ދިވެހި ރާއްޖޭގައި އުފެދިފައިވާ ތަފާތު ޢިއްޒަތްތެރި އަދީބުންނާއި މުފައްކިރުންގެ ސަބަބުން ދިވެހި އަދަބަށް ލިބިފައިވަނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހެޔޮވިސްނޭ ކޮންމެ މީހަކު އެކަން ޤަބޫލުކުރާނެއެވެ. އޭގެ ތެރެއިން އަޅުގަނޑު މިއަދު ބަލައިލަން މިގަސްތުކުރަނީ ބަހުގެ ވަރަށް އަގުހުރި ޚާދިމެއްގެ މައްޗަށެވެ. އެއީ އަލްފާޟިލް އަލްމަރުޙޫމް ޢަބްދުﷲ އިސްމާޢީލެވެ. އަޅުގަނޑުމެންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ހިސާބު ޢިލްމުގެ މާހިރެއްގެ ގޮތުންނެވެ. “އިސްމާލްކަލޭފާނުތުއްތު”، ނުވަތަ “ތުއްތު ސާހަބު” ގެ ނަމުންނެވެ. ނަމަވެސް އޭގެ އިތުރަށް އޭނާއަކީ ދިވެހިބަހަށް ލޯބިކުރެއްވި…

WP_20160811_22_51_51_Pro (2)

ދިވެހި ރާއްޖޭގައި އުފެދިފައިވާ ތަފާތު ޢިއްޒަތްތެރި އަދީބުންނާއި މުފައްކިރުންގެ ސަބަބުން ދިވެހި އަދަބަށް ލިބިފައިވަނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހެޔޮވިސްނޭ ކޮންމެ މީހަކު އެކަން ޤަބޫލުކުރާނެއެވެ.

އޭގެ ތެރެއިން އަޅުގަނޑު މިއަދު ބަލައިލަން މިގަސްތުކުރަނީ ބަހުގެ ވަރަށް އަގުހުރި ޚާދިމެއްގެ މައްޗަށެވެ. އެއީ އަލްފާޟިލް އަލްމަރުޙޫމް ޢަބްދުﷲ އިސްމާޢީލެވެ. އަޅުގަނޑުމެންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ހިސާބު ޢިލްމުގެ މާހިރެއްގެ ގޮތުންނެވެ. “އިސްމާލްކަލޭފާނުތުއްތު”، ނުވަތަ “ތުއްތު ސާހަބު” ގެ ނަމުންނެވެ. ނަމަވެސް އޭގެ އިތުރަށް އޭނާއަކީ ދިވެހިބަހަށް ލޯބިކުރެއްވި ބަހުގެ ހަމަތައް ދެނެވަޑައިގަންނަވާ ބޭފުޅެކޭ، ދަންނަވަން ޖެހެއެވެ. އޭގެ ވަރަށް ގިނަ މިސާލުތައް ދެއްކޭން އެބަހުއްޓެވެ. ނަމަވެސް މިހާރު އަޅުގަނޑު މިލިއެލަނީ، އޭގެ ތެރެއިން ދެ މިސާލެކެވެ.

ބޭފުޅުންގެ ނަން ދަންނަވަން ރަނގަޅުވާނެ ބާވައޭވެސް އަޅުގަނޑު ހިތަށް އަރައެވެ. ނަމަވެސް ނަން ނުދެންނެވުމުން އޮޅުމެއް އަރާފާނެތީ، މިފަހަރު ނަންވެސް ދަންނަވައިލާނަމެވެ.

އަލްފާޟިލް ޢަބްދުﷲ އިސްމާޢީލަކީ ވަރަށް ރީތިކޮށް ޢަރަބި އަކުރާއި ތާނައަކުރު ލިޔުއްވާންވެސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ވަރަށް އަވަހަށް ލިޔުއްވާވެސް ބޭފުޅެކެވެ. އަޅުގަނޑުމެންނަށް އަތުލިޔުމުގެ އަކުރުތަކެއް ތަޢާރަފުކޮށް ދެއްވީވެސް އޭނާއެވެ. އަތިރީގޭ ތާނަ، ނުވަތަ ވަޑާންކަށި ތާނައިގެ ބާނީއަކީވެސް އޭނާއޭ ދަންނަވަންޖެހެއެވެ. އެލިޔުން އުފެއްދެވީ އެންމެ ދެތިން އަކުރަކަށް ބައްލަވައިގެންނެވެ. ކަލްކަތާއަށް ވަޑައިގެން އޭނާ މިއަކުރުތައް ފިލިތަކާއެކު ފުރިހަމަކުރައްވައި އުފެއްދެވި ބޮޑު ލިއުއްވުމެއް ފަތްތޫރައިގެ 100 ވަނަ ޢަދަދުގައި ނަކަލުކުރެވިފައި ވާނެއެވެ. އަދި އޭނާއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުހެދި މަޖްލިސްގެ ކާތިބުގެ އެހީތެރިޔާއެވެ. މަޖިލިސްގައި ތިއްބެވި ބޮޑުންނަށްވުރެ ދަރަޖަ ދަށްކުރަންވެގެން އަތްގަނޑު ނުލާ އަދަރާދަ ގޮނޑީގެ ފައިން އެއްއިންޗި ބުރިކުރަން ޖެހުނު އެއް ކާތިބުވެސް މެއެވެ.

އޭނާ ލައްވާ އިއްޒަތްތެރި ބޭބޭފުޅުން ވަރަށްގިނަ ލިޔުންތައް ލިޔުއްވާ ހައްދަވައެވެ. އައްޝައިޚް އިބްރާހީމް ރުޝްދީއަކީ ޢަރަބިބަހުގެ ޢިލްމުވެރިއެކެވެ. އެއްފަހަރަކު ތުއްތު ސާހިބު ލައްވާ ޢަރަބި ލިޔުމެއް ލިޔުއްވުމަށް ޝައިޚް ގަސްތުކުރެއްވިއެވެ. މިލިޔުން ދެއްވަމުން ޝައިޚް ވިދާޅުވިއެވެ. “ތުއްތޫއެވެ. ބަލައިގެން ލިޔާތި އިނގޭއެވެ. ޢަރަބިބަހަކީ އެންމެ ފިއްޔެއް ނުބައިކޮށް ޖެހުނަސް މުޅިން މާނަ ބަދަލުވެގެންދާ ބަހެކެވެ. މިސާލަކަށް “ބައްރުން” އެއްގަމެވެ. “ބުއްރުން” ހިމަގޮދަނެވެ. “ބިއްރުން” ތަޤްވާވެރިކަމެވެ. މިހިރީ ހުރި ތަފާތެވެ.

ވާހަކަ މިހިސާބަށްދިޔަތަނާ އައިނުމަތިން ބައްލަވަން އިންނަވާފައި ތުއްތު ދެންނެވިއެވެ. އާދެ، ތިޔައީ ހަމަ ތެދުފުޅެކެވެ. ތިޔަގޮތަށް ފިލި ބަދަލުވީމާ މާނަ ބަދަލުވެގެންދަނީ ޢަރަބިބަހުގައި އެކަންޏެވެ. އަޅުގަނޑުމެން ދިވެހިބަސް ބައްލަވާށެވެ. ހިރި، ހާރު، ހުރި، ހޫރި، ހޭރި، މިހުރިހާ ބަސްތަކަކުން ދޭހަވަނީ ހަމަ އެއްމާނައެކެވެ. ފިލި ބަދަލުވުމުން ވީކަމެއް ނެތެވެ. އެހެން ނޫންތޯއެވެ. އެހިސާބުން ޝައިޚް ވާހަކަ ހުއްޓާލެއްވިއެވެ. އޭނާއަކީ ދިވެހިބަހުގެވެސް އުސްތާޛަކަށްވުމާއެކު  ތުއްތު ސާހިބު ދެއްކެވި މިސާލުން ފިލި ބަދަލުވާއިރަށް ދިވެހި ބަހުގައި ވެސް މާނަ ބަދަލުވާކަމަށް ޤަބޫލު ކުރެއްވުނެވެ.


ކޮންތާކަށްތޯ؟

މިޢިބާރާތަކީ ތަންކޮޅެއް ކުރިން އެކަކު އަނެކަކާ ބައްދަލުވެލާއިރު ބޭނުންކުރާ ޢިބާރާތެކެވެ. ސަލާމަކަށްވެސް، ހާލު ކިހިނެއްތޯ އެހުމަށްވެސް ބޭނުން ކުރަމުންއައީ ހަމަ މިއިބާރާތެވެ. މިހާރު އެގޮތަށް ބޭނުންކުރާ ޢިބާރާތަކީ “ކިހިނެއް؟” ޖަވާބަކަށް ވަނީ “ރަނގަޅު” މިއެވެ. ނަމަވެސް އަޅުގަނޑު މިއިޝާރާތްކުރާ ޒަމާނުގައި އަހާލައި އުޅެނީ، “ކޮންތާކަށް؟’ މިހެންނެވެ.

އެދުވަސްވަރު ތުއްތު ސާހިބު މަގުމަތިން ފެނިގެން ދުރުވަނީ ކޮންތާކަށްތޯ އޭނާގެ ރަހްމަތްތެރިއަކު ނަންގަނެލިއެވެ. އޭރު އެ ރަޙްމަތްތެރިއަކު އޮފީހަށް ދުރުވަނީއެވެ. އެއީ އޮފީހެއްގެ ސެކެއްޓަރީއެކެވެ. ގަޑިޖެހެން ހުރީ ވަރަށް ކައިރިވެފައެވެ. އޭރު އޮފީސް ފެށެނީ ހަތެއް ޖަހާއިރުއެވެ. ގަޑިޖެހެން ކިތަންމެ ކައިރިވެފައި ހުއްޓަސް، ތުއްތު ސާހިބު ކަހަލަ ބޭކަލަކާ ދިމާވީމާ އަނގައިން ބުނެނުލާ ދިއުމަކީ ބޭއަދަބީ ކަމަކަށްވާތީ އޭނާ މިހެން ނަންގަނެލީއެވެ.

“ވެގެން މިއުޅޭ ގޮތަކީ” ތުއްތު ސާހިބު ވަހަކަ ފެށްޓެވިއެވެ. “އަހަރެމެންގެ ކުޑަސޮރުގެ އަތް ބިނދުނީ” އެވެ. އެހެންވީމާ ތިޔަދުރުވަނީ ބޭހެއް ހޯއްދަވަން ދޮގެއްތޯ؟’ މިހިސާބުން އެއްކަލަ ސެކެއްޓެރީ ނަންގަތެވެ. މިހެން ނަންގަނެލާފައި އަވަހަށް ދުރުވާންވެގެން އުޅެގެންފިއެވެ.

“ނޫނޭ އެހެނެއްނޫނޭ ވެގެން މިއުޅެނީއަކީ” ތުއްތު އަނެއްކާ ފެށްޓެވިއެވެ. “މީހަކު ބުނީ މިކަމަށް އެންމެ ރަނގަޅު ވާނީ ތުލުސްދޫ ތުއްތުކަމަށް

“އެހެންވީމާ ތިޔަ ދުރުވަނީ ތުލުސްދޫ ތުއްތު ހޯއްދަވަން އެހެން ނޫންތޯ؟” މިހެން ބުނުއްވާފައި އަނެއްކާވެސް އޭނާ ހިނގައިގަންނަން ތައްޔާރުވެއްޖެއެވެ.

“ނޫނޭ މިހާރު އޭނާ ގާތަށް ހިނގައްޖައިން” ތުއްތު ވާހަކަ ފެށްޓެވިއެވެ. “އޭނާ ހޯދަން ބުނި ތަކެތީގެ ތެރެއިން ވަރަށް ގިނަ ތަކެތި ލިބިއްޖެ. އޭގެ ތެރޭގައި ކުކުޅުބިހާ، ކުމުންޒާންޏާ، ހަބަރާ، އަފިހުނާ ދެން މިހެން ގޮސް ވަރަށް ގިނަ އެއްޗެހި މިހާރު ބާޒާރުމަތީ ފިހާރައަކުން ހޯދައިގެންގެނެސް ގެއަށްލާފައި އައިސް މިހިނގަނީ، ކަނދޮޅު ގަހެއް ހުރި ގެއެއް ފެނޭތޯ؟ ކަނދޮޅު ދުލި ބޭނުންވެޔޯ”

ވާހަކަ މިހިސާބަށް ދިއައިރު އެ ސެކެއްޓެރީ އޮފީހަށް ދުރުވަންވީ ގަޑިޖެހިއްޖެއެވެ. ހަތެއް ޖަހައިފިއެވެ. “ނަންގަންނަންތޯ އަޅުގަނޑަކަށް ވެސް ނޭނގެ ކަނދޮޅު ހެދިފައި ހުރިގެއެއް ނަންގަންނާކަށް” އޭނާގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ.

“އެހެންދޯ” ތުއްތު ބުނުއްވިއެވެ. “ތިޔަހެން ވިއްޔާ އަދިވެސް ގިނަމިހުންނާ ބައްދަލުވެ ވާހަކަ ދައްކަންވީތާދޯ!”

“ދެން އަޅުގަނޑު ދަނީ އިނގޭތޯ” އޭނާ ނަންގަތެވެ.

“އާނ. އަވަހަށްދޭ!”

ދެން އޭނާ ވަރަށް ލަސްލަހުން ބައިސްކަލު ދުއްވާލައްވާފައި ދުރުވެ ތުއްތު ސާހިބުގެ ލޯމަތިން އޮބާލައިފިއެވެ.

ތުއްތު ސާހިބު މިހުރިހާ ވާހަކައެއް ދެއްކެވިއިރުވެސް އޭނާ ގަޑިއަކަށް ތަނަކަށް ދާންޖެހިގެން އުޅޭކަމެއް އެނގިލެއްވިކަމަކަށް ނަހައްދަވައެވެ.

މިވާހަކަ ކިޔައިދެއްވަމުން ދެއްކެވި ވާހަކައިން އެނގުނީ އެކަކު އަނެކަކާ ބައްދަލުވީމާ، ޙާލު އަހާލުމުގެ ގޮތުން “ކޮންތާކަށްދަނީ” ފަދަ ޢިބާރާތްތަކަކީ ބޭނުންކުރަން ރަނގަޅު ޢިބާރާތެއް ނޫންކަމެވެ. އޭގެ ޖަވާބުގައި ގިނަ ފަހަރަށް ހެދޭނީ ދޮގެވެ.

ކޮންމެއަކަސް އޭގެ ފަހުން ކުރިން ބައްދަލުވި ސެކެއްޓެރީއާ ދިމާވީމާ، އެންމެ ފަހަރަކުވެސް “ތިޔަ ދުރުވަނީ ކޮންތާކަށްތޯއޭ” ނަމެއް ނުގަނެއެވެ. އަދި ކީއްތޯއެވެ. ބޭނުންކުރައްވަނީ “ގަދަވެއުޅުއްވަމުތޯ” “އަޅުގަނޑު މިދަނީ ގެއަށް” މިފަދަ ޢިބާރާތެކެވެ.

                 ———————————————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment