ ބަލީގައި ޖެހިފައިވާ މީހުންނަށް ލިބެންޖެހޭނީ އެކަމުގެ ފަރުވާއެވެ!

އަޅުގަނޑަށް ހަމަ ޔަގީނުންވެސް، ނަފްސާނީ އިލްމުން ބޭރު ކަންކަން ފެނިފައި އެބަހުއްޓެވެ! އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެއީ ޖިންނި ސައިތާނުންގެ އަވަލުމެވެ. މިހެން މިދެންނެވީ އެމީހުންގެ ކިބައިން ފެންނަ އެއްކަހަލަ ސިފަތަކެއްގެ ސަބަބުންނެވެ. އިންތިހާއަށް ގައިބާރު ގަދަވުން، ކަރުން ނިކުންނަ އަޑު ފަލަވެ، ވަރުގަދަވެ އަސްލު އަޑާ މުޅީން ތަފާތުވުން ފަދަ އެތައް ކަމެކެވެ. ދީނަށް މަލާމަތް ކުރުމާއި ދީނާ ގުޅުންހުރި ކޮންމެ ކަމަކަށް ނަފުރަތު ކުރުމާއި ބަލިމީހާ އެނދުން ހިއްލުން ހިމެނެއެވެ. ތެދެކެވެ، އަދި އަޅުގަނޑަށް މީހަކު އޮތް އެނދުން ހިއްލޭތަނެއް ނުފެނެއެވެ. ނަމަވެސް މިފަދަ މަސައްކަތުގެ އުޅޭ ތަފާތު ހަ މީހަކު ހުވާކޮށްފައި އަޅުގަނޑު ގާތުގައި އެމީހުންނަށް އެފަދަ މަންޒަރު ފެނިފައިވާ ކަމުގައި ބުންޏެވެ!

ފުން ހޭނެތުމެއްގައި އޮވެ ދައްކާ ވާހަކަތަކުގެ ތެރޭގައި، އޭނާއަށް ހަމަ އެއްވެސް ގޮތަކުން އެނގިގެން ނުވާނޭ ކިތަންމެ ކަމެއް ކިޔައިދެއެވެ. އޭގެ ތެރޭގައި ވަށައިގެން ތިބި ބައެއް މީހުން ކޮށްފައި ހުރި ކަންކަމާއި، ބަލި މީހާ ދުވަހަކުވެސް ބައްދަލުވެފައި ނެތް މީހެއް މަރުވި ގޮތާއި ކުރި ކަންކަންވެސް ކިޔައިދިނުން ހިމެނެއެވެ. މިހުންނަނީ ނަފްސާނީ އިލްމުގެ ތެރެއިން އޮޅުންފިލުވައިދެވޭނޭ ކަންކަމެއް ނޫނެވެ! އެހެން އެއްވެސް ޑަކްޓަރަކަށް ފެނިފައި ނުވާނޭ ކިތަންމެ ކަމެއް، އުޅެން ޖެހުނު ގޮތަކުން އަޅުގަނޑަށް ފެނިފައިވެއެވެ! ބަލިމީހާ ކުއްލިއަކަށް، ގަދީމީ ލެޓިން ބަހުން ވާހަކަދައްކަން ފެށީމައި، ( ނަފްސާނީ އިލްމުގެ އަލީގައި) އަޅުގަނޑު ބުނާނީ ކީކޭތޯއެވެ.

އަޅުގަނޑަށް މިކަމުގެ ތެރެއަށް ވަދެވުނީ އިތުރު ދިރާސާ ކުރާކަށް ނުވަތަ ކަމެއް ދޮގުކުރާކަށްވެސް ނޫނެވެ. އަޅުގަނޑަކީ މީހުންގެ ވޭނާއި އަނިޔާއަށް ފަރުވާދޭން ހުވާކޮށްފައިވާ ޑަކްޓަރަކީމެވެ. ކޮންމެ ސަބަބަކާހުރެ ނަމަވެސް އަނިޔާ ލިބޭ މީހަކު އަޅުގަނޑުގެ އެހީއަށް އެދުނުނަމަ އެމީހަކަށް އެހީވުމަކީ އަޅުގަނޑުގެ ވާޖިބެކެވެ. ކޮންމެ ޑަކްޓަރެއްގެވެސްމެ ވާޖިބެކެވެ. ނަފްސާނީ އިލްމުގެ އަލިކަން ނުފޯރާ މީހަކު ނަމަވެސް އެމީހަކަށް އެހީތެރިވާންޖެހޭނެއެވެ. އެފަދަ ކަންކަން ދަންނަ މީހުންގެ އެހީއާއެކީގައި ނަމަވެސް އެކަން ކޮށްދެވޭތޯ ބަލަންވާނެއެވެ. ޒަމާނީ އިލްމުގެ އެހީގައި ނަމަވެސް، ނުވަތަ ދީނީ އިލްމުގެ ހިޔަލުގައި ނަމަވެސް އަނިޔާ ލިބޭ މީހަކު އެހީއަށް އެދިއްޖެނަމަ އެމީހަކަށް އަޅައިލާންވާނެއެވެ! “

_______________________

About the author
2 Comments
  1. ް

    ކިއުންތެރިއެއް
    ވަރަށް ބޭނުންތެރި ލިޔުމެއް.ޝުކުރިއްޔާ ސަމީރު!

    (1)(0)
  2. މަރީ

    ފަހުޒަމާނަށް އައިސް ޖިންނި ޝައިޠާނުން އުނދަގޫ ފޯރާނެ ވާހަކަ ފަށްފޮތްތަކުންއެނގޭ

    (1)(0)
Leave Comment