ނުކައި ހުރުމަކީ އެއްވެސް މީހަކަށް ކުރެވިދާނޭ ކަމެއް ބާވަ އެވެ؟ މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. ގިނަ މީހުން ބުނާ ގޮތުގައި ނުކައި ވަރަށް ގިނަ ދުވަހު ހުރުމަކީ ކުރެވިދާނޭ ކަމެކެވެ. އެކަމަކު ފެން ނުބޮއި ހުރެވޭނޭ ކަމަކަށް ނުވެ އެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރީން މާލެއަށް އައި ބައިސްކަލު ދުއްވާ މީހަކު އެތައް ވަންދެން މެދު ނުކެނޑި ބައިސްކަލު ދުއްވި އެވެ. އެކަމެއް އޮތީ ހެންވޭރު ބޯޅަ ދަނޑުގަ އެވެ. އޭނާވެސް ހުރީ…

ނުކައި ހުރުމަކީ އެއްވެސް މީހަކަށް ކުރެވިދާނޭ ކަމެއް ބާވަ އެވެ؟ މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. ގިނަ މީހުން ބުނާ ގޮތުގައި ނުކައި ވަރަށް ގިނަ ދުވަހު ހުރުމަކީ ކުރެވިދާނޭ ކަމެކެވެ. އެކަމަކު ފެން ނުބޮއި ހުރެވޭނޭ ކަމަކަށް ނުވެ އެވެ.

މީގެ ފަންސަވީހަކަށް އަހަރު ކުރީން މާލެއަށް އައި ބައިސްކަލު ދުއްވާ މީހަކު އެތައް ވަންދެން މެދު ނުކެނޑި ބައިސްކަލު ދުއްވި އެވެ. އެކަމެއް އޮތީ ހެންވޭރު ބޯޅަ ދަނޑުގަ އެވެ. އޭނާވެސް ހުރީ ނުކައި ކަމަށް ވެ އެވެ. އެކަމަކު ވަރަށް ގިނައިން ފެން ބޮއެވެ.

އިންޑިއާގެ ކޮންމެވެސް ރަށެއްގައި ނުކައި ހުންނަތާ އެތައް އަހަރެން ވެފައިވާ މީހަކު ހުރި ކަމަށްވެސް އަޑު އިވުނެވެ.

ބަޔަކު އެހެން އުޅުނު ކަމުގައި ވިޔަސް އެންމެންނަކަށް އުޅެވޭނެއެކޭ ހިއެއް ނުވެ އެވެ. ހަމަ ޔަޤީނުންވެސް ނުކައި ހައެއްކަ ގަޑި އިރަށް ވުރެ ގިނަ އިރު ހޭދަ ނުކުރެވޭ މީހުން އަޅުގަނޑު ދެކެމެވެ. އަޅުގަނޑު އިސްކޫލުގައި އުޅުނު ދުވަސްވަރު، އިސްކޫލު ޗުއްޓީގައި ހައްދުންމައްޗަށް ގޮސް އުޅުނު އުޅުމުގައި އާދަޔާ ޚިލާފަށް ކާ މީހަކު ފެނުނެވެ. އެއީ އެ އަތޮޅުގެ ރަށެއްގެ ކަތީބެކެވެ. އޭނާ ނުރުހިލައްވައިފާނެތީ ނަން ދަންނަވާކަށް ނުކެރޭނެ އެވެ.

އެ ދުވަސްވަރު ހައްދުންމަތީގެ ރަށެއްގައި އޮތް ބޮޑުމާލޫދަކަށް އަޅުގަނޑުވެސް ދިޔައީމެވެ. މާލޫދުގެ ތެރޭގައި އަޅުގަނޑުވެސް އިށީނދެ އިނީ އޭނާ އިން ކުނަލުގައެވެ. ކުރިމަތީގައި ހުރި ބޮޑު ސިންގާ ތަށްޓެއް ފުރޭން ދެން ހުރީ ބަތް އަޅާފައެވެ. ތިން ހަތަރު ވައްތަރުގެ ރިހަ ހުއްޓެވެ. ތިން އަރި މާޅޮސް ކެޔޮ އޮތެވެ.

ކާން ފެށުމުގެ ކުރީން އެ ތާނގައި ތިބި ބޮޑެތި މީހުން ހީނ ހީނފައި ކޮންމެވެސް ވާހަކައެއް ދެއްކި ތަން ފެނުނެވެ. ދެން ފެނުނީ އެހެރަ ބޮޑު ބަތް ތަށީގެ ތެރެއަށް ހަތަރު ވައްތަރުގެ ރިހަ އަޅައިލީ ތަނެވެ. ޖެއްސުމަކަށް ކަމަށް ވެސް ވެދާނެ އެވެ. އެ ތަނުން އެކަކު ގެނައި ފަނީ ބޭސް ފުޅިއެއްވެސް ބަތް ތަށީގެ ތެރެއަށް އަޅައިލިއެވެ.

ކުރީން ދެންނެވުނު މީހާ އެއްވެސް ޖެހިލުމެއް ނެތި ކާން ފަށައިފިއެވެ. ކާން ފެށީއޭ ދެންނެވުމަށް ވުރެ ރަނގަޅު ވާނީ ބޯން ފެށީއޭ ދެންނެވިއްޔާ އެވެ. އޭނާ ކާ އެއްޗެތި ހަފާ ހެންނެއް ހިއެއް ނުވެ އެވެ. ދެ ފަހަރަކު އަނގަ ހަލުވައިލާފައި، ދިރުވައި ލަނީއެވެ. ބަތް ތަށި ހުސްވީމާ ދެން ޖެހުނީ މާޅޮސް ކޭލާއެވެ. ތިން އަރި މާޅޮސް ކެޔޮ ކައި ހުސްކޮށްލީ ތޮށްޓާ އެކީގަ އެވެ. އޭނާ ކެއި ބަތް ތަށްޓަކީ އަށް މީހުންގެ ކެއުން ކަމަށް އެ ތާނގައި ތިބި މީހުން ބުންޏެވެ.

ރޯ ހަމެއް ފަޅަިއގެން ނުދާނެއޭ ބުނާ އަޑު އަހަމެވެ. އެ ދުވަހު އޭނާގެ ބަނޑު ފަޅައިގެން ނުދިޔައީ އެހެން ވެގެންކަން ޔަޤީނެވެ. މި ދެންނެވި މީހާ އަކީ ކެއުމުގެ އިތުރަށް އެހެން ހުނަރެއްވެސް ލިބިފައިވާ މީހެކެވެ. އެއް ދުވަހަކު އަޅުގަނޑުމެން ހުކުރަށް ގޮސްފައި އައި އިރު އޭނާ އޮތީ އުނދޯލިން ބިން މައްޗަށް ވެއްޓިފައެވެ. އަނގައިން ދަވަ ފައިބާފައި ހުއްޓެވެ. ބަނޑުގެ ކުޑަ ކުޑަ ތަންކޮޅެއް މުލިއްސެއްހެން ބޭރަށް ނުކުމެފައި ހުއްޓެވެ. އެ ތަންކޮޅު އެހެން ހުރެފައި ހިނދެނީ އެވެ. އިރުކޮޅެއް ވެފައި އަނެއްކާވެސް ފުއްޕާލައެވެ. ހީވަނީ ދިރޭ އެއްޗެއް އޭނާގެ ބަނޑުގައި އުޅެނީ ހެންނެވެ. އަޅުގަނޑު ގަތް ބިރެއް ދަންނަވާކަށް ވެސް ނޭނގެއެވެ. އަޅައި އިތިކޮށް ދުއްވައިގަތީ ހެލްތު ސެންޓަރާ ދިމާއަށެވެ. އެ ދުވަސްވަރު އެތާނގައި ޑަކްޓަރަކަށް ހުންނަނީ ދޮން އަންހެނެކެވެ. ކޮން ޤައުމެއްގެ މީހެއް ކަމެއް މިހާރަކު ހަނދާނެއް ނެތެވެ. އެ މީހާ ގޮވައިގެން އައި އިރު ދެން ތިބި މީހުން އޭނާ ނަގައި އުނދޯލީގައި ބާއްވައިފި އެވެ. އޭރު މުޅި މީހާ ތުރު ތުރު އަޅަ އެވެ.

ޑަކްޓަރު ކަށިގަނޑު ޖައްސައިގެން ބަލަ ބަލާފައި ދަބަހުން އިންޖިކްސަނެއް ނަގައިފިއެވެ. އިންޖިކްސަން ޖަހާން ތައްޔާރު ވުމާއެކު އޭނާ ފުންމައިގެން ތެދުއްވެއްޖެއެވެ. އަހަރެން ބައްޔެއް ނޫނޭ، އެއްވެސް ކަމެއް ނުވެއޭ ކިޔައި ހަޅޭއް ލަވައިގެންފިއެވެ.

ފަހުން އޭނާ ބުނީ އެއީ ހަމަ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ. އަޅުގަނޑުގެ އެދުމުގެ މަތީން ބަނޑުގެ ތަން ތަންކޮޅު ފުއްޕައިވެސް ހެދިއެވެ. އެ ދުވަހު އެ ޑަކްޓަރު އަރައިގަތް ރުޅީގައި އޭނާ މަރު ވިޔަސް ތިމަން ބަލައި އައިސްގެން ނުވާނެއޭ އަޅުގަނޑު ގާތު ބުންޏެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment