އަހުރެމެން އާންމުކޮށް ގަބޫލުކުނީ ތަންތަނުގެ ނުފޫޒު ހަގީގަތަށްވުރެ ވަރުގަދަކަމެވެ. ޤައުމުގެ މަގުބޫލުކަމަށް ނުފޫޒު ފޯރާ ކަންކަމުގެ ތެރޭގައި ބޭރުގެ ސިޔާސަތުން ފެށިގެން ބޭރުގެ އިންވެސްޓްމަންޓުން އަސަރުކުރެއެވެ. މިކަން ގަބޫލުކުރެވުނަސް ނުވަތަ ނުކުރެވުނަސް މީހުން ބޭނުންވަނީ ޒިޔާރަތްކުރުމަށް ނުވަތަ އެފަދަ ތަންތަނުގައި ދިރިއުޅުމަށެވެ. ދާދިފަހުން ރެޕިޔުޓޭޝަން އިންސްޓިޓިއުޓް، ކޮންސަލްޓެންޓް އަދި އެޑްވައިޒަރީ ކުންފުނިން މަގުބޫލުކަމަށް ޚާއްސަ ދިރާސާއެއް ކުރިއެވެ. މި ދިރާސާއަކީ މީހުންގެ ވިސްނުމުގައި އެންމެ ރަނގަޅު ގައުމުތައް ހޯދާބެލުމެވެ. އެމީހުން ރަނގަޅު ގައުމުތައް ވަޒަންކުރުމަށް ތަފާތު 16…

އަހުރެމެން އާންމުކޮށް ގަބޫލުކުނީ ތަންތަނުގެ ނުފޫޒު ހަގީގަތަށްވުރެ ވަރުގަދަކަމެވެ. ޤައުމުގެ މަގުބޫލުކަމަށް ނުފޫޒު ފޯރާ ކަންކަމުގެ ތެރޭގައި ބޭރުގެ ސިޔާސަތުން ފެށިގެން ބޭރުގެ އިންވެސްޓްމަންޓުން އަސަރުކުރެއެވެ. މިކަން ގަބޫލުކުރެވުނަސް ނުވަތަ ނުކުރެވުނަސް މީހުން ބޭނުންވަނީ ޒިޔާރަތްކުރުމަށް ނުވަތަ އެފަދަ ތަންތަނުގައި ދިރިއުޅުމަށެވެ. ދާދިފަހުން ރެޕިޔުޓޭޝަން އިންސްޓިޓިއުޓް، ކޮންސަލްޓެންޓް އަދި އެޑްވައިޒަރީ ކުންފުނިން މަގުބޫލުކަމަށް ޚާއްސަ ދިރާސާއެއް ކުރިއެވެ. މި ދިރާސާއަކީ މީހުންގެ ވިސްނުމުގައި އެންމެ ރަނގަޅު ގައުމުތައް ހޯދާބެލުމެވެ. އެމީހުން ރަނގަޅު ގައުމުތައް ވަޒަންކުރުމަށް ތަފާތު 16 ކަމަކަށް ބެލިއެވެ.  މީގެ ތެރޭގައި ގައުމުގެ ރީތިކަމާއި، ޒިޔާރަތްކުރާ ތަނުގެ އަމާންކަމާއި ރައްކާތެރިކަމާއި، މީހުންނާއި ބާއްވާ އެކުވެރިކަމާއި، އެތަނުގައި އުޅޭ މީހުން ޒިޔާރަތްކުރާ މީހުންނަށް މަރުހަބާކިޔުމާއި، ސިޔާސަތުތަކަށް ލިބިފައިވާ ކުރި އެރުމާއި، އަދި ސަރުކާރުގެ ހަރުދަނާކަން ފަދަ ކަންކަމަށް ބަލައެވެ. މި ދިރާސާކުރީ އޮންލައިން މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 8 ގައުމުގައި ދިރިއުޅޭ 48,000 (ސާޅީސް އަށް ހާސް) އަށް ވުރެ ގިނަ މީހުންނާއި ކުރި ސުވާލުތަކަށް ބަލައިގެންނެވެ. މި ދިރާސާގައި ފަންސާސް ފަސް ގައުމެއް ތަރުތީބުކުރީ އެންމު ބޮޑު ޖީޑީޕީ (ޤައުމުގެ އުފެއްދުންތެރިކަން) އަށާއި، އެންމެ ބޮޑު އާބާދީއަށާއި، އަދި އެ ގައުމުތަކާ ގުޅޭ އިވެންޓްތަކަށް ބަލައިގެންނެވެ.

މީހުންގެ މެދުގައި އެންމެ މަގުބޫލު ފަސް ގައުމު ކަނޑައެޅުމަށް އެކަމުގެ ހަގީގަތް ބަލައިހޯދުމަށް އެ ގައުމުތަކުގައި ދިރިއުޅޭ މީހުންނާއި ވާހަކަދައްކައި، އަދި ބިދޭސީން ދިރިއުޅޭ ގައުމުތަކުގެ ތެރެއިން އެންމެ މަގުބޫލު ފަސް ގައުމު ކަނޑައެޅުމަށް ކުރެވުނު ދިރާސާއިން ދައްކަނީ ތިރީގައިވާ ފަސް ގައުމެވެ.

ސްވިޑުން:  އަލަށް ތަރުތީބު ކުރެވުނު ލިސްޓުން ކުރީގެ އެއްވަނަ ގައުމުކަމަށްވާ ކެނެޑާ ފަހަތަށް ޖައްސާލައިފައި އެއްވަނަ ހޯދުމަށް މާކުސް ލިބުނު ކަންތައްތަކުގެ ތެރޭގައި ގައުމަށް ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަމާއި، މީހުންނަށް ކިޔާ މަރުހަބާއާއި، ގައުމުގެ ރީތިކަން ފާހަގަކުރެވެއެވެ. ސްވިޑުންއަކީ އެބައިމީހުންގެ މިނިވަންކަމަށް އުފާކުރާ ބަޔަކަށްވެފައި، ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރެފިޔުޖީންނަށް އެންމެ ބޮޑަށް މަރުހަބާކިޔާ ގައުމުކަމަށް ސްވިޑުންގެ އުޕްސަލާ ޔުނިވަރސިޓީގެ ބިދޭސީ ލެކްޗަރަރަކު ވިދާޅުވިއެވެ. ސްވިޑުންގެ ގިނަ މީހުންނަކީ އަމިއްލަ ގޭގައި ކައްކައި ކައިބޮއި ހަދާ ބައެކެވެ. އަދި ޕެޓްރޯލަށް ހިނގާ ޚަރަދު ކުޑަކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކް ބޭނުންކުރާ ބައެއްކަން ފާހަގަކުރެވެއެވެ.

ކެނެޑާ: ކެނެޑާ ދެވަނައަށް ވެއްޓުނު ނަމަވެސް މިހާރު ވެސް ކެނެޑާ ފާހަގަ ކުރެވެނީ އެ ގައުމުގައި ދިރިއުޅޭ ބިދޭސީންގެ ނަޒަރުގައި ދުނިޔޭގެ އެންމެ އަމާން އަދި ރައްކާތެރި ގައުމުގެ ގޮތުގައެވެ. ކެނެޑާގައި ދިރިއުޅޭ ބިދޭސީ މީހުން އެ މީހުންގެ އަމިއްލަ ގައުމާއި ދޭތެރޭ ދެކޭގޮތަށްވުރެ ކެނެޑާއާމެދު ދެކެނީ އީޖާބީކޮށްކަން ފާހަގަ ކުރެވެއެވެ. މި ގޮތުން ކެނެޑާއަކީ ސީރިޔާގެ ރެފިޔުޖީންނަށް އެންމެ ބޮޑަށް މަރުހަބާކިޔާ އެ ގައުމުގެ ސަރުކާރުން ރެފިޔުޖީންނަށް ފުރުސަތުތައް ވަނީ ތަނަވަސްކޮށްދީފައެވެ. އަދި މީގެއިތުރުން ކެނެޑާ ފާހަގަކުރެވެނީ ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން ދިރި އުޅުމަށް ކުރަންޖޭ ހޭދަ އަގުހެޔޮ ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭ ގައުމެއްގެ ގޮތުގައެވެ. ކެނެޑާގެ އެންމެ އަގު ބޮޑު ސަހަރުތައްކަމަށްވާ ޓޮރޮންޓޯ އަދި ވެންކޫވަރ ފަދަ ސަހަރުތަކުގެ ދިރިއުޅުމަށް ކުރަންޖެހޭ ހޭދަތައް ވެސް އަތްފޯރާ ފަށުގައި ހުރިކަމަށް ދައްކައެވެ.

ސްވިޒަރލޭންޑް: ގުދުރަތީ ގޮތުން ސްވިޒަރލޭންޑަށް ލިބިފައިވާ ރީތި ކަމަކީ އެ ގައުމުގެ ހެޔޮ ނަސީބެވެ. ހަމަމިއާ އެކު ސްވިޒަރލޭންޑަކީ އެ ގައުމުގެ ދިރިއުޅޭ މީހުންނާއި ރަހުމަތްތެރިކަމާއެކު ހިތްހެޔޮކޮށް މުއާމަލާތްކުރާ ބަޔަކު އުޅޭ ތަނެއް ކަމަށް އެ ގައުމުގައި ދިރިއުޅޭ ބިދޭސީން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން ސްވިޒަރލޭންޑުގެ ސިޔާސަތަށް އަންނަ ހެޔޮ ބަދަލުގެ ސަބަބުން ތަނަވަސްކަމާއި ސަގާފަތަށް ހެޔޮ އަސަރުކުރެއެވެ. ސްވިޒަރލޭންޑަކީ ތަނަވަސް ގައުމެކޭ އެކަނި ބުނުމަކުން ފުއްދައެއް ނުލެވޭނެއެވެ. އެ ގައުމަކީ ޒިޔާރަތްކުރާ މީހުންނަށް މެހެމާންދާރީ އަދާކުރުމުގައި ދިގު ތާރީޚެއް އޮތް ގައުމެއްކަމަށް ބުނެވެއެވެ. އަދި މީގެއިތުރުން ސްވިޒަރލޭންޑަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ގައުމުތަކުގެ ތެރޭގައި އަބަދުވެސް ފާގަކުރޭ ގައުމެއް ކަމަށް ވީނަމަވެސް، ސްވިޒަރލޭންޑްގެ ސަރުކާރުން ދިރިއުޅޭ ތަންތަނުގެ ކުއްޔާއި އަދި ސިއްހީ ޚިދުމަތްތަކުގެ އަގު ކޮންޓްރޯލްކޮށްފައިވާ ގައުމެކެވެ.

އޮސްޓްރޭލިއާ: ބިމުގެ ގޮތުން ތަނަވަސް ބޮޑު ގައުމެއްނަމަވެސް އޮސްޓްރޭލިއާއަކީ އެ ގައުމުގައި ދިރިއުޅޭ ބިދޭސީންނަށް ރައްކާތެރި އަމާން ގައުމެއްކަމަށް އެ ގައުމުގައި ދިރިއުޅޭ މީހުންގެ ފަރާތުން އެނގުނެވެ. މީގެ އަހަރުތަކެއްގެ ކުރިން އޮސްޓްރޭލިއާގައި ވަނީ ބަޑި (ހަތިޔާރު) ގެންގުޅުން މަނާކޮށްފައެވެ. މިކަމުގެ ސަބަބުން ހަތިޔާރު ގެންގުޅުމުގެ ސަބަބުން ހިނގާ ހާދިސާތައް މަދުވެފައިވާކަމަށް އެ ގައުމުގައި ދިރިއުޅޭ މީހުން ގަބޫލުކުރެއެވެ.

އޮސްޓްރޭލިއާގެ މެލްބަރން ދަރަޖަކޮށްފައި ވަނީ މިހާރު ދުނިޔޭގައި އެންމެ ދިރިއުޅުމަށް އެންމެ ރަނގަޅު ސިޓީގެ ގޮތުގައެވެ. ހަރުދަނާ ޕަބްލިކު ޓްރާންސްޕޯޓުގެ ނިޒާމުގެ ސަބަބުން މުޅި ސިޓީގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ދެވޭނެއެވެ. ޕާރތަކީ އާއިލީ އެންމެ އެކުވެރި ސަހަރުގެ ގޮތުގައި މަޝްހޫރުވެފައިވާއިރު ސިޑްނީއަކީ އިގުތިސޯދީ މަރުކަޒެވެ. އަދި އެއީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ސަހަރުތަކުގެ ތެރޭގައިވެސް ހިމެނޭ ސަހަރެކެވެ.

އޮސްޓްރޭލިއާ ބެލެވެނީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު އަތްފޯރާ ފަށުގައި ދިރިއުޅޭ ތަނާއި، ސިއްހީ ޚިދުމަތާއި އަދި ފެންވަރު ރަނގަޅު ކޮލިޓީ ތައުލީމީ ޚިދުމަތްތަކުގެ އަގުތައް އަތްފޯރާ ފަށުގައި ހުރި ގައުމެއްގެ ގޮތުގައެވެ.

ނޯރވޭ: މަންޒަރު ރީތި އަދި އަމާން ތަނެއްގެ ގޮތުގައި ފާހަގަކުރާ ގައުމެކެވެ. ނޯރވޭއަކީ އެތަނުގައި ދިރިއުޅޭ މީހުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ނޯރވޭއަކީ ރީތި ގައުމަކަށްވެފައި، ޖިންސީ ތަފާތުކުރުމެއް ނެތް އަދި ގުދުރަތީ ރީތި މަންޒަރުތަކުގެ ހިތްހަމަޖެހުން ލިބޭ ތަނެއްކަމަށް ކުރީ ޒަމާނުގައި ވެސް މަޝްހޫރު ގައުމެކެވެ. ރަށުތެރޭގެ ހިތްގައިމު ރީތި މަންޒަރުތައް އެކުލެވިގެންވާ، ހެޔޮ އަގެއްގައި ހިތްހަމަޖައްސާލެވޭ ފަދަ މަންޒިލެކެވެ. އަދި މީގެ އިތުރުން ނޯރވޭއަކީ ތަނަވަސް އަދި ތެލުގެ އިންވެސްޓްމަންޓުން ކުރިއެރުން ލިބިފައިވާ ފަހަށް ރައްކާކޮށްފައިވާ ފަންޑުތަކުން އަންނަން އޮތް ޖީލުތަކަށް ކުރިމަގު އޮތް ގައުމެއްކަން ފާހަގަކުރެވެއެވެ.

___________________________________

މައުލޫމާތު: 3 އޮގަސްޓް 2016 ގެ ބީ.ބީ.ސީ ޓްރަވަލް

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment