000  ނޯޓު: ސުމުއްވުލް އަމީރު މުޙައްމަދު އަމީނު އަވަހާރަވިތާ އެއްއަހަރު ފުރުނުއިރު ރާއްޖޭގައި ތިބީ 82 ހާސް މީހުންނެވެ. އެމަނިކުފާނު ފަސްދާނުލެވިފައި ވަނީ ވިހަމަނާފުށީގައެވެ. އެއީ ފަޅުރަށެކެވެ. އެމަނިކުފާނު އަވަހާރަވިތާ އެއްއަހަރު ފުރުމާ ގުޅިގެން އެމަނިކުފާނުގެ މަހާނައަށް ޒިޔާރަތްކޮށް ފާތިޙާކީ، 9 މީހުންނެވެ. މިއީ އެ 9 މީހުން ކުރި ތާރީޚީ ދަތުރުގެ ވާހަކަ އެވެ. ________________________ ޖުމާދިލްއައްވަލުމަހު  ތޭރަވިލޭރޭ ނުވައެއްޖަހާ އެހާކަށްހާއިރު ކ. ވިހަމަނާފުށްޓާ (މިހާރު ކުރުނބާ ވިލެޖް ރިސޯޓް) ދިމާއަށް ދުވެފައިދިޔަ ދޯންޏެއްގައި ތިބީ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 

ނޯޓު: ސުމުއްވުލް އަމީރު މުޙައްމަދު އަމީނު އަވަހާރަވިތާ އެއްއަހަރު ފުރުނުއިރު ރާއްޖޭގައި ތިބީ 82 ހާސް މީހުންނެވެ. އެމަނިކުފާނު ފަސްދާނުލެވިފައި ވަނީ ވިހަމަނާފުށީގައެވެ. އެއީ ފަޅުރަށެކެވެ. އެމަނިކުފާނު އަވަހާރަވިތާ އެއްއަހަރު ފުރުމާ ގުޅިގެން އެމަނިކުފާނުގެ މަހާނައަށް ޒިޔާރަތްކޮށް ފާތިޙާކީ، 9 މީހުންނެވެ. މިއީ އެ 9 މީހުން ކުރި ތާރީޚީ ދަތުރުގެ ވާހަކަ އެވެ.

________________________

wp_20160912_00_20_39_pro-2ޖުމާދިލްއައްވަލުމަހު  ތޭރަވިލޭރޭ ނުވައެއްޖަހާ އެހާކަށްހާއިރު ކ. ވިހަމަނާފުށްޓާ (މިހާރު ކުރުނބާ ވިލެޖް ރިސޯޓް) ދިމާއަށް ދުވެފައިދިޔަ ދޯންޏެއްގައި ތިބީ 9 މެންބަރުންނެވެ. އަލްފާޟިލް ޙުސައިން ފަހުމީ އާއި، އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރެވެ. މުޙައްމަދު ރަޝީދު (ޗައެނާ) އާއި ހައްތީ އަޙްމަދު މަނިކެވެ. ވިލިގިނލީ މޮހޮދޭ އާއި ހަބަރުމާގޭ އިސްމާޢީލުފުޅެވެ. ކަނޑޫދޫ ދޮންމޫސާފުޅާއި ބަންދު ޢަލީ ސަލީމެވެ. ދެން އަޅުގަނޑެވެ.

އެ މެންބަރުންގެ މަޤްޞަދަކީ ކޮބައިތޯއެވެ؟ ދިވެހި ރާއްޖޭގެ މިޒަމާން ހެއްދެވި ބާނީ އަދި ދިވެހީންގެ މިއަދުގެ ބައްޕަގެ މަހާނަޔަށް ޒިޔާރަތްކޮށްލުމެވެ.

ފުރުނީ ވަރަށްވެސް ދަންކޮށެވެ. ނަމަވެސް އެއީ ޕްރޮގްރާމްގައި ކަނޑައެޅިފައިވާ ގޮތެވެ. ދަތުރުކުރީ ރިޔާނެގި ކުޑަކުޑަ ދޯންޏެއްގައެވެ. ވައިޖެހެނީ ހަމަދިމާ ވިހަމަނާފުށި މަތީންނެވެ. އެހެންކަމުން ޖަހަންޖެހުނު ހޭރިޔާތައް ގިނައެވެ. ނަމަވެސް “އަސަރުގަދައީ ބާރުންކުރެވޭ ކަންތައްތަކުން ނުކުންނަ ނަތީޖާގައެވެ.” ޖަހަންޖެހުނު ހޭރިޔާތަކުގެ ފޫހިވެރިކަމާއި ރޭދަން ދިގުވެގެން ވާންވީ ގޮތްތަކެއް ޙުސައިން ފަހުމީގެ މަޢުލޫމާތުގެ ސަބަބުން ނުވާކަން ކަށަވަރެވެ. މަރުވެފައިވާ މީހެއްގެ ހެޔޮ ހަނދާންތައް ދިރުވަން އޭނާ ފެއްޓެވީ ދީނީ ހެޔޮ ޢަމަލެއްގެ ގޮތުގައެވެ. “ތަރިތައް އަހަރެން ކައިރިއަށް އަންނާނެނަމަ އެވެ. އޭރުން ތަރިތަކުން އޭނާގެ މަދަހައިގައި އެންމެ ފުރިހަމަ ގޮތުގައި ހާރެއް އަމުނާލުމަށެވެ.” މައުޟޫއާއިގެން ކުރިޔަށް ވަޑައިގަންނަވަން ފެށްޓެވީ މި ޢިބާރާތްކޮޅުންނެވެ. އެންމެ ފުރަތަމަ އަލިއަޅުވާލެއްވީ ބުޒުރު ޖަމްހަރުގެ ތާރީޚުގެ މައްޗަށެވެ. އަސަރުން ފުރިގެންވާ ޢިބާރާތްތަކަކުން ޖޯޝާއި ފޯރިއާއެކު ބަޔާންތައް ނިމިގެންދިޔައިރު ދަތުރުގެ ކޮންމެ ޒުވާނެއްގެ ވިންދުވަނީ އަވަސްވެފައެވެ.

ދޯނި ދުވެފައި އޮވެ ދެއެވެ. އަނެއްކާވެސް ފަހުމީގެ ބަޔާނެކެވެ. ތަރިތަކުން އެކުލެވިގެންވާ އަޖައިބެއް ފަދަ ހުވަފެނެކެވެ. އަތްބެލުމުގެ މުހިންމުކަމާއި ހުވަފެން ތަޢުބީރުގެ ފައިދާއެވެ. އާދޭހެވެ. ދެން ފެށުނީ ވޭތުވެދިޔަ ދައުރާއި މިދައުރުގެ ޚާއްސަކަމުގެ ބަޔާންތަކެވެ.

ގަޑިން 1:00 ގައި ވިހަމަނާފުށްޓަށް ލެފިއްޖެއެވެ. ގޮނޑުދޮށު ޕްރޮގްރާމްގެ އެންމެ ޚާއްސަ ނަންބަރަކަށް އޮތީ ޒާހިރު ނަޞީރު އިސްވެ އެނަންބަރު ފެށްޓެވުމެވެ. އެއަށްފަހު އެހެން މެންބަރުންނެވެ. މިނަންބަރު ނިމުމަށްފަހު މެންބަރުން އަވަސްވީ ވުޟޫކުރުމަށެވެ. އެއީ އިޝާނަމާދު ކުރުމަށްޓަކައެވެ.

އަޅުގަނޑު ކުރިން ދަންނަވަން ހަނދާން ނެތުނީ އެވެ. ކުރިން އަޅުގަނޑުމެން އެރަށް ހޭލައްވާލީމުއެވެ. 82,000 މީހުންގެ ތެރެއިން އެންމެ 9 މީހުން އެތާރީޚީ ރަށަށް އަތުވެއްޖެ” ކަން އަންގާލީމެވެ. މިސްކިތް ފޮޅައި ސާފުކުރީ މުޙައްމަދު ރަޝީދެވެ. އިމާމުވެ ނަމާދުކުރީ އަޅުގަނޑެވެ. އެއަށްފަހު ހުރިހާ މެންބަރުން މިސްރާބުޖެހީ ރޭގެ ބަޠަލުގެ

ބިސްތާނާ ދިމާއަށެވެ. އިމާމުވެ ފާތިޙާ ވިދާޅުވީ ޙުސައިން ފަހުމީއެވެ. ފާތިޙާއަށް ފަހު ޢަރަބިބަހުން ދުޢާއެއް ވިދާޅުވިއެވެ. ވަރަށް ބަލާޣަތްތެރި ދުޢާއެކެވެ. އެދުޢާގައި އޭނާ ބަޔާންކުރެއްވީ އެއީ މިޤައުމުގެ ޤައުމިއްޔަތުގެ ބަޠަލުކަމާއި މިނިވަންކަމުގެ ޒައީމުކަމުގައެވެ.

ދެން އޮތީ ދަތުރުގެ “ކުރަކަނޑައިލުމެވެ.” ހުސްކާށީންނެވެ. އެއަށްފަހު ކުޑަ ބުރުފަޅިއެއް ޖަހައިލުމަށްފަހު ޙަޤީޤީ ނާސްތާއާ ކުރިމަތިލައިފީމު އެވެ. ފޮނިބޯކިބަލާއި ކަވާބެވެ. ހެދިކާ ބަހަންހުރި “ބަރަކާތްތެރިއެއްގެ” ސަބަބުން އެތަކެތި ކައިކައި ހުހެއްނުވިއެވެ. ނިމުނީ އެންމެން ފޫހިވެސްވެގެންނެވެ. ރަށުން ފުރުނީ މެންދަމުން އަލިވެ 2:30 ގައެވެ. މިރަށަށް އައި ދަތުރަކީ ވަޔާދެކޮޅަށް ކުރި ދަތުރަކަށްވުމާއެކު މާލެދާން ކުރި ދަތުރަކީ ވަރަށް ނިޔާމަ ފަހި ދަތުރަކަށްވި އެވެ. ދަތުރުމަތީގައިވެސް ވަރަށް އާދަޔާ ޚިލާފު ޙާދިސާތައް ހިނގިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އުފެދުނީ ސުވާލެކެވެ.

ޝުކުރުވެރިވާންވީ ކާކަށް ހެއްޔެވެ؟

އަޅުގަނޑުމެންގެ ޕްރޮގްރާމްގެ އެއް ނަންބަރަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނުގެ ޤައުމީ ކޮންމެވެސް މަޒުމޫނެއް ކިޔުމެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟ ދޭ ހަނދުވަރުގެ ފަނޑު އަލީގެ ބާރަކުން މަޒުމޫނު ކިޔޭވަރެއް ނުވިއެވެ.

ދެން ހަދާނީ ކިހިނެއްތޯ އެވެ؟ ނަމަވެސް ދަތުރުގެ ރައީސްގެ ޚިޔާލާއި ނިޔަތް އޮތީ ނިމިފައެވެ. މަޒުމޫނުވާނީ ހަމަ ކިޔާށެވެ.  ކުއްލިއަކަށް ޚިޔާލެއް އުފެދުނީ ޗައިނާ ރަޝީދުގެ ސިކުނޑީގައެވެ. އޭނާއަށް ވިސްނުނީ ފޮތެއްގެ ގަނޑަކުން ވަށްބުރަށްވާހެން ދިގުކޮށް ވީދަމުންގެންގޮސް ބައްތިއަކަށް ހެދުމެވެ. ރަނގަޅު ޚިޔާލެކެވެ. ނަސީބަކުން އަލިފާންފޮށްޓެއް އެބައޮތެވެ. ވަރަށްވެސް މޮޅު ރޭވުމެކެވެ. އެސާހިތު އެގޮތަށް މަސައްކަތް ފެށިއްޖެއެވެ. ބަންދުގެ މުންޑުން ކުޑަކުޑަ ފޭލިގެއެއް ހަދައިފިއެވެ. ވައިނުވަންނަ ގޮތަށެވެ. ކިޔުމުގެ މަސްއޫލިއްޔަތު އަޅުގަނޑުގެ ކޮނޑުގައި އަޅައިފީމެވެ. ރަޝީދު ބައްތި ހަދައިގެން ރޯކުރަނީއެވެ. އަނެއް ދެކުއްޖަކު ކަރުދާހުން ބައްތި ހަދަނީއެވެ.

މަސައްކަތް އޮވެގެން ކުރިއަށްދެއެވެ. މަޒުމޫނު ނިމެން ކައިރިވަނީއެވެ. އިރުކޮޅަކުން ނިމިއްޖެއެވެ. މިކަން މިގޮތަށް ކުރެވުނު ކަމަށްޓަކައި ޝުކުރުވެރިވާނީ ކާކަށްތޯ އެވެ. ކަށަވަރެވެ.


  1. އެންމެން ގޮތް ހުސްވެފައި ތިއްބާ ޚިޔާލުފާޅުކުރީ ރަޝީދެވެ. އޭނާ އެ ޚިޔާލު ފާޅުނުކުރިނަމަކަ އެގޮތަކަށް އެކަމެއް ނުކުރެވުނީސްކަން ކަށަވަރެވެ.
  1. ޚިޔާލުފާޅު ކުރެވުނު ނަމަވެސް ބައްތި ހަދާނެ ފޮތެއް ނެތް ނަމަ އެކަމެއްވެސް ނުވީހެވެ. ފޮތް އޮތީ ޒާހިރުގެ ޖީބުގައެވެ.
  1. ކަރުދާސް ހަދައިގެން ރޯކުރިނަމަވެސް އެހާ ވައިޖެހޭ އިރެއްގައި ނުނިވި ހުރެވޭނީ ކިހިނެއްތޯ އެވެ؟ ވައިނުޖެހޭހެން މުންޑުން ފޭލިގެއެއް ހަދައިދިނީ ބަންދު ސަލީމެވެ.
  1. ކޮންމެ ގޮތަކަށް ކޮންމެ ކަމެއްވިނަމަވެސް އެއަލިފާން ރޯނުކުރެވުނުނަމަ އެކަމެއް ނުވެވުނީހެވެ. އަދި އެގޮތަށް ކަރުދާސް ތައްޔާރު ނުކުރެވުނުނަމަ އެފަދަ ކަމެއް ނުވެސްވީހެވެ. ޝުކުރުވެރިވާނީ ކާކަށް ހެއްޔެވެ؟ އާދެ އަޅުގަނޑުގެ ނަޒަރުގައި އެދޯނީގެ ވަކަރުތައް ލިބުނުތާ ރުއްއިންދި ރުއްވެރިޔާއަށް ނުވަތަ ރުއްވެރިންނަށެވެ. ކޮންމެ މީހެއްގެ ނަޒަރުގައި ވެސް ޝުކުރުވެރިވާންވީ އެމީހަކަށެވެ. ރޭގެ ބަޠަލުގެ މަހާނައަށް އަލްވަދާޢު ކިޔުމަށްފަހު އެރަށުން ފުރައިގެން ނިޔާމަ ދަތުރެއްގައި މާލެ އާދެވުނުއިރު ފުރަމެންދަމުން ވަގުތު ވެއްޖެއެވެ.
  1. މުޙައްމަދު އަމީނުގެ މަހާނަފުޅަށް ޒިޔާރަތް ކުރުމަށް ކުރެވުނު ތާރީޚީ ދަތުރު ނިމުނީ އެވެ.

             އެ މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް ދެއްވާށިއެވެ! އަމީން!

     ————————————————————-

ނޯޓު: މި މަޒުމޫނު ނަގައިފައިވަނީ ޢަބްދުﷲ ޞާދިޤުގެ ފޮތް “ދަތުރުވާހަކަ 1” ންނެވެ.

About the author
Leave Comment