-ނ.ތ. ޙަސަން ދީދީ-           އަލްމަރުޙޫމް ނ.ތ. ޙަސަން ދީދީ އަކީ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ތިން ރައީސުންގެ ދަށުގައި އޭނާ ސަރުކާރުގެ ވަރަށް ގިނަ މަތީ ވަޒީފާތަކެއް ވަނީ އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ފުރަތަމަ ދިވެހި ޖުމްހޫރިއްޔާގެ ރައީސް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ސެކެއްޓެރީ ކަމާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ޕްރައިވެޓް ސެކެއްޓެރީކަން ހިމެނެއެވެ. ހުވަދޫ ބަޣާވާތުގެ ދުވަސްވަރު އޭނާ ހުންނެވީ އެއަތޮޅުގެ އަތޮޅުވެރިކަމުގައެވެ. ރާއްޖޭގައި…

-ނ.ތ. ޙަސަން ދީދީ-

          އަލްމަރުޙޫމް ނ.ތ. ޙަސަން ދީދީ އަކީ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ތިން ރައީސުންގެ ދަށުގައި އޭނާ ސަރުކާރުގެ ވަރަށް ގިނަ މަތީ ވަޒީފާތަކެއް ވަނީ އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ފުރަތަމަ ދިވެހި ޖުމްހޫރިއްޔާގެ ރައީސް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ސެކެއްޓެރީ ކަމާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ޕްރައިވެޓް ސެކެއްޓެރީކަން ހިމެނެއެވެ. ހުވަދޫ ބަޣާވާތުގެ ދުވަސްވަރު އޭނާ ހުންނެވީ އެއަތޮޅުގެ އަތޮޅުވެރިކަމުގައެވެ. ރާއްޖޭގައި ރަސްމީ ގޮތުން ކިޔަވައި ފާސްވެގެން ތިބި މޭސްތިރިން ނެތް ދުވަސްވަރެއްގައި މަޖީދިއްޔާގެ މައި އިމާރާތް ދާރުލްޢުލޫމާއި “ސަލްޓަން ޕާރކް” ފަރުމާ ކުރެއްވި މޭސްތިރިއަކީވެސް އޭނާއެވެ. އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 10 ޖޫން 2010 ގައެވެ. އޭނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ.

          އަޅުގަނޑުމެން މިގެނެސްދޭ ވާހަކަ ނަގައިފައިވަނީ ނ.ތ.ޙަސަން ދީދީ ލިޔުއްވި ފޮތް ކުރީގެ ހުވަދު އަތޮޅުންނެވެ. ވާހަކަ މިވެބްސައިޓުގައި ޖަހަން ހުއްދަދެއްވީތީ އޭނާގެ ލޮބުވެތި ދަރިކަލުން މުޙަންމަދު ޙަސަންދީދީ (މޮހޮޖު) އަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ.

_________________________________

           މިއީ މި މުޞަންނިފާއި ދިމާވި ކަމެކެވެ. 1983 ވަނަ އަހަރުއެވެ. މި ވާހަކަ ވެސް ވިދާޅުވާށެވެ.

         ކުވައިތު ފަންޑްގެ އެހީގައި ތައްޔާރުކުރެވޭ ފިޝްވެލްތް އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ލ.އަތޮޅާއި ގއ.އަތޮޅުގައި ބަހައްޓާ ތެޔޮތާނގީތައް ހެދުމުގެ މަސައްކަތްތައް ދިޔަ ހިސާބެއް ބެލުމަށާއި، އެތިން އަތޮޅުގައި ތިން އައިސްޕްލާންޓް ބަހައްޓާނޭ ބިން ޚިޔާރުކުރުމަށް އެމް.އެސް.އެލް އިން ރޭވި ދަތުރެއްގައި އަޅުގަނޑަށް ދެވޭ ގޮތްވިއެވެ.

             9 އޭޕްރިލް 1983 ދުވަހު އިރު އޮއްސުނު އިރު އަޅުގަނޑުމެން ދަތުރު ކުރި “ސިންދުބާދު” ޖެއްސީ ގދ.ކަނޑަހަލަގަލަ ކިޔާ ފަޅުރަށެއްގެ ބޭރުގައެވެ. މިއީ ގދ. އަތޮޅުގައި ތެޔޮތާނގީ ހަދާ ރަށެވެ. މިރަށަކީ ވަރަށް ކުޑަކުޑަ ފަޅުރަށެކެވެ. އެރަށުގައި އެއްވެސް ދޯންޏެއް ނެތްކަމުން އަޅުގަނޑުމެން ރަށަށް ފޭބީ “ސިންދުބާދު”ގައި އޮންނަ ވަރަށް ކުޑަކުޑަ ބޮއްކުރައެއްގައެވެ. އެއްގަމަށް އެރުނު އިރު އިރުއޮއްސި މުޅިން އަނދިރިވެއްޖެއެވެ.

           ތޮށްޓާއި ވަރަށް ކައިރީން ތޮށީބޭރުގައި ލޯންޗް އަޅާފައި އޮތްއިރު، އަޅުގަނޑުމެން ފޭބީ ހަމަ އެދިމާއިން ގޮނޑުދޮށަށެވެ. އެންމެ ގޮނޑުދޮށުގައި ހެދިފައިވަނީ ފުނަގަސްތަކެކެވެ. މިފުނަގަސްތަކާ ޖެހިގެން އެއްގަމުގައި، ފުނަގަސްތަކުގެ ދަށަށް އެއްބައިވާ ގޮތަށް އަޅާފައިވަނީ އެރަށުގައި ތެޔޮތާނގީ ތައްޔާރުކުރުމުގެ މަސައްކަތްކުރާ މީހުން ތިބޭ ގެއެވެ. މިގެއަކީ ދަނޑިން އަޅާފައި ފުރާޅުގައި ޓިނު ޖަހާފައި އެއްކޮޅު ބިތުގައި ޓިނު ޖަހާފައިވާ ގެއެކެވެ. ތިން ފަރާތުން ބިތުގައި ވަނީ ވައްޓާލާ އޮޅާލާ ނަގާގޮތަށް ސަތަރި ދަމާފައެވެ. އެތެރޭގައި ވަނީ މީހުން ނިދާނެ އަށި އަޅާ އަދި ފަށްޖެހި އެނދު ބަހައްޓާފައެވެ. އަދި މިގޭގެ ތެރޭގައި ކުޑަވަރެއްގެ ޖެނެރޭޓަރ އެއްވެސް ހިންގާފައިވެއެވެ. ގޭތެރޭގަޔާއި ގޭގެ ވަށައިގެން ބޭރުގަޔާއި، ފުނަގަސްތައްދޮށުގަޔާއި ގޮނޑުދޮށުގައި، އެކި ހިސާބުގައި ސަތޭކަ ވޯޓުގެ ބޮކި ދިއްލާފައިވެއެވެ. އަދި އެކި ހިސާބުގަނޑުން ދަތުރުކުރާ މަސްވެރިންނަށް ފަސޭހަކޮށް ދިނުމަށް ރަށުގައިހުރި ވަރަށް އުސް ގަހެއްގެ ކުރިޔަށް ދަނޑިއެއް ނަގާ އޭގައި ރަތްބޮތްކެއްވެސް ދިއްލާފައިވެއެވެ.

          ތެޔޮ ޓޭންކް ހަދަން ފަށާފައިވަނީ މީހުން ތިބެން ހަދާފައިވާ ގޭގެ އެއްކަނާ ދިމާއިން ދާދި ކައިރީގައެވެ. ޓޭންކްގެ ހުރިހާ ދަގަނޑު ފިލާތައް ވަނީ ހަރުކޮށްލާ ނިމިފައެވެ. ހުރިހާ ފައްތަރުތައް އެތެރެއިންނާއި ބޭރުން ވެލްޑްކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ.

            އަޅުގަނޑުމެން އެރަށަށް ފޭބުމާއެކު އެރަށުގައި ތިބި ފަސް މީހުންގެ ފަރާތުން ފުރަތަމަވެސް ލިބުނު ޚަބަރަކީ އެރަށަށް ފުރޭތައެއް އަރާ ޚަބަރެވެ.

         އެރަށުގައި ތިބި މީހުން ބުނަނީ ރޭގަނޑު ޖެނެރޭޓަރ ނިވާލީމާ ރަށުތެރެއިން އަންހެންކުއްޖަކު ފެންނަކަމަށެވެ. މި އަންހެންކުއްޖާގެ އިސްކޮޅު އެމީހުން ދައްކާގޮތުން ތިންފޫޓް     ބައިވަރު ވާނެ ކަމަށް ފެނެއެވެ. އެމީހުން ބުނަނީ މިކުއްޖާގެ ބަނޑާއި ހިސާބުން މަތި ފެންނަކަމަށާއި އެއަށްވުރެ ތިރި ފެންނަން ނުހުންނަ ކަމަށެވެ.

           މިކުއްޖާ ފެންނަން ފެށުމާއެކު ވާންފެށިގޮތަކީ އެރަށުގައި ކައްކަން އުޅޭ މީހާގެ ބުއްދިއަށް ދޭތެރެ ދޭތެރެއިން ގޮތެއްވާން ފެށީއެވެ. މި ކައްކާ މީހަކީ ފިރިހެނެކެވެ. (އެރަށުގައި މުޅިންވެސް ތިބީ ފިރިހެނުންނެވެ.) ކައްކާ މީހާއަށްވާ ގޮތަކީ ރޭގަނޑު މީހުން ނިދަންތިބޭ ގޭތެރެއިން ނުކުމެގެން ބޭރު ވަލުތެރެއަށް ދާން އުޅެނީއެވެ. ބައެއް ރޭރޭ ދެންތިބި އެންމެން އޭނާ ވަށާލައިގެން ނިކުތަނުދީ ހެނދުން ވަންދެން ހިފަހައްޓައިގެންވެސް ތިބެން ޖެހުނެއެވެ. މިގޮތުން ނިކުތަނުދީގެން އުޅޭއިރު، އޭނާ އެގެއިން ބޭރުގައި ހުރި މީހަކާ ވާހަކަދައްކާ ގޮތަށް “މިމީހުން ނިދީމާ އަހަރެން ދާނަމޭ” މިހެން ކިޔައިގެންވެސް އުޅެއެވެ.

         އެއްރެއަކު އެއްވެސް މީހަކަށް ނޭނގި މިކައްކާމީހާ ނުކުމެގެން ގޮސް ގެއްލިއްޖެ އެވެ. ދެން ޖެނެރޭޓަރ ހިންގާ ބޮކިދިއްލާ މުޅިގޭދޮށް އަލިކޮށް އަދި މުޅި ވަލުތެރޭގައާއި ގޮނޑުދޮށުގައި ޓޯޗްތަކާއި ފަންފަނުގައި ރޯކޮށްގެން އެންމެން އެމީހާ ހޯދަން ހިނގާވެސް ނުފެނުނެވެ. އަދި އެމީހާ އެގޮތަށް ވަލުތެރެއިން އެކަނި ގެއްލިގެން އޭނާއަށް ކަމެއްވެދާނޭތީ އެހެން މީހުންނަށް ކަންބޮޑުވިވަރުން މުޅި ރޭގަނޑު ނުނިދާ މިގޮތަށް ހޯދިއެވެ. އެންމެ ފަހުން އަނެއް ދުވަހު ހެނދުނު ފެނުނީ މިކައްކާމީހާ ވަލުތެރެއިން ނުކުމެގެން އަންނަނިކޮށެވެ. ކޮންތާކުންތޯ އައީ އެހީމާ ބުނީ ބަޔަކުމީހުން އޭނާ ގެންގޮސް މާރީތިކޮށް ޖަހާފައިވާ ފޭލިގެއަކަށް މީނާ ލީކަމަށެވެ. ދެން އެފޭލިގޭގައި ވަރަށް އަރާމުގައި އޮށޯވެ ރޭގަނޑު ހަތަރުދަމު ނިދީކަމަށެވެ. މީނާ މިހެން ބުނުމުން އެހެން މީހުން މީނާ ގޮވައިގެން އެތަނެއް ހޯދުމަށް ދިޔައިރު ވަލުތެރެއިން އެއްފަރާތުގެ ހޭޅިޔާ ކައިރި ހިސާބެއްގައި ކުޑަކުޑަ ތަންކޮޅަކަށް ދޮންވެލިކޮޅެއްލާ އޮމާންކޮށްލާފައި ހުއްޓެވެ. އެހެން އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

            މިކައްކާ މީހާގެ ބުއްދިއަށް ގޮތެއްވާން ފެށުމުން ގިނަ ވަގުތު އެއްވެސް މީހަކާ އަގައިން ނުބުނެ އިންނަން ފަށައިފިއެވެ. ރޭގަނޑު ގެއިން ބޭރަށް ނުކުތަނުދީ މީހުން ހިފަހައްޓައިގެން އުޅޭއިރުވެސް ތެޅިފޮޅި އަށިން ވެއްޓި ހިސާބަކަށް ހާނީއްކަވާންވެސް ފަށައިފިއެވެ. މީނާގެ ބުއްދިއަށް ބަދަލު އައިސްގެން އުޅުނު ވަގުތެއްގައި ބުނީ އެރަށުގައި އުޅޭ އަންހެންކުއްޖާ ބުންޏޭ ތިމަންނާމެން ކަލޭމެނަށް އެއްވެސް އުދަނގުލެއް ނުކޮށް ތިއްބާ ކަލޭމެންގެ ތެރެއިން މީހަކު ތިމަންނާ ގަޔަށް ކުޑަކަމު ދިޔައީއެވެ. މި އުނދަގޫކުރަނީ އެހެންވީމާ އޭގެ ފަހުންނެވެ. މިކަމާ ދޭތެރޭ އެރަށުގައި ތިބި އެންމެން ވާހަކަދައްކާހެދުމުން އެރަށުގައި ހުންނަ އެކަކު އެގެއާދިމާގައި ފުނަގަސްތަކު ތެރެއަށް ރޭގަނޑު ނުކުމެ ކުޑަކަމު ދިޔައީ ކަމަށް ބުނެފިއެވެ. އަދި ހަމަ މިގޮތަށް އެކައްކާމީހާ ބުނި އަނެއް ވާހަކައަކީ އެއަންހެންކުއްޖާ އުދަނގޫކުރާ އަނެއް ސަބަބަކީ އެމީހުން އުޅޭ ތަންކޮޅުގެ މަތީގައި ގެ އަޅައިގެން މި އެންމެން އުޅޭތީއެވެ.

            ކޮންމެއަކަސް މިކައްކާމީހާގެ މައްސަލަ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންގޮސް އޭނާ އެރަށުގައ ބަހައްޓައިފިނަމަ ކޮންމެވެސް ބޮޑު ހާނީއްކައެއް އޭނާއަށް ވެދާނެކަމަށް ފެނިގެން އެންމެ ފަހުން އޭނާ ގދ. މާތޮޑާއަށްވަނީ ފޮނުވާލާފައެވެ.

           އަޅުގަނޑުމެން ކަނޑަހަލަގަލަށް އެރޭފޭބި ބޭނުން ނިމިގެން، އަދި މިހުރިހާ ވާހަކަތަކެއް އެރޭ ދެއްކުމަށްފަހު ގާތްގނޑަކަށް ނުވައެއް ޖަހާ އެހާކަންހާއިރު އެނބުރި “ސިންދުބާދު” އަށް ހިނގައްޖައީމުއެވެ. ބޯޓަށްގޮސް ކައިނިމިގެން ކެޔޮޅުކަމުގެ މަސައްކަތް ފެށިއްޖެއެވެ. އެމަށް އަޅާނެ އެއްޗެއް ބޯޓުގައި ނެތީމާ ކަނޑަހަލަގަލަ އިން އެން ލިބޭތޯ އުޅެގެން ލިބިފައި ހުރީ އެރަށުގެ އާނުގަނޑެއްގެ މައްޗަށް ޓޯޗް އަލިކޮށްގެން ހިފާފައިވާ ފުންނަތަކެކެވެ. މިފުންނަ ބުޅީގައި އަޅާ ނަނު ފައްތައިގެން ރަތްމަހެއް އެއްޗެއް ގަނޭތޯ މަސައްކަތް ފެށިއްޖެއެވެ.

           ބޯޓުގައި މަސްވެރިކަމުގެ މަސައްކަތް ކޮށްކޮށް ތިއްބާ ރަށުގެ މީހުން ނިދަންވެގެން ޖެނެރޭޓަރ ނިވާލައިފިއެވެ. ނުލާހިކު އަލިވެފާ ގަސްތަކު ތެރޭންނާއި އަތިރިމަތިން ބޮކިތައް ފެންނަން ހުރި ރަށް ކުއްލިއަކަށް އަނދިރިވީއެވެ. މީހުންތިބޭ ގޭތެރޭގައި ދިއްލާފައިހުރި ފާނޫޒެއްނަމަވެސް އެއްޗެއްގެ އަލި ވަރަށް ފަނޑުފަނޑުގޮތަކަށް ފެނެއެވެ. އެހެން އެއްވެސް އަލިކަމެއް މުޅި ރަށުގައިވެސް ނެތެވެ.

           މިގޮތަށް މުޅިރަށްވަނީ އަނދިރިވެފައެވެ. އަޅުގަނޑުމެން ބޯޓުގައި ހަމަ ހޭ ވައްޓާލާފައި މަސް ބާނަން މަސައްކަތްކުރަނީއެވެ. (ބޭނުނީ ހަމަ އެކަނި 8 އިންޗި ދިގުމިނުގެ އެންމެ ފާނައެކެވެ.) ގަޑިން ދިހައެއްޖަހާ ދިހަމިނިޓްވަރު ހިނގާފާނެއެވެ.

           ކުއްލިއަކަށް މުޅި ޖައްވުގެ ހަމަހިމޭންކަން ކަނޑައިގެންދިޔައީ ރަށުގެ ޖެނެރޭޓަރ އިސްޓާރޓްކޮށްލި އަޑަށެވެ. ގަދަ އަޑު ކިޔާފައި ޖެނެރޭޓަރ ހިނގައިގަތް އަޑު އިވުމާއެކު ރަށުގައި ހުރިހާ ބޮކިތައް ދިއްލިއްޖެއެވެ. ދެން ފެށުނީ ރަށުގައި ދިއްލާފައި ހުރި ބޮކިތައް ކުއްލި ކުއްލިއަށް ނިވިނިވިފައި ދިއްލޭތަނެވެ. އަދި މީހަކު ބޯޓާ ދިމާއަށް ޓޯޗަކުން އަލިކޮށް ނިވަނިވާފައި ދިއްލަން ފަށައިފިއެވެ. އާދައިގެ ގޮތެއްގައި ރާއްޖެތެރޭގައި އެގޮތަށް ޓޯޗް ދިއްލަ ދިއްލާފައި ނިވަނީ ވޯކީޓޯކީ ގުޅަން ބޭނުން ކަމުގެ ސިގްނަލްއެއްގެ ގޮތުންނެވެ. އެހެންކަމުން ބޯޓުގައި ހުރި ސެޓް ވަގުތުން ހުޅުވާލެވިއްޖެއެވެ.

            ރަށުގެ އެއްގަމުން ވޯކީޓޯކީން ވާހަކަ ދައްކާމީހަކު ހާސްވެފައި ހުރި ވަރުން އޭނާ ކިޔާ އެއްޗެއް އޮޅުންފިލީވެސް ލައްކަ ފަހަރު ތަކުރާރުކޮށް އަހައިގެންނެވެ. ވީގޮތަކީ ދިހައެއް ޖަހަންއުޅެނިކޮށް ޖެނެރޭޓަރ ނިވާލާފައި އެންމެން ނިދަން އޮށޯތުމާއެކު ގޭގެ ބޭރުން ބިތު ބުޑުން މީހަކު ހިނގާ އަޑު ކަހަލަ އަޑެއް އިވިއިވިފައި ޑަންލާފައި ގޭގެ ޓިނު ބިތުގެ ބޭރުން ގާބުރިއެއް ޖެހުނު އަޑުއިވުނީއެވެ. ދެންހަމަ އެއާ އެކުއެކުގައިހެން އަނެއް ގާބުރި ގޭގެ ދޮރުން އެތެރެއަށް އައިސް ގޭގެ ޓިނުބިތުގައި ޖެހިފާ އެތާހުރި ސިމެންތިކޮތަޅުތަކެއް މައްޗަށް ވެއްޓުނީއެވެ. އަނެއްކާ ތިންވަނަ ގާބުރިއެއްވެސް ދޮރުން އެތެރެއަށް އައިސް ބިންމައްޗަށް ވެއްޓުނީއެވެ. ދެން އެންމެން ގަތްބިރުން ތެދުވެ ޖެނެރޭޓަރ ހިންގާ، ބޯޓަށް ސިގްނަލްކުރީ އެވެ. ޖެނެރޭޓަރ ހިންގި ފަހުން ގާބުރިއެއް ނާންނަ ކަމަށާއި ނަމަވެސް ވަލުތެރެއިން ތުބުންފުމޭ އަޑު އިވޭކަމަށްވެސް އޭނާ ބުންޏެވެ.

            ވޯކީޓޯކީން ދެއްކި ވާހަކަތަކަށް ވިސްނުމުން އެރަށުގައި ތިބި ފަސްމީހުން ތިބި ވަރަށް ހާސްވެފައިކަން ރަނގަޅަށް އެނގެއެވެ. އަދި އެމީހުން ކޮންމެ ރެއަކު މިކަމަކައިގެން ނުނިދި ތިބުމުގެ ސަބަބުން ނިންޖަށް ބަލިވެފައިވާކަމާއި އަދި ނިންޖަށް ބަލިވުމުގެ ސަބަބުން ދުވާލު ކުރަން ހުރި މަސައްކަތް ނުކުރެވޭކަމަށް ވެސް ވާހަކަ ދެއްކިއެވެ. އޭގެތެރެއިން އެއްބައެއްގެ ނަޒަރުގައި މިކަމެއް ފެށުނީ އެރަށަށް ވެލާ އަރާގޮތެއްވޭތޯ މާތޮޑާގައި ހުންނަ ފަންޑިތަވެރިޔަކު ލައްވާ ފަންޑިތައެއް ހެއްދި ފަހުންނެވެ.

              ކޮންމެއަކަސް އެތައް އިރަކު ވާހަކަދެއްކުމަށް ފަހު އެންމެ ފަހުން ނިމުނީ އެރޭ ޖެނެރޭޓަރ ނިވާނުލާ ބެހެއްޓުމަށާއި މާދަމާ މާތޮޑާއިން ރަނގަޅު ފަންޑިތަހަދާ މީހަކު ގެނެސްގެން އެރަށުން އެއަންހެންކުއްޖާ ފައިބައިގެން ދާނެ ފަންޑިތައެއް ހެދުމަށެވެ. މިހިސާބަށް ވާހަކަދެކެވުމާއެކު އެރެއަށް ކުރެވެން ހުރި ކަންތައް ނިމުނީކަމަށް ހަދާފައި ވޯކީޓޯކީ ކަނޑާލީއެވެ.

             ދެން އަޅުގަނޑުމެން ބޯޓުގައިވެސް މަސްބޭނުން ހުއްޓާލާފައި ނިދަން އޮށޯތީއެވެ. ރަށުގެ ހުރިހާ ބޮކިތައްވެސް ހުރީ ދިއްލާފައެވެ. އިރުކޮޅެއްވީއިރު ބޯޓުގެ ގިނަ މީހުން ނިދައިފިއެވެ. ނަމަވެސް އަޅުގަނޑާއި އަދި ބޯޓުގެ ފަޅުވެރި އެއްކުއްޖަކަށް އަދި ނުނިދި ތިއްބާ ކުއްލިއަކަށް އެއްގަމުން މާގަދަ އަޑުފަށްގަނޑެއް އިވިއްޖެއެވެ.

             އިވެނީ ވެލްޑަންކުރަން ފަށާފައިވާ ބޮޑު ދަގަނޑު ފީފާ ތާނގީގައި މަރުތޭލަކުން ތަޅާ އަޑާއި ދެތިން ތެޔޮ ހުސްކުރި ފީފާގައި ކޮންމެވެސް އެއްޗަކުން ތަޅާ އަޑެވެ. ދެން އަޅުގަނޑުމެން ފުންމައިގެން ތެދުވެ ރަށާދިމާއަށް ބަލައިލިއރު އަނެއްކާ ޓޯޗަކުން އަލިވެސް ކުރެއެވެ.

             އަވަސްއަވަހަށް އަޅުގަނޑުމެން ވޯކީޓޯކީސެޓް ހުޅުވާލައިފީމުއެވެ. ފުރަތަމައިންވެސް ސެޓް ހުޅުވާލިއިރު އިވެނީ ވާހަކަ ދައްކާ އަޑެވެ. ބޯޓުން ހުޅުވިތޯ ނުވަތަ ނޫންތޯވެސް ނުބަލާ ހާސްވެފައިވާވަރުން މީހަކު ވާހަކަދައްކާ ނަގަނީއެވެ. އޭރު ގަޑިން ތިނެއް ޖަހައިފިއެވެ.

             ވީގޮތަކީ ޖެނެރޭޓަރު ހިންގާފައ ބޮކިތައް ދިއްލާފައި ބަހައްޓައިގެން ނިދުމަށްޓަކާ އެމީހުން އުޅުނީ ޖެނެރޭޓަރަށް ތެޔޮއަޅާށެވެ. ޖެނެރޭޓަރގެ ޓޭންކަށް ތެޔޮއަޅަން ފެށުމާއެކު ގޭގެ ބޭރުން އިވުނީ މާގަދަ އަޑެކެވެ. އަޑުގެ ގަދަކަމާއި ޒީލަކަމުން އެއަޑު އަދިވެސް ކަންފަތުގައި ހަރުލާފައި އެބަހުރިކަމަށް ވޯކީޓޯކީން ވާހަކަދެއްކި މީހާ ބުންޏެވެ. އަދި އެ ފަސްމީހުންގެ ތެރެއިން އެކަކު މިހާރުހުރީ ގަތްބިރުން ތުރުތުރުއަޅާ ގޭބިތުގައި ފާޑަކަށް ލައްވެފައި ކަމަށްވެސް އޭނާ ބުންޏެވެ.

              އެންމެ ފުރަތަމައިން ފެށިގެންވެސް އަޅުގަނޑުމެން ބޯޓުގައި ތިބި މީހުން އެއްގަމަށް ފޭބުމުގެ ފިކުރުވެސް އަޅުގަނޑަށް ކުރެވުނެވެ. ނަމަވެސް ފައިބަން އޮތް އެތި ކުޑަކަމުންނާއި އޭގައި ފައިބަންޖެހެނީ ނެރެއްނެތް ތޮށިމަތިން ކަމަށްވެސް ވުމާއެކު އެއްވެސް މީހަކަށް އަޅުގަނޑުމެން ފައިބާކަށް ނުފެނުނެވެ.

              ދެން ކޮންމެއަކަސް ރަށުގައި ތިބި މީހުންވަނީ ވަރަށްވެސް ބޮޑަށް ބިރުގަނެފައެވެ. އެރަށުގައި ދޯންޏެއް އެއްޗެއް އޮތްނަމަ އަޅުގަނޑަށް ހީވާ ގޮތުގައި ހަމަ އެވަގުމެ އެރަށުގައި ތިބި އެންމެން ރަށް ދޫކޮށްފައި ފުރައިގެން ދިޔައީހެވެ. ކޮންމެއަކަސް މީހުން ބިރުގެންފައި ތިބި ވަރުން  ލައްކަ އިރު ވާހަކަ ދެއްކުމަށްފަހު ގދ.މާތޮޑާއާއި ވޯކީޓޯކީން ގުޅޭތޯ މަސައްކަތްކުރަން ފަށައިފިއެވެ. އެރަށުން ދެމީހުން ފާނޫޒަކާއި ޓޯޗަކާއި ހިފައިގެން ރަށުގެ އަނެއް ފަރާތަށް ގޮސް މާތޮޑާއާއި ދިމާއަށް ސިގްނަލްކޮށްގެން އިރުކޮޅަކުން އެރަށާއި ގުޅިއްޖެއެވެ. ދެން އެރަށުންނާއި ބޯޓުން ކަންވެގެން އުޅޭ ގޮތް ކަތީބަށް ކިޔައިދިނީއެވެ. މާތޮޑާ ކަތީބަކީ ފުރޭތަފާޑުގެ އެއްޗެތީގެ ވާހަކަ ޤަބޫލު ނުކުރައްވާ ބޭކަލެއްކަމުން އޭނާގެ ވާހަކަ ހުރީ ވަރަށް އެހެން ގޮތަކަށެވެ.

               އަޅުގަނޑުމެން ބޯޓުން މާތޮޑާ ކަތީބާއި ވާހަކަދައްކާ އެރަށުގައިވާ ކަންތަކުގެ ސަބަބުން މަސައްކަތަށް ގެއްލުން ލިބޭތީ ކޮންމެވެސް މީހަކު ލައްވާ ފަންޑިތައެއް ހަދައިގެން މިކަންތައް ރަނގަޅުވޭތޯ ބައްލަވައި ދެއްވުމަށް އެދުނީމެވެ. މާތޮޑާ ކަތީބު ބުނުއްވީ އެރަށުގައި އެބާވަތުގެ ފަންޑިތަހަދާ މީހަކު ހުރިކަމަށާއި އޭނާއަށް ސަތޭކަ ރުފިޔާ ދެނިކޮށް ހަދައިދީފާނެކަމަށެވެ. ދެން އެ ފަންޑިތަ ހަދާމީހާ ބަލާފޮނުވައިގެން ވޯކީޓޯކީއާއި ހަމަޔަށް ގެނެވިއްޖެއެވެ. ފަންޑިތަވެރިޔާއާއި ބޯޓުން ވާހަކަ ދައްކާ، އެކަން ރަނގަޅުވާނެ ގޮތެއް އޮތްތޯ އަހާލުމުން އޭނާ މާ ހަމަޖެހިލާފައި ބުނުއްވީ އެކަން ހަމަޖައްސަވައި ދެއްވަފާނެކަމަށެވެ. އަދި މިކަންފެށުނީ އޭނާ ވެލާ އަރާތޯ ފަންޑިތައެއް ހެއްދެވިފަހުން ކަމަށް ބައެއް މީހުނަށްހީވާ ކަމުގައި ނަންގަތުމުން އަނެއްކާވެސް ފެންޑިތަވެރިޔާ މާ ހަމަޖެހިލާފައި ބުނުއްވީ އެއީ މުޅިން އެހެންކަމެއް ކަމަށެވެ. އަދި އޭނާ ހަމަޖައްސަވާލައްވަފާނެ ކަމަށެވެ.

              ދެން މިހާރު ރޭގަނޑު ފަތިސް އަތަށްވެސް އަޅާފައިވުމާއެކު އަޅުގަނޑުމެން ވަރަށް ނިދިވެސް އައިއްސާ ވާތީ، ފަންޑިތަވެރިޔާ އެރަށަށް ފޮނުވަން މާތޮޑާ ކަތީބާއި ވާހަކަދެއްކުމަށް ފަހު އަޅުގަނޑުމެން ނިދައިފީމެވެ. ވަރަށް ފަތިހު ފަންޑިތަވެރިޔާ އެރަށަށް ދުރުވެ ރަށުތެރެއިން ތަކުބީރުކިޔާ އަޑާއި ބަންގި ގޮވާ އަޑާއި މިފަދަ އަޑުއަޑު ބޯޓުގެ ފަޅުވެރިންނަށް އިވުނުކަމަށްވި އެވެ. ކޮންމެއަކަސް އެއަށްފަހު އެރަށުގެ ޖެނެރޭޓަރު ނިވާލާ ރަށުތެރެވެސް ހިމޭންވެއްޖެއެވެ.

           ހެނދުނު ރަނގަޅަށް އިރުނާރަނީސް އަޅުގަނޑުމެންގެ ދަތުރުގެ ދެން އޮތް ބައި ނިންމުމަށްޓަކައި “ސިންދުބާދު” އެރަށުން ފުރައިފިއެވެ. ކަނޑަހަލަގަލައިން ފުރައިގެން އަޅުގަނޑުމެން ދިޔައި ސީދާ ގދ.ތިނަދޫއަށެވެ.

-ނިމުނީ-


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment