އަލް ފާތިޙާ ސޫރަތުގެ މައްޗަށް ބަލައިލުމެއް އަލްފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބެންއޮތް ބައެއް ފިލާވަޅު އަލްފާތިޙާ ސޫރަތުގެ ތަރުޖަމާއާއި ތަފްސީރު ނިންމާލުމުގެ ގޮތުން، މިތަނުގައި ދެން އެއްޗެއް ލިޔެލަން ގަސްދު ކުރަނީ މިސޫރަތުން، މިއަދު، މުއުމިނުންނަށް ލިބެންއޮތް ފިލާވަޅަކީ ކޮބައިކަމާ ބެހޭގޮތުންނެވެ. މިގޮތުން، އަޅުގަނޑު ދެފިލާވަޅެއް ފާހަގަކޮށްލަން ބޭނުންވެއެވެ. ބައެއް އާއްމު އިސްލާމީ އަދަބުތަކާ ގުޅޭ ފިލާވަޅަކާއި އަދި މިސޫރަތުގެ މައިގަނޑު މައުޟޫއު އާއި ގުޅޭ ފިލާވަޅެކެވެ. އާއްމު އަދަބުތަކުގެ މައްޗަށް ބަލާލާއިރު، އެންމެ ފުރަތަމަ ފާހަގަ…

އަލް ފާތިޙާ ސޫރަތުގެ މައްޗަށް ބަލައިލުމެއް

އަލްފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބެންއޮތް ބައެއް ފިލާވަޅު

އަލްފާތިޙާ ސޫރަތުގެ ތަރުޖަމާއާއި ތަފްސީރު ނިންމާލުމުގެ ގޮތުން، މިތަނުގައި ދެން އެއްޗެއް ލިޔެލަން ގަސްދު ކުރަނީ މިސޫރަތުން، މިއަދު، މުއުމިނުންނަށް ލިބެންއޮތް ފިލާވަޅަކީ ކޮބައިކަމާ ބެހޭގޮތުންނެވެ. މިގޮތުން، އަޅުގަނޑު ދެފިލާވަޅެއް ފާހަގަކޮށްލަން ބޭނުންވެއެވެ. ބައެއް އާއްމު އިސްލާމީ އަދަބުތަކާ ގުޅޭ ފިލާވަޅަކާއި އަދި މިސޫރަތުގެ މައިގަނޑު މައުޟޫއު އާއި ގުޅޭ ފިލާވަޅެކެވެ.

އާއްމު އަދަބުތަކުގެ މައްޗަށް ބަލާލާއިރު، އެންމެ ފުރަތަމަ ފާހަގަ ކޮށްލެވެނީ ބިސްމިކިޔައި މިސޫރަތް ފެށުމަށް، މުއުމިނުންނަށް، އިރުޝާދު ދެވިފައިވާކަމެވެ. މިކަމުން، މިއަދުވެސް، މުއުމިނުންނަށް، މުހިއްމު ފިލާވާޅެއް، ލިބެން އެބައޮތެވެ. އެއީ މުއުމިނުންގެ އާއްމު ދިރިއުޅުމުގައިވެސް، ކަންކަން ކުރަން ފެށުމުގެ ކުރީން، ބިސްމި ކިޔުމެވެ. ކީރިތި ރަސޫލާގެ އެތައް ހަދީސްފުޅެއްގައި ވެސް މިކަމަށް  އިރުޝާދުދެވި ބާރުއެޅިފައި ވެއެވެ. މިގޮތުން، އެންމެ އާއްމު، އެއް ހަދީސްގައި ވެއެވެ. “ކަމަކުން ކަމަކަށްވާ ކަހަލަ، ވަހަކައެއް، ނުވަތަ ކަމެއް ވިޔަސް، (މާތް)ﷲ (ގެ އިސްމުފުޅު) ނަންނުގަނެ، ފަށައިފިނަމަ، އެވާހަކައެއް ނުވަތަ އެކަމެއް ވާނީ (އެކަލާނގެ ބަރަކާތުން) ކެނޑިފައެވެ.” (އިމާމު އަޙްމަދުގެ މުސްނަދުން ނެގިފައި) މީގެ އިތުރުން، ކެއުމުގެ ސުފުރާމަތީގައި އިން ކުޑަ ކުއްޖަކަށް އިރުޝާދު ދެއްވަމުން ކީރިތި ރަސޫލާ ވިދާޅުވިއެވެ. “ބިސްމިﷲ ކިޔައި ކާން ފަށާށެވެ! އަދި ކަނާތުން ކާށެވެ! އަދި އިނބަ ކައިރީގަ ވާއެއްޗަކުން ކާށެވެ!” (ޞަޙީޙު އަލްބުޚާރީއިން ނެގިފައި) އަދި މިމައްސަލައާ ބެހޭގޮތުން އިސްލާމީ ފިގުހުގެ އެންސައިކްލޮޕީޑިޔާގައި ބަޔާން ކުރެވިފައިވެއެވެ. ‘ގިނަ ފިގުހުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އަޅުކަމެއް ވިޔަސް އަދި އެހެން ކަމެއް ވިޔަސް، ކަމަކަށް ވާކަހަލަ ކަމެއް ކުރުމުގެ ކުރިން، ބިސްމި ކިޔުމަކީ (އިސްލާމް ދީނުގައި) ޝަރުޢު ކުރެވި ކަނޑައެޅިފައި އޮތް ކަމެކެވެ’ (ފިގުހުގެ އެންސައިކޮލޮޕީޑިޔާ 92/8). އާދެ، މިއިން އެނގެނީ، ކެއުން ބުއިމުގެ ކުރީގައްޔާއި އަދި އެހެނިހެން ކަންތައްތައްވެސް ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ، އަޅުގަނޑުމެންގެ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނިގެން ވާކަމެކެވެ. އަދި މިފަދަ ކަންކަމަކީ ތިމާ ދީނާ ގުޅުވާލަދޭ އަދި ތިމާގެ ހުވިއްޔަތު ނުވަތަ އައިޑެންޓިޓީ ދިރުވައި ހިފަހައްޓަން އެހީވެދޭނޭ ވެސް ކަންކަމެވެ.

އާއްމު އަދަބުތަކާ ބެހޭ ދެވަނަ ފިލާވަޅު ގުޅެނީ، މިސޫރަތުގައި މާތްﷲ ދެއްވި ނިއުމަތްތަކަށް ހަމްދުކޮށް، ޝުކުރުމަށް ދެވިފައިވާ އިރުޝާދާއެވެ. މިކަމުން ވަރަށް މުހިއްމު ފިލާވަޅެއް ލިބެން އެބައޮތެވެ. އެއީ މާތްﷲ ދެއްވި ނިއުމަތްތަކަށް ޝުކުރު ކުރާ ފަދައިން، އެހެންމީހުންގެ ފަރާތުން ލިބޭ ހެޔޮ ކަންކަމަށް، އެމީހުންނަށްވެސް، ޝުކުރު އަދާކުރުމެވެ. އިމާމު އަޙްމަދު ރިވާކުރައްވައިފައިވާ ހަދީސެއްގައި މިކަމަށް ބާރުއެޅިފައިވެއެވެ. “މާތްﷲއަށް އެންމެ ބޮޑަށް ޝުކުރުވެރިވާ މީހަކީ މީސްތަކުންނަށް އެންމެ ބޮޑަށް ޝުކުރުވެރިވާ މީހާއެވެ.’ މިނޫނަސް މިމާނައިގައި އެތައް ހަދީސެއް ވާރިދުވެފައިވެއެވެ.

އެހެން މީހުންނަށް ޝުކުރު އަދާ ކުރަންޖެހެނީ އެމީހުންގެ ފަރާތުން ލިބޭ މާއްދީ ހެޔޮކަންކަމާއި ވިދިގެންނެވެ. އިހުސާންތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ނުވަތަ ޚިދުމަތެއް ކޮށް ދިނުން ފަދަ މާއްދީ ކަންކަމެވެ. ނުވަތަ އެމީހުންގެ ފަރާތުން ލިބޭ މައުނަވީ ހެޔޮކަންކަމާއި ވިދިގެންނެވެ. ހެޔޮބަހެއް ބުނުން ނުވަތަ ކަމަކަށް ހިތްވަރު ދިނުން ފަދަ މައުނަވީ ހެޔޮ ކަންކަމެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް މިފަދަ ހެޔޮކަންކަމާއި ވިދިގެން ހިތުގައި އުފެދޭ ޝުކުރުގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން ބޭނުން ކުރެވޭ ތަފާތު އިބާރާތްތައް އެބަ ހުއްޓެވެ. ‘ޝުކުރިއްޔާ’، އަދި، ‘ދަރުމަހުރި’ ފަދަ އިބާރާތްތަކެވެ. އަދި ބައެއްފަހަރު އެފަދަ ފަރާތަކަށް ހެޔޮއެދިގެން ދުއާކުރުމަށް ބޭނުންކުރެވޭ ‘ޖަޒާކަﷲ ޚައިރް’ ފަދަ އިބާރާތްތައްވެސް މެއެވެ. މިފަދަ އިބާރާތްތައް ހުރުން ދޭހަކޮށްދެނީ، މިއީ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް އާދައެއް ކަމެވެ. އެހެންވެ، މިފަދަ ރިވެތި އާދަތައް ހިފެހެއްޓުމަކީ އެދެވިގެންވާ އަދި ބޭނުންތެރި ކަމެއްވެސް މެއެވެ. އެހެނީ، މިފަދަ އިބާރާތްތައް ބޭނުންކޮށް، ހެޔޮކަމެއް ކޮށްދޭ ފަރާތަކަށް ޝުކުރު އަދާކުރުމަކީ، ޝައްކެއްނެތް ގޮތުގައި، މަދަނީ އަދި ތަހުޒީބީ އާދަކާދަތަކުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީއެވެ. އަދި އަޅުގަނޑުމެންގޭ ތެރޭގައިވެސް އޮތް، އިސްލާމީ ރިވެތި އާދައަކަށްވާތީވެސް މެއެވެ. އަދި ހަމަ އެހެންމެ، މިފަދަ އާދަކާދަ ތަކަކީ ދޭދޭ ގުޅުންތައް، ހިތް ހެޔޮކަންމަތީ ދެމެހެއްޓުމަށް، އެހީވާނެވެސް ކަމަކަށް ވާނެތީވެސް މެއެވެ.

އަލްފާތިޙާ ސޫރަތުގައި މާތްﷲގެ ސިފަފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ސިފަފުޅެއް ބަޔާންކުރެވިފައިވެއެވެ. އެކަލާނގެއީ ރަޙުމަތުގެ ރަސްކަލާނގެ ކަމެވެ. އޯގާވެރިކަމާއި އިހުސާންތެރިވުމުގެ ރަސްކަލާނގެ ކަމެވެ. އެކަލާނގެއީ އަޅުތަކުންނަށް ހެޔޮގޮތް އެދިވޮޑިގަންނަވާ އަދި ހެޔޮގޮތްތައް މިންވަރު ވެރިކުރައްވާ ރަސްކަލާނގެކަމެވެ. މާތްﷲގެ މިފަދަ ސިފަފުޅުތަކާ ބެހޭގޮތުން އިލްމުވެރިން ފާހަގަ ކުރައްވާކަމެއް އޮވެއެވެ. އެއީ މިފަދަ އިލާހީ ސިފަފުޅުތަކުން މުއުމިނުންވެސް ފިލާވަޅު ލިބިގަތުމެވެ. މާތްﷲ އެކަލާނގެ އަޅުތަކުންނަށް އޯގާވެރިވޮޑިގަންނަވާ ފަދައިން، މުއުމިނުންނަކީވެސް އަނެކުންނަށް އޯގާވެރިވެ އަޅާލާބަޔަކަށް ވުމެވެ. ނަބަވީ އިރުޝާދުގައިވެސް މިކަމަކަށް ބާރުއެޅިފައިވެއެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި ވެއެވެ. الراحمون يرحمهم الرحمن، ارحموا من في الأرض يرحمكم من في السماء  ‘ރަޙުމާނުވަންތަ ރަސްކަލާނގެ (މީސްތަކުންނަށް) ރަހުމްކޮށްއުޅޭ އޯގާތެރީންގެ މައްޗަށް ރަހުމަތްލައްވައެވެ. ތިޔަބައިމީހުން، ބިމުގައި، އެބަހީ، ދުނިޔޭގައި، ވާމީހުންނަށް ރަހުމްކޮށް އޯގާތެރިކޮށް ހިތާށެވެ! އެއިރުން، އުޑުގައިވޮޑިގެންވީ ފަރާތުން ތިޔަބައިމީހުންގެ މައްޗަށް ރަހުމަތް ލައްވާނެތެވެ’، (ސުނަނު އަބީ ދާވޫދު، ހަދީސް 4941 އަދި ސުނަނު އައްތިރްމިޛީ، ހަދީސް 1924) އެކަކު އަނެކަކަށް އޯގާތެރި ވެވިދާނެ ތަފާތު ގޮތްތައް ވެއެވެ. ކެރިފޯރި މިންވަރަކުން އެހީތެރިވުމެވެ. އެކަކު އަނެކަކުގެ ހާލު އަހުވާލު ބަލައިގެންނެވެ. ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކާލުމުންވެސް އޯގާތެރިވުން ފާޅުކުރެވިދާނެއެވެ. މީހަކާ ބައްދަލުވުމުން، ސަލާން ގޮވާލައި ހިނިތުންވެލުމަކީވެސް ސަދަގާތެއް ކަމަށް ކީރިތ ރަސޫލާގެ ހަދީސްފުޅެއްގައި ވާރިދުވެފައިވެއެވެ.

އަލްފާތިހާ ސޫރަތުން ދެން ލިބެންއޮތް ފިލާވަޅު ގުޅެނީ، އެސޫރަތުގައި، މާތްﷲގެ ހަޟްރަތުގައި އަދައިދެންނެވޭ ދުއާގެ ވާހަކަ ހުށަހަޅާލެވޭ ގޮތާއި އެވެ. މި އެދުމުގެ ވާހަކަ ހުށަހަޅާލެވިފައިވަނީ އެކަލާނގެއާ އެކަށީގެންވާ ގޮތުގެމަތީން، އެކަލާނގެއަށް ހައްގު، އަދަބު އިހުތިރާމު އަދާ ކުރުމަށް ފަހުގައެވެ. ހަމްދާއި ޘަނާ ދަންނަވައި ތަމްޖިދުކޮށް ތަޢުޡީމު އަދާކުރުމަށް ފަހުގައެވެ. މިކަމުން މުއުމިނުނަށް ލިބެންއޮތް ފިލާވަޅަކީ، މާތްﷲއަށް ހައްގު އަދަބާއި އިހުތިރާމު އަދާ ކުރާފަދައިން، އެހެން މީސްމީހުންނާ މުއާމަލާތް ކުރާއިރު އަދަބުވެރިކަމާއެކު މިކަން ކުރިއަށް ގެންދިޔުމެވެ. ހުރިހާ ހާލަތެއްގައިވެސް، މަދަނީ އަދި ތަހުޒީބީ ސިފައެއްގައި، މުއާމަލާތްތައް ކުރިއަށް ގެންދިއުމެވެ. ތިމާ ރުހިފައި ހުއްޓަސް ނުވަތަ ނުރުހިފައި ހުއްޓަސް، އުފާވެފައި ވިޔަސް ނުވަތަ ދެރަވެފައި ވިޔަސް، އެއްބަސް ވިޔަސް ނުވަތަ ދެބަސްވާން ޖެހުނަސް، ދޭދޭ މުއާމަލާތުތަކުގައި މުއުމިނާ ވާން ޖެހޭނީ ބޭއަދަބީ ބަސްތަކާއި އިބާރާތްތައް ބޭނުންކުރުމުން ދުރުހެލިވެހުރެ، އަދަބުވެރިކަމާއި އެކު މުއާމަލާތް ކުރާ މީހަކަށެވެ. މިފަދައިން އެކަކު އަނެކަކަށް އަދަބުވެރިވެ އިހުތިރާމު ކުރާ މީހުންނަކީ ‘ތަޤުވާވެރިކަމުގެ އިމްތިޙާނުން’ ފާސްވެ ހަގީގީ ތަޤުވާވެރިންގެ ގޮތުގައި ހިމަނާލެވޭ މީހުންކަމުގެ އިޝާރާތް އަލްޙުޖުރާތު ސޫރަތުގެ ތިންވަނަ އާޔަތުން ލިބެއެވެ. …اولئك الذين امتحن الله قلوبهم للتقوى…، ‘އެބައިމީނުންނަކީ (މިތަނުގައި އެންމެ ފުރަތަމަ އިޝާރަތްކުރެވެނީ ކީރިތި ރަސޫލާއަށް އަދަބު އިހުތިރާމު އަދާކުރާ މީހުންނަށެވެ.) އެމީހުންގެ ހިތްތައް، މާތްﷲ، އިމްތިހާނު ކުރައްވައި ތަގުވާވެރިވުމަށް ތަނަވަސްކޮށްދެއްވި މީހުންނެވެ…’ މިއާޔަތުންނެވެ. މިމާނައިގައި ގިނަގުނަ ހަދީސްތައް ރިވާވެގެންވެއެވެ. މިފަދަ އެއް ހަދީސެއްގައި ވާރިދުވެފައިވެއެވެ. މުއާޛުގެފާނު، ކީރިތި ރަސޫލާ އަރިހުން، ނަސޭހަތުގެ ބަސްކޮޅެއް އިއްވައި ދެއްވުމުށް އެދިވަޑައިގަތުމުން، އެކަލޭގެފާނު ހަދީސްފުޅު ކުރެއްވިއެވެ. “… މީސްތަކުންނާ މުއާމަލާތް ކުރައްވާއިރު، ރިވެތި އަޚްލާގެއްގެ މަތީހުންނަވައި، އެމީހުންނާ މުއާމަލާތް ކުރައްވާށެވެ.” (މުސްނަދު އިމާމު އަޙްމަދު)

މިދެންނެވިދިޔަ އިސްލާމީ އަދަބުތަކާއި ގުޅޭ ފިލާވަޅުތަކުގެ އިތުރުން، ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިސޫރަތުގެ މައިގަނޑު މައުޟޫއުއާއި ގުޅޭ ފިލާވަޅެކެވެ. އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއަކީ މާތްﷲގެ ހަޟްރަތުގައި ތެދުމަގު އެދި ދެންނެވުން ކަމުގައި، އެސޫރަތުގެ ތަފްސީރުގައި ލިޔެވިދިޔަ ވާހަކަތަކުގައި ބަޔާން ކުރެވުނެވެ. އަދި ‘ތެދުމަގު’ ގުޅިފައި އޮތީ ހެޔޮލަފާ މީހަކަށް ވުމާއި އަދި ހަމަހަމަކަމާއި އިންސާފުވެރިކަމާއިއެކު ކަންތައްތައް ކުރުމާއި ކަންވެސް ބަޔާން ކުރެވުނެވެ.

އަލްފާތިޙާ ސޫރަތަކީ ފަރުޟު ފަސްނަމާދު ގައްޔާއި އަދި ސުންނަތް ނަމާދުތަކުގައިވެސް ކިޔެވޭ ސޫރަތެކެވެ. އެހެންވެ، މުއުމިނުން، ރެއާއި ދުވާލު، މަދުވެގެން، ސަތާރަފަހަރު ތަކުރާރުކޮށް اهدنا الطراط المستقيم މިއާޔަތް ކިޔަވައި މާތްﷲގެހަޟުރަތުގައި ‘ތެދުމަގު’ ދެއްކެވުމަށް އެދި ދުއާ ދަންނަވައެވެ. އެއީ އެތެދުމަގު ލިބުމުގެ އިތުރުން، އެމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުންވެސް އެދިއެވެ. އާދެ، ތެދުމަގު ލިބުމަށްފަހު، މުއުމިނާގެ ހިތުގައި އޮންނަ އެންމެ ބޮޑުއެއް އެދުމަކީ އެމަގުގައި ދެމިހުރުމެވެ. މުއުމިނާ މާތްﷲގެ ހަޟްރަތުގައި އަބދުމެ ދަންނަވާ ދުއާއަކީ މިއެވެ. ربنا لا تزغ قلوبنا بعد إذ هديتنا، فهب لنا من لدنك رحمة، إنك أنت الوهاب، ‘ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް (ތެދުމަގު ގެ) ހިދާޔަތު ދެއްކެވުމަށްފަހު، އަޅަމެންގެ ހިތްތައް (އެމަގުން) އެއްކިބާވެގެން ނުދިނުމަށްޓަކައި (އަޅަމެނަށް ވާގިވެރިވެ ދެއްވައި، އެމަގުގައި އަޅަމެން ދެމިތިބުމުގެ ހެޔޮ) ރަހުމަތް އަޅަމެނަށް ލައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސް ކަލާނގެއީ، ހުރިހާ ހެޔޮގޮތްތައް މެދުވެރިކުރައްވަވާ، ހުރިހާ އެއްޗެއްވެސް (އެއްވެސް ބަދަލަކާ ނުލައި، ދީލަތިކަމާއެކު) ހިބައިން ދެއްވަވާ ރަސްކަލާނގެއެވެ.’ (އާލު ޢިމްރާނު ސޫރަތުގެ 8ވަނަ އާޔަތް.) މިދުއާގައިވާ އެދުން، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވައި މާތްﷲގެ ހަޟްރަތުގައި، މުއުމިނާ ދަންނަވައެވެ. އެސޫރަތް، ތަކުރާރުކޮށް ކިޔަވައި، ތެދުމަގުއި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހިތްވަރާއި ބާރު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި، އޭނާ ދަންނަވައި ދުއާ ކުރެއެވެ.

މިހިސާބުން އުފެދޭ ސުއާލަކީ، ތެދުމަގުގައި ދެމި ތިބުމަށް އަބަދުމެ، އެދިއެދި ތިބެންޖެހެނީ، ތެދުމަގަކީ، އެމަގުގައި ދެމިތިބުން، ހަމަ އެހާ އުނދަގޫ ކަމެއް ބާވައެވެ؟ މިސުއާލުގެ ޖަވާބު ގުޅިފައި އޮތީ އަޅުގަނޑުމެންގެ އިންސާނީ ތަބީއަތާއެވެ. އަޅުގަނޑުމެންގެ ކިބައިގައި ރަގަޅުކަންތައް ކުރުމުގެ އެކަށޭނަކަމާއި، ހަމަ އެހެންމެ، ނުރަގަނޅު ކަންތައް ކުރުމުގެ އެކަށޭނަކަށްވެސް ލެއްވިފައިވާ ލެއްވުމާއި އެވެ. ބައެއް ފަހަރު، އަޅުގަނޑުމެން ހެޔޮމަގު ޚިޔާރުކޮށް ހެޔޮގޮތުގައި އަޅުގަނޑުމެންގެ ނަފްސު ހިފަހައްޓައި ކޮންޓުރޯލު ކުރެއެވެ. އަނެއްބައި ފަހަރު، ނުރަގަޅު މަގު ޚިޔާރުކުރަން،  އަމިއްލަ ނަފްސު، އަޅުގަނޑުމެނަށް ދޫކޮށްލެވެއެވެ. އިންސާނީ މިދެންނެވި ތަބީއަތުގެ މައްޗަށް، ކީރތި ޤުރްއާނުގައިވެސް، އަލިއަޅުވާލެވިފައި ވެއެވެ. އައްޝަމްސު ސޫރަތުގެ މިނަންގަންނަ އާޔަތްތަކުގައެވެ. ونفس وما سواها، فألهمها فجورها وتقواها قد أفلح من زكاها وقد خاب من دساها، (ކޮންމެ ނަފްސަކާއި އެނަފްސެއް (ތިމަން ﷲ) ހައްދަވައި ފުރިހަމަ ކުރައްވާފައިވާ ގޮތް(ވެސް) ގަންދެއްވައި (ވަހީކުރައްވަމުއެވެ). ކޮންމެ ނަފްސަކަށްވެސް ނުބައިކަންތައްތައް ކުރުމުގެ (އެކަށޭނަކަށް) އެކަލާނގެ ދެއްވައިފައިވެއެވެ. އަދި ހަމަ ކޮންމެ ނަފްސަކަށްވެސް (ރަގަޅު ކަންތައްކޮށް) ތަޤުވާވެރިވުމުގެ އެކަށޭނަކަށްވެސް (އެކަލާނގެ) ދެއްވައިފައި ވެއެވެ. ހަމަކަށަވަރުން ކާމިޔާބު ލިބުންއޮތީ އެނަފްސު (ނުބައިކަންތައް ކުރުމުން ދުރުކުރުވައި) ސާފުތާހިރުގޮތުގައި ބަހައްޓާ މީހާއަށެވެ. އަދި (ނާކާމިޔާބުވެ) ގެއްލިހަލާކުވާހުށީ އެނަފްސު (ލައްވައި ނުބައިކަންތައްކޮށް، އެނަފްސު) ފާސިދުކޮށްލާ މީހާއަށެވެ’. (އައްޝަމްސު ސޫރަތް 10-7)

އާދެ، ތިމަން އީމާންވެއްޖައީމުއޭ ބުނުމަކުން، ނަފްސުގެ ތެރޭގައި ހިނގާ ރަނގަޅާއި ނުބަޔާއި ދެމެދު ކުރެވޭ ހަނގުރާމަ ނިމުމަކަށް ނާދެއެވެ. އަދި ކިއެއްތޯއެވެ؟ އެހަނގުރާމައަކީ އިންސާނާ ދިރިދެމި ހުރިހާ ހިނދަކު ކުރިއަށްދާނޭ ހަނގުރާމަ އެކެވެ. އޭނާ ދިރިދެމި ހުރި ހާހިނދަކު، އޭނާގެ ނަފްސުގެ ކުރިމައްޗަށް، ނަފްސު ހައްލުވާލައި، ނުރަނގަޅު މަގަށް އަނބުރާލަނިވި ކަންތައްތައް ހުށަހެޅި ހުށަހެޅި ހުރެއެވެ. ހަވާ ނަފްސުގެ އެދުންތަކެވެ. އަމިއްލަ މަސްލަހަތުތައް ރައްކާތެރި ކުރުމުގެ އެދުންތަކެވެ. މިފަދަ އެދުންތައް ތިމާގެ ނަފްސުގެ މައްޗަށް ހުށަހެޅޭ ވަގުތުތަކުގައި ތިމާގެ އަމިއްލަ ނަފްސު އިމްތިހާނު ކޮށްލެވެއެވެ. އިލާހީ ސުންނަތުގައިވާ ގޮތުގެ މަތިންނެވެ. “أ فحسب الناس أن يتركوا أن يقولو آمنا فهم لا يفتنون؟” ‘އަޅެ، ފަހެ، ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެމީހުން (ގެ އީމާންކަން) އިމްތިހާނު ނުކުރެވި ދޫކޮށްލެވޭނޭކަމަށް، މީސްތަކުން ހީކުރީ ހެއްޔެވެ؟” (އަލްޢަންކަބޫތު ސޫރަތުގެ 2ވަނަ އާޔަތް).

މިއިން އަޅުގަނޑުމެންނަށް އެނގެނީ، ތެދުމަގު ލިބި ގަނެ އެމަގުގައި ދެމިހުރުމަކީ މުއުމިނާގެ އެންމެ ބޮޑު އެދުންކަމަށްވިޔަސް، މުއުމިނާއާވެސް، އޭނާގެ އީމާންކަން އިމްތިހާނުކޮށްލެވޭ، ކަންތައްތަކާ ދިމާވެދާނޭ ކަމެވެ. އަދި ތެދުމަގުގައި ދެމިހުރުމުގައި ތަފާތު ގޮންޖެހުންތަކާ އޭނާއާއި ކުރިމަތިވެދާނޭ ކަމެވެ. އަމިއްލަ ނަފްސުގެ ކުރިމައްޗަށް ހުށަހެޅޭ ތަފާތު ކަންތައް ތަކުގެ ސަބަބުން، ހަވާނަފްސުގެ ކޮޅަށް، ނުވަތަ ނުބައިކަންތައް ކުރުމަށް އަމުރު ކުރާ ނަފްސުގެ ކޮޅަށް، ތިމާގެ ނަފްސު އެނބުރި ހިނގައިދާނޭކަމެވެ. އަދި މިކަމުގެ ސަބަބުން ދީނީ ވާޖިބުތައް އަދާކޮށް ރަގަނޅު ގޮތުގައި ހުރުމުގެ އަޒުމަށް ހީނަރުކަން އާދެއެވެ. ހުރިހާ ހާލަތެއްގައިވެސް ތެދުވެރިވެ، އަދުލް އިންސާފަށް މަސައްކަތްކޮށް ހެޔޮގޮތުގައި ހުރުމަށް ނުކުޅެދިވެ ގަނެވެއެވެ. އާދެ، ކުރުގޮތަކަށް ދަންނަވަނީނަމަ، އިންސާނީ ނަފްސުގެ ބަލިކަށިކަމުގެ ސަބަބުން، އިލާހީ ތެދުމަގުން ކައްސާލުން އޮންނަނީ ދާދިކައިރީގައެވެ. އެހެންވެ، މުއުމިނާ އަބަދުމެ ތެދުމަގު ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. މިކަމުގެ އެދުމަށް، ބަލިމަޑުކަން އައިސް އެއެދުން މަރުވެދިޔަ ނުދިނުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އަމިއްލަ ނަފްސުގައި އެކަމުގެ އެދުން ދިރުވައި ދަމަހައްޓަން ޖެހެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ ކުރިމައްޗަށް އެނަފްސު އިމްތިހާނުކޮށްލެވޭ ކަންތައްތައް ކުރިމަތިވާ ވަގުތުގައި އީމާންކަންމަތީ ދެމިހުރުމަށްޓަކައެވެ. އެފަދަ ވަގުތުތަގުގައި ތެދުމަގުން އެއްކިބާ ނުވެ، އެމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށްޓަކައެވެ. އަދި އެފަދަ ހާލަތެއްކުރިމަތިވެ، ފައިތިލަ ކައްސާލި ކަމުގައި ވިޔަސް، އަވަހަށް، އީމާންކަން އާކޮށް، ތެދުމަގަށް އެނބުރި އައުމަށްޓަކާވެސް މެއެވެ. އަލްފާތިހާ ސޫރަތް ތަކުރާރުކޮށް ކިޔަވައި، اهدنا الصراط المستقيهم ‘އަޅަމެންނަށް ތެދުމަގު ދައްކަވާނދޭވެ!’ މިދުއާ މާތްﷲގެ ހަޟްރަތުގައި ދެންނެވުމުގެ ބޭނުމަކީ، އެކަމުން ލިބޭ ދަރުސަކީ، ފިލާވަޅަކީ، ތެދު މަގުގައި ދެމިހުރުމުގެ ސާބިތުކަން ދެއްވުމަށް އެދި އަބަދުމެ ދެންނެވުމެވެ. އަދި، ތެދުމަގުން، ފައިތިލަ ކައްސާނުލައި، ތިމާގެ ނަފްސު ތާހިރުކަންމަތީ ލަހައްޓައި ރޫހާނީ ގޮތުން، ތިމާ ކުރިއަށް ދިޔުމަށް މަގުފަހިކޮށް ދެއްވުމަށް އެދި ދެންނެވުމެވެ.

މިކަން އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލަމާތޯއެވެ. އިސްލާމީ ދައުވަތުގެ މަސައްކަތް ފެށިގެން އައިރު، ކީރިތި ރަސޫލާ އެމަސައްކަތް އެންމެ ފުރަތަމަ ކުރެއްވީ ސިއްރިޔާތުގައި ޚުސޫސީ (ޕްރައިވެޓް) ސިފައެއްގައެވެ. އާއިލީ ބޭފުޅުންނަށާއި އަދި ގާތް އެކުވެރި ރަހުމަތްތެރިންނަށް އަމާޒު ކުރައްވައިގެންނެވެ. “وأنذر عشيرتك الأقربين”، ‘ކަލޭގެފާނުގެ އަހުލުބައިތުންނާއި ގާތްތިމާގެ މީހުންނަށް (އިސްލާމް ދީނަށް ދައުވަތުދެއްވައި) އިންޒާރު ދެއްވާށެވެ’ (އައްޝުޢަރާއު ސޫރަތް 215) މިއާޔަތުގައި އިރުޝާދު ދެވިފައިވާ ގޮތުގެ މަތީންނެވެ. އިސްލާމީ ދައުވަތުގެ މަސައްކަތް މިފަދަ ވަންހަނާ ގޮތެއްގައި ވަކި ބަޔަކަށް އަމާޒު ކުރެވިގެން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވުނެވެ. فاصدع بما تؤمر وأعرض عن المشركين، ‘ކަލޭގެފާނަށް އަމުރުކުރެއްވޭ ކަންތަކާއިގެން (އިސްލާމީ ދައުވަތުގެ މަސައްކަތާއިގެން) ފާޅުގައި ކުރިއަށް ވަޑައިގަންނަވާށެވެ. އަދި، މުޝްރިކުން (ގެ އުނދަގޫ ކުރުމާއިމެދު) އަޅާނުލައްވާށެވެ،’ (އަލް ޙިޖްރު ސޫރަތުގެ 94) މިއާޔަތް ބާވާލެވެންދެނެވެ. އިލާހީ މިއަމުރުފުޅު އައުމުން، ދެން، އިސްލާމީ ދައުވަތް އެންމެންގެ ތެރޭގައި ފާޅުކޮށްލެވި، އާއްމު ކޮށްލެވުނެވެ. ކީރިތި ރަސޫލާ، މައްކާގެ އެންމެން އެއްކުރައްވައި، އެންމެންގެ ކުރިމަތީ، އެކަލޭގެފާނުގެ ދައުވަތު އިއުލާނު ކުރެއްވިއެވެ.

އިސްލާމީ ދައުވަތު އާއްމުކުރެވުމާއި ވިދިގެން މައްކާގެ އަހުލުވެރިން، އާއްމުގޮތެއްގައި، ކީރިތި ރަސޫލާއާ ދެބަސްވެ އިސްލާމީ ދައުވަތާއި އިދިކޮޅު ހެއްޖެވެ. އަދި ދުވަސްކޮޅަކަށް ފަހު، މިއިދިކޮޅުވުން، ދެކޮޅުވެރި ކަމަށް ބަދަލުވިއެވެ. ދެން، މިދެކޮޅުވެރިކަން ހަތުރުވެރިކަމަށް ބަދަލުވިއެވެ. އަދި މިހަތުރުވެރިކަން އެކިއެކި ސިފައިގައި ފާޅުކުރެވުނެވެ. އެންމެ ފުރަތަމަ އަނގަ ބަހުންނެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް މަލާމާތްކޮށް ހަޑިހުތުރު އެއްޗެހި ކިޔައި ފުރައްސާރަ ކޮށެވެ. އެކަލޭގެފާނަކީ މޮޔައެއްކަމާއި ސިހުރުވެރިއެއް ކަމާއި ޖިންނި އަވަލަވާފައި ހުންނެވި ބޭފުޅެއްކަމާއި އަދި މިނޫންވެސް މިފަދަ އެހެން އިބާރާތްތައް ބޭނުން ކޮށްގެންނެވެ. އަދި މީގެ އިތުރުން، މައްކާގެ އަހުލުވެރިން، އެމީހުންގެ ހިތްތަކުގައި، ކީރިތި ރަސޫލާއާއި މުސްލިމުންނާ ދޭތެރޭ އޮތް ހަތުރުވެރިކަން އަމަލީ ގޮތެއްގައިވެސް ފާޅު ކުރިއެވެ. ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް ދަތިތަކާއި އުނދަގޫތައް މެދުވެރިކޮށް ގެންނެވެ. އަނިޔާއާއި ހާނިއްކަވެސް ކޮށްގެންނެވެ. ޚާއްސަގޮތެއްގައި، މައްކާގެ އިޖުތިމާއީ-އިގްތިސާދީ ހަރުގަނޑުގެ ތިރީ ހަރުފަތްތަކުގައި ހިމެނުނު، ބިލާލު ބިން ރަބާޙު އާއި ސުމައްޔާ ފަދަ އަޅުންނާއި ދެރަ ނިކަމެތި ފަގީރުންނަށް ހާނީއްކަކޮށް އަނިޔާ ކޮށްގެންނެވެ. ބިލާލުގެފާނު މައްކާގެ މަގު މައްޗަށްނެރެ، ބިންމަތީ ބާއްވައި ގައިކޮޅަށް ހޫނު ބޮޑެތިހިލަ އަރުވައި އަނިޔާ ކުރެވުނެވެ. އަދި ސުމައްޔާއަށް އަނިޔާކޮށް އެކަމަނާ އަވަހާރަކޮށްލެވުނެވެ. އާދެ، އިސްލާމީ ދައުވަތް އާއްމުކޮށްލެވުމާ ވިދިގެން މުއުމިނުންނަށް މިދެންނެވިފަދަ ވަރުގަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުނެވެ. އެމީހުންގެ އަގީދާއަށް ލޮޅުން އަރުވާލައި، އެއަގީދާއަށް ފުރަގަސް ދޭން މަޖުބޫރު ކުރުވާފަދަ ވަރުގަދަ އިމްތިހާނުތަކާއެވެ.

މިފަދަ ދަނޑިވަޅެއްގައި، ކީރިތި ޤުރުއާނުގައި، ކިރިތި ރަސޫލާއަށާއި މުސްލިމުންނަށް އިރުޝާދު ދެވިފައިވަނީ ނަމާދު ކުރުމަށާއި އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. އަދި މިކަމުން ބާރާއި ހިތްވަރު ލިބިގަނެ، އުނދަގޫތަކަށް ކެތްކުރުމަށެވެ. މައްކީ ދައުރުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު އަލްމުއްޒައްމިލު ސޫރަތުގެ މިއާޔަތްކޮޅަށް ބަލައިލުމުން މިކަން ދޭހަވެއެވެ. يأأيها المزمل قم الليل إلا قليلا، نصفه أو انقص منه قليلا، أو زد عليه ورتل القرآن ترتيلا، إنا سنلقي عليك قولا ثقيلا، ‘އޭ ރަޖާކޮޅު އަޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (މިތަނުގައި މުޚާތަބު ކުރެވެނީ ކީރިތި ރަސޫލާއަށެވެ، އަދި ‘ރަޖާކޮޅު އަޅުއްވައިގެން އޮތުން’ އިޝާރަތް ކުރެވެނީ އެކަލޭގެފާނު ހިރާ ފަރުބަދައިގައި އިންނަވަނިކޮށް ޖިބްރިލުގެފާނު ވަޑައިގެން، ފުރަތަމަ ވަހީގެ ތަޖުރިބާ ކުރެއްވުމަށްފަހު، ބިރުފުޅުގެން ވަޑައިގެން، ގެކޮޅަށް އެނބުރިވަޑައިގަނެ، ‘ޒައްމިލޫނީ ޒައްމިލޫނީ’ [ތިމަންގައިކޮޅުގައި ރަޖާއަޅުއްވާށެވެ! ތިމަންގައިކޮޅުގައި ރަޖާއަޅުއްވާށެވެ!) މިހެން ވިދާޅުވި ވިދާޅުވުމާއެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ  ނަފްސާނީ ގޮތުން އެކަލޭގެފާނު އިސްލާމި ދައުވަތުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ތައްޔާރުވެ ވަޑައިގަންނަވަން ޖެހޭކަމެވެ. މިސޫރަތުގައި އެކަމާ ގުޅޭގޮތުން ނަމާދު ކުރުމަށާއި ކީރިތި ޤުރްއާން ކިޔެވުމަށް އިރުޝާދު ދެވިފައިވެއެވެ.) ރޭގަނޑުގައި ކުޑަ ހިނދުކޮޅެއްފިޔަވައި (ނަމާދު ކުރެއްވުމުގައި) ކަލޭގެފާނު ހުންނަވާށެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި (ނަމާދު ކުރައްވާށެވެ). ނުވަތަ (ދެބައި ކުޅައެއްބަޔަށްވުރެ) ކުޑަ ކޮށްލައްވައި (އެވަގުތުގައި ނަމާދު ކުރައްވާށެވެ.) ނުވަތަ (އެވަގުތު ކޮޅަށް އަދި) ކުޑަ އިރުކޮޅެއް އިތުރުކޮށްލެއްވައި (ނަމާދު ކުރައްވާށެވެ.) އަދި ލަސްލަހުން (ވިސްނިވަޑައިގަންނަވާ ގޮތެއްގައި) ކަލޭގެ ފާނު (ކީރިތި) ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ މައްޗަށް (ބުރަ މަސައްކަތެއްގެ) ވާހަކަ (އިސްލާމީ ދައުވަތުގެ މަސައްކަތުގެ ވާހަކަ) ތިމަންﷲ ބާވާލައްވާ ހުރީމުއެވެ’ (އަލްމުއްޒައްމިލު ސޫރަތް 5-1). މިގޮތުގައި ކީރިތި ރަސޫލާއާއި އަދި މުސްލިމުންވެސް ނަމާދު ކުރެއްވުން މަތީ ދެމިތިއްބެވިކަން، ދެންމެ މިނަންގަތް އާޔަތްތަކުގެ ތަންކޮޅެއްފަހުން ބާވާލެއްވުނު، ހަމަ މިސޫރަތުގެ 20 ވަނަ އާޔަތުން އެނގެއެވެ. إن ربك يعلم أنك تقوم أدني من ثلثي الليل ونصفه وطائفة من الذين معك… ހަމަ ކަށަވަރުން ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ، ކަލޭގެފާނު(ދަމު ނަމާދު) ގާއިމު ކުރައްވާކަން ދެނެވޮޑިގެން ވެއެވެ. ރޭގަނޑުގެ ތިންބައިކުޅަ ދެބަޔެއްހާ އިރުއެވެ. ނުވަތަ ދެބައި ކުޅައެއްބައިގައެވެ. ނުވަތަ ތިންބައިކުޅަ އެއްބައިގައެވެ. އަދި (މިއަޅުކަމުގައި) ކަލޭގެފާނާއި އެކު ވާ މީހުންގެ ތެރެއިންބަޔަކު ވެސް (އެބަހީ އަސްހާބު ބޭކަލުންގެ ބަޔަކުވެސް ދެމި ތިއްބަވާ) މެއެވެ…’ މިއާޔަތުގައެވެ.

ކުރިންވެސް ނަންގަނެވި ދިޔަފަދައިން، އަލްފާތިޙާ ސޫރަތް ބާވާލެއްވުނީ އިސްލާމީ ދަޢުވަތުގެ އެންމެ ކުރީކޮޅުގައެވެ. ދަޢުވަތް އާއްމުކުރުމުގެ ވެސް ކުރީގައެވެ. ޝައިޚު ރަޝީދު ރިޟާގެ ތަފްސީރުލް މަނާރުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، މީހަކު އިސްލާންވުމުން، އެންމެފުރަތަމަ، އެމީހަކަށް، ދަސްކޮށްދެވޭ ސޫރަތެއް ކަމުގައި އަލްފާތިޙާ ސޫރަތް ވިއެވެ. (ތަފްސީރުލްމަނާރު 84/1) މިއިން ދޭހަވަނީ، އެންމެ އިހުގައި ވެސް، މުސްލިމުން، އެންމެ ކުރިން ދަސްކުރާ ސޫރަތެއް ކަމުގައި މިސޫރަތްވީ ކަމެވެ. ފަރުޟު ފަސްނަމާދު ކުރުމުގެ ހުކުމް ބާވާލެއްވުނީ މައްކީ ދައުރުގެ ފަހުކޮޅު ކަމުގައިވިޔަސް، މަތީގައި ބަޔާން ކުރެވުނު އާޔަތްތަކުންނާއި އަދި ކީރިތި ރަސޫލާގެ ސީރަތުނާއި އަދި، ތިރީގައި ނަންގެނެވިފައިވާ ފަދަ، ނަމާދާއި ބެހޭ އެހެން ބައެއް ދިރާސާތުތަކުންވެސް އެނގޭންއޮތް ފަދައިން، އިސްލާމީ ދައުވަތުގެ އެންމެ ކުރީކޮޅުއް ސުރެން ފެށިގެންވެސް، ނަމާދު ކުރެވުނެވެ. ހެނދު މާއިރާ އާއި އަދި ހަވީރުގެ ވަގުތުގައި ކުރެވުނު ދެ ރަކުޢަތުގެ ނަމާދެކެވެ. ކީރިތި ރަސޫލާ، ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށް، އިރުޝާދު ދެއްވައިފައި ވުމާއިއެކު، ނަމާދުގައި އަބަދުވެސް މިސޫރަތް ކިޔެވުނު ކަމަށް، މިކަމުން، ދަލީލު ލިބެއެވެ. މިގޮތުގެ މަތިން ހުރިހާ ހާލަތެއްގައިވެސް މާތްﷲގެ ކިބަފުޅަށް ހަމްދުކޮށް، އެކަލާނގެ އަށް ތައުޡީމު އަދާ ކުރުންމަތީ ކީރިތި ރަސޫލާއާއި މުސްލިމުން ދެމިތިއްބެވެ. ‘ތެދުމަގު’ ލިބުން އެދި ދަންނަވާލަ ދަންނަވާލައެވެ. އެމަގުގައި ނުގުޑާގޮތެއްގައި ފައިތިލަ ސާބިތުކޮށް ގެންތިބުމަށްޓަކައެވެ. (ސިޔަރަތު އިބްނު ހިޝާމް 1/2ވަނަ ޖިލްދުގެ243 އަދި 263ވަނަ ސަފްހާ އަދި ޖަވާދު ޢަލީގެ އިސްލާމް ދީނުގައި ނަމާދުގެ ތާރީޚްގެ 23 ވަނަ ސަފުހާ.)

ނަމާދުކޮށް ތެދުމަގު ލިބުމަށް އެދި ދުއާ ކުރުމުގެ ތައުސީރާއި މައުނަވީ ބާރު، ބިލާލުގެފާނުގެ ކިބައިން އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. އެކަލާގެފާނުގެ މޭފުޅުމައްޗަށް ހޫނު ބަރު ހިލައަރުވައި ފިއްސަމުން، އެކަލޭގެފާނަށް އަނިޔާކުރި މީހުން، އެމީހުންގެ ދީނަށް އެނބުރި އައުމަށް އެކަލޭގެފާނަށް އަމުރު ކުރަމުން ދިޔައިރު، އެކަލޭގެފާނު ވިދާޅު ވަމުން ގެންދެވި ‘އަޙަދް، އަޙަދް’ ‘ހަމަ އެންމެ، އެއްކައުވަންތަ އިލާހެކެވެ، ހަމަ އެންމެ އެއްކައުވަންތަ އިލާހެކެވެ’ މިބަސްފުޅުންނެވެ. އަދި ހަމަ އެހެންމެ ސުމައްޔަތުގެފާނަށް އަނިޔާކޮށް އެކަމަނާފާނު އަވަހާރަކޮށްލެވުނު އިރުވެސް އީމާންކަންމަތީ ދެމިހުންނެވި ދެމިހުންނެވުމުންނެވެ. (މުސްލިމުންނަށް މައްކާގައި ކުރެވިދިޔަ އަނިޔާތަކުގެ ވާހަކައިން ކޮންމެވެސް މިންވަރެއް އިބްނު ހިޝާމު އޭނާގެ އައްސީރާ އައްނަބަވިއްޔާގައި ލިޔުއްވާފައިވެއެވެ. އޭނާގެ ސީރަތުގެ 1/2ޖިލްދުގެ 321-317.) އަދި މީގެ އިތުރުން، ކުށް ކުރެވޭ ހިނދު، އަސްހާބު ބޭކަލުން އަމިއްލައަށް ކީރިތި ރަސޫލާގެ އަރިއަހަށް ވަޑައިގެން ކުށަށް އިއުތިރާފުވެ ތައުބާވުމަށް އަވަސްވެގަތުމުންވެސް ނަމާދުގެ އަޅުކަމާއި އަލްފާތިޙާ ސޫރަތް ކިޔަވައި ތެދުމަގު ލިބިގަތުމަށް އެދި ކުރެވޭ ދުއާގެ އަސަރު ފެނެއެވެ. ކީރިތި ރަސޫލާގެ ދުވަސް ވަރު، ޒިނޭކުރުމަށްފަހު ތައުބާވި ޣާމިދީ ވަންހައިގެ އަންހެނާގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާގެ ތައުބާއާއި ބެހޭގޮތުން، އިމާމު މުސްލިމު، އޭނާގެ ސަޙީޙު ހަދީސް ފޮތުގައި ރިވާކުރައްވައިފައި ވެއެވެ. މިހަދީސްގައިވަނީ، އެކަނބުލޭގެ އަމިއްލަ އެދުމުގެ މަތިން، އެކަނބުލޭގެ، ރަޖަމު ކުރެވި އަދަބު ދެވުނު ހިނދު، ޚާލިދު ބިން ވަލީދު އެކަނބުލޭގެއަށް ނިސްބަތްކޮށް ބަދުބަހެއް ވިދާޅުވުމުން، ޚާލިދުގެފާނާއި މުޚާތަބުކޮށް ކީރިތި ރަސޫލާ ވިދާޅުވި ބަސްފުޅެކެވެ. އެކަލޭގެފާނު، ޚާލިދުގެފާނާއި މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. “އެކަނބުލޭގެ ތައުބާވުން މަދީނާގެ ހަތްދިހަ މީހުންގެ މައްޗަށް ބަހާލެވުނަސް ފުދުނީހެވެ! ތިމާގެ އަމިއްލަ ނަފްސު، ގަދަކީރިތިވަންތަ މާތްﷲއަށްޓަކައި އެހާ ދީލަތި ގޮތެއްގައި ހޭދަކޮށްލި، އޭނާއަށްވުރެ ވަކީން އިތުރު އެހެން މާތް މީހަކު ކަލޭގެފާނަށް ފެނިވަޑައިގެންފައި ވޭތޯއެވެ؟”

އާދެ، މިދެންނެވި ކަންކަމުން ދަލީލު ލިބިގަންނަން މަސައްކަތްކުރެވެނީ އަލްފާތިޙާ ސޫރަތަކީ މުއުމިނުންނަށް ތެދުމަގުގައި ދެމިތިބުމަށް އެހީވެދޭ ސޫރަތެއް ކަމުގައެވެ. ޝައްކެއްނެތް ގޮތުގައި، ހޭލުންތެރި ކަމާއިއެކު ނަމާދުގައި، އެސޫރަތް ކިޔަވައި، އެނގިހުރެ، މާތްﷲގެ ހަޟްރަތުގައި ތެދުމަގު އަދައިދަންނަވާ މީހަކަށް، އެގޮތުގައި ހުރުމުގެ ހިތްވަރާއި ބާރު ލިބިދޭކަން، މިދެންނެވި ކަންކަމުން އެނގި ސާފުވެއެވެ. ބިލާލު ބިން ރަބާހުއާއި އަދި ސުމައްޔާ އަދި ޣާމިދީ އަންހެންނާގެ އީމާންކަން ފަދައިން ތިމާގެ އީމާންކަން ވަރުގަދަވެ، އިލާހީ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށް، އަލްފާތިޙާ ސޫރަތް އެހީވެދެއެވެ. އަދި އެމަގުން ފައިތިލަ ކައްސާލައިގެންދާ ވަގުތުގައި މާތްﷲއަށް ތައުބާވެ، އެމަގަށް އަވަހަށް ރުޖޫއަވެދިޔުމަށް ވެސް މެއެވެ.

އާދެ، މިހިސާބުން އަލްފާތިޙާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރުގެ ވާހަކަ ނިމުނީއެވެ. މިހިސާބަށް މސައްކަތް ކުރިއަށް ގެންދިޔުމުގެ ތައުފީގު ދެއްވިކަމަށްޓަކައި މާތްﷲ ޙަޟްރަތަށް ޙަމްދު ކުރަމެވެ. ދެން ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލް ބަޤަރާ ސޫރަތުގެ މާނައިގެ މައްޗަށެވެ. އަލްބަޤަރާ ސޫރަތަކީ، ކުރިންވެސް ނަންގަނެވުނު ދިޔަހެން، އަލްފާތިޙާ ސޫރަތުގައި ކުރެވުނު ދުޢާގެ އިޖާބައެވެ. ތެދު މަގު ހޯދަން މާތްﷲގެ ޙަޟުރަތުގައި ދެންނެވި ދެންނެވުމުގެ ޖަވާބެވެ. މާތްﷲ މުއުމިނުންނަށް ދައްކަވައިފައިވާ ތެދުމަގު ބަޔާން ކުރެއްވުމުގެ ފެށުމެވެ. އެހެންވެ، އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއުއަކީ ހިދާޔަތުގެ ވާހަކައެވެ. 286 އާޔަތުގެ މައްޗަށް އެކުލެވޭ، މިސޫރަތުގެ މައިގަނޑު މައުޟޫއުއާ ގުޅޭ ސާނަވީ މައުޟޫތަކަށް ރިއާޔަތްކޮށް ހަތަރު ފަސް ބަޔަކަށް، އަލްބަޤަރާ ސޫރަތް ބަހާލެވިދާނެއެވެ. މިބައިތަކުގެ ތަފްސީލު ދެން އަންނަ ހަލަގާއެއްގައި ގެނެސް ދެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަމެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment