އަސްލު: “އިކޮނޮމިސްޓް” މަޖައްލާ (2016 ވަނަ އަހަރުގެ  އޮގަސްޓް  13 އިން 19 އަށް ހިނގާ ހަފުތާގެ ޢަދަދު) ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު ——————————————————— މުސްކުޅިވުން މަޑުޖައްސުވާނެ ގޮތް ސައިންސް އަންނަނީ ހޯދަމުންނެވެ. އުފާހުއްޓެވެ! ނަމަވެސް  ދެން ދިމާވެދާނެ ކަންތައްތައް ތަހައްމަލު ކުރެވޭނެ ނަމައެވެ. ހިތް ނުވަތަ ދެކިޑްނީ ނުވަތަ ފުރަމޭގެ ބަދަލުގައި ހަށިގަނޑުގެ ސެލްތަކުން އުފެއްދި ގުދުރަތީ އާހިތެއް ނުވަތަ ދެކިޑްނީ ނުވަތަ ފުރަމޭ،  މިހާރު ކަކުލުހުޅު ނުވަތަ ޅިނދުކަށިގަނޑު ބަދަލުކޮށްލާހައި ފަސޭހައިން، ބަދަލުކޮށްލުން…

އަސްލު: “އިކޮނޮމިސްޓް” މަޖައްލާ (2016 ވަނަ އަހަރުގެ  އޮގަސްޓް  13 އިން 19 އަށް ހިނގާ ހަފުތާގެ ޢަދަދު)

ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު

———————————————————

މުސްކުޅިވުން މަޑުޖައްސުވާނެ ގޮތް ސައިންސް އަންނަނީ ހޯދަމުންނެވެ. އުފާހުއްޓެވެ! ނަމަވެސް  ދެން ދިމާވެދާނެ ކަންތައްތައް ތަހައްމަލު ކުރެވޭނެ ނަމައެވެ.

ހިތް ނުވަތަ ދެކިޑްނީ ނުވަތަ ފުރަމޭގެ ބަދަލުގައި ހަށިގަނޑުގެ ސެލްތަކުން އުފެއްދި ގުދުރަތީ އާހިތެއް ނުވަތަ ދެކިޑްނީ ނުވަތަ ފުރަމޭ،  މިހާރު ކަކުލުހުޅު ނުވަތަ ޅިނދުކަށިގަނޑު ބަދަލުކޮށްލާހައި ފަސޭހައިން، ބަދަލުކޮށްލުން އާންމުވެފައިވާ ދުނިޔެއެއް ޚިޔާލަށް ގެންނަވާށެވެ. ނުވަތަ ތިބާގެ 94 ވަނަ އުފަންދުވަސް މަދުރަސީ ދައުރުގެ މިތުރުންނާއެކު ދުރު ރާސްތާއަކަށް ދުވުންގަނޑަކުން ފާހަގަކުރާ ދުނިޔެއެއް ޚިޔާލަށް ގެންނަވާށެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ މުސްކުޅިވުން މުޅިން ހުއްޓުމަކަށް އައިސްފައިވާ ދުނިޔެއެއް ޚިޔާލަށް ގެންނަވާށެވެ.

އެފަދަ ދުނިޔެއެއް އަދި ދައްކަވާފައެއް ނެތެވެ. ނަމަވެސް މިދެންނެވި ދުނިޔެއާ ވައްތަރު ދުނިޔެއެއް ކައިރި މުސްތަގުބަލެއްގައި ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މުސްކުޅި އުމުރަށް އެޅުމުން ދިމާވާ ލޯބޯ ކޮށިވުން، ގައިބާރު ދޫވުން، ފަދަ ކަންތައްތައް މިހާރު ޑަކުޓަރުންނާއި ސައިންސްވެރީން އަންނަނީ ދިރާސާކުރަމުންނެވެ. މިވަގުތު އެވެރިންގެ އަމާޒަކީ މުސްކުޅިވުން މުޅިން ހުއްޓުވުމެއް ނޫނެވެ. އެކަމަކު މުސްކުޅިވުން މަޑުޖެއްސުވުން އެއީ އެވެރިންގެ އުއްމީދެވެ. މިދިޔަ ގަރުނެއްހައި ދުވަހު ތެރޭގައި އިންސާނުންގެ އާންމު އުމުރުވަނީ ވަރަށް ބޮޑު ތަން މައްޗަށް ޖެހިލައިފައެވެ.

އެހެންކަމަށްވާ ނަމަ ޝުކުރުހުރީ ފައިދާހުރި ކާނާއާއި ހިޔާވަހިކަމާއި އާންމު ސިއްހަތުގެ ކަންތައް ރަނގަޅުވުމާއި ބައެއް އައު ބޭސްފަރުވާ އަށެވެ. ނަމަވެސް ކުރިޔަށް އޮތް ތާނގައި އިންސާނުންގެ އުމުރު ދިގުވެގެންދާނީ މުސްކުޅިވުން މަޑުޖައްސުވަނިވި ބޭސްބޭހުގެ ސަބަބުންނެވެ. މިބުނާ ޒާތުގެ ބައެއް ބޭސް މިހާރުވެސް ލިބެން ހުރުން އެއީ އެކަށީގެންވާ ކަމެކެވެ.

ކަންކަމާމެދު އުއްމީދީ ނަޒަރަކުން ބަލާ މީހުން ދެކޭ ގޮތުގައި މިބުނި ބޭސްބޭހުގެ ސަބަބުން އިންސާނުންގެ އާންމު އުމުރު، މިހާރު އެންމެ ދިގު އުމުރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ 120 އަހަރާ ހަމަޔަށް ދިގުކުރެވިދާނެއެވެ. އެކަމަކު މީ އަދި ކަމުގެ ފެށުމެވެ. މީގެ ދެވަނަ ފިޔަވަހީގެ އަމާޒަކަށް ވާނީ ހަމައެކަނި އާންމު އުމުރު އެންމެ މަތީ އުމުރަށް ދިގުކުރުމެއް ނޫނެވެ. ނަމަވެސް މަތީ އުމުރު އަދި މައްޗަށް ދިގުކުރުމެވެ. ހަށިގަނޑުގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ކަފާސްވެ ކަންފަތިވެއްޖެ ހިނދެއްގައި އެބައެއް ނުވަތަ އެގުނަވަނެއްގެ އާބާތުރަފިލުވައި “ދުޅަހެޔޮ” ކުރުމެވެ. ނުވަތަ ގުދުރަތީ ގޮތުން ކައްޓާއި މަހާއި ފަތީން އުފެދިފައިވާ އައު ބައެއް ނުވަތަ ގުނަވަނެއް ލެއްވުމެވެ. މީގެ އިތުރުން މުސްކުޅިވުން މަޑުޖައްސުވާ ބޭސްބޭސް އާންމުކޮށް ގަންނަން ލިބެން ހުންނާނެއެވެ. އުމުރުން ސަތޭކަ އަހަރުގެ މީހުންނަކީ އޭރުން ހަމަ ވަރަށް ގިނަ ބަޔަކަށް ވެގެން ދާނެއެވެ.


މީހުންނާއި މާމީހުން

މަތީގައި ބުނެވުނު ބީދައިން އުމުރުދިގު ކުރުމުގެ ވިޔަފާރިއަށް އަމާޒުކޮށްގެން މިހާރުވެސް ބައެއް ފަރާތްތައް ދަނީ “ފިހާރަ ހުޅުވަމުންނެވެ”. މިގޮތުން މީހުން ޒުވާންކުރުމުގެ ނަމުގައި މުސްކުޅިން ގަޔަށް ޒުވާން ލޭއެޅުން އަދި މިނޫންވެސް މިފަދަ ޙަޔަވީ މަރާމާތްތައް ބައެއް ފަރާތްތަކުން ކުރަމުން ދިޔަ ނަމަވެސް މިއީ، ސައިންސްގެ ނަޒަރުން ބަލާ ނަމަ، މާ ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކޮށްގެން ކުރެވޭ ކަންކަމެއް ނޫނެވެ. ތެދުތެދަށް ބުނާ ނަމަ މިޒާތުގެ ކަންތައް ހެޔޮ ގޮތުގައި އަދި ބޭނުންކުރެވެނީ ބައެއް ޒާތުގެ އައުބޭސް ފަރުވާ އަޖުމަބަލައި ތަޖުރިބާކޮށް ހެދުމުގެ ދާއިރާގައެވެ. ދިގު އުމުރަކީ ބައެއް އާއިލާތަކުގައި ވާރުތަވަމުން އަންނަ އެއްޗެކެވެ. މީން އެނގެނީ ބައެއް މީހުންގެ ލޭގައި އުމުރު ދިގުކުރާ މާއްދާއެއް ނުވަތަ “ޖީން” އެއް ހުންނަ ކަމެވެ. ސައިންސްވެރިން ދަނީ މިބުނި “ޖީންތައް” ހޯދައި އެ”ޖީންތަކު”ގެ ބޭނުން ހިފައިގެން ކުރުއުމުރެއް އޮތް މީހުންނަށް، ބޭނުންވެއްޖެ ހިނދެއްގައި، ދިގު އުމުރެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

ފަރުދީ ނަޒަރަކުން ބަލާއިރު މިއީ ވަރަށް ބޭނުންތެރި ކަމަކަށް ވެދާނެއެވެ. ނަމަވެސް މުޖުތަމަޢެއްގެ ނަޒަރުން ދެކޭނަމަ މިއީ ވަރަށް އެހެން ކަހަލަ ނުފޫޒުތަކެއް ފޯރުވާފާނެ ކަމެކެވެ. މީގެ ބައެއް ނުފޫޒަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ހެޔޮ ނުފޫޒެވެ. ނަމަވެސް އަނެއްބައި ނުފޫޒަކީ އެއްގޮތަކަށް ވެސް ހެޔޮ ނުފޫޒަކަށް ނުވާނެވެ.

އެއްބަޔަކު ކަންބޮޑުވަނީ މިކަމުން ކުރިމަތިވެދާނެ އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތަކާ މެދުގައެވެ. އެންމެ ފުރަތަމަ މައްސަލައަކަށް ވާނީ މުސްކުޅިވުން މަޑުޖެއްސުވުމުގެ ފަރުވާ “އާސަންދައިން ބާސަންދައިން” ވިޔަސް އާންމުން އަތްފޯރާ ފަށަށް ގެނައުމުގެ މައްސަލައެވެ. ދިގު އުމުރަކީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ލިބެން އޮތް އެއްޗެއްކަމަށް ވާނަމަ އެހޯދައިދީފައި ނުހޯދައިދޭނީ ފަހެ ކާކަށް ހެއްޔެވެ؟ މިހާރުވެސް މީހެއްގެ އާމްދަނީއަކީ އެމީހެއްގެ އުމުރުގެ ދިގު ކުރުމިން ބެލެވޭ “ފާލަކަށް” ވަނީ ވެފައެވެ. އާމްދަނީގެ ފަރަގު ބޮޑުވެ މުސްކުޅިވުން މަޑުޖެއްސުވުން އެއީ ފަގީރުން އަތްނުފޯރާ އެއްޗަކަށް ވެއްޖެ ނަމަ އެއީ މިއަދުވެސް ބައިބައިވުމުގެ މައްސަލަތައް ބޮޑުވެފައިވާ ޑިމޮކްރަސީތަކުގައި އިތުރަށް ބައިބައިވުން އުފެދޭނެ ކަމެއް ނޫން ބާވައެވެ؟

ސުވާލަކީ ދޮށީއުމުރުގެ މީހުންނަށް ވަޒީފާ ލިބުމުގައި މިހާރެކޭ އެއްގޮތަށް ދެންވެސް ދަތިތަކެއް އޮވެދާނެ ހެއްޔެވެ؟ ނުވަތަ ކުޅިފަސް އޮތީ ދޮށީ އުމުރުގެ މީހުންނަށް ނަމަ އެމީހުން މިކަން އަނެއް ކޮޅަށް ޖަހައި ޒުވާނުންނަށް ވަޒީފާ ލިބުމަށް ހުރަސްތަކެއް ކުރިމަތިކޮށްފާނެ ހެއްޔެވެ؟ ތިބާ އޮފީހުގެ ވެރިޔާ 65 އަހަރުގެ އުމުރަށް އެރުމުން އިސްތިއުފާ ދިނުމުގެ ބަދަލުގައި އަށްޑިހަ ނުވަދިހަޔަށް އަރާއިރުވެސް އަތްދަށުވެރީންނަށް ފުރުސަތުނުދީ ވަޒީފާގައި ދެމިހުންނާނީ ހެއްޔެވެ؟ ނޫން ނަމަ ފޫހިވެގެން އިސްތިއުފާ ދީފައި އުމުރުގެ ބާކީ އޮތްބައިގައި ކޮންމެވެސް އެހެން ކަމެއް ކުރާނީ ހެއްޔެވެ؟ ނޫން ނަމަ މިމަތީ އުމުރުގައި ވެސް ލޯބޯ ކޮށިވުމެއް ނެތި ޒުވާންކޮށް ފެންނަ މީހުން މިހާރު މީހުން މުސްކުޅިކަމަށް ދެކޭ މިންގަނޑު އެއްކިބާކޮށް އެމީހުންނަކީ މުސްކުޅިން ކަމަށް ނުދެކޭނީ ހެއްޔެވެ؟ ނޫން ނަމަ މިމީހުންގެ ސަބަބުން މުޖުތަމައު ވާނީ ޒަމާނީ ބަދަލުތަކަށް މަރުހަބާ ނުކިޔާ “މުސްކުޅި” އުސޫލުތައް ހިފަހައްޓާ އެއްޗަކަށް ހެއްޔެވެ؟ މިހާރުވެސް މުސްކުޅިންނަކީ އުސޫލެއްގެ ގޮތުން ބަދަލަށް މަރުހަބާ ކިޔާ ބައެއް ނޫނެވެ.

މުސްކުޅިން ބަދަލަށް ނުރުހުން ކުޑަވެދާނޭ ކަމުގެ ނިޝާނަކީ އިންސާނުންގެ އާންމު އުމުރަށް އަންނާނޭ ބޮޑު ބަދަލުގެ ސަބަބުން ދިރިއުޅުމަކީ އެއް ވާހަކައެއްގެ ގޮތުގައި އޮންނަ އެއްޗެއްގެ ގޮތް ކެނޑި އެތައް އާފެށުމެއް އޮންނަ ވާހަކައެއް ކަމުގައި ވެގެންދާ ދިއުމެވެ. މެދުއުމުރުގެ މައްސަލައަކަށް ދެންވާނީ ގެއްލުނު ފުރާވަރު އަނބުރާ ހޯދުމެއް ނޫނެވެ. ނަމަވެސް އުމުރުގެ ބާކީއޮތް 50 އަހަރު ދުވަހު ކުރާނީ ކޮންކަމެއް ބާވައޭ ހީވެ ފިކުރުކުރެވޭ ގޮތްވުމެވެ.

މުސްކުޅިކުރެވިގެން ގޭގައި ހުރުން ވާނީ މިހާރުހައި ފަސޭއިން ކުރެވޭނެ ކަމަކަށް ނޫނެވެ. ސަބަބަކީ މުސްކުޅިކުރެވުމުން ލިބޭ ފައިސާކޮޅު އުމުރުގެ ބާކީ އޮތް ބައިގެ އާމްދަނީއަކަށް ނުފުދޭނޭތީއެވެ. މިހާރުހެން އުމުރުދުވަހަށް އެއްމަސައްކަތެއްގައި ދެމި ތިބުމުގެ ބަދަލުގައި އުމުރާ ގުޅޭ ގޮތުން ތަފާތު މަސައްކަތްތައް ކުރުމާއި އެކަންކަމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ހޯދުން އެއީ އާންމުކަންކަމަށް ވެގެންދާނެއެވެ. އުމުރުން ފަންސާހަށް އެރުމުން އަލުން މަދަރުސާއަށް ވަދެ ކުރިޔަށް އޮތް ކެރިއަރަށް އަމާޒުކޮށްގެން މުޅިން ތަފާތު އެއްޗެއް ކިޔެވުމީ ނުވަތަ ތަފާތު މަސައްކަތެއް ދަސްކުރުމީ ވަރަށް އެކަށީގެންވާ ކަންކަމެވެ. މިގޮތުން އެކައުންޓެންޓަކު ޑަކުޓަރަކަށް ވެދާނެއެވެ. ގާނޫނީ ވަކީލަކު އެއީ ޚައިރާތު ފަންޑެއް ބަލަހައްޓާ އޮފީހެއްގައި މަސައްކަތްކުރާ މީހަކަށް ވެސް ވެދާނެއެވެ. ހަޔާތުގެ ދެ ކެރިއަރު ދެމެދުގައި ދިގު ޗުއްޓީއެއް ނަގައި މަޖާކޮށްލަން “ލައިހޫރިގަތުމީ” ވެސް ބައެއް މީހުން ކޮށްފާނޭ ކަމެކެވެ. މި”ލައިހޫރުންގަނޑުން” ލިބިދާނެ ހާނީއްކައަކަށް ނުވަތަ އަނިޔާއަކަށް ޒަމާނީ ބޭސްފަރުވާ ޝިފާ ހޯދައިދޭނެ ކަމުގެ ޔަގީންކަން އޮތުމުން ލިބޭ އިތުބާރާއެކުގައެވެ.

ދިގު އުމުރެއްގެ ފޫހިކަމާއި ރަހަތަފާތުކޮށްލާ ހިތްވުން އެއީ އާއިލީ ދިރިއުޅުމަށް އަސަރުފޯރުވާނެ ކަމަކަށް ވެގެން ދާނެއެވެ. އުމުރުން ވިހި ތިރީހުގައިކުރާ ކައިވެނި މަތީ، އަށްޑިހަ އަހަރުގެ އުމުރަށް އަރާއިރު ވެސް، އެއް ބައިވެރިއަކާ އެކު ދެމި ތިބެވޭނީ ދެން ކިތައް މީހުންނަށް ބާވައެވެ؟ ކިތަންމެ މަތީ އުމުރެއްގައި ވެސް ފިރިހެނުންނަށް ދަރީން ލިބޭ ކަމީ އެނގި ސާބިތުވާ ކަމެކެވެ. ނަމަވެސް އަންހެނުންގެ ރަހިމުގައި ދަރިބިސް އަށަގަންނަނީ ވަކި އުމުރަކަށް އަރަންދެނެވެ. ބޭސްފަރުވާއަށް އަންނަ ތަރައްގީއާއެކު މިކަން ވެސް ބަދަލުވެގެން ދާނެކަމީ ޔަގީނާ ގާތަށް އެނގޭ ކަމެކެވެ. އެހެންކަމުން ދަރީން ހޯދަން ބޭނުންވާ އަންހެނުންނަށް ވަރަށް މަތީ އުމުރުގައި ވެސް ދަރިމައިވެވިދާނެއެވެ. މިހެންވުމުން ދެން ނިކުންނާނެ މައްސަލައަކީ އާއިލީގަސް ކަފިލައި ފެތުރިގެން ގޮސް ތިމާގެއީ ނުވަތަ ތިމާގެ ނޫނީ ކޮންކޮން ބައެއްކަން ދެނެގަތުމުގެ މައްސަލައެވެ. އާއިލާއެއްގެ ބަދަލުގައި ދެން އޮންނާނީ އާއިލީ ވިއުގައެކެވެ. ކައިވެނި ދެމިނޯންނަ ދުނިޔެއެއްގައި ވަރިވުމުގެ ހައްގު ދުނިޔޭގެ ހުރިހައި ހިސާބެއްގައި ވެސް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އަންހެނުންނަށް ލިބި ފިރިހެނުންގެ ބާރު ކުޑަވެގެންދާނެއެވެ.

މިދެއްކެނީ ހައްތާ ވެސް އުއްމީދީ ބަދަލުތަކުގެ ވާހަކައެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ހެޔޮ ގޮތުގައި ބޭނުންކުރެވޭ ދިގު އުމުރެއް މީހާ “ވަށާޖެހިފައިވާ” މީހަކަށް ހަދާނެއެވެ.  އެކަމަކު ދިގުއުމުރެއްގެ މިތަސައްވުރު ހަގީގަތަކަށް ވާނީ ދިގުއުމުރަކީ ދުޅަހެޔޮ އެއްޗަކަށް ވެސް ހެދިގެންނެވެ. އެވޭލާ ޔޫނާނީ ފުލޯކު ވާހަކައެއްގައި އުޅޭ ޓިތޯނަސް ވެއްޓުނު ވަޅުގަނޑަށް އުމުރުދިގު އިންސާނުން ނުވެއްޓިއްޖެ ނަމަ ކިތަންމެހައި ވެސް ރަނގަޅެވެ. ޓިތޯނަސް ކަލާނގެ ހަޒުރަތުން އެދި ދުޢާކުރީ މަރުގެ ރަހަ ނުދެކޭ ދާއިމީ ހަޔާތަކަށެވެ. އެދުޢާ އިޖާބަކުރެއްވިއެވެ. ޓިތޯނަސް ހަނދާންނެތުނީ ދާއިމީ ހަޔާތަކާއެކު ދާއިމީ ޒުވާންކަންވެސް ދެއްވުން އެދޭށެވެ. އެހެންކަމުން އެނާ ބަދަލުވީ އާރޯކަމެއް ނެތް ގަސްގަނޑެއް ފަދަ މީހަކަށެވެ.

ރުކެއްގެ ދޮންވާފަން ވެއްޓުމުން ބޮންތިން އައު ފަނެއް ފޮޅޭހެން އިންސާނުން ހައްދަވާފައި ވަނީ ދުވަސްވެ ހަށިގަނޑު ދެރަވެ އެއްޖީލު މަރުވުމުން ޒުވާން އައު ޖީލާއެކު ދިރުއުޅުމުގެ ގަސް ހެދެމުންދާ ގޮތެއްގެ މައްޗަށެވެ. ޒުވާން ދައުރު ކެންސަރު، ރާއްޖެ ބަލި، ލޯބޯކޮށިވުން ފަދަ ކަންތަކުން ހަށިގަނޑު ފަސޭހައިން ދަފަރާވެގެންފައި މުސްކުޅި އުމުރަށް އެޅުމުން މިބުނި ހުރިހާ ޒާތެއްގެ ބައްޔެއްގެ ޝިކާރައަކަށް ވަނީ ދަރިން ލިބި ނިމުމުން އާޖީލަށް ތަންދިނުމަށް ރޭވިފައިވާ ގުދުރަތީ ނިޒާމުގެ ދަށުންނެވެ. ދިގު އުމުރުގައި މިދެންނެވި ބަލިތައް ނުފޮށޭނެ ގޮތްގޮތް ވެސް ހޯދިދާނެއެވެ. ނަމަވެސް ޒުވާން ސިކުނޑިއެއް ވެސް މާ އަވަހަށް މުސްކުޅިވާ ތަން އާދެއެވެ. 70 ނުވަތަ 80 އަހަރުގެ އުމުރަކަށް އަމާޒުކުރެވިގެން އުފައްދަވައިފައިވާ “ގުނަވަނަކަށް” 150 އަހަރުގެ އުމުރެއް ތަހައްމަލު ކުރެވިދާނެ ބާވަ އެވެ؟

އެހެނަސް އިންސާނާގެ ހަށިގަނޑު ދެނެގަތުމުގައި ސައިންސް ދަނީ ކުރިއަށެވެ. ބައެއް މީހުންގެ ހުވަފެން ކަމަށްވާ “ތާއަބަދަށް ދިރިތިބުން” އެއީ އަދި ހުވަފެނެއް ނަމަވެސް ދިގު އުމުރެއް މިހާރު އޮތީ އަތްފޯރާފަށުގައެވެ.

­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­———————————–

ނޯޓު: މިއީ އަސްލު ލިޔުމުގެ ލަފުޒީ ތަރުޖަމާއަކަށް ވުރެ ބޮޑަށް އެލިޔުމުގެ މަފްހޫމަށް ވިސްނައިގެން ކުރެވިފައިވާ ތަރުޖަމާއެކެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އަބޫ ޢަބުދުއްރަޙްމާނު

    ތާއަބަދަށް ދިރިއެއް ނުތިބެވޭނެ، ސައިންސަކަށްވެސް ބައިންސަކަށްވެސް ތިކަމެއް ނުވާނެ، ނަމަވެސް ބުނެވި ދިޔަހެން ޞިއްހަތު ސަލާމަތްކޮށް ތިބުމަށް މަގުފަހިކުރުމާއި ޢުމުރު ދިގުކުރުމަށް ކުރާމަސައްކަތް މާތްﷲގެ ރަޙްމަތުން ކާމިޔާބު ވެދާނެ...

    (3)(0)
Leave Comment