ދިވެހިރާއްޖޭގެ ކަނޑާއި ފަޅާ ބެހޭ ގޮތުންނާއި ޢާންމުކޮށް ރާއްޖެއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ބޭނުންކުރެވޭ ޚާއްޞަ އިޞްތިލާޙީ ނަންތަކެއް ހުރެއެވެ. އެނަންތަކުން ދޭހަވާ ފުރިހަމަ މާނަ އޮޅުންފިލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެނަންތަކަކީ: ކަނޑު: ކަނޑަކީ ޢާންމުގޮތެއްގައި، ފުންކަމުން އަޑިނޭނގޭ ލޮނުގަނޑަށް ކިޔާ ނަމެކެވެ. މިގޮތުން ބަލާއިރު އަޅުގަނޑުމެން ދުނިޔެއޭ މިކިޔާ ބޯޅައިގައި ހިމެނޭ ފުންލޮނުގަނޑަކީ ކަނޑެވެ. ނަމަވެސް ރާއްޖޭގެ ޖިއޮގްރަފީގެ އިޞްތިލާޙުގައި ކަނޑަކީ ރާއްޖޭގެ އެއްއަތޮޅު އަނެއްއަތޮޅާ ވަކިކުރާ ޠަބީޢީ ހުރަސްތަކެވެ. [އެތެރެވަރި] އާއި…

ދިވެހިރާއްޖޭގެ ކަނޑާއި ފަޅާ ބެހޭ ގޮތުންނާއި ޢާންމުކޮށް ރާއްޖެއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ބޭނުންކުރެވޭ ޚާއްޞަ އިޞްތިލާޙީ ނަންތަކެއް ހުރެއެވެ. އެނަންތަކުން ދޭހަވާ ފުރިހަމަ މާނަ އޮޅުންފިލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެނަންތަކަކީ:


ކަނޑު:

ކަނޑަކީ ޢާންމުގޮތެއްގައި، ފުންކަމުން އަޑިނޭނގޭ ލޮނުގަނޑަށް ކިޔާ ނަމެކެވެ. މިގޮތުން ބަލާއިރު އަޅުގަނޑުމެން ދުނިޔެއޭ މިކިޔާ ބޯޅައިގައި ހިމެނޭ ފުންލޮނުގަނޑަކީ ކަނޑެވެ. ނަމަވެސް ރާއްޖޭގެ ޖިއޮގްރަފީގެ އިޞްތިލާޙުގައި ކަނޑަކީ ރާއްޖޭގެ އެއްއަތޮޅު އަނެއްއަތޮޅާ ވަކިކުރާ ޠަބީޢީ ހުރަސްތަކެވެ. [އެތެރެވަރި] އާއި ކަނޑާހުރި އެއްތަފާތަކީ އޮއިވަރުގެ ތަފާތެވެ. އަނެއް ތަފާތަކީ އެތެރެވަރި ތިލަކަމެވެ. އަނެއްތަފާތަކީ ޢާންމުކޮށް އެތެރެވަރީގައި ކަޅުބިލަމަސް ތިލަނުވާ ކަމެވެ.

ރާއްޖޭގައިވާ މަޝްހޫރު ކަނޑުކަނޑަކީ ކާށިދޫކަނޑާއި، ބަރަވެލިކަނޑާއި، ހައްދޫކަނޑާއި، ހުވަދޫކަނޑެވެ. މިފަދަ ކަނޑެއްގައި ދުއްވަމުން ގޮސް އަތޮޅަކާ ކައިރިވެވޭނީ އެއަތޮޅެއްގެ ރަށްރަށުގެ ފުއްޓަރު ފަރާތުންނެވެ. ވަދެވޭނީ ކަނޑުއޮޅިޔަކުންނެވެ.


އަތޮޅު:

އަތޮޅަކީ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައެކެވެ. މީގެތެރެއިން ގިނަބައިބައި ހުންނަނީ އެއްބައި އަނެއްބަޔާ މުޅީން ވަކިވެފައެވެ.


ހާ:

ހަލަކީ އަތޮޅެއްގެ އެތެރެވަރީގައި، ވަށައިގެން ތިލަ ކައިރިފަށެއް އޮތުމާއެކު އެތެރެ ފުންކޮށް ހުންނަ ތަންތަނެވެ.


ގިރި:

ގިރިއަކީ އެތެރެވަރީގައި ނުވަތަ ފަޅުފަޅާއި ވިލުވިލުތެރޭގައި ތިލަކޮށް، ހިކިފައި، ނުވަތަ ފެންމައްޗަށް ނުހިކޭ ގޮތަށް އެއްތަނެއްގައި ހެދިފައި ހުންނަ ގާތަކެވެ. ނުވަތަ މުރަކަތަކެވެ.


ތިލަ:

ތިލައަކީ މާކަނޑުތެރޭގައި ނުވަތަ އެތެރެވަރީގައި، ހަލަށްވުރެ ފުންކޮށް ހުންނަ ތަންތަނެވެ.


ވަނި:

ވަންޏަކީ ފުއްޓަރުގައި ގޮނިގޮންޏަށް ވަދެފައި ހުންނަ އޮއި ހެޔޮ، ވަތްހެޔޮ ތަންތަނެވެ.


ފަރު:

ފަރަކީ އެތެރޭގައި ފަޅެއް އޮންނަ ގޮތަށް ފަޅުގެ ވަށައިގެން ނުވަތަ ކަނޑާއި ފަޅު މައްޗާ ދެމެދުގައި އުފެދިފައިވާ ތޮށްޓެވެ.


ފަޅު:

ފަޅަކީ ރަށްރަށުގެ ތޮށްޓާއި ރަށާ ދެމެދުގައި އޮންނަ ތިލަ ހިސާބަށް ކިޔާ ނަމެކެވެ. އަދި ފަރާއި ގިރިއާ ގުޅިގެންވެސް ފަޅު އޮވެއެވެ.


ކަނޑުއޮޅި:

ކަނޑުއޮޅިއަކީ އެއަތޮޅެއްގެ ރަށްތައް ކޮންމެވެސް ސިފަޔަކަށް އެތުރިފައި ހުންނައިރު، ބޭރުދުނިން ދެ ރަށެއްގެ ދެމެދުން ނުވަތަ ދެފަރެއްގެ ދެމެދުން ކެނޑި، ކަނޑު އެތެރެއަށް ވަދެފައި ހުންނަ ތަންތަނެވެ. ގާދޫކޯ، ކަޅި މިއީ މިފަދަ ކަނޑުއޮޅި ކަނޑުއޮޅިއެވެ. ބޭރުކަނޑެއްގައި ދުއްވާފައި އައިސް އެތެރެވަރިޔަށް ވަދެވޭނީ މިފަދަ ކަނޑުއޮޅި އަކުންނެވެ.


ވިލު:

ވިލަކީ ފަޅުތެރޭގައި ފަޅަށްވުރެ ފުންކޮށް ހުންނަ ތަންތަނެވެ.


މާޑު:

މާޑަކީ ފަޅުތެރޭގައި އުފެދޭ ތިލަފަސްގަނޑުގަނޑެވެ. މިފަދަ ތަންތާނގައި ކިސަޑާއި ހުއި ހެދިފައިވެސް ހުރެދާނެއެވެ. ދިޔަވަރު ހިކޭއިރު މިތަންތަން އޮންނާނީ ހިކިފައެވެ. މާޑަކީ މޫސުމާ ގުޅޭގޮތުން އުފެދި ނެތިދާ އެއްޗެކެވެ.


ފުއްޓަރު:

ފުއްޓަރަކީ، ރަށްރަށުގެ މާކަނޑު އޮންނަ ފަރާތުގެ ފަރާއި ކަނޑާގުޅޭ ހިސާބުގެ ތޮށްޓަށް ކިޔާ ނަމެކެވެ.


ފިނޮޅު:

ފިނޮޅަކީ ފަޅުތެރޭގައި ދޮންވެލިން އުފެދިފައިވާ ތަންތަނެވެ. ފިނޮޅުގައި ހިސާބަކަށް ގަސް ހެދިފައިވެސް ހުރެއެވެ.


ދުނި:

ދުންޏަކީ އަތޮޅެއް ވަށްވުމަށް ނުވަތަ އަތޮޅެއް އޮންނަ ބުރަށް ޤުދުރަތީ ގޮތުން ލެވޭ ބައްޓަމަށް ކިޔާ ނަމެކެވެ. އަތޮޅެއްގައި ބޭރުދުންޏަކާއި އެތެރެ ދުންޏެއް އޮވެއެވެ. ބައެއް އަތޮޅު އަތޮޅުގެ ރަށްތައް އެތުރިފައި ހުންނަނީ ބޭރުދުނީގައެވެ. އަނެއްބައި އަތޮޅުއަތޮޅުގައި ބޭރުދުނީގެ އިތުރަށް އެތެރެވަރީގައިވެސް ރަށްތައް ހުރެއެވެ.


ހޭ:

ހޭލާ ހިސާބަކީ ކަނޑާއި އުރަފަށާ ބެދުނުތަނުން ވަތްއެނގޭ ހިސާބެވެ. ނުވަތަ އުރަފަށުގެ ބޭރުކައިރިއެވެ.


ފުށި:

ފުށްޓަކީ، ފަޅުފަޅުގައި އަކިރިޔާއި ގަލާއި ފަސް އެކުވެގެން ހިކިފައި ހުންނަ ކުރެދި، ހަލަވެލި، ބޯށި، މަގޫ ފަދަ ގަސްގަސް ހުންނަ ތަންތަނެވެ.


ބެން:

ބެނަކީ ތޮށީގެ ބޭރުން ކަނޑާ ގުޅިގެން ތިލަކޮށް އޮންނަ އެތެރެ އެނގޭ ފަށަލައެވެ.


ހުރާ:

ހުރައަކީ ފަޅުފަޅުގައި އަކިރިޔާއި ގަލުން ހިކިފައި ހުންނަ ގަސްގަހާގެހި ނުހުންނަ ތަންތަނެވެ.

…………………………………………..

މި ލިޔުން ނަކަލުކޮށްފައި މި ވަނީ “ފަތްތޫރަ” އިގެ 140 (ނޮވެންބަރު 1990) ވަނަ އަދަދުންނެވެ.

___________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment