މުސްތަޤިއްލު މުޖްތަހިދުންނަކީ ކޮބާ؟ އާދެ! މުސްތަޤިއްލު މުޖުތަހިދަކީ ވަކިމީހެއްގެ އުޞޫލަކަށް ބެއްލެވުމަކާއި ނުލައި ޤުރުއާނާއި ސުންނަތުން އަމިއްލަފުޅަށް އުޞޫލުތައް އިސްތިންބާޠު ކުރައްވައި، އެއުޞޫލުތަކުގެ މަތީން ޤުރުއާނާއި، ސުންނަތް ޝަރަހަކުރެއްވުމުގެ ކުޅަދާނަކަން ލިބިވަޑައިގެން ހުންނެވި ކޮންމެ ޢިލްމު ވެރިއެކެވެ. މިއީ އިޖްތިހާދުގެ އެންމެ މަތީ ދަރަޖައިގެ ބޭކަލުންނެވެ. މިދަރަޖައާ ހަމައަށް ވަޑައިގެންފައި ވަނީ الله ރުއްސުންލެއްވި އަޞްޙާބުންގެ ތެރެއިން ހަތަރު ޚަލީފާއިންނެވެ. އޭގެ އިތުރުން ކުރީގައި ބުނެވިދިޔަ “ފުޤަހާއުއްޞަޙާބާ”ގެ ބޭކަލުންނެވެ. ދެން އިސްލާމީ އުއްމަތުގައި އިޖްތިހާދުގެ މިދަރަޖައަށް ވާޞިލުވެ…

މުސްތަޤިއްލު މުޖްތަހިދުންނަކީ ކޮބާ؟

އާދެ! މުސްތަޤިއްލު މުޖުތަހިދަކީ ވަކިމީހެއްގެ އުޞޫލަކަށް ބެއްލެވުމަކާއި ނުލައި ޤުރުއާނާއި ސުންނަތުން އަމިއްލަފުޅަށް އުޞޫލުތައް އިސްތިންބާޠު ކުރައްވައި، އެއުޞޫލުތަކުގެ މަތީން ޤުރުއާނާއި، ސުންނަތް ޝަރަހަކުރެއްވުމުގެ ކުޅަދާނަކަން ލިބިވަޑައިގެން ހުންނެވި ކޮންމެ ޢިލްމު ވެރިއެކެވެ. މިއީ އިޖްތިހާދުގެ އެންމެ މަތީ ދަރަޖައިގެ ބޭކަލުންނެވެ. މިދަރަޖައާ ހަމައަށް ވަޑައިގެންފައި ވަނީ الله ރުއްސުންލެއްވި އަޞްޙާބުންގެ ތެރެއިން ހަތަރު ޚަލީފާއިންނެވެ. އޭގެ އިތުރުން ކުރީގައި ބުނެވިދިޔަ “ފުޤަހާއުއްޞަޙާބާ”ގެ ބޭކަލުންނެވެ. ދެން އިސްލާމީ އުއްމަތުގައި އިޖްތިހާދުގެ މިދަރަޖައަށް ވާޞިލުވެ ވަޑައިގެންނެވީ މިބޭބޭކަލުންނަށް ދަރިވަރުވެ ވަޑައިގެންނެވި ތާބިޢިއްޔަ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންނެވެ. ދެން އެތާބިޢިއްޔަ ބޭކަލުންނަށް ދަރިވަރުވެ ވަޑައިގެންނެވި ތަބުޢުއްތާބިޢިއްޔަ ބޭކަލުންގެ ތެރެއިން އެމިންވަރަށް ވަޑައިގެންނެވި ބޭކަލުންނެވެ. ކީރިތި ޤުރުއާނުގައި މިފަދަ ބޭކަލުންނަށް ދެއްވާފައިވާ ނަމަކީ، “الرَّاسِخُونَ فِى الْعِلْمِ”([1]) އެވެ. (ޔަޢުނީ: ތަޤްވާވެރިކަންމަތީ ސާބިތުވެތިބެ، ޢިލްމުގައި އަޑިޔަށް ފީނާފައިތިބި މީހުންނެވެ.) އާދެ، الله ގެ މިވަޙީ ބަސްފުޅުގައި ޢިލްމުވެރިންނަކީ މިދަރަޖައަށް ޢިލްމުގައި ވާޞިލުވެފައި ތިބި މީހުންނެވެ. އިސްލާމީ އުއްމަތުގައި އެންމެ ފުރަތަމަ ޤުރުއާނާއި ސުންނަތުން އުޞޫލުތައް އިސްތިންބާޠު ކުރައްވައި، އެޢިލްމު މީސްތަކުންގެ މެދުގައި ޤާއިމު ކުރެއްވި ބަޔަކީ ޚައިރުލް ޤުރޫނުގައި الله އެބޭކަލުންނަށް ރަޙުމަތް ލެއްވެވި ތާބިޢިއްޔަ ބޭކަލުންނެވެ. އޭގެފަހުން ތަބުޢުއްތާބިޢިއްޔަ ބޭކަލުންގެ ތެރެއިން އިޖުތިހާދުގެ މަތީދަރަޖައަށް ވާޞިލުވެ ވަޑައިގެން ތިއްބެވި މުސްތަޤިއްލު މުޖުތަހިދުންނެވެ. އެބޭކަލުންގެ މިއިޚްލާޞްތެރި މިންނެތް މަސައްކަތްޕުޅު ވެގެންދިޔައީ ޤުރުއާނާއި ސުންނަތް ރައްކައުތެރި ވުމުގެ ސަބަބަކަށެވެ. މިއީ އެކަމަށް އެންމެ ބޭނުންވި ވަގުތުގައި އެކަމަށް الله އިރާދަ ކުރެއްވި މުޖްތަހިދުންގެ މިންނެތް މަސައްކަތުގެ ނަތީޖާއެވެ. ޚައިރުލްޤުރޫނު ނިމިދިއުމުގެ ކުރީގައި މާތް الله އެއިލާހުގެ ޙިކުމާތްވަންތަކަމުން އެއިލާހުގެ ދީނު ރައްކައުތެރި ކުރެއްވުމާއި ސަލާމަތް ކުރެއްވުމުގެ ގޮތުން އެކަމަށް އެކަށީގެންވާ ބަޔަކު އުފައްދަވައި އިލާހީ ޤުދުރަތުން އެކަމަށް އެމީހުން ޤާބިލް ކުރައްްވައި، އެމީހުންނަށް އެކަމަށް ތައުފީޤު ދެއްވީއެވެ.  އެބޭކަލުންނަށް الله ދެއްވާފައިވާ ކުޅަދާނަ ކަމަކީ މިއަދުގެ ސިކުނޑިތައް އެކަމާމެދު ވިސްނައިލުމުން އަންތަރީސްވާންޖެހޭ ކުޅަދާނަ ކަމެކެވެ. އިސްލާމީ ތިންވަނަ ޚަލީފާ، މާތް الله ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ޚިލާފަތް ނިމުމާއި ވިދިގެން އިސްލާމީ އުއްމަތައް ބޯމަތިވި ފިތުނައިގެ ވިލާތަކުން ޠޫފާންއައިސް، އުއްމަތް ހައްދިހަ ތިންބަޔަށް ބައިވެގެން ދިއުމުގެ ކުރީގައި ޙައްޤުގެމަތީގައި، ބަޔަކު ޘާބިތުވެތިބެގެން، ބާޠިލުން ސަލާމަތްވާނެ ހަރުދަނާ އުޞޫލު ޤާއިމުކުރެއްވެވީއެވެ. މިކަމަށް الله ސުބްޙާނަހޫ ވަތަޢާލާ ތައުފީޤުދެއްވި ބޭކަލުންގެ ކުރިފުޅުމަތީ، ޠޫފާން އައުމުގެ ކުރީގައި ނޫޙުގެފާނުގެ ސަލާމަތަށްޓަކައި ނައުކޮޅު ތައްޔާރުކުރެއްވެވި ކުރެއްވުމާއި، ކާފިރުންނާއި މުޝްރިކުންގެ ނުރައްކަލުން އިސްލާމީ އުއްމަތް ސަލާމަތް ވެގަތުމަށްޓަކައި رَسُولُ اللَّهِ صلّى الله عليه وسلّم ޚަންދަޤު ކޮނުމުގެ އިންތިޒާމު ކުރެއްވުމާއި މިކަންކަން ވެގެންދިޔައީ އެބޭކަލުންގެ ޙުއްޖަތަކަށެވެ. އެހެންކަމުން ނަބަވީ އަގުމާތްވި އިރުޝާދުގައި މިފަދައިން އައިސްފައި ވެއެވެ. ” مَنْ سَنَّ سُنَّةً حَسَنَةً فَعُمِلَ بِهَا مِنْ بَعْدِهِ كَانَ لَهُ أَجْرُهَا وَمِثْلُ أَجْرِ مَنْ عَمِلَ بِهَا مِنْ غَيْرِ أَنْ يُنْتَقَصَ مِنْ أُجُورِهِمْ شَيْءٌ “([2]) (ޔަޢުނީ: ހެޔޮގޮތެއް އުފައްދައިފި މީހާ، އެމީހާގެ ފަހުން އޭގެ މައްޗަށް ޢަމަލު ވެވިއްޖެނަމަ، އެމީހާއަށްޓަކައި އެކަމުގެ ދަރުމަޔާއި އެގޮތުމަތީ ޢަމަލުކުރަމުން ދިޔަހައި ބަޔަކު ކުޅަ ޢަމަލުގެ ދަރުމައާއި، މިއެންމެހައި ދަރުމައެއް ހުއްޓެވެ. އެއީ ފަހުން ޢަމަލުކުރި މީހުނަށް ދަރުމައިގެ ގޮތުން އުނިކަމެއް ލިބުމެއް ނެތިއެވެ.) އަދިވެސް އިތުރު އެކަލޭގެފާނުންގެ އަރިހުން އަދިވެސް ނަބަވީ އިރުޝާދުގައި މިފަދައިން އައިސްފައިވާ ވެއެވެ. إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ([3]) މާނައީ: “އިންސާނާ މަރުވުމުން ތިން ކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް އޭނާއާއި ވަކިވެދާނެއެވެ. އެއީ އޭނާ ހޭދަކޮށްފައި ހުރި، ދެމިގެންވާ ޞަދަޤާތެެކެވެ. ނުވަތަ އޭނާ އުނގަންނައި ދީފައިހުރި ފައިދާ ލިބެނިވި ޢިލްމެކެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.” ޙަދީޘްފުޅުގައި މިގޮތަށް އައިސްފައި އޮތުމާއެކު މުސްތަޤިއްލު މުޖުތަހިދުންތައް އެބޭކަލުންނަށް الله ދެއްވި ޢާދަޔާ ޚިލާފު ޞަލާޙިއްޔަތުގެ ބޭނުން އެވަގު އެބޭކަލުންނަށް ކުރެއްވެވުނެވެ. އެކަމަށް އެންމެ ބޭނުންވި ވަގުތުގައެވެ. އާދެ! ބާޠިލުން ސަލާމަތްވެގަނެ، ޙައްޤުގެމަތީ ޘާބިތުވެ ތިބުމަށް އެދޭބަޔަކަށް رَسُولُ اللَّهِ صلّى الله عليه وسلّم އާއި އެކަލޭގެފާނުންގެ ލޮބުވެތި އަޞްޙާބު ބޭކަލުން އެގޮތުގެމަތީގައި ތިއްބެވިގޮތް، އެއްވެސް އޮޅުމެއްނެތި ސާފުކޮށ ްއެގޭނެ ހަރުދަނާ އުޞޫލުތަކެއް އެކަށަ އެޅުއްވުމުގައި މިބުނެވުނު ޢިލްމުވެރިން އެބޭކަލުންގެ މިންނެތް ވަގުތުތައް ހޭދަ ކުރެއްވެވިއެވެ. މިއީ ޚައިރުލް ޤުރޫނުގެ ފަހުކޮޅުގައި އާދެ! ތަބުޢުއްތާބިޢީންގެ ދައުރުގައި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިއޮތް އެންމެ މުހިންމު ބޭނުމެވެ. އުއްމަތަށް ބޯމަތިވެފައި އޮތް ފިތުނައިގެ އަނދިރި ވިލާގަނޑުތަކުން ކުރިމަތި ވަމުންއައި ޠޫފާނު، ސީދާ އައިސް އިސްލާމީ އުއްމަތަށް ވެރިވެ، އުއްމަތް ބައިބައި ވެދާނެކަމުގެ ބިރު އެބޭކަލުންނަށް އިޙްސާސްވެ ވަޑައިގަތެވެ. އެހެންކަމުން އެބޭކަލުންގެ އެންމެ އިސްވާޖިބަކަށް ވެގެންދިޔައީ اَلْفِرْقَةُ النَّاجِيَة، އާދެ! ކާމިޔާބު ލިބެނިވި ޖަމާޢަތަށް މަގުދެއްކުމެވެ. އެބޭކަލުންގެ ދައުރު ނިމިދިއުމުގެ ކުރީގައި رَسُولُ اللَّهِ صلّى الله عليه وسلّم އާއި އެކަލޭގެފާނުންގެ ލޮބުވެތި އަޞްޙާބުން އެގޮތްމަތީ ތިއްބެވި ގޮތް، ބާޠިލުގެ އަހުލުވެރީންނަށް އޮޅުވައި ނުލެވޭނެ މިންވަރަށް ހަރުދަނާ އުޞޫލެއްގެ މަތީ ޤާއިމުވެ އޮތުމަކީ ކޮންމެހެން އޮންނަންޖެހޭނެ ކަމަކަށްވާތީ އެބޭކަލުން އެކަން ކުރެއްވީއެވެ. މިއީ ސަލާމަތް ބުއްދިހުރި އެއްވެސް މީހަކު އިންކާރު ނުކުރާނެ ޙަޤީޤަތެކެވެ. މިބުނެވުނު މުސްތަޤިއްލު މުޖުތަހިދުންގެ އިޖުތިހާދުތަކުން އިސްތިންބާޠު ކުރެވުނު އުޞޫލުތައް ވެގެން ދިޔައީ ޤުރްއާނާއި ސުންނަތް ރައްކައުތެރި ކުރުމުގެ ވަރުގަދަ ކިއްލާތަކަށެވެ. ޚައިރުލް ޤުރޫނުގެ ފަހުދައުރު ނިމި ހިޖުރައިން ހަތަރު ވަނަ ޤަރުނުގައި ފިތުނައިގެ ޠޫފާނުގެތެރޭ، އިސްލާމީ އުއްމަތް ބައިބައިވެ ބާޠިލު ޖަމާޢަތްތަކަށް ބެހިގެންދިޔައިރު  ޙައްޤުގެ މަތީ ސާބިތުވެތިބި ބަޔަކަށްވީ މުބުނެވުނު މުޖުތަހިދުންގެ އަތްޕުޅު މައްޗަށް ދަރިވަރުވެފައިތިބި ދަރިވަރުންނާއި އެދަރިވަރުންނަށް ތަބަޢަވެގެން ތިބި ގިނަ ނޫން މުސްލިމުންނެވެ.


ޙައްޤުގެ ގޮތުގައި އަބަދުމެ ޖަމާޢަތެއް އޮންނާނެ:

އެހެނީ ޤިޔާމަތާއި ޖެހެންދެން އަބަދުވެސް މިއުއްމަތުގައި ޖަމާޢަތެއް ޙައްޤުގެމަތީގައި ދެމި އޮންނަން ޖެހެއެވެ. މިއީ ޞައްޙަ ޙަދީޘުތަކުން އެނގި ބަޔާން ވެގެންވާ ކަމެކެވެ. މިބުނެވުނު ޖަމާޢަތަކަށް އެއިރު ވެގެންދިޔައީ މުސްތަޤިއްލު މުޖުތަހިދުންގެ ދަރިވަރުންނާއި މުސްލިމުންގެ ތެރޭން އެބޭކަލުންނަށް ތަބަޢަވި މީހުންނެވެ. މިމައިދާނުގައި ފާހަގަ ކުރެވޭ ގޮތުގައި އެބޭކަލުންގެ ތެރެއިން  މަޝްހޫރު ވެގެންދިޔައީ މަޝްހޫރު ހަތަރު އިމާމުވެރި ބޭކަލުންނާއި، އެބޭކަލުންގެ އަތްޕުޅު މައްޗަށް ދަރިވަރުވި ދަރިވަރުންނެވެ. އާދެ! މަޒުހަބުތަކުގެ އިމާމުންނެވެ. އެހެންކަމުން ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާގެ ސުންނަތް އެއިމާމުވެރި ބޭކަލުން ޝަރަޙަ ކުރައްވައި ދެއްވިގޮތް ވެގެންދިޔައީ އެބޭކަލުންގެ މަޒުހަބަށެވެ. އެއީ މުސްލިމުންގެ ތެެރެއިން އެގޮތްތަކަށް ތަބާވާ މުސްލިމުން އެކި ދައުރުގައި ގިނަވެގެން ދިޔަ ކަމަށްޓަކައެެވެ. މިހިސާބުން އިސްލާމީ އުއްމަތުގައި ހަތަރު މަޒުހަބު ތަޢާރުފު ވެގެންދިޔައީ “أَهْلُ السُّنَّةِ وَالْجَمَاعَةِ” މިނަމުން ނަންދެވި މަޝްހޫރު ވެގެންނެވެ.

ދަންނަވަންތޯއެވެ؟ “أَهْلُ السُّنَّةِ وَالْجَمَاعَةِ” ހިމެނިގެންވަނީ މުޖުތަހިދުންނާއި އެބޭކަލުންނަށް ތަބާވެއުޅޭ މުޤައްލިދުންނެވެ.  އެހެނީ މުޖުތަހިދަކަށް ނުވާ ކޮންމެ މީހަކީ މުޤައްލިދަކަށް ވާތީއެވެ. މިއީ އިސްލާމްދީން ފެށިގެން އެމައްޗަށް ބިނާވެގެންވާ ދެދާއިރާއެވެ. އާދެ، އުގަންނައި ދިނުމާއި އުނގެނުމުގެ ހަރުދަނާ އުޞޫލު މިދެދާއިރާއިން ކުރެ ދާއިރާއެއްގައި ނުހިމެނޭ ބަޔަކު ސަލަފުއްޞަލިޙީންގެ ދުވަސްވަރު އުޅުއްވާފައި ނެތެވެ. ޢިލްމުވެރިންނާއި ޢިލްމުވެރިން ނޫން މީހުންގެ ތެރޭގައިވެސް މެއެވެ.


މަޒުހަބަކީ ކޮބާ؟

ދަންނަވަންތޯއެވެ! “މަޒުހަބު” އާއި “أَهْلُ السُّنَّةِ وَالْجَمَاعَةِ” އާއި މިނޫނަސް މިފަދަ ނަންތަކަކީ ބާޠިލުގެ ނުރައްކަލުން ޙައްޤު ސަލާމަތް ކުރެއްވުމަށްޓަކައި އެއިރުގައި ތިއްބެވި ޙައްޤުގެ އަހުލުވެރީން ކުރެއްވެވި މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވުޖޫދަށް އައި ނަންތަކެވެ. އިސްލާމް ދީނުގައި އުފެދުނު ތަފާތު ޢިލްމުތަކުގެ ނަންތަކާއި ފަންނުތަކާއި އިޞްޠިލާޙުތަކާއި މިހުރިހާ ކަމަކީވެސް ބާޠިލު މަގުފުރެއްދުން ތަކުން ދީން ޙިމާޔަތް ކުރެއްވުމުގެ ގޮތުން މިބުނެވުނު ޢިލްމުވެރިން އުފެއްދެވި ނަންތަކާއި ގޮތްތަކެވެ. މިނަންތަކުގެ އަޑީގައި ރައްކައު ކުރެވިފައި އޮތް ޙަޤީޤަތަކީ ހަމައެކަނި ޤުރްއާނާއި ސުންނަތެވެ. މިމަތިވެރި މަޤްޞަދުގައި، މިމަތިވެރި މަޤާމު އަދާކުރެއްވި ބަޔަކީ، ޙައްޤުގެ އަހުލުވެރީންގެ ގޮތުގައި އެއިރު އިސްލާމީ އުއްމަތުގައި ތިއްބެވި މުސްތަޤިއްލު މުޖުތަހިދުންގެ ދަރިވަރުންނެވެ. ހަމައެހެންމެ މުސްލިމުންގެ ތެރޭން މިބޭކަލުންނަށް ތަބަޢަވި ބައެކެވެ. އެހެންކަމުން “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގެތެރޭގައި މަޒުހަބު ތަޢާރުފު ވެގެންދިޔައީ މުސްތަޤިއްލު މުޖުތަހިދުންގެ ނަންފުޅަށް ނިސްބަތް ވެގެންނެވެ. އެމުސްތަޤިއްލު މުޖްތަހިދުންގެ އަތްޕުޅު މައްޗަށް ދަރިވަރުވެ ވަޑައިގެންނެވި ދަރިވަރުން، އާދެ! އިމާމުން ކުރެއްވި ޢިލްމީ މަސައްކަތްޕުޅުތަކުގެ އަލީގައެވެ. މިއީއަކީ އިސްލާމް ދީނާ ދުރަށް ޢިލްމު ދިޔަ ދިއުމެއް ނޫނެވެ. އިސްލާމް ދީނުގެ ފަންނުތައް އެކި ގޮތްގޮތުން ވަކިވަކިވެ އެނަންނަމުގައި ތަޢާރުފުވެގެން ދިޔައީއެވެ. އިސްލާމީ ޢުލޫމުތައް ފުޅާވަމުން ކުރިއަރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުންވެސް މެއެވެ. އާދެ! ނަތީޖާއަކަށް ވެގެންދިޔައީ ފިތުނައިގެ ޠޫފާނުގައި ބާޠިލު ފިރުޤާތައް އުފެދެން ފެށުމުން ޙައްޤު ގެއްލިދިޔަނުދެއްވައި އެގޮތުގައި ހިފަހައްޓަވައި މަޒުހަބުގެ ކިއްލާތަކުގެ ތެރޭގައި ތިއްބަވައިގެން ޤުރްއާނާއި ސުންނަތް ރައްކައުކުރައްވައި، رَسُولُ اللَّهِ z އާއި އެކަލޭގެފާނުންގެ މިތުރު އަޞްޙާބުން އެގޮތްމަތީ ތިއްބެވިގޮތް ހިފެހެއްޓުމަށް އިސްލާމީ އުއްމަތަށް ގޮވާލައްވައި، ތަޢުލީމާއި ތަރުބިއްޔަތު ދެއްވުމުގައި މުޅި އިސްލާމީ ދުނިޔެއަށް އައި ދަންމަރުތަކަކަށް މިބޭކަލުން ވެގެންދިޔައެވެ. މިގޮތުން މަޒުހަބުތައް ތަފާތުވާންޖެހުނު ސަބަބަކީ ކޮންމެ މުޖްތަހިދަކުވެސް ޤުރްއާނާއި ސުންނަތުގެ އަލީގައި ގެންނެވި އުޞޫލުތަކުގެ މަތިން މައްސަލަތައް ނެރުއްވުމުގައި އެބޭކަލަކާއި އެބޭކަލެއްގެ މަދްރަސާގެ ދަރިވަރުން ތިއްބެވީ އެމަދްރަސާއެއްގެ އުޞޫލުތަކުގެ މަތީގައި ކަމަށްވާތީ، މިޢިލްމުތައް ފުޅާވަމުން ދިޔައިރު މަޒުހަބުތައްވެސް ކުރިއަރައި ފުޅާވަމުން ދިޔައީއެވެ. އެހެންކަމުން މިއިން ކޮންމެ ބޭކަލެއްގެ އުޞޫލު ވެގެންދަޔައީ މަޒުހަބަކަށް މަގު ކޮށައި ދައްކަމުންނެވެ. މިބުނެވުނު އުޞޫލަށް މަގުކޮށަމުން ފުޅާވަމުންގޮސް، އޭގެ އިންތިހާއަށް ފުޅާވެ ކުރިއަރާފައި ވަނީ ހަތަރު މަޒުހަބެކެވެ. އެއީ ޙަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބެވެ.


ސުއްނަތް ޖަމާޢަތުގައި ހިމެނޭ ހަތަރު މަޒުހަބު:

ދަންނާށެވެ! ޙަނަފީ މަޒުހަބު ނިސްބަތްވަނީ الإِمَامُُ الأَعْظَمُ أَبُوحَنِيفَة އަށެވެ. މާލިކީ މަޒުހަބު ނިސްބަތް ވެގެންވަނީ الإِمَامُ مَالِكُ بْنُ أَنَس އަށެވެ. ޝާފިޢީ މަޒުހަބު ނިސްބަތް ވެގެންވަނީ الإِمَامُ مُحَمَّدٌ بْنُ إِدْرِيسٌ الشَّافِعِى އަށެވެ. ޙަންބަލީ މަޒުހަބު ނިސްބަތްވެގެންވަނީ الإِمَامُ أَحْمَدُ بْنُ حَنْبَل އަށެވެ. މިގޮތަށް މިނިސްބަތް ވެގެންދިޔަ ދިއުން މިއީ އެމުޖުތަހިދުންގެ މިންނެތް މަސައްކަތްޕުޅުގެ ދަރުމައާއި، އެމަސައްކަތްޕުޅު ތަކަށް ޢަމަލުކުރާހާ ބައެއްގެ ދަރުމަ ޤިޔާމަތާ ހަމައަށް އެބޭކަލުންނަށް ލިބިވަޑައިގަންނަވާނޭ ހެޔޮ ޢަމަލަކަށް الله ސުބްޙާނަހޫ ވަތަޢާލާ އެކަންތައްތައް ލެއްވިކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ޤިޔާމަތާ ޖެހެންދެން ޙައްޤުގެ އަހުލުވެރީންގެ ދޫތަކުން އެބޭކަލުންގެ ނަންފުޅު ގެނެވި، އެބޭކަލުންނަށްޓަކައި މީސްތަކުންގެ ދޫމަތިން ހެޔޮދުޢާ ކުރެވޭނެ ގޮތް ލެއްވެވިކަމީ، މަތިވެރި މާތް الله އެބޭކަލުންދެކެ ލޯބިވެ ވޮޑިގެންވާކަމުގެ ހެއްކެއްވެސް މެއެވެ. އަދި ހަމައެއާއެކު މަޒުހަބުތައް ވުޖޫދަށް އައީއްސުރެން އެއިން ކޮންމެވެސް އެއްމަޒުހަބަކަށް މެނުވީ، މައްކާއާއި މަދީނާގެ ދެޙަރަމްފުޅުގައި މިހާތަނަށް ޢަމަލު ވެވިފައި ނުވާކަމީވެސް އެބޭކަލުން ޙައްޤު ގޮތުގައި ތިއްބެވިކަމާއި، އެބޭކަލުން ކޮށްޓަވައި ދެއްވެވި ގޮތްތަކަކީ ޙައްޤު ގޮތްތައް ކަން އަންގައިދޭ ވަރަށް ވަރުގަދަ ދަލީލެކެވެ.

ދަންނަވަންތޯއެވެ؟ رَسُولُ اللَّهِ صلّى الله عليه وسلّم ގެ މިއުއްމަތް ބާޠިލު ކަމެއްގެ މަތީ ޖަމަޢަވެ ނޯންނާނެކަން އެކަލޭގެފާނުންގެ ޞައްޙަ ޙަދީޘްތަކުން އެނގި ބަޔާންވެގެން ވެއެވެ. ދެން އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ މަޒުހަބުތަކޭ މިބުނާ މަދްރަސާތައް ވުޖޫދަށް އައީއްސުރެން ފެށިގެން މިހާތަނަށް އިސްލާމީ އުއްމަތުގައި އުފެދުނުހައި ޢިލްމުވެރިން އުފެދި ތަރުބިޔަތު ލިބިފައިވަނީ މިބުނެވުނު މަޒުހަބުތަކުގެ ކިއްލާތެރެއިންނެވެ. އެހެންކަމުން ކޮންމެ ޒަމާނެއް ކަމުގައިވިއަސް ބާޠިލާ އިދިކޮޅަށް ޙައްޤު ދެމެހެއްޓުމަށްޓަކައި ކުރެވުނުހައި ޢިލްމީ ޖިހާދެއް ކުރެވިފައި އޮތީވެސް މަޒުހަބުތަކުގެ ކިއްލާތަކުންނެވެ. ޢިލްމީ މައިދާނެއްގައި މުޖްތަހިދަކު ނުވަތަ ޢިލްމުވެރިއަކު ކުރިއަރައިގެން ގޮސް މަޝްހޫރުވެފައި ވަނީވެސް މަޒުހަބަކަށް ނިސްބަތް ވެގެންނެވެ. އެހެންކަމުން މިޢިލްމުވެރިންގެ ތެރެއިން އިޖުތިހާދުގެ އެންމެ މަތީދަރަޖައަށް ވަޑައިގެންނެވިފައިވާ މުޖްތަހިދުން އަމިއްލަފުޅަށް އިޖްތިހާދު ކުރައްވަމުން ގެންދެވިނަމަވެސް ހިއްޕަވާފައިވަނީ އެބޭކަލަކު ނިސްބަތްވެ ވަޑައިގަންނަވާ މަޒުހަބެއްގެ އުޞޫލުގައެވެ. އެކަމަކު ތަޖުރީޙު ދެއްވުމުގައި އަމިއްލަފުޅު އިޖްތިހާދުގެ ބޭނުން ހިއްޕަވައިގެން މަޒުހަބުގެ އިމާމުގެ ރައުޔާ ޚިލާފުވާންޖެހި ވަޑައިގަތް ކަމުގައިވިއަސް އެގޮތަށްވެސް ތަރުޖީޙު ދެއްވައި ވަތުވާ ދެއްވައި ހައްދަވަތެވެ. އަދި މިގޮތަށް ފަތުވާ ދެއްވުމާއި ތަރުޖީޙު ދެއްވުމުގައި ބައެއް މައްސަލަތަކުގައި ތަފާތުވެ ވަޑައިގަތް ކަމުގައިވިއަސް އަޞްލު އުޞޫލުގެ ދާއިރާއިން ބޭރުވެވަޑައި ނުގަންނަވަތެވެ.

ކަން މިހެން އޮތުމާއެކު އައްސަފުއްޞާލިޙުންގެ ތިންވަނަ ދައުރުން ފެށިގެން މިއަދާ ހަމައަށްވެސް “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގައި ހިމެނި ވަޑައިގަންނަވާ މަތީދަރަޖައިގެ އެއްވެސް މުޖުތަހިދަކު ޤުރްއާނާއި ސުންނަތުން އަމިއްލަފުޅަށް އުޞޫލުތައް އިސްތިންބާޠު ކުރައްވައި، އެއުޞޫލުގެމަތީން ޤުރްއާނާއި ސުންނަތް ޝަރަޙަކުރައްވާ ހައްދަވާފައި ނެތެވެ. ކޮންމެ މުޖުތަހިދަކުވެސް އުޅުއްވަމުން ގެންދެވީ ކޮންމެވެސް މަޒުހަބަކަށް ތަރުޖީޙު ދެއްވަވައިގެން ފަތަވާ ދެއްވުމުގެ މަޒުހަބުގެ ދާއިރާގެ ތެރޭގައެވެ. މުސްތަޤިއްލު މުޖްތަހަދަކަށް ތަބަޢަވެ ވަޑައިގެންނެވެ.އަދި ދަންނަވަންތޯއެވެ؟ ވަރަށް މަދު ބޭކަލަކު މެނުވީ ހުރިހާ ޢިލްމުވެރިންްވެސް މުޅީންހެން ތިއްބެވީ ހަތަރު މަޒުހަބުގެ ހަތަރު ފާރުތެރޭގައެވެ. ހަތަރުމަޒުހަބުގެ ދާއިރާއިން ބޭރުވެ ވަޑައިގެންނެވީ ވަރަށް މަދުބޭކަލެކެވެ. މިގޮތުން ބޭރުވެ ވަޑައިގެންނެވި ބޭކަލަކު ބޭރުވެ ވަޑައިގަތްނަމަ ގިނަފަހަރު އުޅުއްވާފައިވަނީ ދީނުގައި މާބޮޑު އާރެއް ބާރެއްނެތް  ނާދިރު މައްސަލައަކަށް ބުރަވެ ވަޑައިގެންނެވެ. މީގެތެރެއިން މަޝްހޫރުވެފައިވަނީ ޒާހިރީ ގޮތްތައް އިޚްތިޔާރު ކުރެއްވި ބައެއް ބޭކަލުންނެވެ.


ޒާހިރީ މަޒުހަބު:

މިއީ ސީދާ މަޒުހަބަކަށް ނުވި ކަމުގައިވިއަސް މަޒުހަބެއްގެ ގޮތުގައި ހިނގަންފެށި ގޮތެކެވެ. މިގޮތް އާލާވެގަތީ އިމާމު ދާއޫދު ޒާހިރީގެ އުޞޫލުތަކާއި އިސްތިންބާޠުތަކަށް ތާއީދުކުރައްވައި އެގޮތަށް ޢަމަލުކުރަށްވަން ފެއްޓެވި ބައެއްގެ ބޭކަލުންގެ ފަރާތުންނެވެ. އާދެ، އިމާމު ދާއޫދު ޒާހިރީއަކީ الإِمَامُ سُلَيْمَانُ بْنُ دَاؤُدِ بْنِ عَلِيٍّ الأَصْفَهَانِى އެވެ. އެކަލޭގެފާނު މަޝްހޫރުވީ ދާވޫދު އައްޒާހިރީގެ ނަންފުޅުންނެވެ. އެގޮތަށް ބައެއް ބޭކަލުން ބުރަވެ ވަޑައިގެން ފަތުވާ ދެއްވަވަން ފެއްޓެވުމުން އެގޮތަށް މަޒުހަބެއްގެ ނަންލިބި އެމަޒަހަބުގެ ނަންވެސް އިސްލާމީ ތާރީޚަށް ވަދެގެން ދިޔައީއެވެ.

އިމާމު ދާވޫދު ޒާހިރީ ދުނިޔެއަށް އުފަންވެ ވަޑައިގެންނެވީ ހިޖުރައިން 200 ވަނައަހަރު ކޫފާގައެވެ. އެކަލޭގެފާނުން ދުނިޔެ ދޫކުރެއްވެވީ ހިޖުރައިން 270 ވަނަ އަހަރުގައެވެ. އެކަލޭގެފާނުން ހިމެނި ވަޑއިގަންނަވަނީ ތަބުޢުއްތާބިޢިއްޔަ ބޭކަލުންގެ ތެރޭއިންނެވެ. އެކަލޭގެފާނަކީ މަޝްހޫރު އިމާމެކެވެ. މުސްތަޤިއްލު މުޖުތަހިދެކެވެ. ޚައިރުލް ޤުރޫނުގެ ދައުރު ނިމިގޮސް ފިތުނައިގެ ޠޫފާނުގައި ބާޠިލު ފިރުޤާތައް އުފެދެން ފެށިވަގުތު ޤުރްއާނާއި ސުންނަތް ރައްކައުތެރިކޮށް ބާޠިލުގެ ނުރައްކަލުން ޤުރުއާނާއި ސުއްނަތް ސަލާމަތް ކުރުމުގައި އެކަލޭގެފާނުންގެ އުޞޫލުތައްވެސް ވެގެންދިޔައީ ވަރުގަދަ ކިއްލާއަކަށެވެ. މިހެންކަމުން “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގައި އެކަލޭގެފާނުންގެ އުޞޫލުތައްވެސް ޒާހިރީ މަޒުހަބުގެ ނަމުގައި އެކަލޭގެފާނަށް ނިސްބަތްވެ މަޝްހޫރުވެގެން ދިޔައެވެ. އާދެ، ޒާހިރީ މަޒުހަބު ބޮޑަށް ފެތުރިގެން ދިޔައީ އުންދުލުސްގައެވެ. މިހާރުގެ ބަހުން ބުނާނަމަ ސްޕޭންގައެވެ. އެއީ ހިޖުރައިން ތިންސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު ދުނިޔެއަށް އުފަންވެ ވަޑައިގެންނެވި، މާތް الله ރަޙްމަތްލެއްވި اِبْنُ حَزْم ގެ އަތްޕުޅު މަތިންނެވެ. އާދެ! އެކަލޭގެފާނަކީ عَلِيٌّ بْنُ أَحْمَدِ بْنِ سَعِيدٍ بْنِ حَزْم އެވެ. މިމަޒުހަބު މަޝްހޫރުވެގެން ދިޔައީ އިމާމު އިބްނު ޙަޒުމުގެ ދަރިވަރުންގެ ސަބަބުންނެވެ. އާދެ، އިބްނު ހަޒުމާއި އެކަލޭގެފާނަށް ތަބާވެވަޑައިގެންނެވި ޢިލްމުވެރިންނަކީ ވެސް މަތީދަރަޖައިގެ މުޖުތަހިދުންނެވެ. ނަމަވެސް މިބޭކަލުންވެސް ތިއްބެވީ ތަރުޖީހު ދެއްވުމާއި ފަތުވާ ދެއްވުމުގެ ދާއިރާގައެވެ. މިބޭކަލުން ފިޔަވައި ދެން ތިއްބެވި މަތީދަރަޖައިގެ މުޖުތަހިދުން ތިއްބެވީ މަޝްހޫރު ހަތަރު މަޒުހަބުން ކުރެ ކޮންމެވެސް އެއް މަޒުހަބަކަށް ތަރުޖީޙު ދެއްވަވައިގެން، އެމަޒުހަބާ އެއްގޮތަށް  ފަތުވާ ދެއްވުމުގެ ދާއިރާގައެވެ.

“أَهْلُ السُّنَّةِ وَالْجَمَاعَةِ” ގެ މަޒުހަބުގެ ބޭކަލުންގެ ތެރެއިން ދާއޫދު ޒާހިރީއާއި އިބްނު ޙަޒުމުފަދަ ބޭކަލުންގެ އުޞޫލުވަނީ ކޮންމެވެސް ވަރަކަށް “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގެ އެހެން އިމާމުންނާ ތަފާތުކޮށެވެ. އާދެ،  އެބޭކަލުން އިޚްތިޔާރު ކުރެއްވި ޢާއްމު ޢިލްމުވެރިންނާއި ޚިލާފަށް އިޖްތިހާދު ކުރެއްވުމާއި ދަލީލުގެ އަލީގައި މައްސަލަތައް  ނެރުއްވުމުގައި މުޅިންހެން ލަފުޒުގެ ބޭރުފުށަށް ބައްލަވައިގެން  ޙުކުމް ކުރެއްވުމާއި ފަތުވާ ދެއްވާ އުޞޫލަކަށެވެ. އެހެންކަމުން ބައެއް ފަހަރު ޙައިރާންވާންޖެހޭ ކަހަލަ ފަތުވާވެސް މިބޭބޭކަލުން ދެއްވާފައި އެބަހުއްޓެވެ. މިސާލަކަށް ވުޟޫ ކުރުމުގައި ދަތް އުނގުޅުމަކީ އިމާމު ދާއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ވާޖިބެކެވެ.([4]) އަދި ހުއްޓިފައި އޮންނަ ފެންގަނޑަށް ކުޑަކަމު ނުދިއުމަށް އަންގަވާފައިވާ ވުމާމެދު ދަންނަބޭކަލުންގެ އިޖްމާޢާ ޚިލާފަށް އެކަލޭގެފާނު ވިދާޅުވެފައިވަނީ ކަންވާރެއްފަދަ އެއްޗަކަށް ކުޑަކަމު ގޮސްފައި، އެކަންވާރުގައި ހުރި ނަޖިސް އެފަދަ ފެންގަނޑަށް އެޅުމީ މިޙަދީޘުން މަނާކުރެވިފައި ނުވާކަމެއް ކަމަށާއި، މިފަދަ ފެންގަނޑަށް ބޮޑުކަމު ޙާޖަށް ކުރުމީވެސް މިޙަދީޘުން މަނާކުރެވިފައި އޮތް ކަމެއް ނޫން ކަމަށެވެ. އެއީ ޙަދީޘުގައި “ހުއްޓިފައި އޮންނަ ފެންގަނޑަށް ކުޑަކަމުގެ ނުދާށޭ” އަންގަވާފައި އޮތް އޮތުމާ ގުޅިގެންނެވެ.([5])

ކުޑަކަމުދިއުމަކީ، މީހަކު އެމީހާގެ ގުނަނުން ސީދާ ކުޑަޙާޖަތް ކުރުމެވެ.

އާދެ! ދެން މިހިސާބުން ފެށިގެން ހަތަރު މަޒުހަބުގެ އިމާމުވެރި ބޭކަލުންނާއި، އެބޭކަލުންނަށް ތަބާވެ ވަޑައިގެން، އެބޭކަލުންގެ ފަތުވާތަކަށް ތަރުޖީޙު ދެއްވެވި މުޖުތަހިދުންނާއި ބެހޭގޮތުން ކުރުގޮތަކަށް ބަލާލުމީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.


އިމާމު އަބޫ ޙަނީފާ:

މިގޮތުން އެންމެ ފުރަތަމަ އަޅުގަޑުމެން الإِمَامُ الأَعْظَمُ أَبُوحَنِيفَةَ نُعْمَانُ بْنُ ثَابِتٍ އަށް ބަލައިލާނަމެވެ. އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 80 ވަނަ އަހަރު، ކޫފާއަށެވެ. ދުނިޔެ ދޫކުރެއްވެވީ ހިޖުރައިން 150 ވަނަ އަހަރުގައެވެ. ޢުމުރު ފުޅަކީ 70 އަހަރުފުޅެވެ. އެކަލޭގެފާނުން ހިމެނި ވަޑައިގަންނަވަނީ ތާބިޢިއްޔަ ބޭކަލިންގެ ތެރޭގައެވެ. އެކަލޭގެފާނުން  ޤުރްއާނާއި ސުންނަތުގެ ޢިލްމު ޙާޞިލުކުރެއްވެވީ الله ރުއްސުން ލެއްވެވި عَبْدُ اللَّهِ بْنُ مَسْعُودٍ އާއި عَلِيُّ بْنُ أَبِى طَالِبٍ އާއި ދެބޭކަލުން ކޫފާގައި ޤާއިމު ކުރެއްވެވި އުޞޫލާއި މަދުރަސާއިންނެވެ. އިސްލާމީ އުއްމަތުގައި އެއުޞޫލާއި މަދުރަސާ މަޝްހޫރުވެގެން ދިޔައީ “މަދުރަސަތުއް ރައުޔު” ގެނަމުންނެވެ. މިއުޞޫލުގެ އެންމެ އިސް ބާނީއަކަށް ބެލެވިފައިވަނީ الله ރުއްސުންލެއްވި ޢުމަރުބުނުލް ޚައްޠާބެވެ. الله ރުއްސުން ލެއްވި އަބޫމޫސަލް އަޝްޢަރީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނުންގެ އަރިހުގައި الله ރުއްސުންލެއްވި ޢުމަރުބުނުލް ޚައްޠާބު ވިދާޅުވިކަމަށްވެއެވެ. ” أَعْرِفِ اْلأَشْبَاهَ وَالنَّظَائِرَ وَقِسِ اْلأُمُورَ بِرَأْيِكَ ” ([6]) ޔަޢުނީ: މައްސަލަތަކުގައި އެއްގޮތްވުމާއި އެއްވައްތަރުވުން ދަނެގަންނާށެވެ. އަދި ތިމާގެ އަމިއްލަ ރައުޔުން ކަންތައްތައް އިޖްތިހާދުކޮށް، ޤިޔާސްކޮށް ޙުކުމްނެރޭށެވެ.

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޢުމަރުގެފާނުންގެ މިއަސާސަށް ބައްލަވައިގެން ޢިރާޤުގައި މިމަދުތަސާ ޤާއިމު ކުރެއްވެވީ މާތް الله ރުއްސުން ލެއްވި عَبْدُ اللَّهِ بْنُ مَسْعُودٍ އާއި عَلِيُّ بْنُ أَبِى طَالِبٍ އާއި މިދެބޭކަލުންނެވެ. ދެން މިދެބޭކަލުން ފިޔަވައި الله ރުއްސުންލެއްވި سَعْدُ بْنُ أَبِي وَقَّاصٍ އާއި أَبُو مُوسَى اْلأَشْعَرِى އާއި مُغِيرَةُ بْنُ شُعْبَة އާއި أَنَسُ بْنُ مَالِك އާއި އަދި މިނޫންވެސް ވަރަށްގިނަ ޞަޙާބީންތައް މިއަސާސަށް ޢަމަލުކުރައްވައި އުޅުއްވިއެވެ. މިގޮތުން ޢިރާޤުގައި ޤާއިމުވެގެންދިޔަ މިމަދުރަސާއިން الله ރުއްސުންލެއްވި عَبْدُ اللَّهِ بْنُ مَسْعُودٍ ގެ އަރިހުން ދަރިވަރުވެ ވަޑައިގެން ޢިލްމާއި، ފަޟީލަތުގައި އިމްތިޔާޒުވެ ވަޑައިގެންނެވީ މާތް الله ރަޙްމަތްލެއްވި شُرَيْحُ بْنُ الْحَارِث އާއި عَلْقَمَةُ بْنُ قَيْسٍ اَلنَّخْعِى އެވެ. الله ރަޙުމަތްލެއްވި عَلْقَمَةُ بْنُ قَيْسٍ اَلنَّخْعِى އަށް ދަރިވަރުވެ ވަޑައިގެން މަދުރަސަތުއް ރައުޔުގެ ޒަޢާމަތު ބެލެހެއްޓެވީ اللهރަޙުމަތްލެއްވި إِبْرَاهِيمُ النَّخْعِى އެވެ. އަދި النَّخْعِى އަށް ދަރިވަރުވެ ވަޑައިގެންނެވީ حَمَّادُ بْنُ سُلَيْمَان އެވެ. މިއީ الإِمَامُ الأَعْظَمُ أَبُوحَنِيفَةَ ގެ އުސްތާޒުއެވެ. الله ރަޙުމަތްލެއްވި حَمَّادُ އިބްނު ސުލައިމާނަށް ފަހު މަދުރަސަތުއް ރައުޔުގެ ޒަޢާމަތުގައި ހުންނެވީ الإِمَامُ أَبُوحَنِيفَةَ އެވެ. ޚައިރުލް ޤުރޫނުގައި މަދުރަސަތުއް ރައްޔުގެ ޒަޢާމަތު الإِمَامُ أَبُوحَنِيفَةَ عَلَيْهِ الرَّحْمَة އަށް ދެއްވެވީ އެކަލޭގެފާނުންގެ އުސްތާޒުންނެވެ. އާދެ! ތާބިޢިއްޔަ ބޭކަލުންނާއި ، ތަބުޢުއްތާބިޢިއްޔަ ބޭކަލުންގެ ތެރެއިން އެއިރު ޤުރުއާނާއި ސުންނަތުގެ ޢިލްމަށް އެންމެ އަރައި ތިއްބެވި ބޭކަލުންނެވެ. الإِمَامُ أَبُوحَنِيفَةَ عَلَيْهِ الرَّحْمَة ޤުރްއާނާއި ސުންނަތުގެ ޢިލްމު ޙާޞިލުކުރެއްވެވި އެކަލޭގެފާނުންގެ އުސްތާޒުންގެ ތެރޭގައި މާތް ރުއްސުންލެއްވި عَطَاءُ بْنُ رَبَاح އާއި عَامِرُ بْنُ شَرَاحِيلِ الشَّعْبِى އާއި  عَمْرُو بْنُ دِينَار އާއި نَافِعُ مَوْلَى ابْنُ عُمَر އާއި  قَتَادَةُ  بْنُ شِهَابُ الزُّهْرِى އާއި مُحَمَّدُ بْنُ الْمُنْكَدِر އާއި جَبَلَةُ بْنُ سُحَيْم އާއި عَدِيُّ بْنُ ثَابِت އާއި عَوْنُ بْنُ عَبْدِ اللَّهِ بْنِ عُتْبَة އާއި القَاسِمُ بْنُ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ مَسْعُود އާއި مَنْصُورُ بْنُ مُعْتَمَر އާއި އަދިވެސް އެއިރުގެ ބޮޑެތި ޢިލްމުވެރީންގެ ތެރެއިން ވަރަށް ގިނަބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.

ދަންނާށެވެ! الإِمَامُ أَبُوحَنِيفَةَ عَلَيْهِ الرَّحْمَة ގެ ދަރިވަރުންތައް ވަރަށްވެސް ގިނައެވެ. ޚައިރުލްޤުރޫނު ނިމިގޮސް ހިޖުރައިން ހަތަރު ވަނަ ޤަރުނުގައި ފިތުނައިގެ ޠޫފާނުގެތެރޭ ބާޠިލު ފިރުޤާތައް އުފެދެން ފެށުމުން ޤުރްއާނާއި ސުންނަތް ރައްކައުތެރިކޮށް  رَسُولُ اللَّهِ صلّى الله عليه وسلّم އާއި ލޮބުވެތި އަޞްޙާބުން އެގޮތްމަތީ ތިއްބެވި ގޮތް އިސްލާމީ އުއްމަތުގައި ޤާއިމުކުރަށްވައި ދެމެހެއްޓެވުމުގެ މަޤްޞަދުގައި ދުނިޔޭގެ ކަންކޮޅު ތަކުގައި އެންމެ ބޮޑަށް ޙަރަކާތްތެރިވެ ވަޑައިގެން، މީސްތަކުންނަށް ޤުރުއާނާއި ސުންނަތުގެ ތަޢުލީމު ދެއްވަވާ ހެއްދެވީ މިބުނެވުނު ދަރިވަރުތަކުންގެ ދަރިވަރުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން “أَهْلُ السُّنَّةِ وَالْجَمَاعَةِ” ވުޖޫދަށް އައިސް، ޤުރްއާނާއި ސުންނަތް ރައްކައުތެރި ކުރުމުގެ ވަރުގަދަ ކިއްލާއެއްގެ ގޮތުން الإِمَامُ أَبُوحَنِيفَةَ عَلَيْهِ الرَّحْمَة އަށް ނިސްބަތް ވެގެންވާ ޙަނަފީ މަޒުހަބު ވުޖޫދަށް އައީއެވެ. އިސްލާމީ ތާރީޚް ހެކިދޭގޮތުގައި ބާޠިލު ފިރުޤާތަކުގެ ނުރައްކަލުން “اَلْفِرْقَةُ النَّاجِيَةُ” (ފިތުނައިން ސަލާމަތްވެގެންވާ ޢިލްމީ ޖަމާޢަތް) ރައްކައުތެރިކޮށް، ވަކިކޮށް ލެއްވުމުގައި الإِمَامُ أَبُوحَنِيفَةَ عَلَيْهِ الرَّحْمَة ދަރިވަރުންގެ ދަރިވަރުންނާއި އެބޭކަލުންނަށް ތަބަޢަވެގެންވީ މީހުން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ނިކަން މިކަންތައްތައް އިސްލާމީ ތާރީޚުގެ ޞަފުޙާތަކުން ބައްލަވައި ލައްވާށެވެ! އެފައްނުގެ ފޮތްތަކުގެ ތެރޭން ބަޣުދާދުގެ ތާރީޚާއި އަލްބިދާޔާ ވައްނިހާޔާއާއި ޠަބަޤާތުލް ޙަނަފިއްޔާއާއި އަލްފަވާއިދުލް ބަހީޘާއާއި ޠަބަޤާތުލް ފުޤަހާއާއި މިފުތާޙުއްސަޢާދަތާއި މިނޫންވެސް މިފަދަ ފޮތްތަކުން ވަރަށް ސާފުކޮށް މިޙަޤީޤަތް ފެންނާން އެބައޮތެވެ.

ކުރިންވެސް ދެންނެވުނުފަދައިން  އިސްލާމްދީން ފެށިފައިވަނީ އުނގެނުމާއި އުނގަންނ ާދިނުމުގެ ހަރުދަނާ އުޞޫލުންނެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އަކީ އަޞްޙާބު ބޭކަލުންގެ މުދައްރިސެވެ. އަޞްޙާބުންނަކީ ދަރިވަރުންނެވެ. ދެން އަޞްޙާބުންގެ ބޮޑެތި އެދުރުންތަކެއް ތިއްބެވިއެވެ. ތާބިޢީން ދަރިވަރުވެ ވަޑައިގަތެވެ. މިހެންގޮސް ދީނުގައި މިސިލްސިލާ ޤާއިމުވަމުން އައިސް މިއަދު މިއޮތީ  އިސްލާމީ ތާރީޚް ދައްކަމުންއައި ތަޢުލީމީ ސިލްސިލާ އައުގޮަތަކަށް ބަދަލުވެފައެވެ. އަދި ކޮންމެ ކޮންމެ މީހަކީ ތިމަތިމާ އަމިއްލައަށް އެދުރުވެގެން އުޅޭ މީހެކެވެ. ފޮތަކުން އެދުރެއް ނުވާނެއޭ ހަރުބަހުގައި އޮތްކަމުގައި ވިއަސް އެބަސްވެސް މިއަދު މިއޮތީ ދޮގުކުރެވިފައެވެ. އަތުގައި ޖެހޭ ކޮންމެ ފޮތަކުން އެދުރުވަނީއެވެ.

ނަމަވެސް ދީނުގައި އޮތް މިބުނެވުނު އުޞޫލުގެ މަތީން الإِمَامُ أَبُوحَنِيفَةَ عَلَيْهِ الرَّحْمَة އަށް ދަރިވަރުވެ ވަޑައިގެންނެވި ބޭކަލުން ވަރަށްވެސް ގިނައެވެ. الإِمَامُ أَبُوحَنِيفَةَ عَلَيْهِ الرَّحْمَة ގެދަރިވަރުންގެ ތެރެއިން ސީދާ އެކަލޭގެފާނުންގެ އުޞޫލުތަކުގައި ހިތްޕަވައިގެން މަޝްހޫރުވެ ވަޑައިގެންނެވީ ހަތަރު ބޭކަލެކެވެ. އެއީ ހިޖުރައިން 113 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 182 ގައި ދުނިޔެ ދޫކުރެއްވެވި إِمَامُ أَبُو يُوسُف އާއި ހިޖުރައިން 131 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 189 ގައި ދުނިޔެ ދޫކުރެއްވެވި إِمَامُ مُحَمَّدُ بْنُ حَسَن އާއި ހިޖުރައިން 110 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 158 ގައި ދުނިޔެ ދޫކުރެއްވެވި إِمَامُ زُفَرَ بْنِ الْهُزَيْل އާއި ހިޖުރައިން 134 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 204 ގައި ދުނިޔެ ދޫކުރެއްވެވި إِمَامُ حَسَنُ بْنُ زِيَاد އާއި މިހަތަރު ބޭކަލުންނެވެ. الإِمَامُ أَبُوحَنِيفَة عَلَيْهِ الرَّحْمَة ޤުރްއާނާއި ސުންނަތް ޝަރަޙަ ކުރެއްވެވި އުޞޫލުތައް ފަހުގެ ޖީލުތަކަށް އެކަންތައް ވާޞިލުވާނެ ގޮތުގައި ރައްކައުތެރި ކުރެއްވެވީ ބަޔާންވެދިޔަ ހަތަރު ބޭކަލުންނެވެ. މިއީ އިޖުތިހާދުގެ އެންމެ މަތީދަރަޖައިގެ މުސްތަޤިއްލު މުޖުތަހިދުންނެވެ. ނަމަވެސް މިބޭކަލުންވެސް ހިތްޕެވީ الإِمَامُ أَبُوحَنِيفَة عَلَيْهِ الرَّحْمَة ޤުރްއާނާއި ސުންނަތުން އިސްތިންބާޠު ކުރެއްވެވި އުޞޫލުގައެވެ. އެއުޞޫލުތައް ރައްކައުތެރިކޮށް ބެއްލެވުމަށްޓަކައި މިބޭކަލުން  ގިނަ ޢަދަދެއްގެ ފޮތްތައް ލިއުއްވެވިއެވެ. އަދި ޤުރްއާނާއި ސުންނަތުގެ ތަޢުލިމު ދެއްވަވައި ގިނަގުނަ ދަރިވަރުންތަކެއް އުފެއްދެވިއެވެ. މިބޭކަލުންގެ ދަރިވަރުންތައް ވަރަށްވެސް ގިނައެވެ.

އާދެ! ޚައިރުލް ޤުރޫނަށްފަހު މުސްތަޤިއްލު މުޖުތަހިދުންގެ ދަރަޖައިގެ ޢިލްމުވެރީންގެ ތެރެއިން الإِمَامُ أَبُوحَنِيفَة عَلَيْهِ الرَّحْمَةގެ އުޞޫލުގައި ހިތްޕެވި ބޭކަލުންނަކީ ހިޖުރައިން 333 ގައި ދުނިޔެ ދޫކުރެއްވެވި أَبُو مَنْصُورِ الْمَاتُرِيدِى އާއި ހިޖުރައިން 340 ގައި ދުނިޔެ ދޫކުރެއްވެވި أَبُو حَسَنِ الكِرْخِى އާއި ހިޖުރައިން 244 ގައި ދުނިޔެ ދޫކުރެއްވެވި الْحَاكِمُ الشَّهِيدُ އާއި ހިޖުރައިން 325 ގައި ދުނިޔެ ދޫކުރެއްވެވި الْجَصَّاصُ އާއި ހިޖުރައިން 370 ގައި ދުނިޔެ ދޫކުރެއްވެވި أَبُو اللَّيْثِ السَّمَرْقَنْدِى އާއި ހިޖުރައިން 373 ގައި ދުނިޔެ ދޫކުރެއްވެވި أَبُو جَعْفُرِ النَّسَفِى އާއި ހިޖުރައިން 438 ގައި ދުނިޔެ ދޫކުރެއްވެވި أَبُو الْحَسَنِ الْقُدُورِى އާއި ހިޖުރައިން 430 ގައި ދޫނިޔެ ދޫކުރެއްވެވި أَبُو زَيْدٍ الدُّبُوسِى އާއި ހިޖުރައިން 440 ގައި ދުނިޔެ ދޫކުރެއްވެވި أَبُو الْعَبَّاسِ الْفَاطقى އާއި ހިޖުރައިން 483 ގައި ދުނިޔެ ދޫކުރެއްވެވި شَمْسُ اْلأَئِمَّةِ السَّرَخْسِى އާއި މިނޫނަސް މިފަދަ ބޮޑެތި ޢިލްމުވެރީންނެވެ. އަދި ފަހުގެ ޢިލްމުވެރީންގެ ތެރެއިން މުސްތަޤިއްލު މުޖުތަހިދުންގެ ދަރަޖާގައި ޢިލްމީ މައިދާނުގައި މަސައްކަތް ކުރައްވައި، الإِمَامُ أَبُوحَنِيفَة عَلَيْهِ الرَّحْمَةގެ އުޞޫލުގައި ހިއްޕަވައިގެން އުޅުއްވި ބޭކަލުންގެ ތެރޭގައި عَبْدُ اللَّهِ بْنُ أَحْمَدَ بْنِ مَحْمُودِ النَّسَفِى އާއި كَمَالُ بْنُ الْهُمَام އާއި بَدْرُ الدِّينِ بْنِ مَحْمُودِ اَلْعَيْنِى އާއި زَيْنُ الدِّينِ بْنِ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ بَكْر އާދެ! މަޝްހޫރު اِبْنُ النُّجَيْم އާއި މިބޮޑެތި ޢިލްމުވެރީންނެވެ. މިބޭކަލުންތައް އިޖުތިހާދުގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވެ ވަޑައިގެންނެވުމާ އެކުވެސް الإِمَامُ أَبُوحَنِيفَة عَلَيْهِ الرَّحْمَة ގެ އުޞޫލުގައި ހިއްޕެވިކަން މިއީ އެއުޞޫލުތައް ޙައްޤުކަމުގެ ވަރަށް ވަރުގަދަ ހެއްކެކެވެ. ފިތުނައިގެ ޠޫފާނުގައި  “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގައި ނުވަތަ اَلْفِرْقَةُ النَّاجِيَة ގައި ތިއްބަވައިގެން ބާޠިލުގެ ނުރައްކަލުން ޙައްޤު ސަލާމަތް ކުރުމަށްޓަކައި މިބޭކަލުން ކުރެއްވެވި މިންނެތް މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ޙަނަފީ މަޒުހަބުގެ ނަން އިސްލާމީ އުއްމަތުގައި މަޝްހޫރު ވެގެން ދިޔައީއެވެ. އަދި رَسُولُ اللَّهِ صلّى الله عليه وسلّم އާއި އެކަލޭގެފާނުންގެ އަޞްހާބުން އެގޮތްމަތީ ތިއްބެވި ގޮތް، މަޒުހަބުގެ ހިޔާވަހި ކަމުގައި ރައްކައުތެރި ކުރައްވައި ފަހުގެ ޖީލުތަކާ ހަމައަށް އެގޮތް ލިބޭނޭގޮތް ހެއްދެވީ އެބޭކަލުންނެވެ. އެއެންމެ ބޭކަލުންނަށް މާތް الله ރަޙުމަތް ލައްވާށިއެވެ. އާމީން!

(ނުނިމޭ)

__________________________________________________________

[1] ސޫރަތުއާލިޢިމްރާން: (7)

[2] ރިވާކުރެއްވީ އިމާމު އަޙްމަދާއި އިބްނުމާޖާ ފިޔަވައި ފަސް އިމާމުންނެވެ.

[3] ރިވާކުރެއްވީ އިމާމު އަޙްމަދެވެ. އަދި ބުޚާރީ ފިޔަވައި ފަސް އިމާމުންނެވެ.

[4] މިވާހަކަ އިމާމު ނަވަވީ މުސްލިމުގެ ޝަރަޙާގައި ވިދާޅުވެފައި ވެއެވެ. އެއީ މުސްލިމުގެ ބާބުއްސިވާކުގައެވެ. ދެން ނަވަވީ ވިދާޅުވެފައި ވެއެވެ. ދީނުގެ ޢިލްމުވެރިންގެ ތެރެއިން ގިނަ މުޙައްޤިޤުން ވިދާޅުވެފައި ގޮތުގައި ދާއޫދު ޒާހިރީ އިޚްތިލާފުވެ ވަޑައިގެންފައިވާ މިފަދަ މައްސަލައަކާހުރެ ދަންނަބޭކަލުންގެ އިޖްމާޢަށް ބުރޫއެއް ނާރާނެއެވެ. އެއީ ޝާޛު ފަތުވާތަކަކަށް ވާތީއެވެ.

[5] މިވާހަކަވެސް ބަޔާން ކުރަށްވާފައި ވަނީ މުސްލިމުގެ ޝަރަޙާގައި އިމާމު ނަވަވީއެވެ. އެއީ 423 ވަނަ  ޙަދީޘުގެ ދަށުގައެވެ.

[6] އިމާމު ފަޚްރުއްދީން ރާޒީ، އައްތަފްސީރުލްކަބީރް: (ސޫރަތުއްނިސާގެ 59 ވަނަ އާޔަތުގެ ތަފްސީރުގައި) 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment