“އައްސަލާމް ޢަލައިކުމް! އުފެއްދުންތެރިކަމުގެ އާ ޕްރޮގްރާމަކަށް މަރުޙަބާ!” “މިފިހާރައިގެ އާ ޚިދްމަތަށް މަރުހަބާ!” މިބާވަތުގެ ޢިބާރާތްތައް މިހާރަކަށް އައިސް ގިނައިން އެބައިވެއެވެ. މިއީ ދިވެހިބަހާ ވަރަށް ބީރައްޓެހި ޢިބާރާތެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. މިދެންނެވީ ޕްރޮގްރާމް ހަދާ ބަޔަކު އެ ޕްރޮގްރާމަށް މަރުޙަބާ ކިޔާ ވާހަކައެވެ. ޚިދްމަތްދޭ ފަރާތުން އަމިއްލައަށް ޚިދުމަތަށް މަރުޙަބާ ކިޔާ ވާހަކައެވެ. ވީމާ އެހެން ބަޔަކާ ނުބެހި އެކަން އެނިމުނީއެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެވެ. އަޅުގަނޑުމެން ދިވެހީންގެ އާދަކާދަ ހުންނަ ގޮތުން…

“އައްސަލާމް ޢަލައިކުމް! އުފެއްދުންތެރިކަމުގެ އާ ޕްރޮގްރާމަކަށް މަރުޙަބާ!”

“މިފިހާރައިގެ އާ ޚިދްމަތަށް މަރުހަބާ!” މިބާވަތުގެ ޢިބާރާތްތައް މިހާރަކަށް އައިސް ގިނައިން އެބައިވެއެވެ. މިއީ ދިވެހިބަހާ ވަރަށް ބީރައްޓެހި ޢިބާރާތެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. މިދެންނެވީ ޕްރޮގްރާމް ހަދާ ބަޔަކު އެ ޕްރޮގްރާމަށް މަރުޙަބާ ކިޔާ ވާހަކައެވެ. ޚިދްމަތްދޭ ފަރާތުން އަމިއްލައަށް ޚިދުމަތަށް މަރުޙަބާ ކިޔާ ވާހަކައެވެ. ވީމާ އެހެން ބަޔަކާ ނުބެހި އެކަން އެނިމުނީއެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެވެ.

އަޅުގަނޑުމެން ދިވެހީންގެ އާދަކާދަ ހުންނަ ގޮތުން މަރުޙަބާ ކިޔައިއުޅެނީ ބޭރުން އަންނަ މީހަކަށް ރަށުގެ އަހުލުވެރީންނެވެ. “އިއްޒަތްތެރި މެހުމާނަށް، އިއްޒަތްތެރި މެހުމާނުންނަށް މަރުޙަބާ” މިފަދަ ޢިބާރާތަކުންނެވެ. އެމީހުން ނުކުމެތިބެ އެރަށަށް މަރުޙަބާ ކިޔައެއް ނޫޅެއެވެ. ފުރައިގެންދާއިރު، މީހުން ގާތުގައި އެމެހުމާނުން ބުނެއުޅެނީ، އެރަށުން އަހަންނަށްކީ ވަރަށް ހޫނު މަރުޙަބާއެކެވެ. މިހެންނެވެ.

އެބަޔަކު އަމިއްލައަށް އެބަޔަކަށް މަރުހަބާ ކިޔުމަކީ އިނގިރޭސި ގޮތެއް ނަމަ، އަޅުގަނޑަށް އެކަމާމެދު އެއްޗެއް ދަންނަވާކަށް ނޭނގެއެވެ. އެބަހުން “ގުޑް މޯނިންގ” ކިޔައިފި ނަމަ ޖަވާބަކީވެސް “ގްޑް މޯނިންގ” އެވެ. “ގްޑް އިވްނިންގ” ކިޔައިފިނަމަ ޖަވާބަކީ ވެސް “ގްޑް އިވްނިންގ” އެވެ. “ގްޑް ނައިޓް” ކިޔައިފި ނަމަ ޖަވާބަކީވެސް “ގްޑް ނައިޓް” އެވެ. “ހަވްޑޫޔޫޑޫ” އޭ އަހައިފިނަމަ ޖަވާބަކީ ހަމަ “ހަވްޑުޔޫޑޫ” އެވެ. “ޕްލީޒްޑް ތް މީޓް ޔޫ” އޭ ބުނެފި ނަމަ ޖަވާބަކީ “ޕްލީޒްޑް ޓް މީޓް ޔޫ” އެވެ. މިއީ، “ފަސޭހަ އިނގިރޭސި” ޕްރޮގްރާމުން އަޅުގަނޑަށް އޮޅުންފިލި ބައެއް ތަކެއްޗެވެ. އެކަމަކު ދިވެހިން ބޭނުންކޮށް އުޅޭ ސަލާމުގައި “އައްސަލާމް ޢަލައިކުމް” އޭ ބުނެފިނަމަ ޖަވާބަކަށް ވާނީ ވަޢަލައިކުމުއް ސަލާމެވެ. ޙާލު ކިހިނެއްހޭ އަހައިފި ނަމަ ބުނާނީ ޙާލު ރަނގަޅެވެ. މިކަހަލަ ގޮތަކަށެވެ. އަޅުގަނޑު ދަންނަ ގޮތުގައި ކަމަކަށް ނުވަތަ ތަނަކަށް މަރުޙަބާ ކިޔާ ނަމަ މަރުޙަބާ ކިޔާނީ އެކަމުގެ މީހުންނެއް ނޫނެވެ. ނުވަތަ އެތަނުގެ މީހުންނެއް ވެސް ނޫނެވެ. އެކަމާ ނުވަތަ އެތަނާ ދުރުގައި ތިބި ބައެކެވެ. ދިވެހިބަހާ ބޭރުބަސްބަހާހުރި އެހެން ތަފާތެއް ވެސް މިވަތުގު ހިތަށް ވަދެއްޖެއެވެ. އެއީ ބޭރުބަސްބަހުން މާދަމާ އަންނާނަންހޭ ބުނަންވާ ބައެއް ތަންތާނގައި ދިވެހިބަހުން ބުނެއުޅެނީ ދާނަންހެއްޔޭ މިހެންނެވެ. މިދެންނެވީ ތިމާހުރި ހިސާބާ ދުރުތަނަކަށް ނަމަ އެބަސް ބޭނުންކޮށް އުޅޭ ގޮތުގެ ވާހަކައެވެ. “މާދަމާ ސްކޫލަށް އަންނާނަންހޭ”، މާދަމާ ބޯޅަދަނޑަށް އަންނާނަންހޭ؟” ދިވެހިބަހުން އަހައެއް ނޫޅެއެވެ. ތިބި ހިސާބަށްވުރެ އެތަންތަން ދުރުނަމަ ބުނެއުޅެނީ، “މާދަމާ ސްކޫލަށް ދާނަންތަ؟” މިހެންނެވެ. ވީއިރު، މިދެބަހުގައި ވަރަށް ބޮޑަށް ފަރަގު އެބަހުރިތާއެވެ! މިފަދަ ބަސްބަސް ދިވެހިބަހުން ބުނަންޏާ، ނުވަތަ ބޭނުން ކުރަންޏާ އަޅުގަނޑު ދެކޭ ގޮތުގައި ބޭނުންކުރަންވާނީ ދިވެހި ގޮތަށެވެ. ދިވެހިންނަށް އެނގޭގޮތަށެވެ.

މިހާރު މަރުޙަބާ މިކިޔޭ ގޮތުން އަޅުގަނޑަށް މިކަން ވައްތަރުވަނީ މާއްޑޫ ދޮއްޓޯބޭގެ ދަތުރުގެ ވަނަވަރު އެހުމާއެވެ.

ދޮއްޓޯބެ ފައިނަށް ދިޔަ ދަތުރެކެވެ. ރަށަށް ލަފާ ދޯނީގެ ފުށުވާ އައްސަންވެގެން ކަނިގަނޑާއި ވަލާ ހިފައިގެން ދޯނިން ރާޅުޖަހާފަށަށް އޭނާ ފުންމާލައިފިއެވެ. އެއްގަމަށް އެރިއިރު އެރަށު މުދިންބެ އެއްގަމުން މިދިމާއަށް ދުރުވާތީ ފެނެއެވެ. މުދިންބެ ދުރުވެ މީނައާ އަރާ ހަމަވިތަނާ ފުށުވާ އައްސަމުން އައްސަމުން ދޮއްޓޯބެ އަހައިލިއެވެ. “ކޮން ދަތުރެއް؟” މުދިންބެ ހައިރާން ވެއްޖެއެވެ. މުދިންބެގެ ނަޒަރުގައި މިއީ މުދިންބެ ކުރަންވީ ސުވާލެކެވެ. ނަމަވެސް ސުވާލުކުރީ ރަށަށް އައި މީހާއެވެ. ދޮއްޓޯބެ ވެސް ވީ ހައިރާނެވެ. މުދިންބެ އެއްޗެއް ނުބުނުއްވީމައެވެ. މިވީ ގޮތަކީ ކޮބައިތޯއެވެ؟ ދޮއްޓޯބެއަށް އެނގޭވަރަކީ “ކޮންދަތުރެއް” މިސުވާލަކީ ކޮންމެވެސް މީހަކު ކޮންމެ ދަތުރެއްގައި ވެސް ކޮށްއުޅޭ ސުވާލެއްކަމެވެ. ކުރަންވީ ކާކުކަމެއް ނޭނގެއެވެ.

ޕްރޮގްރާމް ހުށަހަޅާ ފަރާތުން ޕްރޮގްރާމަށް މަރުޙަބާ ކީމާ، ނުވަތަ ޚިދުމަތްދޭ ފަރާތުން ޚިދުމަތަށް މަރުޙަބާ ކީމާ، އަޅުގަނޑަށް ވަނީ މިކަހަލަ ގޮތެކެވެ. އޭގައި ޕްރޮގްރާމް އަޑުއަހާ މީހުން ނުވަތަ ބަލާމީހުން ކުރަންވީ ކަމެއް ނެތެވެ. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީންނަށް ވިސްނޭނީ ދިވެހީންނަށް ކަމުދާނީ ‘އުފެއްދުންތެރިކަމުގެ ޕްރޮގްރާމުގެ އަހުލުވެރިނަށް މަރުޙަބާ” ނުވަތަ “މިޕްރޮގްރާމް އައްސަވާ ބޭފުޅުންނަށް މަރުހަބާ” މިހެން ކިޔުމުންނެވެ. ހަމައެފަދައިން “މިތާނގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް މަރުޙަބާއޭ” ބުނުމުންނެވެ.

         ދިވެހިންނަށް ރަނގަޅީ ދިވެހި ގޮތޭ

            ދިވެހިންގެ ބަހަށް ކަމުދާނެ ގޮތޭ

               ދިވެހިންނަށް އެހުމަށް އޮތް ސާފު ގޮތޭ

                    ދިވެހިން ލިޔުމަށް އޮތް ރީތި ގޮތޭ

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment