000 ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މިލިޔުމަކީ، 12 ޖޫން 1979 (އަންގާރަ) ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެކެވެ. ____________________________________________ ދާދިފަހުން އަލްއަޚް އަލްއުސްތާޛް އިބްރާހީމް ޝިހާބު ގެ ތަޤުރީރެއް އަޅުގަނޑު އަހައިފާ ހިތަށް ކުރަމުން ދިޔަ ފުން އަސަރަކީ ގަލަމުން ސިފަކުރުމަށް ދަތި އަސަރެކެވެ. އެމަނިކުފާނު ދެއްވި ތަޤުރީރުގައި މައިގަނޑު މައުޟޫއަކީ ރާޔާ އެހެނިހެން މަސްތުވާ ތަކެއްޗެވެ. އެ ތަކެތި އިސްތިޢުމާލު ކުރުމުގެ ވަބާ މި ރާއްޖޭގައިވެސް މަޑުމަޑުން ނަމަވެސް ފެތުރެމުންދާ ކަމެވެ.…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މިލިޔުމަކީ، 12 ޖޫން 1979 (އަންގާރަ) ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެކެވެ.

____________________________________________

ދާދިފަހުން އަލްއަޚް އަލްއުސްތާޛް އިބްރާހީމް ޝިހާބު ގެ ތަޤުރީރެއް އަޅުގަނޑު އަހައިފާ ހިތަށް ކުރަމުން ދިޔަ ފުން އަސަރަކީ ގަލަމުން ސިފަކުރުމަށް ދަތި އަސަރެކެވެ. އެމަނިކުފާނު ދެއްވި ތަޤުރީރުގައި މައިގަނޑު މައުޟޫއަކީ ރާޔާ އެހެނިހެން މަސްތުވާ ތަކެއްޗެވެ. އެ ތަކެތި އިސްތިޢުމާލު ކުރުމުގެ ވަބާ މި ރާއްޖޭގައިވެސް މަޑުމަޑުން ނަމަވެސް ފެތުރެމުންދާ ކަމެވެ.

މައުޟޫޢަކީ، ޤައުމަށް ލޯބިހުރި ކޮންމެ ދަރިޔަކު އެކަމުގެ މައްޗަށް ސަމާލުކަންދޭ މައުޟޫއެކެވެ. އެންމެ ބޮޑު ހިތާމަޔަކީ އެ ނުރައްކާތެރި ވަބާ މުސްތަޤްބަލުގެ މުވާޠިނުންކަމުގައި ވެގެން ޤައުމާއިގެން ކުރިޔަށް ދާން ތިބި ބައެއް ޅަ ޒުވާނުންގައި ހިފަމުން ދާން ފެށިކަމުގެ ނިޝާންތައް ފެންނަމުންދާކަމެވެ. އަދި އެއަށްވުރެވެސް ބޮޑު ހިތި ހިތާމައަކީ އަޅުގަނޑުމެންގެ، ތަޢުލީމު ހޯދާ ޠާލިބުންގެ ޖައްވުގައިވެސް އެ ބިރުވެރި އާފާތްތެރިކަން ފިޔަޖަހާން ފަށައިފިކަމެވެ.

ސާޅީސް އަހަރަށްވުރެވެސް ކުރީ ދުވަސްވަރެއްގައި، އަޅުގަނޑު މިޞްރުގައި ހުރިއިރު އެތަނުގެ ނޫސްތަކާއި މަޖައްލާތަކުގައި އެންމެ ޝާއިޢުކުރުން ގިނަ އެއް މައުޟޫޢަކީ އެއީއެވެ. މަސްތުވާތަކެތީގެ ނުރައްކާތެރިކަމާއި ގެއްލުންބޮޑު ވާހަކައެވެ. އެކަމުގެ ވޭނާއި ގެއްލުމުގައި ހަލާކުވާ މީހުން ހޮސްޕިޓަލްތަކަށް ލައިގެން ބޭސްފަރުވާ ކުރާ ވާހަކައެވެ. އެކަމުގައި ބައެއް މީހުންގެ ބުއްދިފިލައި މޮޔަވާ ވާހަކައެވެ. އެތަކެއްޗަށް ކުރެވޭ ޚަރަދު ބޮޑުކަމުން ބައެއް މީހުން ފަގީރުވެ ދަރައި ވިކެމުންދާ ވާހަކައެވެ. އެތަކެތީގެ ސަބަބުން ބައެއް މީހުންގެ ނާރުތައް ދެރަވަމުން އައިސް ދުނިޔޭގެ ތަކުލީފުތައް ތަހައްމަލު ނުކުރެވިގެން އަމިއްލައަށް މަރުވާ ވާހަކަތަކެވެ. އަނެއްކޮޅުން އެތަކެތި އިސްތިޢުމާލު ކުރާ މީހުންގައި ހިފެހެއްޓުމުގެ ބާރު ނެތިގެން ލިބޭހައި އެއްޗެއް ރުހުމުގައި އެއަށްޓަކައި ހޭދަކުރަނީއެވެ. ގްރީކްއިންނާއި އިޓަލީންނާއި އަދިވެސް އެހެން ތަންތަނުން މީހުން އައިސް އެތަކެތީގެ ވިޔަފާރި ހިންގަނީއެވެ. ފައުޅުގައްޔާއި ސިއްރުގައެވެ.

ނުހަނު ފަގީރުގޮތުގައި އަންނަ ބައެއް ބިދޭސީން ސިއްރުން ބާވަތް ބާވަތުގެ ޑްރަގް، އެތެރެކޮށްގެން މިގޮތުން ބޮޑު ވިޔަފާރިއެއްގެ ކެޕިޓަލް ޖަމާކޮށްގެން ފިސާރި ފަހިވެ ތިބެގެން އެ ނުލަފާމަގުން މުއްސަނދިކަން އިތުރު ކުރަމުން އައިސް މަދު އަހަރުކޮޅެއްގެ ތެރޭގައި އެންމެ ބޮޑަތި މަހުޖަނުންނަށްވެގެން މިޞްރު ދޫކޮށްފާ އެމީހުންގެ ރަށަށް ދަނީއެވެ. ދާއިރު ރާޔާއި އެހެނިހެން މަސްތުތައް ވިއްކައި އުޅުނުތަނުން ކޮންމެ މުޖުރިމަކު ދަނީ ތަނުގެ މުވާޠިނުންގެ ތެރެއިން އެތައްހާސް ބަޔަކު މަރައި، ހަލާކުކޮށް ފަގީރު ކޮށްލާފައެވެ. ތަނުގެ މުއްސަދިކަމާއި ތިޔާގެ ކަމުން ބައިތަކެއް ލުހެލައިގެންނެވެ.

އަޅުގަޑު ދެކޭ ގޮތުން ބަގުރާޔަކީ ދުނިޔޭގެ އެންމެންގެ ތެރޭގައި ޝާއިޢުވެގެން ގޮސްފައިވާ މަޤުބޫލު އެއްޗެއްކަމުގައިވިޔަސް ވިހަޔާއި ޒަހަރުގެ ލިސްޓްގައި ހިމަނާންޖެހޭނޭ އެއްޗެކެވެ. އެއިން އިންސާނީ ޠަބީޢަތު ޤަބޫލުނުކުރާ ބާވަތެއްގެ އުފާވެރިގޮތެއް ގެނެސްދޭ ކަމުގައިވިޔަސް އެއިން އިސްތިޢުމާލް ކުރާ ބަޔަކު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށްވުރެ އިތުރު ކުރަން ޖެހޭނޭ އެއްޗެކެވެ. ފުރަތަމަ އެއް ތޯލާ ބޭނުންކުރާ ކަމަށްވާނަމަ ލަސްތަކެއްނުވެ ދެ ތޯލާއަށް ހަދަން ޖެހެއެވެ. ދެން ތިން ތޯލާއެވެ. ދެން ހަތަރެކެވެ.

ފުރަތަމަ ރެޔާއި ދުވާލުން އެއްފަހަރުއެވެ. ދެން ދެފަހަރުއެވެ. ދެން ތިން ފަހަރުއެވެ. ދެން މިހެންނެވެ. އަޅުގަނޑަށް ޔަޤީންވެފައިވާ ގޮތުން އިންތާ އިނދެ ދެފުޅި ރާ ހުސްކޮށްލައިފާ އެވަރުންވެސް ބޭނުންވަރަށް މަސްތުވާގޮތް ނުވެގެން ތިންވަނަ ފުޅި ގެންނަން އޯޑަރު ކުރާ މީހުންވެސް ތިބެއެވެ.

ރާ ފިޔަވައި އެހެނިހެން މަސްތުވާތަކެއްޗަށް ވިސްނާއިރު އެތަކެތީގައި މީހާގެ ލެޔާއި އެތެރެހަށި ވިހަކޮށްލާގޮތް މާ ބޮޑެވެ. އަފިހުން، ގަންޖާ، ކޮކިން، ހަޝީސް، މެރެޖްވާނާ މިފަދަ ތަކެއްޗަކީ ކަނޑައެޅިފައިހުންނަ ޒަހަރުގެ ބާވަތްބާވަތެވެ. މި ތަކެތި ބޭނުން ކުރުމުގެ ގޮތްތައްވެސް ގިނައެވެ. ބައެއް ވިހަ ގިރައިގެން ބޮނީއެވެ. އަނެއްބައެއް ހަފައިގެން ކަނީއެވެ. ނުވަތަ މުގުރައިގެން ނޯށުން ދަމަނީއެވެ. ނޫންނަމަ ސިގަރެޓްއަށާއި ބިޑި ސުއްޓާއަށް ލައިގެން އެތެރެހަށްޓަށް އޭގެ ދުން އަރުވަނީއެވެ. ކޮންމެ ގޮތަކުންނަމަވެސް އެތަކެތީގެ ވިހަ އަވަސް ގޮތަކަށް ލެޔާއި ގުޅުވައިލަނީއެވެ. މިހެންވެ މި މުޑުދާރު ތަކެތީގެ ބޭނުން ކުރާ މީހަކުނަމަ އެ މީހަކުގެ ލޭނަގައިގެން ޓެސްޓް ކުރުމުން ޑޮކްޓަރުންނަށް ނުއެނގިނުދާނޭކަން ކަށަވަރެވެ.

މީހާގެ ޙަރަކާތް އުފައްދައި ޠަބީޢަތް ހަމަޖައްސައި، ކާނާ ބަހައިދީ ހަށިގަނޑުގެ މެޝިންތައް ހިންގައިދީ، ބަލިތައް މީހާގެ ކިބައިން ދަފާކޮށްދޭ އެންމެ މުހިންމު ބަޔަކީ މީހާގައި ހުންނަ ލެއެވެ. މިބައި ވިހަވާ ކަހަލަ ޒަހަރުތަކުން ބަރާކޮށް، އޭގެ ތާޒާކަން ކެނޑުނީމާ ވާނީ ކިހިނަކުން ތޯއެވެ؟

އަޅުގަނޑުގެ ނަޒަރުގައި ރާޔާއި އެހެނިހެން މަސްތުވާތަކެތި އުފަލެއްގެ ގޮތުގައި އިސްތިޢުމާލު ކުރާ މީހުންނަށްވުރެ ދެކޮޅުނުޖެހޭ، އަމިއްލަ ނަފްސަށް ޚިޔާނާތްތެރިކަން ބޮޑު ބަޔަކު ނުވެސް އުޅެއެވެ. އެމީހުންނީ، އީމާންކަން ފިޔަވައި ދެން އޮންނަ އެންމެ މަތިވެރި ނިޢުމަތް ކުޑަވެސް ޖެހިލުމެއްނެތި އޮޔާލައި ނަގާލާ ބައެކެވެ. ހަމަ ކަށަވަރުން، އަނދަވަޅުތަކާއި ކަޅު އަދިރި ޖަންގަލްތަކާއި އަޑިގުޑަންކަން ބޮޑު ބިންތަކުން ފުރިފައިވާ ދުނިޔޭގެ މަރްޙަލާތައް ހުރަސްކުރަމުން ދާއިރު ފައިދޮށް ބެލުމަށާއި މަގު އަލިކުރުމަށް އޮތް އައްޔަކީ މީހާގެ ބުއްދިއެވެ. ކުޑަ ހިނދުކޮޅަކަށްވެސް އެއަލި ކަނޑުވައިލުމީ ހޭވެރި ކަމެއް ހުރި އިންސާނަކު ކުރުން އެކަށީގެންވާ ކަމެއްނޫނެވެ. އެއީ ބުއްދީގެ އަލިކަން ކެނޑުމާއި ވިދިގެންވެސް މުޅި ޙަޔާތާއި މުސްތަޤްބަލުގެ ހުރިހާ އުފަލެއް ބަރުބާދުވާ ކަހަލަ ފުން ވަޅުގަނޑަކަށް ވެއްޓި ހަލާކުވުން ގާތްކަމުންނެވެ. މުޅި ދުނިޔެ ހެކިދޭގޮތުން މަސްތުވާ ތަކެތި ބޭނުންކުރުމުގެ ހަލާކާއި ގެއްލުން ބޮޑުކަމަށްޓަކައެވެ. ފަހެ އެތަކެއްޗަކީ މީހާގެ ނާރުތަކާއި ޙިއްސުތަކުގެ އެންމެ ބޮޑު ދުޝްމަނެކެވެ. ސިކުނޑީގެ ޢަދާވާތްތެރިއެއް މެއެވެ. އެތަކެތީގެ ބާރުގައި ސިކުނޑިއާއި ވިސްނުންވެސް މުޅިން ބަލިކޮށްލާ ފަދަޔަކުން ހަމަލާ ދެނީއެވެ. މި ހަމަލާގައި މީހާގެ ޝުޢޫރަށް ވެރިވާ ބަދަލަކީ ޙަޤީޤަތް އޮޅުވައިލާ، ދުނިޔެ އެކޮޅުކޮޅުން ޖަހައިލާ، މީހާއާއި އެކުވެފައިވާ ފިކުރުތަކާއި މަސްއޫލިއްޔަތުގެ ބުރަތައް ހިތުން ފިލުވައިލާ ހުވަފެނުގެ ވަގުތެއްކަމުގައި ދައްކައިދެއެވެ. މިވާ ގޮތްތަކަކީ އުފަލެއްކަމުގައި ފެނިގެން ދަނީއެވެ. ނަމަވެސް ޙަޤީޤަތުގައި މީހާގެ ޝުޢޫރުތަކަށް މިއަންނަ ބަދަލަކީ ލިބެމުންދާ ގެއްލުމެވެ. މީހާ ބޭނުންކުޅަ މަސްތެއްގައި ހުރި ކެހިވެރިކަމާއި ޖާދޫގެ ބާރުގައި އެއީ އުފަލެއްކަމުގައި ދައްކައިދެނީއެވެ. ދެން އެމީހަކު މަސްތުވާ އެއްޗެއްގެ ބާރުގައި ލިބިގަންނަމުން އެދާ ޠަބީޢަތާއި ޚިލާފު އަރާމަކާއި މީރުކަމަކަށް ދަހިވެތިކަން ހައްތާ ބޮޑުކުރަމުން ގެންދަނީއެވެ. ބޭނުންކުރަމުންދާ ނުރައްކާތެރި މަރުގެ ޒަހަރު، އެމީހަކުގެ ލެޔާއި، މެޔާއި، ނާރުތަކާއި، ސިކުޑި ހަލާކު ކުރަމުން މީހާގެ ޝަޚްޞިއްޔަތާއި އިންސާނީވަންތަކަން ކަފާސް ކުރަމުން ގެންގޮސް ދެ ދުނިޔޭގެ ހަލާކުގެ ތެރެއަށް ވައްޓައިލަނީއެވެ.

މިދަންނަވަނީ މަސްތުވާތަކެއްޗާއި، އެތަކެތި ބޭނުންކުރާ މީހުންނާއި މެދުގައި ކަންތައް ހުރި ގޮތުގެ ޙަޤީޤަތެވެ. މިކަމުގެ ހެއްކަކީ ދީނުގެ ފަރާތުން ތަޤުރީރު ކުރާހައި ބަޔަކާއި ޢިލްމީ ގޮތުން އިރުޝާދުދޭހާ ބަޔަކާއި ޞިއްޙީ ވަކާލާތުގައި ތިބޭހައި ބަޔަކުގެ ބަހާއި ލިއުންތަކެވެ. ދެން އަދި މަސްތުވާތަކެތި އިސްތިޢުމާލު ކުރުމުން ލިބޭ ގެއްލުން އެ އިސްތިޢުމާލް ކުރާ ބަޔަކުގެ މައްޗަށް ހުއްޓި ހުންނަ ނަމަވެސް ރަނގަޅު ނޫންތޯއެވެ؟ އެހެނަކުންވެސް ނޫނެވެ. އެތަކެތި އިސްތިޢުމާލް ކުރާ މީހުންނަށް ލިބޭ ދަރީންނަކީ ވެސް ވަރަށް ބޮޑަތި ގެއްލުންތަކަށް ހުށަހެޅޭ ބައެކެވެ. މައިންބަފައިން އެފަދަ ތަކެތި ބޭނުންކުރާތީވެ، ބުއްދި ހަމަނުވާ މޮޔަކުދިންނާއި، އުނި ސިފަތަކުން ފާހަގަކުރެވޭ ކުދިންގެ ޢަދަދަކީވެސް އެކަމުގެ މައްޗަށް ސަހަރޯވެރިވާންޖެހޭ ކަމެކެވެ. މިއީ އިންސާނިއްޔަތުގެ ޙައްޤުގައި ގެނެވޭ ކިހައި ބޮޑު ޖަރީމާއަކަށް ވާނޭތޯއެވެ؟

އިސްލާމްދީން ކަނޑައަޅާ ގޮތުން ބުއްދިއަށް ޚަލަލްކަން ގެންނަ ކޮންމެ މަސްތުވާއެއްޗަކީ ރާއެވެ. ގިނައިން ބޭނުން ހިފައިގެންވިޔަސް މަސްތުވާއެއްޗެއް މަދުން ބޭނުންކުރުންވެސް ޙަރާމް ވާނެއެވެ. ރާބުއިމަކީ ޙައްދު ކަނޑައެޅިގެންވާ ބޮޑު ފާފައެކެވެ. ގަންޖާ، އަފިހުން، ހަޝީސް ފަދަ ކޮންމެ އެއްޗެއް މަސްތުވުމަށްޓަކާ ބޭނުން ހިފުންވެސް ހަމަ އެއާއި އެއްފަދައެވެ. ވީމާ އެއިން ހަމަ އެއްވެސް ބާވަތެއް ބޭނުން ކުރުމަކަށްވެސް ދީނުގެ ހުއްދައެއް ނުއޮންނާނެއެވެ.

މާތްﷲ މާއިދާ ސޫރަތުގައި ބާވައިލައްވާފާވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ މިތާގައި ބުއްދިއަށް ޚަލަލް ގެނެސްދޭ ހުރިހައި ތަކެއްޗެއްގެ ވާހަކަޔާއި މައިސިރުގެ ހުރިހައި ކުޅިވަރަކާއި ބުދުބަހައްޓައި އެއާއި ގުޅުވައިގެން ހިންގާ ޢަމަލުތަކާއި އަޒްލާމްއޭ ކިޔޭ ތަކެތީގެ ބޭނުން ހިފުމާއި މިއެންމެހައިކަމަކީ ޝައިޠާނާއާ އެ ކަންކަމަށް ބާރުދީ ޒީނަތް ކުޅަޔަސް ހަޑިމުޑުދާރު ނަޖިސްކަންތައް ކަމުގައި ކަނޑައަޅުއްވައި، އެންމެހައި އިސްލާމުން ދިންނެވުމުގެ ނަސީބު ލިބޭތޯ އެކަންކަމާއި މުޅިން ދުރުހެލިވާން އަމުރުކުރައްވައެވެ. މިނޫނަސް ޤުރްއާންގެ އެހެން ތަންތަނުގައިވެސް މަސްތުވާތަކެތީގެ ބޭނުން ކުރުން ޙަރާމް ކުރައްވައެވެ. އަދި ރަސޫލާގެ ވަރަށް ގިނަ ޙަދީޘްތަކުގައިވެސް މަސްތުވާތަކެތި މުޅިން ޙަރާމްކަން އަންގަވައިފައިވޭމެއެވެ. އިސްލާމުންނޫން ޖަމާޢަތްތަކާއި ޤައުމުތަކުގައި އެތަކެތިގެން ގުޅުއްވަނީ، ޤާނޫނީ ގޮތުން ޙަރާމް ކޮށްފައެވެ. އެތަކެތި އެތެރެކޮށް ވިއްކައި ފަތުރާ ހަދާ މީހުންގެ ޢުޤޫބާތަކީ ހުރިހައި ޤައުމެއްގައިވެސް މަތީ ޢުޤޫބާތެކެވެ. ދިހަ އަހަރަށް ފަނަރަ އަހަރަށް ޖަލަށްލުމާއިއެކު މަތީ އަދަދަކުން ޖޫރިމަނާކޮށްގެން ފުއްދާ ތަންތަން ހުންނައިރު، އަނެއްބައި ޤައުމު ތަކުގައި މިހާރު ހަޝީޝް، ކޮކިން، ފަދަ ޑްރަގް އެތެރެކުރާ މީހުންގެ ޢުޤޫބާތަކީ، ބުރަ މަސައްކަތާއެކު އުމުރަށް ޖަލަށްލުމެވެ. އަދި ބައެއް ތަންތަނުގައި އެކުށުގެ ޢުޤޫބާތަކީ، މެރުން ކަމުގައިވެސް ބުނެވޭތީ އިވެއެވެ.

__________________________________

About the author
Leave Comment