(17 ސެޕްޓެމްބަރ 2016 ގައި ޝާއިޢުކުރި ބަޔާ ގުޅޭ) ދެރައްޓެހީން ދިމާވެގެން ގެލެޑީ ސަލާމަތްކުރެވޭނެ ގޮތަކާ މެދު ވާހަކަދައްކަމުން އަކިރި ހޮވަމުން އަތިރިމަތި އޮތް ގޮތަށް ދެކުނަށް ބެހެއްޓިއެވެ. އިރާކޮޅު ނަމަވެސް މާކަ ގިނަ ދުއްވާ އެއްޗިއްސެއް މަގަކުން ދަތުރެއް ނުކުރެއެވެ. ހިތްފަސޭހަކޮށްލަން ނިކުމެ އުޅޭ ޒުވާން ޖޯޑުތައް އަތިރިމަތީ އަތުގުޅާލައިގެން ހިނގާތީ ފެނެއެވެ. ބައެއް ޖޯޑުތައް ރާޅު އަރައި ހިސާބުން އެއްގަމުގައި ހިކި ދޮންވެލިގަނޑު މަތީ އިށީނދެލައިގެން ވެއްޔާ ކުޅެލަކުޅެލައި ތިއްބެވެ. ބައްޕަޔަކު ކުޑަދެދަރީން ދެއަތުލައިގެން…

(17 ސެޕްޓެމްބަރ 2016 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ދެރައްޓެހީން ދިމާވެގެން ގެލެޑީ ސަލާމަތްކުރެވޭނެ ގޮތަކާ މެދު ވާހަކަދައްކަމުން އަކިރި ހޮވަމުން އަތިރިމަތި އޮތް ގޮތަށް ދެކުނަށް ބެހެއްޓިއެވެ. އިރާކޮޅު ނަމަވެސް މާކަ ގިނަ ދުއްވާ އެއްޗިއްސެއް މަގަކުން ދަތުރެއް ނުކުރެއެވެ. ހިތްފަސޭހަކޮށްލަން ނިކުމެ އުޅޭ ޒުވާން ޖޯޑުތައް އަތިރިމަތީ އަތުގުޅާލައިގެން ހިނގާތީ ފެނެއެވެ. ބައެއް ޖޯޑުތައް ރާޅު އަރައި ހިސާބުން އެއްގަމުގައި ހިކި ދޮންވެލިގަނޑު މަތީ އިށީނދެލައިގެން ވެއްޔާ ކުޅެލަކުޅެލައި ތިއްބެވެ. ބައްޕަޔަކު ކުޑަދެދަރީން ދެއަތުލައިގެން އަތިރިން އެއްގަމަށް އަރައިގެންދާ އިރު އެކުދީންގެ މަންމަ ރޯން ފެށި އެންމެކުޑަދަރި ނަގައި ކިހިލިޖަހައިލިއެވެ. ތަންކޮޅެއް ދުރުގައި ތިންފައިކަށިތައް މަތީ ދެކުއްޖަކު މަސްބާނަން ތިއްބެވެ. ރަތްވިލާ ނުއޮބޭ އުޑުން   ވީނަސްތަރި ގަދަޔަށް ފާޅުވެ ފިޔަޖަހާލަ ޖަހާލާ ހުއްޓެވެ. ބައެއް ކުދި ތަރި ވެސް ފަނޑުކޮށް ފާޅުވާން ހުއްޓެވެ. މަޑު ރެއެއް ކަމުން އޮމާން ކަނޑަވަޅީގައި އަޅާފައި ހުރި ބޯޓުފަހަރުގެ އަލި އަޑިޔަށް ކަތިކަތިލައިފައި ހުއްޓެވެ. ކަނޑަވަޅީގެ އެއަތުން ވިލިގިނލި ދިއްލާފައި އޮތެވެ. ދާއިންއަށް ބަލައިލައިފައި އަކުރަމް ކިޔައިފިއެވެ.

“ދޮންބެ ދީފައި އޮތް ތިރީސް ރުފިޔާ އެބައޮތް. މަމިއުޅެނީ މިރޭ އަދި ނުވެސް ކައި. ހިނގާ ގާޑިޔަލެއް ދޮށަށް ގޮސް ކުރުނބާ ބޯން.”

“ތިރީސް ރުފިޔާއަށް ދެކުރުނބާ ލިބޭނޭތަ؟”

“ލިބޭނެ ހޯދަން އުޅުނީމާ!” މީ އަބަދު ވެސް އަކްރަމްގެ ވަރަށް އަތްމަތީ ބަހެކެވެ. އޭނާގެ އުއްމީދީ ވާހަކަތަކުން ދާއިންގެ ހިތްވަރު އަބަދު ވެސް އައުވާ ގޮތްވެއެވެ. އަކްރަމާ އެކުލަވައިގެން އުޅުމީ ދާއިންގެ އުފަލަކަށްވެފައިވާ އެއް ސަބަބަކީ އެއީއެވެ. އަނެއް ސަބަބަކީ ކޯކު ކުރުނބާ އައިސްކިރިމި ޗޮކުލެޓު ފަދަ މީރު ލުއިކެއިން ބުއިމަށް ޚަރަދުކުރާނެ ފައިސާ އަބަދު ވެސް އަކުރަމްގެ ޖީބުގައި ހުރުމެވެ. އަކުރަމަށް ޖީބު ފައިސާދޭން ބައްޕަ ފިޔަވައި އެތައް އެތައް ބޮޑުބޭބެއަކާއި ބޮޑުދައިތައަކާއި ދޮންބެ ދައްތައެއް އަދި ދޮންތަބޭ އެއް ތިބެއެވެ. ދާއިން ފުރަތަމަ ހީކުރީ ‘ދޮންބެ ދައްތަ’ އަކީ އަކްރަމް އެއްބަޑު އެއްބަފާ ބޭބެ އިނދެގެން އުޅޭ ފަހަރިދައިތަ ކަމަށެވެ. އަދި ‘ދޮންތަބޭ’ އަކީ އެއްބަޑު އެއްބަފާ ދައްތަ އިނދެގެން އުޅޭ ޅިޔަންބެކަމަށެވެ. މިކަންކަން އޮތީ ކޮންމެހެން މިގޮތަށް ނޫންކަން އެނގުނީ އަކުރަމާ ދެބެންގެ ދެދަރި ދައްތަ އިން ޅިޔަންބެ ވެސް އެއީ ‘ދޮންތަބޭ’ ކަން އެނގުމުންނެވެ. އަދި ދެބެންގެ ދެދަރި ބޭބެ އިން ފަހަރިވެސް އެއީ “ދޮންބެ ދައްތަ”ކަން އެނގުމުންނެވެ. އެކަކު އަނެކެއްގެ ދަރީންނަށް ގޮތްގޮތުން އެހީވުމާއި ދަރީންގެ ގޮތުގައި ދެކިގެން އުޅުމީ އެއައުލާދުގެ ވަރަށް ރީތި ސިފައެކެވެ. ދާއިން ވެސް އެކަހަލަ އައުލާދަކަށް އުފަންވި ނަމަ ކޮންފަދަ ހެއްޔެވެ؟

އަކުރަމާއި ދާއިން ކުރުނބާ ބޮމުން ދިޔައީ ހުސްވެދާނޭތީ ބިރުން އުޅޭ ކަހަލަ ގޮތަކަށް ލަސްލަހުން އެތިއެތި ފޮދުންނެވެ. ޚިޔާލު ބަދަލުކުރެވެމުން ދިޔައީ ގެލެޑީގެ އޮޕަރޭޝަނަށް ފައިސާ ހޯދާނޭ ގޮތަކާ މެދުގައެވެ. ދެކުދިންގެ ވިސްނުން ތަފާތު ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔައެވެ. އިނދެ އިނދެފައި އަކްރަމް ކިޔައިފިއެވެ.

“ނުކިޔަންތަ މިރޭގެ ނޫހުން ކުޑަކުއްޖެއްގެ ކިޑުނީ ބަދަލުކުރަން ބޭނުންވާ ފައިސާގެ ތަނަވަސްކަން އާއިލާގައި ނެތުމުން އެހީ ބޭނުންވެގެން ކުއްޖާގެ ފޮޓޯއާއެކު އޮތް ޚަބަރެއް؟ އެގޮތަށް ގެލެޑީގެ ފޮޓޯއަކާއެކު ވާހަކަ ނޫހުގައި ޖެހުން ކިހިނެއްވާނެބާ؟”

“ތިޔަ ވާނީ ބޮޑު ޖޯކަކަށް. ރަށު ކުދިބޮޑު އެންމެން ހީނހީނފައި ތިޔަ ނޫން ވާހަކައެއް ނުދައްކާނެ. ތިޔައަށް ވުރެން ރަނގަޅުވާނެ ގޮތަކީ އެކިއެކި ބޮޑެތި ވިޔަފާރިވެރީންނާއި ބައްދަލުކޮށް އެމީހުންނާ ވަކިވަކީން މިވާހަކަ ދެއްކިއްޔާ ކަން ނޭނގެ!” ދާއިން ބުންޏެވެ.

“އަޅެ ތިޔަ ގޮތުން މަސައްކަތްކޮށްލަމާ ބަނހީ! އަހަރެން ހޯދާނަން ވިޔަފާރިވެރީންގެ ނަމާއި އެޑުރެސް. އެއީ މަށަށް ކޮށްދެވޭނެ ވަރަކީ. އެކަމަކު އެމީސްމީހުންނާ ބައްދަލުކޮށް ވާހަކަދައްކަން ވާނީ ދާއިން.”

“މަތާ ވާހަކަ ދައްކަން ވާނީ ވެސް! ގެލެޑީ އަކީ މަގޭ ދަރި ވިއްޔަ!”

“ކަލޭގެ ދަރި. މަގޭ ބޮޑުބޭބެ ދަރި. މަވެސް ކަލެއާއެކު ދާނަން. ކަލޭ އެތެރެޔަށް ވަދެ ވިޔަފާރިވެރީންނާ ވާހަކަދައްކާ. މަ ހުންނާނަން ބޭރުގައި”

“އެއީ ކީއްކުރަން؟ ކުޅިބަލަންތަ؟”

“އެހެނެއް ނޫން. މަގޭ ބައްޕަ ނުދަންނަ ވިޔަފާރިވެރިއަކު ނޫޅޭނެ. އެމީސްމީހުން ގާތަށް މަގޮސް ފައިސާ ހޯދަން އުޅެންޏާ އެވާހަކަ ބައްޕަގެ ކަންފަތަށް ނާރައެއްނުދާނެ. އެވާނީ ބައްޕަޔަށް ލިބޭ ވަރަށް ބޮޑު ހުތުރަކަށް. ޔަގީން. ބައްޕަ މަގޭ ކަންފަތުގައި ހިފައި އަޑުލާނެ. އެނގެއެއްނު ދޯ. ގެލެޑީ އާ މެދު ބައްޕަ ދެކޭ ގޮތް!”

ދާއިން މޮޅިވެފައި އިނދެ ބޯޖަހައިލިއެވެ. ދެރައްޓެހީން އެއްބަސްވީ އެއް ދުވަސްވެސް ނަގައި ނުލައި ފައިސާ ހޯދުމުގެ މަސައްކަތަށް މަދަރުސާ ނިމުމާއެކު މާދަމާ ނިކުންނާށެވެ. ކާމިޔާބު ލިބެންދެން މިގޮތުން ކޮންމެ ދުވަހަކުވެސް ނިކުންނާށެވެ. މަދުރަސާ ނިމެނީ މެންދުރުން އަނބުރައި އެއްގަޑިބައިގައެވެ.

އެއްތަނުން އަނެއް ތަނަށް އެކެއްގެ ފައިބުޑުން އަނެކެއްގެ ފައިބުޑަށް ތިން ދުވަސްމަތިން ދެރައްޓެހީން ހިނގައި ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނޭ މީހަކު ނުވިއެވެ. މީގައި ދީލަތިކަމަށް ކިޔޭ މުއްސަނދީންނެކޭ ދަހިކަމަށް ބެލެވޭ މުއްސަނދީންނެކޭ ވަކި ތަފާތެއް ނެތެވެ. ގެލެޑީ އެއީ ކުޑަކުޑަ ގޯލްޑުފިހަކަށް ވާތީ އެންމެންނަށް ވެސް ދާއިންގެ ވާހަކަޔާއި ފައިސާހޯދަން އެ ހިނގާ ހިނގުން ވެފައި އޮތީ ހެއްވާ ކަމަކަށެވެ. އެހީގެ ބަދަލުގައި ދެކުދީންނަށް ލިބެމުން ދިޔައީ ހަޖުލެވެ. ބާޒާރުގައި އެންމެ ނަން ހިނގާ އެއް މަހުޖަނަކު ހީނގެންފައި ދާއިން ގާތު ބުނީ ގެލެޑީ ސަރުކާރުގެ ޚަރަދުގައި ބަލަހައްޓަން ‘ކުޑަކުދީންގެ ހިޔަލަށް’ ގެންދިއުމަށެވެ. “އެއާއެކު މަށަށް ހީވަނީ ކަލޭ ވެސް އެތަނަށް ފޮނުވަންވީ ހެންނެވެ.” ދެވަނަ މީހަކު މަޖަލަކަށް ބުނީ ގެލެޑީއަށް ބޭސް ކުރެވޭނޭ މަގެއް ހޯދުމަށް އާސަންދައަށް ދިއުމަށެވެ.

އެހެން ނަމަވެސް ދާއިން އުއްމީދު ކަނޑައެއް ނުލައެވެ. ކޮންމެވެސް މަގެއް ފެންނާނެކަމަށް އޭނާގެ ހިތް ބުނެއެވެ. އެރޭ ނިދީ ވެސް އެއުއްމީދުގައި ހިތް ނިޔަތް ޚަލާސްކޮށްލައިގެން އޮވެއެވެ.

އޭނާއަށް ހުވަފެނުން ފެނުނީ މާސިންގާ ކުޅިއެއްގެ އައްސޭރިފަށުގައި އުޅޭތީއެވެ. ފާލަންމަތީން ކުދިބަޔަކު ކުޅިޔަށް ފުންމައި އަރައި ފަތައި ފީނުމުގެ ކުޅިވަރެއްގައި ހީނހީނފައި އުޅެއެވެ.ތަންކޮޅެއް ދުރުގައި ކިސަޑު އަތިރިމަތީގައި ރާނބޮދިތަކާއި އިލޮޅިތައް ދުށިންތަކާއި އަލަކަތައް ފިޔަހަދައި އަޑުއަޑުން ރާގުރާގަށް ގޮވަގޮވައި ނަށަނަށައިފައި އުޅެއެވެ. ފެންގަނޑު ކިލަނބު ކުޅީގެ އެކި ދިމަދިމާއިން ދޭތެރެ ދޭތެރެއިން މަހި ފޮޅައިގަނެއެވެ. އަޑިން ބިރެއް ފެނިގެން އުޅޭ ފަދައަކުން ފެންމަތީ ތެޅިފޮޅެމުން ރޮނގުއަޅަމުން ފައިބައިގެންދާ ކުދިކުދި މަސްތައް ފެނޭ މެއެވެ.

ދުރުން ގުގުރާލި އަޑެއް ފަދަ އަޑެއް އިވިގެން މަތި ބަލައިލިއިރު އުޑުވިލާތައް ފަޅާލައިފައި މަތިންދާ ބޯޓެއް ދަނީއެވެ. ބޯޓުގެ މައިގަނޑާއި ފިޔަފަތް ހުދެވެ. ހުންގާނު ފަތުގައި ހުރީ ނޫކުލަކަމެއް ފެހިކުލަކަމެއް ކިޔަން ދައްޗެވެ. ތިރިތިރިން ހިނގާ ވިލާތަކުގެ ތެރެއަށް ބޯޓު ގެއްލިފައި ދެން ފެނުނީ ކުޅީގެ ބިތްދޮށަށް އޮތް ސަރާސަރު ދަނޑު ބިމަށް ބޯޓު ޖައްސައިގެން އުޅޭތީއެވެ. ކުޅިޔަށް އެރިގެން އުޅުނު ކުދީންތައް ކުޅިން އަރައިގެން ސަލާމަށް އަތް ހޫރަމުން ހަޅޭފަޅޭ ޖަހަމުން ބޯޓާ ދިމާއަށް ދުވެފައި ދެއެވެ. ދާއިން ވެސް އެކުދިންގެ ފަހަތުން އެދިމާއަށް ދުއްވައިގަތެވެ.

މިހައި ހިސާބުން ހޭލެވިއްޖެއެވެ. ކަންނެތްކަމާއެކު މޯޅިއަކަށް ދެމިލައިފައި ފޯނުން ގަޑި ބަލައިލިއިރު ފަހެއް ޖަހަނީއެވެ. ފަތިސްނަމާދަށް ދާން ތެދުވަންވީތާއެވެ. ނަމަވެސް އޭގެ ކުރީން ހުވަފެނާ މެދު ފުންކޮށް ވިސްނާލެވުނެވެ. މިފެނުނީ މިދިޔަ އަހަރު މަންމަޔާ ބައްޕައާކު ބޮޑު ޗުއްޓީގައި ހަފުތާއަކަށް ފުވައްމުލަކަށް ގޮސް ހުރިހުރުމުގައި އެރަށުން ދެކެފައިވާ  ބޮޑުކުޅިޔާއި އަދި ކުޅީގެ ސަރަހައްދާ ގުޅޭ މަންޒަރެއް ނޫންބާވައެވެ. ކުދިބަޔަކު، ކެއުމަށް ބޭނުން ނުކުރެވޭހައި ކުދިކުދި މަސްބާނާ ތެޅިތެޅި މަރުވާން އަތިރިމައްޗަށް އެއްލައިލާ ތަން ފެނުމުން ރުޅިއަރައިގެން އެކުދީންނާ ދިމާއަށް އޭނާ އެއްޗެހި ކިޔާ އުޅެނީ ކިހާވަރަކަށް ހެއްޔެވެ؟ އެކުދީން އޭނާ ހެދީ މޮޔައަކަށެވެ. އެކުދީން ކީ އެއްޗެއް ކީ ރަށު ބަހުން ކަމުން އެހުރިހައި އެއްޗެއް ނޭނގުނެވެ. ނަސީބަކުން އޭނާ ފައިބައި ހުރި ގެ ކުޅިޔަކާ މާ ދުރެއް ނޫނެވެ. އެއީ ހޮޓަލެއް ހިންގާ ގެއެކެވެ. އެރަށުގައި ހުރި ދުވަސްކޮޅު އޭނާގެ އެންމެ ބޮޑު އެއް އުފަލަށްވެފައި އޮތީ ހޮޓަލުން ރޭހުރި ހެދިކާތައް ހޯދައިގެން ގޮސް ކުދިކުދިކޮށް ފާލަންކޮޅުން ކުޅީ މަސްތަކަށް ކާން އެޅުމެވެ. ކޮންމެ ދުވަހަކު ހެނދުނު ފިނިދަޅައިގައި ފުރަތަމަ ކަމަކަށް އޭނާ ކުރަނީ މިކަމެވެ. މަސްތައް ތިބެނީ ކޮއްތުގެ އިންތިޒާރުގައި ބޮނޑިވެގެން އޭނާއަށް ބަލަބަލައެވެ. ބައެއް މަސް ފުމެފުމެފައި އެއުޅެނީ އޭނާ އާދޭތޯ ބަލަން ތޯއްޗެކެވެ. ކުޅިޔަށް އެރޭ ކުދީންނެއް، މަސްބާނާ ކުދީންގެ އުދަނގުލެއް ނެތް، އެ ގަޑީގައި އެހިސާބުގަނޑުގައި ރަސްކަންކުރަނީ ހަމަހިމޭންކަމެވެ.

މަސްތަކަށް ކާންދޭން ހުރެފައި ކޮންމެ ދުވަހަކު ވެސް ދާއިން ގެޔަށް އަންނަނީ އަރައިގެން އަންނަ އިރުގެ ހޫނު ގަދަވާން ފެށީމައެވެ.

އެ ދުވަހު ގެލެޑީއަށް ފަރުވާ ހޯދުމަށް އެހީއެއް ލިބޭތޯ އަކުރަމާއެކު ހިނގަން ނިކުމެފައި ހިތަށް ފެނުނު އެއްޗަކުން ފުރަތަމަ ވެސް ބެހެއްޓީ މާލޭގައި ހުންނަ އިނގިރޭސި އެއާލައިނެއް ކަމުގައިވާ ވާޖިން އެޓުލާންޓިކު އޮފީހަށެވެ. ވަރަށް ފަސޭހައިން އެތާނގެ މެނޭޖަރާ ބައްދަލުވާ ގޮތްވެއްޖެއެވެ. އެއީ އިނގިރޭސިއެކެވެ. ނަމަކީ މިސްޓަރ ޖޯންސެއެވެ.

އޭނާ ދާއިންގެ ވާހަކަ އެހީ މަޖާވެފައި އިނދެއެވެ. އޭނާ ބުނީ ގެލެޑީގެ ވާހަކަ އެއާލައިންގެ ވެރީންނާ ހަމަޔަށް އުފުލާނޭ ކަމަށެވެ. އެކޮޅުން ޖަވާބެއް ލިބުނުހާ އަވަހަކަށް ދާއިންއަށް އަންގާނޭ ކަމަށެވެ. ކަންކަން މާދަމަޔަށް މާދަމަޔަށް ދެންމުމީ އެމީހުންގެ އުސޫލު ނޫންކަމަށެވެ. އެމީހުންގެ އުސޫލަކީ ދުވަހުން ދުވަހަށް ކަންކަން ނިންމުމެވެ.

އެދުވަހު ހަވީރު ފަހެއްޖަހައި އެހައިކަށްހައި އިރު މިސްޓަރ ޖޯންސް ދާއިން އާ ގުޅައިފިއެވެ. އޭނާގެ ވާހަކަ ހުރީ ވަރަށް ރަހުމަތްތެރި ރާގަކަށެވެ. އޭނާ ދާއިން ކިބައިން އެދުނީ ވަގުތުން އެމީހުންގެ އޮފީހަށް އައުމަށެވެ. ދާއިން އެއޮފީހަށް ދިޔައީ އަކުރަމް ވެސް ގޮވައިގެންނެވެ.

ދެރައްޓެހީންނާ މިސްޓަރ ޖޯންސް ބައްދަލުކުރީ ރަހުމަތުން ފުރިފައިވާ މޫނަކައިގެންނެވެ. ބޭކާރު ވާހަކަތަކެއް ނެތި އޭނާ ފުރަތަމަ ވެސް އެނބުރުނީ މައިގަނޑު ވާހަކައަށެވެ.

“ދޭން އޮތީ ވަރަށް އުފާވެރި ޚަބަރެއް. ގެލެޑީއަށް ބޭސްކޮށްދޭނީ އަހަރެމެން އެއާލައިނުގެ ފަރާތުން. ގެލެޑީގެ ބެލެނިވެރީން ބަލަދުވެރީންގެ ގޮތުގައި ކަލޭމެން ދެކުދީންނަށް ވެސް ލަންޑަނަށް ދެވޭނެ. ދެކުދީން ތިބޭނީ ލަންޑަނުގެ ސައުތު ކެންސިންޓަން އަވަށުގައި ހުންނަ އަހަރެމެންގެ ވެރިޔާގެ ގޭގައި. ދެކުދީން ދިރިއުޅޭނީ އެއާއިލާއާއެކު. އަހަރެމެންގެ ވެރިޔާއަކީ ކަންކަމާމެދު ވަރަށް ތަފާތު ނަޒަރަކުން ދެކޭ މީހެއް. އޭނާ ދެކޭ ގޮތުގައި ގެލެޑީ އެއާލައިނުގެ ފުލައިޓެއްގައި ލަންޑަނަށް ގެންގޮސް އެސޮރު އެއާލައިނުގެ ޚަރަދުގައި އޮޕަރޭޝަން ކުރުމީ އެއާލައިން އިޝްތިހާރު ކުރުމަށް މީން ދުވަހަކު މަތިނުވާ ފަދަ ރަނުގެ ފުރުސަތެއް. މިކަމުގައި ކަލޭމެން ދެކުދީންގެ މައިންބަފައިން އަތުން ހިނގާނެ ކުޑަވެސް ޚަރަދެއް ނެތް. ހުރިހާކަމަކަށް ޚަރަދުކުރާނީ އެއާލައިނުގެ ފަރާތުން.”

ތިން ދުވަސް ފަހުން، ޖެހިގެން އައި ހަފުތާގެ ހޮނިހިރު ދުވަހުގެ ފުލައިޓުން ދާއިންއާއި އަކުރަމް ގެލެޑީ ގޮވައިގެން ލަންޑަނަށް ހިނގައްޖެއެވެ. ދެކުދީންގެ މައިންބަފައިން ނުފޮނުވަންވެގެން ވަރަށް ގަދަހަދައިފައިމެ އެއާލައިނުން ދެކުދީންނާއި ހަވާލުވާނޭކަމަށާއި އެކުދީން ތިބޭނީ އެއާލައިނުގެ ބެލެނިވެރިކަމުގެ ދަށުގައި އެމީހުންގެ މެހުމާނުން ގޮތުގައި ކަމަށް އިގުރާރުވެ ލިޔުމެއް ދިނުމުން ފުރައިގެން ދާން ހުއްދަ ދިނީއެވެ.

އަކުރަމް މީގެ ކުރިން ވެސް ވަނީ ލަންކާއަށާއި ސިންގަޕޫރަށް ދަތުރުކޮށްފައެވެ. ނަމަވެސް ދާއިން މީ ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ. އަމުދުން މި ދަތުރު މިކުރެވެނީ ގެލެޑީގެ ހައްގުގައި ކަމަށް ވާތީ އޭނާ ހުރީ އުފަލާއި އުއްމީދުން ފުރިފައެވެ.

ގެލެޑީގެ އޮޕަރޭޝަން ކުރީ ބުރިސްޓޮލް ގެ ހަސްފަތާލެއްގައެވެ. އެޒާތުގެ އޮޕަރޭޝަންތަކަށް މުޅި އިނގިރޭސިވިލާތުގައި ވެސް ހުރި އެންމެ ރަނގަޅު ހަސްފަތާލަކީ އެއީ ކަމަށް ވެއެވެ. އޮޕަރޭޝަނަށް ގެލެޑީ ހޭނައްތާފައި ބޭއްވުނީ ހޭނައްތާ ބޭސް އަޅައިފައި ހުރީ ފެނެއްގެ ތެރޭގައެވެ. އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ ހަތަރު ޑަކުޓަރުންގެ ޓީމަކުންނެވެ. ކެންސަރުޖެހިފައި ހުރި ގެލެޑީގެ ވާތު ލޯ ނަގައި ބަދަލުގައި ހެދި ލޮލެއް ލެއްވިއެވެ. ފެންނާނެ ލޮލެއް ނޫނެވެ. ނަމަވެސް ބަލާބެލުމަކަށް އެއީ އަސްލު ލޮލެއް ނޫންކަމެއް ނޭނގެއެވެ. އެހައިވެސް ގުދުރަތީ ލޮލަކާ ވައްތަރު ލޮލެކެވެ. ސައިންސްގެ ލެބޯޓެރީތަކުގައި އިންސާނުންގެ ބައެއް ގުނަވަންތަކެކޭ އެއްފަދައިން ސޫފާސޫފީގެ ގުނަވަންތައް ވެސް އުފެއްދުމުގައި ކާމިޔާބު ހޯދަމުން ދާ އިރު ގެލެޑީއަށް ގުދުރަތީ ލޮލެއް ވަރަށް އަވަހަށް ލިބިދާނޭ ކަމުގެ އުފާވެރި ޚަބަރު އެމީހުން ދިނެވެ. މިކަހަލަ ލޮލެއް މިހާރު ވެސް ލިބެން ނެތީއެއް ނޫނެވެ. މައްސަލައަކީ މިބޭސްވެރިކަން އަދި ތަރައްގީވެފައިވާ ވަރުން އައު ލޮލަށް ހިނގާނޭ ބޮޑު ޚަރަދުގެ މައްސަލައެވެ.

ގެލެޑީގެ އޮޕަރޭޝަންގެ ވާހަކަ ލަންޑަނު ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރައިފައި އޮތެވެ. އޮޕަރޭޝަނަށް ފަހު ގެލެޑީ ރަށަށް ދާން ފުރި ވާހަކަ ވެސް ފޮޓޯއާއެކު ޖަހައިފައި އޮތެވެ. ބައެއް ގައުމުތަކުގެ ރައީސުންގެ ރަސްމީ ދަތުރުތަކަށް އިނގިރޭސިވިލާތުގައި ނުލިބޭ ސަމާލުކަން ގެލެޑީގެ ދަތުރަށް ވަނީ ލިބިފައެވެ. ގެލެޑީ އޮޕަރޭޝަނަށް ލަންޑަނަށް އައުމާއި އޮޕަރޭޝަނަށް ފަހު އެނބުރި ރާއްޖެ ދިޔުމާ ދެމެދު ހިނގަމުން އައި ހުރިހައި ކަމެއްގެ ވާހަކަ ބީބީސީން ވަގުތުން ވަގުތަށް ދުވަހުން ދުވަހަށް ގެނެސްދެމުން ދިޔައެވެ. މިދުވަސްވަރު އެންމެ ގިނަ ބަޔަކު ބަލައި ކިޔައި އަހައި ހެދި ޚަބަރަށް ވެސް އެޚަބަރު ވަނީ ވެފައެވެ. މިއާއެކު ގެލެޑިއަކީ ދުނިޔޭގައި ވާ އެންމެ މަޝްހޫރު މަހަށް ވެއްޖެއެވެ. ހަމަ އެފަދައިން ގެލެޑީ ގޮވައިގެން ލަންޑަނަށް އައި “ދިވެހި ދެކުދީން” އެއީ ދުނިޔޭގައިވާ އެންމެ މަޝްހޫރު ދެކުދީންނަށް ވެއްޖެއެވެ. ގެލެޑީއާ މެދު ދެކޭ ހުވަފެނަކީ ކޮބައިތޯ ނޫސްވެރިޔަކު ދާއިންއާ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ.

“އަހަރެންގެ އުއްމީދަކީ ގެލެޑީގެ ދެލޮލަށް ފެންނަ ގޮތްވީހައި އަވަހަކަށް ގުޅިއެއްގައި ހައްޔަރުކޮށްފައި ނުބައިންދާ ކުޅިއަށް ދޫކޮށްލުމެވެ.” މިވާހަކަ ވެސް ބީބީސީއާއި ނޫސްތަކާއި ޝޯޝަލް މީޑިއާގެ ޒަރިއްޔާ އިން ދުނިޔެއަށް ވަނީ ފެތުރިފައެވެ. މިއާއެކު ގެލެޑީ އެއީ އެންމެން މިނިވަންކުރަން ބޭނުންވެފައިވާ މަހަކަށް ވެއްޖެ ކަހަލައެވެ. އަދި ހަމަ މިއާއެކު ހެދި ލޮލުގެ ބަދަލުގައި ލެބޯޓެރީއަކަށް ނުލާހިކު ބޮޑު އަގުދީގެން ގެލެޑީއަށް ގުތުރަތީ ލޮލެއް އުފެއްދުމަށް ޚަރަދުކުރާނެ އިނގިރޭސި މުއްސަންޖަކު ވެސް ވެއްޖެއެވެ.

ދާއިންމެން ރާއްޖެ އައި މަތިންދާ ބޯޓުން ފޭބިއިރު އެންމެ ހައިރާންވީ ކަމަކީ މާފަތިތަކާއި ބެރުދުންމާރި ތާޅަފިއްޔާއެކު މަރުހަބާކިޔަން ކުލާހުކުދީންނާ އެކު ނާޒިރާ އެދުރުންވެސް އައިސް ހުޅުލޭ އެއާޕޯޓު މަތީ ތިބީމައެވެ. ފުލައިޓުތަކުން ފޭބި ފަތުރުވެރީންނަށް ވެސް މިކުޅިވަރު އޮތީ މަޖާވެފައެވެ. ބިއްލޫރި ގުޅީގައި ގެލެޑީ އުރާލައިގެން ހުރި ދާއިންއަކީ މިހާރު ދެން އެމީހުންނަށް ބީރައްޓެހި މޫނެއް ނޫނެވެ. އެއީ އެމީހުންވެސް ދަންނަ މޫނެކެވެ. އެމީހުން ސަލާންގަލާންކޮށް ހަދަން ބޭނުންވާ ކުއްޖެކެވެ. ދާންވީ ރިސޯޓުތަކުގެ މަތިން ހަނދާން ނެތި އެމީހުން ވެސް މަރުހަބާގައި ބައިވެރިވެއްޖެއެވެ. ކޮންމެ މީހަކުވެސް ބޭނުން ވަނީ ގެލެޑީއާއި ދާއިންއާއި އަކްރަމާއެކު ފޮޓޯ ނެގޭށެވެ. ރަށަށް ގެންދާނޭ އެއަށް ވުރެ ވަކިން ބޮޑު ހަނދާނީ ހަދިޔާއެއް ނެތެވެ.

ޓީވީކެމެރާތަކާއި ނޫސްވެރިން ތިބީ ދާއިނާއި އަކްރަމް ވަށައިލައިފިއެވެ. ދެރައްޓެހިންނާއި ގެލެޑީ ފޮޓޯނަގައި ވާހަކަތައް އަހައި ހަދަން ފެށީ ދެވަނަ ދެކަމެއްގެ ޚިޔާލެއް ނެތިއެވެ.

ދެރައްޓެހީންނަށް ލިބިފައި ވަނީ ގައުމީ ދެ ބަތަލުންގެ ދަރަޖަކަން އެނގުނީ މާލެ އައިމައެވެ. ދެކުދީން ނުދަންނަ މީހަކާ ދިމައެއް ނުވެއެވެ. ދެކުދީންގެ ހިތްވަރަށް ސާބަސްދީ ތާރީފުނުކުރާ ދުލެއް ނެތެވެ. ކޮންމެ މީހަކު ވެސް ގެލެޑީގެ ހާލުއަހުވާލާ ބެހޭގޮތުން ސުވާލުކޮށް ހަދައެވެ. ގެލެޑީއަށް ގިނަ ދަރީންނާއި ދުޅަހެޔޮ ދިގު އުމުރެއް އެދި ހެޔޮ ދުއާކުރެއެވެ. އެދުވަހު ނޫސްތަކުގެ ބޮޑު ވާހަކައަކަށް އޮތީ ވެސް ގެލެޑީގެ ވާހަކައެވެ. ކުޑަކުޑަ މަހެއްގެ ހައްގުގައި ވިލާތަށް ގަދަފިނިމޫސުމުގެ ދުވަސްވަރު ދެރަހުމަތްތެރީން ކުރި ދަތުރުގެ ވާހަކައެވެ.

ނޫހަށް ދީފައި އޮތް ބަސްދީގަތުމުގައި ދާއިން ބުނެފައި އޮތެވެ. “އެހީވެދެއްވި ފަރާތަށް ޝުކުރު ހުއްޓެވެ. އޮޕަރޭޝަން މުޅިން ކާމިޔާބެވެ. ގެލެޑީ އެއީ ވަރަށް ހިތްވަރުގަދަ ގޮލައެކެވެ.”

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. މޫސަލްމީރީ

    މާޝާﷲ ވަރަށް ފުރިހަމަ، ހަމަ ރޮވިއްޖެ.

    (3)(0)
Leave Comment