ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މި ލިޔުމަކީ، މީގެ 61 އަހަރު ކުރީގެ ލިޔުމެކެވެ. މި ލިޔުން އެންމެ ފުރަތަމަ ޝާއިއު ކުރައްވާފައިވަނީ، “މުންނާރު” ނޫހުގެ 1376 ވަނަ އަހަރުގެ މުޙައްރަމް މަހުގެ އަދަދުގައެވެ. މި ސައިޓަށް މި ލިޔުން ނަކަލުކޮށްފައި މި ވަނީ “ފަތްތޫރަ” މަޖައްލާގެ 138، 139 (ސެޕްޓެންބަރު، އޮކްޓޯބަރު 1990) މި ދެ އަދަދުންނެވެ.  ޝައިޚު ޢުމަރު ޢީސާގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. _______________________________ ދިރިއުޅުމުގެ މަސްރަހުން ފެންނަމުންދާ…

 

media-share-0-02-01-7a076c17e33607424c9c4d8336b845bbffb8d1c823bf8703187179656612f7bc-8506aaaa-a0b4-4c73-95ce-690636d70386 (2)

ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މި ލިޔުމަކީ، މީގެ 61 އަހަރު ކުރީގެ ލިޔުމެކެވެ. މި ލިޔުން އެންމެ ފުރަތަމަ ޝާއިއު ކުރައްވާފައިވަނީ، “މުންނާރު” ނޫހުގެ 1376 ވަނަ އަހަރުގެ މުޙައްރަމް މަހުގެ އަދަދުގައެވެ. މި ސައިޓަށް މި ލިޔުން ނަކަލުކޮށްފައި މި ވަނީ “ފަތްތޫރަ” މަޖައްލާގެ 138، 139 (ސެޕްޓެންބަރު، އޮކްޓޯބަރު 1990) މި ދެ އަދަދުންނެވެ. 

ޝައިޚު ޢުމަރު ޢީސާގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ.

_______________________________

ދިރިއުޅުމުގެ މަސްރަހުން ފެންނަމުންދާ ރިވާޔަތްތަކުގައި ހުރި ތަފާތެއްގެ ބޮޑުކަމާއެވެ! ދިރިއުޅުމުގެ މައިދާނުގައި، ހިންގޭ ހޭދަތަކާއި، އަތުލެވޭ އިނާމުތައް، ކުރެވޭތީ ފެންނަ ޖިހާދުތަކާއި ކުރިމަތިވާތީ ދައްކާ ނަތީޖާތަކުގައި ހުރި ޚިލާފެއްގެ ބޮޑުކަމާއެވެ! އިންސާނީ ޙަޔާތުގައި އެކިމީހުންގެ މަންޒިލް މަގުސޫދު އެކި ދިމާއަށް ގޮސް ބެހިފައި ހުންނަ ހުރުމެއްގެ އަޖާބުކަން ބޮޑުކަމާއެވެ!

އިންސާނީ ހަޔާތަކީ ކޮބައިތޯއެވެ؟ އެއީ ފަހެ މާބަނޑުން، ދުނިޔޭގެ ދޫލަމައްޗަށް އެކޮޅުކޮޅުން ވެއްޓިގަތުން ތޯއެވެ؟ އެ ދޫލައިގައި މައުނައެއްނެތް ދެކޮޅުނުޖެހޭ ރޮނގުތަކެއް ކުރަހާލައިފައި، އޭގެ ބޭރަށް ފުންމައިލުން ތޯއެވެ؟ އިންސާނީ ހަޔާތަކީ، ޅަފުރައިން ޒުވާން ފުރަޔަށް، ޒުވާން ފުރައިން މުސްކުޅި ފުރަޔަށް، މުސްކުޅިފުރައިން ކަށްވަޅުގެ އަނދިރިތަކުގެ ތެރެއަށް، ދަތުރު ކުރަމުން ބޯ އޮބާލާފައި އޮއްސިގެން ދިއުންތޯއެވެ؟ ނުވަތަ ދިރިއުޅުމަކީ، ކައިފައި، ބޮއިފައި، ދުނިޔޭގެ އިސްޓޭޖަށް އަގުނެތް ދެތިން ބޮލެއް ދޫކޮށްލާފައި، ދުނިޔެއިން ވަކިވުންތޯއެވެ؟ ތެދުތެދެކެވެ. ދިރިއުޅުމަކީ އެއީ ކަމުގައި ވަނީ ނަމަ، އިންސާނާއާއި ޖަނަވާރާ ހަމަހަމައެވެ. އަދި ކީއްތޯއެވެ؟ އިންސާނާ، ފަނިފަކުސައަށްވުރެ ވެސް އަހައްމިއްޔަތުކަން ކުޑަވެފައި ދަރަޖަ ދަށީއެވެ.

ފަރުދާނެގިފައި ފެންނަން މިއޮތް ސަރާސަރު ބޮޑު މަސްރަހާމެދުގައި ހައިރާންވެ އަންތަރީސްވުން ހުއްޓެވެ! މި  އޮންނަނީ ހަމަޖެހުމެއްނެތި އަޑުފަށް ކިޔަކިޔައި އެގޮތްމިގޮތަށް ވޭވެއެވެ. ހުރިހައި ޠަބަގާއެއްގެ ހުރިހައި ޖިންސަކާއި ބާވަތެއްގެ މީހުންނާއިގެން ފުނިޖެހިފައެވެ. ހިތް ދަތިކުރުވާ ހިތް އުފާކުރުވާ ގޮތަކަށެވެ. ހިނިތުންވެފައެވެ. ރުޅިމޫނު ދައްކާފައެވެ. މައިތިރި ސިފައެއްގައެވެ. ގުލްމާލުން ފުރި ސިކާރަވެފައެވެ. ދަތި އުނދަގޫ ހާލަތެއްގައި ތަނަވަސް ފަސޭހަ ފާޑަކަށެވެ. ހަރުދަނާ ކުލައެއްގައެވެ. ކުޅިވަރުތަކާއި، ހެއްވާ ކަންތަކުން ފުރިފައެވެ. މުނިފޫހި ފިލުވައިދީދީއެވެ. ކުލަކުލައިން ބިރުތައް ދައްކަމުންނެވެ. އުފާވެރި ރާގުތައް އިއްވަނީއެވެ. ވޭނީ ރުއިންތަކުން ޖައުޒާއަށް، އަޑު އަރުވަމުންނެވެ.

ކޮންމެ އިންސާނަކުމެ އެ އިންސާނެއްގެ ކުޅިގަނޑު ކުޅެނިންމަނީ، މި މަސްރަޙުގައެވެ. ކޮންމެ މީހަކުމެ އެމީހެއްގެ ހުރިހައި ދައުރެއް ފަތްޖަހައި، އޮޅައިލަނީ، މި މަސްރަހުގައެވެ. ދުނިޔޭގެ އަލިކަން ދެ ލޮލަށް ފުރަތަމައަށް، އަލަށް ފެންނަ އުފާވެރި ސިކުންތުން ފަށައިގެންނެވެ. އެ ދެ ލޯ އެންމެ ފަހު ފަހަރަށް މެރިގެންދާ ބިރުހުރި ހިނދުކޮޅަކާ ޖެހެންދެނެވެ.

މި ސަރާސަރު ތަނަވަސް މަސްރަޙުގައި، އަޅުގަނޑުމެންގެ ކޮންމެ ފަރުދަކުމެ ތަމްސީލުކުރާ ރިވާޔަތެއްގެ އޮޅުން ބޮޅުންތައް ގިނަކަމާއެވެ! އެ ރިވާޔަތުގައި އެކުލެވި އެމުނިގެން ހުންނަ ފަސްލުތަކާއި ހިމެނިގެން އަންނަ ޚިލާފު ގިނަ ހާދިސާތަކެއްގެ ހައިރާންކަން ބޮޑުކަމާއެވެ! ޒަމާނާއި ޖީލުތަކުގެ ކުރިމަތީގައި، ދައްކައިލެވޭ މަންޒަރުތަކެއްގެ ފޮނި ކަމާއެވެ! ހިތިކަމާއެވެ! އުނިއިތުރުކަމާއެވެ!

މި މަސްރަހުގައި ތަމްސީލު ކުރަމުން ގެންދާ މުމައްސިލުންނާމެދު ހައިރާންވުން ހުއްޓެވެ! ހައުދަހައި ތަފާތެވެ. ހައުދަހައި ޚިލާފެވެ.

މީހުންގެ އެދުންތަކާއި ބޭނުންތައް ހުންނަނީ އެގޮތް މިގޮތަށެވެ. ކޮންމެ މީހަކުމެ ހަޔާތަށް ބަލައިލަނީ، ޚާއްސަ ލޮލަކުން ވަކި ނަޒަރަކުންނެވެ. ކޮންމެ ފަރުދަކުމެ، އެ ފަރުދެއްގެ ދައުރު ކުޅެމުން ގެންދަނީ، ތިމާގެ ނަޒަރާ އެއްގޮތްވާ ގޮތަށެވެ. ހަރަކާތްތެރި ވަނީ އޭނާގެ ގަސްދު އޮތް މަންޒިލަކާ މުވާފިގުވާ މަގުންނެވެ. މި ދީބަކުން މި މަސްރަހުގެ މުމައްސިލުން ތަމްސީލުކުރާ ކުރުމުގައި، މީސްނުމީސް ވަކިވެއެވެ. އިންސާނުން ގައި ހުރި ތަފާތު ފާޅުވެއެވެ. ޢަމަލުތަކުގައި ހުރި ފަރަގު ހާމަވެ ބަޔާންވެދެއެވެ.

އެހުރީ އަމިއްލައަށް ފަސް ޖެހުމުން، ކަންނެތްކަމުން އަޑިއަށްދާ މީހެކެވެ. އޭނާ އެ ދަނީ ހާވިޔާއާ ދިމާއަށެވެ. އޭނާއަށް އޭނާގެ ދުނިޔެއިން ފަހުމު ވެސް ވާހައި ވެސް ކަމަކީ، ކެއުމާއި ބުއިމެވެ. ފުރާލަން އެނގޭހައި ވެސް އެއްޗަކީ، ގެރިބަކަރީގެ ބީދައިން މައިދާއާއި ގޮހޮރެވެ. އޭނާ ދުނިޔޭގައި، ކޮންމެ ކަމެއް ކުޅަޔަސް ކުރާ ކަމެއްގައި އޭނާއެކޭ އިންޖީނެކޭ އެއްގޮތެވެ. ކުރެވޭ ނުކުރެވޭކަމެއް ނޭނގެއެވެ. ކުރަންވީގޮތެއް، ނުކުރަންވީގޮތެއް ވެސް ނުވިސްނައެވެ. ވާނީ ހަމައެހެންނެވެ. އޭނާ ޙަރަކާތްތެރިވަނީ ކުރަހާފައި އޮތް ޗާޓެއްގައެވެ. ވަކިވުމެއްނެތް، ހަނިހަނި ދާއިރާއެއްގެ ތެރޭގައެވެ. އެހެންވެ އޭނާގެ ހުރިހައި މަޖުހޫދެއް ހަފުސްވެފައިވަނީ އޭގެތެރޭގައެވެ. ދުނިޔޭގައި ކުރާހައި ހިންމަތަކާއި، އުފުލާހައި ބަރަކުން ގޮހޮރަށްލާނޭ އެތިކޮޅެއް، ކުޑަކުޑަ މާއްދީ ނަތީޖާއެއް އިންތާޖު ކުރެވިއްޖިއްޔާ އޭނާއަށް އެވީއެވެ. ހިތް މުޅީން ހަމަޖެހުނީއެވެ.

މިހިރަ ފެންނަނީ، ދުނިޔެދެކެ ރުޅި އަރައިގެން މޫނު ހުތުރުކޮށްކޮށް ހުންނަ މީހެކެވެ. މީނާއަށް، މިއޮއްބޮޑު ދުނިޔެއިން ހިތްއުފާވާ އެއްވެސް ކަމެއް ނުފެންނަނީއެވެ. ކުޑަވެސް އަހައްމިއްޔަތުކަމެއް ހޭދަކުރަންވީ ފަރާތެއް ނުވިސްނެނީއެވެ. އެހެންވެ އޭނާގެ ކަމަކީ، އެފުށް މިފުށަށް ޝިކާޔަތު ހިފައިގެން ހިނގުމެވެ. ކޮންމެވެސް ކަމަކާ ނުރުހިގެން ކުދި ކިޔުމެވެ. ނުވަތަ ކޮންމެވެސް ހިތާމައެއްގައި މިޒާޖު ގޯސްކޮށްލައިގެން އަބަދާއި އަބަދު ގިސްލައި ރުއިމެވެ.

އެހެރީވެސް މީހެކެވެ. ކަންފަސޭހަ ކަމުގެ ހައްދަށް ގޮސްފައެވެ. ކަމަކީ ސަމާސާކުރުމެވެ. މުޅިން ކުޅިވަރާއި، ސަކައެވެ. ޙަޔާތަކީ އޭނާ ހިތުން ކުޅިވަރެކެވެ. އަގެއް ނެތް އެއްޗެކެވެ. އެއްވެސް ނަތީޖާއެއް ދެއްކުމަކަށް ބޭނުމެއްނޫނެވެ. އެހެންވެ، އެންމެހައި މަސްއޫލިއްޔަތަކުން ރެކިގެން ސަލާމަތުން މި ދުނިޔޭގައި ލުއިލުއިކޮށް، ބަރެއްގައި، ކޮނޑުނާޅައި ހުރެވިއްޖިއްޔާ އޭނާގެ އެދުން އެހަމަވީއެވެ.

ދެން އެހުރީ ވަސްވާސްވެރި އެކެވެ. ސިހުން ބޮޑުކަމުން އަބަދު ހުންނަނީ، ދެ ފިކުރު މަތީގައެވެ. އޭނާ ހިތުން ދުނިޔޭގައި ސީދާކޮށް ހިނގޭނޭ އެއްވެސް މަގެއް ނެތެވެ. އޭނާ ހިތުން ކޮންމެމަގަކުން ހިނގިޔަސް ގޮސް ވަދެވޭނީ، އަނދިރި ޖަންގައްޔަކަށެވެ. ކަށިކުނބުރު ވަލަކަށެވެ. ނުވަތަ ނުކުމެވޭނީ، ފެންނެތް ސަހަރާވީ ހަނަފަސް ބިމަކަށެވެ. އެހެންވެ، އެއްފިޔަވަޅު ކުރިޔަށް އެޅީވިއްޔާ އޭނާ އަޅަނީ، އަނެއް ފިޔަވަޅު ފަހަތަށެވެ.

މިހުރެގެން އެނބުރެނީ ބޮޑު ގަމާރެކެވެ. ގަބަރާވެ، ޙައިރާން އަރާފައިހުރި މީހެކެވެ. ދުނިޔެއަކީ މީނާހިތުން އަރަތެކެވެ. އޭގެ އެކޮޅު މިކޮޅެއް އޮޅުމެއް ނުފިލާނެއެވެ. އެއީ، ނުފިލުވޭކަހަލަ އޮޅުންބޮނޑި އެކެވެ. ހެވެއް، ނުބައެއް އެއަކުން ވަތްކެއް ނުވާނެއެވެ. އެހެންވެ އޭނާގެ ފަހުމުވަނީ އެއާމެދުގައި ކުރިއަށް ނުގޮސް ހުއްޓިފައެވެ. މުޅިން އަދަބުވެފައެވެ. އޭނާ ޤަޞްދުކުރާ ގޮތުގައި، ދުނިޔެއަކީ، މުޅިއުމުރު ބަރުބާދުކޮށް، ފަށްފަށްކޮށްލާފައި ކޮންމެ މީހަކުމެ ގެންގޮސް ޤަބުރަށް ވައްޓާލައި ނިންމާލާ ރިވާޔަތެކެވެ.

މިހިރަ އަންނަނީ، ޢަޒުމެއްގެ ވެރި، ހިންމަތްތެރިއެކެވެ. އޭނާގެ ހިތް އަޢުލާ މިސާލަށް ދަހިވެތިވެއެވެ. އެހެންވެ އެއަށް ވާސިލުވާން މަސައްކަތް ކުރެއެވެ. އެ މަސައްކަތުގައި އެއް މަރުހަލާއެއް ނިމޭއިރަށް އަނެއް މަރުހަލާ އާ ދިމާކުރެއެވެ. އޭނާގެ ޒަމާނުގެ ފުރޮޅުތަކާއެކުގައި ދައުރުވެއެވެ. ވަށައިގެން ނިއުޅިފައިމިއޮތް ދުނިޔެއިން އިހުސާސު ލިބިގަނެއެވެ. އެހެންވެ އެއިން އަސަރު ކުރުވައެވެ. އޭނާއަށް ދިރިއުޅުމުގެ މަޢުނަ ވިސްނެނީއެވެ. ވީމާ ޙަޔާތުގައި ބައެއްފަހަރު މަޑުމަޑުން ހިފައެވެ. އަނެއްބައިފަހަރު ގަންނަނީ ހިފައެވެ. އޭނާ އެހުރިހައި ހަރަކާތްތަކެއްގައިވެސް ދުރުގައި އޮތް އަމާޒު ފަތަކަށް ވިސްނައެވެ. ވަރަށް ރަނގަޅެވެ. އޭނާގެ ގަސްދު މާތެވެ. އެދުން މަތިވެރިއެވެ. ކާމިޔާބީ ފެނިއްޖިއްޔާ ހިތްވަރާއި ބުންވަރު ލިބިގަނެއެވެ. ނާކާމިޔާބީ ލިބިއްޖިއްޔާއި ފަންވަރެއް ނުފިލުވައެވެ. އެކަމުން ޢިބުރަތާއި ފައިދާ ހާސިލުކޮށް ގަނެއެވެ. އޭނާއަށް ތަޖުރިބާތަކުން ޤާބިލިއްޔަތާ ތަހުޒީބު އިތިރުވަނީއެވެ. މުޞީބަތްތައް ޖެހުނީމައި، ތޫނުފިލިކަމާއި ކުޅަދާނަކަން އާލާވަނީ އެވެ. ބަލާ އާފަތްތަކާއި އުނދަގޫތައް، ކުރިމަތިވީވީހެން ދޫނުކުރުމާއި ޢަޒުމު ކުރިއަށް ގެންދެއެވެ. ބޮޑެތި މުޞީބަތްތައް ލައިގަންނަމުން ދަނީވިއްޔާ، ހިތްވަރު އަލުން އާކުރަން އުޅެއެވެ.

ބައެއް މީހުންގެ އުފާ ހަމަޖެހެނީ، ބޭ، ހެދިގެން އުޅުމުގައެވެ. ނުވަތަ، ބޭ، ހެއްދުމުގައެވެ. ނުވަތަ، ޅަ ކަމުން ހެވެއް ނުބައެއް ވަކިވާވަރު ނުވަނީކަމުގައި ދެއްކި ގަތުމުގައެވެ. ނޫންނަމަ، ރަނޑުވުމުގައި، ފަރި ދެއްކުމުގައި، ނެތްފޮންޏެއް ނެރެލުމުގައެވެ.

އަނެއްބައިމީހުންގެ އުންމީދު އެކުލެވިގެންވަނީ، މީހުންނަށް އަމުރުކުރުމުގައެވެ. ތިމާގެ ބޮޑުކަން އިހުސާސު ކުރުމުގައެވެ. އިހުސާސު ކުރުވުމުގައެވެ. ތިމާއީ ޤަދަރުހުރި މީހެއްކަމުގައި ހީކޮށްކޮށްފައި، ބޮޑާވެ ގަތުމުގައެވެ. ދެއަތް ފޭކޮށްގެން އިސް އޮބާލައިފައި، ދިގަށާއި، ރަށް ހުރަހަށް ހިނގުމުގައެވެ. ނުވަތަ، ބައިގަނޑެއް ފަހަތު ލައިގެން ޤަދަރުވެރިއެއްކަން ދައްކަން ދެލޯ ވަށްކޮށްގެން ނުކުމެ، މަގުމަގު ނާމާން ކުރުމުގައެވެ. ނުވަތަ އެއުރެން ހަމަޖެހޭ ކަމަކަށްވަނީ، މީހުން ތިމާމެންނަށް އަޅުވެތިވެގެން ހަށަން ބަނުމެވެ. ނުވަތަ، އެއުރެންނަށް އަދަބުވުމުގައި، މީހުން، ބިމާއަށް ތިރިވެލުމެވެ. ނަވަތަ ރޮއިހޭރި އާދޭސްކުރަމުން އެއުރެންގެ ފައިދޮށަށް ހިނގާމީހުންގެ އަދަދު ގިނަވުމެވެ. އަދި ބައެއް މީހުންގެ އުފާ ހުއްޓި ހުންނަނީ، ފެންނަ ނުފެންނަ ހިސާބަށް ނުފޫޒުހިންގުވައި ވެރިކަން ފަތުރައި އުޅުމުގައެވެ. މިއެދުމުގައި އެއުރެންގެ ޤައުމުތަކުގައި، އެކީ އެކައްޗަކަށް، ފިތުނައިގެ އަލިފާން ރޯކޮށްލައެވެ. އަޝީރަތާއި ޤަބީލާއަށް ޚިޔާނާތްތެރިވެ ފުރަގަސްދީފައެވެ. ފަހަރުގައި ޡަރޫފާއި ފުރުސަތު ތަންދީފިއްޔާއި، މުޅި އިންސާނިއްޔަތުގެ މޫނުމަތި ތަޅާލައި، ދުނިޔޭގެ ޖައްވު ހާސްކޮށް، ބިންގަނޑު އެފުށްފުށުންޖަހައި، ދުނިޔޭގެ އިޤުތިޞާދާއި އަމަންއަމާންކަން، އެތައް ޒަމާނަކަށް ނަގާލާފަތެވެ. މިސާލެއްގެ ގޮތުން އެންމެފަހުގެ ބޮޑު ހަނގުރާމަ ފުދެއެވެ.

އެއްބައެއްގެ ހިތުގެ މަޒާ ހާސިލުވަނީ، ތަކެތި އެއްކުރުމުގައެވެ. ރުފިޔާއެވެ. ރަނެވެ. ރިއްސެވެ. ފޭރާމާއި ގަހަނާއެވެ. ކަންވާރާއި ހަތިޔާރެވެ. ހިފާ ގެންގުޅޭ ސާމާނާއި ފެހާމާނެވެ. ހަމައެކަނި، އެއްކުރުމުގެ މަޖަލުގައެވެ. ގެދޮރާއި ފޮށިތައް ފުރާލުމުގެ ދެވިހިފައިގެންނެވެ. ކުޑަވެސް ހެޔޮނިޔަތަކާ ނުލައެވެ. ޝައިޠާނާގެ ހެއްލުމެއްގެއެވެ. އެއުރެންނަށް އެއްކުރުންނޫން ކަމެއްގައި އުފަލެއް ނެތެވެ. ހިންގާ ޢަމަލުތަކުގައި، އިންސާނީ ފަރާތެއް ނުވިސްނައެވެ. ގިނަތަކެތި އެއްވެއްޖިއްޔާ އެވީއެވެ. ތިމަތިމާމެންގެ އެއްޖިންސުގެ އަޚުންނާއި އުޚްތުންނެއް ހަނދުމައެއް ނުހުރެއެވެ. އިންސާނިއްޔަތަކަށް ލޯތްބެއް ނުބަހައްޓައެވެ.

އަނެއްބަޔަކާ ނިސްބަތްކުރެވޭތީ ފެންނަނީ ޝަހުވާނީ އެދުންތަކެވެ. އެދެފަރާތުގެ މިސާލަކީ، މާމުއިފަންޏާއި މެހީގެ މިސާލެވެ. ނުވަތަ އެއުރެންނަކީ އަތްބައްތި އާއި ޕަރުވާނާގެ މިސާލުވާ ބައެކެވެ. މެއްސަށްވާ ގޮތަކީ، މާމުއިފަނިބޯން ފެށީމައި، އޭގެފޮނިކަން ހަމަ ލިބޭއިރަށް، ދީވާނާވަނީއެވެ. އެއިން ތުންނައްޓާ ނުލެވެނީއެވެ. ބޮވިގެން ފުރި ސިކާރަވަނީއެވެ. ބުރަހެލިވަނީއެވެ. ވެއްޓެނީއެވެ. ގެނބެނީއެވެ. އޭގައިވެ މުޅިން ނިމިގެން ދަނީއެވެ. ޕަރުވާނާއަކީވެސް ޙާލެއްގައި ޖެހޭ އެއްޗެކެވެ. އައްޔެއް ފެންނައިރަށް ލޮލުގެ ނޫރު އެއަށްގޮސް ގެއްލެނީއެވެ. އެދިމާއަށް ގޮސް އެއީ ހުޅުގަނޑެއް ކަމުގައިވިޔަސް އެއަށް ޖެހިގަންނަނީއެވެ. ވެދެގަންނަނީއެވެ. ފިޔަގަނޑު އަންދާލާފައި، މަރުވެގެން ހުލިވަނީއެވެ.

އެއްބަޔަކަށް ހަމައެކަނި ތިމާމެންގެ މަޢީޝަތާއި ދުންޔަވީ ޙާލަތު ހަމަޖެހިއްޖެއްޔާއި އުފާ ހާސިލުވީއެވެ. އުންމީދު އަތުޖެހުނީއެވެ. އެކަނި މާއްދީ ގޮތުންނެވެ. އެހެން މީހުންނަށް ކޮންމެ ހާލެއް ޖެހުނަސް ފަރުވާލެއް ނެތެވެ.

އަނެއްބައެއްގެ މިޒާޖު ހުންނަނީ އެއުރެންގެ ޛާތިއްޔާ އުށްބައްތީގެ މިސާލަށް ހަދާލާ ގޮތަކަށެވެ. ވަށައިގެން މީހުންނަށް އަލިކޮށް ދިނުމަށް އަލި ކުރަނީއެވެ. އަމިއްލަ ޒާތު ވިރުވަނީއެވެ. ހުލި ކުރަނީއެވެ. ހުސްވަމުން ގޮސް އެކީގައި ނެތެނީއެވެ.

އިޞްލާޙަކީވެސް އެއްބައެއްގެ އުފަލެވެ. ހުރިހައި އެއްޗެކެވެ. ހުރިހައި ކަމެކެވެ. ހުރިހައި ގޮތަކުންނެވެ. އެއުރެން އިޞްލާޙުކުރާހިތްވަނީ، އަމިއްލަ ނަފުސުތަކެވެ. ހަށިތަކާއި، ހިތްތަކާއި، ބުއްދިތަކެވެ. އަޚުލާޤާއި، ވިސްނުމާއި، އުޅުންތަކެވެ. ދަރީންނާއި، އަނބީންނާއި، އުޝައިރާއެވެ. މުޅި ޤައުމެވެ. ވަޒަނެވެ. ސަހަރެވެ. މުޅި އިންސާނީ ނައުއާއި ދުނިޔެއެވެ. އެއުރެން ޒާދެއް ކުރާނީ، ހެޔޮ ޢަމަލުތަކުންނެވެ. ޢިބުރަތް ލިބިގަންނަނީ، ޒަމާނުގެ ހާދިސާތަކުންނެވެ. އެއުރެންގެ ހިތްހަމަޖެހޭކަމަށްވަނީ، ދާއިމީ އުފަލަކަށެވެ. ވިސްނައިގެން ބަލަނީ ކުރިމަތީގައި އޮތް މަންޒިލަކަށެވެ. ދަތުރުކުރަނީ މަރުހަލާއަކަށްފަހު މަރުހަލާއެއް ގިރާކުރަމުން ސީދާ ތަނަވަސް މަގުންނެވެ. މަގު އަލިކުރާ ބައްތިތަކަށް ބަލަނީ، ސަލާމަތް ބުއްދިއާއި، ތަނަވަސް މަޢުލޫމާތެވެ. އެއުރެން އުސް ގަނޑެއްގައި އަޅައެއް ނުގަނެއެވެ. ފުންތަނަކަށް ގަނބައެއް ނުގަނެއެވެ. ކުރިޔަށްދަނީ ފަސް އެނބުރި ނުބަލައި ވީގޮތް ހަނދުމަކުރަމުންނެވެ. ވާނޭގޮތަކާމެދު ޚިޔާލުކުރަމުންނެވެ. އެދާ ދިޔުމުގައި،، އެހެން މީހުންނަށް މަގުދައްކަމުންނެވެ. އަންނާށޭ ލޮބުވެތި އަޚުންނޭ ގޮވަމުންނެވެ.

ޙަޤީޤަތުގައި، އެއުރެންގެ ހިތް އާދައިގެ މީހުންނަށްވުރެ މަތިވެރިއެވެ. އާދައިގެ ކުރު ދޯހަޅި، އުފަލަކަށް ހަމަނުޖެހެނީއެވެ. ޙަޤީޤީ އުފާތަކަށް ދަހިވެތިވަނީއެވެ. އެހެންވެ ކުދިކުދި އުފާ ނުލިބުނަސް، ހެޔޮކަމުގައި އުފާތަކުގެ މަހައްލަކަށް ދެވޭތޯ ހިނގައި ކުރިޔަށް ދަނީއެވެ. އެއުރެން އެދަތުރުކުރަނީ، ރޫޙާނީ އުފާތަކާއި، ދިމާއަށެވެ. ދަތުރުކުރަނީ، ފައިދޮށް ބަލައިގެންނެވެ. ވަށައިގެން ހޯދަމުންނެވެ. އެއުރެންގެ ދުނިޔެމަތީގެ އެދުމަކީ، އިޞްލާޙެވެ. ލޯބިކުރާހައިވެސް އެއްޗަކީ އިޞްލާޙެވެ. ކުރާހައި ޢަމަލެއްގެ ޣާޔަތަކީވެސް އިޞްލާޙެވެ.

މިފަދައަކުން މީހުންގެ ބާވަތާއި އެދުންތައް ވަނީ، ތަފާތުވެގެންނެވެ. އަމާޒުފަތްތައް ޚިލާފު ވެގެންނެވެ. ކޮންމެ މީހަކުމެ އޭނާގެ މިސާލުވާ އަނެކަކާ އެއްގޮތަށް ޢަމަލުކުރެއެވެ. ފެނިއޮތް ޤަބޫލުކުރެވޭ ތަނަވަސް ނުވަތަ ނުތަނަވަސް ދާއިރާއެއްގެ ތެރޭގައި، ޙަރަކާތް ކުރެއެވެ.

މި އެންމެންގެ ތެރެއިން އަޅުގަނޑު އެންމެ ޤަބޫލީ، ދިރިއުޅުން އޭގެ ޙަޤީޤަތް އޮތްގޮތަކަށް ދެކޭ ބަޔަކާއެވެ. އެމީހުން ދުނިޔެއަށް ރުޅިއަރައި، މޫނެއް ހުތުރެއް ނުކުރާނެއެވެ. އެކުން ބޮޑަކަށް ހެއްލުންތެރި ވެގެންނެއް ނުދާނެއެވެ. ކަންފަސޭހަކަމުގެ ސިއްކަ ޤަބޫލެއް ނުމެކުރާނެމެއެވެ. އެއުރެންނަށް ދުނިޔޭގައި އުޅެންވީ، މެދުމިން ވިސްނޭނެއެވެ. އެއުރެންގެ ޙަޔާތު އެއުރެން ފުރާލާނެއެވެ. އަގު ހުރި ކަންތަކުންނެވެ. އެއުރެން ތިބޭނީ ޙަޔާތުގައި ކުރެވޭ މާތް ޢަމަލުތަކުގެ ސަބަބުން ފުރިފައެވެ. އަބުރާއި ފަޟީލަތުން އެއީ ކެރިގެން ކައުނުގެ ތެރެއަށް ވަދެގަނެގެން ތިބި ބައެކެވެ. އެއުރެން ޒަމާނުގެ އެތިއެތި ފަހަރުގައި ކޮޑުވިދިފައި ހިފާލާނެއެވެ. ދަތި އުނދަގޫތަކަށް ކުރިމަތިލާނެއެވެ. ބިރުވެރިކަމަށް ސަވާރީވާނެއެވެ. އުންމީދުން ދަތުރުވަށި ބަންނާނެއެވެ. ޢަމަލާއި މަސައްކަތުން ކުރިއަށްގޮސް ތިބޭނެއެވެ.

އަޅުގަނޑުގެ ހިތްހަމަޖައްސުވައިދެނީ ފިނޑިކަމެއްނެތި ކެރޭ މީހުންނެވެ. ކަންނެތްނުވެ، ދިރިދިރިތިބޭ މީހުންނެވެ. ސިންގާއަށް ވުރެ، ބާރުގަދަވޭތޯ، ދޫންޏަށްވުރެ ޙަރަކާތްތައް ލުއިކުރެވޭތޯ، މާމެލާމެއްޔަށްވުރެ ޅަނދޮޅު ވެވޭތޯ ހިންމަތް ކުރާ މީހުންނެވެ.

ރަނޑުނުވެ، ފަރިނުބަލައި، ސީދާކޮށް ހިނގާމީހުންނެވެ. ވިސްނާފައި، ފުންމައިގަންނަ މީހުންނެވެ. މާނޭވާނުލައި ދުވާމީހުންނެވެ. ވަރުބަލި ނުވެ ހުއްޓޭ މީހުންނެވެ. ވެއްޓިނުގަނެ އިށީންނަ ފާޑެވެ. އަޅައިނުގެން ތެދުވެ ހިނގައި ގަންނަ ޒާތެވެ. ޝަކުވާނުކޮށް ޢަމަލުކުރާ ބާވަތެވެ. ފުރާނައާއި ހަށިގަނޑު ސަލާމަތުން ހުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރާ ވައްތަރެވެ. ޒުވާންކަން އޮބެހެއްޓޭތޯ ހިންމަތްކުރާ ޙަރަކާތްތައް ހަރުދަނާކޮށް ބަހައްޓާން ބާރުލާ މީހުންނެވެ.

އަޅުގަނޑު ޤަބޫލުވަނީ، ހީނސަމާސާކޮށްލީމައި ހީނލައި، ވާހަކަ ދައްކާލީމައި ދައްކާމީހާގެ ހިތް އުފަލުން ފުރާލައި، ރައްޓެއްސަކު ނުފެންނަނީވިއްޔާ ޚަބަރު ބަލާލައި، ބަލިވެއްޖިއްޔާ އޯގާތެރިވެ އެހީވެލައި، ހިތާމައެއް ކުރަނީ ވިއްޔާ އޭގައި ހިސާބަކަށް ބައިވެރިވެލައި، ދަތި ޙާލުގައި ލުޔެއް ފޯރުވާލައި، ކަރުނަ އޮހޮރަނީވިއްޔާ މަޑުމަޑުން ފުހެލައިދީ އުޅޭ ތެދުވެރި އަޚުންނާއެވެ.

އަޅުގަނޑަށް ރަނގަޅީ ބާރަށް އެއްޗެތި ނުގޮވައި، ހީލަތަކާ ނުލައި ނަސޭހަތްދޭ، ކުށެއް ވެވިއްޖެއްޔާ މަޢާފުދޭ، ކަލަނުގޮވައި އިޙްސާންތެރިވާ މީހުންނެވެ.

އަޅުގަނޑުގެ ހިތްރުހެނީ، ޙަޤީޤަތަށް ލޯބިކުރާ، ޠަބީޢަތަށް ކިޔަމަންވާ، ޤުދްރަތީ މަންޒަރުތަކަށް ހިތް އުފާވާ މީހުންނާއެވެ. އެއީ އަރައިގެން އަންނަ އިރުގެ ކުރިމައްޗަށް ނުކުމެ ފަތިހުގެ ނަސީމުން މޭފުރާލާ ފާޑު މީހުންނެވެ. އިރުއޮއްސޭ މަންޒަރުގައި އެހުންނަ ކުރެހުން ބައިތައް ބަލާހިތްވާ ބާވަތުގެ މީހުންނެވެ. އެއުރެން ކައުނުގައި ލައްވާފައިވާ ޠަބީޢީ މުޙާސިނު ދެކޭހިތް ވާނެއެވެ. މާމެލާމެއްޔަށް ލޯބިކުރާނެއެވެ. ދޫނި ސޫފާސޫތްޕަށް ރަޙުމު ބަހައްޓާނެއެވެ. ދެ ދަޅައިގެ ދެފިންޏަށް ހިތްހަމަޖެހޭނެއެވެ. ހަނދުވަރުގެ ރިހިކުލައިގެ ދޫލަމަތީގައި ކޮޅުކޮޅު މައްޗަށް ހިނގާހިތްވާނެއެވެ. އުޑުގެ ފަރުދާތަކުން ފާއްދާލާ ރިހިރަންކުލައިގެ ތަރިތަކަށް ނަޒަރު ހިންގައި، ހިތުގެ އެންމެ އަޑީން ތަސްބީޙަ ކިޔާނެއެވެ.

އަޅުގަނޑު ހިތްހަމަޖެހޭ ފާޑަކީ، ލުއިލުއި ކޮށް، ހަލުއިހަލުއިކޮށް ޙަރަކާތްތެރިވާ ފާޑެވެ. އަވަސް ހިނިހެން، އަވަސް އަވަހަށް، ދެކޮޅަށް ނަޤުލުވާ ވައްތަރެވެ. ފިކުރާއި ޢަމަލުތައް، ހުއްޓުންނާރުވައި، ހިންގަހިންގައި ތިބޭ ބާވަތެވެ. އަޅުގަނޑަށް މޮޅީ، ބުއްދީގެ ބޭނުން ކުރާ މުހައްޛިބުންނެވެ. ވިސްނުންތޫނު، ކަމަށް ކަމޭހީކުރާ މާހިރުންނެވެ. ފަންނުތަކުން ބައިވަރެއް ހިފަން، ޢިލްމުތަކުން މިންވަރެއް އެއްކުރަން އުޅޭ، އިންތިޒާމަށާއި ތަރުބިއްޔަތަށް ލޯބިކުރާ އިންސާނުންނެވެ. އަޅުގަނޑު އެންމެ ލޯބިވަނީ، އުޅުން ތާހިރު ޢިއްފަތުގެ ވެރިން ދެކެއެވެ. މިޒާޖު ރަނގަޅު ޝުޢޫރުތައް ސަލާމަތުން ހުންނަ، ޙިއްސުތައް ތޫނުފިލި، ނިޔަތް ތެދުވެރި، ޟަމީރު ދިރިދިރިތިބޭ މީހުން ދެކެއެވެ. ރޫޙާނީ ބަލިތަކުން ސަލާމަތުން ތިބޭ ޝަހަވާތަށް ލަގަން ދޫނުކުރާ، އިޙްސާންތެރިންނަށް ޝުކުރު އަދާކުރާ، ޤައުމަށް ލޯބިކުރާ، އިންސާނިއްޔަތަށް ހެޔޮ އެދޭ، މަތިވެރި މަޤްޞަދަށްޓަކައި ޤުރްބާންވާ، މާއްދާއަށް އަޅުކަން ނުކުރާ، މަޚްލޫޤުންނަށް ސަޖިދަ ނުޖަހާ، ދުނިޔެއަށް ކަނުލޯތްބެއް ނުޖެހި ތިބި މީހުން ދެކެއެވެ.

މި ބަޔާންވި ސިފަތަކީ އިންސާނަކަށް ޖަމަޢަ ނުކުރެވޭނެ ސިފަތަކެކޭވެސް ހީފުޅުވެގެން ދިޔުން އެކަށީގެންވެއެވެ. މިހުރީ ޝާޢިރެއްގެ ޚިޔާލެކެވެ. ނުވަތަ އުންމީދެއްގެ ބިނާއެކޭވެސް މީހަކު ބުނެފާނެއެވެ. ވިޔަސް މިހުރީ ޙިއްސުތަކާއި ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް އަތުލައި ގަނެވިދާނޭ މިސާލެވެ. އެއީ، ދިރިއުޅުމާ މެދުގައި ކަތި ނަޒަރަކުން ނަޒަރު ހިންގާ ކަމުގައި ނުވަނީ ވިއްޔާއެވެ. ރޫޙާނީ ބައްޔަކުން ފޯވެފައި ނެތީ ވިއްޔާއެވެ. ޝަހަވާތުގެ ކިސަޑުގަނޑުގެ ތެރެއަށް، ދެކަންހުޅިއާއި ހަމައަށް ގަނބައިގެން ނުދަންޏާއެވެ. ހަށިގަނޑުގެ ޞިއްޙަތުވެސް މުޅިން ވަކިވެގެން ނުގޮސް ހުރިކަމުގައި ވަނީ ވިއްޔާއެވެ.

ނަމަވެސް މިސިފަތައް އަތުނުވާނޭ ބަޔަކު އެބަ ތިއްބެވެ. އެއީ، ދިރިއުޅުމަކީ، ހަމައެކަނި ފައިސާވެރިކަމާއި އެއްކުރުން ކަމުގައި ދެކޭ މީހުންނާއި، ހަމައެކަނި ޝަހުވާނީ އެދުން ތަކަށާއި އަރާމުތަކަށް ބަލަބަލާފައި، ދަހިވެތިވާ މީހުންނެވެ.

ޙަޤީޤަތުގައި އެންމެ ހަމްދަރުދީ ލިބުން އެކަށީގެންވާ ބަޔަކީ އެއީއެވެ. އެއުރެންނާ މެދުގައި ހިތާމަހުއްޓެވެ! އެއުރެންނަކީ ދުވަހަކު ހިތްހަމަޖެހުމެއް ލިބޭނޭ ބަޔަކު ނޫނެވެ. އެތިބީ ދުނިޔެއަށް ކަނުލޯބި ޖެހިގެން ހެއްލިފައެވެ. ތެދު މަގު މުޅިން ގެއްލިފައެވެ. ޝައިޠާނަށް މުޅިން އަޅުވެތިވެ، ފައިސާއަށް ފުރާނަ މުޅިން ހިބަކޮށްދެވި، ޝަހުވާނީ އެދުންތަކަށް ލޮލުގެ ނޫރު ވަޤުފުކޮށްގެންނެވެ.

އެހެންނޫންނަމަ، ޟަމީރަކާއި، ބުއްދިއަކާއި، ހިތަކާ އޮތް އިންސާނެއް ކަމުގައިވުމަށް ކުޅަދާނަ ކަމެއް ނެތްހިނދު ދިރިއުޅުމުގެ އަގަކީ، ނުވަތަ މަޢުނައަކީ ކޮބައިތޯއެވެ؟ ރަނގަޅަށް މަންފާ ކުރެވެމުން ނުދަނީނަމަ، އެއްކުރެވޭ ފައިސާގެ ނުވަތަ މުދަލުގެ ބޭނުމަކީވެސް ކޮބައިތޯއެވެ؟

މުޖުތަމަޢަށް ޚިދްމަތް ނުކުރެވެނީވިއްޔާ އެއްކުރާކަށް ފައިސާގެ ބޭނުމެއް ނެތެވެ. ބަލިތަކުން ތިމާ ސަލާމަތް ނުކުރެވެނީވިއްޔާ ރަންރިހީގެ ބޭނުމެއް ނެތެވެ. ބުއްދިއަށް ހަރުކަމެއް ގެނެސްދީ، އަޚްލާޤު ފުރިހަމަ ނުކުރެވެނީވިއްޔާ ފުނިޖަހާކަން މުދަލުގެ ބޭނުމެއް ނެތެވެ.

ޙަޤީޤަތުގައި ވެރިކަމާއި ފައިސާއަށްވުރެ މާ މުހިންމު ނިޢުމަތްތައް އެބަހުއްޓެވެ. ފުރިހަމަ ޞިއްޙަތުގެ ނިޢުމަތް ކޮބައިތޯއެވެ؟ ހަރުދަނާ އަޚްލާޤުގެ ޤަދަރު ކިހިނަކުންތޯއެވެ؟ ސަލާމަތް ބުއްދިއާއި ތޫނުފިލި ވިސްނުން ކޮން ކަހަލައެއްތޯއެވެ؟ ޢިލްމުވެރިކަމާއި ޙިކްމަތްތެރިކަމުގެ ދަރަޖަ ކޮންފަދައެއްތޯއެވެ؟ ކުރާ މަތިވެރި ހެޔޮ ޢަމަލުތަކުގެ ނަތީޖާއަކީ އެންމެ މަތީ އުފާ ކަމުގައި ނުވާނޭ އެއްވެސް ގޮތެއް އެބައޮތްތޯއެވެ؟

އާދޭހެވެ! އާދޭހެވެ! އުފަލަކީ، ޙަޤީޤީ ބާއްޖަވެރިކަމަކީ މިދެންނެވީއެވެ. ދިރިއުޅުމުގެ ޣާޔަތަކީ، ކާމިޔާބީގެ ތަޅުދަނޑިއަކީ، ރައްކާތެރި ކުރަންވީ ރައުސުލްމާލަކީ މިއީއެވެ. މިއާ މެދުގައި ރައްކައުތެރިވެ، ސަމާލުވުން ހުއްޓެވެ!

_______________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment