މިބައި ނަގައިފައިވނީ ފަތްތޫރަ މަޖައްލާގެ 142ވަނަ (ޖަނަވަރީ 1991)  ޢަދަދާއި 143 ވަނަ (ފެބުރުވަރީ 1991) ޢަދަދުންނެވެ. (5 ސެޕްޓެމްބަރުގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މަލިކުމީހުންގެ ދީން މަލިކުން ފެނިފައިވާ ގަދީމީ އާސާރުތަކަށް ބަލާއިރުވެސް މިހާރު މަލިކު އެބައެއްގެ ތެރޭގައި ހިމެނިފައިވާ ޔުނިއަން ޓެރިޓަރީ އޮފް ލަކްޝަދީބުގެ އެހެނިހެން ރަށްރަށާ މަލިކާ ވަރަށް ބޮޑު ތަފާތެއް އެބަ ހުއްޓެވެ. މަލިކަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅެއްކަމަށް ވުމާއެކު ރާއްޖެއެކޭ އެއްގޮތަށް މަލިކުން ފެނިފައިވާ ގަދީމީ އާސާރުތަކުންވެސް ސާބިތުވަނީ…

މިބައި ނަގައިފައިވނީ ފަތްތޫރަ މަޖައްލާގެ 142ވަނަ (ޖަނަވަރީ 1991)  ޢަދަދާއި 143 ވަނަ (ފެބުރުވަރީ 1991) ޢަދަދުންނެވެ.

(5 ސެޕްޓެމްބަރުގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)


މަލިކުމީހުންގެ ދީން

މަލިކުން ފެނިފައިވާ ގަދީމީ އާސާރުތަކަށް ބަލާއިރުވެސް މިހާރު މަލިކު އެބައެއްގެ ތެރޭގައި ހިމެނިފައިވާ ޔުނިއަން ޓެރިޓަރީ އޮފް ލަކްޝަދީބުގެ އެހެނިހެން ރަށްރަށާ މަލިކާ ވަރަށް ބޮޑު ތަފާތެއް އެބަ ހުއްޓެވެ.

މަލިކަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅެއްކަމަށް ވުމާއެކު ރާއްޖެއެކޭ އެއްގޮތަށް މަލިކުން ފެނިފައިވާ ގަދީމީ އާސާރުތަކުންވެސް ސާބިތުވަނީ ރާއްޖެއާއި މަލިކަކީ ބުދުދީނުގެ އަހުލުވެރިން ދިރިއުޅުނު ދެތަންކަމެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ މަލިކާއި ދިވެހިރާއްޖެއަކީ އެއްދީނެއްގެ އަހްލުވެރިން ދިރިއުޅުނު ތަނެއްކަމެވެ. އެއާޚިލާފަށް ލަކްޝަދީބުގެ އެހެނިހެން ރަށްރަށުން ފެނިފައިވާ އާސާރުތަކުން އެނގެނީ އެތާނގައި ކުރީގައި އޮތީ ހިންދުއިޒަމްކަމެވެ. އެހެންކަމާއެކު މަލިކުން ފެނިފައިވާ އާޘާރުތަކުންވެސް އަޅުގަނޑުމެންނާއި މަލިކުމީހުންނަކީ އެއް އަސްލެއްގެ އެއްނަސްލެއްގެ އެއްދީނެއްގެ ބައެއްކަން ސާބިތުވެއެވެ. މިއީވެސް ކެރެލާމީހުންނަށް ވުރެ ކުރިން މަލިކަށް ދިޔައީ ދިވެހީންކަމުގެ ސާފު ދަލީލެކެވެ.

މަލިކުގައި އިހުޒަމާނުގައި ހުރި އެންމެ ބޮޑު ބުދުކޯލު ހުރީ އަލޫޑީ އަވަށުގެ ތުއްދާތިފާނުގޭ އަތިރި ފަރާތުގައެވެ. މަލިކުގެ އަރަކަތު މިސްކިތް ހުންނަނީ އިހުގެ ބޮޑު ބުދުކޯލު ހުރި ތާނގައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ރާއްޖެ އިސްލާމްވުމަށްފަހު ކުރީގެ ބުދުކޯލުތައް ހުރި ތަންތާނގައި މިސްކިތްތައް ބިނާކޮށްފައި ވެއެވެ. މާލޭ ދަރުމަވަންތަ ރަސްގެފާނު މިސްކިތް ފަދަ މިސްކިތްތަކެވެ. މަލިކު ފަލައްސޭރި އަވަށުގެ ބުދުކޯލު ހުރި ތަނަކީ އިހުގައި ނައިބުދުކޯލު ހުރި ތަނެވެ. އެގޭގެ މަގުމަތީގައި ހުންނަ ވަޅަކީ، އިހުގެ ބުދުކޯލުގެ ވަޅެވެ.

މަލިކު ފުއްޓަރު ފަރާތުގައި ހުންނަ ކުންނުތަކުގެ ތެރެއިން އެތަންތާނގެ ދަށުގައި ބޮޑެތި ވަޅުތައް ހުރި ގިނަ ތަންތަނަކީ އިހުގައި ބުދުކޯލުތައް ހުރި ތަންތަނެވެ. އަލޫޑި މަގު އަރެއްޕާލި ކުންނުގެ ދެކުނުފަރާތު މިހާރު އޮތް މަގުމަތީގައި އިހުގައި ބުދުކޯލެއް ހުއްޓެވެ. އެތަނުން 1982 ގައި ބުއްދާގެ ބޯ ފެނުނު ކަމުގައި މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ ބުނުއްވައެވެ. ހަމަ އެފަދައިން މަލިކު ދޮންކުންނުގޭ މެދުގޯތިތެރެއިންވެސް ބުދުކޯލެއްގެ ބިންގާ ފެންނަން އެބައޮތެވެ.

ކުރީ ޒަމާނެއްގައި މަލިކުގައި ބުދުދީން އޮތްކަމުގައި ވިޔަސް މިހާރު މަލިކުގެ އަހްލުވެރީންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީނެވެ. އެމީހުންގެ މަޒްހަބަކީ ޝާފިޢީ މަޒުހަބެވެ. ލަކްޝަދީބާމެދު އިންޑިޔާގެ ރަސްމީ ދާއިރާތަކާއި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަންގެ ފަރާތުން ލިޔާލިޔުންތަކާއި އެ ލިޔުންތަކުގެ މައްޗަށް ބުރަވެ ބޭރުގެ ބައެއް ލިޔުންތެރީން ލިޔެފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވަނީ “މަލިކު އިސްލާމްވީ ދިވެހިރާއްޖެއާ އެއްދުވަސްވަރެއް ގައި” ކަމުގައެވެ.

ޝައްކެއް ނެތެވެ. މަލިކު އިސްލާމްވެފައިވަނީ ރާއްޖެއާ އެއްދުވަސްވަރެއްގައެވެ. އަދި ކީއްތޯއެވެ. އޭރު މަލިކަކީ ރާއްޖޭގެ އެއް އަތޮޅުކަމުގައި ވުމާއެކު މަލިކު އިސްލާމްވީ ރާއްޖެއާ އެކުގައެވެ. އެހެންކަމުން ރަނގަޅު ގޮތަކީ މަލިކު އިސްލާމްވީ ރާއްޖެއާ އެކުގައޭ ބުނުމެވެ. މަލިކާއި މުޅި ރާއްޖެ އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވީ ބޭކަލެއް ކަމުގައި ރަސްމީ ގޮތުން ޤަބޫލުކުރެވިފައިވަނީ އަބުލް ބަރަކާތުލް ބަރުބަރިލް މަޣުރިބީއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެބޭކަލަކީ މައުލާނަލް ޙާފިޡް އަބުއްރިކާބު ޔޫސުފު ޝަމްސުއްދީނުއް ތަބްރޭޒީ އެވެ. އިބްނު ބަޠޫޠާ ލިޔެފައިވާ ލިޔުމެއް ފިޔަވައި ރާއްޖޭގައި ފެންނަންހުރި ތާރީޚީ ހެކިތަކާއި ދޫދޫމަތިން ވާރުތަވެފައިވާ ވާހަކަތަކުން ލިބޭ ޤަރީނާތަކާއި 1374. 11. 19ހ. ވީ އާދީއްތަ ވިލޭރޭ ދާރުލް ޢުލޫމުގައި ބޭއްވުނު ރައްޔިތުންގެ މަޖްލިސްގެ ޖަލްސާއަކުން ޔޫސުފު ޝަމްސުއްދީނުއް ތަބްރޭޒީގެ އަހަރުމަތިފުޅު ކިޔެވުމަށް ފާސްކޮށްފައިވާ ފާސްކުރުމުން ގަދަ ހެކި ލިބެނީ މިގޮތަށެވެ. ރާއްޖެ އިސްލާމްވީއިރު ރާއްޖޭގެ ތަޚްތުގައި އިންނެވީ އައްސުލްތާން މުޙައްމަދު ބުނު ޢަބްދުﷲ ސްރީބަވަނާދީއްތަ މަހާރަދުން އާދެ، ދަރުމަވަންތަ ރަސްގެފާނެވެ.

ދިވެހިރާއްޖެ (މަލިކާއެކު) އިސްލާމްވީ 2 ރަބީޢުލްއާޚިރު 548 ހ. ގައެވެ. މިއީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މަލިކުގެ އަޚުން އެއްގޮތެއްގައި ހިއްސާ ކުރަން ޖެހޭ ތާރީޚުގެ ބައެކެވެ.

ރާއްޖޭގެ އެހެނިހެން އަތޮޅުތަކެކޭ އެއްފަދައިން މަލިކު އިސްލާމް ވުމަށް ފަހު މަލިކުގައި ވެސް އޮތީ މާލިކީ މަޒުހަބެވެ. ދިވެހީން ޝާފިޢީ މަޒުހަބު އިޚްތިޔާރުކުރީ އައްޝައިޚް މުޙަންމަދު ޖަމާލުއްދީނު (ވާދޫ ދަންނަކަލޭގެފާނު)ގެ ތަޢުލީމުގެ ސަބަބުންނެވެ.

މަލިކުގެ މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ ބުނުއްވާ ގޮތުގައި މަލިކުމީހުން ޝާފިޢީ މަޒުހަބު ޚިޔާރުކުރީ ކަންނަންނޫރުގެ ހޮޅި މުސްލިމުންގެ ސަބަބުންނެވެ. އޭނާ އެހެން އެ ބުނުއްވަނީ ރާއްޖެ ޝާފިޢީ މަޒުހަބު އިޚްތިޔާރުކުރި ދުވަސްވަރު މަލިކު އޮތީ ވަގުތީ ގޮތުން ޢަލިރާޖާގެ ދަށުގައި ކަމަށް ވާތީއެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ހޮޅިންގެ ސަބަބުން މަލިކަށް އެއްވެސް ބާވަތެއްގެ ދީނީ އަސަރެއް ފޯރާފައެއް ނެތެވެ.  އޭގެ ހެއްކަކީ މަލިކު މީހުން އެއްވެސް ޒަމާނެއްގައި ދީން ދަސްކުރުމަށް ޓަކައި މަލަޔާޅަމް ބަސް ބޭނުންކޮށްފައި ނުވާ ކަމެވެ.  އަނެއް ހެއްކަކީ ބޮޑުތަކުރުފާނުގެ ދައުރާއި ކަލާފާނުގެ ދައުރުގައި ވެސް މަލިކުގެ މައްޗަށް ރާއްޖޭގެ ނުފޫޒު ނުހަނު ގަދަކަމާއި އޭގެ ފަހުން ވެސް ދިވެހި ރަސްރަސްކަލުން މަލިކު މިނިވަންކުރައްވައި ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި ގެންގުޅުއްވައިފައިވުމާއި، ފެށުނީއްސުރެ މިއަދާ ހަމަޔަށްވެސް މަލިކު މީހުން ދީން ދަސްކުރަމުން ގެންދަނީ ރާއްޖޭގައި ލިޔެވޭ ފޮތްފޮތުން، ދިވެހިބަހުން ކަމުގައިވާ ކަމެވެ. އަޅުގަނޑުވެސް އެއްބަހެވެ. މަލިކުމީހުން ޝާފިޢީ މަޒުހަބު ޤަބޫލުކުރުމުގައި ކަންނަންނޫރު މީހުންނަކީ ވެސް ޝާފިޢީން ކަމުގައިވުމުން އިތުރު މައްސަލަތަކެއް ކުރިމަތިނުވެ ދިއުމަކީވުން އެކަށީގެންވާ ކަމެކެވެ.

ތެދުތެދަށް ދަންނަވާނަމަ އެއްވެސް އިރެއްގައި މަލިކުގެ ޢާންމުން ތިބެނީ އަކީ އެމީހުންނަކީ މުސްލިމުންކުރެ ކޮން މަޒުހަބެއްގެ ބައެއްކަން އެނގޭ ފަދަ ދީނީ ހޭލުންތެރިކަމެއް ގައެއް ނޫނެވެ. ވާދޫ ދަންނަކަލޭގެފާނު މާލެ ވަޑައިގެންނެވިއިރު މަލިކު ފިޔަވައި ދިވެހި ރާއްޖޭގެ އެހެން އަތޮޅުތަކުގެ މީހުންނާއި މާލޭ މީހުންވެސް ތިބީ އެފަދަ ޙާލެއްގައެވެ. އެހެން ކަމުން އެކަލޭގެފާނުގެ ތަޢުލީމުން ދިވެހީންގެ (މަލިކުމީހުންވެސް ހިމެނޭ ގޮތުން) މަޒުހަބު ބަދަލުވެގެން ދިޔައީ އެއްވެސް ކަހަލަ މަޒުހަބީ ހަމަނުޖެހުމަކާ ނުލައެވެ.

މަލިކު އިސްލާމްވުމަށް ފަހު މަލިކުގައި މިހާރުވަނީ ވަރަށް ގިނަ މިސްކިތްތައް ޢިމާރާތް ކުރެވިފައެވެ. ނަމަވެސް އެންމެ މުހިންމު ދެމިސްކިތަކީ މާމިސްކިތާއި ބާޑަމިސްކިތެވެ. މަލިކުގައި ހުކުރުކުރަނީ އެ ދެ މިސްކިތުގައެވެ. މިހާރު މަލިކުގައި 23 މިސްކިތް އެބަހުއްޓެވެ. އެ މިސްކިތްތަކަކީ:

1 . ކޮޅުމިސްކިތް                 ފަލައްސޭރި އަވަށުގައި


 1. ކޮށީމަގު މިސްކިތް     ފަލައްސޭރި އަވަށުގައި
 2. އީސަ މިސްކިތް      ކުދެހި އަވަށުގައި
 3. ބަންޑާރަމިސްކިތް      ކުދެހިއަވަށުގައި
 4. ގިރުވައިމިސްކިތް      ފުންހިލޯޅު އަވަށުގައި
 5. މާމިސްކިތް      ފުންހިލޯޅު އަވަށުގައި
 6. ކުޑަމިސްކިތް/އައުމިސްކިތް      ފުންހިލޯޅު އަވަށުގައި
 7. ބިއްދަށުމިސްކިތް      އަލޫޑިއަވަށުގައި
 8. އޯނދުމިސްކިތް      އަލޫޑިއަވަށުގައި
 9. އަރަކަތުމިސްކިތް      އަލޫޑިއަވަށުގައި
 10. މުށިމިސްކިތް      އަލޫޑިއަވަށުގައި
 11. ރާތީބުމިސްކިތް      ޝޭޑިވަޅު (ބޮޑުރަށްމެދުގައި)
 12. ރަށްމެދުމިސްކިތް      ރަށްމެދު އަވަށުގައި
 13. ސަރުމައްޓިމިސްކިތް      ރަށްމެދު އަވަށުގައި
 14. އުޑިންނަމިސްކިތް      ޝޭޑިވަޅު އަވަށުގައި
 15. ކަންޑަމާތުމިސްކިތް      ބޮޑުއަތިރި އަވަށުގައި
 16. ދޮންބިމިސްކިތް      ބޮޑުއަތިރި އަވަށުގައި
 17. ބަޑިފާލުމިސްކިތް    އައުމަގު އަވަށުގައި
 18. ގިބުލަމިސްކިތް/ފުޅިބަލާމިސްކިތް     އައުމަގު އަވަށުގައި
 19. ބާޑަމިސްކިތް     ބާޑަ އަވަށުގައި
 20. އައްޑުކާމިސްކިތް      ބާޑަ އަވަށުގައި
 21. އޮޑިވަޅުމިސްކިތް      ބާޑަ އަވަށުގައި
 22. ބަނޑާރަމިސްކިތް/ބަދްރު މިސްކިތް     ބާންޑަރަގަނޑުގައި

މިތޭވީސް މިސްކިތެވެ. މިމިސްކިތްތަކުގެ ތެރެއިން ޝޭޑިވަޅު ރާތީބު މިސްކިތަކީ (ލިސްޓުގެ 12 ވަނަ ޔަށް) އަޅުގަނޑުމެންގެ ޤައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމަށް މަލިކު ރައްޔިތުން އަޅައިދިން މިސްކިތެވެ. އެރަދުން ހުންނެވުމަށް މަލިކު ރައްޔިތުން އަޅައިދިން ގެ(ދިވެހިގަނޑުވަރު) އާ އިންވެގެންނެވެ. ޝޭޑިވަޅު ރާތީބު މިސްކިތަކީ ވަރަށް ކުޑަ މިސްކިތެކެވެ. މިސްކިތާ ގުޅިގެން ހިސާބަކަށް ހުސްބިންވެސް އެބައޮތެވެ. އެހެންކަމުން މަލިކުގެ އަޚުންނާއި އުޚުތުން އަޅުގަނޑުމެންގެ ޤައުމީ ބަޠަލަށް ބެހެއްޓި އިޙްތިރާމާއި، އެހީތެރިކަމާއި، ކަމޭހިތުމަށް ޝުކުރުވެރިވުމުގެ ގޮތުން ދިވެހި ރައްޔިތުން އެމިސްކިތް ރަނގަޅު ފެންވަރަކަށް ހަދައިދެވޭތޯ ބެލުން ރަނގަޅެއް ނުވާނެބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. މިއީ އެމިސްކިތް ފެނި އެމިސްކިތުގައި ނަމާދުކުރުމުގެ ނަސީބު ލިބުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރެކެވެ.

މަލިކުގެ އެންމެ މުހިންމު މިސްކިތަކީ މާމިސްކިތެވެ. އެމިސްކިތުގެ އަހަންމިއްޔަތު އިތުރުވެފައިވަނީ ހަމައެކަނި މަލިކުގެ އެންމެ ބޮޑު މިސްކިތުގެ ހައިސިއްޔަތަކުން ނޫނެވެ. އަދި ކީއްތޯއެވެ. މަލިކުމީހުންގެ ދީނީ ހުރިހާ ކަމެއް ބަލަހައްޓާ އިދާރާގެ ވެސް ހައިޘިއްޔަތުންނެވެ. އެއީ އެމީހުންގެ ތެރޭގައި ދީނީ ޙުކުމްތައް ހާމަކޮށްދޭ އިދާރާއެވެ. ޝަރުޢީ ގޮތުން ނިންމަން ބޭނުންވާ މައްސަލަތައް ނިންމާ ކޯޓެވެ. މަލިކުގެ ދީނީ ހުރިހާ ކަމެއް ބަލަހައްޓަވާ ކަތީބުގެ އޮފީހަކީ މާމިސްކިތުގެ ވިތުރިގެއެވެ. މަލިކުމީހުންގެ ކާވެންޏާއި ވަރީގެ ކަންތައް ބެލެހެއްޓުމާއި، މަރުވާމީހުން ވަޅުލުމުގެ މަސްއޫލިއްޔަތާއި، މުދާބަހައިދިނުމާއި، މިބާވަތުގެ ހުރިހާކަމެއް ހިނގަމުންދަނީ މާމިސްކިތުގެ ވިތުރިގެއިންނެވެ. ކަތީބުގެ ބެލުމުގެ ދަށުންނެވެ.

ކަތީބުގެ ދަށުގައި އޭނާއާ އެހީވާނެ މުވައްޒަފުން ތިބެއެވެ. މުދިމުންނާއި ދޭވާނީންނާއި ބަނޑޭރީންނެވެ. އިހުގައި މަލިމުންވެސް ތިބި ކަމަށް ވެއެވެ. ކަތީބުގެ މުވައްޒަފުންނަށާއި ކަތީބަށްވެސް މުސާރަދެވެނީ މާމިސްކިތުގެ ބިންތަކުގެ އާމްދަނީއިންނެވެ. ނުވަތަ ބިންތަކުންނެވެ. ކަތީބަށް މީހަކު މައްސަލައެއް ހުށަހަޅައިފިނަމަ ދޭވާންޏަކު މެދުވެރިކުރައްވައި އެމީހަކު ޙާޟިރުކުރައްވަނީއެވެ. އިހުގައި ރާއްޖޭގެ ފަނޑިޔާރުގެއާއި ނާއިބުގޭގައި ކަންތައް ހިނގާ ބީދައިންނެވެ.

މަލިކަކީ ލިޔެވިފައިވާ ތާރީޚެއް އޮތް ރަށެއް ނޫނެވެ. މަލިކުމީހުން އެމީހުންގެ އަމިއްލަ ރާއްޖެއާ، އެއްނަސްލެއްގެ، އެއްދީނެއްގެ، އެއްބަހެއްގެ، އެއް ތަހުޒީބެއްގެ، އެއް ތާރީޚެއްގެ އަހުލުވެރި އަޚުން އުޚުތުންނާ ވަކިވެ ކަންނަންނޫރުގެ ދަށަށް ގޮސްފައިވަނީ ދިވެހިރާއްޖޭގައި ވެސް ލިޔުމާއި ޗާޕްކުރުމުގެ ދައުރު ފެށުމުގެ އެތަކެއް ޤަރުނު ކުރިންނެވެ. މަލިކުގައި އަދިވެސް ތާރީޚު ލިޔުމާއި، ތާރީޚު ހޯދާބަލައި ދިރާސާކުރުމުގެ ދައުރެއް ނާދެއެވެ. އެހެންކަމާއެކު މަލިކުގެ ކަތީބުކަމުގެ މަގާމު ފުރައިފައިވާ މީހުންގެ ނަންތަކާއި، އެމީހުން އެމަގާމު ފުރައިފައިވާ ދުވަސްވަރާ ބެހޭގޮތުންވެސް މާ ތަފްޞީލު މަޢުލޫމާތުތަކެއް ލިބޭކަށް ނެތެވެ. ތިރީގައި މިވަނީ މަލިކުގެ ކަތީބުކަން ކުރެއްވި ބޭކަލުންގެ ތެރެއިން މިހާރު ނަން އެނގޭ ބޭކަލުންގެ ލިސްޓެކެވެ. މިލިސްޓް އަޅުގަނޑަށް ދެއްވީ މަލިކުގެ ކަތީބު މައުލަވީ ޢަލީ އިސްމާޢީލު ޢުމަރީއެވެ. އަޅުގަނޑު މަލިކާ ބެހޭ ގޮތުން ލިޔާ ލިޔުންތަކުގައި ހިމެނޭ ވަރަށް ގިނަ މަޢުލޫމާތުތަކަކީ އޭނާއާއި ފުރައްކާޑު މޫސާ އަންވަރާއި އަޅުގަނޑުގެ އެކުވެރި އެފް.ޖީ.މުޙަންމަދާއި އަތިރީގަނޑުވަރު މުޙަންމަދު މަނިކުފާނާއި ކޭ.ޖީ. މުޙަންމަދު ދެއްވި މަޢުލޫމާތުތަކެވެ. އެހެން ކަމާއެކު އަޅުގަނޑުގެ ހިތުގެ އަޑިން އެބޭކަލުންނަށް ޝުކުރުވެރިވަމެވެ.


 1. މުދްލިޔާރު                                              5.1935. 12 ގައި
 2. އިބްރާހީމްކުއްޓި                                         1936 . 31 ގައި
 3. މުދްލިޔާރު.                                            1936 .3. 31 ގައި
 4. އައުއިޑިޔައްކަލް މުޙަންމަދުމަނިކުފާނު.                1936  3. 22 ގައި
 5. އައުއިޑިޔައްކަލް ޢަލިމަނިކުފާނު                          8.11.1939 ގައި
 6. ސައްޔިދު ޢަލީބިން މުޙަންމަދު ޢައްޠާސް               1939.11. 20 ގައި
 7. އައުއިޑިޔައްކަލް މޫސާމަނިކުފާނު                       1939. 11. 26 ގައި
 8. ސައްޔިދު ޢަލީބިން މުޙަންމަދު ޢައްޠާސް             1941. 5. 21 ގައި
 9. މުދްލިޔާރު                                              1941. 5 . 25 ގައި
 10. ޢަބްދުއްރަޙްމާން ކުއްޓި (އުއްޕިއްޗަ)                    1942 .3. 20 ގައި
 11. މުދްލިޔާރު                                               1942 . 4. 7 ގައި
 12. ޢަބްދުއްރަޙްމާން ކުއްޓި                                 1942. 5. 27 ގައި
 13. ވަޅުމައުގޯތި ދޮންކޮއިފުޅު (ނައިބެއްގެ ގޮތުން)           1942 . 9. 10 ގައި
 14. ޢަބްދުއްރަޙްމާން ކުއްޓި                                 1942 . 10. 13 ގައި
 15. މުދްލިޔާރު                                               1934 .3. 28 ގައި
 16. ޢަބްދުއްރަހްމާން ކުއްޓި                                1943 .9. 16 ގައި
 17. ޕީ.ވީ.ޙަސަން ކުންޏި                                    1946. 4. 18 ގައި
 18. ޢަބްދުއްރަޙްމާން ކުއްޓި                                 1946 . 5. 19 ގައި
 19. އިޑިޔައްކަލް ދޮންމަނިކުފާނު                             1946 .6. 16 ގައި
 20. ޢުމަރު މަނިކުފާނު                                        1946 .6. 16 ގައި
 21. ޢުމަރުބިން މުޙައްމަދު (ޢުމަރު މަނިކުފާނު)              1947. 10. 12 ގައި
 22. ޢަބްދުއްރަޙްމާން ކުއްޓި                                1947. 10. 31 ގައި
 23. އިޑިޔައްކަލް ދޮންމަނިކުފާނު                             1947. 12. 16 ގައި
 24. މުދްލިޔާރު                                                1948. 1. 4 ގައި
 25. އިޑިޔައްކަލް ދޮންމަނިކުފާނު                             1948 .5. 7 ގައި
 26. ފުރައްކާޑު މުޙަންމަދު މަނިކުފާނު                         1951 .2. 3 ގައި
 27. ޢަބްދުއްރަހްމާން ކުއްޓި                                   1951 . 8. 16 ގައި
 28. ފުރައްކާޑު މުޙަންމަދު މަނިކުފާނު                          1952 . 1. 11 ގައި
 29. ފެންގެންނަގޯތީ މައުލަވީ ޙުސައިން                        1972 . 2. 13 ގައި
 30. އަތިރީގޯތީ މުޙަންމަދު މަނިކުފާނު                           1977 .1. 6 ގައި
 31. ދޮންފާންދާތަގޭ މައުލަވީ މުޙަންމަދު ޢުމަރީ                  1980. 4. 2 ގައި
 32. މައުގަސްދޮށުގޯތި މައުލަވީ ޢަލީ އިސްމާއީލު ޢުމަރީ          1984. 5. 24 ގައި

މިލިސްޓުން ފެންނަ ގޮތުގައި ކަތީބުންގެ މަޤާމަށް ވަރަށް އަވަސްއަވަހަށް ބަދަލު އައިސްފައި ވެއެވެ. އަދި އެކަކު އެތައް ފަހަރަކު ކަތީބުކަމުގެ މަގާމު ފުރައިފައިވެއެވެ. މައުލަވީ ޢަލީ އިސްމާޢީލް ބުނުއްވާ ގޮތުގައި މިލިސްޓު ތަރުތީބު ކުރައްވާފައި މިވަނީ މާމިސްކިތުގެ ރެކޯޑްތަކުގައި ހުރި ކާވެނީގެ ރަޖިސްޓަރީތަކުން ބައްލަވައިގެންނެވެ. އެހެންކަމާއެކު މަޤާމުގައި ހުންނަ މީހާ ޗުއްޓީއެއް ނެގުމުން އައު މީހަކު ޙަވާލުވެފައި ވަނީ ކަމަށްވެސް ވެދާނެއެވެ. ހަމަ އެފަދައިން މަލިކުމީހުންގެ އިޢުތިޤާދު ހުންނަ ގޮތުން މަސްވެރިކަން ދެރަވެއްޖެ ނަމަ އޭގެ ސަބަބަކީ ކަތީބުގެ ކިބައިގައި ހުރި ކޮންމެވެސް އުނިކަމެއް ކަމުގައި ބަލައި ކަތީބު ބަދަލުކޮށްފައި ވެސް އެބަހުއްޓެވެ.

ކޮންމެއަކަސް މިލިސްޓަކީ މުސްތަޤްބަލްގައި މަލިކުގެ ތާރީޚު ލިޔާ ބަޔަކަށް އެހީއަކަށް ވާނެކަމީ ޝައްކެއްވެސް ހުރި ކަމެއް ނޫނެވެ.

މަލިކުގެ މިސްކިތްތައް ބަލަހައްޓަނީ އެމިސްކިތްތަކުގެ ބޯގައާއި މިސްކިތަށް ކުރެވިފައިވާ ވަގުފުތަކާއި މިސްކިތުގައި ބަހައްޓާފައި ހުންނަ ޚައިރާތު ފޮށްޓަށް އެކިމީހުންލާ ފައިސާއިންނެވެ. ލަކްޝަދީބުގެ ވަގުފުބޯޑުގެ މަލިކު އޭރިޔާގެ ކޮމިޓިގެ ޗެއާމަނަކީ މާމިސްކިތުގެ ކަތީބެވެ.

މަލިކަކީ މިހާރު ޣައިރުމުސްލިމުންނަށް އަޣުލަބިއްޔަތު އޮތް ގައުމެއްގެ ދަށުގައި އޮތް ރަށެއް ކަމުގައި ވުމާއެކު މަލިކުގައި ދީނީ ޙުކުމްތައް ތަންފީޒެއް ނުކުރެވެއެވެ. ޒިނޭކުރުން ރާބުއިން ފަދަ ދީނުގައި ޙައްދުކަނޑައެޅިފައިވާ ކުށްތައްކުރާ މީހުންގެ މައްޗަށް ދީނީ ޙައްދުތަކެއް ނުހިންގެއެވެ. އިސްލާމީވެރިކަމެއްގެ ފަރާތުން ލިޔުމަކުން ހުއްދަ ލިބިފައިވާ ނިޔާވެރިއެއް ނެތި ޙައްދުތައް ތަންފީޒުކުރެވެން ނޯންނާތީ ކަމުގައި ކަތީބު މައުލަވީ ޢަލީ އިސްމާޢިލު ބުނުއްވިއެވެ. ނަމަވެސް އިހުޒަމާނުގައި މަލިކުގައި މީހަކު ޒިނޭކޮށްފިނަމަ ވިތުރިގެއިން ސަތޭކަ އެތިފަހަރުން ތަޢުޒީރު ކުރެވެއެވެ. ޒިނޭކުރުމަށް ފަހު އެކަން ނާންގައި ރަށުން ބޭރަށް ހިނގައްޖެ ނަމަ އެނބުރިއައުމަށް ފަހު ގެޔަށް ދެވޭނީ ވިތުރިގެއިން ތަޢުޒީރުކުރެވިގެންނެވެ. އެފަދަ މީހަކު ރަށުން ބޭރަށް ގެންދިޔަ އޮޑިއެއްގެ މީހުންވެސް ފަސްފަހަރުން ތަޢުޒީރު ކުރެވެއެވެ.

މީގެ އިތުރަށް ނަހަލާލު ދަރިޔަކު ވިހައިފިނަމަ އެކަމާގުޅޭ އަންހެންމީހާ އާއި ފިރިހެންމީހާ ކަނބޯގޯތީގެ އިރުމަތިން މައިމަގުކައިރީ ހުންނަ ކަނދިއަށީގައި ހެނދުނުއްސުރެ އިރުއޮއްސެންދެން ބައިންދައެވެ. އެމީހުން ވީއްލޭނީ ހަމައެކަނި ކާ ވަގުތުވަގުތަށެވެ. އެ ނޫން ވަގުތަކު ކަނދިއަށިން ނިކުމެގެން ހިނގައްޖެ ނަމަ ހޯދައިގެން ގެންގޮސް ބައިންދައެވެ. މިގޮތުން އާދައިގެ މީހުން ބައިތިއްބަނީ ތިން ދުވަހުއެވެ. ނަމަވެސް ބޮޑުން ހަ ދުވަސްވަންދެން ބައިތިއްބައެވެ. މިކަން ހުއްޓާލެވުނީ 1951. 5. 28 ގައި ކަމަށް މައުލަވީ ޢަލީ ޢިސްމާޢިލް ޢުމަރީ ބުނުއްވައެވެ.

ކޮންމެއަކަސް ހައްދުތައް ތަންފީޒުކުރެވެމުން ނުދިޔުމާއެކުވެސް މަލިކުގައި ޒިނޭ ވަރަށްވެސް މަދެވެ. އެމީހުންގެ ދީނީ ހޭލުންތެރިކަން ކުޑަކަމާއި ދީނީ ޙައްދުތައް ނުހިންގޭ ތަނަކަށްވުމާއެކުވެސް އެކަން އެގޮތަށް ހިފެހެއްޓިފައި އޮންނަކަމީ ތާރީފު ހައްޤުކަމެކެވެ.

އިންޑިޔާ ސަރުކާރުން މަލިކުގައި ހިންގާ މަދަރުސާތަކުގައި ދީން ކިޔަވައިދިނުމެއް ނޯވެއެވެ. މަލިކުމީހުންގެ އަމިއްލަބަހުން ދީނީފޮތްތައް ލިޔެ ޗާޕުކުރުމުގެ މަގުތަކެއްވެސް ފަހިވެފައެއް ނެތެވެ. އެހެންކަމާއެކު ޒުވާނުންނަށް ދީން ނޭނގުމުގެ މައްސަލައަކީ މިހާރު މަލިކަށް ކުރިމަތިވެފައިވާ އެންމެ ނާޒުކު މައްސަލައެވެ.

މަލިކުގައި ތިއްބަވާ މައުލަވީން ދީނީ ތަޢުލީމުދޭ ތިން މަދަރުސާއެއް ހިންގަވައެވެ. އެތަންތާނގެ ކިޔެވުން އޮންނަ ވަގުތުގެ ގޮތުންނާއި، އެތަންތަނުން ލިބެން ހުންނަ ފަސޭހަތަކުގެ މަދުކަމާއި ބެލެނިވެރީންގެ ފަރުވާކުޑަކަމާ މިފަދަ ސަބަބުތަކާ ހުރެ ނިކުންނަންވީ ނުވަތަ ނިކުތުން އެދެވޭ ނަތީޖާއެއް ނިކުންނަމަކުންނެއް ނުދެއެވެ. އެހެންކަމާއެކު، މަލިކުގެ ދީނީ މުސްތަޤްބަލް ވަރަށް ބަނަކަމުގައި ހިތާމަޔާއެކު ފާހަގަކުރަން ޖެހެއެވެ.

ތެދުފެޅެކެވެ. މާތްވެގެންވާ އިސްލާމްދީނަކީ މާތް ﷲގެ ނޫރުފުޅެވެ. ކާފަރުން އެދެނީ އެމީހުންގެ އަނގަތަކުން ފުމެ އެނޫރުފުޅު ނިއްވައިލުމަށެވެ. ނަމަވެސް އެމީހުން ނުރުހުނުކަމުގައިވިޔަސް މާތް ﷲ އެނޫރުފުޅު ފުރިހަމަ ކުރައްވާނެއެވެ. މިއީ އަޅުގަނޑުމެންގެ އީމާނެވެ. އަޅުގަނޑުމެންގެ ހިތުގައި އުންމީދު އުފައްދައިދޭ ސިއްރެވެ.

               ————————————-


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment