އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ޚިޔާލުފުޅުތަކެއް އެކުލެވޭ މުއްސަނދި ބަސްކޮށާރަކާއެކު ފަށުވި ޅެންތަކެއް ހައްދަވާފައިވާ ޅެންވެރިއެކެވެ. ދިވެހިބަހާއި ދިވެހިއާދަކާދައިގެ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން ވާހަކަފުޅުދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އުތީމު އާދަމްބެ ހައްދަވާފައިވާ ގިނަ ޅެންތަކުގެތެރެއިން ދެ ޅެންފޮތެއް މިހާތަނަށް ވަނީ، ޝާއިޢުކުރެވިފައެވެ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން…

WP_20160829_23_25_46_Pro (2)އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ޚިޔާލުފުޅުތަކެއް އެކުލެވޭ މުއްސަނދި ބަސްކޮށާރަކާއެކު ފަށުވި ޅެންތަކެއް ހައްދަވާފައިވާ ޅެންވެރިއެކެވެ. ދިވެހިބަހާއި ދިވެހިއާދަކާދައިގެ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން ވާހަކަފުޅުދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އުތީމު އާދަމްބެ ހައްދަވާފައިވާ ގިނަ ޅެންތަކުގެތެރެއިން ދެ ޅެންފޮތެއް މިހާތަނަށް ވަނީ، ޝާއިޢުކުރެވިފައެވެ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2001 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެމުގެ މަންސަފާ] އާއި ނޮވެލްޓީން 2008 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެންމޮހޮރީ] އެވެ.

މީގެ އިތުރުން އާދަމް ޢަބްދުއްރަޙްމާންވަނީ، [ދިވެހި ދިރިއުޅުމުގެތެރެއިން….] ގެ ނަމުގައި ދިވެހީންގެ އާދަކާދައާ ބެހޭ މުހިންމު ފޮތެއް ނެރުއްވައިފައެވެ.

އުތީމު އާދަމްބެގެ އަދަބީ ޚިދުމަތުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 2004 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި 2016 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ދެއްވި [ޝުކުރާއި ތަޢުރީފުގެ ބަސް] (އެވޯޑު) ވެސް ލިބިވަޑައިގެންފައިވެއެވެ.

އުތީމު އާދަމްބެގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، “ފަތްތޫރަ” މަޖައްލާގެ 277 (އެޕްރީލް 2002) ވަނަ އަދަދުންނެވެ.

_______________________

އަންހެންކުދިން އަލަށް ލިބާސް ލެއްވުމަކީ ވަކި ހަމަތަކެއްގެ މަތިން ކުރިން ދިވެހިން ކުރަމުން އައި ކަމެކެވެ. މިޒަމާނުގައި، އެންމެ ޅަފަތުއްސުރެ އެޖިންސަކަށް ޚާއްސަ ކުރެވިފައި ހުންނަ ހެދުން އެޖިންސެއްގެ ކުދިން ލައްވަމުންއައިނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެކަމަކީ މިގޮތަށް އޮތްކަމެއް ނޫނެވެ. ވަކި އުމުރަކަށް އަންނަންދެން ފިރިހެންކުދިންނެކޭ އެއްފަދައިން އަންހެންކުދިންވެސް އަންދަވަނީ މުންޑުކަމަށް ބުނެއެވެ. މިފަދަ މުންޑުފަހަނީ ފިރިހެނުންގެ މުންޑުން ނަގާ ބާކީ ފޮތިކޮޅު ބޭނުންކޮށްގެންނެވެ. އެންމެ ކުޑައިރު ބޮޑުމީހެއްގެ އެއްމުންޑުން ނަގާ ފޮތިކޮޅުން ފުދެއެވެ. ތަންކޮޅެއް ބޮޑުވީމާ ދެމުންޑުގެ ފޮތި ގުޅައިގެން މުންޑު ހަދަނީއެވެ. މިގޮތަށް ކުޑަކުދިންނަށް މުންޑު ހަދާއިރު ދެވައްތަރެއްގެ މުންޑު ގުޅައިގެން މުންޑު ހެދުމަކީ އާންމުކަމެކެވެ. ފިރިހެން ކުއްޖެއްނަމަވިއަސް އަދި އަންހެންކުއްޖެއް ކަމަށްވިއަސް މުންޑުފިޔަވާ އިތުރު ހެދުމެއް ގަމީހެއް ލެއްވުމަކީ އާންމުކަމެއްނޫނެވެ. އަންހެންކުދިންގެ އުމުރު ތަންކޮޅެއް މައްޗަށް ޖެހިލުމުން މުންޑު ދޫކޮށްލާ ކަނޑިކި އަންނަން ފަށައެވެ.

އަންހެންކުދިންގެ ހެދުން

ލިބާސް ލެއްވުމުގެ ކުރިން އަންހެންކުދިންގެ ހެދުމަކީ ކަނޑިއްކަކާ ބޮލުގާ އަޅާ ރުމާލެކެވެ. އެއްދުވަސް ވަރެއްގައި މިރުމާ އޮންނަނީ ބޮލުގައި އައްސާފައެވެ. ރުމާލުގެ އެތެރެއަށް ލަނބާލާކަން ތަންކޮޅެއް ކުޑަކޮށް، ކަންކުތިވާގޮތަށް މަޅާލައި ދެފަރާތު އަރިމައްޗަށް އޮންނަ ދެކަން، ފުރަގަހަށް ގެނެސް ބޯމަތިން އައިކަން ދަށަށް ލައްވައި ފުރަގަހަށް ގޮށެއްޖަހާ ރުމާއެއްސުމަކީ އަންހެންކުދިން ބޮލުގައި ރުމާއައްސާ އެންމެ އާންމުގޮތެވެ. ބޮލުގައިޖަހާ ކަޅުދަތި ލިބެން ފެށިފަހުން ރުމާ އެއްސުމުގެ ބަދަލުގައި ދަތިޖަހައިގެން ރުމާއަޅަމުން އައެވެ. މިގޮތަށް ރުމާއަޅަނީ ބޯވަޑުވަންލުމުގެ ފަހުންނެވެ.

ކަނޑިކި އަންނަނީ އުނަގަނޑުގައި ފައްޓަރު އަޅައިގެންނެވެ. ފައްޓަރުގެ ބާވަތްތަކުގެތެރޭގައި، ވޮށުކެވެލި ފައްޓަރު، އެއްނަރު ފައްޓަރު، ގޮށްފައްޓަރު، މާކެނޑި ގޮށްފައްޓަރު ހުރެއެވެ. ފައްޓަރުގެ ފަށްގިނަކުރެވޭނީ އެކުއްޖެއްގެ ޢާއިލީ ކެރިފޯރުން ހުރި މިންވަރަކުންނެވެ. ފަށްގިނަވުމަކީ ލިބޭ ފަޚުރެކެވެ. އުނުގައި އޮންނަ ކަނޑިއްކާ ބޮލުގާ އޮންނަ ރުމާލުގެ އިތުރަށް ގަޔަކު ހެދުމެއް ނޯވެއެވެ. ޒީނަތްތެރިކުރުމަށް ކަރުގައި ރަންފޮތިބައި ނުވަތަ މިބާވަތުގެ އެހެން އެއްޗެއް އެޅުމާ ކަންފަތުގައި ރަން، ނުވަތަ މުދިލުމަކީ ކުރާކަމެކެވެ.

ބޯވަޑުވަންލުން

ލިބާސް ލެއްވުމުގެ ކުރިން ބޯވަޑުވަންލުން އޮވެއެވެ. ބޯވަޑުވަންލުމަކީ ބޯނުބާލާގޮތަށް ނިންމައި ބޮލުގެ އިސްތަށިގަނޑު ދިގުކުރަން ފެށުމެވެ. ބޯވަޑުވަންލުމުގެ ކުރިން އަންހެންކުދިންވެސް ތިބެނީ ބޯބާލާފައެވެ. ބޯވަޑުވަން ލަނީ އުމުރުން އަށެއް ނުވައެއް އަހަރުގެތެރޭގައެވެ.

އަންހެންކުދިން އަލަށް ލިބާސް ލައްވާ އުމުރު

އަލަށް ލިބާސް ލެއްވުމުގެ އުމުރު، ކުދިންގެ ސިއްހަތާ ހެދިބޮޑުވުމާ ގުޅުން ހުރެއެވެ. އެކުއްޖަކު އެހުރީ ލިބާހަށް އައިބުވެފައޭ ބުނާ ސިފަތަކެއް ކުއްޖާގެ ކިބައިން ފާޅުވާން ފެށުމުން ލިބާސް ލެއްވުމަށް އަވަސްވެގަނެއެވެ. މިގޮތުން އެންމެ އަވަހަށް ލިބާސްލައްވާ ކުދިންވެސް އުމުރުން ނުވަވަރަކަށް އަހަރުވާނެކަމަށް އެދުވަސްވަރުގެ މީހުން ލަފާކުރެއެވެ. އުމުރުން ސޯޅަ ސަތާރަ އަހަރުގައި ލިބާސް ލައްވާ ކުދިންވެސް ތިބެއެވެ. ކޮންމެއަކަސް އެދުވަސްވަރުގެ ބަހުރުވައިން ދަންނަވާނަމަ [ބޮޑުއަންހެނަކަށް] ވުމުގެ ކުރިން ލިބާސް ނުލެވިއްޖެނަމަ، އެއީ މައިންބަފައިންނަށް މަލާމާތް ލިބޭފަދަ ހުތުރު ކަމެކެވެ. މި މަލާމާތަށާ ހުތުރަށް ކެތްތެރިވާން ޖެހުނު މައިންބަފައިންނަކީވެސް ނޫޅޭބައެއްނޫނެވެ. އަންހެންކުދިން ލިބާސް ލެއްވުމަށް ވަކި ދުވަސްވަރެއް ވަކި މުނާސަބަތެއް ނޯވެއެވެ. މިކަން ގުޅިފައި އޮންނަނީ ކުއްޖާގެ އުމުރާއި ސިއްހަތާއެވެ.

ތައްޔާރުވުން

އަންހެންކުއްޖަކު ލިބާސް ލައްވާ އުމުރަށް އަރައިގެން އަންނަ ދުވަސްވަރު މައިންބަފައިންގެ ބޮލުގައި އެޅިފައި އޮންނަ އެންމެ މުހިންމު އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެކުއްޖަކު ލިބާސް ލެއްވުމެވެ. އެކަހެރިވެލެވޭ ވަގުތުތަކުގައި ދެމަފިރިންގެ ދެމެދުގައި ދެކެވޭ އެންމެ ފުއްކުދި ސިއްރުވާހަކައަކީ ތިމާމެންގެ ދަރިފުޅު އަލަށް ލިބާސް ލެއްވުމާބެހޭ އެކި ވާހަކައެވެ. ހިނގާފައި ހުންނަ އެކި ކަހަލަ ހާދިސާތަކާ މެދުވެރިވަމުން އަންނަ ތަފާތު ކަންތައްތައް ކުދި ބޮޑެތި ސަބަބުކަމަށް ހަދަމުންނެވެ.

މިހިސާބަށް ދިއުމުން ތަނަވަސްކަން ކުޑަ އާއިލާތަކުގެ މީހުން ލިބޭ ލާރިފޮތި އެކިދުވަހުން އެއްކުރަމުން ގިނަކުރި ފައިސާކޮޅު މާލެ ފޮނުވައިގެން ލިބާސްކަނޑާނެ ފޮއްޗާ އަންނާނެ ކަނޑިކި ރަށަށް ގެނުވައެވެ. ތަނަވަސްކަމުގެ އަހުލުވެރިން މިކަންވެސް ކުރާނީ އެމީހުންގެ ގޮތުގައެވެ.

ލިބާސް ކެނޑުން

ލިބާސް، ނުވަތަ ލިބާސް ކަނޑާނެފޮތި ލިބުމުން އެކަންކުރުވާނެ އެދުރުބޭކަލަކާ ބައްދަލުކޮށް ހެޔޮ އިރުވަރުގައި ލިބާސް ކަނޑައެވެ. ލިބާސްފަހާ މީހާ ލިބާހުގެ ބަދަނުގެ ފުޅައުމިން ދެއްކުމުން އެދުރުބޭ އެހިސާބުން ކުޑަތަންކޮޅެއް ވީދާލުމުން ނުވަތަ ވަޅިޖައްސާލުމުން އެ، ލިބާސްކެނޑުނީއެވެ. އެދުރުބޭ ލިބާސް ކަނޑުއްވާނީ ކިޔަވާލާ ފުމެލުމަށްފަހުގައެވެ. އަލަށް ލިބާސްލައްވާ ކުއްޖަކަށް އެންމެ ފުރަތަމަ މަދުވެގެން ތިންލިބާސް ފަހައެވެ. އާންމުކޮށް ދެ ލިބާސްލަމުން ޚާއްސަދުވަސް ދުވަހު ލާނެ ލިބާހެއް ބޭއްވުމަށެވެ.

ލިބާސް ލެއްވުމުގެ ރަސްމިއްޔާތު

ލިބާސް ލެއްވުމަކަށް މާބޮޑު ރަސްމިއްޔާތެއް ނޯވެއެވެ. ވިސްނެނީ، މިކަންކުރާއިރު ލޯތަކަށް ރައްކައުތެރި ގޮތެއްގައި ކުރަން ބޭނުންވާކަމަށެވެ. ނަމަވެސް މިކަންކުރާނީ އިރުވަރު ބަލައިގެން ހެޔޮ އިރުވަރެއްގައެވެ.

ލިބާސް ލެއްވުމަށް ދުރުވާ އެދުރުބޭކަލަކު ޞަލަވާތް ފާތިހާ ކިޔެވުމަށްފަހު ތިންލިބާހުގައިވެސް ދުން ބުރުވާލާނެއެވެ. މިހާހިސާބަށް އަންނައިރު ކުއްޖާ ހުންނާނީ ފެންވަރާ ތާހިރުވެ އަދި ނަލަވެސް ވެގެންނެވެ. ލިބާސް ލެއްވުމުގައި އެކި އެދުރުބޭކަލުން އެކި ފެންވަރުން ފުއްދާލައެވެ. ބައެއް ބޭކަލުން ކުއްޖާގެ މަންމަ ނުވަތަ ބެލެނިވެރިއަކާ ލިބާސް ހަވާލުކޮށްފާ ލިބާސް ލައްވާށޭ ބުނެއެވެ. އޭރު އެދުރުބޭ ކިޔަވާއެއްޗެއް ކިޔަވަމުން ގެންދާނެއެވެ. އެކަމަކު މިވަރަކީ މައިންބަފައިން ހިތްހަމަޖެހޭ ވަރެއް ނޫނެވެ. އެންމެ ކުޑަމިނުން ފުރަތަމަ ލިބާސް އެދުރުބޭއަތުން ކުއްޖާގެ ބޮލަށް މަހާލައިދޭން ޖެހެއެވެ. ބޮލުން ލިބާސް މަހާލުމަކީ (ބޮލުން ލިބާސް ވައްޓާލުމަކީ) އަންހެނަކަށް ވުމުގެ ފެށުން އިއުލާނު ކުރެވުމެވެ. އެހެންކަމުން ބައެއް ހާލަތްތަކުގައި ތިމާގެ ގުރުބާނީ ސިފަކޮށްދެމުން ނުވަތަ ހާލު ބަޔާންކޮށްދެމުން ބުނާބަސް ބުނަން ފަށަނީ [ބޮލުން ވައްޓާލި ލިބާހާއެކު] މި ޢިބާރާތުންނެވެ. ކޮންމެއަކަސް ލިބާސް ލެއްވުމުގައި އެކި ބޭކަލުން އެކި ފެންވަރުން އަމަލު ކުރައްވާއިރު މަތިމައްޗަށް ތިންލިބާސްވެސް އެދުރުބޭ އަތުން ލައްވައިދެއްވުމާ ލިބާސް ހެޔޮވަރުކޮށްދެއްވުމަކީ އެކަމުން ފުރައްސާރައެއް ލިބެނިވި ކަންކަމެއް ނޫނެވެ. ލިބާސް ލައްވަންވުމުން އެދުރުބޭ ކޮންމެވެސް ނަމަކާއެކު ކުއްޖާ ކޮބައިތޯ އައްސަވާލެއްވުމުން މެދު ދޮރުގެ ފޮތިގަނޑު ހިއްލާލާފައި ކުއްޖާ ނިކުންނާނެއެވެ. ނޫންނަމަ މަންމައާއެކު އެދުރުބޭކަލަކާ ހަމަޔަށް އަންނާނެއެވެ. ދެން ލިބާސް ލައްވަނީއެވެ.

ރަސްމިއްޔާތުގެ އަނެއްފަރާތް

ހަގީގަތުގައި ލިބާސް ލެއްވުމުގެ އުފައުފާޅުކުރުން ނުވަތަ ކަމާބެހޭ ގޮތުން ހިނގާ އެހެނިހެން ހަރަކާތްތައް ހިނގަމުން ދަނީ ތަންކޮޅެއް ދުރުގައެވެ. އަތިރިއަތިރިމަތީގައެވެ. ގޮނޑުދޮށުގައި ހުންނަ ހިޔާބޮޑެތި ގަސްގަސް ދޮށުގައެވެ. މައިޒާންތަކާއެކު ހޮޅުއަށިތަކުގެ ކަންކަނުގައެވެ. މިހުސްވާ ގޮނޑިއަށް ކުރިމަތިލުމުގެ ޝަރުތުހަމަވާކަމަށް ތިމާއަށް ޤަބޫލުކުރެވޭ ކޮންމެ ކެންޑިޑޭޓަކު މިބައްދަލުވުންތަކުގައި ބައިވެރިވާނެއެވެ. ލިބާސްލެއްވުމާ މަތިވެފައި ހުންނެވި އެދުރުބޭކަލެއްގެ ބޯކޮޅު ބަލަމުން މިޒުވާން ފިރިހެންކުދިން ހިނގާނެއެވެ. އަންހެންކުއްޖާގެ ގެއަށް އެދުރުބޭ ދުރުވަމުން އެގެއާ ކައިރީގައި ހުންނަ ކޮންމެވެސް ގެއަކަށް ނުވަތަ ކައިރި މަންގަނޑަކަށް އައިސް ހިތުގެއަޑިން [ރޫޙީގޮތުން] މިކަމުގައި ބައިވެރިވެއެވެ. ބައެއް މަސްވެރިކުދިން ފައްސިޔަ ހައްސަ ބާނާ މަސްވެރި މޫސުމުގައިވެސް މިފަދަ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް މަހަށްނުގޮސް ރަށުގައި ތިބެއެވެ. އަމިއްލައަށް ދައުވަތު ލިބިގަނެގެންނެވެ. އަންހެންކުއްޖާއަށް ތިމާގެ ހިތުގައި އޮތް ގަދަރު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައެވެ.

އިމްތިޔާޒުތައް

ލިބާސް ލެވުމުން އެކުއްޖަކު ދެންބެލޭނީ އަންހެނުންގެ ގިންތީގައި ހިމެނޭ ބޮޑު އަންހެނަކަށެވެ. އަންހެނަކަށް ވުމުން، އިޖުތިމާއީގޮތުންނާއި، އިދާރީގޮތުންނާއި، އަދި އާދަކާދަ ނިޔާކުރާގޮތުން ލިބެންޖެހޭ ހުރިހާ ހައްގެއް ލިބޭނެއެވެ. ހަމަމިއާއެކު މި ރޮނގުރޮނގުން އަދާކުރަންޖެހޭ ހުރިހާ މަސްއޫލިއްޔަތެއްވެސް އަދާކުރަންޖެހޭނެއެވެ. އަންހެންދަރިޔަކު އަލަށް ލިބާސް ލެއްވުމާއެކު މައިންބަފައިންނަށް ތިމަންނާމެންނަކީ އެކަނިވެރިން ނޫންކަމުގެ އިހުސާސު ކުރެވެން ފަށައެވެ.

__________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment