ރޯދަމަހާ ދިމާކޮށް ދިވެހީން ތަފާތު ރޮނގުރޮނގުން ތަފާތު އެތައްކަމެއް ކުރެއެވެ. އޭގެތެރޭގައި ގޭގެތަކެތި ދޮވެ ތާހިރުކުރުމާއި އަދި  މިހާރަކަށް އައިސް ގޭގެ އެކިއެކި ބައިބައިގައި ތަފާތު ކުލަލުމާއި ކުރަންޖެހިފައިހުންނަ ބައެއް މަރާމާތުކޮށް ނިންމުމާއި މިފަދަ އެތައްކަމެއް ހިމެނެއެވެ. އޭގެ އިތުރަށް ބައެއް ތަކެތި ބާވީކަމަށް ބަލައި، އެތަކެތި އުކާލައި، އޭގެ ބަދަލުގައި މުޅީން އައު ތަކެތި ގަނެ ވެސް ހަދައެވެ. މިއީ ގެދޮރާ ބެހިގެން ކޮށްއުޅޭ ބައެއް ކަންތަކެވެ. އިވިފައި އޮންނަ ގޮތުގައި ބައެއް ރަށްރަށުގައި މޫދަށް…

ރޯދަމަހާ ދިމާކޮށް ދިވެހީން ތަފާތު ރޮނގުރޮނގުން ތަފާތު އެތައްކަމެއް ކުރެއެވެ. އޭގެތެރޭގައި ގޭގެތަކެތި ދޮވެ ތާހިރުކުރުމާއި އަދި  މިހާރަކަށް އައިސް ގޭގެ އެކިއެކި ބައިބައިގައި ތަފާތު ކުލަލުމާއި ކުރަންޖެހިފައިހުންނަ ބައެއް މަރާމާތުކޮށް ނިންމުމާއި މިފަދަ އެތައްކަމެއް ހިމެނެއެވެ. އޭގެ އިތުރަށް ބައެއް ތަކެތި ބާވީކަމަށް ބަލައި، އެތަކެތި އުކާލައި، އޭގެ ބަދަލުގައި މުޅީން އައު ތަކެތި ގަނެ ވެސް ހަދައެވެ. މިއީ ގެދޮރާ ބެހިގެން ކޮށްއުޅޭ ބައެއް ކަންތަކެވެ. އިވިފައި އޮންނަ ގޮތުގައި ބައެއް ރަށްރަށުގައި މޫދަށް ގޮސް ގޭގެ ބައެއް ތަކެތި ދޮވެ އެތަކެތި ހިފައިގެންދާ މީހުން ވެސް ގައިންތާހިރުވެ ހަދައެވެ.

ގެދޮރުގެ ކަންތައްތައް ފިޔަވާ ލާން ގެންގުޅޭ ހެދުމާއި އަރަން ގެންގުޅޭ ފައިވާނަށް ދަންދެން ބަދަލުކުރެއެވެ. ނަމަވެސް މިފަހަރު ބަޔާންކުރަން މިއުޅެނީ ހެދުމުގެ ބައެއް ނޫނެވެ. ހެދުން ފަހަން ފޮތި ގަންނަން ދިޔަ ބައެއްގެ ވާހަކައެވެ. އެއީ ދެމަފިރީންނެވެ. ހެޔޮލަފާ ސުލްހަވެރި ދެމަފިރީންނެވެ. ރީތިކޮށް އެކުވެރިކަމާއި ލޯތްބާއެކު ދިރިއުޅޭ ދެމަފިރީންނެވެ.

ހެދުން ކަނޑަން ފޮތިގަނަން މި ދިޔައީ މަޝްހޫރު ފޮތި ފިހާރައަކަށެވެ. ފޮތި ބޭނުން ވެގެން މި އުޅެނީ އަންހެނުންނަށެވެ. މިހާރު އަންހެނެއްނަމަ ގަންނަ މިޖެހެނީ ކަޅު ފޮއްޗެވެ. އެއީ އަންހެނުންނަށް ކަމުގެ އިލްމުވެރިން ދެއްކެވި މަގު ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ކަޅު ފޮތި ގަންނަން ފޮތިތައް ބަލަމުން ބަލަމުން ދެމަފިރިން ހިނގަމުން ހިނގަމުން ގޮސް ރަނގަޅު ގަޔާވާ ކަޅު ފޮތިތަކެއް ހުރި ތަނެއް އެފިހާރައިން ފެނިއްޖެއެވެ. މިހެންވެ އެތަން ފާހަގަކޮށްގެން އެތަނަށް ގޮސް ތިބެ، ފޮތީގެ ފޭރާމާއި މޮޅުދެރަ ވަޒަންކޮށް އަތުން އެތަކެތީގެ ޚަބަރު ބަލަމުން ގެންދިޔައެވެ. މިކަމުގައި އުޅެމުން އުޅެމުން ގޮސް އަންހެނުންނަށް ތަންކޮޅަކަށް ދުރަށް ދެވިއްޖެއެވެ.

ފިރިމީހާއަށް މިހިސާބުން މިފެނުނު ފޮތި ރަނގަޅުކަމުން ފަހަރަކު ފޮތިގަނޑެއްގައި އަތްލައި ، ޚަބަރު ބަލަމުން ގެންދިޔައެވެ. އެ ހިސާބުން ކުލަ ރީތި އަދި އޮފުހުރި ފޮތިގަނޑަކާ ދިމާވެއްޖެއެވެ. ހިތަށް އެރިއެވެ. “އަންހެނުން މިތާނގައި ހުރިނަމަ އެންމެ ކަމުދިޔައީހީ މި ފޮތިގަނޑެވެ. ހަމަގައިމެވެ.” މިހެންވެ އޭނާއަށް ގޮވައިލަން ބަލައިލިއިރު ތަންކޮޅެއް ދުރުގައި ހުރީމާ ގޮވާލެވޭގޮތެއް ނުވިއެވެ. އެހެންނަމަވެސް މި ފޮތިގަނޑުން އަތް ދޫކޮށްލާހިތެއް ނުވިއެވެ. އެއީ ތަންކޮޅެއް ދުރަށް ދާއިރަށް މިތަން ފަހަރުގައި ފާހަގަ ނުކުރެވިދާނެތީއެވެ.

އިރުކޮޅަކުން މިފޮތިގަނޑަށް މާދެރަގޮތެއް ވާން ފަށައިފިއެވެ. އެއީ އެ ތާނގައި އެލުވާލައިފައިހުރި އެހެން ފޮތިތަކަށް ވާގޮތެއް ނޫނެވެ. މަޑުމަޑުން ހަރަކާތް ކުރަނީއެވެ. ހީވަނީ ކޮންމެވެސް ދިމާއަކަށް ދާން އުޅޭ ހެންނެވެ. އެކަމަކު މިއީ ވެގެންވާނޭ ގޮތެއް ނޫނޭ ހިތަށް އެރިއެވެ.

މާތް ކަލާކޯއެވެ! ވެގެން މިއުޅޭ ގޮތަކީ، އެ ފޮތިތަކުގެތެރޭގައި ހުރީ މޫނާއި އަތްފައި ފޮރުވައިގެން އުޅޭ އަންހެން ކުއްޖެކެވެ. މި ހިފެހެއްޓިގެން އުޅެނީ އޭނާ ލައިގެންހުރި ކަޅުފޮތީގެ ހެދުމުގައެވެ.

____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment