އިބްރާހީމް ފައުޒީ                  އަލްފާޟިލް އިބްރާހީމް ފައުޒީއަކީ، މާލޭގެ މަޝްހޫރު ގިނަ މަދަރުސާތަކެއްގައި ޢަރަބި ތާނަ ލިޔުމާއި ދިވެހިބަހުގެ މުދައްރިސެއްގެ ގޮތުން 45 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ކިޔަވައިދެއްވި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ވަރަށްބޮޑަށް ހޯއްދަވާފައިވާ މުދައްރިސެކެވެ.              އިބްރާހީމް ފައުޒީގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “އަލްމަންހަޖު” ގެ 10 ވަނަ އަދަދުންނެވެ. އެ އަދަދު ނުކުމެފައިވަނީ، 1 ޝައްވާލު 1410 (26 އެޕްރީލް 1990) ގައެވެ. އާދެ!…

އިބްރާހީމް ފައުޒީ

          WP_20160726_23_05_20_Pro (2)       އަލްފާޟިލް އިބްރާހީމް ފައުޒީއަކީ، މާލޭގެ މަޝްހޫރު ގިނަ މަދަރުސާތަކެއްގައި ޢަރަބި ތާނަ ލިޔުމާއި ދިވެހިބަހުގެ މުދައްރިސެއްގެ ގޮތުން 45 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ކިޔަވައިދެއްވި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ވަރަށްބޮޑަށް ހޯއްދަވާފައިވާ މުދައްރިސެކެވެ.

             އިބްރާހީމް ފައުޒީގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “އަލްމަންހަޖު” ގެ 10 ވަނަ އަދަދުންނެވެ. އެ އަދަދު ނުކުމެފައިވަނީ، 1 ޝައްވާލު 1410 (26 އެޕްރީލް 1990) ގައެވެ. އާދެ! މީގެ 26 އަހަރު ކުރީންނެވެ. މި ލިޔުން، މި ސައިޓަށް ހަދިޔާކުރެއްވިކަމަށްޓަކައި އަލްފާޟިލް އިބްރާހީމް ފައުޒީއަށް ޝުކުރު ދަންނަވަމެވެ.

_______________________

                        “ކުރާށޭ ޢަމަލުތައް ޞާލިޙް ވެދާ މީޒާނުގައި ރާޖިޙް

                                                                ނުދާށޭ ނުކުމ ހުސްދެއަތާ އެދޭނަމަ ވާށަ ނިޢުމަތުގައި”

                 ޙަޔާތުގެ ޤާފިލާ ކަޑަބޮއްޖަހާ ދުވަމުންދަނީ އޭގެ ހަލުވި ދުވެލީގައެވެ. ފެށިފައިވާ ދަތުރުގެ ނިމުމާ ދިމާއަށް ދަތުރުނުކުރާ ހަމަ އެކައްޗެއްވެސް ނެތެވެ. އިންސާނުންނާއި ޙައިވާނުންނެވެ. ނަބާތާތާއި ޖަމާދާތުވެސް މެއެވެ. މިއިލާހީ ސުންނަތުން އެއްކިބާވެގެންދާ ހަމައެކައްޗެއްވެސް ނުމެނެތްމެއެވެ. މިދިގު ދަތުރުގެ ނިމުން އޮތީ ކޮން މަންޒިލަކަށްކަމެއް ކަނޑައެޅިގެން އެނގޭ ނިޔަންމަކު ނުވަތަ މާލިމީއަކުވެސް މިޤާފިލާގައި ނެތްކަހަލައެވެ. އެހެނަސް އެނގޭކަމަކީ ބޮޑުވެގެންވީ އަމާނަތެއް އުފުލުމަށް މިތަކެއްޗަށް އަދި މީގެ އިތުރަށް އުޑުތަކާއި ބިންތަކަށް ހުށަހެޅުނު ހިނދު ފަރުބަދަތަކަށްވެސް އުފުލުމަށް ކުޅަދާނަ ނުވި އަމާނަތް މިއަނިޔާވެރިކަން ބޮޑު ޖާހިލު އިންސާނާ ކޮނޑުއަޅައި އުފުލުމަށް ހިންދަމާލައިފިކަމެވެ. މިއަމާނާތާއިގެން އަމާން ބަނދަރަކަށް ދިއުމުގެ ޢަހުދު ކަށަވަރު ހިފައިފިކަމެވެ. މިކަން އަންގައިދެނީ އޭގެ ކުރިއާއި ފަހަތުން ވެސް ބާޠިލުކަމެއް ނެތް އެންމެމާތް ބަސްފުޅުތަކުންނެވެ.

               މިދެންނެވި ބަސްފުޅުތަކުގެ އަލީގައި ފާހަގަ ކުރެވޭ އަނެއްކަމަކީ ގެއްލުމާއި ހަލާކުގެތެރޭގައި ނޫނީ އިންސާނާ ނުވާކަމެވެ. މިބިރުވެރި އިންޒާރުން އިސްތިސްނާ ކުރެވޭ ޚާއްޞަ ބަޔަކު ވުމާވެސް އެކުގައެވެ. އެބަޔަކީތޯއެވެ؟ އެއީ އީމާންވެ ޞާލިޙް ޢަމަލުކުރި މީހުންނެވެ. އަދި އެގޮތުގައި ދެމިތިބުމާއެކު އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކުރި މީހުންނެވެ.

                  އީމާންވުމާއި ގުޅިގެން ޞާލިޙް ޢަމަލުކުރަންޖެހެ މަޚްލޫޤުންނަކި އުޅެންވީ ގޮތާއި ފޮތް ލިބިފައިވާ ﷲ ގެ އަޅުތަކުންނެވެ. އިންސީންނާއި ޖިންނީން ވެސް މެއެވެ. ﷲ އަށް އަޅުކަން ކުރުމަށް ނޫނީ މިދެބައި މީހުން ހައްދަވާފައި ނުވާތީއެވެ. ނެތުމުގެތެރެއިން އުފައްދަވައި ނިމުމަކަށްފަހު ދިރުމެއް ދެއްވާނެކަން ކަށަވަރުވުމުން މީޒާނަށް ބުރަވެވޭ ފަދަ ޢަމަލުތަކެއް ހޯދައިގަތް މީހުންނަކީ ޙަޔާތުގެ ޤާފިލާގެ ނިގާރަމަށް އަގުހުރި ޖަވާހިރާއި ޔާގޫތާއި މުތީ އެއްކޮށް ޖަމަޢަކޮށް ޤާފިލާ ބަރުކުރި މީހުންނެވެ. މަންޒިލް މަޤްޞޫދަށް ވާޞިލްވެވޭ ހިނދު ހުސް ދެއަތާ ނުގޮސް ނިޢުމަތާއި ބަރަކާތުން ފުރިގެންވާ ރަޙްމަތުގެ ސުވަރުގެތަކުގައި އުފާކޮށްކޮށް ތިބޭ މީހުންނެވެ.

                  އިންސާނާއަށް އޮތީ އެންމެ ތިން ދުވަހެވެ. އެއީ އިއްޔެއާއި މިއަދާއި މާދަމާއެވެ. އިއްޔެ ކުރެވުނު ހެޔޮ ޢަމަލެއް ނުވަތަ ނުބައި ޢަމަލަކާއިގެން އެދުވަސްވަނީ ފާއިތުވެ ގޮސްފައެވެ. ދެން އޮތީ މިއަދެވެ. މިއަދު މާޒީވެދިޔަ ތަނަށް ބަލައި ޙާލާއި މުސްތަޤްބަލް ބާއްޖަވެރިކުރަން މަސައްކަތްކުރާ ބަޔަކީ ބުއްދިވެރީންނެވެ. ޙަޔާތުގެ ޤާފިލާ އަމާން ބަނދަރަކަށް ގެންދާ ބަޔަކީ ވެސް ހަމައެބައި މީހުންނެވެ. ދެން އޮތްކަމަށް ހީކުރަންވީ މާދަމާއެވެ. އެއީ، އެއްވެސް މީހަކަށް އަންނާނެކަމުގެ ޔަޤީންކަން އޮތް ދުވަހެއް ނޫނެވެ.

_______________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment