000އިމާމު މާލިކު: އާދެ! އިސްލާމީ އުއްމަތުގައި މަޤުބޫލު ދެވަނަ ބޭކަލަކީ ޙަދީޘު ޢިލްމުގައި މުއުމިންތަކުންގެ އަމީރު، މަދީނާގެ ޝައިޚު، الإِمَامُ مَالِكُ بْنُ أَنَس އެވެ. އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 90 ވަނަ އަހަރު މަދީނާގައެވެ. ދުނިޔެ ދޫކުރެއްވެވީ ހިޖުރައިން 179 ވަނަ އަހަރު މަދީނާގައެވެ. ޢުމުރުފުޅަކީ 89 އަހަރުފުޅެވެ. އެކަލޭގެފާނުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލު ކުރެއްވީ އަލްމަދީނަތުލް މުނައްވަރާ ގައި رَسُولُ اللَّهِ صلّى الله عليه وسلّم ޤާއިމު ކުރައްވާފައި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އިމާމު މާލިކު:

އާދެ! އިސްލާމީ އުއްމަތުގައި މަޤުބޫލު ދެވަނަ ބޭކަލަކީ ޙަދީޘު ޢިލްމުގައި މުއުމިންތަކުންގެ އަމީރު، މަދީނާގެ ޝައިޚު، الإِمَامُ مَالِكُ بْنُ أَنَس އެވެ. އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 90 ވަނަ އަހަރު މަދީނާގައެވެ. ދުނިޔެ ދޫކުރެއްވެވީ ހިޖުރައިން 179 ވަނަ އަހަރު މަދީނާގައެވެ. ޢުމުރުފުޅަކީ 89 އަހަރުފުޅެވެ. އެކަލޭގެފާނުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލު ކުރެއްވީ އަލްމަދީނަތުލް މުނައްވަރާ ގައި رَسُولُ اللَّهِ صلّى الله عليه وسلّم ޤާއިމު ކުރައްވާފައި އޮތް ޢިލްމީ މާޙައުލުންނެވެ. ނުވަތަ މަދީނާގައި އޮތް ނަބަވީ މަދުރަސާއިންނެވެ. ޙިޖާޒު ކަރައިގައި މިމަދުރަސާ މަޝްހޫރުވެގެންވީ “މަދުރަސަތުލް ޙަދީޘު”ގެ ނަމުންނެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އަށްފަހު މިމަދުރަސާގެ ޒަޢާމަތު ބެލެހެއްޓެވީ ﷲ ރުއްސުންލެއްވި عَبْدُ اللَّهِ بْنُ عَبَّاس އާއި عَبْدُ اللَّهِ بْنُ عُمَرއާއި މިދެބޭކަލުންނެވެ. އެ ދެބޭކަލުންނަށް ފަހު ތާބިޢިއްޔަ ބޭކަލުންގެ ތެރެއިން އިސްވެތިއްބެވީ الشَّعْبِى އާއި سَعِيدُ بْنُ الْمُسَيَّب އާއި سَالِمُ بْنُ عَبْدُ اللَّهِ بْنُ عُمَر އެވެ. އަދި الزُّهْرِى އާއި يَحْيَى بْنُ سَعِيد އެވެ. މިބޭކަލުންނަށް ފަހު ތަބުޢުއް ތާބިޢިއްޔަ ބޭކަލުންގެ ތެރެއިން الإِمَامُ مَالِك އާއި الإِمَامُ الشَّافِعِى އާއި الإِمَامُ أَحْمَدُ بْنُ حَنْبَل އެވެ.

ދަންނަވަންތޯއެވެ! الإِمَامُ مَالِك عَلَيْهِ الرَّحْمَة ހިމެނި ވަޑައިގަންނަވަނީ ތަބުޢުއް ތާބިޢިއްޔަ ބޭކަލުންގެ ތެރެއިންނެވެ. އެކަލޭގެފާނުން ޤުރުއާނާއި ޙަދީޘުގެ ޢިލްމު ޙާޞިލު ކުރެއްވެވީ އެއިރު ތާބިޢިއްޔަ ބޭކަލުންގެ ތެރެއިން ޤުރުއާނާއި ސުންނަތުގެ ޢިލްމަށް އެންމެ އަރާތިއްބެވި ބޭކަލުންގެ އަރިހުންނެވެ. الإِمَامُ أَبُو الْقَاسِمُ الدَّوْلَعِى ވިދާޅުވެފައި ވެއެވެ.([1]) أَخَذَ مَالِكٌ عَنْ تِسْعُ مِائَةِ شَيْخٍ ثَلاَثُمِائَةٍ مِنَ التَّابِعَِينَ وَسِتُّمِائَةٍ مِنَ تَابِعَِيهِمْ ޔަޢުނީ: ނުވަސަތޭކަ ޝައިޚުންގެ އަރިޔަހުން މާލިކުގެފާނު ވަނީ ޢިލްމު ޙާޞިލު ކުރަށްވާފައެވެ. އެއިގެތެރެއިން ތިންސަތޭކަ ބޭކަލުންނަކީ ތާބިޢިއްޔަ ބޭކަލުންނެވެ. އަދި ހަސަތޭކަ ބޭކަލުންނީ ތަބުޢުއް ތާބިޢިއްޔަ ބޭކަލުންނެވެ.

އިމާމު މާލިކުގެ ޝައިޚުންގެ ތެރޭގައި ކުރީގައި ބަޔާންވެދިޔަ ޝައިޚުން ފިޔަވައި އަންނަނިވި ޝައިޚުން ހިމެނިވަޑައިގަންނަވައެވެ. އެއީ نَافِعُ بْنُ أَبِى نُعَيْمٍ އާއި مُحَمَّدُ بْنُ الْمُبَارَك އާއި أَبُو بَكْرِ بْنُ سَلَمَة އާއި مُحَمَّدُ بْنُ الْمُنْكَدِر އާއި اِبْنُ شِهَابِ الزُّهْرِى އާއި يَحْيَى بْنُ سَعِيد اْلأَنْصَارِى އާއި އަދިވެސް ވަރަށް ގިނަ ތާބިޢިއްޔަ ބޭކަލުން ހިމެނިވަޑައި ގަންނަވައެވެ. الإِمَامُ مَالِك عَلَيْهِ الرَّحْمَة ގެއަރިޔަހުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލުކުރެއްވެވި ދަރިވަރުންތައް ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި ޙަދީޘު ރިވާކުރެއްވުމުގައި އެކަލޭގެފާނުންގެ އުސްތާޛުންތައްވެސް ހިމެނި ވަޑައިގަންނަވައެވެ. މިހެންކަމުން އެކަން ބަޔާންކުރައްވަމުން، ޚުދު އެކަލޭގެފާނުން ވިދާޅުވެފައި ވެއެވެ. “قَلَّ رَجُلٌ كُنْتُ أَتَعَلَّمُ مِنْهُ وَمَا مَاتَ حَتَّى يَجَيئَنِى وَيَسْتَفْتِينِى”  (ޔަޢުނީ: ވަރަށް މަދު ބޭކަލަކު ނޫނީ، އަހުރެން އެބޭކަލެއްގެ އަރިހުން ކިޔަވާފައިވާ އެއްވެސް ބޭކަލަކު، އެބޭކަލަކު އަވަހާރަ ނުވަނީސް، އަހުރެންގެ ގާތަށް ވަޑައިގެން އަހުރެން ކުރެން ފަތަވާ އައްސަވާ ހައްދަވާފައި ވެއެވެ.) އެހެންކަމުން އެކަލޭގެފާނާއި ކުފޫހަމަވެ ވަޑައިގެންނެވި ބޭކަލުންގެ ތެރެއިން އެކަލޭގެފާނުންގެ އަރިޔަހުން ޙަދީޘު ރިވާކުރެއްވި ބޭކަލުން ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި މަޝްހޫރު ބޭކަލުންނަކީ އެބޭކަލުންގެ ތެރޭގައި اِبْنُ جُرَيْج އާއި اِبْنُ عُجْلاَن އާއި اَللَّيْث އާއި أَبُو حَنِيفَة އާއި أَبُو يُوسُف އާއި مُحَمَّدُ بْنُ حَسَن އާއި وَكِيع އާއި شُعْبَة އާއި اَلأَوْزَاعِى އާއި މިފަދަ ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.

މިއީ އިމާމު މާލިކުގެ މަތިވެރިކަމާއި މާތްކަން ހާމަވެގެންދާ ވަރަށް ބޮޑު ހެއްކެކެވެ. الإِمَامُ مَالِك عَلَيْهِ الرَّحْمَة ގެ އަރިޔަހުން ދަރިވަރުވެ ޙަދީޘު ރިވާކުރެއްވެވި ބޭކަލުންގެ ތެރޭގައި مُحَمَّدُ بْنُ إِدْرِيسٍ الشَّافِعِي އާއި مُحَمَّدُ بْنُ إِسْمَعِيل البُخَارِى އާއި مُسْلِمُ بْنُ الْحَجَّاج އާއި أَبُو دَاؤُد އާއި سُلَيْمَانُ بْنُ الأَشْعَبُ السِّجِسْتَانِى އާއި أَبُو عِيسَى التِّرْمِذِى އާއި أَبُو عَبْدِ الرَّحْمَنِ النَّسّائِى އާއި أَبُو عَبْدِ اللَّهِ ابْنُ مَاجَة القَزْوِينِى އާއި އަދިވެސް ވަރަށް ގިނަ މުޙައްދިޘުން ހިމެނިވަޑައި ގަންނަވައެވެ. ތަބުޢުއް ތާބިޢީންގެ ދައުރުގައި މަދުރަސަތުލް ހަދީޘުގެ ޒަޢާމަތަށް އިމާމު މާލިކު އިސްވެވަޑައިގެންނެވީ ޢުމުރުފުޅުން ސަތާރަ އަހަރު ފުޅުގައެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ” مَا أَفْتَيْتُ حَتَّى شَهِدَ  لِى سَبْعُونَ مِنْ أَهْلِ الْعِلْمِ أَنِّى أَهْلٌ لِذَلِكَ” (ޔަޢުނީ: ފިޤުހުގެ ފަތުވާ ދެނުމަށް އަހުރެން އެކަށީގެންވާކަމަށް ދީނުގެ ދަންނަބޭކަލުންގެ ތެރެއިން ހަތްދިހަ ބޭކަލުން، އެއްބަސްވެ ވަޑައިގަތުމުން މެނުނީ ދީނުގެ މައްސަލަތަކާމެދު އަހުރެން ފަތަވާ ދޭން ނުފައްޓަމެވެ.) އާދެ! رَسُولُ اللَّهِ صلّى الله عليه وسلّم ޙަދީޘުކުރައްވާފައިވާ ޞައްހަ ޙަދީޘެއްގައި ވެއެވެ. ” يُوشِكُ أَنْ يَضْرِبَ النَّاسُ أَكْبَادَ الْإِبِلِ يَطْلُبُونَ الْعِلْمَ فَلَا يَجِدُونَ أَحَدًا أَعْلَمَ مِنْ عَالِمِ الْمَدِينَةِ”([2]) (ޔަޢުނީ: ދާދި ކާރި ދުވަސްވަރެއްގައި  މީސްތަކުން ޢިލްމު ހޯދުމުގެ ބޭނުމުގައި ދަތުރު ފަތުރުކޮށް އުޅޭނެއެވެ. އެދުވަސްވަރު މަދީނާގެ ޢާލިމަށް ވުރެން ބޮޑު ޢިލްމުވެރިޔަކު ދުނިޔެއިން އެމީހުންނަށް ނުފެންނާނެއެވެ.) މިޙަދީޘާ ބެހޭގޮތުން އިމާމު އިބްނު ޢުޔައިނާއާއި ޢަބްދުއްރައްޒާޤު ވިދާޅުވެފައި ވަނީ އެއީ އިމާމު މާލިކު ކަމަށެވެ. މިވާހަކަ އިމާމު ތިރްމިޛީ މިޙަދީޘުގެ ދަށުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި މިނޫނަސް އިމާމު މާލިކުގެ ތަޢުރީފާއި ޘަނާގައި ސަލަފުއްޞަލިޙީންގެ ބަސްފުޅުތައް ވަރަށްވެސް ގިނަގުނައެވެ. އިމާމު ބުޚާރީ ވިދާޅުވެފައިވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން ރިވާވެގެންވާ ޙަދީޘުތަކުގެ ސަނަދު ތަކުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު ސަނަދަކީ ” عَنْ مَالِكٍ عَنْ نَافِعٍ عَنِ ابْنِ عُمَر” މިގޮތަށް އައިސްފައިވާ ސަނަދުއެވެ. މިސަނަދަށް الإمام بخارى ނަން ދެއްވާފައި ވަނީ “سِلْسِلَةُ الذَّهَب”  އެވެ. (ޔަޢުނީ: ރިވާޔަތުގެ ސަނަދުގެ ގޮތުން ރަން ގިލަފައްޗެވެ.) މިސަނަދު ހަތަރުވަނަ ރާވީއަކާ ހަމައަށް ދެމިގެން ދާނަމަ ދަންނަބޭކަލުން ވިދާޅުވެފައި ވަނީ އެއީ “عَنِ الشَّافِعِى عَنْ مَالِكٍ عَنْ نَافِعٍ عَنِ ابْنِ عُمَر” އެވެ. ޔަޢުނީ އެއީ އިމާމު މާލިކުގެ ކިބައިން އިމާމު ޝާފިޢީ ރިވާކުރައްވާފައިވާ ރިވާޔަތެއް ކަމަށެވެ. އަދި ފަސްވަނަ ރާވީއަކާ ހަމައަށް ދެމިގެންދާނަމަ ރަން ގިލަފައްޗަކީ، އެއީ “عَنْ أَحْمَدَ عَنِ الشَّافِعِى عَنْ مَالِكٍ عَنْ نَافِعٍ عَنِ ابْنِ عُمَر” ޔަޢުނީ: އިމާމު ޝާފިޢީގެ ކިބައިން އިމާމު އަޙްމަދު އިބްނު ޙަންބަލްރިވާކުރައްވާ ރިވާޔަތް ކަމަށެވެ. މިގޮތުން އިމާމު މާލިކާ ބެހޭގޮތުން އިމާމު އަޙްމަދު ވިދާޅުވެފައި ވެއެވެ. “إِذَا رَأَيْتَ الرَّجُلَ يَغْضَبُ مَالِكًا فَاعْلَمْ أَنَّهُ مُبْتَدِعٌ”([3]) (ޔަޢުނީ: މީހަކު އިމާމު މާލިކުދެކެ ރުޅިވެރިވާނަމަ އެމީހަކީ ބިދުޢަވެރިއެއްކަން ދަންނާށެވެ.) އަދިވެސް އިމާމު އަޙްމަދު ވިދާޅު ވެފައި ވެއެވެ. ” ހަދީޘެއްގައި ހިފާނަމަ އިމާމު މާލިކު ރިވާކުރައްވާފައި ޙަދީޘުގައި ހިފާށެވެ. އަދި މީހެއްގެ ރައުޔުގައި ހިފާނަމަވެސް އިމާމު މާލިކުގެ ރައުޔުގައި ހިފާށެވެ.” އެހެންކަމުން އިމާމު އަޙްމަދު ވަރަށް ގިނައިން ވިދާޅުވެ އުޅުއްވާ ބަސްފުޅެއްގެ ކަމުގައި މިބަސްފުޅު ވެއެވެ. “رَحِمَ اللَّهُ مَالِكًا إِنَّ الْفُؤَادَ لَيَْسكُنَ إِلَى حَدِيثِهِ – لأَنَّهُ كَانَ شَدِيدُ اْلأَتْبَاعِ لِمَا وَرَدَ إِلَيْهِ مِنَ السُّنَّةِ”  (ޔަޢުނި: އިމާމު މާލިކަށް މާތް ﷲ ރަޙުމަތް ލައްވާށިއެވެ! ޝައްކެއްނެތި އެކަލޭގެފާނުންގެ ކިބައިން ރިވާވެގެންވާ ޙަދީޘުގައި ހިތްތަކަށް ހަމަޖެހުން ލިބެއެވެ. އެހެނީ އެކަލޭގެފާނަކީ ކީރިތި ރަސޫލަގެ ސުންނަތުން އެކަލޭގެފާނަށް ލިބިވަޑައިގެންފި އެއްޗެއްގައި ގަދައަށް ހިއްޕަވައިގެން އެއަށް ފުރިހަމަައަށް ތަބަޢަވެ ވަޑައިގަންނަވާ ބޭކަލެކެވެ.)

އިމާމު މާލިކުގެފާނުންގެ ތަޢުރީފު ކުރަށްވަމުން އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. “إِذَا ذُكِرَ العُلَمَاءُ فَمَالِكٌ النَّجْمُ” (ޔަޢުނީ: ޢިލްމުވެރީންގެ ވާހަކަ ދެކެވޭނަމަ މާލިކުގެފާނަކީ އެބޭކަލުންގެ ތެރެއިން އަރާހުންނެވި ތަރިއެވެ.) އަދިވެސް ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ. “مَالِكُ بْنُ أَنَسٍ مُعَلِّمِى وَعَنْهُ أَخَذْنَا الْعِلْمَ وَجَعَلْتُهُ حُجَّةً فِيمَا بَيْنِى وَبَيْنَ اللَّهِ” (ޔަޢުނީ: އަހުރެންގެ އެދުރަކީ އިމާމު މާލިކެވެ. އަހަރުމެން ޢިލްމުވެރިން ޢިލްމު ލިބިގަތީ އެކަލޭގެފާނުންގެ އަރިހުންނެވެ. އަދި މައްސަލަތައް ނެރުމުގައި އަހުރެންނާއި ﷲއާއި ޙުއްޖަތެއްކަމުގައި އަހުރެން އެކަލޭގެފާނު ދެކެމެވެ.) الإِمَامُ مَالِك عَلَيْهِ الرَّحْمَة ވަރަށް ގިނައިން ވިދާޅުވާ ބަސްފުޅެއް ކަމުގައި މިބަސްފުޅު ވެއެވެ. “خَيْرُ أُمُورِ الدِّينِ مَاكَانَ سُنَّةٌ –  وَشَرُّ اْلأُمُورِ المُْحْدَثَاتُ الْمُبْدِعُ” (ޔަޢުނީ: ދީނުގައި ހެޔޮކަންތަކަކީ ސުންނަތުން ޘާބިތުވެގެންވާ ކަންތަކެވެ.  އަދި ދީނުގައި ނުބައި ކަންތަކަކީ ދީނުގައި އަލަށް އުފެދޭ ބިދުޢަ ކަންތަކެވެ.)

ނިކަން ވިސްނާލަމާތޯއެވެ؟ މިހިރީ ޤުރުއާނާއި ސުންނަތުން އުޞޫލުތައް އިސްތިންބާޠު ކުރައްވައި، އެއުޞޫލުތަކާ އެއްގޮތަށް ޤުރުއާނާއި ސުންނަތް ޝަރަޙަ ކުރެއްވުމުގައި މިބުނެވުނު މުސްތަޤިއްލު މުޖުތަހިދުންގެ ތެރެއިން ދެވަނައަށް މަޝްހޫރުވެ ވަޑައިގެން އިސްލަމީ އުއްމަތުގައި އެންމެ އަރާހުންނެވި ދެވަނަ އިމާމުގެ ބަސްފުޅާ ޢަމަލުފުޅެވެ. އެކަލޭގެފާނާ މެދު އެހެނިހެން އިމާމުން ދެކެވަޑައިގެންނެވި ގޮތެވެ. ފިތުނައިގެ ޠޫފާނުގައި އިސްލަމީ އުއްމަތް ބައިބައިވެގެން ދިޔަވަގުތު އެކަލޭގެފަނުންގެ މަޒުހަބު ވެގެންދިޔައީ ޤުރުއާނާއި ސުންނަތް ރައްކައުތެރި ކުރުމުގައި ފިސާރި ވަރުގަދަ ކިއްލާއަކަށެވެ. އެކަލޭގެފާނުންގެ އުޞޫލުތަކުގައި ހިތްޕަވައިގެން އެކަލޭގެފާނުންގެ މަޒުހަބު އިސްލާމީ އުއްމަތުގައި، ވަކިން ޚާއްޞަކޮށް  “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގައި ފެތުރުއްވެވި، މުޖުތަހިދުންގެ ދަރަޖަ ހޯއްދަވައިގެން ތިއްބެވި ބޭކަލުން ނަކީ އެކަލޭގެފާނުންގެ ދަރިވަރުންގެ ތެރެއިން ހިޖުރައިން 132 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 192 ގައި މިޞްރުގައި ދުނިޔެ ދޫކުރެއްވެވި أَبُو عَبْدِ الرَّحْمَنِ بْنُ القَاسِمِ بْنِ خَالِدِ بْنِ جُنَادَة އާއި ހިޖުރައިން 124 ގައި މިޞްރުގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 194 ގައި ދުނިޔެ ދޫކުރެއްވެވި أَبُو مُحَمَّدِ بْنِ عَبْدِ اللَّهِ بْنِ وَهْب އާއި ހިޖުރައިން 150 ގައި މިޞްރުގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 204 ގައި މިޞްރުގައި ދުނިޔެ ދޫކުރެއްވެވި أَشْهَبُ بْنُ عَبْدِ الْعَزِيزِ بْنِ دَاؤُدَ بْنِ إِبْرَاهِيم އާއި، ހިޖުރައިން 182 ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 268 ގައި ދުނިޔެދޫކުރެއްވެވި مُحَمَّدُ بْنُ عَبْدِ الْحَكِيمِ بْنِ أَعْيُنِ بْنِ اللَّيْث އާއި ހިޖުރައިން 150 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، 225 ގައި ދުނިޔެ ދޫކުރެއްވެވި أَصْبَغُ بْنُ الْفَرَجِ بْنِ سَعِيدِ بْنِ نَافِع އާއި ހިޖުރައިން 180 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، 281 ގައި ދުނިޔެ ދޫކުރެއްވެވި مُحَمَّدُ بْنُ زِيَادِ بْنِ الإِسْكَنْدَرِى އާއި މިފަދަ ބޭކަލުންނެވެ. މިބޭކަލުންނީ މުޅީންވެސް ޚައިރުލްޤުރޫނުގައި އިޖުތިހާދުގެ އެންމެ މަތީ ދަރަޖަ ލިބިވަޑައިގެން ތިއްބެވި މުޖުތަހިދުންނެވެ. އެހެންނަމަވެސް މިބޭކަލުންވެސް ހިއްޕަވަމުން ގެންދެވީ އެބޭކަލުންގެ ޝައިޚު الإِمَامُ مَالِك عَلَيْهِ الرَّحْمَة ގެ އުޞޫލުތަކުގައެވެ. އަދި އެބޭކަލުން އަމިއްލަފުޅަށް  އިޖްތިހާދު ކުރަށްވަމުން ގެންދަވާ އިރުވެސް ތިއްބަވަނީ މާލިކުގެފާނުންގެ މަޛުހަބުގެ ދާއިރާ ތެރޭގައެވެ. އަދި މިބޭކަލުން ފިޔަވައިވެސް އިސްލާމީ ތަފާތު ދާއިރާތަކުގެ ބޮޑެތި މުޖުތަހިދުންތައް އިމާމު މާލިކުގެފާނުންގެ އުޞޫލުތަކުގައި ހިއްޕަވައިގެން، ޤުރުއާނާއި ސުންނަތް ޝަރަޙަކޮށް ދެއްވުމުގައި އެކަލޭގެފާނުން ހިއްޕަވާފައިވާ ގޮތުގެމަތީގައި ތިއްބަވައިގެން ފޮތްތައް ލިއުއްވައި މީސްތަކުންނަށް ޤުރުއާނާއި ސުންނަތް އުގަންނަވައި ދެއްވައި ހެއްދެވިއެވެ. ޙަޤީޤަތުގައި ސަލަފުއްޞަލިޙީންނަކީ މަޛުހަބުގެ ކިއްލާތެރޭގައި ތިއްބަވައިގެން ޤުރުއާނާއި ސުންނަތް ރައްކައުތެރި ކުރައްވައި رَسُولُ اللَّهِ صلّى الله عليه وسلّم އާއި އެކަލޭގެފާނުންގެ މިތުރު އަޞްޙާބުން އެގޮތްތަކުގެ މަތީގައި ތިއްބެވިގޮތްތައް އިސްލާމީ އުއްމަތައް އަންގަވައި ދެއްވައި އެގޮތްތައް މީސްތަކުންގެ މެދުގައި ފެތުރުއްވުމަށް މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭކަލުންނެވެ.

އާދެ! ޚައިރުލް ޤުރޫނަށްފަހުވެސް މާލިކީ މަޒުހަބުގައި ވަރަށް ގިނަ މުޖްތަހިދުން ތިއްބެވިއެވެ. އެއީ މުސްތަޤިއްލު މުޖުތަހިދުންގެ ދަރަޖަ ލިބިވަޑައިގެން ތިއްބެ ޢިލްމުވެރީންނެވެ. އޭގެތެރެއިން الإِمَامُ مَالِك عَلَيْهِ الرَّحْمَة ގެ އުޞޫލުތަކުގައި ހިއްޕެވި ބައެއް ބޭކަލުންގެ ނަންފުޅުތައް ހާމަކޮށްލާނަމެވެ.  އެބޭކަލުންނަކީ ހިޖުރައިން 386 ގައި ދުނިޔެ ދޫކުރެއްވެވި أَبُو زِيْدٍ الْقَيْرَوَانِى އާއި ހިޖުރައިން 392 ދުނިޔެ ދޫކުރެއްވެވި أَبُو سَعِيدٍ اَلْبَرَدَاعِى އާއި ހިޖުރައިން 478 ގައި ދުނިޔެ ދޫކުރެއްވެވި اَللَّخْمِى އާއި ހިޖުރައިން 493 ގައި ދުނިޔެ ދޫކުރެއްވެވި اَلْبَاجِى އާއި ހިޖުރައިން 520 ގައި ދުނިޔެ ދޫކުރެއްވެވި اِبْنُ رُشْد އާއި ހިޖުރައިން 536 ގައި ދުނިޔެ ދޫކުރެއްވެވި الْمَازِنَى އާއި މިބޭބޭކަލުންނެވެ.


އިމާމު ޝާފިޢީ:

އާދެ! ދެން އަޅުގަޑުމެން ބަލައިލާނީ نَاصِرُ السُّنَّةِ  الإِمَامُ مُحَمَّدُ بْنُ إِدْرِيسِ الشَّافِعِى عَلَيْهِ الرَّحْمَة އަށެވެ. ޢުމުރުފުޅުން 7 އަހަރު ފުޅުގެ ތެރޭގައި އެކަލޭގެފާނު ޤުރުއާން ހިތުދަސް ކުރެއްވިއެވެ. އަދި ޢުމުރުފުޅުން ދިހަ އަހަރުފުޅުގައި އެކަލޭގެފާނުން مُؤَطَّا إِمَامُ مَالِك ހިތު ދަސްކުރެއްވިއެވެ. އެކަލޭގެފާނުންވަނީ ވަރަށް ގިނަ ޝައިޚުންގެ އަތްޕުޅު މައްޗަށް ދަރިވަރުވެ ވަޑައިގެންފައެވެ. މިގޮތުން އެކަލޭގެފާނުން ތަޢުލީމު ޙާޞިލު ކުރެއްވެވި ޝައިޚުންގެ ތެރޭގައި مُسْلِمُ بْنُ خَالِدِ الزَّنْجِى އާއި عَبْدُ الرَّحْمَنِ بْنِ الْعَطَّار އާއި عَبْدُ الْعَزِيزِ بْنِ أَبِى سَلَمَةَ الْمَاجِشُون އާއި އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅު مُحَمَّدُ بْنُ عَلِى بْنُ الشَّافِعِى އާއި إِمَامُ مَالِكُ بْنُ أَنَس އާއި غَطَّافُ بْنُ خَالِد އާއި سُفْيَانُ بْنُ عُيَيْنَة އާއި إِبْرَاهِيمُ بْنُ سَعِيد އާއި اَلْفَقِيهُ إِبْرَاهِيمُ بْنُ أَبِى يَحْيَى الأَسْلَمِى އާއި إِسْمَعِيلُ بْنُ جَعْفَر އާއި عَبْدُ الرَّحْمَنِ بْنُ أَبِى بَكْرٍ الْمَلِيكِى އާއި عَبْدُ الْعَزِيزِ بْنِ دَاؤُدِى އާއި مُحَمَّدُ بْنُ عَلِىِّ الْجُنْدِى އާއި اَلْفَقِيهُ مُحَمَّدُ بْنُ الْحَسَن އާއި إِسْمَعِيلُ بْنُ عُلَيَّة އާއި مِطْرَفُ بْنُ مَازِن އާއި މިބޭބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. މިބޭކަލުންނަކީ އެވަގުތު ދުނިޔޭގައި ތިއްބެވި އެންމެ މަތީ ދަރަޖައިގެ ޢިލްމުވެރީންނެވެ.

اْلإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة ގެ ދަރިވަރުންގެ ތެރޭގައި أَبُو بَكْرٍ الْحُمَيْدِى އާއި أَبُو عُبَيْدِ القَاسِمُ بْنُ سَلاَم އާއި اْلإِمَامُ أَحْمَدُ بْنُ حَنْبَل އާއި أَبُو ثَوْرٍ إِبْرَاهِيمُ بْنُ خَالِدٍ الكُلَبِى އާއި أَبُو يَعْقُوبُ يُوسُفُ بْنُ يَحْيَى البُوَيْطِى އާއި حَرْمَلَةُ بْنُ يَحْيَى އާއި أَبُو إِبْرَاهِيمُ إِسْمَعِيلُ بْنُ يَحْيَى الْمُزْنِى އާއި الْحُسَيْنُ بْنُ عَلِى الكَرَابِيسِى އާއި الْحَسَنُ بْنُ مُحَمَّدٍ الزَّعْفَرَانِى އާއި مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ عِبْدِ الْحَكَم އާއި الرَّبِيعُ بْنُ سُلَيْمَانَ الْمُرَادِى އާއި مُوسَى بْنُ أَبِى الْجَارُودِ الْمَكِّى އާއި يُونُسُ بْنُ عَبْدِ الأَعْلَى އާއި أَحْمَدُ بْنُ سِنَانُ القَطَّان އާއި أَبُو طَاهِرٍ أَحْمَدُ بْنُ عَمْرِو بْنِ السَّرَح އާއި بَحْرُ بْنُ نَصْرُ الْخَوْلاَنِى އާއި عَبْدُ الْعَزِيزِ الْمَكِّى އާއި އިމާމު ބުޚާރީގެ ޝައިޚު  أَحْمَدُ بْنُ مُحَمَّدٍ الأَزْرَعِى އާއި أَحْمَدُ بْنُ مُحّمَّدِ بْنِ سَعِيدٍ الصَّيْرَفِى البَغْدَادِى އާއި أَحْمَدُ بْنُ سَعِيدٍ الْهَمَدَانِى އާއި أَحْمَدُ بْنُ أَبِى سُرَيْحُ الرَّازِى އާއި أَبُو جَعْفَرٍ أَحْمَدُ بْنُ خَالِدٍ البَغْدَادِى الْخِلاَل އާއި أَحْمَدُ بْنُ يَحْيَى بْنِ وَزِيرِ الْمِصْرِى އާއި جَمَالُ الدِّينِ عَبْدُ الرَّحْمَنِ بْنِ الْحَسَنِ الأَسْنَوِى އާއި އަދިވެސް ވަރަށް ގިނަ ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. މިއެންމެހާ ބޭކަލުންނަކީވެސް ޝާފިޢީގެފާނުންގެ ދަރިވަރުންގެ ގޮތުގައި ތިއްބެވި ކަމުގައި ވިއަސް އެވަގުތުގެ ބޮޑެތި މުޖުތަހިދުންނެވެ. އިސްލާމް ދީނުގެ ބޮޑެތި އިމާމުންނެވެ. ޤުރުއާނާއި ސުއްނަތުގެ އަލީގައި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވެވި ދީނުގެ ޢިލްމީ ތަރިތަކެވެ.

ދަންނަވަންތޯއެވެ! اْلإِمَامُ الشَّافِعِى عَلَيْهِ الرَّحْمَةގެ ޢުމުރުފުޅުން ފަނަރަ އަހަރު ފުޅުގައި ފަތަވާ ދެއްވުމަށް އެކަލޭގެފާނުންގެ ޝައިޚުންތައް އެކަލޭގެފާނުނަށް ހުއްދަ ދެއްވައިފިއެވެ. އެކަލޭގެފާނުންގެ ޢިލްމުވެރިކަމާއި، ވަރަޢަވެރިކަމާއި، ތަޤުވާވެރިކަމާއި ހުރެ، އެކަލޭގެފާނުންގެ ދުވަސްވަރުގައި ތިއްބެވި އެންމެހައި ޢިލްމުވެރީން އެކަލޭގެފާނަށް މަދަޙަ ސަނާއާއި ތަޢުރީފު ކުރައްވައި ހައްދަވަތެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި އެކަލޭގެފާނުން ނެރުއްވާފައިވާ އުޞޫލުތަކާއި އެއުޞޫލުތަކުގެ މަތީން ޤުރުއާނާއި ސުންނަތް ޝަރަޙަ ކުރައްވައި އެއިން މައްސަލަތައް އިސްތިންބާޠު ކުރަށްވައި ނެރުއްވާފައިވާ ފައިވާގޮތް، މަޛުހަބަކަށް ވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގައި އެކަލޭގެފާނަށް ނިސްބަތްވި މަޛުހަބު މަޝްހޫރުވެ، ދީނުގެ އެކިއެކި ފަންނުތަކުގައި އަރާތިއްބެވި ގިނަ ޢިލްމުވެރިންގެ ނަޒަރުގައި އެކަލޭގެފާނުން އިޚްތިޔާރު ކުރެއްވި ގޮތަކީ ދަލީލާއި ޙުއްޖަތުގެ އަލީގައި އެންމެ ޞައްޙަ އަދި އެންމެ އައުލާ ގޮތް ކަމުގައި ބެލެވިގެން ދިޔައެވެ. އާދެ! ސަލާމަތްތެރި ކަމުގެ ގޮތުން އެންމެ ރައްކައުތެރި އެންމެ އައުލާ ގޮތަކީ اْلإِمَامُ الشَّافِعِى عَلَيْهِ الرَّحْمَةގެ މަޛުހަބު ކަމުގައި އަޅުގަނޑު ޝައްކެއް ނުކުރަމެވެ. މިހެން މިދެންނެވީ އެކަލޭގެފާނުންގެ މަޛުހަބުގައި އާދެ! އެކަލޭގެފާނުން ޤުރުއާނާއި ސުންނަތް ޝަރަޙަކޮށް ދެއްވާފައިވާ ގޮތުގައި އެއްވެސް މައްސަލައެއް ސުންނަތާއި ޚިލާފަށް އައިސްފައި ނުވާތީއެވެ. އަދި ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފު ވެފައި އޮންނައިރުވެސް އެކަލޭގެފާނު ބުރަވެ ވަޑައިގަންނަވާ ގޮތުގައި ސުންނަތާ ބޮޑަށް ގާތްވުމާއި ތަފާތުކަމަށް ފެންނަ ޙަދީޘުތަކުގައި އެކަތި އަނެކައްޗަށް ގުޅުވައިލެވިގެން ތަވާފުޤު ކުރަށްވާފައިވާލެއް ބޮޑުކަމުންނެވެ. މިމޭރުމުން اْلإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة ވިދާޅުވެފައި ވެއެވެ. “إذَا وَجَدْتُمْ فِى كَتَابِى خِلاَفَ سُنَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُولُوا بِسُنَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَدَعُوا مَا قُلْتُ”([4]) (ޔަޢުނީ: ތިޔަބައިމީހުންނަށް رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތާއި ޚިލާފަށް އެއްވެސް މައްސަލައެއް އަހުރެންގެ ފޮތުން ފެނިއްޖެނަމަ އަހުރެންގެ އެބަސް ދޫކޮށްލާށެވެ. އަދި رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތުގައި އެއޮތް ގޮތުގައި އެގޮތް އަންގައިދޭށެވެ. އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ” كلُّ مَاقُلْتُهُ فَكَانَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خِلاَفَ قَوْلِى مِمَّا صَحَّ فَهُوَ أَوْلَى وَلاَ تُقَلِّدُونِى “([5])  (ޔަޢުނީ: އަހުރެން ބުނެފައިވާ ބަހެއް رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޞައްޙަ ޙަދީޘުފުޅާ ޚިލާފު ވެއްޖެނަމަ، އަހުރެންގެ ބަހުގައި ހިފައިގެން އަހަންނަށް ތަޤުލީދު ކުރަން ނޫޅޭށެވެ. އެންމެ އައުލާ ގޮތަކީ ޞައްޙަ ޙަދީޘެވެ. އެއަށް ތަބާވާށެވެ!) މިބަސްފުޅުތަކާއި އެކަލޭގެފާނުންގެ މިނޫންވެސް މިފަދަ އެތަކެއް ބަސްފުޅުތަކެއް ހުރުމާއެކު އެއިން ކަޑައެޅިގެން ހާމަވަނީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތާއި ޚިލާފަށް އެކަލޭގެފާނުން ބަސްފުޅެއް ވިދާޅުވެފައި ނުވާކަމަށެވެ. އަދި އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޙަދީޘާއި ޚިލާފަށް ޞައްޙަ ޙަދީޘެއް ކޮންމެ ހިނދެއްގައި ލިބިވަޑައިގެން ކަމުގައިވިއަސް އެކަލޭގެފާނު ތަބާވެވަޑައިގަންނަވާނެ ގޮތަކީވެސް އެއީ ކަމަށާއި އައުލާގޮތަކީވެސް އެއީ ކަމަށެވެ. އާދެ! ޚައިރުލް ޤުރޫނަށްފަހު ފިތުނައިގެ ޠޫފާނުގައި އިސްލާމީ އުއްމަތް ހަތްދިހަ ތިންފިރުޤާއަށް ބައިބައިވެގެން ދިޔައިރު ޤުރުއާނާއި ސުންނަތް ދިރުވުމަށް މާތް ﷲ މެދުވެރި ކުރެއްވި ވަރުގަދަ ކިއްލާތަކުގެ ތެރެއިން އެންމެ ހަރުދަނާ އެންމެ ވަރުގަދަ އެއްކިލާއަކަށް “أَهْلُ السُّنَّةِ وَالْجَمَاعَةِ” ގައި ވެގެންދިޔައީ اْلإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة އިޚްތިޔާރު ކުރެއްވި ގޮތާއި އެކަލޭގެފާނުންގެ މަޛުހަބެވެ.

اَلْإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة އަށްފަހު އެކަލޭގެފާނުންގެ އުޞޫލުތަކުގައި ހިތްޕަވައިގެން އެންމެ އިސް ސަފުގައި ތިއްބެވި ދަރިވަރުންނަކީ ޚައިރުލް ޤުރޫނުގައި އެކަލޭގެފާނުންގެ ދަރިވަރުންގެ ތެރެއިން ހިޖުރައިން 174 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަދި ހިޖުރައިން 276 ދުނިޔެ ދޫކުރެއްވެވި الرَّبِيعُ بْنُ سُلَيْمَان އާއި ހިޖުރައިން 231 ގައި ދުނިޔެ ދޫކުރެއްވެވި يُوسُفُ بْنُ يَحْيَى البُوَيْطِى الْمِصْرِى އާއި، ހިޖުރައިން 175ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި، އަދި ހިޖުރައިން 264 ގައި ދުނިޔެ ދޫކުރެއްވެވި إِسْمَعِيلُ بْنُ يَحْيَى بْنِ إِسْمَعِيلَ بْنِ عَمْرِو بْنِ إِسْحَاقَ الْمُزْنِى އާއި މިބޭބޭކަލުންނެވެ. ޙަޤީޤަތުގައި މިބޭކަލުންނީވެސް އިޖުތިހާދުގެ އެންމެ މަތީ ދަރަޖައަށް ވަޑައިގެންފައި ތިއްބެވި ބެއިކަލުންނެވެ. އެހެން ނަމަވެސް މިބޭކަލުން ހިއްޕެވީ އެބޭކަލުންގެ ޝައިޚު اْلإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة ކީރިތި ޤުރުއާނާއި رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތުގެ އަލީގައި އިސްތިންބާޠު ކުރައްވައިގެން އެކުލަވާލައްވާފައިވާ އުޞޫލުތަކުގައެވެ.

އާދެ! ޚައިރުލް ޤުރޫނަށް ފަހު اَلْإِمَامُ الشَّافِعِى عَلَيْهِ الرَّحْمَةގެ އުޞޫލުތަކުގައި ހިތްޕަވައިގެން އެމަޛުހަބަށް ޚިދުމަތް ކުރެއްވެވި މުޖުތަހިދުންތައް ވަރަށްވެސް ގިނައެވެ. ދީނުގެ ތަފާތު ފަންނު ތަކުގައި ޚިދުމަތް ކުރަށްވާފައިވާ ބޭކަލުން އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އެއިގެތެރެއިން ހިޖުރައިން 328 ގައި ދުނިޔެ ދޫކުރެއްވެވި أَبُو سَعِيد أَصْطَخْرِى އާއި، ހިޖުރައިން 507 ގައި ދުނިޔެ ދޫކުރެއްވެވި القَفَّالُ الْكَبِيرُ الشَّاشِى އާއި، ހިޖުރައިން 406 ގައި ދުނިޔެ ދޫކުރެއްވެވި أَبُوحَامِدِ الأَسْفَرَايِينِى އާއި، ހިޖުރައިން 406 ގައި ދުނިޔެ ދޫކުރެއްވެވި اِبْنُ فَرُّوك އާއި، ހިޖުރައިން 476 ގައި ދުނިޔެ ދޫކުރެއްވެވި أَبُو إِسْحَاق الشِّيرَازِى އާއި، ހިޖުރައިން 418 ގައި ދުނިޔެ ދޫކުރެއްވެވި رُكْنُ الدِّينِ أَبُو إِسْحَاق الإِسْفَرَايِينِى އާއި، ހިޖުރައިން 439 ގައި ދުނިޔެ ދޫކުރެއްވެވި أَبُو مَنْصُور القَادِرُ بْنُ طَاهِر އާއި، ހިޖުރައިން 450 ގައި ދުނިޔެ ދޫކުރެއްވެވި أَبُو الْحَسَنِ عَلِيُ بْنُ مُحَمَّدٍ الْمَاوَرْدِى އާއި، ހިޖުރައިން 446 ގައި ދުނިޔެ ދޫކުރެއްވެވި أَبُو مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ الْحَسَنِ ، ابْنُ اللُّبَان އާއި، ހިޖުރައިން 439 ގައި ދުނިޔެ ދޫކުރެއްވެވި أَبُو الْمَعَالِى عَبْدُ اللَّهِ بْنُ يُوسُفُ الْجُوَيْنِي إِمَامُ الْحَرَمَيْن އާއި، ހިޖުރައިން 505 ގައި ދުނިޔެ ދޫކުރެއްވެވި حُجَّةُ الإِسْلاَمِ أُبُو حَامِدٍ مُحَمَّدُ بْنُ مُحَمَّدٍ الْغَزَالِى ހިމެނި ވަޑައިގަންނަވައެވެ.


ޤުރްއާނާއި ސުންނަތުން އިމާމު ޝާފިޢީ ދަލީލު ހޯއްދެވުން:

ލޮބުވެތި އަޚުންނާއި އުޚްތުންނަށް މިފޮތުގައި އަޅުގަޑު ހާމަކޮށްދީފައި ވަނީ اَلْإِمَامُ الشَّافِعِى عَلَيْهِ الرَّحْمَةގެ މަޛުހަބު ނުވަތަ ޝާފިޢީ މަޛްހަބު ބިނާވެގެންވަނީ މުޅީންވެސް ޤުރުއާނާއި ސުންނަތުގެ މައްޗަށް ކަމެވެ. އަޅުގަޑުމެންގެ ތެރޭގައި މިއަދާއި ހަމަޔަށް ދިވެހިބަހުން ލިޔެވިފައިފާ ފޮތްތަކުގައި ޝާފިޢީ މަޛުހަބުގެ ކޮންމެ މަސްއަލައަކަށް ޤުރުއާނާއި ޙަދީޘުން ދަލީލުބަޔާން ވެވިފައި ނުވިނަމަވެސް އެއެންމެހައި މައްސަލަތައް ވަނީ ޤުރުއާނާއި ސުންނަތުން ސާބިތުވެގެންނެވެ. ތަރްޖީޙު ދިނުމާއި އައުލާ ގޮތަކީ ކޮބައިކަމަށް ބުރަވުމުގައި ހަތަރު އިމާމުންގެ މެދުގައި ބައެއް އިޚްތިލާފުތަކެއް ހުރި ކަމުގައި ވިއަސް މިއެންމެހައި ބޭކަލުންވެސް ތަރުޖީޙު ދެއްވީ އެބޭކަލަކަށް ޤުރުއާނާއި ސުއްނަތުން ބުރަވެވޭ އުޞޫލަކާއި ދަލީލެއްގެ މައްޗަށް ބައްލަވައިގެންނެވެ. މިގޮތުން އިމާމު ޝާފިޢީއާއި އަދި އެމަޛްހަބުގެ އެހެނިހެން އިމާމުވެރި ބޭކަލުންވެސް މައްސަލަތަކުގައި ބުރަވެ ވަޑައިގެންފައިވަނީ ޤުރުއާނާއި ސުއްނަތުގެ އަލީގައި، ހޯއްދަވާފައިވާ ދަލީލުތަކުގެ މައްޗަށް ބުރަވެ ތިއްބަވައިގެންނެވެ. ޝާފިޢީ މަޛްހަބުގެ ބައެއް މައްސަލަތަކަކީ ޤުރުއާނާއި ސުއްނަތުން ސާބިތު ނުވާ އެއްޗެހި ކަމުގައި ނުވަތަ ސުއްނަތާ ޚިލާފު ގޮތްކަމުގައި ނުވަތަ ބިދުޢަތައް ކަމުގައި ބުނެ، މިހާރަކަށް އައިސް ކުރެވޭ ދަޢުވާއަކީ ކަނޑައެޅިގެން ހުރި ދޮގު ދަޢުވާތަކެކެވެ. އަދި ދީނުގެ ބޮޑެތި މުޖްތަހިދު ޢިލްމުވެރިންގެ އިސްތަށިފުޅުގައި އަޅުވަމުންދާ ބާޠިލު ބުހުތާންތަކެކެވެ. ޙަޤީޤަތް އޮޅުވާލުމަށާއި ދީނުގެ ބޮޑެތި ދަންނަބޭކަލުންގެ އަގު ވައްޓާލުމުގެ ގޮތުގައި ހަދަހަދާއިގެން ދެކެވޭ ވާހަކަތަކެވެ. މައްސަލައަކާމެދު އެކަކު ބުރަވާ ގޮތަށް އަނެކަކު ބުރަ ނުވުމަކީ ޠަބީޢީ ކަމެކެވެ. އަދި އެކެއްގެ އުޞޫލާއި އަނެކެއްގެ އުޞޫލާ ތަފާތުވުމުން އެމައްސަލައެއްގެ ޙުކުމު ދެމީހުން ނަގާގޮތްވެސް ތަފާތު ވެދާނެތީ ޢިލްމުވެރިންގެ މެދުގައި މިތަފާތުތައް އައިސްފައި ހުރީއެވެ. އަދި ވަރަށް ގިނަ ފަހަރު ޢިލްމުވެރިންގެ މެދުގައި ދީނީ މައްސަލަތަކުގައި ތަފާތު ވެފައި އޮންނަނީވެސް މިވެނި ކަމަކީ ސުއްނަތެއްތޯ ނުވަތަ ނޫންތޯ، މިމައްސަލައަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައި އޮންނަނީ ދެކަމެއް ނުވަތަ ދެގޮތެއް ސުއްނަތް ކަމުގައި ބެލެވިފައި، އެދެކަމުގެ ތެރެއިން ނުވަތަ އެގޮތުގެ ތެރެއިން އައުލާ ގޮތަކީ ކޮަބައިތޯ ބެލުމުގައި ދިމާވެފައި އޮންނަ ރައުޔު ތަފާތު ވުމެކެވެ. ކޮންމެ ދަންނަބޭކަލަކުވެސް އެކަމަކާމެދު ގެންނެވި ރައުޔު ގެންނެވީ ކޮން ސަބަބަކާހުރެތޯ ބަލައި، އެބޭކަލެއްގެ ދަލީލުތައް ޤުރުއާނާއި ސުއްނަތުން އެބޭކަލަކު ގެންނެވީ ކިހިނަކުންތޯ ބަލައިގެން ނޫނީ އަނެކާއަށް އެކަމުގައި ތަރުޖީޙުދީ ބުރަވާން ނޭގޭނެއެވެ. އަދި މިގޮތަށް ތަރްޖީޙު ދެވޭނީވެސް އެކަށީގެންވާ މިންވަރަށް ދީން ކިޔަވައިގެން ތިބި ބަޔަކަށެވެ. ދީން ނުކިޔަވައި ހުރި މީހަކަށް އެއީ ނުކުޅެދޭނެ ކަމެއްކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.


މީސްމީހުންގެ ކިބައިން ފެންނަ ޚުރާފާތްތަކާ މަޛްހަބާ ގުޅުމެއްނެތް!  

މިގޮތުގެ މަތީން މިހާރަކަށް އައިސް ރާއްޖޭގައި މާބޮޑަށް މަޝްހޫރު ވަމުންދާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކާމެދު އިމާމު ޝާފިޢީ އެމައްސަލައެއް އެގޮތަށް ތަރުޖީޙު ދެއްވާފައިވަނީ ކޮންކޮން ދަލީލުތަކެއްގެ އަލީގައިކަން ބަޔާންކޮށްލުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެއިރުން ޝާފިޢީގެފާނަށް ތަބާވެގެން ތިބި މީހުންނަށް އެކަމުގައި ހިތްހަމަޖެހުމެއް ލިބިދާނެކަމަށް ފެނެއެވެ. ހަމައެއާއެކު ޝާފިޢީގެފާނުންގެ ރައުޔުތަކަށް ބަދުބަސްބުނެ އެހެން މަޛްހަބެއްގެ ރައުޔު އެއީ ސުންނަތް ކަމުގައި ދެކިގެން، ޝާފިޢީ މަޛްހަބަށާއި އެމަޛްބަހުގައި ޚިޔާރުކުރެވިފައި ހުރި މައްސަލަތަކަށް ހުތުރުބަސް ބުނަމުންދާ މީހުންނަށް ޙައްޤު އޮޅުން ފިލައި، އެބަޔަކަށް ޙަޤީޤަތާ ހަމައަށް ވާޞިލުވުމަށް މަގުފަހިވެދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އޭގެ ތެރޭގައި ހަރުއަޑުން ކިޔަވާ ނަމާދުތަކުގައި އަލްޙަމްދުގައި ބިސްމި ބާރަށް ކިޔެވުމާއި ފަތިސްނަމާދުގެ ފަހު ރަކުޢަތުގެ އިޢްތިދާލުގައި ޤުނޫތު ކިއުމާއި ހުކުރު ނަމާދުގެ އިހު ސުންްނަތުގެ މައްސަލައާއި މިފަދަ ބައެއް މައްސަލަތައް ހިމެނިގެން ވެއެވެ.

 ދަންނަވަންތޯއެވެ! ރާއްޖޭގައި ދީނުގެ ނަމުގައި ދިވެހިން ކުރާހާ ކަމެއް ދީނުގެ އެއްވެސް މަޛްހަބެއް ނުވަތަ އިމާމުވެރި ބޭކަލަކު އެކަންކަމާހުރެ ބަދްނާމުވެ މަޛްހަބު ގޯސްވާކަށް ނުޖެހެއެވެ. ހަމަ އެގޮތުން މަޛްހަބަކަށް ނޫޅެމޭބުނެ ދީނުގެ ކަންތަކަށް ޢަމަލު ކުރަމުންދާ މީހުންގެ ކިބައިގައިވެސް ސުންނަތާ ޚިލާފުވާ ކަންކަން މަދެއް ނޫނެވެ. އެކަންކަމުގައި ޒިއްމާވާން ޖެހޭނީ ހަމަ އެމީހެކެވެ. އެހެންކަމުން ޝާފިޢީ މަޛުހަބަށް ތަޤުލީދު ކޮށްގެން އުޅޭ ބަޔަކު އެމީހުންގެ އަމިއްލައަށް އުފައްދާ ފަސާދަތަކަކާހުރެ ނުވަތަ އަމިއްލައަށް ކުރަމުންދާ ކަންކަމާހުރެ މަޛުހަބަށް ނުބައި ކިޔާކަށް ނުޖެހެއެވެ. އެއީ އެބައެއްގެ ގޯސްކަމެވެ. މަޒުހަބުގެ ގޯސްކަމެއްނޫނެވެ. މުސްލިމުންގެ ނުބައި ޢަމަލުތަކަކުން މާތްވެގެންވާ އިސްލާމްދީނަށް ކުޑަވެސް އުނިބަހެއް ރައްދުވާކަށް ނުޖެހެއެވެ. އަދި ހަމައެހެންމެ ތަޤުލީދުގެ ބޭނުމަކީ މާތްވެގެންވާ އިސްލާމްދީނަށް ޢަމަލުކުރުމުގައި ސަލާމަތްކަމާއި ރައްކައުތެރިކަން ލިބިގަތުމެވެ. ފަހަރެއްގައިވެސް ތަޤުލީދުގެ މަޤުޞަދަކީ ފިތުނަ ފަސާދަ އުފެއްދުމެއް ނޫނެވެ. ނިކަން ބައްލަވާށެވެ. ދީނުގެ ބޮޑެތި ޢިލްމުވެރިން ނެތިގޮސް ފަހު ޒަމާނުގައި އުފެދެމުންދާ ލާދީނީ އޮއިވަރުގެ ތެރޭގައި ތިބެގެން، ދަންނަބޭކަލުންނަށް ތަބާވުމާއި ތަޤުލީދާއި އިންކާރު ކޮށްގެން އުޅޭމީހުން ދެން އިޚްތިޔާރު ކުރާނީ ކޮން މަގެއްތޯއެވެ؟ ދީނީ ކަންކަމުގައި ތިމަ ތިމާމެން އަމިއްލައަށް ނޫޅެވޭނެކަމާއި ޤުރުއާނާއި ސުންނަތުގައި އެކަމެއް އައިސްފައިވަނީ ކިހިނެކުންކަން ހޯދުމަށްޓަކައި ދީނުގެ ޢިލްމުވެރިންނަށް ރުޖޫޢަވުމީ ޢާއްމު މުސްލިމުންނަށް ލާޒިމުވެގެންވާ ކަމެއްކަން ކުރީގައި އަޅުގަނޑު ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ހަވާނަފުސު އެދޭހާ ގޮތަކަށް މާތްވެގެންވާ އިސްލާމްދީނުގެ މައްސަލަތަކުގައި ޢަމަލުކުރެވޭނަމަ ޝައްކެއްނެތި އެދެވެނީ ޝައިޠާނީ މަގުތަކުންނެވެ. މިޖަހާލަތުގެ އަނދިރީގައި ދީނުން ދެތިންކަލިމައެއް އުނގެނިގަނެ ދީނުގެ ދަންނަބޭކަލުންނަށާއި ، ކީރިތި ރަސޫލާގެ ލޮބުވެތި އަޞްޙާބުންނަށް ބަދުބަސް ރައްދުކޮށް އެއީވެސް ފިރިހެނުންނޭ ތިމަންމެންނީވެސް ފިރިހެނުންނޭބުނެ އެބޭކަލުންގެ ރައުޔަށް ރައްދުދީ ޢިލްމީ ފެންވަރަށް ދަޢުވާކުރަމުންދާއިރު ޢިލްމީގޮތުން އެބޭކަލުންނަށް ގޮން ޖެހުމަށް ތިމާމެންގެ ކިބައިގައި ހުރީ ކޮންފަދަ ފިރިހެންވަންތަކަމެއްތޯވެސް ވިސްނާލިމަ ރަނގަޅުވީސްކަން ކަށަވަރެވެ.

ނިކަން ފުންކޮށް ވިސްނާލަމާ ހިނގާށެވެ! މިއުއްމަތުގައި ނަބީކަމަށް ދަޢުވާކުރި މީހުން ދަޢުވާ ކޮށްފައިވަނީ ތަޤުލީދަށް އިންކާރު ކުރުމަށް ފަހުގައެވެ. ޢިލްމުވެރިންގެ ޢިލްމަށް ގޮންޖެހުމަށް ފަހުއެވެ. އަދި އިހުގައިވެސް އަދި މިހާރުވެސް ލޮބުވެތި ރަސޫލާގެ ޙަދީޘާ އިންކާރު ކުރާ މީހުން އެއާ އިންކާރު ކޮށްފައި ވަނީވެސް އަދި އިންކާރު ކުރަމުން ދަނީވެސް އިންސާނަކަށް ތަބާވާން ނުޖެހޭ ކަމުގެ ދަޢުވާގެ ދަށުންނެވެ. ހަމައެއާއެކު ޢިލްމުވެރިންނަށް ތަޤުލީދުކުރުމެއް ނޯންނަ ކަމަށް ބުނެ، އެކަމާ އިންކާރު ކުރާމީހުންގެ ވާހަކަތަކުގެ ނިވާފަތްގަނޑަށް އެމީހުން ވަދެ ތިބެގެންނެވެ. އަދި ހަމައެފަދައިން އިލާހުވަންތަކަމަށް ދަޢުވާކޮށް  ނުވަތަ ތިމަންމެންނީ ދީން އާލާކޮށް ދީން މޮޑަރައިޓް ކުރަންއުޅޭ މުޖައްދިދުންނޭ ބުނެ އެކަމަށް ދަޢުވާ ކުރާ މީހުން ދަޢުވާ ކުރަމުން ދަނީވެސް ޢިލްމުވެރިންނަށް ތަބާވުމީ އޮންނަ ކަމެއް ނޫންކަމަށް ބުނެ، ތަޤުލީދަށް އިންކާރު ކުރުމަށް ފަހުގައެވެ. މިހެންކަމުން މިއެންމެހާ ނުރައްކައުތަކުން ސަލާމަތްވުމުގެ އިތުރަށް ތަޤުލީދު ކުރުމުން މީހާގެ ޢިލްމާއި، ޢަމަލު ޞައްހަވެ، ތަޤްވާވެރިކަމާ ދިމާއަށް ރުޖޫޢަވެ، ތިމާއަށް ޢަމަލުތަކުގައި އިޚުލާޞް ތެރިކަން ލިބި، ތިމާގެ ހަވާނަފުސުގެ މައްޗަށް ދީންވެރިކަން ގަދަވެ، ދީނަށް އުނިކަން ލިބެނިވި ކަންތައްތަކުން ދުރުހެލިވެ ރައްކައުތެރިވެވި، ޙައްޤުގެ އަހުލުވެރީންގެ އިޖުމާޢާއި އެއްގޮތްވެވި، ޢަމަލުތައް ބާޠިލުވެ ދިއުމުން ސަލާމަތްކަން ޙާޞިލުވެއެވެ. މިކަމަށްޓަކައި އިޖުތިހާދުގެ ދަރަޖައަށް ވާޞިލުވެފައިނުވާ ކޮންމެ މީހަކަށް ޖެހެނީ ހަތަރު އިމާމުވެރި ބޭކަލުންގެ ތެރެއިން ކޮންމެވެސް އެއް އިމާމުވެރި ބޭކަލަކަށް ތަބާވެ، ތަޤުލީދު ކުރާށެވެ. ކަނޑައެޅިގެން މިބޮޑު ފިތުނަވެރި ދުވަސްވަރު، ލާދީނިއްޔަތަށް ގޮވާލެވޭ ދުވަސްވަރު، މިގޮތަށް ތަޤުލީދުކުރުމަކީ ޢާއްމު މުސްލިމުންނަށް ކޮންމެހެން ލާޒިމު ވެގެންވާ ކަމެކެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އާއި، އެކަލޭގެފާނުންގެ މިތުރު އަޞްޙާބުން ތިއްބެވިގޮތް މަތީ ޘާބިތުވެ ތިބެވޭނީ އެއިރުންނެވެ. އަދި ކަނޑައެޅިގެން ސަލާމަތްވާނެމަގަކީ މިއީއެވެ. ނިކަން ވިސްނާލަމާތޯއެވެ؟ އިޖްތިހާދުގެ ދަރަޖައަށް ވާޞިލުވެފައި ތިއްބެވި ބޭކަލުންވެސް ގެންދެވީ ބޮޑެތި ޢިލްމުވެރިންނަށް ތަބާވެ ވަޑައިގަންނަވަމުންނެވެ. ހަތަރު މަޛްހަބުގެ އިމާމުންނަށް ތަޤްލީދު ކުރައްވަމުންނެވެ. މީގެ ވަރަށް ގިނަ މިސާލުތައް ކުރީގައި ބަޔާންވެ ހިނގައްޖެއެވެ.

……………………………………………

[1] އެއީ އެކަލޭގެފާނުންގެ ފޮތް الرسالة المصنفة في بيان السنة المشرفة  ގައެވެ.

[2] ރިވާކުރެއްވީ އިމާމު އަޙްމަދާއި ތިރްމިޛީއެވެ. އަދި ތިރްމިޛީ ވިދާޅުވެފައިވަނީ ޙަސަން ޙަދީޘެއް ކަމަށެވެ.

[3] الطبقات الكبرى

[4] الطبقات الكبرى ، الطبقات الشافعية ، معرفة السنن والآثار للبيهقي (باب مولد الشافعي رحمه الله …)

[5] الطبقات الكبرى ، الطبقات الشافعية ، معرفة السنن والآثار للبيهقي (باب مولد الشافعي رحمه الله …) مقدمة الحاوي ، ص 18: آداب الشافعى ومناقبه ، ابن أبى حاتم الرازي ص 93. معنى قولا لإمام المطلبي

About the author
Leave Comment