އެސް.އެލް.ޓީ. އެސް.އެލް.ޓީ. އަކީ، ކޮންބޭފުޅެއްތޯއެވެ؟ އާދެ! ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ. ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ. މި ލިޔުން ނަކަލުކޮށްފައި މި ވަނީ، ”ހަވީރު” ނޫހުގެ 1979، ޖުލައި 11 ވީ (ބުދަ)…

އެސް.އެލް.ޓީ.

އެސް.އެލް.ޓީ. އަކީ، ކޮންބޭފުޅެއްތޯއެވެ؟ އާދެ! ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ. ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ މަޢުލޫމާތު ދެއްވި ބޭފުޅެކެވެ.

މި ލިޔުން ނަކަލުކޮށްފައި މި ވަނީ، ”ހަވީރު” ނޫހުގެ 1979، ޖުލައި 11 ވީ (ބުދަ) ދުވަހާއި 16 ވީ، (ހޯމަ) ދުވަހުގެ އަދަދުންނެވެ.

_____________________________

ދިވެހީންގެ ތެރޭގައި ކުރީ ދުވަހުގައި ރަމަޟާން މަހުގެ 29 ދުވަހުގެ ހެނދުނު 7 ގަޑީގައި ފިޠުރު ޒަކާތުގެ ކޮލިލުން އޮވެއެވެ. ކޮލި ކަލޭފާނު މާލޭގެ ކޮލި ހިނގާ މަގުގައި ޒަކާތުގެ ކޮލިލައްވާނެއެވެ. މިއަށްފަހު ޒަކާތް ނަގަން ފަށާފާނެއެވެ. އެދުވަހުގެ ޒަކާތަށް ނަގާ ޢަދަދަކީ 8 ލާރިއެވެ. ޒަކާތް ދިނުމުގެ ވަގުތު ދެމެހެއްޓިފައި އޮންނަނީ ކޮލިލާ ދުވަހުން ފެށިގެން ޢީދު ދުވަހުގެ ޢީދު ނަމާދުގެ ވަގުތާއި ހަމައަށެވެ. ރާއްޖެތެރޭގެ ރަށްރަށުގެ ނާއިބު އޮފީހާއި، މާލޭގެ ފަޑިޔާރުގެ، އެކަމަށްޓަކައި ހުޅުވިފައި ހުރެއެވެ. ޒަކާތުގެ ބައިތައް ބަހާ އުޅެނީ މިއަދެކޭވެސް އެއްގޮތަކަށެވެ. އެކަމަކު ދަތުރުވެރިންގެބައި އެރަށަކުން އެރަށަކުން ނިންމައެވެ. ރައްޔިތުންގެ ގޭގައި ބަހައްޓައެވެ. ޔަތީމު، ފަޤީރު، މިސްކީނުންގެ ބައި ދަރަނިވެރިންގެ ބައި ބަހާ ނިންމާލައެވެ. އަންނަމުން އައި ތަފާތުގައި ފިޠުރު ޒަކާތަކީ، 8 ލާރި ކަމަށް އޮތް ގޮތް ކެނޑިގެން ދިޔައީ ހަނދާނަށް ގެނެވޭ ގޮތުގައި، އައްސައްޔިދު ބޮޑު ފެންވަޅުގޭ ސީދީގެ ފަޑިޔާރުކަމުގެ ދުވަސްވަރުއެވެ. މިއީ މި ބަދަލު އައިކަމަށް ހަނދާންވާ ދުވަހެވެ.

ފަށްކެނޑުން

ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ތެރޭގައި ކުރީގެ ދުވަސްތަކުގައި ތިން ފަށްވުމާއި ފަށްކެނޑުމަކީ ވަރަށް އާދައިގައި ހިނގަމުން ދިޔަ ގިނަކަމެކެވެ.

ތިންފަށްވުމަކީ ދޭދޭ ދެމަފިރިން ވަރިކޮށް އިންނަމުންގޮސް އެދެމަފިރިޔަކު ވަރި ކޮށްކޮށްފައި 3 ފަހަރަށް އިނުމެވެ. އެދުވަހު ތިންތިން ފަށްވެ (އެއީ 9 ފަހަރަށް އެދެމީހުންގެ މެދުގައި ކައިވެނިވުމެވެ.) މިގޮތުން، އެ ދެމީހުންގެ މެދުގައި 27 ފަހަރު ކައިވެނިވެ، ކޮންމެ 9 ފަހަރަކުން މުއްދު ބަހައި، ތިން ތިންފަށުގެ ތިންފަހަރު މުއްދު ބަހައި ކައިވެނިވުމަށްފަހު ދެން އިތުރަށް ކައިވެނިކޮށް ނުދޭ ގޮތަށް އެދުވަހު ހަމަޖައްސާފައި އޮތެވެ.

މިގޮތުން ރާއްޖެތެރެއާއި، މާލޭގައި 3 ފަހަރަށް މުއްދު ބަހައި 27 ފަހަރު ކައިވެނި ކުރެވި ދެން އަލުން ކައިވެނި ކުރެވޭ ގޮތަށް ހަމަޖެހިފައިވާ މީހުން ތިއްބެވެ.

ފަށްކެނޑުން، ފަށްކަނޑަން އިނުން، ފަށްކަނޑަން ދެވުން، މިކަންކަމަކީ މާ ޢާންމު ގޮތެއްގައި މުޅި ރާއްޖެތެރެއާއި މާލޭގައި ހިނގަމުން ދިޔަ ގިނަކަމެކެވެ. އަން ދުވަހުއްސުރެންނެވެ.

ރާއްޖެތެރޭގައި، އަދި މާލޭގައިވެސް ފަށްކަނޑަން، ފަށްކަނޑާދިނުމަށް، މެދު ފިރިއަކަށް އިދެދޭ ފިރިހެނުންނަށް ބޮލިކޮށްޓޭއެއް ދީގެން ކައިވެނި ކުރުވާ، ފަށްކަނޑުވާފައިވެއެވެ. މިކަން ކުރުވަނީ ކުރީގައި އިދެ ތިންފަށްކުރި ފިރިހެންމީހާގެ ފަރާތުންނެވެ.

އެކަމަކު ފަށްކަނޑަން، ފަށްކަނޑާ ދިނުމަށް އިނުމަކީ އިނދެދިނުމަކީ ބުނަން ނޭނގޭ ކަހަލަ އައިބު ހަޑި ހުތުރު އުނި ސިފައެއް ކަމުގައިވެސް ވެގެންވެއެވެ.

އާދައިގެ ގޮތުގައި ތިންފަށްވެފައި އިންނަ އަންހެނަކާއި އިނުމަކީ ލަދުވެތި ހަޑިހުތުރު ދެރަކަމެކެވެ. އެމީހަކާއި ދިމާއަށް ޒުވާބުގައި ދެރަކޮށްލުމަށްވެސް ފަށްކަނޑާއޭ ގޮވާ އުޅެއެވެ. ހަމައެހެން ދެމަފިރިން ތިންފަށްވެތިބެ ފިރިމީހާ މަރުވިޔަސް ދެންވެސް ދިރިއުޅެން މީހަކާ އިންނަންވާނީ، މެދުފިރިއަކަށް މީހަކާ އިނދެ ފަށްކަނޑާ ވަރިވެގެންނެވެ. މިއީވެސް އެދުވަހުގެ އާދައެވެ.

އެހެންކަމުން ފަށްކަނޑަން އިންނަ މީހުންކޮޅެއް ވަރަށް މަޝްހޫރު ގޮތެއްގައި، މާލޭގައި ފާހަގަވެގެން ތިއްބެވެ. ކުރީގެ ދުވަހުގައި ފަށްކަނޑަން އިންނަ މީހާއަށް ބޮލިކޮށްޓޭއެއްދީ، މެދު ފިރިއަކަށް ދެވާ އުޅުނެވެ. ދެން އައި ބަދަލު ގައި -/3 ރ ދީގެން ދެވާ އުޅުނެވެ. ދެން އައި ބަދަލުގައި -/3 ރ އާއި ފޮށަޔަކާއި އެންމެ ދެރަމީހާވެސް ފަށްކަނޑަން ދެވާ މެދު ފިރިޔާއަށް ދިރިއުޅުނެވެ.

އަންނަމުން އައި ބަދަލުގައި -/3 ރ އާއި ހެދުމަކާއި، އަދި -/10 ރ އާ ހެދުމަކާއި ދީގެންވެސް މެދު ފިރިޔަކަށް ދެވާ ފަށްކަނޑާ އުޅުނެވެ.

އަންނަމުން އައި ދުވަހުގައި އަންނަމުން އައި ބަދަލުގައި ފަށް ކެނޑުމުގެ އާދައިގައި ވަރަށް ސިއްރުން އެކަން ކޮށްވެސް އުޅުނެވެ. މިގޮތުން ކައިވެނި ކޮށްގެން ދެހެކިންނާއި އެކީ އައިސް ޞަލަވާތް ކިޔަވައި، ފިރިބަލައި ގަންނަ ފަނިތަށި އަންހެންމީހާ ފިރިހެންމީހާއަށް ދެކުނު ފަރާތު ދޮރުން ނިކުމެ 2 ހެކިންނާއި ފިރިމީހާ އުތުރު ދޮރުން ނިކުމެ ގޭކޮޅުން ބައްދަލުކޮށް ފިރި މީހާ ބުނާނެއެވެ. މިހާރު ތިޔައީ އަހަރެންގެ އަބިމީހާއެވެ. އެކަމަކު މި ވަގުތު އިނދެގެން އުޅެވެން ނެތީތީ ޚަރަދު ކެނޑުމަށްފަހު ތިޔައިނީ، ވަރިކޮށްފައެވެ. ދެން އަންހެންމީހާ ބުނާނެއެވެ. ޚަރަދު ކަނޑައިފީމެވެ. ދެން ހިތްހެޔޮކުރާށޭ ބުނެ ވަކިވެގެން ހިނގައިދާނެއެވެ.

އަދި ކައިވެނިކޮށް ތިންރޭ ތިންދުވާ ވެފައި ވަރިކުރުމާ މަސްދުވަސް ތެރޭގައިވެސް ވަރިކޮށް އުޅެފައިވެއެވެ.

އަރި އަތޮޅާއި މާލެ އަތޮޅުގެ ރަށްތަކުގައި 3 ފަށްވި އަންހެނުން ގިނަވީމައި، ކަމާއިބެހޭ ފިރިހެނުން ދަތުރު ހަދާ މާލެ އައިސް މާލެއިން ފަށްކަނޑާދޭނެ މީހުން ހޯދައި އެމީހުން ގޮވައިގެން ދަތުރު ހަދާ ރަށަށްގޮސް ތިންފަށް އަންހެނުންނާ ދެވާ ފަށްކަނޑުވައި، ދުރުވި ބޭކަލާ މާލެ ގޮވައިގެން އަންނައިރު، ހަދިޔާ ބަދިޔާ، ކުރުބާ އިހާ، އުޅާލި މާލެ ގެނެސް ފައިވެއެވެ.

މާލޭގައި އެންމެ ބޮޑަށް މަޝްހޫރު ތިބީ ތިންމީހުންނެވެ. އެމީހުންގެ ބުނާ ބުނުމުން ކުރާ ޒުވާބުގެ ތެރެއިން އިވިފައިވާ ގޮތުގައި އޭގެތެރެއިން ތުއްތު ކިޔާ މީހަކު ކޮށްފައިވަނީ މިބާވަތުގެ 183 ކައިވެންޏެވެ. ހޮއްކޮ ކިޔާ މީހަކު ކޮށްފައިވަނީ 122 އަންހެނުންނާ އެކި ފަހަރު މަތިން 163 ކައިވެންޏެވެ.  މީގެ ތެރޭގައި މީނާއަށް ދެދަރިން ލިބިފައިވެއެވެ.

ދެންހުރީ މަނިކު ކިޔާ މީހެކެވެ. އޭނާގެ ފޮނި ބަހުގައި އޭނާ ބުނަނީ 206 ކައިވެނި މިގޮތުގައި ކުރި ކަމަށެވެ. މީނާއަކީ ވަރަށް ގިނަ ރަށްރަށަށް، މެދުފިރިއަކަށް އިނދެ ދިނުމަށް ވަރަށް ގިނަ ދަތުރުކޮށް މި ބާވަތުގެ ކައިވެނިތައް ކުރުމުގައި މަޝްހޫރު ބޭކަލެކެވެ.

މުޙައްމަދު އަމީނުގެ ދުވަހުގައި ފަށްކަނޑަން އިނުމަށް، ދެވުމަށް ބުރޫއަރައި އެކަން މަނާވަމުން އައިސް މިހާތަނަށް އައީއެވެ. ފަށްކެނޑުމަށް ހުއްޓުން އަރަން ފެށީ އެދުވަހުއެވެ. އަންނަމުން އައިސް މިހާރަކީ ފަށްކަނޑަން އިނުމާއި ދެވުމުގެ މަނާ ދުވަހެވެ. ޒަމާނުގެ ތަފާތު ކަންކަމުގައި ހުރީ މިހެނެވެ.

އެދުވަހު އެރީތި ތުނިދޮށް އޮމާ ތަފިލި ސާހިބާ އަބުރުވެރި ތުނިޔަ ދޮންޅަކަނބާ ފަޚުރުވެރިކަމާއި، ލަދުވެތި ރަކި، ނުރުހުމުގެ ތެރޭގައި، ތިން ފަށްވުމުގެ ދެރަ ދަށް ކަމުގެ ތެރޭގައި ކަރުނައިގެ ކައިވެނި މިބާވަތުގެ މީހުނާއި ކުރަން ދިމާވީ މަދެއްކޮށްނޫނެވެ. ތިންތިންފަށްވެ މުއްދު ބަހާ، 27 ފަހަރު ހަމަވެގެން ދެން އަލުން އެދެމީހުން ކައިވެނިވުން މަނާ ވެގެން އެކަމުގެ ވޭން އުފުލީވެސް މައި، ދަރި، ފިރި، ގެދޮރުވެރި، ދިރިއުޅުމުގެ މަޝްހޫރު އަންހެނުންނެވެ.

__________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment