މީގެ އަހަރެއްހާ ދުވަސް ކުރިން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ހަމަ މި ވެބްސައިޓުގައި ދުނިޔޭގެ އެންމެ ދޮށީ ޔުނިވަރސިޓީގެ ވާހަކައާއި އެކަމުގައި އިސްވެ އުޅުއްވި އަންހެން ދެބެންގެ ވާހަކަ ކިޔުންތެރިންގެ އަރިއަހަށް ގެނެސްދެވިފައިވާނެއެވެ. އެއީ ޓޫނީޝިއާގެ އަލް ޤައިރަވާން ސަހަރުން މަޣުރިބުކަރައިގެ ފާސްއަށް ހިޖުރަކުރެއްވި އާއިލާއަކަށް ނިސްބަތްވާ ” އަލް ޤަރަވިއްޔީން ޔުނިވަރސިޓީ” އާއި އެކަމުގައި އެންމެ އިސްކޮން އުޅުއްވި ފާތިމާ އަލް ފިހްރިއްޔާ އާއި އޭނާގެ އުޚްތު މަރިޔަމްގެ ވާހަކައެވެ. ފާތިމާ އާއި މަރިޔަމް އަލް…

މީގެ އަހަރެއްހާ ދުވަސް ކުރިން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ހަމަ މި ވެބްސައިޓުގައި ދުނިޔޭގެ އެންމެ ދޮށީ ޔުނިވަރސިޓީގެ ވާހަކައާއި އެކަމުގައި އިސްވެ އުޅުއްވި އަންހެން ދެބެންގެ ވާހަކަ ކިޔުންތެރިންގެ އަރިއަހަށް ގެނެސްދެވިފައިވާނެއެވެ. އެއީ ޓޫނީޝިއާގެ އަލް ޤައިރަވާން ސަހަރުން މަޣުރިބުކަރައިގެ ފާސްއަށް ހިޖުރަކުރެއްވި އާއިލާއަކަށް ނިސްބަތްވާ ” އަލް ޤަރަވިއްޔީން ޔުނިވަރސިޓީ” އާއި އެކަމުގައި އެންމެ އިސްކޮން އުޅުއްވި ފާތިމާ އަލް ފިހްރިއްޔާ އާއި އޭނާގެ އުޚްތު މަރިޔަމްގެ ވާހަކައެވެ.

ފާތިމާ އާއި މަރިޔަމް އަލް ފިހްރިއްޔާއަކީ ވަރަށް ތަނަވަސް ވިޔަފާރިވެރިއެއްގެ ދެދަރިކަނބަލުންނެވެ. ދެބެންނާވެސް ކާވެނި ބައްލަވައިގަތީ ވެސް ހަމަ އެހައިމެ އަތްމަތި ތަނަވަސް ދެމީހެކެވެ. ބައްޕަ ނިޔާވުމުން ވާރުތަވި މުދަލުން އެޅުއްވީ މިސްކިތަކާއި ކިޔަވައިދޭނެ މަރުކަޒަކާއި ކުތުބުޚާނާއެކެވެ. ޔުނެސްކޯއިންވެސް ގަބޫލުކުރައްވާ ގޮތުގައި އަލް ޤަރަވިއްޔީން ޔުނިވަރސިޓީއަކީ 859 ގައި އުފެދުނީއްސުރެ މެދު ނުކެނޑި ތައުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ދޮށީ ތައުލީމީ މަރުކަޒެވެ.

އަލް ފިހްރިއްޔާ ދެކަނބަލުން ވަރަށް އާދައިގެ ގޮތެއްގައި ފެއްޓެވި ކުތުބުޚާނާއަށް އައު ދިރުމެއް ގެނެސްދެއްވި، އެންމެ ފާހަގަކުރެވޭ އެއް ބޭކަލަކީ މަޣުރިބުކަރައިގެ ރަސްކަލެއް ކަމުގައިވި އަބޫ ޢިނާން އަލް މަރީނީ އެވެ. އެންމެ ކުރިން ހުރީ ކިޔަވައިދިނުމުގައި އެހީތެރިކަމެއް ލިބޭފަދަ، އެތަނުގައި ކިޔަވައިދޭ އިލްމާ ގުޅުންހުރި މަދު ފޮތްކޮޅެކެވެ. މިކަހަލަ އާދައިގެ ގޮތެއްގައި ހުއްޓައި މީލާދީން 1349 ވަނަ އަހަރު، السلطان أبو عنان المريني  ހަދިޔާކުރެއްވި އަގުބޮޑު ފޮތްފޮތުގެ އިތުރުން އެ ކުތުބުޚާނާގައި ފޮތް ކިޔައި އުޅުމުގެ ގަވާއިދުތަކެއްވެސް މި ރަދުން އެކުލަވައިލެއްވިއެވެ. މި ރަސްގެފާނު ހަދިޔާކުރެއްވި ފޮތްފޮތުގެ ތެރޭގައި ތަފާތު އިލްމުގެ ފޮތް ހިމެނުނެވެ. އަދި ފަހުން މަޣުރިބުގެ ރަސްކަމަށް ވަޑައިގެންނެވި ރަސްރަސްކަލުންވެސް މި މަޝްހޫރު ކުތުބުޚާނާއަށް ވަރަށް އިސްކަމެއް ދެއްވިއެވެ. ރަސްރަސްކަލުންނާއި ގައުމެއްގެ ބޮޑުން އިސްނެންގެވި ކޮންމެ ކަމެއް ކުރިޔަށް ދާނޭފަދައިން، 16 ވަނަ ޤަރުނުގައި މި ކުތުބުޚާނާގައި 32 ހާސް ފޮތް ހުރިކަމަށްވެއެވެ!

ދުވަސްވީ މި ކުތުބުޚާނާގައި ހުރި ގިނަފޮތްފޮތާއި އަގުބޮޑު އެނޫން ލިޔުންތަކަށް ވެއަތުވެދިޔަ ދިގުމުއްދަތުގައި ލިބިފައިވާ ތަފާތު ގެއްލުން މަރާމާތުކުރުމާއި، މަޣުރިބުކަރައިގެ އަރަބި އިސްލާމީ ފަންނުވެރިކަން ދައްކައިދޭގޮތަށް މުޅި ކުތުބުޚާނާ އަލުން މަރާމާތުކުރުމުގައި އުޅުއްވީ މަޣުރިބުގެ އަންހެން ބޭކަނބަލެކެވެ. އެއީ ގެދޮރު ފަރުމާކުރުމުގެ އިންޖިނޭރެއް ކަމުގައިވާ އަޒީޒާ އައްޝައުނީއެވެ. މީނާ ވިދާޅުވާގޮތުގައި މިހާރު މި ކުތުބުޚާނާ އަލުން މަރާމާތު ކުރެވިފައި އެވަނީ  ކުރިއަރާފައިވާ އެންމެ މިޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. ދަރިވަރުންނަށާއި އިލްމީ ހޯދުންތަކުގައި އުޅޭ އިލްމުވެރިންނަށާއި މިތަން ބަލައިލަން އަންނަ އާދައިގެ މީހުންނަށްވެސް އެންމެ ޒަމާނީ ފަސޭހަތައް މިތަނުން ލިބޭނެއެވެ.

އިޖުތިމާއީ އިލްމުގެ ބާނީ ކަމުގައި ބެލެވޭ މަޝްހޫރު އިލްމުވެރިޔާ އިބްނު ޚުލްދޫން، އަލް ޤަރަވިއްޔީން ޔުނިވަރސިޓީގައި ކިޔަވައިދެއްވަން އުޅުއްވި ދުވަސްވަރު އަމިއްލަ އަތްޕުޅުން ލިޔުއްވައި، މި ކުތުބުޚާނާއަށް ހަދިޔާކުރެއްވި ފޮތެއް މިހާރުވެސް ފެންނާން އެބަ އޮތްކަމަށްވެއެވެ. ޔުނެސްކޯއިން ދެކިލައްވާ ގޮތުގައި މިފޮތަކީ އިންސާނުންގެ އަގުބޮޑު ތަރިކައެއްކަމުގައި ބަލަންވާނެއެވެ! މިއީ ޔުނެސްކޯގެ ފަރާތުން، މުޅި ދުނިޔޭގައިވާ މުހިންމު ތަންތަނާއި  އިންސާނީ އުފެއްދުންތަކުގެ ތެރެއިން ފާހަގަކުރަންޖެހޭ ތަކެތީގެ ލިސްޓެއްގެ ގޮތުގައި ހިމަނާފައިވާ ލިސްޓެކެވެ. އިތުރު މައުލޫމާތު ބޭނުންފުޅުނަމަ Memory of the World Register lists މި ނަމުގެ ދަށުން ވަރަށް ފަސޭހައިން ހޯއްދެވޭނެއެވެ. އަދި އަރަބިބަހުން، އަތުލިޔުމުން  މީލާދީން 12 ވަނަ ގަރުނުގައި ލިޔެފައިވާ އިންޖީލެއްވެސް މިތަނުގައި އެބައޮތެވެ.

އަޒީޒާ އައްޝައުނީ  ވިދާޅުވި ގޮތުގައި، ” މި ޒަމާންވީ ކުތުބުޚާނާއަށް އެންމެ ފުރަތަމަ ވަން ދުވަހު އެތަނުގެ ކަންތައް ހުރިގޮތުން ހިތާމައިން ސިހުނެވެ. އަގުވަޒަންނުކުރެވޭ ފަދަ ނާދިރު ލިޔުންތައް ހުރީ އެއްވެސް އިންތިޒާމެއްނެތި އުކައިލެވިފައި ކަހަލަ ގޮތަކަށެވެ.  ފިނި ހޫނުމިނާއި ވައިގެ ތެތްކަން ކޮންޓުރޯލު ކުރެވޭނެ ގޮތެއް ނެތިއެވެ.  ޒަމާންވީ ފޮތްފޮތާއި ލިޔެކިޔުމަކީdiploma Fathima ވަކި ގޮތަކަށް ބެލެހެއްޓެން ޖެހޭ ތަކެއްޗެވެ. އެ ތަކެތި އެގޮތް މިގޮތަށް ހުރި ކޮޓަަރިކޮޓަރީގެ ފަންގިފިލާގައި ރެނދުއަޅާފައިވެސް ހުއްޓެވެ! އޭގެ ތެރޭގައި، ބައެއް އިލްމުގެ ބިންގާ ކަމުގައިވެސް ބެލެވޭ އަގުބޮޑު ލިޔުންތަކުގެ ތެރޭގައި ޤާނޫނު، ފަލަކީ އިލްމު، ބަހުގެ ހަމަ، ފަލްސަފާއި އާއި އިޖުތިމާއީ އިލްމުގެ ލިޔުންތައް ހިމެނެއެވެ. “

މީގެ 1157 އަަހަރު ކުރިން  މަޣުރިބަށް ހިޖުރަކުރި އަވައްޓެރި ޓޫނީޝިޔާގެ އަންހެން ދެބެން ފެއްޓެވި މަސައްކަތަކަށް ހިރަފުސް އަރާފައިވަނިކޮށް އަނެއްކާވެސް މަޣުރިބުގެ އިލްމުވެރި އަންހެން ކަނބަލެއްގެ ސީދާ ބެއްލެވުމުގެ ދަށުން އަނެއްކާވެސް މި މަޝްހޫރު ކުތުބުޚާނާ މިހާރު މިވަނީ އާންމުންނަށް ހުޅުވިފައެވެ. ހަލުވި މިނެއްގައި ބަވަނަވަމުން މިއަންނަ ދުނިޔޭގައި މިހާރު މާދުރުތަނެއް ނެތެއްނޫންތޯއެވެ! މަޣުރިބުކަރަޔަށް ވަޑައިގެންނެވޭ ގޮތް ވެއްޖެނަމަ، މި މަޝްހޫރު ކުތުބުޚާނާ ބައްލަވައިލެއްވުމަކީ އަޅުގަނޑުމެން ކޮންމެ މީހަކަށް ވަރަށް ޚާއްސަ އުފަލަކަށް ވާނޭކަމާމެދު ޝައްކެއްނެތެވެ!

ފާތިމާ އަލް ފިހްރިއްޔާ، ކިޔަވައިދޭނެ މަރުކަޒެއް އަޅުއްވައި އެ ހިޔާވަހިކަމުގެ ތެރޭގައި ހަމަ އެހެން ދަރިވަރުންނެކޭ އެއްގޮތަށް ކިޔަވާވިދާޅުވެ ހާސިލު ކުރެއްވި “ޑިޕްލޯމާ ސަނަދު” ( ލަކުޑީގައި ކަނޑައި ނަގައިފައި) މިހާރުވެސް އާންމުންނަށް ފެންނަ ގޮތަށް އޭނާ ފެއްޓެވި ކުތުބުޚާނާގައި އެބަހުއްޓެވެ!

______________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment