000-ކ.ދ.އަޙްމަދު މަނިކު- މިމަޒުމޫނު އަޅުގަނޑުމެން ނަގާފައިވަނީ “ފަތްތޫރަ” މަޖައްލާގެ 421 (އެޕްރީލް 2015) ގެ ޢަދަދުންނެވެ. _________________ ގަސްކުޑަ ތުއްތު އަކީ، ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލްއައްވަލުގެ ބޮޑީގާޑެވެ. އޭރު ގަނޑުވަރުތެރޭގެ އެންމެ ރަނގަޅު މުސާރަލިބޭ ފެންވަރުގެ ވަޒީފާއެއް އަދާކުރާ އެއް މުވައްޒިފެވެ. ރޯދަމަހަކީ، ދިވެހީންގެ ތެރޭގައި ކޮންމެ ގެއެއްގައިވެސް އާދަޔާ ޚިލާފަށް ޚަރަދު ބޮޑު މަހެކެވެ. ނުކެވުނަސް އިރުއޮއްސޭއިރަށް ތައްޔާރުކުރެވޭ ކާބޯތަކެތީގެ ބާވަތްތައް ގިނަވުމާ، ތަރާވީސްދަމުގައި ވެސް ރައްޓެހިން ގޭގެއަށް ޒިޔާރަތްކުރުން އިތުރުވުމާއެކު އެމީހުންނަށް ދޭނޭ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

-ކ.ދ.އަޙްމަދު މަނިކު-

މިމަޒުމޫނު އަޅުގަނޑުމެން ނަގާފައިވަނީ “ފަތްތޫރަ” މަޖައްލާގެ 421 (އެޕްރީލް 2015) ގެ ޢަދަދުންނެވެ.

_________________

ގަސްކުޑަ ތުއްތު އަކީ، ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލްއައްވަލުގެ ބޮޑީގާޑެވެ. އޭރު ގަނޑުވަރުތެރޭގެ އެންމެ ރަނގަޅު މުސާރަލިބޭ ފެންވަރުގެ ވަޒީފާއެއް އަދާކުރާ އެއް މުވައްޒިފެވެ.

ރޯދަމަހަކީ، ދިވެހީންގެ ތެރޭގައި ކޮންމެ ގެއެއްގައިވެސް އާދަޔާ ޚިލާފަށް ޚަރަދު ބޮޑު މަހެކެވެ. ނުކެވުނަސް އިރުއޮއްސޭއިރަށް ތައްޔާރުކުރެވޭ ކާބޯތަކެތީގެ ބާވަތްތައް ގިނަވުމާ، ތަރާވީސްދަމުގައި ވެސް ރައްޓެހިން ގޭގެއަށް ޒިޔާރަތްކުރުން އިތުރުވުމާއެކު އެމީހުންނަށް ދޭނޭ އެއްޗަކާ އެކު ގޭގެ މީހުންނަށްވެސް ފުދޭވަރަށް ރަނގަޅު ކާތަކެތި ހެދުމާ، ދުވާލު ހަތަރުދަމު ނުކައި ހުންނަން ޖެހޭތީވެ ހާރުދަމަށް ތައްޔާރުކުރެވޭ ކާބޯތަކެތީގެ ފެންވަރު ރަނގަޅު ކުރުމުގެ ސަބަބުންނެވެ. އާދައިގެ މަސްމަހަށް ވުރެ ކެއިންބުއިމުގެ ވަގުތު މަދު މަހެއްމެއެވެ. އާދައިގެ މަސްމަހު ޢާންމު ގޮތެއްގައި ދިވެހީން ޒަމާނުއްސުރެ ދެއިރު ސަޔާ ދެއިރު ކެއުން ބޭނުންކުރެއެވެ. ރޯދަމަހު ދެއިރު ކެއުމާ އެއްއިރުގެ ސައި ނުވަތަ ތަރާވީހުގެ ނަމުގައި ތަރާވީސްދަމު ބޭނުންކުރެވޭ އެއްޗެކެވެ. އެކަމަކު ޚަރަދު ބޮޑުވަނީ އާދައިގެ މަސްމަހަށް ވުރެ ގިނަ ބާވަތްތައް މޮޅަށް ތައްޔާރުކުރަން ޖެހޭތީއެވެ. އެއީ ދިވެހީންގެ ސަޤާފަތާ ވެސް ގުޅިފައިވާ ކަމެކެވެ.

ރޯދަމަހެއްގެ ފަހުކޮޅެވެ. ގަސްކުޑަތުއްތުގެ މުސާރަޔަށް ލިބުނު އެއްޗެއް އެހާތަނަށް ދިޔައިރު ހުސްވެއްޖެއެވެ. އޭނާއަކީ އާމްދަނީ ލިބޭނެ އެހެން މަސައްކަތެއް ކުރާ މީހެއް ނޫނެވެ. ކުޑަތުއްތުގެ ރައްޓެހިން އޭނާޔަށް މުޚާޠަބުކުރާ ނަމުން ނަމަ “ގަސްކުޑޭ” ވަރަށް ހާސްވެއްޖެއެވެ. ގޭން އަންހެނުން މިކަމުގައި ހިފާނޭ މިންވަރު ކުޑޭއަށް ވިސްނެއެވެ. ބޭރުގެތެރޭގައި ހުރި ސަރަންފީ ގޮނޑިއެއްގައި ނިތްކުރިމަތީ އަތްބާއްވާލައިގެން

ފިކުރުކުރާން ކުޑޭ އޮތެވެ. މިހެން އިރުކޮޅަކު އޮތުމަށް ފަހު އޭނާޔަށް ރަނގަޅު ތަދުބީރެއް ކުރެވިއްޖެއެވެ. ފުންމައިގެން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ބޭރަށްދާ ހެދުން އަޅާލައިގެން ގޭން ނުކުމެގެން ފައިމަގުގައި ހިނގާފައި ގަނޑުވަރަށް ހިނގައްޖެއެވެ.

ކީރިތި  މަހާރަދުންގެ އާދަފުޅަކީ ކޮންމެ ދުވަހަކު ވެސް މެންދުރުން އަނބުރާ އެކެއް ޖަހާއިރު އުތުރުގެކޮޅު ތެރޭ ހުންނަ ސޯފާއެއްގައި އޮށޯވެވަޑައިގަންނަވާނެއެވެ. އެއިރަކު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅަކާވެސް އެކުގައެވެ. ތާކިހާކޮޅު ނިތްކުރިފުޅު މައްޗަށް ލޯފުޅު ނިވާވާ ވަރަށް ޖައްސަވާލައްވާނެއެވެ. ތިނެއް ޖަހަންދެން “ހިތް ހުއްޓާލަން ޖައްސަވާލައިވައިގެން” އެގޮތަކަށް އޮންނަވާނެއެވެ. ތިނެއް ޖެހީމާ ކުޑަ މުޙައްމަދު ކަލޭފާނު ދުރުވެ ދެންނެވުމުން ތެދުވެވަޑައިގެން ކޮޓަރިކޮޅަށް ވެދެވަޑައިގަންނަވާނެއެވެ. ދެން ނުކުމެވަޑައިގަންނަވާނީ ހެދުންކޮޅު ބަދަލުކުރައްވާ، ނަލަހެދިވަޑައިގެން ފަހެއް ޖަހާލާއިރުއެވެ.

ކޮންމެއަކަސް ގަސްކުޑޭއަށް އެދުވަހު ގަނޑުވަރަށް އާދެވުނީ ދޭއް ޖަހާ އިރުކޮޅެއް ވީ ފަހުންނެވެ. ކުޑޭއަކީ ކޮއިލުތެރޭގެ ކޮންމެ ހިސާބެއްވެސް ހުއްދަ މީހުން ތެރޭ ހިމެނޭ މީހަކަށް ވާތީ ވަދެގެން ދިޔަގޮތަށް ދިޔައީ އުތުރު ގެކޮޅު ތެރެއަށެވެ. އޭރު އޮންނަވާނީ އެތާގައި ކަން މީނާއަށް އެނގޭތީއެވެ. އުތުރުގެކޮޅު ތެރެއަށް ވަންއިރު ކީރިތި މަހާރަދުން އޮންނެވީ އާދައިގެ މަތިން އޮށޯވެވަޑައިގެންނެވެ. ގަސްކުޑޭ ދޮރުން އެތެރެއަށް ވަދެ ތަޅުންގަނޑުގައި ފައިވާން ކާއްތާލައިފިއެވެ. އިރުކޮޅެއް ކޮށްލާފައި އެޔަށް ވުރެ ބާރަށް ކުޑޭ ފައިވާން ކާއްތާލައިފިއެވެ. ކީރިތި މަހާރަދުން ހޭފުޅުލެއްވީކަން ކުޑޭއަށް އެނގިއްޖެއެވެ. އެކަމަކު އެއްވެސް ޙަރަކާތެއް ނުކުރެއްވިއެވެ. އެއްޗެއްވެސް ވިދާޅެއް ނުވިއެވެ. ތާކިހާކޮޅުން ލޯފުޅު ނިވާކޮށްލައްވާފައި ހުރި މިންވަރަކުން، ތާކިހާކޮޅުގެ ދަށުން ކީރިތި މަހާރަދުންނަށް “ރަތްމީހާ” ފެނިވަޑައިގެންފިއެވެ. އަނެއްކާވެސް ކުޑޭ ފައިވާން ކާއްތާލާފައި ބާރަށް ކެއްސާލައިފިއެވެ.

ކީރިތި މަހާރަދުން އެއޮންނެވި ގޮތަށް އޮންނަވާފައި ވިދާޅުބަސްފުޅު އިއްވެވިއެވެ. އޭ ރަތްމީހާ، އަހަރެން ލޮލުފިޔަޖެހިޔަ ނުދޭންތަ މިއަދު ތިޔަ މިތަނަށް އައީ؟”

ގަސްކުޑޭ، އަދަބު އިޙްތިރާމް އަދާކޮށްފައި: ނޫން މަސާހިބު، އެހެނަކުން ނޫން. މިކަހަލަ ވަގުތެއްގައިވެސް ނައިސްނުވާވަރުގެ ބޮޑު ކަމެއް ދިމާވެގެން އަންނަން ޖެހުނީ.

ކީރިތި މަހާރަދުން: (ލޯފުޅުން ތާކިހާކޮޅު ނެއްޓޭވަރަށް ތާކިހާކޮޅު މައްޗަށް ޖައްސަވާލައިވާފައި) އަނެއްކާ ކޮންފަދަ ކަމެއް ދިމާވީތަ؟’

ގަސްކުޑަތުއްތު: މެންދުރެއްހާ އިރުން ފެށިގެން އަޅުގަނޑުގެ އަންހެނުން ބަނޑެއްގައި ރިހޭތީ ތެޅިފޮޅެނީ. މަހުގެ ފަހުކޮޅުކަމުން އަތްމަތީ އެންމެ ލާރިފޮއްޗެއް ވެސް ނެތް. އެހެންވީމާ ބޭހެއް ހޯދާލެވޭނެ ގޮތެއް ނެތިގެން އަންނަން ޖެހުނީ. މިއޮތީ ރޯދަމަހުގެ ފަހުކޮޅު.

ކީރިތި މަހާރަދުން: އަނެއްކާވެސް އަންހެނުން ވިހަންވީ ދޯ؟”

ގަސްކުޑަތުއްތު:  ނޫން މަސާހިބު. އަދި މިއީ ވިހަން ބަނޑުގާ ރިއްސަނީކީ ނޫން. އެކަމަކު މިހާރުވެސް އިންގޮތެއް ނޭނގޭ.

ކީރިތި މަހާރަދުން: ރަތްމީހާއަށް ވާ ސާބަސް. މުސަޅުވިހާހެން ތިންމަހުން ތިންމަހުން އިންސާނުން ވިހެއުމުގެ ނިޒާމު މާތްކަލާނގެ އާދަމުގެ ދަރީންގައި ނުލެއްވިކަމީވެސް ކޮޅުނެތްކޮޅަށް ޝުކުރު ކުރާވަރުގެ ކަމެއް. އެހެން ނޫންނަމަ ރަތްމީހާގެ މިހާރު ހައްސަ ދަރީން ތިބީސް.

ގަސްކުޑަތުއްތު: ދަންނަވަންތޯ މަސާހިބު. އަޅުގަނޑުވެސް އުޅެނީ ވަރަށް ބަލައިގެން. އެންމެ އަވަހަށް އަހަރު ދެކޮޅު އަންހެނުން ވިހަނީ. އެއަށްވުރެ އަވަހެއް ނުވާނެ.

ކީތިރި މަހާރަދުން: ރަތްމީހާއަށް ވާ ހަމަ ސާބަސް. ތިޔައީ ފިރިހެނެއް.

މިހެން ވިދާޅުވުމާއެކު ވަރަށް ބާރަށް ތިން ފަހަރު ތުނބުން ފުންމަވާލައްވައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި “ވަފާތެރި ޚާދިމު” އާދެ، ތުރުކީ ކުޑަ މުޙައްމަދު ކަލޭފާނު ދުރުވެ އުތުރުގެކޮޅު ތެރެއަށް ވަންނަވައިފިއެވެ. ކީރިތި މަހާރަދުންނަށް އަދަބު އަދާކުރުމުގެ ގޮތުން “އާދެ، މަސާހިބު” މިހެން ދެންނެވުމުން ކީރިތި މަހާރަދުން އޭރު އޮންނެވި ގޮތަށް އޮންނަވާފައި ވިދާޅު ބަސްފުޅު އިއްވެވިއެވެ. “އޭނާއަށް ވަރަށް ރަނގަޅަށް ދީބަލަ” މި ކޯޑުގެ އަޑުއިވުމާއެކު ވަފާތެރި ޚާދިމު “އާދެ މަސާހިބު” ދަންނަވާފައި ފަހަތަށް ފަހަތަށް ދުރުވެ އުތުރުގެކޮޅުން ނުކުންނަވައިގެން ދުރުވެއްޖެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކުޑަމުޙައްމަދު ކަލޭފާނު އެނބުރި ދުރުވެ އުތުރުގެކޮޅު ތެރެއަށް ވަންނަވާ ގަސްކުޑަތުއްތު އަތަށް ސިޓީއުރައެއް ދިއްކޮށްލައްވަވައިފިއެވެ. ކުޑޭ އެސިޓީއުރަ ލިބުމާއެކު “ދިޔުމުގެ އިޒުނަޔަށް އެދެން” މިހެން ތަންކޮޅެއް ބާރަށް ދެންނެވުމުން، ބަރު އަޑުފުޅަކުން “ހޫނ” މިހެން ކީރިތި މަހާރަދުން ވިދާޅުބަސްފުޅު އިއްވެވިއެވެ.

ކުޑަ މުޙަންމަދު ކަލޭފާނާ ކުޑަތުއްތުއާ ދެމީހުން އުތުރުގެކޮޅުތެރޭން ބޭރަށް ނުކުމެފައި ކުޑަމުޙައްމަދު ކަލޭފާނު ބުނުއްވިއެވެ. “އަނެއްކާ މާ ނުގަޑިއެއްގައި ކިހިނެއްވީ ހެއްޔެވެ؟” އޭރު ކުޑޭގެ ހިނގުން ބާރުކޮށްލައިފިއެވެ. ފަހަތް ބަލާވެސް ނުލައި މާ ހާސްވެފައިހުރި ގޮތް ދައްކާފައި، “އަންހެނުން، ރޯދަމަސް، ބަނޑު، މަހުގެ ފަހުކޮޅު” މިކަހަލަ ހާސަރެއް ދަމަމުން ގަނޑުވަރުން ނުކުމެގެން ހިނގައްޖެއެވެ. ކުޑަ މުޙައްމަދު ކަލޭފާނަށް ތަނެއްދޮރެއްވެސް ނޭނގުނެވެ. ކުޑޭ ދިޔަގޮތަށް ދިޔައީ ބާޒާރަށެވެ. މާރުކޭޓުން ލުނބޮޔާ، މިރުހާ،ކޮޕީފަތާ، ޅަތޮރާކޮޅަކާ، ވަޅޯމަސް ކިބައަކާ، ގަނެގެން ކޮލިގޭ 2 ނަންބަރު ފިހާރައަށް ވަދެ އިސްބަޣުލް ކޮޅަކާ ހަކުރު ފައުލާއެއް ވެސް ގަނެގެން މީނާއައީ ސީދާ ގެއަށެވެ. މިތަކެތި އަންހެނުންނާ ޙަވާލުކުރުމުން އަންހެނުންނަށް ވެސް ކުޑަ ހައިރާންކަމެއް ލިބުނެވެ. އެހެންވާނެތާއެވެ. އޭގެ ދެގަޑިއެއްހާއިރު ކުރިން ލާރި ހުސްވެގެން އެއްވެސް އެއްޗެއް ހޯދޭނެ ގޮތެއް ނެތި ނިތްކުރީގައި އަތްބާއްވާލައިގެން ބޭރުގޭތެރޭ ސަރަންފީ ގޮނޑިގައި އޮތް މީހާ ކުއްލިއަކަށް މިހުރިހާ ތަކެތި ގެނެސްދިނީމާ މިވީ ގޮތަކާމެދު ރަނގަޅު ދިރިއުޅުމެއް ވޭތިކުރާ އަންބަކު ނަމަ ޚިޔާލު ނުކޮށެއް ނުދާނެއެވެ. އެކަމަކު ހަމަ އެކައްޗެއްވެސް ނުބުނެއެވެ. އެއީ ތަނަކުން ވައްކަން ކޮށްގެން ނުވަތަ މީހަކު އަތުން ދަރަންޏަށް ކުޑަތުއްތު އެއްޗެއް ނުގެންނާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮންނަލެއް ބޮޑުކަމުންނެވެ.

އެދުވަސް ވޭތިވެ އެރޭވެސް އާދައިގެ ގޮތަކަށް ވޭތިވެއްޖެއެވެ. އަނެއް ދުވަހަކީވެސް އޭނާގެ ޑިއުޓީ ދުވަހަކަށް ނުވާތީވެ، އަދި އޭގެ ފަހުން އަދި ގަނޑުވަރަކަށް ކުޑޭ ނުދެއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރު 11 ޖަހަނިކޮށް ގަނޑުވަރުތެރޭގައި އަރިހުބޭކަލެއް ކަމުގައިވާ ހ.މަލަ ޢަބްދުލްޙަކީމު، ކުޑޭމެން ގެއަށް އައިސް ކުޑޭގާތު ބުނެފިއެވެ. “ކީރިތ މަހާރަދުން ވިދާޅުބަސްފުޅެވެ. ކުޑަތުއްތު އަވަހަށް ގަނޑުވަރަށް އަންނާށެވެ.” މިހެން ބުނެފައި އޭނާ ނުކުމެގެން ހިނގައްޖެއެވެ.

ކުޑޭ ވަރަށް އަވަހަށް ތައްޔާރުވެލައިގެން ގަނޑުވަރަށް ހިނގައްޖެއެވެ. އެތެރެއަށް ގޮސް ކީރިތި މަހާރަދުން އުޅުއްވާ ހިސާބެއް ބަލައިލިއިރު ރަދުން އުޅުއްވަނީ ގަނޑުވަރު ހުޅަނގުފަރާތު ގޯތިތެރޭގައި ހުރި ވަޑާންގެއެއްގެ ތެރޭގައެވެ. ކުޑޭ ގޮސް ފެނިވަޑައިގަންނަވާ ހިސާބަށް ހުއްޓިފައި އަދަބު އަދާކޮށްފައި “އާދެ. މަސާހިބު” ދަންނަވައިފިއެވެ. ކުއްލިއަކަށް ކުރައްވަން ހުންނެވި މަސައްކަތް ހުއްޓަވާލައްވާފައި ވަޑާންގެއިން ނުކުމެވަޑައިގެންފިއެވެ.

ކީރިތި މަހާރަދުންނަކީ ވަރަށް މޮޅަށް ވަރަށް ރީތިކޮށް ތެދުއުއިވަޑާންކުރައްވާ މާވަޑިއެކެވެ. އަމިއްލަފުޅަށް ގޮނޑިމޭޒު އަލަމާރި ފަދަ ތަކެތި ހުސްވަގުތުގައި ޖެއްސެވުމަކީ ކީރިތި މަހާރަދުންގެ ގިނަ ހޮބީތަކުގެ ތެރެން އެއްކަމެވެ.

ކީރިތި މަހާރަދުންގެ މޫނުފުޅުމަތިން ކޯފާއިސްވުމުގެ އަސަރު ފެނެއެވެ. ވިދާޅުބަސްފުޅު އިއްވެވިއެވެ. “އޭ ރަތްމީހާއެވެ. ކަލޭގެ އަންހެނުންނަށް މިހާރު ވަނީ ކިހިނެއްހެއްޔެވެ؟” ކުޑަތުއްތު ދެންނެވިއެވެ. “މިހާރު ރަނގަޅެވެ.” ވިދާޅުބަސްފުޅު އިއްވެވިއެވެ.”މީގެ ދެދުވަސްކުރިން ކަލޭ މަގޭ ކައިރިއަށް އައީ އަންހެނުން ފުރާނަދާ ހިސާބަށް ގޮސްގެންނެވެ. ބޭސްކުރުމަށް އެއްޗެތި ދިނީމާ ދިޔަގޮތަށް މަރުވިއެއްކަން ގަދަވީއެއްކަން ވެސް މަށަކަށް ނޭނގުނެވެ. ތިޔައީ ވަލު ޖަނަވާރަށް ވުރެ ނުބައި ސުލޫކެކެވެ. އެތަކެތި ވެސް ކާންދޭ މީހާ ބަލައެވެ. ކަލެއަށް އެވަރުވެސް ނުވިއެވެ. ބޭސްކުރީ ކާކުހެއްޔެވެ؟” ކުޑަތުއްތު ދެންނެވިއެވެ. “ބޭސްކުރީ ބޮއިދޮންމަނިކެވެ.”

ވިދާޅުބަސްފުޅު އިއްވެވިއެވެ. “ދޮންމަނިކަކީ މޮޅު ބޭސްވެރިއެކެވެ. މަށަށްވެސް ވަރަށް ގިނައިން ބޭސްކުރާ މީހެކެވެ. ސީދިބޭ (އިބްރާހީމް ފާމުލަދޭރިކިލެގެފާނު) ނެތިއްޔާ ދޮންމަނިކު ވަރު މީހެއް ނުހުންނާނެއެވެ. ވިލާތު މީހުންނަށްވެސް އެނގޭވަރަށް ދޮންމަނިކަށް ވެސް އެނގޭނެއެވެ. ސީދިބޭ ވިލާތު މީހުންނަށް ވުރެވެސް މޮޅުވާނެއެވެ. އަނގައިގާ ބާއްވައިގެން ވިރުވާލާ ޒާތެއްގެ ގުޅައަކަށް ވުރެ، ކަރުގާ ރިއްސާތީ ވޭމުއި މޮޅުކަމަށް މަގޭ ގާތު ސީދިބޭ ވިދާޅުވިއެވެ. އެއީ ސީދިބޭ މޮޅުވާތަނެވެ. އެކަން މަށަށް ވެސް ދިތުންވެއެވެ. ދޮންމަނިކަށް ކިހާ ފައިސާއެއް ދިނިން ހެއްޔެވެ؟ ބޭސްގަތީ ކިހާ ފައިސާއަކަށް ހެއްޔެވެ؟ ގެންދިޔަ ފައިސާއިން ފުދުނު ހެއްޔެވެ؟ މިއިން އެއްވެސް ކަމެއް މަށަކަށް ނޭނގެއެވެ. ‘ދެސުން ކައިގެން މުށިބުދު’ މަށަކަށް އެކައްޗެއް ވެސް ނާންގައެވެ. މިކަންކަންވެސް އޮޅުން ފިލުވަން މިޖެހެނީ މަށަށެވެ. އެކަމަކު އެއީ ކަލޭގެ އަނބިމީހާއެވެ.”

ކުއްލިއަކަށް ދެފަހަރު ތުންބުން ފުންމަވާލައްވަވައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކަޅުބެހޮއްކޮ ދޮހޮއްކޮ އަތުވެއްޖެއެވެ. ކުޑޭއާ ދާދި ކައިރިއަށް ހުއްޓިފައި “އާދެ މަސާހިބު” ދަންނަވައިފިއެވެ. ކީރިތި މަހާރަދުން ވިދާޅުބަސްފުޅު އިއްވެވިއެވެ. “ދާށެވެ. ރަތްމީހާ ގޮވައިގެންދާށެވެ. އޭނާގެ އަންހެނުންގެ ޙާލު ބަލައިގެންގޮސް ބޮއިދޮންމަނިކު ކައިރިން ރަތްމީހާގެ އަންހެނުންނަށް ދިން ބޭހުގެ އަގު އޮޅުންފިލުވައިގެން އަންނާށެވެ.”

ވިދާޅުވެފައި ކީރިތި މަހާރަދުން ވަޑާންގޭތެރެއަށް ވެދެވަޑައިގެންފިއެވެ.

ކަޅުބެހޮއްކޮ ދޮހޮއްކޮޔާ، ކުޑޭއާ ދެމީހުން އެކުއެކީގައިހެން ނުކުމެ ފާރަވެރީންގެ އަށްޓާ ހަމަޔަށް އައިސްފައި ދޮހޮއްކޮ އަހައިފިއެވެ. ތިއުޅެނީ ކޮންކަހަލަ ހީލަތެއް ހަދައިގެންހެއްޔެވެ؟ ކުޑޭ ކަންވީ ގޮތް އަލިފުން ޔާއަށް ކިޔައިނުދީ މިކަމުން ސަލާމަތް ވާނެ ގޮތެއް ނެތް ކަން އެނގުމުން، ދޮހޮއްކޮޔަށް ވަރަށް މަޑުމަޑުން މިހުރިހާ ވާހަކައެއް ޙަޤީޤަތާ އެއްގޮތަށް ކިޔައިދީ އޭނާ ކަންކުރި ގޮތް ފިލުވައިދީފިއެވެ. ދޮހޮއްކޮ ބުންޏެވެ. ” އެންމެ ރަނގަޅެވެ. ކަލޭ ދާށެވެ. ބޮއިދޮންމަނިކު ކައިރިއަށް ގޮސް ފުރަތަމަ ބުނާށެވެ. އަހަރެން ދޮންމަނިކު ކައިރިއަށް އަންނާނެއެވެ. އައިމާ ބުނާށެވެ. ‘ގަސްކުޑަ ތުއްތުގެ އަންހެނުންގެ ބޭހަކަށް އަގެއް ނެތެވެ. އެއީ ކުޑަކުޑަ ބޭހެކެވެ. ދެން ގޮސް އަންހެނުން ގޭތެރޭ އެނދެއްގައި ބާއްވައިގެން ކައިރީގައި ކަލޭ އިންނާށެވެ. ބޮއިދޮންމަނިކު ކައިރިއަށް ގޮއްސާ ގެޔަށް ދާހާއިރު ކޮށްލާފައި މަ ދާނަމެވެ.” ކުޑޭ ވަރަށް ހިތްހަމަޖެހިގެން ހުރެ ގަނޑުވަރުން ނުކުމެގެން ފުރަތަމަ މިސްރާބު ޖެހީ ބޮއިދޮންމަނިކު ގެއަށެވެ.

(ބޮއިދޮންމަނިކު އޭރު ހުންނަވަނީ މިހާރު އޮލިމްޕަސްގެ އިރުމަތީ ގޯޅިތެރޭ މިހާރު އޮލިމްޕަހަށް ވަދެފައިވާ ބައިގައެވެ. އެއީ އޭނާގެ އަމިއްލަ ގެއެވެ. އިބްރާހީމް ނާޞިރުގެ ދައުރުގައި އޮލިމްޕަހަށް އެ ބައި ލައްވަންވެގެން މަޖީދީ މަގުގައި މިހާރު ދޮންމަނިކު އެހުންނަވާ ގޯތީގައި ގެއަޅުއްވާފައި ޢަދުލުވެރި ބަދަލު ދެއްވާ ދޮންމަނިކު އެ ތަނަށް ބަދަލުކުރެއްވިއެވެ.)

ކުޑޭ އައިސް ބޮއިދޮންމަނިކު ގެއަށް ވަދެއްޖެއެވެ. ދޮންމަނިކަކީ އެއިރު ހަދީބީ މިސްކިތް (މިހާރު މަސްޖިދު މުޙައްމަދު ޢިމާދުއްދީނުލް އައްވަލް) ގެ މުދިމެވެ.ފަސްވަގުތު ނާޅާ ނަމާދުކުރައްވާ ވަރަށް އަޅުވެރިއަކު ލައްވާ ދޮގެއް ހެއްދުމަށް ކުޑޭ ތައްޔާރު ވެއްޖެއެވެ. ގޭދޮރުމައްޗަށް އަރާ ސަލާން ގޮވާލައިފިއެވެ. އެތެރޭން ސަލާމް ބަލައިގެން އަޑުއިވުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮންމަނިކު ނުކުންނެވީ މެންދުރު ނަމާދަށް ދުރުވަން ތައްޔާރުވެގެންނެވެ. ކުޑޭ ނަންގެންފިއެވެ. “މިއައީ ވަރަށް ބޮޑު ކަމަކުއެވެ. ދެން ޙާދިސާ ދިމާވި ގޮތް ފެށުނީއްސުރެ ނިމެންދެން ނަންގަނެފައި ނިންމާލައިފައި ކުޑޭ ނަންގަތެވެ. ކީރިތި މަހާރަދުން ފޮނުއްވީމާ ކަޅުބެހޮއްކޮ ދޮހޮއްކޮ އަންނާނެއެވެ. އަޅުގަނޑުގެ ބޭހަށް އަގު ނުނަގާކަމުގައި ބުނުއްވާލަދެއްވާށެވެ. އޭރުން ނިމުނީއެވެ” ދޮންމަނިކު އެކަމަށް ވަކި އެއްޗެއް ނުބުނުއްވިއެވެ. އެއީ ކަމަކާނުލާ، އަމުދުން މީހެއްގެ މަޖުބޫރުކުރުމަކުން ދޮގެއް ހައްދަވަން ޖެހޭތީ ކަމަށްވެދާނެއެވެ.

ދޮންމަނިކު ބުނުއްވިއެވެ.”އަހަރެން މިދަނީ މެންދުރު ނަމާދަށެވެ. ކުޑަތުއްތު ދެން ދުރުވާށެވެ. ކަޅުބެހޮއްކޮ ދޮހޮއްކޮ ދުރުވެއްޖެނަމަ އަޅުގަނޑު ކޮންމެވެސް ގޮތެއް ހަދާނަމެވެ. ދޮންމަނިކަށް ވެސް މިވެގެން އުޅެ ގޮތާ ދޮގު ދަންނަވައިގެން ކުޑޭ ލާރި އަތުލީކަން ވިސްނިލައްވައިފިއެވެ. ދޮންމަނިކު ނުކުންވައިގެން ދުރުވެއްޖެއެވެ. ކުޑޭވެސް ނުކުމެގެން ދެފަޔަށް ބާރުލާފައި އައީ ގެޔަށެވެ. އައިއިރު އަންހެނުން އުޅެނީ ބަދިގެދޮށުގައެވެ. ވެގެން އުޅޭ ގޮތް އަންހެނުންނަށް އެނގިގެން ނުވާނެ ކަމުގައި ކުޑޭ ޚިޔާލުކޮށްފައި އަންހެނުން ގާތު ބުނެފިއެވެ. “ކަޅުބެހޮއްކޮ ދޮހޮއްކޮ ގާތު މަބުނެފީމެވެ. އަންހެނުން ވަރަށް ބައްޔެވެ. ކަލޭ ވަދެވެސް ނުލަމުނޫން ހެއްޔެވެ.”

“ދޮހޮއްކޮ ބުންޏެވެ. ގެއަށް ދާ މަގުމަތީގައި ވަދެލާނަމެވެ. ވީމާ އަންނާނެއެވެ. އައިސް އެނދުގައި އޮށޯވެލާށެވެ. އަހަރެން ކައިރީގައި މަޑުކޮށްލާނަމެވެ. އަހަރެން އެހެން ދޮހޮއްކޮ ގާތުގައި ބުނީ ދޮހޮއްކޮ މިގެއަށް ނާންނަތާ ގިނަ ދުވަސްވީމައެވެ. ” ކުޑޭ އަންހެނުން ބުންޏެވެ. “ބަދިގޭދޮށުގައި އިރުއޮއްސޭއިރަށް ހަދާ މިތަކެތި ވަކިވަރެއް ކޮށްފައި ގޮސް އެނދުގައި އޮވެވޭނެ ހެއްޔެވެ؟ އުނދުންމަތީ އުދާފައި ހުރި ތަކެތިވެސް ދުންގެންފާނެއެވެ. ” ކުޑޭ ބުންޏެވެ. “އިހަށް އުނދުންމަތީގައި ހުރި ތަކެތި ބާލާލާފައި އިންނާށެވެ” ކޮންމެއަކަސް ކުޑޭ ކުރުނުކޮށްގެން ވަކިވަރަކަށް ހަމަޖައްސާލާފައި އަންހެނުން އައިސް އެނދުގައި އޮށޯވެއްޖެއެވެ. ބަދިގެ ތެރޭގައި އުޅުމުގެ ސަބަބުން އެވަރަށް ހޫނުވެފައި ހުއްޓާ މެންދުރުގެ ހޫނުގަނޑާއެކު ގޭތެރެ ކޮޓަރިއެއްގެ އެނދުގައި އޮށޯތީމާ ކިހާ ދަލެއް ހިއްލާނެ ހެއްޔެވެ. ކުޑޭ އެނދުގެ މަގަތުން އިށީނދެލައިގެން އިނެވެ.

އަންހެނުން ބުންޏެވެ. ” ދޮހޮއްކޮ މިހާރު އަންނާނެ ވާހަކަ ބުނީމާ، މިހާރު ދަތިވާނެއެއް ނޫންހޭ، މިރޭ ޖައްސާލާށޭ ބުނިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އޭރުން ތަރާވީސް ދަމުގައި ކޮންމެވެސް ކަށިކެޔޮ ފަނިތައްޓަކާ ހުނިހަކުރާ، މަސްފަތަފޮޅިއެއް ވެސް ދެވުނީސް ނޫންހެއްޔެވެ؟ މިއަދު އެތަކެތި އެބަ ހަދަމެވެ،” މިހެން ދެމަފިރިން ވާހަކަދައްކަން ތިބޭތާ އިރުކޮޅެއް ވީ ފަހުން ދޮރުމަތިން ސަލާމްގޮވާލި އަޑުއިވުމާއެކު، ކުޑޭއަށް އެއީ ދޮހޮއްކޮކަން އެނގިގެން ސަލާމް ބަލައިގަނެ ނުކުމެއްޖެއެވެ.  ދޮހޮއްކޮ ގޮވައިގެން ކުޑަތުއްތު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ކުޑޭ ބުންޏެވެ. “މިހާރު ވަރަށް ރަނގަޅެވެ. މި ދޭތެރޭ ވަރަށް ބަލިވެ އުޅުނެވެ. ދޮހޮއްކޮ ޚަބަރުވެސް ބަލާނުލަންޏާއެވެ. ވީވަރާ ބަލާފައި މިހާރު ރަނގަޅެވެ. މިހާރުވެސް ގިނައިރު ބަދިގެދޮށުގާ މަސައްކަތްކޮށް އުޅޭހާ ވަރެއްނެތެވެ. ވަރުބަލިވަނީއެވެ. މިއަދުވެސް ބަދިގެދޮށުގައި އުޅެފައި ވަރުބަލިވެގެން އައިސް ޖައްސާލައިގެން އޮތީއެވެ. މިރޭ ދޮހޮއްކޮ އަންނަންވާނެއެވެ. ތަރާވީސްދަން ހަދަންވާނީ މިގޭންނެވެ. ދެން ދަމާހިނގާށެވެ. ” ކިޔާފައި ދޮހޮއްކޮ ކޮނޑަށް އަތްއެއްލައިގެން ސިއްރު ވާހަކަތަކެއް ދައްކަމުން ނުކުމެގެން ހިނގައްޖެއެވެ. ދިޔޮގޮތަށް ދިޔައީ ދެމީހުން އެކީ ގަނޑުވަރަށެވެ. ބޮއިދޮންމަނިކު ގެޔަށް ކަޅުބެހޮއްކޮ ދޮހޮއްކޮ ދިޔަކަމަކަށް ނުވެއެވެ.

ގަނޑުވަރަށް ގޮސް ކީރިތި މަހާރަދުން އަރިހަށް ދެމީހުން ހިނގައްޖެއެވެ. ކީރިތި މަހާރަދުންނަށް އަދަބު އަދާކޮށްފައި:-

ކަޅުބެހޮއްކޮ ދޮހޮއްކޮ: މަސާހިބު. މީނާގެ އަންހެނުން އޮތީ މިހާރުވެސް އެނދުގައި. ތެދުވެ އުޅެލީމާ ވަރުބަލިވާ ކަމަށް މީނާ ބުނި. އެކަމަކު އިހަށްވުރެ ރަނގަޅޭވެސް މީނާ ބުނި.

ކީރިތިމަހާރަދުން: އަޖާބޭ.އަޖާބޭ. ކަލޭ ގާތު މަބުނީ މީނާ ބުނާ އެއްޗެއް މަގޭގާތު ބުނާށެކޭ ނޫނޭ. ކަލޭ ގޮސް އޭނާގެ ހާލު ބަލައިގެން އަންނާށޭ.

ކަޅުބެހޮއްކޮ ދޮހޮއްކޮ: މަސާހިބު. އަޅުގަނޑު ސަލާމަތް އެދެން. މި ދަންނަވަނީ ތެދު. އޭނާ އޮތީ އެނދުގައި. އޭނާ ވާހަކަދައްކަން ދަތިވީމާ އޭނާގެ ޙާލު މީނާ ކިޔާދިނީ. މީ ދޮގެއްނޫން.

ކީރިތި މަހާރަދުން: ރަތްމީހާ މަގޭ ގާތުގައި ބުނީ އޭނާގެ އަންހެނުން ބަނޑުގައި ރިހޭ ވާހަކަ. އަނގައިގާ ރިއްސާ ވާހަކައެއް ނުބުނޭ. ބަނޑުގައި ރިއްސީމާ އަނގައިން ވާހަކަނުދެއްކެނީދޯ. ތިޔައީ އަދި މަށަކު ދަންނަ ކަމެއް ނޫން. މިހާރު ދިތުންވެއްޖެ. ބޮއިދޮންމަނިކު ބުނީ ކީކޭތަ؟

ކަޅުބެހޮއްކޮ ދޮހޮއްކޮ: މަސާހިބު. ބޮއި ދޮންމަނިކު ބުނުއްވީ މަހާރަދުން އަރިހުގައި އުޅޭ މީހަކަށް ވާތީ ބޭހަކަށް އަގެއް ނުހިފަމޭ ދަންނަވާށޭ.

ކީރިތި މަހާރަދުން: ކޮބާ. މާތް މީހުން ފެނެއެއްނު. މަގޭ ގާތުގައި އުޅޭ މީހަކަށްވީތީ އޭނާ އަގުވެސް ނުހިފި. އެތިބީ އަހަރެމެންނަށް ކަމޭހިތާ މީހުންނަކީ. ކަލޭމެންވެސް އޭނާޔަށް ކަމޭހިތަން ހަނދާންކުރާތި.

(ކުޑަ ތުއްތުއާ މުޚާޠަބު ކުރައްވާ) ރަތްމީހާ، ކަލޭ ނެތޭ އިންސާނުންގާ ހުންނަންވީ އެއްވެސް ސިފައެއް. ކަލޭ އަންހެނުން ބަލިވެގެން ފައިސާ އަތުލައިގެން ދިޔަމީހާ ބަޚަބަރު. ދެން މިޖެހުނީ ވާޖަހައިގެން ހަވަރު ގެރި ގެންނަހެން ކަލޭ ގެންނަން. ދެން ވެސް ހަނދާންކުރާތި. މައިބަފައިން އަނބިދަރިން ބަލިވެގެން އުޅޭނަމަ ގެންގުޅޭ ސާހިބު މީހާއަށް އަންގަން. އެއިން މީހަކު މަރުވިޔަސް ވަޅުލައިދޭން ޖެހޭނީވެސް މަށަށޭ. އެ ކަމެއް ނޭނގޭތަ؟ ހޫނ. ދެން ދެމީހުންވެސް ދޭ. އެކަކަށްވެސް ބުނާ ގޮތަކަށް ކުރާކަށް ނޭނގޭނެ. ދެ ސުންކައިގެން މުށިބުދުތައް.

ދެން މި ދެމީހުން އިސްޖަހާލައިގެން ތިބެ ނުކުތީ ކުރެވުނު ކަންތައްތަކުން ބޮނޑިއެއް ނުލިބި ސަލާމަތްވެވުނު ކަމުގެ އުފަލުގައި، ނަމަވެސް ރަދުންގެ ރުހިވަޑައިނުގަތުން ލިބުނު ކަމުގެ ފިކުރު ވެސް ކުރަމުންނެވެ.

މަޢުލޫމާތު: ގަސްކުޑަތުއްތު

ލިޔުންތެރިޔާގެ ބަސް: އާނއެކެވެ. މިވާހަކައިންވެސް ދޭހަވަނީ ސާހިބުމީހާޔަށް ތެދުވެރިވާންވީ ވަރަށް ނުވުމުން، ނުވަތަ ސާހިބުމީހާއަށް މަކަރު ހެދުމުން ނުކުމެދާނެ ނަތީޖާއެވެ. ދޮގެއް ހަދައިފިނަމަ އެ ދޮގު ފޫބައްދަން ހަތް ދޮގު ހަދަން ޖެހޭނޭ ބުނެއުޅޭ ބަސް ތެދު ކަމެވެ.

-ނިމުނީ-

About the author
Leave Comment