ތަރުޖަމާ: ފާރޫޤު ޙަސަން ޏ. މުލަކު  އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފާރޫޤު ޙަސަން ޏ.މުލަކު) ލިޔުއްވާފައިވާ މި ލިޔުން ނަކަލުކޮށްފައި މިވަނީ 28، 27، 26 ނޮވެންބަރު 1981 ގެ “ހަވީރު” ނޫހުންނެވެ.   ______________________ ލާހޫރުގެ އެޑްމިނިސްޓްރޭޓިވް ކޮލެޖްގައި ތަޤްރީރު ކުރައްވަމުން، އޮފީސްތައް ހިންގަން ތިބޭ މީސްމީހުން ބޮޑުވެ ބޮޑާވެގެން، ސާހިބުވަންތަވެގެން އުޅޭ އުޅުމާއި އަދި އެކަމުގެ ސަބަބުން އުފެދޭ ނުބައި ނުރަނގަޅު ކަންތައްތަކާމެދު ދެއްކެވި ވާހަކަތަކަކީ، މީސްތަކުންނަށް ލޮލަށް ފެނި، ކަންފަތަށް އިވި،…

ތަރުޖަމާ: ފާރޫޤު ޙަސަން ޏ. މުލަކު 

އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފާރޫޤު ޙަސަން ޏ.މުލަކު) ލިޔުއްވާފައިވާ މި ލިޔުން ނަކަލުކޮށްފައި މިވަނީ 28، 27، 26 ނޮވެންބަރު 1981 ގެ “ހަވީރު” ނޫހުންނެވެ.  

______________________

ލާހޫރުގެ އެޑްމިނިސްޓްރޭޓިވް ކޮލެޖްގައި ތަޤްރީރު ކުރައްވަމުން، އޮފީސްތައް ހިންގަން ތިބޭ މީސްމީހުން ބޮޑުވެ ބޮޑާވެގެން، ސާހިބުވަންތަވެގެން އުޅޭ އުޅުމާއި އަދި އެކަމުގެ ސަބަބުން އުފެދޭ ނުބައި ނުރަނގަޅު ކަންތައްތަކާމެދު ދެއްކެވި ވާހަކަތަކަކީ، މީސްތަކުންނަށް ލޮލަށް ފެނި، ކަންފަތަށް އިވި، އަދި ކޮންމެ މީހެއްގެ އަމިއްލަ ތަޖުރިބާއިން އެނގިފައިވާ ކަންތައްތަކެކެވެ. މިކަމާ ބެހޭ ގޮތުން ދުލާއި ގަލަމުގެ ވާޖިބުވެސް ވަނީ އަދާކުރެވިފައެވެ. ނަމަވެސް އޮފީސްތައް ހިންގާ މީހުންގެ ބޮޑާކަމާއި، ބޮޑާ ވައްތަރުގެ ނުބައި ގޯސް ކަންތައްތަކަކީ، އެއިން ސަލާމަތްވެވުން އެކަށީގެންވާ ގޮތަކަށް ޤައުމުގެ މުޅި ހަށިގަނޑުގެ ތެރެއަށް ކެންސަރުގެ ބަލި ފަދައިން ފެތުރިގެން ގޮސްފައިވާ ބަލިމަޑުކަމެއް ކަމަށް، ޚިޔާލުނުކުރާ މީހަކު ނުވެސް ހުންނާނެއެވެ. ކޮންމެއަކަސް މިހާރު ޚުދު ޤައުމުގެ ރައީސްގެ ދޫފުޅުން، މިވާހަކަ ވިދާޅުވާތީ އިވި، އަދި އެކަންތައް ނައްތައިލެއްވުމަށް ޢަޒުމް ކަނޑައަޅުއްވައިފައިވާކަން އެނގުމުން ވަރަށްބޮޑު އުފަލެއް ލިބެއެވެ.

މިވަގުތު ރައީސް ޟިޔާއަކީ ޤައުމުގެ ހިންގުމާބެހޭ އެންމެމަތީ ވެރިޔާއެވެ. ހުރިހާ އިޚްތިޔާރުތަކެއް ވަނީ، އޭނާގެ އަތްޕުޅުގައެވެ. ސަރުކާރުން ރަނގަޅު ކަންތައްތައް ކުރެވެމުންދާނަމަ، އެކަމުގެ މޮޅުކަންވެސް ލިބިވަޑައިގަންނަވާނީ އޭނާއަށެވެ. އަދި ސަރުކާރު ހިންގުމުގައި، ގޯސް ކަންތައްތަކާއި ނޭދެވޭ ކަންތައްތައް ފެންނާން ފަށައިފިނަމަ، އެކަމުގެ ނުބައިކަންވެސް އޭނާގެ އިސްތަށިފުޅުގައި އެޅޭނެއެވެ. އެގޮތަކީ ޤައުމުގެ އެންމެމަތީ ބާރުތަކާއި އިޚްތިޔާރުތައް ލިބިވަޑައިގެން ހުންނެވުމުގެ ސަބަބުން ސަރުކާރުގެ ހުރިހާ ކަމެއްގެ އަސްލު މަސްއޫލިއްޔަތު އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ޚުދު އޭނާއެވެ. އިސްލާމީ ވެރިކަމެއްގައި ސަރުކާރުގެ އެންމެމަތީ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ވާޖިބަކަށްވެފައިވަނީ، އޭނާގެ ދަށުގައި ތިބި ހުރިހާ ވެރިންނާއި މުވައްޒަފުން ކަންތައްތައް ކުރަމުންގެންދާގޮތާމެދު ތޫނު ވިސްނެވުމުގެ ނަޒަރެއް ބެހެއްޓެވުމެވެ. ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިބޭ ވެރިންނާއި މުވައްޒަފުންނަށް ދެވިފައިވާ އިޚްތިޔާރުތައް، އެމީހުން ބޭނުންކުރަމުން ގެންދަނީ ކިހިނެއްކަން އިސްވެރިޔާއަށް ސާފުކޮށް އެނގިވަޑައިގަންނަވަންވާނެއެވެ. ޤައުމީ ވަސީލަތްތައް (ސަރުކާރުގެ ބާރުތަކާއި ފައިސާ) ބޭނުންކުރެވެމުން، ހޭދަކުރެވެމުން ގެންދެވެނީ ކިހިނެއްކަންވެސް އިސްވެރިޔާއަށް އެނގިވަޑައިގަންނަވަންވާނެއެވެ. އިސްވެރިޔާގެ ދަށުގައި ތިބި ވެރިންނާއި މުވައްޒަފުން ޢާންމު ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، އެމީސްމީހުންނާމެދު ބޭއިންޞާފުވެރިވެނުގެން، ކަންތައް ހިންގަމުން ގެންދޭތޯ ބައްލަވަންވާނެއެވެ. އަދި ސަރުކާރުގެ އިސްވެރިޔާގެ ދަށުގައި ތިބޭ ވެރިންނާއި މުވައްޒަފުން، އެބައިމީހުންނަށް ދެވިފައިވާ އިޚްތިޔާރުތައް، އަމިއްލަ ފައިދާތައް ހޯދުމާއި، ފައިސާވެރިކަން ލިބިގަތުމަށް ބޭނުންނުކުރޭތޯ ވެސް ބައްލަވަންވާނެއެވެ. ކީރިތި ޤުރްއާނާއި ނަބަވީ ޙަދީޘްތަކުގެ އަލީގައި އިސްވެރިޔާގެ މިދެންނެވި ވާޖިބު، خلفاء الرّاشدين އަދި ވަކިން ޚާއްޞަގޮތެއްގައި، سيّدنا عمرގެފާނު އަދާކުރެއްވިގޮތާއި އަދި ދައްކަވާފައިވާ މޮޅު ނަމޫނާ، ޤައުމުގެ ރައީސަށް ރަނގަޅަށް އެނގިވަޑައިގެންފައިވާނެއެވެ.

ޤައުމުގެ ރައީސްގެ އަރިހުގައި ނުހަނު އަސަރާއެކު އަދި ހެޔޮއެދުމާއެކު، އަޅުގަނޑުމެން ދަންނަވާނީ، ސަރުކާރުގެ ހިންގުން އިޞްލާޙު ކުރެއްވުމަށްޓަކައި ހިންމަތުގެ ކަމަރު ބަންނަވައިލެއްވުމަށެވެ. ޝައްކެއްނެތެވެ. ޤައުމުގެ މުހިންމު ކަންތައްތަކުގެ ތެރެއިން އެތައް ކަމެއް މިހާރު މަނިކުފާނުވަނީ ފުރިހަމަކަމާއެކު ނިންމަވައިދެއްވާފައެވެ.

ނަމަވެސް  އެންމެ މުހިންމު ކަމަކީ މިއީއެވެ. އިސްލާމީ ނިޒާމް، ތަނުގައި ހިންގާލުން ކާމިޔާބުވުމުގެ ވަރަށްބޮޑު ބައެއް ބިނާވެފައިވަނީ މިކަމުގެ މައްޗަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައިވެސް ސަރުކާރު އިޞްލާޙު ކުރުމާއި، ނުރަނގަޅު މީސްތަކުން ދުރުކޮށް ހެދުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ. ނަމަވެސް އެކަން މީގެކުރިން ކުރެވިފައިވަނީ، ހަމައެކަނި ސިޔާސީ ބޭނުންތަކާއި މަޤްޞަދުތަކަށްޓަކައެވެ. ޤައުމުގެ މައްޗަށް ވެރިވެ އަތްގަދަކޮށްގެން އުޅޭ ޑިކްޓޭޓަރ ވެރިޔާ، ސަރުކާރުގެ ބާރުހުރި މުހިންމު މަޤާމުތަކަށް، ޑިކްޓޭޓަރ ވެރިޔާގެ އަރިސް ގާތް މީސްތަކުންނާއި، ޚުޝާމަދުކޮށް އުޅޭ މީސްތަކުން ޢައްޔަން ކުރަނީއެވެ. މިގޮތުން އެކި މަޤާމުތަކަށް ލެވޭ މީހުންނަކީ، ޑިކްޓޭޓަރ ވެރިޔާގެ އިސްތިބްދާދަށް ބާރު ލިބިދިނުމުގައި އެހީތެރިކަން ހޯދައިގަނެވޭނެ މީހުންނެވެ. މި މަޤްޞަދަށްޓަކައި ކުރިން ޤައުމުގެ އިސްވެރިކަމުގައި ތިއްބެވި ޑިކްޓޭޓަރ ވެރީން، ތަނުގައި ތިބި އިތުބާރުހުރި، ވަފާތެރި، އަދި ޕާކިސްތާނުގެ ނަޒަރިއްޔާއާ ތެދުވެރި ގުޅުންހުރި ވެރީން ދުރުކޮށް [ކަރަޕްޓް] ވެފައި ތިބި ނުބައި ނުލަފާ މީހުން އެ މަޤާމުތަކަށް އިސްކުރީއެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ޤައުމުގައި އިސްލާމީ އުޞޫލުތައް ހިންގައިލުމުގެ މަޤްޞަދުގައި އަދި ޤައުމު ހެޔޮ މުޖުތަމަޢަކަށް ބަދަލުކޮށްލުމުގެ މަޤްޞަދުގައި [ސަރުކާރު ހިންގުމުގެ ދާއިރާ ޠާހިރު ކުރުމުގެ] ފިޔަވަޅު ފަހަރެއްގައިވެސް އެޅިފައެއް ނެތެވެ. ކުރިން ވެރިކަން ކުރެއްވި ވެރީންގެ ޙަޤީޤީ މަޤްޞަދަކަށް ވެފައި އޮތީ، އިސްލާމީ ނިޒާމު ހިންގައިލުމުގެ މަގު ބަންދުކޮށް، އެމީސްމީހުންގެ އަމިއްލަ ވެރިކަމުގެ މޫތައް ވަރުގަދަކުރުމެވެ. އެއިރުގެ ވެރީންގެ ފަރާތްޕުޅުން މިހާރު ކުރެވޭފަދަ އެއްވެސް އުންމީދެއް ނުކުރެވެއެވެ. ނަމަވެސް ރައީސް ޟިޔާގެ ފަރާތްޕުޅުން މިދެންނެވި އިސްލާމީ އުޞޫލުތައް ހިންގައިދެއްވާނެ ކަމުގެ އުންމީދު ކުރެވެއެވެ. އެގޮތަކީ އޭނާގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުއްސުރެ އޭނާގެ ސަރުކާރުގެ އެއްވަނަ މަޤްޞަދަކީ، އިސްލާމީ ނިޒާމު ހިންގަވައިދެއްވުން ކަމަށްވަނީ ކަނޑައަޅުއްވާފައެވެ. މި މަޤްޞަދަށްޓަކައި އެންމެ ފުރަތަމަ ލާޒިމުވާ ކަމަކީ ސަރުކާރު ހިންގާ މީހުން އިޞްލާޙު ކުރެއްވުމެވެ. އަދި އެބައިމީހުންނަށް ޤައުމީ ނަޡަރިއްޔާތާއި ޤައުމީ މަޤްޞަދުތައް ފުރިހަމައަށް އިޙްސާސްވެގެން ތިބެ ޤައުމީ މަޤްޞަދުތައް ފުރިހަމަކުރުމަށްޓަކައި މަސައްކަތް ކުރުމަށް ހިންގާ މީހުން ތައްޔާރު ކުރުމެވެ.

ވަކި ޤައުމީ ނަޡަރިއްޔާތެއްގެ މައްޗަށް ބިނާކުރެވޭ ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް، އެންމެ ފުރަތަމަ ކޮށް ނިންމައިލެވޭ ކަމަކީ [ސަރުކާރު ހިންގުމުގެ ދާއިރާ ޠާހިރުކޮށް] ހިންގުން އިޞްލާޙު ކުރުމުގެ މަސައްކަތެވެ. އިނގިރޭސީން، މި ސަބްކޮންޓިނެންޓަށް އައިސް، އެމީހުންގެ ވެރިކަމުގެ ބާރު ތަނުގައި ޤާއިމުކުރިއިރު، އެބައިމީހުންގެ ސިވިލް ސަރވިސް ޤާއިމުކުރިއެވެ. މި މަސައްކަތުން އެބައިމީހުން އުފެއްދި އޮފިސަރުންނަކީ އިންޑިޔާ މީހުން ކަމަށްވިޔަސް، އެމީހުންނަކީ އިނގިރޭސި ސިކުނޑިއާއި، އިނގިރޭސި މިޒާޖުގެ އަހުލުވެރި ބައެކެވެ. މިދެންނެވި އޮފިސަރުންގެ ފައުޖަކީ، އިނގިރޭސި ވެރިކަމުގެ ބާރުތަކުގެ [މައިކަށި] ކަމުގައި ހިމެނިގެންދިޔައެވެ. ނަމަވެސް އިސްލާމީ އުޞޫލު ޤާއިމުކުރުމުގެ މަތިވެރި މަޤްޞަދަށްޓަކައި ޕާކިސްތާނު އުފެދުނުހިނދު، އަޅުގަނޑުމެން ކުރިން އޮތް ތަޢުލީމީ ނިޒާމުވެސް ބަދަލެއްނުކުރަމުއެވެ. އަދި ވެރީންނަށް އިސްކުރެވޭ މީސްމީހުންގެ އިސްލާމީ ތަރުބިއްޔަތަށްޓަކައި އެއްވެސް ކަމެއް ހަމައެއް ނުޖައްސަމުއެވެ. އަޅުގަނޑުމެންގެ އޮފީސްތަކުގައި ވެރީން ކަމުގައި ތިބެނީ އިނގިރޭސި ހެދުން އަޅައިގެން، އިނގިރޭސި ބަހުން ވާހަކަ ދައްކާ، އިނގިރޭސި ބަހުން ލިޔެހަދާ، މޮޅު ޒީނަތްތެރިކަން ބޮޑެތި އޮފީސްތަކުގައި ތިބޭ ބައެކެވެ. ޢާންމު ރައްޔިތުންނަކީ، އެމީހުންގެ އަޅުންކަމަށް ހީކުރާ އެމީހުންނަކީ، ކަލުން ނުވަތަ ސާހިބުން ކަމަށް ހީކޮށްގެން ތިބޭ ބައެކެވެ. މިކަން މިހެން ހުރުމާއެކު، ޤައުމުގައި އުފެދެމުން އައީ ޑިކްޓޭޓަރޝިޕްގެ އެތައް ވެރިކަމެކެވެ. މި ވެރިކަމުގެ ބާރު، ގަދަކުރުމަށްޓަކައި އޮފީސްތައް ހިންގާނެ އެ ފާޑުގެ އޮފިސަރުންތައްވެސް އޮތީ ބޭނުންވެފައެވެ. ވީމާ، މިދެންނެވި އޮފީސްތަކުގެ ވެރީން ކަމަށް ތިބޭ މީސްމީހުންނަކީ ފިރުޢައުނުންތަކެއް ކަމަށް ވެގެންދިޔައެވެ. އަދި ނުބައި ނުލަފާ ކަންތައްތައް ކުރަމުން ގެންދިޔައެވެ.

މިހާރުގެ މިދުވަސްވަރު އަޅުގަނޑުމެންގެ ކުރިމަތީގައިވާ ސުވާލަކީ، މުޅި ޤައުމާއި ސަރުކާރުގެ ކުރިމަތީގައި ނުހަނު މަތިވެރި އަމާޒެއް ބާއްވައިގެން މަސައްކަތް ކުރަމުން ގެންދާއިރު، [އޮފީސް ސާހިބުވަންތަކަން] އޭގެ ހުރިހާ ނުބައި ގޯސް ކަންތައްތަކާއެކު، މިހާރު އޮތްގޮތަށް ބާއްވައިގެން،  އެ މަޤްޞަދު ޙާޞިލު ކުރެވޭނެތޯއެވެ؟ ވިސްނުމެއްހުރި ކޮންމެ މީހަކު، މި ސުވާލަށް ޖަވާބުދޭނީ [ނުވާނޭ] ކަމަށް ބުނަމުންނެވެ. ވީމާ، ނުހަނު މަތީ ދަރަޖަޔަކަށް ބޭނުންވެފައިވާ ޟަރޫރީ ކަމަކީ، މިހާރު އޮތް ސިވިލް ސަރވިސް ހެޔޮކަމުގެ އަހުލުވެރި ބަޔަކަށް ހަދާލުމަށްޓަކައި ޢަމަލުކުރާނެ ފުރިހަމަގޮތެއް ރޭވުމެވެ. މިރޮނގުން ކުރަންވީ މައިގަނޑު ކަމަކީ، ޤައުމުގެ ތަޢުލީމީ ނިޒާމު އިސްލާމީ ނިޒާމަކަށް ހަދާލުމުގެ މަސައްކަތް ހަލުވިކޮށްލުމެވެ. އެގޮތަކީ، ޤައުމު ހިންގާ ސިކުނޑިތަކާއި އަތްތައް އުފައްދަނީ މިދެންނެވި އަޅުގަނޑުމެންގެ ކިޔަވައިދޭ ތަންތަނުންނެވެ. ޤައުމުގެ ސިވިލް ސަރވިސްގައި ބައިވެރިވާން އެދޭ ކޮންމެ މީހަކު ދަސްކުރަންޖެހޭ ތަކެތީގެ ޚާއްޞަ މުޤައްރަރަކާއި، ތަރުބިއްޔަތުގެ ޚާއްޞަ ކޯހެއް އޮތުމަކީ، ކޮންމެހެން ބޭނުންވެފައިވާ ޟަރޫރީ ކަމެކެވެ. އޮފީސްތަކަށް ވެރީން ހޮވުމުގައި ހަމައެކަނި ކަމުގެ ލަޔާޤަތާއި ޤާބިލިއްޔަތަށް ނުބެލުންވެސް ބޭނުމެވެ. އަދި ކިއެއްތޯއެވެ. އެޔާއެކު އެމީހުންގެ އަޚްލާޤު އިސްލާމީ އުޞޫލުތަކާ އެއްގޮތްވެގެންވޭތޯ ނުވަތަ ނޫންތޯ ބަލަން ބޭނުމެވެ. ޢާންމު ރައްޔިތުންނާއި ސަރުކާރު ހިންގާ ފަރާތްތަކާ ދެމެދުގައި އޮންނަ ދުރުކަމާއި ބީރައްޓެހިކަމުގެ ހުރަސް ނައްތާލުން ބޭނުމެވެ. މި ހުރަސް އުފެއްދުމުގައި އެންމެބޮޑު ބައެއް އޮންނާނީ އިނގިރޭސީން އުޅޭ ވައްތަރާއި، އިނގިރޭސި ހެދުމާއި އަދި އެމީހުންގެ ބަހުގައެވެ. ވެރިންނާއި ޢާންމު ރައްޔިތުން ކައިރިކޮށް ގާތްކުޅައުމަށްޓަކައި އިނގިރޭސި ބަހުގެ ހުރަސް ނައްތާލުމީ ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ.

މި މައްސަލައިގައި ކަން ހިނގުން ލަސްވެފައިވާތީ، އެކަމަށް ރައީސް އިލްތިމާސް ކުރެއްވުމުން ފުއްދަވައިނުލައްވައި، މިވެނި ތާރީޚަކުން ފެށިގެން އޮފީސްތަކުގައި ހުރިހާ މަސައްކަތް އުރުދޫ ބަހުން ހިންގުމަށް އޯޑަރު ނެރުއްވަން ބޭނުމެވެ. މިކަހަލަ ވަރުގަދަ ފިޔަވަޅެއް އެޅިގެން މެނުވީ އަޅުގަނޑުމެންނަށް އިނގިރޭސިބަހާ ވަކިވެ، އެއިން ސަލާމަތްވެވޭނެ ގޮތެއް ނުވާނެއެވެ. މިފަދަ ފިޔަވަޅެއް އެޅުމަށްޓަކައި ޙާލަތު ވަނީ މުޅީން އެކަށޭނަ ގޮތެއްގައެވެ. މޮޅު އުރުދޫ ޓައިޕްރައިޓަރ ވަނީ ތައްޔާރުވެ ނިމިފައެވެ. މި ޓައިޕްރައިޓަރ އުފައްދަނީވެސް އަމިއްލަ ޤައުމުގައެވެ. އުންމީދު ކުރެވެނީ، އުރުދޫ ޓެލިޕްރިންޓަރވެސް ވަރަށް އަވަހަށް މަސައްކަތް ކުރަން ފަށާނެ ކަމަށެވެ. އޮފީސްތަކުގެ މަސައްކަތް ފަސޭހަކަމާއެކު ފަށައިގަނެވޭހާ އިޞްޠިލާޙުތަކާއި ބަސްތައްވެސް އެބަހުއްޓެވެ. ވީމާ، އުރުދޫ ބަސް އޮފީސްތަކުގައި ބޭނުންކުރެވޭ ރަސްމީ ބަހަކަށް ހެދުމަށް އޯޑިނެންސް ހިންގަވައިލެއްވުން އެދި ރައީސް ޟިޔާއަށް އަޅުގަނޑުމެން ދަންނަވަމުއެވެ. އެކަން އޭނާ ކުރައްވައިފިނަމަ، އެކަން ހިމެނިގެންދާނީ، އޭނާ ކުރެއްވި ހަނދާންނައްތައިނުލެވޭފަދަ މޮޅު ކަމެއް ކަމުގައެވެ. އަދި ހަމަ މިގޮތަށް ޕަބްލިކް ސަރވިސް ކޮމިޝަންގެ އިމްތިޙާނުތައްވެސް އުރުދޫބަހަށް ބަދަލުކޮށްލަންވީއެވެ. މިކަމަށްވެސް ރައީސްގެ އޯޑަރެއް ނެރުއްވުން ރަނގަޅެވެ.

ސަރުކާރުގެ އޮފީސްތައް ހިންގުން އިޞްލާޙު ކުރުމުގައި، ހުރިހާ މުހިންމު އަދި ނުފޫޒު ހުރި މަޤާމުތައް، އިސްލާމީ އަޚްލާޤު ހުރި ޕާކިސްތާނުގެ ނަޡަރިއްޔާތާ ވަރުގަދަ ގޮތެއްގައި ގުޅުންހުރި ކަމުގެ އަހުލުވެރިކަން ލިބިގެންވާ މީހުންނަށް ދެއްވުމަކީވެސް ކޮންމެހެން ބޭނުންވާ ކަމެކެވެ. މިގޮތުން ބަދަލުތައް ގެނައުމުގައި އެކަންކުރެވޭނެ ގޮތުގެ ރޭވުމަކާއި ޕްރޮގްރާމެއް އޮތުންވެސް ރަނގަޅެވެ. މިވަގުތު ސަރުކާރުގެ މުހިންމު މަތީ މަޤާމުތަކުގައި ތިބި މީހުން، އެމީހުންގެ އަމިއްލަ ނަފްސުތަކުގެ ޙާލަތު ހުރިގޮތް ބަލައި، އެ މަޤާމުތަކުގައި ތިބެން ބޭނުންނަމަ، އެމީހުންގެ ޢަމަލުކުރާ ގޮތްތައް ބަދަލުކުރަންޖެހޭނެއެވެ. އަދި އެ ނަޡަރިއްޔާތެއްގެ މައްޗަށް ޕާކިސްތާނު އުފެދި، އެ މަޤްޞަދަކަށްޓަކައި މަސައްކަތް ކުރަން ޕާކިސްތާނު ޤާއިމުކުރެވުނު މަޤްޞަދު ފުރިހަމަކުރުމަށްޓަކައި އަމިއްލަ ނަފްސުތައް ތައްޔާރުކުރަންޖެހޭނެއެވެ. ސަރުކާރު ހިންގުމާއި ހިންގާ ވެރީން ކުރަމުންގެންދާ ކަންތައްތަކާމެދު އިޙްތިސާބު ކުރުމުގެ (ބަލައި ފާޑުކިޔުމުގެ) އަސަރުހުރި ޢަމަލީ އުޞޫލެއް ހެދުންވެސް ކޮންމެހެން ބޭނުމެވެ. ޚާއްޞަކޮށް، ވެރިން ކުރަމުން އައި ކަންތައްތަކާމެދު ނޫސް މަޖައްލާތަކުގައި، ފާޑުކިޔުމުގެ މަގަށް އެއްވެސްކަހަލަ ހުރަހެއް އެޅިގެން ނުވާނެއެވެ.

___________________________________________________

މަތީގައި ތަރުޖަމާކުރެވިފައިވާ މަޤާލާއަކީ، ޕާކިސްތާނުގައި ނުކުންނަ ދުވަހު ނޫސް “ޖަންގް – ކަރާޗީ” ގެ 4 ނޮވެންބަރ 1981 ދުވަހުގެ އެޑިޓޯރިއަލްއެވެ. މި މަޒުމޫނުގައި ބަޔާންކުރެވޭ ވާހަކަތަކަކީ ޕާކިސްތާނުގެ މިހާރުގެ ހާލަތު ހުރިގޮތްތައް، ދައްކައިދޭ އެއްޗެއް ކަމުގައި ވިޔަސް އެމަޤާލާގައި ލިޔެވޭ “ރައީސް ޟިޔާ” “ޕާކިސްތާނު” ފަދަ ބައެއް ލަފުޒުތައް އެކަނި ބަދަލުކޮށްލަނިކޮށް ޕާކިސްތާނު ނޫން އެހެން ބައެއް އިސްލާމީ ޤައުމުތަކުގެ މިހާރުގެ ޙާލަތު ހުރިގޮތްތަކާ ގުޅިގެންދަނީ، މުޅިން ބަރާބަރު ގޮތެއްގައެވެ. ވީމާ މިފަދަ ލިޔުންތަކުން އަޅުގަނޑުމެންގެ ޚާއްޞުންނާއި ޢާންމުންނަށްވެސް ކޮންމެވެސް އަގުހުރި ފައިދާއެއް ލިބޭނޭ ކަމުގެ އުންމީދުގައި އަޅުގަނޑު މިތަރުޖަމާ ހުށަހަޅައިލީމެވެ.

__________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment