އެހީއަށް އެދި އިންސާނަކު ރޮއިހޭރޭ އަޑެއް، އިސްކޮޓްލެންޑުގެ ރަށްފުށު ހިސާބެއްގެ ފަގީރު ދަނޑުވެރިއެއްކަމުގައިވާ، ފްލްމިންގ އެއްސެވެ. ރަނގަޅަށް ވިސްނާލިއިރު މިއަޑެއް މިއަންނަނީ އޭނާގެ ގެޔާ ދާދި ކައިރި ހިސާބެއްގައި އޮތް ޗަސް ބިމުންނެވެ. މިއީ މީހަކު ގަނބައިގެންފިނަމަ އަރަން އުޅުނުއުޅުނު ހެން މީހާ ގެނބެމުންދާ ވައްތަރެއްގެ ޗަސްބިމެކެވެ. ގެންގުޅޭ ސާމާނު ދޫކޮށްލާފައި ދަނޑުވެރިޔާ އަވަހަށް ދުއްވައިގަތީ އަޑު އަންނަ ދިމާއަށެވެ. އެހިސާބަށް ދިޔައިރު ޗަސްބިމަށް ގެނބިފައި ހުއްޓާ ފެނުނީ އެންމެ ސިޔާސަ ފުރައިގެ ކުޑަ ފިރިހެން…

         އެހީއަށް އެދި އިންސާނަކު ރޮއިހޭރޭ އަޑެއް، އިސްކޮޓްލެންޑުގެ ރަށްފުށު ހިސާބެއްގެ ފަގީރު ދަނޑުވެރިއެއްކަމުގައިވާ، ފްލްމިންގ އެއްސެވެ. ރަނގަޅަށް ވިސްނާލިއިރު މިއަޑެއް މިއަންނަނީ އޭނާގެ ގެޔާ ދާދި ކައިރި ހިސާބެއްގައި އޮތް ޗަސް ބިމުންނެވެ. މިއީ މީހަކު ގަނބައިގެންފިނަމަ އަރަން އުޅުނުއުޅުނު ހެން މީހާ ގެނބެމުންދާ ވައްތަރެއްގެ ޗަސްބިމެކެވެ. ގެންގުޅޭ ސާމާނު ދޫކޮށްލާފައި ދަނޑުވެރިޔާ އަވަހަށް ދުއްވައިގަތީ އަޑު އަންނަ ދިމާއަށެވެ. އެހިސާބަށް ދިޔައިރު ޗަސްބިމަށް ގެނބިފައި ހުއްޓާ ފެނުނީ އެންމެ ސިޔާސަ ފުރައިގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެކުއްޖާ އެތަނުން އެރޭގޮތް ނުވެ ގެނބެމުންދާތީ ގެންފައި ހުރި ބިރެއްގެ ބޮޑުކަމުން ރޮއިހޭރި ހަޅޭއްލަވަނީއެވެ. އެކެހިވެރި ޗަސްބިމަށް ގެނބޭމީހަކަށް އެހެން މީހެއްގެ އެހީ ނުލިބިއްޖެ ނަމަ ނިމުމަކީ ލަސް އަހުވަ ހުރި މަރެކެވެ. ދަނޑުވެރިޔާ ކުޑަކުއްޖާ ޗަސްބިމުން ނަގައި މަރުން ސަލާމަތްކޮށްދިނެވެ. ދަނޑުވެރިޔާ ދުށް ގޮތުގައި އެއީ އިންސާނިއްޔަތުކަމުގެ ގޮތުން އޭނާގެ މައްޗަށް ލާޒިމުވާ ކަމެކެވެ. އެއީ ކޮންކުއްޖެއްތޯ ބަލާކަށް ވެސް އޭނައެއް ނޫޅެއެވެ.

        މާބޮޑު އާބާދީއެއް ނެތް އެކަހެރި ހިސާބެއްގައި ހުންނަ ދަނޑުވެރިޔާގެ ގޭދޮށަށް، އަނެއް ދުވަހު، މާރީތި އަސްގާޑިޔަލެއް އައިސް މަޑުކޮށްލައިފިއެވެ. އެއިން ފައިބައިވަޑައިގަތީ މޮޅު ހެދުމެއްގައި ހުންނެވި މާތްމީހެކެވެ. ފެންނަ ފެނުމުގައި އިނގިރޭސިވިލާތުގެ ނަބީލުންގެ ތެރެއިން ހިމެނޭ ބޭފުޅެކެވެ. އޭނާ ދަނޑުވެރިޔާ ފުލެމިންގއަށް ތައާރަފުވެ ވަޑައިގަންނަވަމުން ވިދާޅުވިއެވެ. “އަހަރެން މިއައީ ކަލެޔަށް ފައިސާގެ ރަނގަޅު އިނާމެއް ދޭން ކަމަށެވެ. ކަލޭ އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދީފީމު އެވެ”

         “ނޫނެކެވެ. އަޅުގަނޑު ފައިސާއެއް ނުހިފާނަމެވެ.” ނަބީލު ދެއްވަން އުޅުއްވި ފައިސާއިން މަނާވެގަންނަމުން ދަނޑުވެރިޔާ ދެންނެވިއެވެ. އެވަގުތު، މިތާ މިހިނގާ ކަމެއް ބަލަން ދަނޑުވެރިޔާގެ ފިރިހެންދަރިފުޅު ވެސް އައިސް އާއިލާ ދިރިއުޅޭ ޖިފުޓީގެ ދޮރުމައްޗަށް ހުއްޓިއްޖެއެވެ. އެކުއްޖާއަށް އިޝާރާތްކުރައްވަމުން ނަބީލު ކުއްޖާގެ ބައްޕަ ކުރެން އެއްސެވިއެވެ.

           “މިއީ ކަލޭގެ ދަރިފުޅު ހެއްޔެވެ؟”

           “އާދޭހެވެ. ތިޔައީ އަޅުގަނޑުގެ ދަރިފުޅެވެ.” އޭނާގެ ދަރިފުޅަށް ބަލައިލައިފައި ފަޚުރުވެރިކަމާއެކު ދަނޑުވެރިޔާ ދެންނެވިއެވެ.

          ނަބީލު ވިދާޅުވިއެވެ.”އެންމެ ރަނގަޅެވެ. ކަލޭ ފައިސާގައި ހިފާކަށް ނެތީމުއެވެ. މިކަން އަހަރެމެން ދެވެރިން އެހެން ގޮތަކަށް ނިންމަމާ ބަނހީއެވެ. އަހަރެން ކަލޭގެ ދަރިފުޅަށް މަގޭ އުފަންދަރިޔަކަށް ވެސް ދޭނޭ ކަހަލަ ރަނގަޅު ތައުލީމެއް ދޭނަމެވެ. ކަލޭގެ މިދަރިފުޅަކީ ބައްޕަގެ ގޮތާއިފޮތް ހުރި ކުއްޖެއް ނަމަ އޭނާ ބޮޑުވެގެން އަހަރެމެން ދެވެރީން ފަޚުރުވެރިވާ ކަހަލަ މީހަކަށް ވާނޭ ކަމާމެދަކު އަހަރެން ޝައްކެއް ނުކުރަމެވެ.”

          ދަނޑުވެރިޔާ ފްލެމިންގ ގެ ދަރިފުޅު ކިޔެވީ އިނގިރޭސިވިލާތުގެ އެންމެ ނަން ހުރި ރަނގަޅު މަދުރަސާތަކުންނެވެ. ދަސްވެނިވީ ލަންޑަން ޔުނިވަރސިޓީގެ ސޭންޓް މޭރީ ހޮސްޕިޓަލުގެ މެޑިކަލް ކޮލެޖުންނެވެ. މީހަކީ ޕެނިސިލިން ހޯދި ސައިންސްވެރިޔާގެ ގޮތުގައި މުޅި ދުނިޔެ ދަންނަ ސަރ އެލެގްޒެންޑަރ ފްލެމިންގއެވެ.

           އަހަރުތަކެއް ފަހުން ނަބީލްގެ ދަރިކަލުން ނިއުމޯނިޔާގެ އާލާސްކަންފުޅެއްގައި އެނދުދާން މަތި ކުރެވުނެވެ. އޭނާގެ ފުރާނަފުޅު ސަލާމަތްކޮށް ދިނީ ކޮން އެއްޗެއް ތޯއެވެ؟ އެއީ ޕެނިސިލިން އެވެ. ނަބީލުގެ ނަންފުޅަކީ ތޯއެވެ؟ ލޯރޑް ރެންޑްލްފް ޗާރޗިލްއެވެ. ދަރިކަލުންގެ ނަންފުޅަކީ ތޯއެވެ؟ ސަރ ވިންސްޓަން ޗާރޗިލްއެވެ.

———————————————————————————————————–

ހަވާސާ ނޯޓު:

          މަތީގައި އެވަނީ ޑރ. ވޭން ޑަޔަރ ލިޔުއްވި “މަގުފެނުން” މިނަންކިޔާ ފޮތުން ނަގައިގެން ދިވެހި ބަހަށް އަނބުރާފައިވާ ވާހަކަކޮޅެކެވެ. ޑރ.ޑަޔަރ އަކީ ”ހިދާޔަތާއި” ހިތްވަރު ލިބެނިވި މައުޟޫޢުތަކަށް ވަރަށް ގިނަ ފޮތްލިޔުއްވާފައިވާ މަޝްހޫރު މުޞައްނިފެކެވެ. އަދި މުޤައްރިރެއް މެއެވެ.

             ޕެނިސިލިން ހޯދީ 1928 ވަނަ އަހަރުގައެވެ. މިހޯދުމާ ވިދިގެން އެލެގްޒެންޑަރ ފްލެމިންގ ވަނީ ނޯބެލްގެ އިނާމު ލިބިވަޑައިގެންނެވި ޝަރަފުވެރީންގެ ތެރޭގައި ހިމެނި ވަޑައިގެންފައެވެ. ޕެނިސިލިން މިއީ ފުރަތަމަ އެންޓިބައޮޓިކެވެ. މިހޯދުން ވީ ބޭސްވެރިކަމަށް ލިބުނު ވަރަށް ބޮޑުކުރިއެރުމަކަށެވެ. އެންޓިބައޮޓިކްގެ ޒަމާން ފެށުނީ 1940ގެ އަހަރުތަކުގައެވެ.

             ޕެނިސިލިން ހޯދުމުގެ ކުރިން ވަޅިން ކަނޑިން އުންޑައިން ނޫނީ އެނޫންވެސް ތޫނު އެއްޗެހިން ލިބޭ ޒަޚަމްތަކާ ވިދިގެން “ދަގަނޑު ވިހަ” ވެގެން މީހުން މަރުވުމީ ހިނގާ ކަމެކެވެ. އަމުދުން ހަނގުރާމައިގެ މައިދާންތަކުގައި މިއީ އާންމު ކަމެކެވެ. އަތްފަޔަށް ލިބޭ މާބޮޑެތި ނޫން ޒަޚަމްތަކުގައި ވެސް ދުޅަވެ ކުނިވުން މުޅި ހަށިގަނޑަށް ފެތުރި ފުރާނަޔަށް ނުރައްކާ ވެދާނޭކަމުގެ ބިރު އޮތް ނަމަ އަތްފައި ބުރިކުރުން ނޫން ހައްލެއް ނޯވެއެވެ. މަޝްހޫރު ފަހުލަވާނެއް އަދި ހަނގުރާމައިގެ ބަޠަލެއް ގޮތުގައި ގުނޭ އިނގިރޭސިވިލާތުގެ ރަސްގެފާނު އެއްވަނަ ރިޗރޑް “ސިންގާ ހިތް” އަވަހާރަވީ ވެސް އަތްޕުޅަށް ހެރުނު ތީރެއް ދަގަނޑު ވިހަވެ އެވިހަ މުޅި ހަށިކޮޅަށް ފެތުރުމާ ވިދިގެންނެވެ.

____________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment