000އެސް.އެލް.ޓީ އެސް.އެލް.ޓީ. އަކީ، ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ.) ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ. މި ލިޔުން ނަކަލުކޮށްފައި މިވަނީ، ދުވަހުނޫސް “މޫންލައިޓް” ގެ 1971 ނޮވެންބަރު މަހުގެ 25 ން ފެށިގެން 30…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އެސް.އެލް.ޓީ

އެސް.އެލް.ޓީ. އަކީ، ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ.) ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ.

މި ލިޔުން ނަކަލުކޮށްފައި މިވަނީ، ދުވަހުނޫސް “މޫންލައިޓް” ގެ 1971 ނޮވެންބަރު މަހުގެ 25 ން ފެށިގެން 30 އަށް ނުކުތް ނޫސްތަކުންނެވެ.

_________________

އެދުވަހު ބައެއް މީހުން ދަރިން ލިބި، ލިބޭ ކޮންމެ ދަރިއެއް ޅައިރުގައި މަރުވަމުން ގޮސް ދަރިން ބޮޑުނުވާން ފަށައިފިނަމަ އަދި ދެތިން ހަތަރު ދަރިން ނުވަތަ އެއަށްވުރެ ގިނައިންވެސް ލިބި ދަރިން މަރުވާނަމަ، އެހެން އުޅެނިކޮށް އަނެއްކާވެސް ދަރިޔަކު ލިބުނީމާ އެ ދަރިއަކަށް ނަންކިޔަނީ “މުޅޯށި” ނުވަތަ “ގޮނުއަށި” މިހެންނެވެ. މީގެ ޚުލާޞާއަކަށް ހަދައިގެން އުޅެނީ އެހެން ގިނައިން ދަރިން މަރުވަނީ އަންހެން މީހާޔާ ކޮންމެވެސް ވިގަންޏެއް ފާވެފައި ހުންނާތީއެވެ. އެހެންވީމާ، އާދަމުގެ ދަރިންނަށް ކިޔާ ނަންކީމާ، ވިގަންޏަށް އެނގި، އެ ދަރިން ތިއްބަނުދެނީއެވެ. ފަނުން ވިޔެފައި ހުންނަ އެބާވަތުގެ ތަކެތީގެ ނަންނަންކީމާ، ވިގަންޏަކަށް ނޭނގޭނެއެވެ. ކޮންމެއަކަސް މިފަދަ ނަންތައް ކިޔައިގެން އުޅުނީ ރާއްޖެތެރޭގައެވެ. މިގޮތުން ދާދިފަހާ ޖެހެންދެންވެސް ށ. އަތޮޅުގެ ރަށްރަށުގައި “މުޅޯށި” ނަމަކަށް ކިޔާފައިވާ މީހަކު ހުއްޓެވެ. އަދި މިހެން ދިމާވާ މީހުންގެ ދަރިންނަށް “މަރުދުރު” މިހެންވެސް ނަންކިޔާ އުޅުމަކީ އާދައެކެވެ.

“މަތިފުށްކަނީ” އެދުވަހު ބައެއް މީހުންނަށް ދަރިން ލިބި، އެދަރިންގެ ދަތްފަޅާ ދުވަސްވަރު ފުރަތަމަ މަތިން ދަތް ފަޅައިފިނަމަ، އެއީ ވަރަށް ސުންޕާ ކަމެކެވެ. މަތިފުށްކައި ހުސްކޮށްފާނެޔޯލައެވެ. އެގޮތަކީ ކުއްޖެއްގެ މަތިން ފުރަތަމަ ދަތް ފަޅައިފިނަމަ، އެ ކުއްޖެއްގެ ބައްޕައާއި މަންމައާއި، އެކުއްޖެއްގެ ޢާއިލާގެ މީހުން މަރުވަނީޔޯއެވެ. އެދުވަހު އެގޮތް ދިމާވާކަމަށް ގިނަ މީހުން އެއްބަސްވެއެވެ. މިހެން ދިމާވެއްޖެނަމަ، މަތިފުށް ސަލާމަތް ކުރުމަށް ކުރާ ކަމަކީ ދަތްފެޅުމާއެކު، އެކުއްޖަކު ގޮވައިގެން ފޯދިފައި ހުންނަ ރުކެއްގެ ކައިރިއަށް ގޮސް އަނގަ ހުޅުވައި، ކުއްޖާގެ އެ އަލަށް ފެޅި ދަތް ރުކުގައި ޖައްސައި، ފުށްކިބައިގައި ހިފާ ބާރުކޮށް، ކޮންމެވެސް ގޮތަކުން އެކުއްޖާގެ އަނގައިތެރެއަށް އެ ރުކުގެ ކުނޑިކޮޅެއް ނަމަވެސް އަންނަގޮތެއް ހަދާފައި ބުނަނީއެވެ. މަތިފުށް ނުކައި ރުއްކާށެވެ. މިހެންބުނެ އެ ރުކަކީ ސަބީލަ ރުކަކަށް ހަދަނީއެވެ. އެކުއްޖެއްގެ ފަރާތުން އެރުކުގެ ތަކެތި ބޭނުންނުކުރަނީއެވެ. ރުކެއް ނެތްނަމަ ރުކެއް ގަނެގެންވެސް މިހެން ހަދައެވެ.

“ކުރުއްޕަތްދަށަށް ބޯށި އަތުވެއްޖެ”: ކެޔޮގަހަކުން ބޯށި އައިސް އެލޭއިރު ބޯށި އަންނަންވެގެން ބޯށްޓާއެކުއެކުހެން ނިކުމެފައި ހުންނަ ކުރުއްޕަތް (އެއީ ކުރުފަތެވެ) މި ފަތް ދަށަށްވާގޮތަށް އެ ފަތްމައްޗަށް ބޯށި އެލިއްޖެނަމަ އެއީ މާ ސުންޕާ ބިރުހުރި ކަމެކެވެ. ޝައްކެއްނެތެވެ. އެގޭގެ އަންހެންމީހާ ނުވަތަ ފިރިހެންމީހާ ނުވަތަ މިނޫންވެސް އެގޭގެ ރަނގަޅު މީހަކު މަރުވެދާނެއެވެ. މިކަމަށް ހަދާގޮތަކީ ކުރުއްޕަތް ރީތިކޮށް ކަނޑާލައި، ބައެއްފަހަރު ގަސްވެސް ކަނޑާލައި، އެދުރަކު ގެނެސްގެން ގޭގެ އެފަދަ މީހުން ދާއިރާ ކުރަނީއެވެ. އެއީ ފަންޑިތަ ހަދާ އެމީސްމީހުންނަށް ތަށި ބޯންދީ ބަޑިބަޑިއަށް ލާފައި ބޮޑެތި ތަވީދުއަޅައި މިފަދަ ކަންތައްތައް ކުރަންޖެހެއެވެ. ދެން އެއްކަލަ ނިޔަފަތިކޮޅާއި، އިސްތަށިކޮޅާ، އެ ހިކިގެން ވެއްޓުނު ފޫޅާ ގެނެސް ބާއްވައި، ވާހާބޮޑު ކާށްޓެއް ހޯދައި، މި ކާށި ތިންގަނޑު ބޮނތްބަށް ވާގޮތަށް ހެހި، ކާށި ނަގާފައި، ބޮނބިގަނޑުގެ ތެރެއަށް ރޯފަތްކޮޅަކަށް އެއްކަލަ އެތިކޮޅުލާފައި ބޮނޑިގަނޑު ތެރޭގައި ބާއްވާފައި، ތިންއަރި ރީއްޗަށް ހިމުންކޮށް ޖައްސައި، ވާތީރޯނުން ކާށި ރަނގަޅަށް ވެހާލާފައި ނުވަތަ ބާރަށް ބަނދެ ހަދާފައި، ގޭގެ ވަހުގައި އެލުވަނީއެވެ. މިކަމުގައިވެސް އެދުރެއްގެ ފަންޑިތަ ހުރެއެވެ. އެކި ގޭގޭގައި، ވިހާ ކުދިންގެ ޢަދަދު މިހެން ހުންނަ ބޮނބިކާށިތައް ގުނާލީމާ އެނގެން ހުންނާނެއެވެ. މިއީ އެދުވަހުގެ އާދައެކެވެ. މިކަން މިގޮތަށް ނުކޮށްވާކަށް އޭރަކު ނޯވެއެވެ.

“ގައިކޮޅުގައިގާދުރު” މިއީ އަބަދު ކިޔަންޖެހޭ އެއްޗެކެވެ. މިހެން ކިޔަންޖެހެނީ ރޭގަނޑު ބޭރަށް ފެންފޮދެއް އުކާލާ ވަގުތު، އެއްޗެއް އެއްލާލާ ވަގުތު، ކުޑަކަމުދާން އިށީންނަ ވަގުތު، ކުޅުޖަހާ ވަގުތު  އަރިދަފުސްފޮޅާ ވަގުތު، މިކަހަލަ ވަގުތުތަކުގައެވެ. މިފަދަ ވަގުތުތަކުގައި “ގައިކޮޅުގައިގާދުރު” ކިޔުމަށް އަންގަނީ، ބުނެދެނީ މައިންބަފައިންނާއި، ބަލާބޮޑުކުރާ މީހުންނާއި، އެދުރުންނެވެ.

ސަބަބެއް ކަމަށް އަންގަނީ، ރޭގަނޑު އަބަދުވެސް ގަސްގަހުގެ ހިޔަލުގައި، އަސްކަނިދޮށުގައި ހަނޑަސްބުރީގައި އެކިފާޑުގެ ރޫޙާނީ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެއިން ފަރާތަކަށް އުކާލާ އެއްޗެއް ނުވަތަ އުކާލާ ފެންފޮދެއް، ކޯ ދޮންނަ ފެންފޮދެއް، ޖަހާ ކުޅުގަނޑެއް، އަރިދަފުސްކޮޅެއް ދިމާވެއްޖެނަމަ، އެ ރޫޙާނީ އެއްޗެއް، އެކަން ކުރި މީހަކު ބަލައިގަނެ، އެމީހަކަށް ފޮށި، ފާވެގެން، ދިމާކޮށްގެން އުޅޭނެ ކަމަށެވެ.

އެހެންވެއްޖެނަމަ، އެކަން ކުރި މީހަކަށް، އެކިފާޑުގެ ބަލިތައް ޖެހި، ގެއްލުން ލިބޭނެއެވެ. އެއީ ބޮލުގައި ގަދަޔަށް ރިއްސައިގަތުން، އެކި ތަންތަނަށް ތަދުއެރުން، ލޯ އަނދިރިވުން، ބޭރަށް ހިންގުން، ހޮޑުލުން، ތަންތަން ދުޅަވުން، ނާރުއަރައި އޮރިވުން، މިބާވަތުގެ އެތަކެއް ފާޑުގެ ބަލިތައް ކުއްލިކުއްލިއަށް ޖެހި، ބަލިވަރުއަރާ، މިބާވަތުގެ ކަންތައްތައް ދިމާވުމެވެ.

މިދެންނެވިފަދަ ރޫޙާނީ ފަރާތްތަކަށް ކިޔާ ނަންތަކަކީ ބަޑިއެދުރު ކަލޭފާނު، ބަޑިފެރޭތާ، އެދުރުކަލޭގެފާނު، ކިރުފެލިހުނި ޙުސައިން ކަލޭގެފާނު، ދޯގިޔާހާ ކަނބުލޭގެފާނު، ހާމުންޑި، ކިއްސަށްދެއްވި، މުޅަދެވި ބުއްޑެވި، ރެއްސި، އޮޑިވަރު ރެއްސި، ދޯގި، އޮޑިދަށު ދޯނި، ކުޑަފޫޅު، ހަންޑި، މުއުމިނު ޖިންނި، ކާފަރު ޖިންނި، ވިގަނި، ކަންވިގަނި، މިފަދަ ނަންތަކެވެ. މީގެތެރޭގައި އެކި ނަންނަމުން އެކިފާޑުގެ ބަލިތައް މީހުނަށް ޖައްސައި، ބައެއްފާޑުގެ ފަރާތުން މީހުން މޮޔަކުރުވައި، ކުއްލިއަކަށް މަރުވެ، އަންހެނުން ވިހާ ދަރިން ދުނިޔޭގައި ނޫޅެ، ބައެއް މީހުން ބަލިވެއިނުމަށްފަހު މާބޮޑު ބަލިޖެހި، ދަރި ފައިބާ، މިފަދަ އެތަކެއް ތަފާތު ގެއްލުންތައް އެފަރާތް ފަރާތުން މީހުނަށް ޖައްސައެވެ.

އެޒަމާނުގައި ބުނާގޮތުގައި މީގެތެރޭގައި، އެންމެ ނުރައްކާތެރި ބޮޑު ގެއްލުން ކުއްލިގޮތެއްގައި މެދުވެރިކުރަނީ “ވިގަނީ”ގެ ފަރާތުންނެވެ. “ވިގަނި” ހުށަހެޅުނީމާ ވާގޮތަކީ ކުއްލިއަކަށް މީހާއަށް އަރާ ވާގިއަރާ ދަތްޕިލާޖެހި، އަބަދުހެން ކުޑަކަމު ބޭރަށްދެވި، އެއްފަރާތަށް ކަނދުރާ ކުރުވެ، މޫނުމަތި ކަޅުވެފައި އަށެއްކަ ގަޑިއިރުގެ ތެރޭގައި މަރުވަނީއެވެ.

އެޒަމާނުގައި ދެން ބުނެވޭގޮތުން ދެން “ވިގަނީ”ގެ އަނެއް ނުރައްކަލަކީ ރަށުތެރޭގައި ބޭރަށް ހިންގުމާއި، ހޮޑުލުމާޖެހި، ރާސްއަޅާފައި މީހުންތައް މަރުވުމެވެ. މިގޮތުން އެންމެ މަތީ ދަރަޖައަށް ދިޔައިމާ އެންމެފަހުން ވާކަމެއް ކަމަށް ބުނަނީ “ވިގަނި” ދުނިއަޅަނީއެވެ. “ވިގަނި” ދުނި އަޅައިފިނަމަ، ދުނި ސީދާވި ދިމާއެއްގެ މީހުންތައް މުޅިން މަރުވެ، އެރަށެއްގެ އެހިސާބުގަނޑު މުޅިން ފަޅުވެދެއެވެ. ވަރަށްމޮޅު ފަންޑިތަވެރި އެދުރަކަށް މެނުވީ “ވިގަނީ” ގެ އުނދަގޫ ނައްތައެއްނުލެވޭނެއެވެ. “ވިގަނީ”ގެ އުނދަގުލަކީ، އެންމެން ބިރުގަންނަ، އެންމެން ޙައިރާންވާވަރުގެ ކަމެކެވެ. “ވިގަނީ” ދުނިއަޅައިފިނަމަ މުޅީން ގޮތް ހުސްވީއެވެ.

“ބަޑިއެދުރުކަލޭގެފާނު” މިއީ ވަރަށްގިނަ ފަރާތްތަކަށް ބާރު ހިނގާ ނުފޫޒުގަދަ ސާހިބެއް ކަމަށް ބުނެވެއެވެ. މީނާގެ ފަރާތުގެ ކަންތައްތަކަކީ، ޅަފުރާގެ އަންހެނުންގެ ގައިން ފޮޅުނެގުން، ކަސްނެގުން، ހުރިހާ ޢުމުރެއްގެވެސް އަންހެނުންގެ ކަށިމަތީގައި ރޯނެގުން، އިރުއޮއްސޭ ވަގުތު އަންހެނުން ގަނޑުވުން، ވައިލެއްވުން، މުލިހި ނެގުން، ތަންތަނުން ގަނޑު ނެންގުން، އެތަކެއް ދުވަސް ވަންދެން ހުންނުފިލާ ބެހެއްޓުވުން، މިބާވަތުގެ ކަންތައްތަކެކެވެ. ނުފިލާ ފާރު ހެދިފައި ހުންނަ އަންހެނުން ތިބޭ ތަންތަނަށް ދަންވަރު ދުރުވާ ކަމަށްވެސް ބުނެއެވެ. ގިނަފަހަރަށް ފެންނަނީ ހެޔޮވަރު އިސްކޮޅެއްގެ، ހެޔޮވަރު ރޫފައެއްގެ ބޭކަލެއްގެ ގޮތުގައެވެ. އެފަދަ ތަންތަނަށް ވަންނަވާއިރު އެދުރުކަލޭގެފާނުންގެ ބަޑި ބޭރުގައި ބަހައްޓަވަޔޯލައެވެ. އެޒަމާނުގައި އެދުރުކަލޭފާނު އުޅުއްވާ ތަންތަން ކަމަށް ބުނަނީ ރަތްކަނދޮޅު ހެދިފައި ހުންނަ ތަންތާނގައްޔާއި، ބުރުޒުތަކުގެ ތެރޭގައްޔާއި، ބޮޑެތި ގަސްގަހުގެ ކައިރީގައްޔާއި، ކުނިގޮނޑުތަކުގެ މަތީގައްޔާއި، ވަލުތެރޭގައްޔާއި، މިފަދަ ތަންތާނގައެވެ.

“ކިރުފެލިހުނި ޙުސައިން ކަލޭގެފާނު” މިއީވެސް މިބާވަތުގެ ބޭކަލެކެވެ. އަދި ބުނެވެނީ މި ދެނަމަކީ އެއް ބޭކަލެއްގެ ދެނަން ކަމަށެވެ. “ބަޑިފެރޭތާ” އަކީވެސް މީނާގެ ނަންފުޅެކެވެ.

“ދޯގިޔާހާކަބުލޭގެފާނު” މިއީ ބަޑިއެދުރު ކަލޭގެފާނުގެ އަނބިކަނބަލުން ކަމަށް ބުނެވެއެވެ. ރޭގަނޑު އުކާލާ އެއްޗެއް، ކުޅެއް، އަރިދަފުސްފޮދެއް، މިފަދަ އެއްޗެއް މި ކަނބުލޭގެފާނާ ސީދާވެއްޖެނަމަ، ބަޑިއެދުރު ކަލޭގެފާނުގެ ފަރާތުން އެފަރާތަކަށް ހިމަނައިގަތުމަށް ކުޅަދާނަނުވާފަދަ ބަލިތަކާއި ކަންތައްތައް މެދުވެރިކޮށްފާނެއެވެ. “ގައިކޮޅުގައިގާދުރު” ކިޔާފައި އެފަދަ ކަމެއް ކޮށްފިނަމަ، އަމާންވީއެވެ. ގެއްލުމެއް ނުލިބޭނެއެވެ.

“ހާމުންޑި” ފެންނަ ފަހަރަކު ފެންނަނީވެސް ފިޔޮއްތަކެއް ގޮވައިގެން އުޅޭ ބޮޑު ކުކުޅެއްހެންނެވެ. ގިނައިން ފެންނަ ކަމަށް ބުނަނީ ކަޅުފޮއި ރޭރެއަށެވެ. އަލިރޭރެއަށްވެސް ދަންވަރު ފެނިދާނެއެވެ. ފިޔޮއްތަކާއި މައިކުކުޅު ގޮވާއަޑުވެސް އިވޭނެއެވެ. “ހާމުންޑި” އަވަލައިގެންފި ގެއެއްގައި އުޅެން ފަށައިފިނަމަ، އެ ގެއެއްގައި ކުޑަކުދިން އާލާއެއްނުވާނެއެވެ. އެފަދަ އުކާލާ އެއްޗެއް، ކުޅެއް، ހާމުންޑިއަށް ސީދާވެއްޖެނަމަ، ގެއްލުން ގިނައިން ލިބޭނީވެސް އެމީހަކާ ބެހޭ ޅަކުދިންނަކަށެވެ. ބައެއްފަހަރަށް އެމީހަކަށްވެސް މޭ ގުޑުގުޑުއެޅުން، ހިތްބިރުގަތުން ދިމާވެދާނެއެވެ.

“ކިއްސަށްދެއްވި، މުޅަދެވި، ބުއްޑެވި”  މިއީ ކަނޑައެޅިގެން ހުރި ތިންފަރާތެކެވެ. ގެއްލުންދެނީވެސް ދާދި އެއްފާޑަކަށެވެ. މިއެތެރެއިން ކިއްސަށްދެއްވި އެކަނި އެއްކަމެއް ކުރައްވައެވެ. އެއީ މާބަނޑު އަންހެނުންގެ ބަނޑުގައި ރޮނގުރޮނގަށް ވަކިދެމުމެވެ. މިހެން ވަކި ދަމައިފިނަމަ، އެތަން ހުންނާނީ ހުދުކޮށެވެ. އުނދަގުލަކީ އަވަސްއަވަހަށް މަދުމަދުން ކުޑަކަމުދެވުން، ކޮންމެވެސް އެއްފަރާތަކަށް ބަނޑުގެ ތަދެއް އެރުން، ވިހެއުމުގެ ވަގުތު ކައިރިވަމުން އަންނަ ދުވަސްވަރު ކުލަ ތަފާތު ތެތްކަމެއް އިތުރުވަމުން އައުން، މިފަދަ  ކަންކަމެވެ.

ދެންހުރީ، ތިންނަމާ ގުޅޭގޮތުން ދިމާވާ ކަންތައްތަކެވެ. އެއީ ފޮއްސިވުން، ރީނދޫވުން، ބަނޑު ބޮޑުވުން، ބައެއް ދުވަސްވަރު ބަނޑުހިކުން، ބައެއްފަހަރަށް ބަނޑުދިޔާވެފައި ހުރުން، މަހާނަމައްޗަށް އަވިއަރާ ވަގުތު ނިދިއައުން، (އެވަގުތަކީ އިރުއަރާ އަށަކުން ނުވަޔަކާ ހަމަޔަށެވެ.) ބަރުހެލިވުން، އުކުނޑި ކޮށްޓުން، މީގެތެރޭގައިވެސް ތަންތަން ދުޅަވުން، އައްސިވުން، ދަންވަރު ފެންބޮވުން، ރަނގަޅަށް ނުނިދުން، ކަކުލުކޮޅު، އުޅަނބޮށި، ފައިގެ ކުޑަހުޅު ކައިރީ ތަންތާނގައި ފާރުހެދުން، “އަނގަފާރު އެޅުން” މިބާވަތުގެ އުނދަގޫތަކެވެ.

“ރެއްސި، އޮޑިވަރު ރެއްސި” މިއީ ކަނޑާއި ގޮނޑުދޮށުގެ ދެބޭކަލެކެވެ. މަސްބޭނުމުގެ ތެރޭގައި، އޮޑިޔާ މަހާނުވުން، އޮޑި ކައިރިއަށް މަސް އަޔަނުދިނުން، ރޭގަނޑު އޮޑި ދުއްވާއިރުގައި އޮޑިދަށުން ރެދަން ދެއްކުން، ކެޔޮޅުގެ ބޮލުގައި ރިހުން، ކެޔޮޅު އާފުރުން، އެންފިލި ކެޔޮނުދިނުން، ގޮނޑުދޮށުން މީހުންގެ ތަންތަނަށް ތަދުއެރުން، މިގޮތުން ހުންއައުން، ހުން ނުފިލާ ލަސްވުން، މީހާ ހިކުން، ވިހަދަނޑި ނެގުން، ރެއްސީގެ ފަރާތުން މިބާވަތުގެ ކަންތައްތަކެއް ހުންނަކަމަށް ބުނެއެވެ.

“ދޯގި، އޮޑިދަށުދޯގި” މީވެސް ދެބޭކަލެކެވެ. އުނދަގޫތަކަކީ ބަނޑުގައި އެތިގަނޑު ހެއްދުން، ތަންތަން ދުޅަވުން، މީހާ ހިއްކުން، ބަނޑަށް ތަދުއެރުން، ދެދޭތެރެއިން ބޭރަށް ހިންގުން، މީހުންގެ ގައިން ވިހަނެންގުން، ބަރުހެލިވުން، މިބާވަތުގެ ކަންތައްތަކެވެ.

“ކުޑަފޫޅު” މިއީ ބުނާގޮތުގައި ތިރީބުރި ކުރު، މަތީބުރި ދިގު، ބުރަކަށީގައި މަސްގިނަ، މޭ ހިކިކޮށް ދައްކާ، އަބަދު ހެވިފައި ހުންނަ ލޯކުޑަ ބޭކަލެކެވެ. އުނދަގޫތަކަކީ ބަނޑަށް، އަރިކަށްޓަށް، ފޫޅަށް ކެތްނުކުރެވޭވަރުގެ ތަދުއެރުވުން، މިތަދުގައި ތެޅިފޮޅި ހަޅޭއްލާއުޅޭވަރު ކުރުން، ތަދުގެ ތެރޭގައި ބައެއް ވަގުތަށް މޮޔަ އެއްޗެތި ކިޔާ އުޅުން، މިބާވަތުގެ ކަންތައްތަކެކެވެ.

ހަންޑި: މިއީ ފެންނަ ފެނުމުގައި އެންމެ ރީތި އާދަމުގެ ދަރިންގެ ސޫރައިގައި ފެންނަ ބޭކަލެކެވެ. އަންހެން ސޫރައިންނާއި ފިރިހެން ސޫރައިން ފެންނަ ކަމަށްވެއެވެ. ވަރަށްމަދުފަހަރަކު ނޫނިއްޔާ ދެކޮޅުވެރިކަމުގައި ނުފެނެއެވެ. ގިނައިން ފެންނަނީ ހިތާވެގެން ލޯބިވެގެން އިނދެގެން އުޅޭތީއެވެ.

ކުރިމަތިވާ ކަންތައްތައް: އަބަދުވެސް ނަލަހެދިގެން، މާބޮޑަށް ސާފުވެގެން، މީރުވަސް ދުއްވައިގެން، މަސައްކަތާ ދުރުހެލިވެގެން ސާފުކޮށް އުޅުން، ދުންޔަވީ މީހުންދެކެ ނުގަބޫލުވުން، ހަންޑިޔާއެކުގައި ދާންއުޅުން، ދާން އުޅެނީ ގަސްގަސްދޮށަށް، މޫދަށް، ރަށްރަށުގައިނަމަ ދުރުފަރާތުގައިވާ ގަސްގަހުގެ ކައިރިއަށެވެ. ކިޔާއުޅެނީވެސް ހަންޑި މޮޔަވީއެވެ. “ހަންޑި” ވަރަށް ގިނައިން ދަމިލަކާކަމަށް ބުނެއެވެ. ގިނަފަހަރަށް ހަންޑި އުޅެނީ ރަތްހެދުން ލައިގެން ކަމަށްވެސް ބުނެއެވެ. ހަންޑި މޮޔަވެގެން އުޅޭ މީހުން އަބަދުވެސް ދެބަންދިހާރު ގޮތެއްގައި ކުޑަ ސޭކުޕަރީ ގޮތެއްގައި އުޅެ، ހީހީފައި ހަންޑިޔާ ވާހަކަ ދައްކާވެސް އުޅެއެވެ. ހަންޑި މޮޔަވެގެން އުޅޭ މީހުން ނިތްކުރިއަށް ރޫއަރުވައި، އެހެން މީހުން ހޭކަހަލަ، ދިމާނުވާ ވާހަކަ ދައްކާ، ގިނައިން އޮށޯވެ އުޅޭ އުޅުމަކީ އާދައެކެވެ. މުސްކުޅި ފުރައިގެ މީހުންނަށް މިގޮތް ދިމާވުން ވަރަށް މަދެވެ. އެހެންނަމަވެސް، ބައެއްފަހަރަށް ހާލުހާލުން މިހެން އުޅެއެވެ. އަބަދުވެސް ހަންޑި އުޅެނީ އެ ހަންޑިޔަކާ ގުޅޭ މީހަކު ގޮވައިގެން ދާށެވެ. ހަންޑިޔާ އެކީގައި ދާންއުޅޭ އުޅުން މަނާކުރާނަމަ، ގަދަ ދައްކައި، ތަޅާފޮޅާ، ކުޅުޖަހާ، ދަތްއަޅާ، މިފަދަ ޙަރަކާތް ކުރެއެވެ. މިހެން އިރުގަނޑެއްގައި އުޅުމަށްފަހު ވަރުބަލިވެގެން އޮށޯވެދާނެއެވެ. އޭރު އޮންނާނީ ތެތްފިނި ދަލެއް ހިއްލާލާފައި، މީހާ ވަރުބަލިވެލާފައި، ހިސާބަކަށް ނިދިފައި އޮންނަހެނެވެ.

ހަންޑިޔާ އިނދެގެން ދަރިން ލިބިގެން އުޅޭ ކަމަށްވެސް ބުނެއެވެ. މިގޮތުން އަންހެން ހަންޑިޔާ ފިރިހެނުން އިނދެގެން އުޅުމާއި، ފިރިހެން ހަންޑިޔާ އަންހެނުން އިނދެގެން، ދަރިން ލިބިގެން އުޅެއެވެ. ހަންޑިޔާ ބެހޭ ހުރިހާ ކަންކަމަކީވެސް އެންމެން އެގޮތަށް ގަބޫލުކޮށް، އެކަމުގެ އެތައް ފަންޑިތަ ފޮތްތަކާއި، މަޝްހޫރު އެދުރުބޭކަލުން ތިއްބަވާ ކަމެކެވެ. ހަންޑީގެ ވާހަކަ މިގޮތަށް ހަމަޖެހިފައި ހުރެއެވެ.

“އަވަށްޓެހި” މިއީވެސް ފާޑެއްގެ ދަށް މީހެކެވެ. މީނާއަކީ އާދަވެގެން ނޯކަރެކެވެ. މާލޭގައިވެސް ރާއްޖެތެރޭގައިވެސް އަވަށްޓެހިން ގެންގުޅުއްވާ ބޭބޭކަނބަލުންނާއި ބޭބޭކަލުން ތިއްބެވި ކަމަށްވެއެވެ. ބުނެވެނީ އަވަށްޓެހިން ގެންގުޅޭނަމަ، ދަންވަރު ގޯތިތެރެ ކުނިކަހާ، ތެލިތަށި، ފުފޭ ދޮވެ ހަދައިދޭ ކަމަށެވެ. ދަންވަރު ގޯތިތެރޭގައި އެކަހަލަ ކަންތައް ކުރާއަޑު އިވުނީމާވެސް، އެހެން މީހުން އެއުޅެނީ ކާކުހޭ ބުނީމާވެސް، ގޭގެ ފަރާތުން ބުނާނީ އެކަހަލަ ކަންތަކާ ބެހޭނެ ކަމެއްނެތެވެ. ދެނަހުރިކަމަށް ނުހަދާށެވެ. މިހެންނެވެ. ބައެއްފަހަރަށް ބޭރުން ބުނާއަޑު އިވޭނެޔޯއެވެ. އަހަރެން ދަނީއެވެ. ގޭގެތެރެއިން އާނއެކޭ ބުނެވިއްޖެނަމަ، އަވަށްޓެހި ގާތަށް ރުޅިއަތުވެދާނެއެވެ. ކޮންމެއަކަސް އަވަށްޓެހި ރުޅިއަންނަކަހަލަ ކަމެއް ކުރެވިއްޖެނަމަ، ކައްކާ ފުފޭ ތަޅާ، މިރުސްގަދަފަދަ ގަސްގަހުގެ ގޮފި ބިންދާ، ދާނީގެ ދަނޑި ބިންދާ، މިބާވަތުގެ އުނދަގޫތަކެއްވެސް ކުރެއެވެ. އަވަށްޓެހި ފެންނާނީ ކޮންމެވެސް ތަނަކާ ނިވާވަނިކޮށް، ގިފިލީގެ ކޮންމެވެސް ހަރަކަށްވަދެ ފިލަނިކޮށް، ބަދިގޭ ދެގޯޅިއަށް ވަންނަނިކޮށް، މިކަހަލަ ފަދަޔަކަށް އުޅެނިކޮށެވެ. އިސްކޮޅު ހެޔޮވަރު، ފަޤީރު ހެދުމުގައި ހުއްޓައެވެ. ބައެއް ގޭގޭގައި ބަދިގޭގައި ހުންނަ ތަކެތި ހޫނުކޮށް ރައްކާކޮށްވެސް އަވަށްޓެހި ހަދާކަމަށް ބުނެއެވެ. އަވަށްޓެހި ގެންގުޅުއްވާ ބޭކަލުންނާއި ބޭކަނބަލުންނަކީ ހަރު މުސްކުޅިފުރާގެ، ދީންވެރިވެގެންވެސް އުޅުއްވާ މީހުން ކަމަށް ހަމަޖެހިފައިވެއެވެ. އަވަށްޓެހިޔާ ބެހޭ ކަންތައްތައް ހުންނަނީ މިފަދައަކުންނެވެ.

“މިސްކިތްދާރަ” މިސްކިތްދާރަޔަކީ ހުދުކުލައިގެ ބޮޑު ބުޅަލެއްގެ ސިފައިގައި ފެންނަ ބޭކަލެކެވެ. މިސްކިތްދާރަޔަކީ މާ އަމާންކަންބޮޑު، އެއްވެސް ބިރެއްނެތްގޮތަށް މުޅި ގޯއްޗާއި ގޯތީގެ މައްޗަށް ވެރިވެގެންވާ ރައްކާތެރިއެކެވެ. މިސްކިތްދާރަ ގެންގުޅުއްވެވޭނީ ވަރަށް ހަރުދަނާ ދީންވެރި ޝަޚުޞީ ބޭކަލަކަށެވެ. މިސްކިތްދާރަ ގެންގުޅޭ ގެއެއްގައި ވަރަށްވެސް ސާފުކަމާއި ތާހިރުކަން ބޮޑުކުރަންޖެހެއެވެ. ގޭގެ މީހަކު މާދުރުތަނަކުންވެސް ހިނގާފައި ދަނިކޮށް، ނުރައްކަލަކާ ދިމާވާން އަންނަނަމަ، މިސްކިތްދާރަ ކުރިމަތި ފެނި، މަގުހުރަސްކޮށް ހިނގާ، މަގު ބައްދާ، އެދާ ދިމާޔަކަށް ދިޔަނުދީ ހަދާކަމަށްވެއެވެ. ގޭތެރެއަށްވެސް ދަންވަރު ގެއްލުމެއް ދިނުމުގެ ގޮތުން މީހަކު ވަދެއްޖެނަމަ، މިސްކިތްދާރަ އުނދަގޫކޮށް ހަދައެވެ. މިހެންގޮސް އެބަޔަކު ނުވަތަ އެމީހަކު ދޫނުކޮށް، ގޭގެ މީހަކަށް ނުވަތަ ގެޔަށް ގެއްލުމެއް ދިނުމަށް މަސައްކަތް ކޮށްފިނަމަ، ދެން ވާގޮތަކީ ކުއްލިއަކަށް މިސްކިތްދާރަ ގެއްލިފައި، ގަދަ މީރުވަހެއް ދުވައިގެންފައި ހުދު ހެދުމުގައި ހުންނަ ހައިބަ ބޮޑު ބޭކަލަކާ ދިމާވަނީއެވެ. މިއީ ވަރަށް މަދުން ދިމާވާ ކަމެކެވެ.

“ޖިންނި” ޖިންނީގެ ކަންތަކާއި ވައްތަރުތައް މިއަދުވެސް ތިޔަބޭކަލުންނަށް އެނގިލައްވާވަރަށް މާލެއާއި ރާއްޖެތެރޭގައި އެބަހުއްޓެވެ. ވީމާ އެވާހަކަ މިހާ ހިސާބުން ދޫކޮށްލީއެވެ.

މިދެންނެވި ހުރިހާ ކަންތައްތަކެއްގެ މައްޗަށް، ކޮންމެ ކަމަކަށްމެ އެދުރުންނާއި ފަންޑިތަވެރި ބޭކަލުންނާއި، ފަންޑިތަ ފޮތްތައް ތައްޔާރުވެފައި ހުއްޓެވެ. މީގެތެރޭގައި، ބަނދި ފަންޑިތައާއި، ދުޢާ ފަންޑިތަތައް ހުރެއެވެ. އަދި ބޮޑެތި ކިޔެވެލިތައްވެސް ގެންގުޅެއެވެ. ތަވީދު ލިޔުމުގައި އެކަމަކަށް ދިމާވާ ބޭކަލެއްގެ ރޫ ކުރަހާ، އެކަމަކާ ބެހޭ ލިޔުންތައް ލިޔަންޖެހެއެވެ. މިގޮތުން އެންމެބޮޑު ރުލެއް ހުންނަނީ ބަޑިއެދުރު ކަލޭފާނުގެއެވެ. މީނާގެ ރުލުގައި 8 ބޮލާއި 8 ފަޔާއި 8 އަތް ހުރެއެވެ. ކޮންމެ ބޮލެއްގައިވެސް ދެލޮލާއި، އަނގަޔާއި ނޭފަތާ ހުރެއެވެ. މިއަށްވުރެ ބޮޑު ރުލެއް ހުންނަ ކަމަކަށް ނުވެއެވެ. ދެން އެންމެ ނުރައްކާތެރި ރުލަކީ ވިގަނީގެ ރުލެވެ. މީގެ މިސާލަކީ އާދަމުގެ ދަރިއެއްގެ މޫނު ހުންނަ ބޮޑު މަހެއްގެ ވައްތަރެވެ. އެކަމަކު ވިގަނި، ކުރު ކަޅު މީހެއްގެ ސޫރައިގައިވެސް ރަށްރަށުގެ ގޮނޑުދޮށުން ދައްކާކަމަށް ބުނެއެވެ. ވިގަނި އޮންނާނީ ރަށްމަތީގައެވެ. ފެންނާނީ ފެންލޯގަނޑަކުންނެވެ. ވިގަނީގެ ނަންވެސް މިއީ ގަންނަންވާވަރު ނަމެއް ނޫނެވެ.

މިއިން ކޮންމެ ކަމެއް ބޮޑުވެގެންގޮސް، އެންމެ ބޮޑަށް ރަށްރަށް ހަލާކުވާވަރުވުމުން، ބޮޑެތި ފަންޑިތަވެރިން މަސައްކަތް ކުރުވާއިރު ތިއްބަވަނީ ހުދު ހެދުމުގައެވެ. އަންހެނުން ނުފެންނަ ހިސާބެއްގައެވެ. އަންހެނުން ކެއްކި އެއްޗެއްވެސް ނުކައެވެ. އަދި ރޯދަޔަށްވެސް ތިއްބަވައެވެ. މިފަދަ ފަންޑިތައިގައި، ދަންވަރު ރަށުތެރޭގައި ހިންގަވައި، ރަށްވަށާ ވާތީރޯނުދަމައި، ރަށުގައި ދިލަމަހާއި ކާޅިވަށްޖަހައި، ކޮންމެ ކާޅިވަކެއްގެ ކައިރީގައި ރޭގަނޑު އެތައްފަހަރަކު ބަންގި ގޮވައި، ބޮޑު ތަކުބީރު ކިޔަމުން މުޅި ރަށުގައި ޖަމާޢަތެއްގެ މީހުން ހިންގައި، އެންމެފަހުން ކަޅުރަތް ހާލެއް ބަނދެ، ކިޔެވެލި ކިޔަވައި، ވަހުތާން ލިޔެ އެ ހާ ކަތިލައި، ވަހުތާނަށް ލޭ އަޅައި، މި ވަހުތާން، ރަށުގެ އެންމެ އުސްކޮށް ހުންނަ ގަހަކަށް ނަގައި، އެ ކަތިލި ހާލުގެ މޭސްބިސްކުރަނޑިޔާއި، ފޮނި ހަވާދުލައިގެން ކައްކާފައި ހުންނަ ރިހަޔާ ކޭންބައްލަވައިގެން އެދުރުމީހާގެ ފާތިޙާ ފަރިއްކޮޅު ކިޔަވައި، ގުރާބު ހަދައި، ގުރާބަށް ހެދި ކާތަކެއްޗާއި ވައްތަރު ވައްތަރުގެ މާމެލާމެލި އަޅައި، އިމާމުމީހާ ކުރީގައި ހުރެގެން، އެހެން އެންމެން ފަހަތުގައި ތިބެގެން ކިޔަވަމުން ގޮސް، އެ ގުރާބު ގެންގޮސް ރަށުގެ އޮއިދަށްކޮޅުން މޫދަށްއެރި، ގުރާބު ފުރުވާލަނީއެވެ.

“ގުރާބު” ގުރާބު ހަދާފައި ހުންނަނީ ކަށިކޭލު ފަތުން އޮޑިއެއްހެނެވެ. ފެން ނުވަންނަވަރަށް ފަހާފައި ހުރެއެވެ. އެތެރެވަތްވެސް މިގޮތަށް އަޅައި، ކުނބު، ހުންގާނު، ފަރުމާނު އަޅައި ރިޔާތައްވެސް އަޅާފައި ހުރެއެވެ. ދޮޅުރިޔަންވަރަށް މި ގުރާބު ބަނދެފައި ހުރެއެވެ. ގުރާބު ފުރެންދެން، ވައްތަރު ވައްތަރުގެ ހެދިކާތަކެތި އަޅާފައި ހުރެއެވެ. މާމެލާމެލިވެސް އެހާ ގިނައިން އަޅާފައި ހުރެއެވެ. އެރެޔަށް ކިޔަނީ މާ ދައްކާ ރެއެވެ.

މިގޮތުން ކަންތައް ކުރާއިރު، ރާއްޖެތެރޭގެ ރަށްރަށުގައި ރަށުން ބޭރަށް މީހަކު ދިޔަނުދީ، ރަށަށް ބޭރުން މީހަކު އެރިޔަނުދީ ހަތްރޭ ހަތްދުވާލު، ސާދަރޭ ސާދަ ދުވާލު، ރަށް ބަންދުކޮށްގެން އިހަކަށް ދުވަހާ ހަމަޔަށް ފަންޑިތަވެރިކަން ކުރިއަށް ގެންގޮސްފައި ހުއްޓެވެ.

އެކިފާޑުގެ ފަންޑިތަތަކުގައި ހުރީ އާހަދިޖެހުން، ބުންކަޅުޖެހުން، ދުންއެޅުން، ކިޔެވެލި ކިޔެވުން، ދާއިރާ ކުރުން، ތަވީދުއެޅުން، ލޯފޮތިއެޅުން، ހަށިގަނޑުގެ ތަންތާނގައިވެސް އަކަޖަހާ ލިޔެ މަރުތާ ހެދުން، ފެން ކިޔެވުން، ތަށިލިޔުން، ފަންވަތްއެޅުން، ކިހައްޖެހުން، ކާށިޖެހުން، ރަތްމުށިފުފޭ ވަޅުލުން، ކިހަވަށް ވަޅުލުން، އަލަވާގަޑު ކަރުގައި އެޅުވުން، ބާސްމާކާޅުބުނުން، ބާސްމާކާޅު އެނބުރުން، ބާސްމާކާޅުގެ ކިޔެވެލި ކިޔެވުން، މިބާވަތުގެ ކަންތައްތަކެވެ.

____________________

About the author
Leave Comment