އެންމެފަހުން ނިމިދިޔަ ބައިގައި، ދެން ގެނެސް ދެވޭނީ އަލްބަޤަރާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރު ކަމުގައި ވާނީ ދެންނެވިފައެވެ. ނަމަވެސް، އެކަން ކުޑަކޮށް ފަސްކޮށްލާފައި، ބައެއް ކިއުންތެރިން އެދިލެއްވުމުގެ މަތިން، އަލްފާތިޙާ ސޫރަތާ ގުޅޭ ދެތިން މައްސަލައެއް މިބައިގައި ހުށަހަޅާލަން ގަސްދުކުރަމެވެ. އަލްފާތިޙާ ސޫރަތުގެ އިސްވެދިޔަ ވާހަކަތަކަށް އިތުރުކޮށްލެވޭ އިސްތިދްރާކެއް ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގައެވެ. މިގޮތުން ބަލާލަން ގަސްދު ކުރަނީ އަޢޫޛުއާއި ބިސްމިއާއި އާމީންގެ މައްޗަށެވެ. އަޢޫޛު މިލަފްޒަކީ އަރަބި ބަހުގެ ތަޢައްވުޛުގެ ދިވެހި ތަރުޖަމާއެވެ. އެއިން…

އެންމެފަހުން ނިމިދިޔަ ބައިގައި، ދެން ގެނެސް ދެވޭނީ އަލްބަޤަރާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރު ކަމުގައި ވާނީ ދެންނެވިފައެވެ. ނަމަވެސް، އެކަން ކުޑަކޮށް ފަސްކޮށްލާފައި، ބައެއް ކިއުންތެރިން އެދިލެއްވުމުގެ މަތިން، އަލްފާތިޙާ ސޫރަތާ ގުޅޭ ދެތިން މައްސަލައެއް މިބައިގައި ހުށަހަޅާލަން ގަސްދުކުރަމެވެ. އަލްފާތިޙާ ސޫރަތުގެ އިސްވެދިޔަ ވާހަކަތަކަށް އިތުރުކޮށްލެވޭ އިސްތިދްރާކެއް ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގައެވެ. މިގޮތުން ބަލާލަން ގަސްދު ކުރަނީ އަޢޫޛުއާއި ބިސްމިއާއި އާމީންގެ މައްޗަށެވެ.

އަޢޫޛު މިލަފްޒަކީ އަރަބި ބަހުގެ ތަޢައްވުޛުގެ ދިވެހި ތަރުޖަމާއެވެ. އެއިން ގަސްދުކުރެވެނީ أعوذ بالله من الشيطان الرجيم މިހެންކިޔައި މާތްﷲގެ ހަޟްރަތަށް ވެވޭ އިލްތިޖާއެވެ. ޝައިތާނީ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވައި، އެކަމުން ސަލާމަތްކަން އެދި މާތްﷲ ހަޟްރަތުގައި ދެންނެވޭ ދެންނެވުމެވެ. އަލްފާތިޙާ ސޫރަތުގެ ތަފްސީރު ލިޔުއްވުމުގައި، އަޢޫޛާއި ބެހޭ ގޮތުން މުފައްސިރުން ވާހަކަ ދައްކަވައެވެ. އަޢޫޛުގެ މާނައާއި އަދި ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރިން، އަޢޫޛު ކިޔެވުމުގެ ޙުކުމާއި ބެހޭ ގޮތުންނެވެ.

މަތީގައިވާ އަޢޫޛުގެ ޞީޣާއަށް، އިބާރަތް ކުރެވި ލިޔެވިފައިވާ ގޮތަށް ބަލާލާއިރު، އެންމެ ފުރަތަމަ އޮތީ أعوذ بالله، (މާތް) ﷲގެ ރައްކާތެރިކަން އަހުރެން ހޯދަމުއެވެ’ މިހެންނެވެ. ބައެއް ފަހަރު މިބަޔަށް السميع العليم، އައްސަވާ ވޮޑިގެންވާ، (އަދި) ދެނެވޮޑިގެންވާ، މިދެސިފަފުޅު އިތުރު ކުރެވިފައިވެއެވެ. އަނެއްބައިގައި އޮތީ من الشيطان الرجيم، ‘(މާތްﷲގެ ރަހުމަތުން) ބޭރުކުރެވިފައިވާ ޝައިތާނާގެ (ވަސްވާސް) ތަކުން (ސަލާމަތްވުން އެދި)އެވެ’ މިފަދައިންނެވެ. މާތްﷲގެ ރައްކާތެރިކަން ހޯދުމަކީ އެކަލާނގެ ކިބަފުޅަށް ރުޖޫއަވެ، އެކަލާނގެ ހަޟްރަތުން އިސްމަތްތެރިކަން، ލިބިދާނެ ދެރައަކުން ނޫނީ ގެއްލުމަކުން ސަލާމަތްކަން، ހޯދުމެވެ. ޝައިތާނާގެ ވަސްވާސްތަކަކީ ތިމާބޭނުންވާކަމަކާ ދޭތެރޭ ތިމާގެ ސަމާލުކަން ގެއްލުވާލައި، އެކަމުން ދުރުހެލިކުރުވާ ފިކުރުތަކާއި ޚިޔާލު ތަކެވެ.

ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަށް، ކީރިތި ޤުރްއާނުގައި، އިރުޝާދު ދެވިފައިވެއެވެ. އައްނަޙްލު ސޫރަތުގެ 98 ވަނަ އާޔަތުގައެވެ. فإذا قرأت القرآن فاستعذ بالله من الشيطان الرجيم، ފަހެ، ކަލޭގެފާނު (ކީރިތި) ޤުރްއާން ކިޔަވާވިދާޅުވާ ހިނދު (އެބަހީ، ކިޔަވާ ވިދާޅުވާން ގަސްދުކުރައްވައިފި ހިނދު، ކިޔަވާވިދާޅުވާން ފެއްޓެވުމުގެ ކުރިން) ޝައިތާނާ (ގެ ވަސްވާސްތަކުން ސަލާމަތް ވުމަށްޓަކައި) (މާތް) ﷲގެ ރައްކާތެރިކަން ކަލޭގެފާނު ހޯއްދަވާށެވެ. އެހެންވެ، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވާއިރު، ބިސްމި ކިޔުމުގެ ކުރިން، އަޢޫޛު ކިޔުން އޮވެއެވެ. އަދި މިއީ ކީރިތި ރަސޫލާގެ ސުންނަތުންވެސް ސާބިތުވާ ކަމެކެވެ. ހަދީސްގައި އައިސްފައިވެއެވެ. ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާ (އަލްފާތިހާ ސޫރަތް) ކިޔަވާ ވިދާޅުވުމުގެ ކުރިން أعوذ بالله من الشيطان الرجيم ވިދާޅުވެއެވެ.”

ފިޤުހު ވެރިން ދެކިލައްވާގޮތުގައި ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. އައްޝަޥްކާނީ އޭނާގެ ނައިލު އަލްއަޥްޠާރުގައި ވިދާޅުވެފައިގޮތުގައި ފުރަތަމަ ރަކުޢަތުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ކުރިން އަޢޫޛު ކިޔުމުން ފުދެއެވެ. އެހެން ރަކުޢަތްތަކުގައި އަޢޫޛު ކިޔުމެއް ނެތެވެ. އަދި އަޢޫޛު ކިޔާނީ ސިއްރުންކަންވެސް ފިގުހުވެރިން ވިދާޅުވެއެވެ. އިބްދު ޤުދާމާގެ އަލްމުޣްނީ ގައި ނަމާދުގައި އައޫޛު ސިއްރުން ކިޔެވުމާ މެދު އިލްމުވެރިންގެ ޚިޔާލު ތަފާތުވުމެއް ނެތްކަމަށް އިޝާރާތް ކުރައްވާފައިވެއެވެ. ނަމަވެސް، އައްޝާފީ މިކަން، އަޢޫޛު އަޑު ހަރުކޮށް ކިޔުމާއި ސިއްރުން ކިޔުން، ދޫކޮށްލައްވަނީ އިމާމާގެ އިޚްތިޔާރުގެ މައްޗަށެވެ. އިމާމު އައްޝާފިޢި ދެކިލައްވާ ގޮތުގައި، އަލްފާތިޙާ ސޫރަތް، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި، އިމާމާ އަޢޫޛު އަޑު ހަރުކޮށް ކިޔަން އެދޭނަމަ، އެގޮތް އެންމެ ރަނގަޅެވެ.

ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ކީރިތި ޤުރްއާން ކިޔެވުމުގެ ކުރިން އައޫޛު ކިޔުމުގެ ބޭނުމަކީ، ކީރިތި ޤުރްއާނުން ކިޔަވާ އެއްޗެއްގެ މައްޗަށް، އަޅުވެރިޔާގެ ހިތުގެ ސަމާލުކަން މުޅިން ދިނުމެވެ. ކީރިތި ޤުރްއާނުން، އޭނާ ކިޔަވާ އެއްޗެއްގެ މައްޗަށް، އޭނާގެ ވިސްނުމާއި ފިކުރު މުޅިން ހުއްޓުވާލުމެވެ. އޭނާ ކިޔަވާ އެއްޗެއްގެ މާނަ ފަހުމްކޮށް ދެނެގަނެ އޭގެ މައްޗަށް ތަދައްބުރުކޮށް ފުންކޮށް ވިސްނުމަށް ޓަކައެވެ. އަދި ނަމާދުގައި އަޢޫޛު ކިޔަވާނަމަ، ނަމާދުގެ އަޅުކަމުގައި މަޝްޣޫލުވެގެން ހުންނައިރު، ހިތުތެރެއަށް ވެރިވާ އެހެން ފިކުރުތަކާއި ޚިޔާލުތަކާއި ދުރުވެ، އޭނާގެ މުޅި ވިސްނުމާއި ފިކުރު މާތްﷲ ހަނދުމަކުރުމުގެ މައްޗަށް ހުއްޓުވާލުމަށް ޓަކައެވެ.

ދެވަނައަށް މިތާގައި ބަލާލަން ގަސްދުކުރަނީ ބިސްމީގެ މައްޗަށެވެ. ކުރިން ހުށަހަޅާލެވުނު ޚުލާސާ، ކޮންމެވެސް ވަރަކަށް ނަމަވެސް، އިތުރަށް ތަފްސީލުކޮށްލަ ދިނުމުގެ ގޮތުންނެވެ. އެގޮތުން ބަލާލާނީ އަލްފާތިހާ ސޫރަތުގައި ބިސްމި ހިމެނޭތޯއާއި އަދި ނަމާދުގައި އެސޫރަތް ކިޔަވާއިރު، ބިސްމި ކިޔަން ޖެހޭތޯއާއި އަދި ކިޔަން ޖެހެނީ ކިހިނެއްކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ މިވާހަކަތައް ގެނެސްދެވިފައިވާ ބައެއް މަސާދިރުތަކުގެ ވާހަކަ ލިޔެލާނަމެވެ. ދެން އިމާމުވެރި ބޭކަލުންގެ ރައުޔު ހުށަހަޅާލައި، އެބޭކަލުންގެ ރައުޔު ތަފާތު ވުމުގެ ސަބަބު ބަޔާން ކޮށްދެވޭތޯ ބަލާނަމެވެ. މިވާހަކަތައް ހުށަހަޅާލުމުގެ ބޭނުމަކީ މިމައްސަލަ ރަނގަޅަށް ފަހުމްކޮށް ދެނެގަތުމެވެ. އަދި، އެއަށްފަހު، އަމިއްލަ ވިސްނުން ބޭނުންކޮށްގެން، އެންމެ ބަރުދަން ބޮޑުގޮތަކީ ކޮބައިތޯ ހޯދަން މަސައްކަތް ކުރުމެވެ. ތިމާ ދެކޭ ގޮތް ނޫން އެހެން ރައުޔުތަކަށް ވެސް އިހުތިރާމު ކުރުމާއި އެކުގައެވެ.

މިމައްސަލައާ ބެހޭ ވާހަކަތައް، ތަފްސީރު ފޮތްތަކާއި ހަދީސް ފޮތްތަކާއި އަދި ފިގުހު ފޮތްތަކުގައިވެސް ލިޔެވިފައި ވެއެވެ. އިހުގެ ލިޔުންތަކަށް ބަލާލާއިރު، މިމައްސަލައާ ބެހޭ ގޮތުން އެންމެ ތަފްސީލުކޮށް ލިޔުއްވާފައި އެއްބޭފުޅަކީ އިމާމު އައްރާޒީ، އޭނާގެ ތަފްސީރުގައެވެ. އޭނާގެ ތަފްސީރުގައި، މިމައްސަލައާ ބެހޭ ގޮތުން، ގާތްގަނޑަކަށް، ވިއްސަކަށް ސަފުހާ  ލިޔުއްވާފައި ވެއެވެ. އިމާމު އައްރާޒީގެ ވާހަކަތަކަށް ރައްދު ދެއްވައި އަލޫސީ އޭނާގެ ރޫޙު އަލްމަޢާނީ، މިތަފްސީރު ގޮތުގައިވެސް ބިސްމިއާ ބެހޭ ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ. މިޒަމާނުގެ ތަފްސީރު ފޮތްތަކަށް ބަލާލާއިރު، ކޮންމެވެސް ވަރަކަށް ތަފްސީލު ކުރައްވައި، މިމައްސަލަ، ޝައިޚް އަބްދުހޫ ތަފްސީރު އަލްމަނާރު ބަޔާންކޮށް ސާފުކޮށް ދެއްވާފައި ވެއެވެ. ފިގުހީ ފޮތްތަކަށް ބަލާލާއިރު، އިބްނު ރުޝްދު، އޭނާގެ ބިދާޔަތު އަލް މުޖްތަހިދުގައި، މިމައްސަލަ ވަރަށް ސާފުކޮށް، ޚުލާސާކޮށް ހުށަހަޅުއްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ އަލްއުސްތާޛު ސައްދިޔު ސާބިޤު އޭނާގެ ‘ފިޤުހު އައްސުއްނަތު’ މިފޮތުގައި ވަރަށް ސާފުކޮށް ޚުލާސާ ކޮށް ދެއްވާފައިވެއެވެ. އައްޝަޥްކާނީ އޭނާގެ ނައިލު އަލްއަޥްޠާރުގައި މިމައްސަލައާ ގުޅޭ ހަދީސްތައް ތަންގީދު ކުރައްވައިފައިވެއެވެ. ބިސްމިއާ ބެހޭ، އަޅުގަނޑުގެ ވާހަކަ ކޮޅު، މައިގަނޑު ގޮތެއްގައި، ބިނާ ކުރެވިފައި ވަނީ މިދެންނެވި މަސާދިރުތަކުގެ މައްޗަށެވެ.

ބިސްމިއާ ބެހޭ ގޮތުން އިމާމުވެރި ބޭކަލުންގެ ރައުޔުތަކަށް ބަލައިލަމާތޯއެވެ. މިމައްސައިގައި މާލިކު ދެކެވަޑައިގަންވާ ގޮތުއި ފަރްޟު ފަސްނަމާދުގައި ސިއްރުން ވިޔަސް، ނޫނީ އަޑުހަރުކޮށް ވިޔަސް، އަލްފާތިޙާ ސޫރަތާއި އަދި އެހެނިހެން ސޫރަތް ކިޔެވުމުގައިވެސް ބިސްމި ކިޔުމެއް ނެތެވެ. އަދި މާލިކު ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ނަމާދުގައި ބިސްމި ކިޔަސް އެންމެ ރަނގަޅެވެ. އިމާމު އަބޫ ޙަނީފާ އާއި އިމާމު އައްޘަވްރީ އަދި އިމާމު އަޙްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދުގައި ކޮންމެ ރަކުޢަތެއްގައިމެ އަލްފާތިޙާ ސޫރަތް ކިޔަވާއިރު ބިސްމި ކިޔަން ޖެހޭނެއެވެ. އަދި، މިބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމި ކިޔަން ޖެހޭނީ ސިއްރުންނެވެ. އިމާމު އައްޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔަން ޖެހޭނެއެވެ. އަދި ބިސްމި ކިޔަން ޖެހޭނީ، އަލްފާތިހާ އަޑު ހަރުކޮށް ކިޔާވާ ނަމާދުތަކުގައި އަޑު ހަރުކޮށެވެ. އަލްފާތިޙާ ސިއްރުން ކިޔަވާ ނަމާދުތަކުގައި ސިއްރުންނެވެ.

ބިސްމި ކިޔުމުގެ މައްސަލައިގައި އިލްމުވެރިންގެ ރައުޔު ތަފާތުވުން، ބިނާވެފައި އޮތީ ދެކަމެއްގެ މައްޗަށެވެ. އެންމެ ފުރަތަމަ، ބިސްމިއަކީ އަލްފާތިހާ ސޫރަތާއި އަދި އެހެން ސޫރަތްތައްވެސް ފެށުމުގައި އޮންނަ، އެސޫރަތްތަކުގައި ހިމަނާލެވޭ އާޔަތެއްތޯ ނުވަތަ ނޫންތޯގެ މައްޗަށެވެ. ދެވަނަ ސަބަބަކީ މިމައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ހަދީސް ތަކާއި އަޘަރުތައް (އަސްޙާބު ބޭކަލުންގެ ފަރާތުން އައިސްފައިވާ ވާހަކަތައް) ތަފާތުވުމެވެ.

އެންމެ ފުރަތަމަ މިމައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ބައެއް ހަދީސްތަކާއި އަޘަރުތަކުގެ މައްޗަށް ބަލާލަމާތޯއެވެ. މިގޮތުން ވާހަކަ ދައްކާއިރު ހަދީސް އިލްމުގައި ބޭނުން ކުރެވޭ ބައެއް ޚާއްސަ އިސްޠިލާޙީ (ޓެކްނިކަލް) ލަފުޒު ބޭނުން ކުރަން ޖެހެއެވެ. އެހެންވެ، އެންމެ ފުރަތަމަ އޭގެތެރެއިން އާއްމު ބައެއް ލަފުޒާއި އޭގެ މާނަ ލިޔެލާނަމެވެ. ބިސްމިއާއި ބެހޭ ހަދީސްތައް ވިސްނި ފަހުމްވެ ދިޔުމަށް ޓަކައެވެ.

ހަދީސްގެ ސޫރައަށް ބަލާލާއިރު ދެބައެއް އޮވެއެވެ. އެންމެ ފުރަތަމަ ހަދީސްގެ ރާވީންނެވެ. އާދެ، ހަދީސް ރިވާ ކުރެއްވި ބޭކަލުންނެވެ. ހަދީސެއް ރިވާކުރެއްވި ބޭކަލުންގެ ސިލްސިލާއަށް ކިޔޭނަމަކީ ‘ސަނަދެވެ’. ހަދީސްގެ ދެވަނަ ބަޔަކީ ހަދީސް ގެ ‘ނައްޞު’ (ނުވަތަ ޓެކްސްޓު) އެވެ. މިބަޔަށް ކިޔެނީ ‘މަތްނު’ އެވެ. އާދެ، ހަދީސްގެ ސޫރަ ބިނާވެފައި އޮންނަނީ ސަނަދަކާއި މަތުނެއްގެ މައްޗަށެވެ. ‘ގިނަ’ ސަނަދު ތަކެއް އެކުލެވިގެން، އެއް ހަދީސެއް ރިވާ ކުރެވިފައިވާ ނަމަ އެހަދީސްއަކީ ‘މުތަވާތިރު’ (އެތައް ބަޔަކު ރިވާކޮށްފައިވާ) ހަދީސެއްކަމުގައި ބެލެވެއެވެ. ހަދީސެއް މުތަވާތިރު ވެއްޖެނަމަ އޭގެ ސައްހަ ކަމާމެދު ޚިލާފުވުމެއް ނެތެވެ. މަދުބަޔަކު ރިވާކޮށްފައިވުމުން، މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ހަދީސް އަކީ ‘އާޙާދު’ ހަދިސް އެވެ. އެކަކު ނުވަތަ ދެމީހަކު ރިވާ ކޮށްފައިވާ ‘އެކަހެރި’ ހަދީސްއެވެ. ބިސްމިއާ ބެހޭ ގޮތުން އައިސްފައިވާ ހަދީސްތަކަކީ އާހާދު ހަދީސް ތަކެވެ. އަދި މީގެ ތެރެއިން ބައެއް ހަދީސްތަކުގެ ސަނަދު ގައި މައްސަލަތައް ހުރިކަން ހަދީސް އިލްމުވެރިން ފާހަގަ ކުރައްވައެވެ.

ދެން ބިސްމިއާއި ބެހޭގޮތުން އައިސްފައިވާ ހަދީސް ތަކުގެ މައްޗަށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ، ބިސްމި ނުކިޔުމަށް ހެކި ލިބޭ ހަދީސް ތަކުގެ މައްޗަށެވެ. އިބްނު މުޣައްފަލު އޭ ކިޔުނު ބޭކަލަކު ރިވާ ކުރެއްވި ހަދީސެއްގައި ވެއެވެ. “ތިމަންނާ (ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރިން) ބިސްމި ކިޔަވަނިކޮށް ތިމަންގެ ބައްޕަ އަޑުއެއްސެވިއެވެ. ދެން ބައްޕަ ވިދާޅުވިއެވެ. ‘ދަރިފުޅާއެވެ! (ދީނުގައި) އާ ކަންތައްތައް ކުރުމުން ދުރުހެލިވާށެވެ! ފަހެ، ބައްޕަ ސަލާމާއި ޞަލަވާތް ލެއްވި މާތްﷲގެ ރަސޫލާ އަރިހުގައްޔާއި އަދި އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އަރިހުގައިވެސް ނަމާދު ކުރެއްވީމުއެވެ. މިއިން އެއްވެސް ބޭފުޅަކު ބިސްމި ކިޔަވަނިކޮށް ތިމަންނާ އަޑެއް ނާއްސަވަމުއެވެ.'” ހަދީސް ޢިލްމުވެރިޔަކު ކަމުގައިވާ އަބޫ ޢުމަރު ބިން ޢަބްދު އަލްބައްރު، މިހަދީސްއާ ބެހޭ ގޮތުން. ވިދާޅުވެފައިވެއެވެ. “އިބްނު މުޣައްފަލުއަކީ ކާކު ކަމެއް ނޭނގެއެވެ.” އާދެ، މިހަދީސް ގެ ސަނަދުގައި ހިމެނޭ އެއް ރާވީއަކީ ކާކުކަން ނޭނގޭ މަޖްހޫލު މީހެކެވެ. އެހެންވެ، މިހަދީސް އަކީ އެއިން ހެކި ލިބިގަނެވޭ ވަރަށްވުރެ ‘ޟަޢީފު’، ‘ބަލިކަށި’، ހަދީސް އެކެވެ. އާދެ، ސައްހަ ނޫން ހަދީސެކެވެ.

ބިސްމި ނުކިޔުމަށް، ހުއްޖަތެއްގެ ގޮތުން ދެއްކޭ އަނެއް ހަދީސަކީ އިމާމު މާލިކު ރިވާކުރެއްވި، ކީރިތި ރަސޫލާގެ ޚާދިމު އަނަސްގެފާނުގެ ހަދީސެކެވެ. އެހަދީސްގައި އަނަސްގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. “ތިމަންކަލޭގެފާނު މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ފަހަތްޕުޅުގައި (ނަމާދަށް) ތެދުވެ ހުންނެވީމުއެވެ. އަދި މިހުރިހާ ބޭފުޅުންވެސް ނަމާދުގައި (އަލްފާތިޙާ ކިޔަވަން) ފަށްޓަވާއިރު ބިސްމި ކިޔަވާ ވިދާޅެއް ނުވެއެވެ.” އަބޫ ޢުމަރު ވިދާޅުވިއެވެ. “އެހެން ބައެއް ރިވާޔަތްތަކުގައި މިފަދައިން އަނަސްގެފާނު ވިދާޅުވިކަމަށް ވެއެވެ. ‘ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާގެ ފަހަތްޕުޅުގައި (ނަމާދު ކުރެއްވީމު)އެވެ. އަދި އެކަލޭގެފާނު ބިސްމި ކިޔަވާ ވިދާޅެއް ނުވެއެވެ.'” މިޙަދީސްއާ ބެހޭ ގޮތުން އަބޫ ޢުމަރު ވިދާޅުވެފައިވެއެވެ. ‘ހަދީސް އަހުލުވެރިން އަނަސްގެފާނުގެ ހަދީސަކީ ހުއްޖަތެއްގެ ގޮތުގައި ބޭނުން ނުކުރެވޭ ދަރަޖައަށް ‘އިޟްޠިރާބު’ ވެފައިވާ (‘ލޮޅުން’ އަރައިފައިވާ) ހަދީސެއްކަމަށް ވިދާޅުވެއެވެ. ”އިޟްޠިރާބު’ (‘ލޮޅުން އެރުން’) މިލަފުޒުން ދޭހަކޮށްދެނީ އެހަދީސް ރިވާ ކުރުމުގައި އެ ހަދީސްގެ ލަފުޒުތައް، މާނައަށް ލޮޅުން އަރާވަރަށް، ތަފާތު ވެފައި ވުމެވެ.

މިސާލަކަށް ދެންމެ މިނަންގަތް އަނަސްގެފާނުގެ ހަދިސް ‘އިޟްޠިރާބު’ ވަނީ ކިހިނެއްކަން ބަލައިލަމާ ތޯއެވެ. މިހަދީސްގެ ސަނަދު ބައެއް ފަހަރު ކީރިތި ރަސޫލާއާ ހަމައަށް ފޯރައެވެ. އަދި އެސިލްސިލާ ކީރިތި ރަސޫލާއާ ހަމައަށް ފޯރާފައިވުމުން އެ ހަދީސް އަކީ ‘މަރްފޫޢު’ ހަދީސް  އެކެވެ. އަނެއްބައި ފަހަރު މިހަދީސް މަރްފޫޢު ހަދީސް އަކަށް ނުވެއެވެ. ހަދީސްގެ ސަނަދު ކީރިތި ރަސޫލާއާ ހަމައަކަށް ނުފޯރައެވެ. އަދި ބައެއް ރިވާޔަތް ތަކުގައި ޢުޘްމާނުގެ ފާނުގެ ނަންފުޅު ނަންގަނެވިފައި ވެއެވެ. އަނެއްބައި ރިވާޔަތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ނަންގަނެވިފައެއް ނުވެއެވެ. އަދި ބައެއް ރިވާޔަތްތަކުގައި ‘އެބޭކަލުން ބިސްމި ކިޔަވާ ވިދާޅުވާ ކަމަށް އައިސްފައިވެއެވެ.’ އަދި އަނެއްބައި ރިވާޔަތްތަކުގައި ‘އެބޭކަލުން ބިސްމި ކިޔަވާ ވިދާޅު ނުވާކަމަށް އައިސްފައިވެއެވެ.’ އަދި ބައެއް ރިވާޔަތްތަކުގައި އެބޭކަލުން ބިސްމި އަޑުހަރުކޮށް ވިދާޅު ނުވާކަމަށްއައިސް ފައިވެއެވެ. އާދެ، އަނަސްގެފާނުގެ މިހަދީސްގެ ސަނަދާއި އަދި މަތުނުވެސް މިދަރަޖައަށް ‘އިޟްޠިރާބު’ ވެފައި، ތަފާތުވެ ލޮޅުން އަރައިފައި، އޮތުމުން، ހަދީސް އިލްމުވެރިންގެ ގާތުގައި މިއީ ހުއްޖަތެއްގެ ގޮތުގައި ބޭނުން ކުރެވޭނޭ ހަދީސެއް ނޫނެވެ.

ދެން، އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔުމަށް ބާރު ލިބިދޭ ހަދީސްތަކުގެ މައްޗަށް ބަލައިލަމާތޯއެވެ. މީގެ ތެރޭގައި ނަޢީމު ބިން ޢަބްދުﷲ އަލްމުޖައްމަރުގެ ހަދީސް ހިމެނެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. “ތިމަންކަލޭގެފާނު، އަބޫ ހުރައިރަތުގެފާނު ފަހަތްޕުޅުގައި، ނަމާދު ކުރެއްވީމެވެ. އެކަލޭގެފާނު އަލްފާތިޙާ ގެ ކުރިން ބިސްމި ކިޔަވާ ވިދާޅުވިއެވެ. އަދި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ‘ކަލޭމެންގެ ތެރެއިން ސަލާމާއި ސަލަވާތް ލެއްވި މާތްﷲގެ ރަސޫލާގެ ނަމާދުފުޅާ އެންމެ ވައްތަރުކަން ބޮޑީ ތިމަން ކަލޭގެފާނުގެ ނަމާދެވެ.'” މީގެ އިތުރުން ބިސްމި ކިޔުމަށް ދަލީލު ލިބޭ ހަދީސްގެ ތެރޭގައި އިބްނު ޢައްބާސް ރިވާ ކުރައްވައިފައިވާ ހަދީސެއްވެސް ވެއެވެ. އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. “ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ބިސްމި ކިޔަވާވިދާޅުވަނީ އަޑުހަރުކޮށެވެ.” އަދި އުއްމު ސަލަމާ ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. “ނަމާދުގައި ސަލާމާއި ޞަލަވާތްލެއްވި މާތްﷲގެ ރަސޫލާ ކިޔަވާވިދާޅުވަނީ ‘بسم الله الرحمن الرحيم، الحمد لله رب العالمين .. (މިހެންނެވެ.)” މާނައަކީ ބިސްމި ކޔަވާ ވިދާޅުވަނީ އަޑުހަރުކޮށް ކަމެވެ.

މިނަންގަނެވުނު ހަދީސްތަކުން ހެކި ލިބިގަންނަން މަސައްކަތް ކުރެވިފައިވަނީ އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔަން ޖެހޭނޭ ކަމެވެ. ނަޢީމު ބިން ޢަބްދުﷲގެ ހަދީސް ގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވި ކަމާއި އަދި، އެދުވަސްވަރު އެމުޖުތަމައުގައި ހިމެނުނު އެހެން އެންމެން ނަމާދާ އަޅާބަލާއިރު، ކީރިތި ރަސޫލާގެ ނަމާދުފުޅާ އެންމެ ގާތްކަން ބޮޑުގޮތެއްގައި ނަމާދު ކުރައްވަނީ އަބޫހުރައިރަތުގެފާނުކަން މިއަޘަރުގައި ފާހަގަ ކުރައްވައިފައި ވެއެވެ. އަދި މިކަމުން، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅުވިކަންވެސް ދޭހަ ކުރެވެއެވެ. އަދި މީގެ އިތުރުން، ކީރިތި ރަސޫލާ އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔަވާ ވިދާޅުވި އަޑުފުޅު، އަބޫހުރައިރާ އެއްސެވިކަންވެސް ދޭހަވެއެވެ. އަދި އަބޫހުރައިރާގެ މިއަޑު އެއްސެވުން ދޭހަކޮށްދެނީ ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅުވީ އަޑުހަރުކޮށް ކަމެވެ. ދެން އިތުރަށް ނަންގަނެވުނު ދެހަދީސުންވެސް މިކަން، އާދެ، ކީރިތި ރަސޫލާ، އަލްފާތިޙާ ސޫރަތް ކިޔާވާ ވިދާޅުވުމުގައި ބިސްމި ވިދާޅުވިކަމާއި އަދި ބިސްމި ވިދާޅުވީ އަޑުހަރުކޮށްކަން، ސީދާ ސަރީހަކޮށް ބަޔާން ކުރެވިފައިވެއެވެ.

ނަމާދުގައި އަލްޙަމްދު ކިޔަވާއިރު ބިސްމި ކިޔަން ޖެހޭތޯ ނުވަތަ ނޫންތޯއާ ބެހޭ މައްސަލަގައި، އިލްމު ވެރިންގެ ރައުޔު ތަފާތު ވުމުގެ ފުރަތަމަ ސަބަބަކީ މިނަންގަން ފަދައިން ތަފާތު ދެގޮތަށް ދޭހަވާ ހަދީސްތައް ވާރިދުވެފައި ވުމެވެ. މިމައްސަލައިގައި، އިލްމުވެރިންގެ ރައުޔު ތަފާތު ވުމުގެ އަނެއްސަބަބަކީ، ބިސްމިއަކީ އަލްޙަމްދު ސޫރަތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯ އާ މެދު އުފެދިފައިވާ ޚިޔާލު ތަފާތު ވުމެވެ. އިމާމު މާލިކު ދެކެވަޑައިގަންނަވަނީ ބިސްމި އަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ނޫންކަމެވެ. އަދި އިމާމު އަބޫޙަނީފާ ވެސް، ބިސްމި، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި، ނުހިމަނުއްވައެވެ. އިމާމު އައްޝާފިއީ ވިދާޅުވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ. ހަމަ އެހެންމެ އިމާމު އަޙްމަދު ވެސް ވިދާޅުވަނީ މިފަދައިންނެވެ. ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ، ނުވަތަ އެސޫރަތުގައި ނުހިމަނުއްވާ ބޭކަލުންގެ ހެއްކަކީ، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅު ނުވާކަމަށް ވާރިދު ވެފައިވާ، ކުރީގައި ނަންގަނެވި ދިޔަ، ހަދީސްތަކެވެ. މިބޭކަލުން، އަލްފާތިޙާ ސޫރަތުގެ އާޔަތްތައް އަދަދު ކުރެއްވުމުގައި ހަތް އާޔަތް ހަމަ ކުރައްވަނީ صراط الذين أنعمت عليهم މިއީ ހަވަނަ އާޔަތް ކަމަށް ބައްލަވައި غير الغضوب عليهم ولا الضالين މިއީ ހަތްވަނަ އާޔަތް ކަމަށް ބައްލަވައިގެންނެވެ. މިރައުޔު، ބެލެވިފައިވަނީ އޭގެ ބުރަދަން ބޮޑު ރައުޔެއް ނޫން ކަމުގައެވެ. (އައްތަފްސީރު އަލްކަބީރު، 197-196/1، ތަފްސީރު އަލްމަނާރު 92/1، ފިޤްހު އައްސުއްނަތް 115/1)

ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ކަމުގައި ދެކެވަޑައި ގަންނަވާ ބޭކަލުންގެ ހެއްކަކީ، އަލްފާތިޙާ ސޫރަތް ކިޔަވާ ވިދާޅުވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅުވިކަމަށް އޮންނަ ހަދީސްތަކެވެ. އަދި މީގެ އިތުރުން، ޚަތިމުގައި، އަލްފާތިހާ ސޫރަތުގެ ކުރިއަށް ބިސްމި ލިޔެވިފައި، އަދި އެސޫރަތުގެ އާޔަތްތައް އަދަދު ކުރުމުގައި ބިސްމި ހިމަނާފައި އޮންނަ އޮތުމެވެ. ޚަތިމުގައި ކީރިތ ޤުރްއާނުގައި ނުހިމެނޭ އެއްވެސް އާޔަތެއް ލިޔެވިފައި ނޯންނާނޭކަމަށް މިބޭކަލުން ދެކިލައްވައެވެ. އަދި، އާމީން، އަލްފާތިޙާ ސޫރަތް ނިމުމުން ނަމާދުގައި ކިޔުން އޮތަސް، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ނުހިމެނޭތީ، އާމީން ލިޔެވިފައި ނުވާކަންވެސް، މިބޭކަލުން ފާހަގަ ކުރައްވައެވެ. މާނައަކީ، އަލްފާތިޙާ ސޫރަތުގައި ބިސްމި ނުހިމެނޭ ކަމަށްވާނަމަ، އާމީން ފަދައިން ބިސްމިވެސް ލިޔެވިފައި ނުއޮތީހެވެ.

ބިސްމިއާ ބެހޭ މިވާހަކަ ކޮޅު ނިންމާލުމުގެ ގޮތުން، މިމައްސަލައާ މެދު، މުއުތަބަރު ދެއިލްމު ވެރިޔަކު ލިޔުއްވާފައިވާ ބަސްކޮޅެއްގެ ޚުލާސާ ލިޔެލާނަމެވެ. ޝައިޚު މުޙައްމަދު ޢަބްދުހޫ ވިދާޅުވާގޮތުގައި ބިސްމި ސިއްރުންނާއި އަދި އަޑުހަރުކޮށް ކިޔުމާ މެދު އައިސްފައިވާ ތަފާތު އާޙާދު (އެކަހެރި) ރިވާޔަތްތަކަކީ އެރިވާޔަތްތަކުން ހެކިލިބި ގަނެވިދާނޭ ފަދަ ބާރުހުރި ރިވާޔާތްތަކެކެވެ. ނަމަވެސް ބިސްމިއަކީ އަލްފާތިޙާގެ އާޔަތެއް ނޫން ކަމާމެދު އައިސްފައިވާ ރިވާޔަތްތަކަކީ އެއިން ހެކި ލިބިގަނެވިދާނޭ ވަރަށްވުރެ މާބޮޑަށްވެސް ޟަޢީފު (ބަލިކަށި) ރިވާޔަތްތަކެކެވެ (ތަފްސީރު އަލްމަނާރު 90/1). އަދިވެސް އޭނާ ބަޔާން ކުރައްވާފައިވެއެވެ. މިމައްސަލައިގައި އެންމެ ސާފުކޮށް ފެންނަންއޮތް ހެއްކަކީ ޚަތިމުގައި އަލްފާތިޙާ ސޫރަތް ލިޔުމުގައި ބިސްމި ލިޔެވި، އަދި ބިސްމިއަކީ އެސޫރަތުގެ އާޔަތެއް ކަމުގައި ހިމެނިފައި އޮތްކަމެވެ. އަދި މިހެންވެ، މިކަމުން އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި، އަދި ބިސްމި އަޑުހަރުކޮށް ކިޔުމަށް ބުރަވެވޭ ކަމުގައިވެސް އޭނާ ބަޔާން ކުރައްވައެވެ. (ތަފްސިރު އަލްމަނާރު 89/1، 94/1).

އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވުމާބެހޭ ގޮތުން އައިސްފައިވާ ތަފާތު ރިވާޔާތްތައް އިއްތިފާގު ކުރެއްވުމުގެ ގޮތުން، އިބްނު އަލްގައްޔިމު، އޭނާގެ ޒާދު އަލްމަޢާދު ގައި ބަޔާންކުރައްވައިފައި ވެއެވެ. ސަލާމާ ޞަލަވާލެއްވި މާތްﷲގެ ރަސޫލާ، (ރޭގަނޑުގެ) ނަމާދުތަކުގައި، އަލްފާތިޙާ ސޫރަތް ކިޔަވާ ވިދާޅުވާއިރު، ބައެއް ފަހަރު ބިސްމި އަޑުހަރުކޮށް ވިދާޅުވެފައި ވެއެވެ. އަދި އަނެއްބައިފަހަރު ސިއްރުންވެސް ވިދާޅުވެ

ފައި ވެއެވެ. އަދި އޭނާ ދެކިލައްވާގޮތުގައި ކީރިތި ރަސޫލާ ބިސްމި ނަމާދުގައި ގިނައިން ވިދާޅުވެފައިވަނީ ސިއްރުންނެވެ. (ޒާދު އަލްމަޢާދު 200-199/1).

މަތީގައި ލިޔެވުނު ވާހަކަތަކުން ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި އަދި ބިސްމި ކިޔާނީ ސިއްރުންތޯ ނުވަތަ އަޑުހަރުކޮށްތޯއާއި ގުޅޭގޮތުން އައިސްފައިވާ ހަދީސްތަކާއި އަދި އިލްމުވެރިންގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ނަމަވެސް ސާފުވެދާނެކަމަށް އުއްމީދު ކުރަމެވެ. މިފަދަ ފަރުއީ މައްސަލަތަކަކީ އެއާ މެދު އެންމެ އެކައްޗެއް ކިޔައި އެއްބަސް ވުމަކަށް އާދެވުން ދުރު މައްސަލަތަކެވެ. މިކަމުގެ ހުރި ހެކިތަކުގެމައްޗަށް ބަލައި އަދި އިލްމުވެރިންގެ ވާހަކަތަކަށްވެސް ރިއާޔަތްކޮށް، އެއާމެދު ގޮތެއް، ތިމާގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން، ކޮންމެ މީހަކުވެސް، ޚިޔާރު ކުރަންވީއެވެ. އެހެން މީހުންގެ ރައުޔުއަށްވެސް އިހުތިރާމުކޮށް، އެކަމަކީ އަރާރުންވެ ބައިބައިވާން ޖެހޭ ސަބަބަކަށް ނުހަދައެވެ. ހީވާގޮތުގައި، ނަމާދުގެ ބޭރުފުށުގެ ކަންތައްތައް ވީހާވެސް ރަނގަޅަށް އަދާ ކުރެވޭތޯ ބަލާފަދައިން، ނަމާދުގެ އަސްލު މަގުސަދާ ދޭތެރޭ ފުންކޮށް ވިސްނައި އެކަން ހާސިލު ކުރެވޭތޯ ބެލިއްޖެނަމަ، މިދެންނެވި ފަދަ އަރާރުންތަކާއި ބައިބައި ވުމުން ދުރުހެލިވުމަށް އެހީވެދޭނެ އެވެ. ކުރީ ހަލަގާއެއްގައި ބަޔާން ކުރެވި ދިޔަފަދައިން، ނަމާދުގެ ބޭނުމަކީ، ނަމާދު ކުރާމީހާ، މާތް ﷲއާއި ގުޅުވާލަދީ އަދި އެގުޅުމުގެ ސަބަބުން މީހާ ހެޔޮލަފާ މީހަކަށް ވުމަށް އެހީވެދިނުމެވެ. إن الصلاة تنهى عن الفحشاء والمنكر … (ހަމަ ކަށަވަރުން ނަމާދަކީ ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން … ދުރުހެލިކުރުމަށް (އެހީވެދޭ) … (ވަސީލަތެކެވެ)، މިއާޔަތުގައި ވާފަދައިންނެވެ. އެހެންވެ، ނަމާދު ކުރުމުގައި އެންމެ އިސްކަން ދެވެން ޖެހޭނީ މި މަގުސަދު ހާސިލުވެވޭތޯ އެވެ.

ދެން އާމީން ގެ މައްޗަށް ބަލާލަމާތޯ އެވެ. އާމީންއާ ބެހޭ ގޮތުން މުފައްސިރުން ވާހަކަ ދައްކަވާއިރު، އެބޭކަލުންގެ ވާހަކަތައް، އާއްމު ގޮތެއްގައި، އަމާޒުވަނީ ތިންކަމެއްގެ މައްޗަށެވެ. އާމީން ކިޔުމަކީ ޝަރުޢު ކުރެވި ކަނޑައެޅިފައިވާ ކަމެއްތޯއާއި އާމީން ކިޔަނީ ކިހިނެއްތޯއާއި އަދި އާމީންގެ މާނައިގެ މައްޗަށެވެ. މިތަނުގައި މިތިންކަމުގެ އިތުރުން، އާމީން މިލަފުޒުގެ އަސްލުގެ މައްޗަށްވެސް ބަލައިލާން ގަސްދުކުރަމެވެ.

އެންމެ ފުރަތަމަ ‘އާމީން’ މިލަފުޒުގެ އަސްލުގެ މައްޗަށް ބަލާލަމާ ތޯއެވެ. ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރްއާން ބާވާލެއްވުނު އިރު މިލަފުޒަކީ އަރަބި ބަހުގައި ބޭނުން ކުރެވެމުން އައިލަފުޒެކެވެ. މިލަފުޒުގެ އަސްލާމެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. ބައެއް ބޭކަލުން ދެކިލައްވާ ގޮތުގައި މިލަފުޒަކީ ޚާލިސް އަރަބި ލަފުޒެކެވެ. މިބޭކަލުންގެ ރައުޔު ބިނާވެފައިވަނީ ސާމީ ބަސްތަކުގެ އަސްލަކީ އަރަބި ބަސްކަމާއި މިބަހުގެ ފެންކޮށްޓަކީ އަރަބި ކަރަކަމުގެ މައްޗަށެވެ. އަދި ސާމީ އެހެން ބަސްތަކަށް މިލަފުޒު ގޮސްފައިވަނީ އަރަބި ބަހުންކަމެވެ.

އަރަބި ބަހުގެ ބައެއް އިލްމު ވެރިން، މިބަހުގެ އަސްލު ސީރިއެކް ބަހާވެސް ގުޅުވާލައެވެ. ސީރިއެކް ބަހަކީ އަރަމައިކް ބަހުގެ ބަހުރުވަތަކުގެ ތެރެއިން ބަހުރުވަ އެކެވެ. ހީބްރޫބަސް ނުވަތަ ޢިބްރާނީ ބަހުގެ ވެސް އަސްލު ކަމުގައި ބެލެވިފައިވަނީ އަރަމައިކް ބަހެވެ. އަރަމައިކް ބަހާއި ސީރިއެކް ބަހާއި ހިބްރޫބަހާއި އަދި އަރަބި ބަހަކީވެސް ސާމީ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަސްބަހެވެ. މިރައުޔުގެ މައްޗަށް ބަލާއިރު ‘އާމީން’ މިލަފްޒު ސާމީ ބަސްތަކަށް ގޮސްފައިވަނީ އެބަސް ތަކުގެ އަސްލު ސީރިއެކް ބަހުންނެވެ.

‘އާމީން’ މިލަފުޒު، އައިސްފައިވަނީ ހިބްރޫ ބަހުން ކަމަށްވެސް ބައެއް އިލްމުވެރިން ދެކިލައްވައެވެ. އިބުރާހިމީ މުގައްދަސު ފޮތްތަކަށް (ތައުރާތާއި އިންޖީލާއި އަދި ޤުރްއާން އަށް) ބަލާލާއިރު، ތާރީޚީގޮތުން، އާމީން، މިލަފުޒު އެންމެ ކުރިން ބޭނުން ކުރެވިފައިވަނީ ހީބްރޫ ބައިބަލްގައި ކަމަށް ވާތީއެވެ. ހީބްރޫ ބައިބަލްއަށް ޔަހޫދީން ކިޔާއުޅެނީ ތަނަޚް އެވެ. ތަނަޚް އެކުލެވިގެންވަނީ ތިންބައިގެ މައްޗަށެވެ. އެއީ ތައުރާތާއި (އިރުޝާދުތައް ނުވަތަ ޝަރުއީ ގާނޫނުތައް) ނެވިއީމް (ނަބީބޭކަލުންގެ ވާހަކަ) އާއި ކެތުއީމް (ލިޔުންތައް) މިތިން ބައެވެ. އަދި ކްރިސްޓިއަނުން ހިބްރޫ ބައިބަލް އަށް ކިޔާއުޅެނީ އޯލްޑް ޓެސްޓަމެންޓް އެވެ. ހިބްރޫ ބައިބަލްގައި އާމީން ބޭނުން ކުރެވިފައި އޮތުމުގެ މާނައަކީ ހީބްރޫބަސް ނުވަތަ އަރަމައިކް ބަސް އަރަބި ބަހަށް ވުރެ ދޮށިވުން ލާޒިމެއް ނޫނެވެ. ސަބަބަކީ، މިހުރިހާ ސާމީ ބަހެއްގެ އަސްލު މައި ބަހަކީ ކޮބައިކަން ސާފުކޮށް އެނގިފައި ނެތުމެވެ.

އަދި މީގެ އިތުރުން، ބައެއް އިލްމުވެރިން، ‘އާމީން’ މިލަފުޒުގެ އަސްލު ގިބްތީ ބަހާވެސް (ކޮޕްޓިކް، މިސުރުގެ އަސްލު އަހުލުވެރިންގެ ބަސް) ގުޅުވާލައެވެ. މިފަދަ އިލްމުވެރިންގެ ރައުޔުގައި ‘އާމީން’ މިލަފުޒު އައިސްފައިވަނީ  ޤިބްޠީ ބަހުގެ ‘އާމޫން’ ނުވަތަ ‘އާމޫން-ރާ’ އިންނެވެ. އެއީ ގިބްތީންގެ އިލާހެކެވެ. މިގުޅުވާލުން ބިނާކުރެވިފައިވަނީ ‘އާމީން’ އާއި ‘އާމޫން” މި ދެލަފުޒުގެ ސޫރައިގެ އެއްގޮތްކަމުގެ މައްޗަށް ބެލެވިގެންނެވެ. މިދެންނެވި ފަދަ އިލްމު ވެރިން ދެކިލައްވާ ގޮތުގައި މޫސާގެފާނާއި އަދި އިސްރާއީލުގެ ދަރިކޮޅު މިސުރުގައި ހޭދަކުރި ދުވަސްތަކުގައި އާމޫން-ރާ އަށް މިސުރުގެ އަހުލުވެރިން އަޅުކަން ކުރާތަން ފެނިފައި އޮންނާނެ ކަމާއި  އަދި، އެހެން ކަމުން، އެލަފުޒު ހިބްރޫ ބަހަށް ވެސް  ވަދެފައިވާނޭ ކަމަށްވެސް އެބޭކަލުން ދެކެލައްވައެވެ.

ނަމަވެސް، ހީބްރޫ ބައިބަލްގައި މި ލަފްޒު އެންމެ ފުރަތަމަ ބޭނުންކުރެވިފައިވާ ގޮތާއި މެދު ބަލާލާއިރު، އާމީން ބޭނުން ކުރެވިފައިވަނީ އާމޫން-ރާއާ މުޚާތަބު ކުރާކަށް ނޫނެވެ. މާތްﷲއަށް ކަމެއް ވަކިގޮތަކަށް ދެންނެވޭ ދެންނެވުމެއްގައެވެ. ‘އާމީން’ މިލަފުޒު ހީބްރޫ ބައިބަލް ގައި އެންމެ ފުރަތަމަ ވާރިދުވެފައިވަނީ އަދަދުތަކުގެ ނަމުން ނަންދެވިފައިވާ ފޮތުގެ ފަސްވަނަ ބާބުގެ ބާވީސްވަނަ އާޔަތުގައެވެ. މިއާޔަތުގައި އައިސްފަނީ ޒިނޭކުރިކަމަށް ތުހުމަތު ކުރެވުނު އަންހެނެއްގެ ވާހަކައެކެވެ. އޭނާ ޒިނޭކުރިކަމަށް އިންކާރުކުރުމުން އެކަމުން އޭނާ ބަރީއަތް ވުމަށް ޓަކައި، އޭނާއަށް ހިތިރަހަލާ ފެނެއް ބޯންދީ، އޭނާ ޒިނޭ ކުރިކަމަށް ވާނަމަ، އެފެން ބުއިމުގެ ސަބަބުން،  އޭނާ ހަލާކުވެ ދިޔުން، މާތްﷲ އިރާދަކުރެއްވިޔަސް އެންމެ ރަނގަޅުކަމަށް ބުނެ ‘އާމީން’ ކިޔުމަށް އޭނާއަށް އިރުޝާދު ދެވިފައިވެއެވެ. އެއާޔަތުގައިވަނީ “ލައުނަތް ގެނެސްދޭ މިފެން، އިނބަގެ ހަށިގަނޑު ތެރެއަށް ވަދެގެން ދާ ހުށިކަމެވެ. އަދި އޭގެ ސަބަބުން އިނބަގެ ބަނޑު ދުޅަވެ ނޫނީ އިނބަގެ ރަހިމު (ގައި ދަރިއެއް އޮތްނަމަ އެދަރި) ބައިގެން ދާހުށިކަމެވެ.” ‘ދެން، (މިވާހަކަ މުޚާތަބު ކުރެވޭ) އަންހެންމީހާ ބުނަން ޖެހޭނީ ‘އާމީން، އެހެން ވާ ހުށިކަމެވެ،” މިހެންނެވެ. މިތަނުގައި އެއަންހެން މީހާ މުޚާތަބު ކުރަނީ މާތް ﷲއާއެވެ. އަދި ‘އާމޫން’ އިލާހުއާއި ނޫންކަމެވެ. އެހެންވެ، ‘އާމިން’ ހިބްރޫ ބައިބަލްގައި ބޭނުން ކުރެވިފައިވަނީ ޤިބްތީން ‘އާމޫން’ ބޭނުން ކުރި މާނައާ ގުޅޭ މާނައެއްގައި ނޫންކަމާއި އަދި ‘އެކަން އެގޮތަށް ވާހުށިކަމެވެ’ މި މާނައިގައިކަން ބައިބަލްގެ މިއާޔަތުން އެނގެއެވެ.

ދެން އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔުމުގެ މައްޗަށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ އެލަފުޒު ކިޔާ ގޮތާ ބެހޭ ގޮތުންނެވެ. އެލަފުޒު ކިޔުމުގައި ސައްހަ ދެގޮތެއް ވާރިދުވެފައި ވެއެވެ. ފުރަތަމަ ގޮތަކީ އަލިފުގައި އަބަފިލި ޖަހައި ‘އަމީން’ ކިޔުމެވެ. ދެވަނަ ގޮތަކީ އަލިފުގައި އާބާފިލި ޖަހައި އަލިފަށް ދަމާފައި ‘އާމީން’ މިގޮތަށް ކިޔުމެވެ. މިދެގޮތް ވެސް އެންމެ ރަނގަޅު ކަމުގައި އިލްމުވެރިން އެއްބަސް ވެވަޑައި ގަނެއެވެ (އިބްނު މަންޡޫރުގެ ލިސާނު އަލްޢަރަބި 29/13).

ހުރިހާ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އާމީންއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްނޫނެވެ. އަދި އާމީން މިލަފްޒު ކީރިތި ޤުރްއާނުގެ އެހެން ސޫރަތެއްގައިވެސް ވާރިދުވެފައެއް ނުވެއެވެ. އެހެންނަމަވެސް، ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު، އާމީން ކިޔުމަކީ ޝަރުޢު ކުރެވި، ކަނޑައެޅިފައިވާ ކަމެއްކަމުގައި ގިނަ މުފައްސިރުންނާއި ފިޤުހު އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. މިމައްސަލައާ ބެހޭ ގޮތުން ބައެއް ހަދީސް ވާރިދުވެފައިވެ އެވެ. އޭގެ ތެރެއިން އެއް ހަދީސެއްގައި ކީރިތި ރަސޫލާ ވިދާޅުވިކަމަށް އޮވެއެވެ. “އިމާމު މީހާ އާމީން ކިޔުމުން ކަލޭމެން (މައުމޫމުން) އާމީން ކިޔާށެވެ…’ އަދިވެސް އެހެން ހަދީސެއްގައި ކީރިތި ރަސޫލާ އަޑުހަރުކޮށް، (މީމުގެ އިބިފިއްޔަށް) ދައްމަވާލައްވާފައި އާމިން ވިދާޅުވާކަމާއި އަދި އެއަށްފަހު މައުމޫމުންގެ އާމީން ކިޔެވުމުން މުޅި މިސްކިތް ގުގުމާލައިގެންދާ ވާހަކަ ވެސް ހަދީސްގައި އައިސްފައި ވެއެވެ. މިދެހަދީސްއާ އަދި މިމާނައިގައި ވާރިދު ވެފައިވާ އެހެން ހަދީސްތަކަކީ ވެސް ސައްހަ ހަދީސް ކަމުގައި ހަދީސް އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ (ތަފްސީރުލް މަނާރު 98/1). އަދި ފިގުހު އިލްމު ވެރިއެއްކަމުގައްޔާއި އަދި ހަދީސް އިލްމުވެރިއެއް ކަމަށްވާ އައްޝަޥްކާނީ އޭނާގެ ނައިލު އަލްއަވްޠާރު ގައި، މިމައްސަލައާ ބެހޭ ހަދީސްތައް ބަޔާންކުރައްވައި، އޭގެ މައްޗަށް ބިނާކޮށް، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔުމަކީ ޝަރުއު ކުރެވިފައިވާ ކަމެއް ކަމަށް ވިދާޅުވެއެވެ. (ނައިލު އަލްއަވްޠާރު 225-222/1). އަދި، މިމާނައިގައި ސަތާރަ ޞައްޙަ ހަދީސް ވާރިދުވެފައިވާ ކަމަށް މުޙައްމަދު ޢަބްދުހޫވެސް ބަޔާން ކުރައްވައެވެ. (ތަފްސީރު އަލްމަނާރު 98/1). އިމާމު މާލިކުއާ އަދި އިމާމު އަބޫ ޙަނީފާގެ ފަރާތުން އާމީން ކިޔުން ނެތްކަމަށް ރިވާކުރެވިފައިވާ ކަމާއި އަދި މިބާބުގައި ވާރިދު ވެފައިވާ ހަދީސްތައް އެރިވާޔަތް ރައްދު ކުރާކަމުގައިވެސް އައްޝަޥްކާނީ ބަޔާންކުރައްވައެވެ. (ނައިލު އަލްއަވްޠާރި 222/1).

ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔެވުން ޝަރުޢުކުރެވިފައި ވިޔަސް، އެކަމުގެ ޙުކުމާއި ދޭތެރޭ ފިޤުހުވެރިންގެ ރައުޔު ތަފާތެވެ. ޞަޙީޙު އަލްބުޚާރީގެ ޝަރަޙައެއް ލިޔުއްވި އިބްނު ޙަޖަރު ވިދާޅުވަނީ ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއީ މަންދޫބު (އެދެވިގެންވާ) ކަމެއްގެ ގޮތުގައެވެ. ޡާހިރީ މަޒްހަބުގައި އާމިން ކިޔުމަކީ ވާޖިބު ކަމެކެވެ. އަދި ޝައިޚު މުޙައްމަދު ޢަބްދުހޫ ދެކެވަޑައިގަންނަވާގޮތުގައި އިމާމާ އާމީން ކިޔެވުމުން މައުމޫމުންގެ މައްޗަށް އާމީން ކިޔުން ވާޖިބު ވެގެންވެއެވެ. މިޚިޔާލު ތަފާތުވުން ބިނާވެފައިވަނީ ކީރިތި ރަސޫލާ އާމީން ކިޔުމަށް ވިދާޅުވެފައި އޮތް އިބާރާތުގައި އަމުރުގެ ސީޣާ (ކަލޭމެން އާމީން ކިޔާށެވެ!) މާނަކުރެވުމާ އެވެ. އެއްބަޔަކު މާނަކުރަނީ މިތާގައި އަމުރުގެ ޞީޣާ ދޭހަކޮށްދެނީ އެއީ އެދެވިގެންވާ ކަމެއްގެ ގޮތުގައެވެ. އަނެއްބަޔަކު ދެކެނީ އަމުރުގެ ޞީޣާ މާނަކުރެވެނީ ކޮންމެހެން ކުރަންޖެހޭ ވާޖިބު ކަމެއްގެ ގޮތުގައެވެ.

އާމީންއާ ބެހޭ ގޮތުން ދެން އޮތީ އެލަފުޒުގެ މާނައާ ބެހޭ މައްސަލައެވެ. އެލަފުޒުގެ މާނަ ބަޔާން ކޮށް ދިނުމުގައި ގިނަ އިލްމުވެރިން ވިދާޅުވަނީ އާމީން ގެ މާނައަކީ ‘اللهم فاستجب’ މިއެވެ. “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، (އަޅަމެންގެ ދުއާ) އިޖާބަ ކޮށްދެއްވާފާނދޭވެ’ މިއެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ އާމީންގެ މާނައަކީ كذلك فليكن މިއެވެ. އެފަދައިން، (އެބަހީ، އަޅަމެން ދުއާގައި ދަންނަވާފަދައިން) އެކަން ވާހުށިކަމެވެ’ މިއެވެ. އާމީން އަކީ މާތްﷲގެ އިސްމުފުޅެއްކަމުގައިވެސް މުޖާހިދު ފަދަ ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މާނައަކީ ‘ހައްގުވަންތަ ފަރާތް’ މިއެވެ. މިމާނަ ލަފާކުރެވޭގޮތުގައި ނެގިފައިވަނީ ބައިބަލް އިންނެވެ. މުފައްސިރުންގެ އިސްތިލާހުގައި އިސްރާއީލީ ރިވާޔަތްތަކުންނެވެ. އާމީން އެއީ އަރަބި ބަހުގައި މާތް ﷲގެ އިސްމުފުޅެއް ނޫންކަމަށް އަލްއަޒްހަރީ ފަދަ އިހުގެ އަރަބި ބަހުގެ އިލްމުވެރީން ވިދާޅުވެ، މިރައުޔު އަށް ރައްދު ދެއްވައެވެ. (އިބްނު މަންޡޫރު، ލިސާނު އަލްޢަރަބް 27/13)

މިތަނުގައި ފާހަގަކޮށްލަން ޖެހެނީ ނަމާދުގައި މުސްލިމުން އެންމެ ފުރަތަމަ އާމީން ކީއިރު ކީ ކޮން މާނައެއްގައި ތޯއެވެ. މުސްލިމުން، އާމީން، މިލަފުޒު، އަބަދުވެސް ބޭނުން ކޮށްފައިވަނީ މާތްﷲ ހަޟްރަތުގައި ދުއާ ދެންނެވުމަށްފަހު އެދުއާ އިޖާބަކޮށްދެއްވުމަށް އަދައިދެންނެވުމުގެ މާނަ ދޭހަކޮށްދޭ އިބާރާތެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ، އެހެން ބައެއް ދީންތަކުގައިވެސް އާމީން ބޭނުން ކުރެވެނީ މިފަދަ މާނައެއްގައެވެ.

އާދެ، މިހިސާބުން އަލްފާތިޙާ ސޫރަތަށް އިތުރުކޮށްލުމުގެ ގޮތުން، އަޢޫޛުއާއި ބިސްމިއާއި އާމީން ކިޔުމާ ބެހޭ ގޮތުން ގެނެސްދެވުނު ވާހަކަތައް ނިމުނީއެވެ. ދެން ބަލައިލެވޭތޯ މަސައްކަތްކުރާނީ އަލްބަޤަރާ ސޫރަތުގެ މައްޗަށެވެ. އެންމެ ފުރަތަމަ އެސޫރަތުގެ ވަށަރޮނގެއް އަންނަ ހަފްތާގައި އިރާދަކުރެއްވިއްޔާ ހުށަހަޅާލެވޭތޯ ބަލާނަމެވެ.

___________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment