“ދެނެހުރިންތަ؟ މަގޭ ގެލެޑީ ވަރަށް ބޮޑަށް ބަލިވެއްޖެއޭ!” ދޮޅިޔަށް އަތްދީގެން އިނދެ ދާއިން ބުންޏެވެ. އޭނާގެ މިތުރު އަކުރަމް ސުވާލުގެ ވައްތަރަށް ބުމަ އަރުވައިލައިފައި އަހައިލިއެވެ.” ކޮންކަހަލަ ބައްޔެއްތަ؟” “ޑަކުޓަރު ބުނަނީ ކެންސަރު ބަލި ކަމަށް. ކެންސަރު ޖެހިފައި ހުރީ ވާތު ލޮލަށް. ގެލެޑީ މަރުން ސަލާމަތް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ލޯ ނެގުން ކަމަށް. އެއާއެކު ލޯ ކައިރިން ފުށްކިބަޔަށް ފެތުރެމުންދާ ކެންސަރު ފިއްތައް ވެސް ނެގުން ކަމަށް. ޑަކުޓަރު ބުނާ ގޮތުގައި އުއްމީދު…

“ދެނެހުރިންތަ؟ މަގޭ ގެލެޑީ ވަރަށް ބޮޑަށް ބަލިވެއްޖެއޭ!” ދޮޅިޔަށް އަތްދީގެން އިނދެ ދާއިން ބުންޏެވެ.

އޭނާގެ މިތުރު އަކުރަމް ސުވާލުގެ ވައްތަރަށް ބުމަ އަރުވައިލައިފައި އަހައިލިއެވެ.” ކޮންކަހަލަ ބައްޔެއްތަ؟”

“ޑަކުޓަރު ބުނަނީ ކެންސަރު ބަލި ކަމަށް. ކެންސަރު ޖެހިފައި ހުރީ ވާތު ލޮލަށް. ގެލެޑީ މަރުން ސަލާމަތް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ލޯ ނެގުން ކަމަށް. އެއާއެކު ލޯ ކައިރިން ފުށްކިބަޔަށް ފެތުރެމުންދާ ކެންސަރު ފިއްތައް ވެސް ނެގުން ކަމަށް. ޑަކުޓަރު ބުނާ ގޮތުގައި އުއްމީދު އެބައޮތް އޮޕަރޭސަން އަވަހަށް ކުރެވިއްޖެއްޔާ. އެކަމަކު ކަމުގެ ކަވިކަމުންނާއި ފަންނުގެ މީހުންނާއި އާލާތް ވެސް ނެތް ކަމުން ނުވަތަ މަދުކަމުން މިއަކީ މާލެއަކުން ކުރެވޭކަށް އޮތް ކަމެއް ނޫން. ލަންޑަނަށް ދިއުމޯ މޮޅުގޮތަކީ. ކަމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެކޯ. ހިތާމައަކީ މަގޭ މައިން ބަފައިން ނުވަތަ ގާތް ތިމާގެ މީހުންގެ ތެރޭގައި ވެސް މިފަދަ ޚަރަދެއް ކުރެވޭނޭ ފަދަ ތަނަވަސް މީހަކު ނެތްކަން. އެފަދަ ތަނަވަސްކަން ހުރި ދުރުތާ ތިމާގެ މީހަކު އެބަހުރި. އެކަމަކު ދުރުތާތިމާގެ ކަމަކީ ދުރުހެލި ތިމާގެކަން! އެބޭބެޔަށް ހެޔޮ މަގޭ ގެލެޑީ މަރުވިޔަސް. ކަނޑުކަނޑަށް ކޯރުކޯރަށް ކުނި މަދު ނުވާ އުސޫލުން ކުޅިކުޅިއަށް ގެލެޑީން މަދު ނުވާނެ ކަމަށް އެބޭބެ ދެކެނީ. ކިހިނެއް ހަދާނީ؟ ކޮން ގޮތަކުން ފައިސާ ހޯދާނީ؟ ސަލާންޖަހައިގެންތަ؟ މަރުކަށިކަނޑައިގެން ވެސް ގެލެޑީ ޖެހޭނީ މަރުން ސަލާމަތް ކުރާން!”

“ދާއިން! އަކުރަމް! ދެމީހުން ބޮޑުތަކުރުފާނު ވާހަކަ ފައްޓައިގެން އުޅޭ ދުވަހަކީތަ!” އެދުރުދައިތަ ބަޑިބަޑިޖަހައިގަތް އަޑަށް ދެރައްޓެހީން ސިއްސައިގެންދިޔައެވެ. އިސްކޮޅަށް ވުރެ އަމުރުވެރި ދައިތައެކެވެ. ހެއްވާ ކަމަކީ މިދައިތަ ކުރިމަތީ ކުދީންނަކީ ނުތިބޭ ބައެއް ކަމެވެ. ކިލާހުގައި ތިބޭނީ ހައްތާވެސް “ފިރިހެނާ”އެވެ. ނުވަތަ “އަންހެނާ”އެވެ. ނުވަތަ ‘މީހުންނެވެ’.

ދެރައްޓެހީން ފެއަށް ޖެހިލައި އަތަށް ފަންސުރު ހެޔޮވަރުކޮށްލިއެވެ. އަދި ކުރިމަތީގައި ހުޅުވާލައިފައި އޮތް ފޮތުގެ ތެރެޔަށް ފީނައިގަތެވެ. ކުލާހުގައި ތިބި އެންމެ ކިޔެވުމަށް މޮޅު ދެ ކުދީންކަމުގައި ވާ މިޝްކާ އާއި ރިޒުވާން މިހާރު ވެސް މަސައްކަތް ނިންމައިފައި ފޮތް ހަވާލުކޮށްފިއެވެ. އެހެން ދެ ކުއްޖަކު މަސައްކަތް ނިންމާފައި ފޮތް ހަވާލުކުރަން ދާން ހެލިފެލިވެގެންފިއެވެ.

ހިސާބު ނަންބަރު ހެދޭތޯ އުޅުނަސް އެކަމަށް ދާއިންގެ ފިކުރާއި ޚިޔާލު މުޅިން ހުސްކޮށްނުލެވޭތީ އޭނާވީ އެންމެ ފަހުން މަސައްކަތް ނިންމާލެވުނު ކުދީންގެ ތެރޭގައެވެ.

މަދުރަސާ ނިމުމުން ގެޔަށް ދިޔަ މަގުމަތީގައި ވެސް ދާއިން ބޯގޭނީ ގެލެޑީއާ މެދުގައެވެ. އެހެން ނަމަވެސް އެބޮލަކަށް ރަނގަޅު ބުއްދިއެއް ނައެވެ. ހަވީރު ފުޓުބޯޅަ ނިންމާފައި ގެޔަށް ދިޔަ މަގުމަތީގައި ރައްޓެހީން ގާތު ވެސް ދެއްކީ  ގެލެޑީގެ ވާހަކައެވެ. ބޭސްފަރުވާއަށް މަގެއް ފެނިދާނެކަމުގެ އުއްމީދުގައި ނަމަ އެވީ ދޮން ދަގަނޑަކަށް ބުރުވާލި ފެންފޮދަށެވެ. ބަޑިޖަހައި ކެކިގެންފައި އާހަށް އަރައިގެން ދިޔައީއެވެ. ހަމްދަރުދީގެ ބަހެއް ނުލިބުނުތާ ކުރިމަތިލާން ޖެހުނީ ހޯއްގޮވުމާއެވެ. އާޑަފުރައްސާރަޔާއެވެ.

“ހެއްވާ ކަމެއްދޯއެވެ. މިހިރަ ކުއްޖަކު ގެލެޑިމަހަކައިގެން މިހިރަވާ މަރެއްދޯއެވެ! އެގޮލާ އަވަހަށް މަރާލާށެވެ! ގެލެޑިމަސް ގެންގުޅުމީ ކަލޯގެ ހޮބީ ނަމަ އަވަހަށް އައު ގެލެޑީއެއް ހޯދާށެވެ! ގެލެޑީ ކަހަލަ ބަލި ބުރަ މުސްކުޅި އެއް ނޫނެވެ. ޒުވާން ސަޅި ބިޓެކެވެ. އެހެން ކުދީން ހަސަދަވެރިވާ ފަދަ ބިޓެކެވެ!” ރައްޔާނުގެ ބަހަށް ރައްޓެހީން ޗަކަޗަކަލައި ހީނގަތެވެ.

“ގެލެޑިމަސް ނުވަތަ ގެލެޑި ނޫނީ ގެލެޑީއޭ ކަލޭމެން ތިޔަ ކިޔަނީ ކޯއްޗަކަށް؟” ގުރޫޕަށް އައު ކުއްޖެއް ކަމުގައިވާ ލާވީ އަހައިލިއެވެ.

“އަހަރެމެންނެއް ނޫން. އެއީ މިހިރަ ދާއިން ދީގެން އުޅޭ ނަމެއް. ގޯލްޑްފިޝް ކިޔަން ދުލަށް އުނދަގޫކަމުން ދިވެހިކޮށްލައިގެން ކިޔާ ނަމެކޯ. އެނަން މާ ކަމުގޮސްގެން ގެލެޑިމަސް ކިޔަން ފެށީ. ދެން ނަމުން މަސް ކަނޑާލައިފައި ކިޔަންފެށީ ގެލެޑި. އެންމެ ފަހުން މިހާރު އެއީ ގެލެޑީ ދޯ ދާއިން!” ރައްޔާނު ބުންޏެވެ. އަދި ހަމަ އެއާއެކު ދާއިން އާ ދިމާއަށް ކުޑަކުޑަ މަހެއްގެ ތުނބަށް ތުން އޫކޮށްލިއެވެ. މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. އެހިނިގަނޑުގައި ހުރިހައި ކުދީން ބައިވެރިވިއެވެ. ހިނދިހިނދިފައި ބާރުބާރަށް ފަޅަފަޅައިގެންދާ ދިގު ހިނިގަނޑެކެވެ.

މޮޅިވެފައި ހުރި ދާއިން ހަމަ އެކައްޗެއް ނުބުނެ ހަނު ހިމޭނުން ހުއްޓެވެ. މިކަހަލަ ހިތް ހަރު ކުދިބަޔަކަށް ގެލެޑީގެ ކެކުޅުންތަކުން އަސަރެއް ކުރާނެ ހެއްޔެވެ؟ ގެލެޑީ އެއީ އޭނާ ކޮންފަދަ ލޯބިން ބަލަހައްޓާ އެއްޗެއް ކަން މިކުދީންނަށް އެނގޭ ހެއްޔެވެ؟ ކުދިމަސް ވިއްކާ ފިހާރައަކުން އޭނާ ގެލެޑީ ގަތް އިރު އެއީ ފުކެއް ވަރުގެ އެއްޗެކެވެ. އެސޮރު އިއްޒަތުގައި ބައިންދާނޭ ބިއްލޫރި ގުޅިއާ އޭގެ ތެރެޔަށް ކަނޑު ނުވަތަ ކޯރު އަޑީގެ ގުދުރަތީ ވެށި ގެނައުމަށް ބޭނުން ކުރާނޭ ބިއްސާވެލި، ބިއްސާގައު، ކުދި ހިލަ، ފެނުގައި ކަފިލައި ހެދޭ ކުޑަކުޑަ ގަސް މިއީ ހައްތާ ވެސް ޕަރުވޭޒު ބައްޕަގެ ހަދިޔާއެވެ. ޕަރުވޭޒަކީ ދާއިންއާ އެއްކިލާހުގައި ކިޔަވަން އުޅުނު ކުއްޖެކެވެ. އޭނާގެ ބައްޕަ ފީރޯޒަކީ އައިޖީއެމް ހަސްފަތާލުގައި މަސައްކަތްކުރަން އައިސް ހުރި ޕާރިސީ ޑަކުޓަރެކެވެ. ސިއްހީ ކަންކަމުގައި ޑަކުޓަރު ބައެއް ފަހަރު ރާއްޖެތެރެއަށް ވެސް ދަތުރުކޮށް އުޅެންޖެހެއެވެ. ބިއްސާވެއްޔާއި ގައު މީ މިގޮތުން އޭނާ ފުވައްމުލަކަށް ކުރި ދަތުރެއްގެ ހަދިޔާއެވެ.

އެއޯގާވެރި ޑަކުޓަރާއި އޭނާގެ ދަރިފުޅު އަދިވެސް މާލޭގައި ތިބި ނަމަ ކޮންފަދަ ހެއްޔެވެ؟ ގެލެޑީއާ ބެހޭ ހުރިހައި ވާހަކައެއް މަލާމާތަކާއި ކުރިމަތިލާން ނުޖެހި ދާއިންއަށް އެމީހުންނާ އެކު ހިއްސާކުރެވިއްޖައީހެވެ. ކޮންމެ ތިން ދުވަހަކުން ތިންދުވަހަކުން އޭނާ ގުޅީގެ ފެން ބަދަލުކޮށް ގެލެޑީ ބަލަހައްޓާލެއް މޮޅުކަމުގެ ވާހަކައެވެ. ކޮންމެ ދުވަހަކު ހެނދުނު މަދުރަސާއަށް ދާން ނިކުތުމުގެ ކުރީން އޭނާ ގެލެޑީއަށް ގޮވާލައި މަދަރުސާއަށް ދާކަން އަންގާލާ ވާހަކައެވެ. އަދި ހަމަ އެފަދައިން މަދުރަސާއިން އެނބުރި އައިސްފައި އައިކަން އަންގާލާ ވާހަކަމެއެވެ. އޭނާ ފެނުމުން ގެލެޑީ އުފާވެގެން އައިސް ބަނޑިޔާ ބިތުގައި ތުންތަޅައި އޭނަޔާ ވާހަކަ ދައްކައި ހަދާ ގޮތުގެ ވާހަކައެވެ. ގެލެޑީ އޭނާއަށް ކިޔައިދެނީ ކޯރުކޯރާއި ކުޅިކުޅިތަކުގެ އަޑީގައި އޮންނަ އީދުގެ ވާހަކައެވެ. އަދި ބުނާނެއެވެ.

މަށަށް ހީވަނީ ދާއިންބޭބެ އަށް މަދުރަސާ ވެފައި ވަނީ ވަރަށް ފޫހިތަނަކަށް ހެންނެވެ.”

ދާއިން ސަމާސަކަމާއެކު ގެލެޑީ ގައިގައި ޖަހާލަން އުޅޭ ގޮތަކަށް ބަނޑިޔާ ބޭރުގައި ފުއްޓަކި ޖަހާލައިފައި ބުނާނެއެވެ.

“މަދުރަސާ ފޫހިތަނަކަށް ވެފައި ވަނީ ގެލެޑީ މަށާ އެކު މަދުރަސާއަށް ނުދާތީއެވެ. މަށާއެކު މަދުރަސާގައި އުޅެނީ މުޅިން ވެސް މަސްބާނާ މަސްމަރާ ހިތުން އުޅޭ ކުދީންނެވެ. މަސްދެކެ ލޯބިވާ ކުއްޖަކު ނޫޅެއެވެ.”

އޭނާގެ ބަހުރުވަ ގެލެޑީ ދަނެއެވެ. ހަމަ އެފަދައިން ގެލެޑީ ވެސް އޭނާގެ ބަހުރުވަ ދަނެއެވެ. އެކަކު ބިމުގައި ލެއްވިޔަސް އަނެކަކު ފެނުގައި ލެއްވިޔަސް ހެވެވެ. ދެމެދުގައި ވަނީ ހުރަހެއްނެތް ގާތްކަމެކެވެ. އެއަށް ފުރާނައިގެ ގުޅުމޭ ނުކިޔޭނެ ނަމަ ‘ނޭވާގެ’ ގުޅުމޭ ކިއިދާނެއެވެ. ދާއިން ނޭވާލުމަށް ބޭނުންކުރަނީ ޖައްވުގެ ވައެވެ. ގެލެޑީ ނޭވާލުމަށް ބޭނުން ކުރަނީ ފެނުގައި އެކުލެވޭ ވައެވެ. ނުވަތަ އޮކްސިޖަނެވެ.

އެރޭ ކައިބޮއި ހަދައިގެން މިރެއިން މިރެއަށް ނިންމަން ޖެހޭ ފިލާވަޅެއް ވެސް ނެތުމާއެކު ޓީވީ ހުޅުވައިގެން ކާޓޫނު ފިލްމެއްގައި ޖެހިފައި އިންދާ ބައްޕަ ބޭރުން އައިސް ގެޔަށް ވަދެއްޖެއެވެ. އެއް ފަހަރު ދާއިންއަށް އަނެއް ފަހަރު އިސްކިރީނަށް ބަލައިލައިފައި ކިޔައިފިއެވެ. “ދަރިފުޅަށް މިފުރެނީ ބާރަ އަހަރު. މިހާރު ތިޔައީ ކާޓޫނު ފިލްމު ބަލައި ކާޓޫނު ކުރަހައި އުޅޭ ވަރަށް ވުރެ ބޮޑު ކުއްޖެއް.”

ޖަވާބުގައި ދާއިން ބުންޏެވެ.  “ކާޓޫނަކަސް ބައްޕަ ވެސް ބަލައިލަން ރަނގަޅު ފިލްމެއް މީ! ފިލްމުގައި އުޅޭ ބޮޑު ބުޅާ މަރުވަނީ ކުޑަކުޑަ މީދަލަކަށް ލޮޓިދޭން ދޭން އުޅެނިކޮށް ލިބޭ ލޮޓިއަކުން. އެއާއެކު ބުޅަލުގެ ފުރާނަ ދަތުރުކުރަނީ ރޫހާނީ އާލަމަށް. އެއާލަމުން އެފުރާނަޔާ ބައްދަލުވި މަލާއިކަތާގެ ކިބައިން އެދެނީ ސުވަރުގެ ދާނެ މަގުދެއްކެވުމަށް. މަލާއިކަތާ ހިނިފުޅުވަޑުވާފައި އެއްސެވީ ކަލޯއަށް ސުވަރުގެ ހެއްޔެވެ؟”

ބުޅާ ދެންނެވިއެވެ. ތިޔަހެން ތިޔަ ވިދާޅުވަނީ ކީއްވެތޯއެވެ! އަޅުގަނޑުގެ ފުށުން އިސްވެފައިވާ ކުށް ފާފައެއް އޮތީތޯއެވެ؟ އަޅުގަނޑުގެ ދުނިޔަވީ ހަޔާތުގައި އަޅުގަނޑުގެ ނަސްލުގެ އެއްޗަކަށް އަޅުގަނޑުގެ ފުށުން ކުޑަވެސް ގޯނާއެއް ފޯރާފައެއް ނޯންނާނެއެވެ. އުމުރު ހޭދަކުރީ ލިބޭ ކާއެތިކޮޅު އެއެއްޗިއްސާ އެކު ހިއްސާކޮށް އެކުވެރިކަމާއި އަޅުވެރިކަންމަތީ އުޅެއެވެ.”

މަލާއިކަތާ ވިދާޅުވިއެވެ. “ހެޔޮކޮށް ހިތަން ޖެހޭނީ ހަމައެކަނި ކަލޯއާ އެއް ނަސްލުންވާ އެއްޗިއްސަކަށް ނޫނެވެ. ކަލޯއާ އެއް ނަސްލުން ނުވާ ކުދިކުދި އެއްޗިއްސަށް ވެސް އޯގާވެރިވެ ހެޔޮކޮށް ހިތަން ޖެހެއެވެ. އެކަމަކު މީ ކަލޯ ދުނިޔޭގައި ފަތަރާސީކަން މަތީ އުޅުނު އިރު ފަހަރެއްގައި ވެސް މިކަންކަން ދުށް ގޮތެއް ނޫނެވެ. ކަލޯ ދުށް ގޮތުގައި ކުދިކުދި ސޫފާސޫފި އެއީ އަގެއް ހުރި އެއްޗިއްސެއް ނޫނެވެ. މުޅިންވެސް މަރައި ކައި ހުސްކުރަން ޖެހޭ އެއްޗިއްސެވެ. ކަލޯ މުޅި އުމުރު ހޭދަކުރީ މީދަލަށް ބިރުދައްކައި މަރައި ކައި ހެދުމުގައި ނޫން ހެއްޔެވެ. މީ ކަލޯގެ އަމަލުތައް ކަލޯއާ ބައްދަލުކުރާ ދުވަހެވެ. އަނިޔާއަށް ނިޔާ ލިބޭ ދުވަހެވެ.”

“އަނިޔާ އާއި ނިޔާއޭ ތޯއެވެ؟ ތިޔައީ އަޅުގަނޑު ދަންނަ އެއްޗިއްސެއް ނޫނެވެ.”

“ދާދި އަވަހަށް ދަސްވެދާނެއެވެ. އަހަރެމެން ކަލޯ ފޮނުވާލާނީ ނަރަކައަށެވެ!”

“ނަރަކައޭ ތޯއެވެ؟ އެއީ ކޮން ތަނެއްތޯއެވެ؟ މީދާ ވަރަށް ގިނަ ތަނެއް ދޮގެއް ތޯއެވެ؟”

ދާއިން ބައްޕަ ބިނދިބިނދިފައި ހޭންފެށިއެވެ. ދާއިންގެ ވާހަކައަކީ ބައްޕަޔާ ދިމާއަށް ދޫކޮށްލި ނުސީދާ އެތިފަހަރެއްކަން އެނގުމާ ވެސް އެކުގައެވެ. ދާއިން ގެލެޑީއަށް ފަރުވާދޭ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް ބައްޕަ ބުނާނީ ދަރިފުޅު ތިޔަ އުޅެނީ ފަހެ މޮޔަވެގެން ހެއްޔެވެ؟ ބަލި ބުރަ ގެލެޑީއަކާ ހެދި މޮޔަވާނީ ކާކު ހެއްޔެވެ؟ ތިޔަ ސޮރަށް ކާންބޯންދީ ބޭސް ފަރުވާކޮށް ހަދަން ކުޑަލާރިއެއް ވެސް އަހަރެމެން އަތުން ޚަރަދު ކުރާކަށް ނެތީމެވެ. އެކަން ކަމަށް ޚަރަދުކުރަން ބޭނުން ނަމަ ޚަރަދުކުރެވޭނޭ ގޮތްގޮތް ދަރިފުޅު އަމިއްލަޔަށް ހޯދާށެވެ”

ދާއިން ހިތުގައި ޖެހުނެވެ. އެކުވެރި ޕަރުވޭޒު ކޮބައި ބާވައެވެ؟ ޕަރުވޭޒު ބައްޕަ ކޮބައި ބާވައެވެ؟ އެއާއިލާ ރާއްޖެއިން ފުރައިގެން ދިޔައީ އިންޑިއާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރާށެވެ. މާލެއިން ފުރައިގެން ގޮސް އެމީހުން މުމްބައިގައި ތިބި ދުވަސްކޮޅު ޕަރުވޭޒު މެސެޖުކޮށް ހެދިއެވެ. ޚަބަރެއް ނުވާތާ މިހާރު ކިތަންމެ ދުވަހެކެވެ. ރަނގަޅަށް ވިއްޔާ މިހާރު ދިރިއުޅޭނީ އެމެރިކާގައެވެ. އައު ދިރިއުޅުމެއް ފެށި އައު ރައްޓެހީން ލިބުމުން އިހުގެ ރައްޓެހީން މަތިން ހަނދާންނެތުނީތާ އެވެ. އެއާއިލާ ރާއްޖޭގައި ތިބި ދުވަސް ނަމަ ގެލެޑީއަށް ބޭސް ފަރުވާކުރުމުގައި އެމީހުންގެ އެހީ ލިބޭނެކަމީ ދާއިންއަށް ޝައްކެތް އޮތް ކަމެއް ނޫނެވެ. ޕަރުވޭޒަށް ލިބުނު ކަހަލަ ހޭލުންތެރި އަދި އެހައިމެ ފޯރުންތެރި މަންމަޔަކާއި ބައްޕައެއް ދާއިންއަށް ވެސް ލިބުނު ނަމަ ކޮންފަދަ ހެއްޔެވެ؟ ޕަރުވޭޒުގެ މައިންބަފައިންނަކީ ޑަކުޓަރުކަން ގިރާ ބޮއިގެން ތިބި ދެމަފިރީންނެވެ. އެކަކީ ލޮލުގެ ޚާއްސަ ޑަކުޓަރެކެވެ. އަނެކަކީ ނާރުތަކާ ބެހޭ ޑަކުޓަރެކެވެ.

ދާއިން އަކުރަމާ ފޯނުން ގުޅާލައިފައި އަހާލިއެވެ. “އެނގޭތަ ޕަރުވޭޒާ ގުޅޭނޭ ގޮތެއް؟”

“ކީއްކުރަން ޕަރުވޭޒު ހޯދަން ތިޔަ އުޅެނީ؟”

ދާއިން އެގޮތެއް ބުނެދީފިއެވެ.

“މަށަކަށް ނޭނގެ އޭނަޔާ ގުޅޭނޭ ގޮތެއް. ވަގުތު އޮތިއްޔާ ވާހަކަ ދައްކާލަން އަހަރެމެން ގެޔަށް ޖައްސާލަ ބަލަ. ނޫނީ އަހަރެން ވެސް ތިޔަ ގެޔަށް ހިނގައިދާނަން.”

ހިތަށް އެރިއެވެ. ވަގުތު ނުވެއެއް ނުދާނެތާއެވެ. ވާހަކަދައްކަން މިއުޅެނީ މަގޭ ކަމަކާ މެދުގައެވެ. މަގެއް ފެނޭތޯ މިއުޅެނީ ގެލެޑީގެ އޮޕަރޭޝަނަށެވެ. ދާއިންމެން ދިރިއުޅެނީ ކޮށާރެއްވަރުގެ ކުޑަކުޑަ އެޕާޓުމެންޓެއްގައެވެ. އެއާ ޚިލާފަށް އަކުރަމްމެން ގެޔަކީ ގަނޑުވަރެއް ކަހަލަ ގެއެކެވެ. މައިންބަފައިންނަކީ މަހުޖަނުންނަށް ނުވާ ނަމަ އެފަންތިއަށް ފައިނަގަމުންދާ ބައެކެވެ. ގެލެޑީ ސަލާމަތްކުރުމަށް ކުރަން ޖެހޭ ޚަރަދުބަރަދު އެއީ އެމީހުންނަށް ފެންތައްޓެއް ބޮއިލުން ހައި ފަސޭހަ ކަމެކެވެ. އެމީހުން އެ ޚަރަދުގައި ހިފައިދޭން ތިބި ނަމަތާއެވެ. އެމީހުންގެ އެހީއަށް ދާއިން އެދުނީ ނުސީދާކޮށެވެ.

“ގެލެޑީގެ ބައްޔަށް ފަރުވާ ހޯދޭނޭ މަގަކާ މެދު ޚިޔާލެއް ދެއްވަފާނަން ތޯއެވެ؟” އަކުރަމް ބައްޕަ ވަގުތުން ދާއިންގެ އަސްލު ބޭނުން ދެނެގެންފިއެވެ. އޭނާގެ ވާހަކަ ހުރީ ދާއިން ބައްޕަމެން ވެސް ވާހަކަ ހުންނަ ގޮތަށެވެ. “މަހަކަށް ހޭދަކުރާނީ މޮޔައެކެވެ. މަހެއް އޮޕަރޭސަން ނުކުރެވިގެން އުޅޭނީ ވެސް މޮޔައެކެވެ. ދާއިން އަކީ އަކުރަމްގެ މޮޔަ ރަހުމަތްތެރިޔާއެވެ. ބުނެއުޅެއެވެ. މޮޔަ ރަހުމަތްތެރިޔަކަށް ވުރެ ބުއްދިވެރި ދުޝްމިނެއް މާ ރަނގަޅެވެ” މިވާހަކައެއް އަކުރަމް ބައްޕަ ބުނީ ސިއްރަކުން ނޫނެވެ. ދިމާއަށް ދާއިންގެ މޫނުމަތީގައެވެ. ގޭ އެންމެންގެ ހާޒިރުގައެވެ. މަލާމާތުގެ ބެލުންތަކާއި ހުނުންތަކުގެ އަމާޒަކަށް ދާއިން ހަދައި ކުޑަކޮށްލަމުންނެވެ. އޭގެ ފަހުން ދާއިންއަށް އެގެޔަށް ގޮސް އުޅޭކަށް ނުކެރެއެވެ. ދާދި މިދާކަށް ދުވަހު އަކުރަމްގެ އުފަންދުވަހުގެ ކުލަގަދަ ޕާޓީއަށް ކީމާވެސް ހެޔޮ އެދުންތައް ފަތިފައްޗަށް ފޮނުވާލައިފައި ބަލިވެ އުޅޭ ކަމަށް ބުނެ ދާއިން ގޭގައި ހުރީއެވެ.

“ދާއިން މަށާ ބައްދަލު ކުރާނީ ސީދާ އަހަރެމެން ގެޔަކުން ނޫން އިނގޭ. އަހަރެމެން ގޭ ކައިރިން ރަސްފަންނު އުތުރުކޮޅުން” އަކްރަމް ބުންޏެވެ.

ދާއިންގެ ހިތް މަރުވި ކަހަލައެވެ. ގެއިން ބައްދަލު ނުކޮށް ރަސްފަންނުން ބައްދަލު ކުރަން އެބުނަނީ އަކުރަމް ބައްޕަ އަދިވެސް ބަދަލެއް ނެތި އޭނާގެ ގޮތުގައި ހުރީތީއެވެ. ނަމަވެސް ބައްދަލުކުރާން ބުނާނީ ހިނގާނޭ އެހެން މަގެއް ވެސް ފެންނާން އޮތީމާ ނޫން ބާވައެވެ؟

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment