
ލިޔުއްވީ: މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޙުސައިން ޢަބްދުލްވާޙިދު
ނޯޓު: މިއީ، އިންޑިޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ މައުލާނާ ވަޙީދުއްދީން ޚާން ލިޔުއްވާފައިވާ “އިސްލާމް އެންޑް ދަ މޮޑަން މޭން” މި ފޮތުގެ ތަރުޖަމާއެކެވެ. އަޅުގަނޑު ގަސްތުކުރަނީ، ފޮތުގައިވާ ގޮތަށް ކުރު ސިލްސިލާތަކެއްގެ ގޮތުގައި މި ފޮތް ތަރުޖަމާކުރަމުން ގެންދިއުމަށެވެ. މާތް ﷲގެ ހެޔޮ ތައުފީޤަށް އެދެމުންނެވެ.
____________________________________
މިޒަމާނުގައި މީހުންނަށް ދިމާވާ މައްސަލަތައް ސީދާކޮށް ނަމަވެސް ނުވަތަ ނުސީދާކޮށް ނަމަވެސް ދިމާވަނީ މައިގަނޑު ގޮތެއްގައި އެއް ސަބަބަކާ ހުރެއެވެ. އެއީ ހެއްދެވިފަރާތަށް އޮންނަންޖެހޭ އީމާންތެރިކަން ނެތުމެވެ. ކުރިއަރާފައިވާ މި ޒަމާނުގައި، އިންސާނުން ގިނަގުނަ މާއްދީ ފަސޭހަތަކެއް ހޯދާފައިވީނަމަވެސް، ހެއްދެވިފަރާތަށް އީމާންތެރިއެއް ނުވެއެވެ. މާއްދީ ކުރިއެރުމުގެ ސަބަބުން އިންސާނާއަށް ޖިސްމާނީ ގޮތުން ކިތަންމެ ފައިދާއެއް ލިބުނު ނަމަވެސް، ރޫހާނީ ގޮތުން ވަނީ ވަރަށް ދަށު ދަރަޖައެއްގައެވެ. ފުރާނައަކީ ދިރިހުރުމަށް ކޮންމެހެން ބޭނުން އެއްޗެކެވެ. ފުރާނަ ހަށިގަނޑާ ވަކިވުމުން ހަށިގަނޑު މަރުވެއެވެ. އަދި ރޫހާނީ ގޮތުން ލިބެންޖެހޭ ކާނާ ނުލިބޭނަމަ، ފުރާނަ ބަލިކަށިވެއެވެ. އިންސާނާގެ ޖިސްމަށް ކާނާ ނުލިބުމުން އެޖިސްމު ބަލިކަށިވާގޮތަށެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ” މާ ރަނގަޅު އަދި އަބަދަށް ދެމިގެންވާ ” ހަމަޖެހުމަކީ ރޫހާނީ ގޮތުން ލިބެންޖެހޭ ހަމަޖެހުމެވެ. (طه:131)
އިސްލާމް ދީން އިންސާނާއަށް ފޯރުވައިދޭ އެންމެ ބޮޑު ޚަޒާނާއަކީ ހެއްދެވިފަރާތަށް އީމާންވުމެވެ. ހުރިހާ ދީންތަކެއް ވެސް އެންމެ ފުރަތަމަ ބާވައިލެއްވުނުއިރު ބާވައިލެއްވުނީ ޙައްޤު ޢަޤީދާގެ މައްޗަށް ކަމުގައިވޔަސް، ޒަމާން ތަކަކަށް ފަހު، ދީން އެންމެ ފުރަތަމަ ބާވައިލެއްވުނުއިރު އޮތް ޙައްޤު ޢަޤީދާ ރައްކާތެރިކޮށްދިނުމަށް އެ ދީންތަކުން ވަނީ ނުކުޅެދިފައެވެ. އެއްބަޔަކު ކަލާނގެ ހަދާފައިވަނީ އެއްވެސް ތާކުންތާކު ނުޖެހޭ ގައުމީ އެއްޗަކަށެވެ. އަނެއްބަޔަކު ކަލާނގެ ނަމުގައި އެތައް ބައިވަރު ތަކެއްޗަށް އަޅުކަން ކުރަމުންދެއެވެ. އަދި ބައެއް ދީންތަކުގެ ޢަޤީދާ ބިނާވެގެން ވަނީ ތަފާތު ފަލްސަފާތަކުގެ މައްޗަށެވެ. އެހެންކަމުން އިސްލާމް ދީން ފިޔަވައި އެއްވެސް ދީނެއް ފުރިހަމަ، ޙައްޤު އަދި ސާފު ޢަޤީދާގެ މައްޗަށް ބިނާ ވެގެނެއް ނުވެއެވެ. ވުމާއެކު، މި ޒަމާނުގައި އިންސާނުންނަށް ބޭނުންޖެހިފައިވާ ކަލާނގެ ފެންނާނީ އިސްލާމް ދީނުން ކަން ކަށަވަރެވެ.
________________________
އަލްއަޚް ޙުސައިން ޢަބްދުލްވާޙިދު، ލިޔުންތެރިންގެ ސައިޓާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަމެވެ. ޒުވާން ލިޔުންތެރިންނަށް ސައިޓު ވަނީ ބޭނުންވެފައެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ. ހިންމަތާއެކު މަސައްކަތް ކުރައްވައިފިނަމަ ކާމިޔާބުވާނެކަން ޔަގީނެވެ. އިންޝާﷲ.