ކުރިމަތީގައި އުޖާލާ މުސްތަޤްބަލެއް އޮތް އެތައް ކުދިންނަކާއި ތަޖުރިބާއިން ފުރިފައިވާ ހަރުދަނާ އެތައް ބައެއް، ރެޔާއިދުވާލު ކެނޑިނޭޅި އަޅުގަނޑުމެންނާ ވަކިވަމުން އެބަ ދެއެވެ. ރޯގާއެއްގެ ސަބަބަކުން ނޫނެވެ. ގަތުލު އާއްމެއްގެ ސަބަބަކުން ނޫނެވެ. އަމިއްލަޔަށް ކުރެވޭ ޢަމަލެއްގެ ސަބަބުންނެވެ. ދިގު މަގު ކުރުކުރަން ލިބިފައިވާ ސަވާރީތަކުގައި ބަލައިނުލާ ކުރެވޭ ދަތުރުތަކުގެ ސަބަބުން ވާ އެކްސިޑެންޓުތަކުންނެވެ. މިހާރަކަށް އައިސް މިއަޑު ނީވޭ ދުވަހެއް މަދުން ނޫނީ ނުދެއޭ، ދެންނެވުމަކީ ވެސް ތެދުން މުޅިން އެއްކިބާ ވުން ކަމަކަށް ނުބެލެވޭނެ…

ކުރިމަތީގައި އުޖާލާ މުސްތަޤްބަލެއް އޮތް އެތައް ކުދިންނަކާއި ތަޖުރިބާއިން ފުރިފައިވާ ހަރުދަނާ އެތައް ބައެއް، ރެޔާއިދުވާލު ކެނޑިނޭޅި އަޅުގަނޑުމެންނާ ވަކިވަމުން އެބަ ދެއެވެ. ރޯގާއެއްގެ ސަބަބަކުން ނޫނެވެ. ގަތުލު އާއްމެއްގެ ސަބަބަކުން ނޫނެވެ. އަމިއްލަޔަށް ކުރެވޭ ޢަމަލެއްގެ ސަބަބުންނެވެ. ދިގު މަގު ކުރުކުރަން ލިބިފައިވާ ސަވާރީތަކުގައި ބަލައިނުލާ ކުރެވޭ ދަތުރުތަކުގެ ސަބަބުން ވާ އެކްސިޑެންޓުތަކުންނެވެ.

މިހާރަކަށް އައިސް މިއަޑު ނީވޭ ދުވަހެއް މަދުން ނޫނީ ނުދެއޭ، ދެންނެވުމަކީ ވެސް ތެދުން މުޅިން އެއްކިބާ ވުން ކަމަކަށް ނުބެލެވޭނެ އެވެ.

އެންމެ ފަހުން މިއަދު (އައްޑޫގައި އެކްސިޑެންޓެއްގައި ޓީޗަރަކު ނިޔާވުން) އެހިނގާ ދިޔައީ ވެސް ކޮން ފަދަ ނުރައްކާތެރި އެކްސިޑެންޓެއްތޯ އެވެ؟ މިކަމާ މެދު މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާކަށް ފަހެ ނުވޭތޯ އެވެ؟ މިހިރީ، ތިމާމެންގެ އަމިއްލަ އަމަލުގެ ސަބަބުން ކުރިމަތިލާން ޖެހޭ ހިތާމަވެރި މަރުގެ ހާދިސާތަކެވެ. އިރުއިރުކޮޅުން އައްޑޫ ބޮޑު މަގުން މިކަހަލަ ބިރުވެރި އެކްސިޑެންޓްތަކުގެ އަޑު އިވެމުންދެއެވެ.

އަޅުގަނޑަށް ހީވަނީ މަގުގެ ތަންތަންކޮޅުގައި ބޯޑުތައް ހަރުކޮށް މިމަގުގައި ހިނގި އެކްސިޑެންޓްގައި ދުނިޔެ ދޫކުރި މީހުންގެ ނަންތައް ފެންނަ ގޮތަށް ބަހައްޓަން ވެސް ވެއްޖެހެންނެވެ. ބައެއް މީހުން، އައްޑޫ ބޮޑު މަގުގެ ބަދަލުގައި “މަރުމަގޭ” ވެސް ކިޔާ އަޑު އިވެއެވެ. އެއީވެސް ހަމަ ރަނގަޅު ވާހަކައެކެވެ. ކޮންމެ ގޮތެއްގައި ވެސް ތިމާމެންގެ އަމިއްލަ ޖާނު މިހައި ތާކުންތާކު ނުޖެހޭ ގޮތަކަށް ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންތޯ އެވެ؟

ދުއްވާ އެއްޗަކަށް އެރި އެ އިސްޓާޓުކޮށްލީމާ އެވާ ފަސޭހަޔަކުން އެހެންކަމެއް ހަނދާން ނުވަނީ ކަންވެސް ނޭނގެ އެވެ. އެނގޭ އެއްޗަކީ “ކަމެއް ދިމާވާއިރު” އެ ކުޅަދާނަކަން ދައްކައި ނުލެވޭކަމެވެ.

“ދިވެހރާއްޖޭގެ އަޑުން” ކިޔަމުން އަންނަ އެކްސިޑެންޓާ ބެހޭ ލަވަޔާ މެދު، ވަރަށް އާދަޔާ ޚިލާފު ހާދިސާއެއް އަޅުގަނޑުގެ ކުރިމަތީގައި ހިނގައިދިޔަ އެވެ. އަޅުގަނޑުމެން ގެއަށް އެއް ދުވަހަކު އައިސް ވަން ލޯބިލޯބި އަންހެން ކުއްޖެކެވެ. އޭނާ ބުންޏެވެ. “ދުއްވަން ދާ މީހަކަށް އަންގައިދެމޭ” މިލަވަ ތިމަން އަޑުއަހާލަން ޖަހާލަދީބަލާށެވެ. އެލަވަ މި އިވެނީ ތަންތަންކޮޅުންނެވެ. ތިމަން ބޭނުމީ، ލަވަ ފެށުނީއްސުރެ ނިމެންދެން އަހާލާށެވެ.

ކަންދިމާވި ގޮތުން އެ ލަވައިގެ ސީޑީ އަޅުގަނޑުގެ އަތުގައި އޮތެވެ. އަޅުގަނޑު އެ ލަވަ ޖަހައިދީފީމެވެ. އޭނާ އަޑުއަހަން އިނެވެ. ލަވައިގެ ބައިތައް ކިޔަމުން ކިޔަމުން ގޮސް

“ލޯބިވާ އަންބެއް މިހެން ހުވަފަތް މިވީ

     ލޯބިވާ ދަރިފުޅު ޔަތީމުވެ ގިނަމިވީ

        ލޯބި ނެތިގެން ނޫންކަމަށް ވިސްނައިދެމޭ

ބައްޕައާއެކު ކުރިމަޖާ ވީ ގެއްލިފާ

    ބައްޕަ އިންނެވި ގޮނޑި ވަނީ އަދު ފަޅުވެފާ

       ބައްޕަ އެދިގެން ނޫންކަމަށް ވިސްނައިދެމޭ”

ލަވަ މިހިސާބަށް ދާއިރަށް ރޮއިގެންފައި ބުންޏެވެ. ދެން ހުއްޓާލާށެވެ. ތިޔައީ، އަޅުގަނޑުގެ ބައްޕަގެ އެކްސިޑެންޓާ ގުޅިގެން ހަދާފައި އޮތް ލަވައެއް ކަން މިހާރު އެނގިއްޖެއެވެ. ދެން އެ މައުސޫމް ކުއްޖާ ރުއި ރުއިން ދެކޭކަށް ކުޅަދާނައެއް ނުވިއެވެ.

އެއީ ހަމަ ތެދެކެވެ. އެއީ އޭނާގެ ބައްޕަގެ އެކްސިޑެންޓާ ގުޅިގެން ހަދާފައި އޮތް ލަވައެކެވެ. މީގެ އޯޑިޔޯ އާއި ވީޑިޔޯ ވެސް މިހާރު އެބަ އޮތެވެ. މި ހިތި ވޭން އެކުއްޖާފުޅަށް އުފުލަން ޖެހުނީ ވެސް އޭނާގެ ބައްޕަޔާ ގުޅިގެން މިކަން ހިނގާފައި އޮތީމާތާ އެވެ!

ވަކި އެއް ކަމެއް ނޫނެވެ. ކަނޑު މަތިން ވެސް މިފަދަ ކަންތައް ހިނގަމުން ދަނީއެވެ. މިހުރިހާ ކަމަކީ، އިއްތިފާގުން ހިނގާ ކަންތައްތަކޭ ދަންނަވާ ހިތެއް ނެތެވެ. ތިމާމެންގެ ބެލުން ކުޑަކަމާއި ފަރުވާކުޑަކަން މިކަން ކަމުގައި ނުހިމެނޭނެ ގޮތެއް ނުވާނެ އެވެ.

މިހިރަ ލިބެމުންދާ ޖާނާއި މާލުގެ ގެއްލުންތަކަށް ޓަކައި އެއްޗެއް ދުއްވަން ކަނޑު މައްޗަށް ނުވަތަ މަގު މައްޗަށް ނުކުންނަ މީހަކު ފަރުވާތެރިވެ، މިކުރެވެނީ ކޮން ކަމެއްތޯ މިހާރު ވިސްނާލަން ޖެހިއްޖެ ނޫންތޯ އެވެ؟ ތިމާ އާއި އަނެކުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކަ އެވެ. މި ދެންނެވި ވަގުތުތަކުގައި މި މޮޓޯ ހިތަށް ގެންނަމާ ހިންގަވާށެވެ!

  “ދުވެލި މަޑު ކުރަމާތޯ އެވެ! އުމުރު ދިގު ކުރަމާތޯ އެވެ!”

             ——————————————————————

ނޯޓު: މިލިޔުން ފުރަތަމަ ޝާއިޢު ކުރެވުނީ 4 ޑިސެންބަރު 2012 ގައެވެ. މި ސައިޓުގައި ލިޔުން ޖަހައިފައި އެވަނީ މިއަދާ މުނާސިބު ބައެއް ކުދި ބަދަލާއެކުގައެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment