މަޒުމޫނު ލިޔުނީ: ޑަކުޓަރު ވޭރާޔޫތު ޗަޔަޕިނޫން ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު އަހަރެމެން އުމުރުން ދުވަސްވީވީހެން ރިއްސުމުގެ އަލާމާތްތައް މަދުވެގެން ވެސް އެއް ހުޅަކުން، އާންމު ގޮތެއްގައި ކަކުލުން ފެނުމީ ވާކަމެކެވެ. އެންމެ ގިނައިން މިކަމެއް ފެންނަނީ ކަކުލުހުޅުންނެވެ. ވަރަށް ފަހުން ކުރެވުނު ސާވޭއެއް ދައްކާ ގޮތުން  75 އަހަރުން މަތީ މީހުންނަށް ހުޅުހުޅުގައި ރިއްސުމުގެ ފުރުސަތު 85  އިން ސައްތަ އަށް އޮވެއެވެ. އަންހެނުންގެ މެދުގައި މިކަން ފިރިހެނުންނަށް ވުރެ ދެގުނަ މައްޗަށް އޮވެއެވެ. ވަރަށް…

މަޒުމޫނު ލިޔުނީ: ޑަކުޓަރު ވޭރާޔޫތު ޗަޔަޕިނޫން

ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު

އަހަރެމެން އުމުރުން ދުވަސްވީވީހެން ރިއްސުމުގެ އަލާމާތްތައް މަދުވެގެން ވެސް އެއް ހުޅަކުން، އާންމު ގޮތެއްގައި ކަކުލުން ފެނުމީ ވާކަމެކެވެ. އެންމެ ގިނައިން މިކަމެއް ފެންނަނީ ކަކުލުހުޅުންނެވެ.

ވަރަށް ފަހުން ކުރެވުނު ސާވޭއެއް ދައްކާ ގޮތުން  75 އަހަރުން މަތީ މީހުންނަށް ހުޅުހުޅުގައި ރިއްސުމުގެ ފުރުސަތު 85  އިން ސައްތަ އަށް އޮވެއެވެ. އަންހެނުންގެ މެދުގައި މިކަން ފިރިހެނުންނަށް ވުރެ ދެގުނަ މައްޗަށް އޮވެއެވެ. ވަރަށް ވޭން އަޅާ ކަމަކަށް ވުމާއެކު ވެސް ގިނަ މުސްކުޅި އުމުރުގެ މީހުން ހީކުރަނީ މިވޭނަކީ އެމީހުންނަށް ތަހައްމަލު ކުރެވިދާނެ ވޭނެއް ކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރަށް މިކަން އޮންނަނީ މިހެންނެއް ނޫނެވެ. އަހަރެމެންގެ އުމުރުން ސާޅީހަށް ވުރެ މައްޗަށް ދިއުމުން އަހަރެމެންގެ ކަށިތައް ބަލިވާން ފައްޓައެވެ. އަންހެނުންގެ އުފެދުމުގައި ހުންނަ ތަފާތަކުން އަންހެނުންގެ ކައްޓާއި ފަތި ސާޅީހަށް ވުރެ ކުރީން ބަލިކަށި ވާން ފައްޓައެވެ. އަންހެނުންނަށް ވުރެ ފިރިހެނުންގެ ކައްޓާއި ފަތި ބޯވެފައި ވަރުގަދައެވެ. މިސަބަބަށްޓަކައި ފިރިހެނުންގެ ކަކުލުހުޅުގައި މަސްޖަހާފައި ހުންނަލެއް ވެސް ގަދައެވެ. މީގައި މުހިންމު ބައެއް ކުޅޭ އަނެއް ކަމަކީ ހަށިގަނޑުގެ ބަރުދަނެވެ. ފިރިހެނުން ވުރެ ފަސޭހައިން އަންހެނުން މަސްޖަހައި ބަރުދަން އިތުރުވާ  ގޮތް ހުރެއެވެ. އެހެންކަމުން ހުޅުހުޅުގައި ރިއްސުމުގެ ފުރުސަތު ވެސް މިގޮތުން އިތުރު ވަނީއެވެ. ހުޅުގައި ރިއްސުމުގެ ބަލީގެ އަލާމާތްތައް ތިރީގައި މިކިޔައިދެނީ އެވެ. މިއީ ހަމަ ކޮންމެ މީހަކަށް ވެސް އެނގުން ބޭނުންތެރި ކަންތައްތަކެވެ.

ހުޅުހުޅުގައި ރިއްސާ ހެއްޔެވެ؟ ވަރުބަލިވާ ގޮތްވެ ކުޑަކަޅުވާއަށް ބާރުވެ ކަކުލުހުޅުން ދޫވެދާނެއޭ ހީވަނީ ހެއްޔެވެ؟ ނޫން ނަމަ ކަކުލުހުޅުގައި ދިލަ ހޫނެއް ހުންނަ ކަމަށް ފެންނަނީ ހެއްޔެވެ؟ މިހިރީ ހައްތާވެސް ހުޅު ކަފާސްވެ ކަންފަތިވަމުންދާ ކަމުގެ އަލާމާތްތަކެވެ. ހުޅު ދަމާލަން ނުވަތަ ލަނބާލަން އުނދަގޫ ހެއްޔެވެ؟ ހުޅު ދުޅަވެ، ފައި އެތެރެ އަށް ނުވަތަ ބޭރަށް ޖެހިފައި ހުންނަކަމަށް ފެންނަނީ ހެއްޔެވެ؟ ހުޅުގެ އެއްއަރިމަތިން ކަށި ބޭރަށް ނިކުމެފައި ހުންނަހެން ހީވަނީ ހެއްޔެވެ؟ މިހިރީ ހައްތާ ވެސް މިބަލީގެ އަލާމާތްތަކެވެ. މިނަންގަތް އަލާމާތްތައް ހުންނަ ނަމަ އަހަރެންގެ ލަފަޔަކީ ވަގުތުން ޑަކުޓަރަކު ގާތަށް ގޮސް އެކްސްރޭއެއް ނަންގުވައި ބައްޔަށް ފަރުވާ ހޯދުމެވެ. ބައްޔާ މެދު ފަރުވާކުޑަކޮށްލެވިއްޖެ ނަމަ މިއީ ނުފިލާ ހުންނަ ދާއިމީ ތަދަކަށް ވެދާނެތީއެވެ. އަދި އޭގެ ސަބަބުން ތިބާގެ ދިރިއުޅުމަށް އަސަރުކޮށް ހަށިފަސޭހަކަން ގެއްލިދާނެތީއެވެ. ބައްޔަށް ފަރުވާ ހޯދުމަށް ހުޅު އޮޕަރޭޝަން ކުރުމީ ކޮންމެހެން ލާޒިމުކަމަކަށް ނުވެ ހިނގައިދާނެއެވެ. ރިހުން މާގަދަޔަށް ހުންނަ ނަމަ ހުޅަށް ލުއިކަން ހޯދައިދިނުމުގެ ގޮތުން ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކޮށްލައި ކެއުމަށާއި ހަށިގަނޑުގެ ބަރުދަނަށް ބަލައިގެން އުޅުމަށް ޑަކުޓަރު ތިބާއަށް ލަފާދީފާނެއެވެ. ނޫނީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ފަޔާއި ކަކުލުހުޅަށް މަސްއަރުވާ ވަރުގަދަކުރުމަށް ޓަކައި، އާދަވެގެން ކަސްރަތުކޮށް ހަދަން ލަފާދީފާނެއެވެ. މީގެ އިތުރުން މާގިނަ އިރު އުޑުފައިން އިނުން ފައިވަށްކޮށްލައިގެން އިނުން ފަދަ ކަކުލުހުޅުން ލަނބާލައިގެން އިނުމުގެ ހާލަތްތަކާއި ނުވަތަ އާދަތަކާ ދުރުހެލިވެގަންނަން ވެސް ލަފާދީފާނެއެވެ. ހުޅުގެ ރިހުން މާގަދަ ނަމަ ޑަކުޓަރު ތަދު ކަނޑުވާނެ ނުވަތަ ލުއިކުރާނެ ބޭހެއް ދިނުމާއެކު ހުޅުގެ ފަތި ވަރުގަދަކުރުމަށްޓަކައި ދެވަނަ ބޭހެއް ދީފާނެއެވެ. އަދި ހަމަ މިއާއެކު ބަލިމީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެކަށޭނަ ބަދަލުތަކެއް ވެސް ގެންނަން ޖެހިދާނެއެވެ. މިކަންކަމުން ވެސް ރިހުމަށް ލުޔެއް ނުލިބޭ ނަމަ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފާނެއެވެ. މިއީ ހުޅު އެކަށް ބަދަލުކުރުމުގެ ބަދަލުގައި ހުޅުން ބައެއް ބަދަލުކުރުމަށް ވެސް ވެދާނެއެވެ. ކުރަންވީ ކޮން ޒާތެއްގެ އޮޕަރޭޝަނެއްކަން ޑަކުޓަރަށް އެނގޭނެއެވެ. އޮޕަރޭޝަން ކުރަން ޖެހިއްޖެ ހިނދެއްގައި ވަރަށް ގިނަ މީހުން އޮޕަރޭޝަން ކުރުމަށް ފަހު ފަސޭހަވުމުގެ ކުރީން ފައިގައި އަޅާނެ ވޭނާއި ފަސޭހަވުމަށް ނަގާނޭ މުއްދަތާ މެދު ފިކުރުކޮށް ކަންބޮޑު ވެއެވެ. އެހެންނަމަވެސް ބޭސްފަރުވާގެ ދުނިޔެ ކުރިއަރައިފައިވާ ވަރުން މިއޮޕަރޭޝަނަކީ މިހާރު ފަސޭހައިން ކުރެވެން ހުރި، ވޭންވެސް ކުޑަ، ހަމަވަރަށް އާދައިގެ އޮޕަރޭޝަނަކަށް ވަނީ ވެފައެވެ. މިހާރު މިކަމަށް ގިނަ ހަސްފަތާލުތަކުގައި ބޭނުން ކުރަނީ “ވީހާ ވެސް އަސަރު ކުޑަކޮށް ފެޅުމޭ” (އިނގިރޭސި ބަހުން ރަމްޒުކޮށް “މިސް” އޭ ކިޔާ) އޮޕަރޭޝަނެކެވެ. މިއީ ހުޅުން މަސް ވީހާވެސް ކުޑަކޮށް ކަފައިގެން ކުރާ އޮޕަރޭޝަނެކެވެ. މިގޮތަށް މިއޮރޭޝަން ކުރުމުން ބަލިމީހާގެ ހަށިގަނޑުން ލޭ ގެއްލޭލެއް ވަރަށް މަދެވެ. އަދި އޮޕަރޭޝަން ކުރުމުގެ ތެރޭގައި އަޅާ ވޭން ވެސް ކުޑައެވެ. އަދި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވެއެވެ. އަދި ހަމަ މިއާއެކު ހުޅު ފަސޭހަވުމުގެ އިންތިޒާރުގައި ހަސްފަތާލުގައި އޮންނަން ޖެހޭ މުއްދަތު ވެސް ކުރެވެއެވެ. ކުރީގައި ކަކަލުހުޅު ބަދަލުކުރުމުގެ މިއޮޕަރޭޝަނަކީ ވަރަށް ބޮޑު “ބުރައެކެވެ.” ނަމަވެސް ބޭސްފަރުވާއަށް އައިސްފައިވާ ކުރިއެރުމާ ވިދިގެން މިއީ އިހަށް ވުރެ މާ ފަސޭހަ “ލުއި” އޮޕަރޭޝަނަކަށް ވަނީ ވެފައެވެ.

މިހެން ބުނި ނަމަވެސް އަހަރެމެންގެ ސިއްހަތާ މެދު އުމުރުގެ ކުރީކޮޅު ފަރުވާތެރިވެ، ރަނގަޅު ފައިދާހުރި ކާނާ ކައި، ގިނައިން ކެއުމުން ދުރުހެލިވެ އުޅޭ ނަމަ ގުދުރަތީ ގޮތުން ވެސް އަހަރެމެންގެ ކައްޓާއި ހުޅުހުޅުގެ “އުމުރު ދިގުވެ” އަހަރެމެންގެ މުސްކުޅި އުމުރުގައި ވެސް ދަތިކަމެއް ނެތި ހުޅުހުޅުގެ ބޭނުން ހިފައި އުޅެވިދާނެއެވެ. އާދަވެގެން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުން އަދި އިށީނދެ އޮށޯވެ އުޅުމުގައި މާބޮޑަށް ގުރުނުވެ ހަށި ވީހާވެސް ތެދުކޮށް އޮތުމަށާއި ތިބުމަށް ނުވަތަ ހުރުމަށް ފަރުވާ ބެހެއްޓުމީ ހުޅުހުޅުގެ ރިހުންތަކުން ދަފަރާވެވޭނެ ގޮތްގޮތެވެ. ބޭސް ފަރުވާ ގެ އިތުރު ކުރިއެރުންތަކަށް އިންތިޒާރުކޮށްގެން ތިބެވޭކަށް ނެތެއް ނޫން ހެއްޔެވެ!

                   ——————————————————–

ނޯޓު:

ޑަކުޓަރު ޗަޔަޕިނޫނަކީ ތައިލެންޑުގެ ސަމްތީވެޖު ސުކުމްވިތު ހަސްފަތާލުގެ ކުޅިވަރާއި ކައްޓާ ބެހޭ މަރުކަޒުގައި މަސައްކަތްކުރައްވާ ކަށީގެ ޑަކުޓަރެކެވެ. މިލިޔުން ތަރުޖަމާ ކުރުމަށް ނަގައިފައި ވަނީ ސްރީލަންކާގައި ނިކުންނަ ދުވަހު ނޫސް “އައިލެންޑް” ގެ މިދިޔަ އޮގަސްޓު މަހު 20 ވަނަ ދުވަހުގެ އަދަދުންނެވެ. ލިޔުއްވި ފަރާތަށާއި ލިޔުން ޝާއިއު ކުރެއްވި ފަރާތަށް ޝުކުރު ހުއްޓެވެ. 

_________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment