ވިލާތުގެ ގޮތަށް “ސައުވީސްގަޑިއިރަށް” ބަވަނަވެފައިވާ ދުނިޔެއެއްގައި ދިވެހިން ވަގުތު ކިޔާ ގޮތް ދަނީ އޮޅެމުން ނޭނގުމުގެ ތެރެއަށް ގެއްލެމުންނެވެ. އަމުދުން މިއަދުގެ ޅަކުދީންނާއި ޒުވާނުންނަށެވެ. އަދި ބައެއް ހަރުމީހުންނަށް ވެސް މެއެވެ. މިލިޔުމުގެ ބޭނުމަކީ ދިވެހިން ވަގުތު ކިޔާ އުޅޭ ގޮތް އެފަދަ މީސްމީހުންނަށް އޮޅުންފިލުވައިދިނުމެވެ. ދިވެހީން ރެއާއި ދުވާލުގެ ސައުވީސް ގަޑިއިރު ބައިކޮށް އުޅުނީ އަށްޑަމަށެވެ(އަށްދަން).އެއީ ދުވާލު ހަތަރު ދަމާއި ރޭގަނޑު ހަތަރު ދަމެވެ. ދަމަކީ ތިންގަޑި އިރެވެ. ދުވާލު ހަތަރު ދަމަކީ: ހެނދުނު     6:00…

ވިލާތުގެ ގޮތަށް “ސައުވީސްގަޑިއިރަށް” ބަވަނަވެފައިވާ ދުނިޔެއެއްގައި ދިވެހިން ވަގުތު ކިޔާ ގޮތް ދަނީ އޮޅެމުން ނޭނގުމުގެ ތެރެއަށް ގެއްލެމުންނެވެ. އަމުދުން މިއަދުގެ ޅަކުދީންނާއި ޒުވާނުންނަށެވެ. އަދި ބައެއް ހަރުމީހުންނަށް ވެސް މެއެވެ. މިލިޔުމުގެ ބޭނުމަކީ ދިވެހިން ވަގުތު ކިޔާ އުޅޭ ގޮތް އެފަދަ މީސްމީހުންނަށް އޮޅުންފިލުވައިދިނުމެވެ.

ދިވެހީން ރެއާއި ދުވާލުގެ ސައުވީސް ގަޑިއިރު ބައިކޮށް އުޅުނީ އަށްޑަމަށެވެ(އަށްދަން).އެއީ ދުވާލު ހަތަރު ދަމާއި ރޭގަނޑު ހަތަރު ދަމެވެ. ދަމަކީ ތިންގަޑި އިރެވެ.


ދުވާލު ހަތަރު ދަމަކީ:

ހެނދުނު     6:00 ން 9:00 އަށް

ކުޑަމެންދުރު   9:00  ން  12:00 އަށް

މެންދުރު    12:00 ން 3:00 އަށް

އަސުރު    3:00  ން  6:00 އަށް


ރޭގަނޑު ހަތަރު ދަމަކީ:

އިރާކޮޅު / އިރާދަން     6:00 ން 9:00 އަށް

ކުޑަމެންދަން / މެއްދަން   9:00 ން 12:00 އަށް

މެންދަން        12:00ން 3:00 އަށް

ފަތިސް         3:00 ން 6:00 އަށް

ރޭގަނޑުގެ ފުރަތަމަ ދަމަށް އާންމުކޮށް ކިޔާ އުޅެނީ “އިރާކޮޅެވެ”. “އިރާދަން” މިއީ ވަރަށް ކިޔާ ނޫޅޭ ގޮތެކެވެ. އެހެންނަމަވެސް މާލޫދު ކިޔާ އުޅުނު ދުވަސްވަރު މާލޫދާ ގުޅުވައިގެން ބަސް ބޭނުން ކުރެވުނީ މިގޮތަށެވެ. މިސާލު: އިރާދަމު ކޭން  ،   ބައެއް ރަށްރަށުގައި ދަންތައް ތަފާތު ގޮތްގޮތަށް ކިޔާ އުޅެއެވެ.

މެއްދަމުގެ އަސްލަކީ “މެދުދަމެވެ”. ބައެއް އަތޮޅުތަކުގައި “ކުޑަމެންދަން” ކިޔުމުގެ ބަދަލުގައި ކިޔާއުޅެނީ “މެއްދަމެވެ”. މިދެގޮތް ވެސް ރަނގަޅެވެ.

  މީގެ އިތުރުން  ރެއާއި ދުވާލު ހަތަރު ދަމުގެ ތެރޭ ހިމެނޭ ވަކި ވަގުތުތަކަކަށް ޚާއްސަ ނަންތަކެއް ކިއެއެވެ.


  • ހަވީރު: އަސުރު ވަގުތާއި އިރު އޮއްސޭ ވަގުތާ ދެމެދު. އެހެންގޮތަކަށް ބުނާ ނަމަ އަސުރުދަން.  ނަމަވެސް        ހަ ނަމަވެސް “ހަވީރު ދަން” މިގޮތަށް ކިޔައެއް ނޫޅެއެވެ. ކިޔާ އުޅެނީ “ހަވީރެވެ”
  • ދަޅަމަތި: ރަތްވިލާލާން ފެށީއްސުރެ ރަތްވިލާ އޮއްސުމާ ދެމެދު

              ދުވަހެއްގައި އަންނަނީ ދެދަޅައެވެ. އެއީ ހެނދުނުދަޅަ އާއި އޮއްސޭދަޅައެވެ. ބައެއް މީހުން    “މެންދުރުދަޅަ” އޭ ލިޔެކިޔައި އުޅެއެވެ. މިއީ ކުށް ގޮތެކެވެ. ބައެއް މީހުން “ފަތިސްދަޅައޭ” ވެސް ލިޔެކިޔާ އުޅެއެވެ. އާންމުކޮށް ކިޔާ އުޅެނީ ހެނދުނު ދަޅައެވެ.


  • މެންދުރުން އެނބުރުން: މެންދުރުވުމާއި އަސުރު ވަގުތު ވަނުމާ ދެމެދުގެ ކޮންމެ ވަގުތެއް.

             މިސާލު: މިހާރު މެންދުރުން އަނބުރައި އެކެއް ޖެހީއެވެ.

             ނޯޓު: މެންދުރުން ތިރިވީ އޭ ކިޔައެއް ނޫޅެއެވެ.


  • އަސުރުން ތިރިވުން:  އަސުރު ވަގުތު ވަނީއްސުރެ އިރުއޮއްސުމާ ކައިރިވަންދެން
  • މެންދަމުން އަލިވުން:  މެންދަންވުމާއި ފަތިސްވުމާ ދެމެދުގެ ކޮންމެ ވަގުތެއް

                      މިސާލު: މިހާރު މެންދަމުން އަލިވެ ދޭއް ޖެހީއެވެ.


  • ހާރުދަން:     މެންދަންވުމާއި ފަޖުރުލުމާ ދެމެދު. ހާރުކައިއުޅޭ ގަޑި. މިބަސް ބޭނުންކޮށް އުޅެނީ ޚާއްސަކޮށް  ރޯދަމަހަށެ.        ރޯދަމަހަށެވެ.
  • ފަތިސްކޮޅު ފަތިސްވުމާ ކައިރި ވަގުތެއް
  • ހެނދުންކޮޅު ހެނދުނުގެ ވަގުތެއް   (އާންމު ގޮތެއްގައި 9 ގަޑީގެ ކުރި)
  • ހަވީރުކޮޅު ހަވީރުގެ ވަގުތެއް  (އަސުރު ނަމާދުގެ ފަހުން އިރުއޮއްސުމާ ދެމެދު)


  • މާއިރާ:         މާއިރާއޭ ބުނެވެނީ ވަގުތު އޮއްވާ ކަމެއް ކުރުމަށެވެ.

                   މިސާލަކަށް: މާއިރާ ނިދަން އޮށޯތީމެވެ.(ޢާންމުކޮށް ނިދާ ގަޑިއަށްވުރެ އަވަހަށް ނިދުން)

                   މާއިރާ ހޭލައިފީމެވެ.  (ޢާންމުކޮށް ހޭލާ އުޅޭ އިރަށް ވުރެ އަވަހަށް ހޭލުން)

                   މާއިރާ ކައްކައިފީމެވެ. (އާންމުކޮށް ކައްކާ އުޅޭ ވަރަށް ވުރެ އަވަހަށް ކެއްކުން)

                   މާއިރާ ފެންވަރާލައިގެން އަވަހަށް ހުކުރަށް ދިއުމަކީ ސަވާބު އިތުރުވާނޭ ކަމެއްކަން އަންގަމުން

                   ރައިވަރުވެރިއަކު ކިޔާފައިވަނީ:

                   މާއިރާ     ފެންވަރާ

                   ތާހިރުވި ހުދުހެދުންލާ

                   ލާހެދުމުގައި ހުވަނދުލާ

                   ދާށެ ހުކުރަށް ދަރިފުޅާ

                   ލާބަ މަންފާ އިތުރުވާނޭ

                   ގައިމު ސަވާބު ބޮޑު ވާނޭ

                   މިދަނޑިވަޅުގައި ތިލަދުންމަތީ ދެބުރީގެ ބައެއް ރަށްރަށުގައްޔާއި މަލިކުގައި މިބަސް ބޭނުންކޮށް އުޅެނީ   “މައިރާ” މިގޮތަށްކަން އަޅުގަނޑު ފާހަގަކުރަމެވެ.   ބަސްފޮތުގައި އޮތީ “މާއިރާ” އެވެ.

މަތީގައިވާ ވަގުތު ކިއުމުގެ މައުލޫމާތު އަޅުގަނޑު ހޯދާފައިވަނީ ހ.އާމުލީގޭ  ޢަބްދުﷲ ޞާދިޤުގެ އަރިހުންނެވެ. އަދި ރާއްޖެތެރޭގެ ދަތުރުތަކުން އަޅުގަނޑު އެއްކުރި ބައެއް މަޢުލޫމާތުގެ އަލީގައި ވެސް މެއެވެ. މިހާރު އަޅުގަނޑުމެންގެތެރޭގައި  ހުންނެވި، ދިވެހިބަހުގެ އެންމެ ބޮޑު އުސްތާޒު ޢަބްދުﷲޞާދިޤަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދެންނެވުމަށް މިފުރުސަތުގެ ބޭނުންކުރަމެވެ.

                            —————————————


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment