އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ) ލިޔުއްވާފައިވާ މި ލިޔުން ނަކަލުކޮށްފައި މިވަނީ،  ފެބުރުވަރީ 1974 ގެ “އަމާޒު” މަޖައްލާ އިންނެވެ. އެއީ، މީގެ 39 އަހަރު ކުރިއެވެ. ޖަރުމަނު ވިލާތުގައި އެޑޮލްފް ހިޓްލަރގެ ނާޒީ ޕާރޓީގެ ބާރު ގަދަވަމުން އައި ދުވަސްވަރެވެ. މުޅި ދުނިޔެ އަތްދަށުލުމަށް ހިޓްލަރގެ ހަރުކަށި ސިޔާސަތު ރާވަމުން ގެންދިޔަ ދުވަސްވަރެވެ. އޭރު ހާރވިލީބްރާންޓް އަކީ، ނާޒީ ސިޔާސަތާއި ވަރަށް އިދިކޮޅު މީހެކެވެ. އެދުވަސްވަރު ޖަރުމަނުންނަށް ފިލަންވެގެން ނޯރވޭއަށް އޭނާ ދަތުރުކުރީ…

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ) ލިޔުއްވާފައިވާ މި ލިޔުން ނަކަލުކޮށްފައި މިވަނީ،  ފެބުރުވަރީ 1974 ގެ “އަމާޒު” މަޖައްލާ އިންނެވެ.

WP_20160906_00_17_00_Pro (2)އެއީ، މީގެ 39 އަހަރު ކުރިއެވެ. ޖަރުމަނު ވިލާތުގައި އެޑޮލްފް ހިޓްލަރގެ ނާޒީ ޕާރޓީގެ ބާރު ގަދަވަމުން އައި ދުވަސްވަރެވެ. މުޅި ދުނިޔެ އަތްދަށުލުމަށް ހިޓްލަރގެ ހަރުކަށި ސިޔާސަތު ރާވަމުން ގެންދިޔަ ދުވަސްވަރެވެ. އޭރު ހާރވިލީބްރާންޓް އަކީ، ނާޒީ ސިޔާސަތާއި ވަރަށް އިދިކޮޅު މީހެކެވެ. އެދުވަސްވަރު ޖަރުމަނުންނަށް ފިލަންވެގެން ނޯރވޭއަށް އޭނާ ދަތުރުކުރީ ބޯޓެއްގެ މަސްފީފާއެއްގެ ތެރޭގައި އޮވެގެންނެވެ.

ވިލީބްރާންޓްގެ ޙަޤީޤީ ނަމަކީ ހާރބަޓް، އާރނަސްޓް، ކާރލް، ފްރޭހްމް އެވެ. ވިލީބްރާންޓް އެއީ ނޯރވޭގައި އޭނާ ހުންނެވިއިރު ދުޝްމަނުންނަށް އޮޅުވާލެއްވުމުގެ ގޮތުން އަމިއްލައަށް ޚިޔާރު ކުރެއްވި ނަމެވެ.

ސިޔާސީ ޙަޔާތުގައި ވެއްޓުމާއި ނާކާމިޔާބީގެ ރަހަ ކިތަންމެ ރަނގަޅަކަށްވެސް އޭނާއަށްވަނީ ފެނިވަޑައިގެންފައެވެ. ޝައްކެއް ނެތެވެ. އޭނާގެ ޢަޒުމާއި މަޤުޞަދަށް އިތުބާރެއް ގެނެސްދިނީ އެތަކެއް ފަހަރު މަތިން ލިބިވަޑައިގަތް ހިތާމަތަކާއި ގެއްލުންތަކެވެ. އަދި ކުރިމަތިލައްވަން ޖެހި ވަޑައިގަތް ބޮޑެތި ހުރަސްތަކެވެ. ކޮންމެއަކަސް، އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްއިރުވެސް ބްރާންޓްއަކީ ވަރަށް ބަދު ނަސީބު އިންސާނެކެވެ. އެހެނީ އޭނާގެ ބައްޕަގެ ނަމާއިދިމާގައިވަނީ، ލަދުވެތިކަމުގެ ރޮނގު ބުރިއެއް ދަމާލެވިފައެވެ. އާދެ، އޭނާގެ ބައްޕައެއް ނުވެއެވެ. މަންމައަކީ ސްޓޯރއެއްގައި އެއްޗެތި ވިއްކަން އުޅުނު އަންހެނެކެވެ.

އެދުވަސްވަރުގެ ފްރޭހްމް (މިހާރުގެ ބްރާންޓް) ޖަރުމަނު ވިލާތް ދޫކުރައްވައި ނޯރވޭއަށް ވަޑައިގަތީ، އެޑޮލްފް ހިޓްލަރގެ އާރާއިބާރުގެ ދަށުން ނެއްޓި ވަޑައިގަތުމަށެވެ. އޭރު ނާޒީ ޖަރުމަނުންގެ ނަޒަރުގައި އޭނާއަކީ އިންޤިލާބީ ޚިޔާލުގެ މީހެކެވެ. މާ މަޝްހޫރު ނުވިއަސް ސޯޝަލިސްޓް ޖަމްޢިއްޔާއެއްގެ ލީޑަރއެކެވެ. [ގެސްޓާޕޯ] ނުވަތަ ޖަރުމަނުގެ ސިއްރު ފުލުހުން ފްރޭހްމް ފާހަގަކުރި އަނެއްކަމަކީ، ނާޒީ ޒުވާނަކާއި އޭނާ ހަމަލަދެއްވާފައިވާކަމެވެ. އޭގެ ސަބަބުން އޭނާއަށް [ފިލާ ވަޅެއްދަސްކޮށް ދިނުމަށް] އެތާގެ ކޯޓަކުންވަނީ ކަޑައަޅާފައެވެ.

ލިއުންތެރިއެއްގެ ގޮތުންވެސް، އޭނާއަށް ނަސީބު ކުރިމަތިލީ ހިނިތުންވުމަކާއި އެކުގައެއްނޫނެވެ. އޭނާ އެދުވަސްވަރު ނޫހަކަށް ރިޕޯރޓް އާއި ޚަބަރު ފޮނުއްވައި މަޒުމޫނު ލިޔުއްވިއެވެ. އޭނާއާއި ގުޅިފައިވާ ނޫހުގެ އެޑިޓަރ، ހިޓްލަރއާއި ދެކޮޅަށް ރޭވި ރޭވުމެއްގައި ބައިވެރިވެގެން 1945 ގައި، ޤަތުލު ކުރެވުނުކަން އޭނާއަށް އެގިވަޑައިގެންފައި ވެއެވެ.

ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި ޖަރުމަނުން ނޯރވޭއަށް އަރައިގަތްފަހުން ނޯރވޭގެ ޓްރޭޑް ޔުނިޔަންތަކުގެ ފަރާތުން ހިންގަމުން ގެންދިޔަ ވެލްފެއަރ އޮގަނައިޒޭޝަންގެ މެންބަރެއްކަމުގައި އޭނާ ހިމެނިވަޑައިގަތެވެ. އަދި ނޯރވީޖިއަން ހަގުރާމަ ވެރިއެއްގެ ޔުނިފޯރމްގައި އުޅުއްވަނިކޮށް، ޖަރުމަނު ސިފައިން އޭނާ އަތުލައިގަތެވެ. ނަމަވެސް އޭނާ ސަލާމަތްވެވަޑައިގެން ސްވިޑްންއަށް، ދަތުރުކުރެއްވިއެވެ. ސްވިޑްންއަކީ ވަކި ފަރާތަކަށް ނުޖެހި އޮތް ޤައުމެކެވެ. ސްވިޑްންގެ ސްޓޮކް ހޯމްއިން ހުވަފަތްވެފައި އިން ރީތި ޒުވާނަކާއި ބްރާންޓް ބައްދަލުވެ ވަޑައިގަތެވެ. އެއީވެސް ލިއުންތެރިއެކެވެ. ނަތީޖާއެއްގެގޮތުން، އޭނާގެ ފުރަތަމަ ނޯރވީޖިއަން އަބިކަބަލުން ކާރލޮޓާ ދޫކޮށްލެއްވިއެވެ. އޭރު އޭނާއާއި ކާރލޮޓާގެ ތުއްޕުޅު އަންހެން ބޭފުޅަކު އޮއްނެވިއެވެ. އަދި އޭގެފަހުން އެކައިވެނި އަލުންކުރެވިގެން 3 ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ، ޕީޓަރ’ ލާރސް، އަދި މާތިއާސް އެވެ. މިއަދު ކާރލޮޓާ އަކީ ބްރާންޓްގެ ހުޅަގުބަރލިންގައިވާ ގޭގެ އުފާވެރިކަމާއި ހިތްފަސޭހަކަމުގެ އަޞްލެވެ.

ގާތްގަނޑަކަށް 13 އަހަރަށްފަހު ބްރާންޓް އެބުރި ޖަރުމަނު ވިލާތަށް ވަޑައިގެން ސޯޝަލް ޑިމޮކްރެޓިކް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޖަރްމަންވިލާތުގެ ވެރިކަން ބަދަލުކުރެއްވުމަށް މަސައްކަތް ފެއްޓެވިއެވެ. އޭރު ދެވަނަ ބޮޑު ހަގުރާމަވަނީ ހުއްޓިފައެވެ. ހުޅަނގު ބަރލިންގެ މޭޔަރ އަކަށްވުމަށްވެސް އޭނާ ކުރިމަތި ލެއްވިއެވެ. ނަމަވެސް މޭޔަރކަން ލިބުނީ އާރނަސްޓް ރިއުޓަރ ނަމަކަށް ކިޔާ ލީޑަރ އަކަށެވެ. އޭރު ބްރާންޓްއަކީވެސް މަޝްހޫރުވަމުން އަންނަ ސިޔާސީއެކެވެ. ކޮންމެއަކަސް ހުޅަނގު ބަރލިންގެ މޭޔަރގެ އެންމެ ޚާއްޞަ އެހީތެރިއަކަށް ބްރާންޓް ވެވަޑައިގެންފިއެވެ. އޭނާ ރިއުޓަރގެ އެހީތެރިއެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް މޭޔަރގެ ގޮޑި ކުއްލިއަކަށް ހުސްވެއްޖެއެވެ. އެއީ، ރިއުޓަރ އަވަހާރަވުމުންނެވެ. އެކަން ހިމެނުނީ، ހުޅަނގު ބަރލިންގެ އެތަކެއް މިލިއަން މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. ރިއުޓަރ އަވަހާރަވި ރޭ ބަރލިންގެ ހުރިހާ ގޭގޭގެ ކުޑަދޮރުތަކުގައި ހިތާމަފާޅުކުރުމުގެ ގޮތުން އުށްބައްތި ދިއްލާފައި ހުއްޓެވެ. އެރެއާއި ބެހޭ ގޮތުން ބްރާންޓް ލިއުއްވިއެވެ. [އެ ޢަދަދު ނުކުރެވޭފަދަ ގިނަގުނަ ނިވިދިއްލޭ ހުޅުކޮޅުތައް ހީވަނީ ދިއްލިފައިވާ ކަރުނައިގެ ތިކިތަކެއް ހެންނެވެ. ބަރލިންގެ އަވަހާރަވީ ލީޑަރއަށްޓަކައި އޭނާގެ ލޯބިވާ ރައްޔިތުން ހިތާމަ ފާޅުކޮށް ހެދީ އަސަރާއި އެކުގައެވެ.]

ހުޅަގު ޖަރުމަނުގެ ސޯޝަލް ޑިމޮކްރެޓިކް ޕާރޓީގެ ވެރިކަމާއި އޭނާ ކުރިމަތިލައްވައިގެން، ދެ ފަހަރު މަތިން ފެއިލްވިއެވެ. ނަމަވެސް 3 ވަނަ ފަހަރު އޭނާއަށް ކާމިޔާބީ ލިބިވަޑައިގަތެވެ. އެއީ، 1957 ގައެވެ. އެދުވަސް ހިމެނުނީ ބަރލިންގެ 22 ލައްކަ މީހުންގެ ޙަޔާތުގައި އައި ނުހަނު މުހިންމު ދަނޑިވަޅަކަށެވެ.

ހުޅަނގު ޖަރުމަނުގެ ޗާންސެލަރކަމުގައި ހުންނެވި މިސްޓަރލުޑްވިގް އެރހާޑްގެ ސަރުކާރު ވެއްޓުމަށްފަހު ސޯޝަލް ޑިމޮކްރޭޓްއިންނާއި، ކްރިސްޓިއަން ޑިމޮކްރޭޓްއިން ގުޅިގެން އުފެއްދި ގްރޭންޑް ކޮއެލިޝަން ސަރުކާރުގައި ވިލީބްރާންޓް ބައިވެރިވެވަޑައިގަތެވެ. އެކަމަކު އެފަދަ ކޮއެލިޝަން ސަރުކާރެއް އުފެއްދުމަކީ އޭނާ މާ އެދިވަޑައިގަންނަވާ ކަމަކަށް ނުވޭމެއެވެ. ނަމަވެސް މިސްޓަރ ކީސިންޖަރގެ ނާއިބެއްގެ ގޮތުން، އޭނާ ޚިދުމަތް ކުރެއްވިއެވެ. އަދި 2 ވަނަ ބޮޑު ހަގުރާމައަށް ފަހު، އުފެދުނު 6 ވަނަ ޕާރލިއަމެންޓްގެ ފުރަތަމަ ޖަލްސާގައި ސިއްރު ވޯޓެއްގެ ޒަރީޢާއިން ޗާންސެލަރ އަކު ކަމުގައި އޭނާ އިންތިޚާބު ކުރެވުނެވެ. އޭރު އޭނާގެ އުމުރުފުޅަކީ 55 އަހަރެވެ. އޭނާ ޗާންސެލަރއަކަށް އިސްވެވަޑައިގަތުމަށްފަހު އިރުމަތީ ޖަރްމަނާއި ހުޅަނގު ޖަރުމަނާއި އެއްކުރުމުގެ މަގުގައި ވަރަށް ގިނަ ފިޔަވަޅު އެޅުއްވިއެވެ. އަދި ހުޅަނގު ޖަރުމަނާއި ރަޝިޔާ އާއި ގުޅުން ބަދަހިކުރުމުގެ ގޮތުންވެސް ވަރަށް ގިނަ މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ.

———————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment