000ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އަޙްމަދު ޝަފީޤު (ރަޙިމަހުﷲ) އަކީ، ތާރީޚީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ދިވެހި މަސައްކަތްތެރިކަމާއި ތިމާވެށީގެ ތަފާތު މަޢުލޫމާތުގެ މައްޗަށާއި ރާއްޖޭގެ ހަރުދާ ޝަޚުޞިއްޔަތުންގެ މައްޗަށް ވެސް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. އަލްފާޟިލް އަޙްމަދު ޝަފީޤަށް ވަނީ، ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (1980 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25 ގެ އިނަމާއި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އަޙްމަދު ޝަފީޤު (ރަޙިމަހުﷲ) އަކީ، ތާރީޚީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ދިވެހި މަސައްކަތްތެރިކަމާއި ތިމާވެށީގެ ތަފާތު މަޢުލޫމާތުގެ މައްޗަށާއި ރާއްޖޭގެ ހަރުދާ ޝަޚުޞިއްޔަތުންގެ މައްޗަށް ވެސް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.
އަލްފާޟިލް އަޙްމަދު ޝަފީޤަށް ވަނީ، ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (1980 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25 ގެ އިނަމާއި ނޫސްވެރިކަމުގެ ރަންގަލަމާއި ތިމާވެށީގެ “ފެހިފަތް” ވެސް ލިބިވަޑައިގެންފައެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ އޭނާގެ ޢިލްމީ މަސައްކަތްޕުޅަށް ހެޔޮ ދަރުމަ ދެއްވުމާއެކު އޭނާގެ ފުރާނަފުޅަށް ސުވަރުގޭގެ ނިމުމެއް ނެތް ނިޢުމަތް މިންވަރު ކުރެއްވުމެވެ.

“ރަށްވެހިކަމުގެ ތެރޭގައި ދިވެހިން” މިއީ “ފަތްތޫރަ” މަޖައްލާގައި ޝާއިޢު ކުރެވުނު ސިލްސިލާ އެކެވެ. ސިލްސިލާގެ
މިބައި އަޅުގަނޑުމެން ނެގީ “ފަތްތޫރަ” މަޖައްލާގެ 139 ވަނަ ޢަދަދުންނާއި 140 ވަނަ ޢަދަދުންނެވެ.(އޮކްޓޫބަރު/ ނޮވެމްބަރު 1990 ވަނަ އަހަރު)

* * *

“މަދަނިއްޔަތަށް މިދިވެހިން
ރަށްވެހި ކަމޭ އެ ކިޔަނީ
އަދަބާ އެކީ މިލިޔަނީ
މަދަނިއްޔަތޭ މިތާނގައި

 ހެލިފެލި ހިނގާބިނގާވުން
ނަލަ ޗާލު ރީތި ކުޅައުން
އެލިދިޔަ ނުދީ އެހަދަނީ
މަދަނިއްޔަތޭ މިތާނގައި”

“އާދެ، ޢިލްމުވެރިންގެ އަންގައިދިނުމުން “ރަށްވެހިކަން” ނުވަތަ މަދަނިއްޔަތު އަދި ނުވަތަ ސިވިލްޒޭޝަންއަކީ ސިޔާސީގޮތުންނާއި ފަންނީ ގޮތުން، ސައިންޓިފިކް ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އަދި އިޤްތިޞާދީ ގޮތުންނާއި އެހެންވެސް އެބައެއްގެ ދިރިއުޅުމާބެހޭ ހުރިހާ ރޮނގަކުން ތަޞައްރުފު ފުދި ކެރިފޯރިގެން ދިޔުމަށް ކިޔާ ނަމެވެ. އަދި ތަނަވަސް މާނައެއްގެ ގޮތުން “ޙަޟާރަތު” މިބަސްވެސް ބޭނުން ކުރެ އެވެ. މިމައުޟޫއަށް ފެށުމުގެ ގޮތުން މިވާހަކަ މިހާތަނަށް ލިޔެފައި ދިވެހިންނަކީ ކޮބައިތޯ ބަލައިލަން ބޭނުންކަމަށް ފެނެއެވެ.

ދިވެހިން އަންގައިދިނުމުގެ ގޮތުން ތާރީޚުގެ ޢިލްމުވެރިން ދެއްވާފައިވާ ބަޔާނެއް މިމައުޟޫޢުގެ ދަށުގައި ލިޔެލުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ.

އާދެ، “ދިވެހިންނަކީ އާރިޔަން ދަރިކޮޅުގެ ބަޔެކެވެ. ދިވެހިން ހިޖުރަކުރީ ސީދާ އިންޑިޔާއިން ނުވަތަ ސްރީލަންކާއިން ކަމެއް ޔަޤީން ކޮށް އެނގޭކަށް ނެތެވެ. އެނގޭކަމަކީ، ދިވެހީންގެ ސިފައާއި، ބަހާއި، ޖިސްމާނީ ސިފަތަކާއި، ޘަޤާފަތާއި، އާދަކާދަތަކާއި، އުޅުން، ޢަރަބީންނާއި ސިންގަޅައިންނާއި އަދި އިންޑިޔާ މީހުންނާވެސް ވައްތަރުކަމާއި، ގުޅުން ކައިރިކަމެވެ. ޙައިރާންވާން ޖެހޭ ކަމަކީ، ސްރީލަންކާގެ ތާރީޚީ ފޮތްފޮތުގައި އަދި މިފަދަ މުހިންމު ޙާދިޘާތައް އެމީހުން ރެކޯޑްކުރާ، “މަހަވަންސާ” ގައި މިވާހަކަ ބަޔާން ކުރެވިފައި ނެތްކަމެވެ. އޭގައި މިވާހަކަ ނެތުމުން މާނަ ކުރެވެނީ އާރިޔަނުން ދިވެހިރާއްޖެއަށް އައީ ހަމަ އެއްދުވަސްވަރެއްގައި، މީލާދުގެ ކުރީގެ 5 ވަނަ ނުވަތަ 6 ވަނަ ޤަރުނުގައި ކަމަށެވެ. އަދި ހަމަ އެމީހުން އައީ އިންޑިޔާއިން ކަމަށްވެސް ދޭހަވެއެވެ.

ދިވެހިންގެ ސިފަ އާއި އާދަކާދަތައް އެއަށް ފަހުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ބަދަލުއައީ ހުޅނަގު އިންޑިއާގެ މީހުންނާއި، ޢަރަބީންނާއި، އަދި މަލާބާރީންނާއި ގުޅިގެން ކަމަށް ބެލެވެއެވެ. މިގޮތަށް އައިސްފައިވާ ބަދަލުގެ ސިފަ ދެކުނުގެ އަތޮޅުތަކަށް ވުރެ އުތުރުގެ އަތޮޅުތަކުގައި މާ ބޮޑެވެ. ސްރީލަންކާ އާއި، އިންޑިޔާ އާއި، އެހެނިހެން ބައެއް އަވަށްޓެރި ޤައުމުތަކުން އެކިފަހަރު މަތިން ގިނަ ޢަދަދެއްގެ މީހުން ބެހިގެންވެސް މިރާއްޖެއަށް އައިސްފައިވެއެވެ. މިއަދު އަޅުގަނޑުމެންނަށް ދިވެހިން ފެންނަނީ ސިލޯނު، އިންޑިޔާ، ޢަރަބިކަރަ، އަދި އިންޑޮނޭޝިޔާގެ މީހުން މަސްހުނިވެފައިވާ ބައެއްގެ ގޮތުގައެވެ.

އާރިޔަން ދަރިކޮޅުގެ ފެށުމަކީ، އިންޑޯ ޔޫރަޕިއަން ދަރިކޮޅުގެ މީހުންނާއި، އިންޑޯއީރާނިއަން ދަރިކޮޅާ ގުޅޭ މީހުންނެވެ. އެމީހުންނަކީ، މީލާދީގެ(ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ) 2000 އަހަރު ކުރިން ދެކުނު ރަޝިޔާއާއި ތުރުކިސްތާނުން ހިޖުރަކުރި އަދި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔަ އެކިބައިބައި މީހުންނެވެ. އެމީހުން މެސަޕޮޓޭމިއާ އާއި އޭޝިޔާ މައިނަރަށް ފެތުރިފައި ވެއެވެ.

ތާރީޚީ ހޯދުންތަކުން އެނގޭގޮތުގައި މީލާދީގެ 1500 އަހަރު ކުރިން އާރިޔަންގެ މީހުން އިންޑިޔާއަށް ވެރިވެގަތެވެ. އެބައިމީހުން އިންޑިޔާގެ ހުޅަނގު އުތުރުގައިވާ ޕަންޖާބުގެ ސަރަޙައްދުގައި ވަޒަންވެރިވިއެވެ. އެމީހުން ވަރަށް އަވަހަށް އެތާނގެ އަހުލުވެރިންގެ އާދަކާދަ ދަސްކޮށް އެގޮތްގޮތަށް އުޅެންފެށިއެވެ. މިއީ އިންޑޯ އާރިޔަން ދުވަސްވަރުގެ ފެށުމެވެ. އަދި އެއީ ވަރަށް ތަނަވަސް ދުވަސްވަރެއް މެއެވެ” މިއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން ތިބޭނީ އެމީހުން އައިތަނެއްގެ ދީނާއި، އާދަކާދައިގެ މަތީގައިކަން ބުއްދީގެ ގޮތުން ޔަޤީންކުރެވެއެވެ. ސިޔާސީގޮތުންނާއި، އިޖްތިމާޢީ ގޮތުން، އަދި އިޤްތިޞާދީގޮތުންނާއި ފަންނީ ގޮތުންވެސް މެއެވެ. އެއީ ބުދުދީނުގެ ތަފާތު ގޮތްތަކުގައި ތިބި މީހުން ކަމަށްވެސް ވާނެއެވެ. އެވޭލާއިން ދިވެހިންނާމެދު ލިބޭ އެންމެ ދުރު މަޢުލޫމާތަކީ 362މ. ވަނަ އަހަރު “ދީވީންނާއި، ސެރެންދީވީ” އިންގެ ފަރާތުން ޖޫލިޔަން އެމްޕެރަރގެ އަރިހަށް ސަފީރުން ދިޔަ ވާހަކައެވެ. މިވާހަކަ “ތާރީޚަށް އައު އަލިކަމެއް” މިފޮތުގައި ވެއެވެ.

ލިޔެކިޔުމުން ފެންނަން ނެތް ކަމުގައިވިޔަސް އެމީހުންވާނީ، ރަށްވެހިކަމުގެ އަލިކަން ނުލިބި އަނދިރީގެ ޒަމާނުގެ މީހުންނަށެވެ. ޢާންމު ދިރިއުޅުން އޮންނާނީ މިޒަމާނުގެ ދިވެހީންނަށް ހީނުކުރެވޭހާ ދަށްފެންވަރެއްގައި ކަމަށް ވާނެއެވެ. ކައިބޮއި އުޅުނީ، މައިގަނޑު ގޮތެއްގައި ބިމުން ލިބޭ ތަކެތިން ކަމަށް ބެލެވެއެވެ. ވީމާ، ދިވެހީންނަކީ، ފުރަތަމަ، ދަނޑުވެރިންނެވެ. މަސްވެރިކަމަށް އެނބުރިގަތީ އޭގެ ފަހުންނެވެ.

ދިވެހިން އިސްލާމްދީން ލިބިގަތުމާ ހަމަޔަށްވެސް ޢާންމު ދިރިއުޅުން އޮތީ ވަރަށް ދަށް ފެންވަރުގައިކަން އެނގޭ ބައެއް އަސަރު އަޅުގަނޑުމެންނަށް މިހާރުވެސް ފެންނަން އެބަހުއްޓެވެ. ލިޔުމުގެ ރެކޯޑްތަކުން އެނގެންނެތަސް އާޘާރީ ކަންކަމުންނެވެ. ގެދޮރު އަޅައި އުޅުނީ ވަރަށް ކުދިކޮށް ތިރިކޮށެވެ. ފަނާއި، ފަންތޮށި ލިބެން ފެށުމުން ދަނޑިފަނުން ބިތް ގަތައިގެން ފުރާޅު ހިޔާކޮށްގެން އުޅެމުން އައިކަން އެނގެއެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރުކޮށް އުޅުމަށް އިންޑިޔާއާއި އޮޅުދޫކަރައިގައި ބޭނުންކުރި ގޮތާއި، ތަކެތި ބޭނުންކުރިކަމަށް ވާނެއެވެ. އެއީ އެސަރަޙައްދުތަކުން މިރާއްޖެއަށް ހިޖުރަކުރި މީހުންނަށް ވާނެއެވެ.

ވެރިކަމެއް ހިންގުމުގެ ގޮތުން ޢާންމުންގެ އަތުން ބޭނުންވާ އެހީތައް ވަރަށް ބޮޑުކަމަށް ވާނެއެވެ. އެކަން، ފެންނަން ހުރި އެންމެ ދުރުގެ ލިޔުންތަކުން އެނގޭ ވެސް މެއެވެ. މީސްތަކުން ގެދޮރު އަޅައިގެން ދިރިއުޅެން ފެށި ޒަމާނަށް އެޅުމުން، އަދި ރަށްތަކަށް މީސްތަކުން ފެތުރެމުން އާބާދުވަމުން ދާން ފެށުމުން ވެރިކަމުގެ ފަރާތުން ރައްޔިތުންގެ އަތުން ވާރު (ޓެކްސް) ނެގެން ފެށޭނެއެވެ. މީގެ ތެރޭގައި ގެދޮރުން ބޭރުގައި ހައްދާ ރުއްގަހުންނާއި، ދަނޑުކޮށައިގެން ނުވަތަ ގަސްރުއް އިންދައިގެން ލިބޭ ތަކެތިންނާއި، އަދި މަސްވެރިކަމުގެ ދިރިއުޅުމުން ޢާންމުވުމުން، ޢާންމުން ކުރާ ކެޔޮޅުކަމުން ރާއްޖޭގެ މީސްގަނޑުގެ ވެރިކަން ހިނގާ ފަރާތަށް ބައިއެޅެމުން ދާނެއެވެ. މިކަން މިހެން ހިނގަން ފެށުމާ ގުޅިގެން ޢާންމުން ދިރިއުޅެން މަސައްކަތް ކުރުވުމުގެ ހިތްވަރު އިތުރުވަމުން ދާނެކަން އެނގެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ހިނގި ވެރިކަމަކީވެސް ރަސްކަމެއް ކަމަށް ތާރީޚު ޢިލްމުވެރިން ބަލާފައިވެއެވެ. ރަދުންނާއި ރަދުންގެ ޢާއިލާގެ ނިސްބަތުގައި ޢާންމުންނަކީ، އަޅުންގެ ދަރަޖައިގެ މީހުން ފަދަ ދަށް ގިންތިގެ ބައެއްކަން އެނގެއެވެ. އެހެންކަމާއެކު، ޢާންމުގެ ބޭނުންތައް ފުއްދުމަށްޓަކައި ބަންޑާރަ ފަރާތަށް ނުވަތަ ރަދުންނަށް(ރަސްގެފާނަށް) ކޮންމެވެސް އެއްޗަކުން ވެދުން ކުރަން ޖެހެއެވެ. މީހުން ނޫޅޭ ރަށްރަށުގެ ބޭނުންކުރަން ފެށުމުން އެރަށެއް ބޭނުންކުރާ ފަރާތުން ބަންޑާރަޔަށް ބައިއަޅަން ޖެހެއެވެ. މިހާރުގެ ގޮތަށް ބުނާނަމަ އެއީ ވަރުވާ އެވެ. އެންމެ ދަށް ގިންތީގެ ތެރޭގައި މަސްވެރިންނާއި ރައިވެރިން ހިމެނޭނެއެވެ. ބާނާ މަހުންނާއި، ރުކުރާއިން، ރުކުހަކުރުން އެމީހުން ބަންޑާރަޔަށް ބައިއަޅަމުން ގެންދިޔަ ޒަމާންތަކެއް ވެއަތުވެގޮސްފައި ވާނެއެވެ.

އެންމެ ދުރުގެ ބުނުމަކުންނާއި އަދި އޭގެ ފަހުގެ ލިޔުމަކުން ވިޔަސް އެނގޭ ގޮތުގައި ކުރިއެރުން ނެތް މިޒަމާނުގެ އެމީހުންގެ އޮރިޔާން ނިވައިކޮށް އުޅުނީ، އެމީހުން ހިޖުރައަށް އައި ތަންތާނގައި، އެޒަމާނުގައި ބޭނުންކޮށް އުޅުނު ތަކެތީންކަން އެނގެއެވެ. ކަފަކޮނެގެން އަތުން ފޭރާންކޮށްގެން އަޅުގަނޑުމެން އުނުއަނދެ އުޅުނު ޒަމާން ތާރީޚުގައި ރެކޯޑްކުރެވިފައި ނެތް ދުރު ޒަމާނަށް ގެންދެވެއެވެ. ކައިބޮއި އުޅެން ބޭނުންކުރި ތަކެއްޗާއި، ހިފައިގެންގުޅުނު ސާމާނާއި، އަދި ބޭސްވެރިކަމަށް ބޭނުންކުރި ތަކެއްޗަކީ، ހަމަ ގައިމުވެސް އޭގެ ބޮޑުބަޔަކީ، ގަސްގަހާގެހިންނާއި ފަތްޕިލާވެލިން އުފެއްދި އެއްޗެތިކަމަށް ވާނެއެވެ. މިޒަމާނުގެ ހޯދުންތަކުން ލިބޭ އަލިން ވިސްނާއިރު، ވަރަށް އެވޭލާ އެއްގައި ބުޑިޒަމާއި، ހިންދުވިޒަމްގެ މީހުން މިރާއްޖޭގެ ރަށްތަކުގައި އުޅެން ފެށިއެވެ. އަދި ފަންނާނީ ބަޔަކުވެސް ވަރަށް ކުރީ ޒަމާނަކުން ފެށިގެންވެސް އުޅެފައިވެއެވެ. ގަލުވަޑާމަށް ކުޅަދާނަ ބައެކެވެ. “ދާގަބަ”ތައް މިކަމަށް ހެކިދެއެވެ.

ހީރޯގްލިފް އަކުރާއި، މުސްކުޅި ސިންގަޅައަކުރާއި އަދި އެއަށް ބަދަލުގެނެވިގެން އެވޭލާއަކުރު ދިވެހިންގެ ފުރަތަމަ ޒަމާންތަކުގެ އަކުރުތަކަށް ވިއެވެ.

ފުރަތަމަ އައި ދިވެހިންނާ އެކުގައި ގެނެވުނު ތަކެއްޗާއި، ގެނައި ޘަޤާފަތުގައި ދިރިއުޅެމުން ދަނިކޮށް އިންޑިޔާ ކަނޑުގައި ދެކޮޅަށް ހުރަސްކުރި ދަތުރުވެރީންގެ ތެރެއިން ބަޔަކު އެކި ފަހަރުމަތިން އެކި ޙާލަތު ދިމާވެގެން މިޖަޒީރާތަކުގައި ވަޒަންވެރިވެ ދަރިކޮޅު ފެތުރެމުން ބޮޑުވަމުން ދިޔަކަންވެސް އެނގެއެވެ. އަނދިރީގެ މިދުވަސްތަކަކީ، ދިވެހިން އިސްލާމްދީނުގެ ނޫރު ލިބިގަތުމުގެ ކުރިކަމަށް ޤަބޫލުކުރަން ޖެހެއެވެ.
ދިވެހި ރަށްވެހިކަމަށް ނަސީބުހުރި އެދެވޭ ބަދަލުތަކެއް ފުރަތަމަ އަންނަން ފެށީ ދިވެހީން އިސްލާމްދީން ލިބިގަތުމާ ގުޅިގެންނެވެ. މީލާދީން 1153 ވަނަ އަހަރުގެ ތެރޭގައި އޭރު ތަޚުތުގައި އިންނެވި ރަދުން އިސްލާމްދީން ޤަބޫލުކުރައްވައި، އެދީން ދިވެހި އުންމަތަށް ފެތުރިގެން ދިޔުމުން ފިކުރީގޮތުން އަންނަންވީ ހެޔޮ ބަދަލު އަންނަމުން ދިޔަކަން އެނގެއެވެ. މިހެން މިކަން ހިނގައިގަތުމުން ދިވެހީންގެ ޢަޤީދާ ސާފުވަމުން އެކިއެކި ޚުރާފާތުތަކާއި، ދެވިތަކުގެ މައްޗަށް ކުރިން ވިސްނަމުން ޢަމަލުކުރަމުން އައި ގޮތްތައް ދޫކުރަމުން އިލާހީ ޢިނާޔަތް ލިބިގަންނަމުން ދިޔަކަން އެނގެއެވެ.


އިބްނު ބަޠޫޠާ (ކ)، ވާދޫ ދަންނަކަލޭފާނު (ވ)

ދިވެހިން އިސްލާމްދީން ލިބިގަނެގެން އަނދިރީން އަލިކަމުގެ ތެރެއަށް ނިކުމެވުން އައި ދުވަސްތަކަށް ތާރީޚީގޮތުން ބަލައިލެވޭ ބެލުމެއް އެންމެ ދުރުން ހޯދެނީ މީލާދީން 1348 ވަނަ އަހަރާ ހަމައިންނެވެ. އެއީ އިބްނުބަޠޫޠާގެ ލިޔުއްވުންތަކުންނެވެ. އެދުވަސްވަރަށް އެޅިގެން އައިއިރު ތިބި ދިވެހީންނަކީ ޞުލްޙަވެރި، ހިތްހެޔޮ، ވަރަށް ސާދާ ދިރިއުޅުމެއް ހުރި ބައެއްކަން އެނގެއެވެ. ޢާންމުން ދިރިއުޅޭ ފެންވަރު މަތީ ދަރަޖައިގެ މީހުންނާ ވަރަށް ތަފާތުކަން ވެސް އެނގެއެވެ. ދަނޑިފަނުން ގެދޮރު އަޅައިގެން އުޅޭކަމާއި، ފަލަމަޑިއާއި، ގޮވާމާއި، ކަނޑުމަސް، މައިގަނޑު ކެއުމަކަށް ބޭނުންކުރިކަމާއި، ޙަލާލުނޫން އެއްވެސް އެއްޗެއް ކެއިންބުއިމުގައި ބޭނުންނުކުރާކަން އެނގެއެވެ. ޢާންމުން ދިރިއުޅެން ކުރާ މަސައްކަތްތަކަކީ ބޮލިހިލައި ރޯނުވަށައި ފަންގިވިނުމާއި، ދަނޑުފަނގުގެ މަސައްކަތާއި، މަސްވެރިކަމާއި، ރައިވެރިކަން އަދި މިނޫންވެސް މިމައިގަނޑު ކަންތައްތަކާ ގުޅޭ މަސައްކަތްތައްކަންވެސް އެނގެއެވެ. ތާރީޚުން ފިލަންނެތްހައި ކުރީއްސުރެ، ދިވެހިން ފައިސާއަކަށް ބޭނުންކުރީ، އަދި މަސައްކަތާއި ޚިދުމަތުގެ އަގުމަގުކުރާ އެއްޗަކީވެސް ބޮލިކަންވެސް އެނގެއެވެ. ދުނިޔޭގެ އެކިއެކި ތަންތަނުން ވިޔަފާރިކަމު މިރާއްޖެއަށް އަންނަކަމާއި، އަދި ދިވެހިއޮޑިފަހަރުގައި ދިވެހިން ބޮއްޔާއި، ރޯނާއި،ކުފުރާ އާއި، މިނޫންވެސް ދިރިއުޅުމުގެ މަސައްކަތުން އުފައްދާ ތަކެތި ހިފައިގެން ބޭރުދަތުރުކޮށް އުޅެމުން ގެންދިޔަކަންވެސް އެނގެއެވެ. ދިވެހިންގެ އެންމެ ޢާންމުންވެސް ސާފުކޮށް ތާހިރުކޮށް އުޅޭކަމާއި، ޙަލާލު އެއްޗެހި ކައިބޮއި ހެދުމަކީ، އެމީހުންގެ ރަނގަޅު ކަންކަމުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަން ތާރީޚުން ސާބިތުވެއެވެ.

ރަށްފުށުގެ ދިރިއުޅުމާއި، މާލޭގެ ދިރިއުޅުން ތަފާތުކަމާއި، ދަރަޖައިގެ ތަފާތު ގިންތިގެ ގޮތުން އެޒަމާނުގައި ވަރަށް ބޮޑުކަން އެނގެއެވެ. އެކަމަކީ އުންމަތަކަށްވުމުގެ ކުރިއްސުރެ އާދަކާދައިގައި އޮތްކަމެއްކަންވެސް އެނގެއެވެ. އިސްލާމީ ޙަޟާރަތު ދިވެހިންގެ ތެރެއަށް އަންނަން ފެށުން ހިމެނެނީ ދުނިޔޭގެ އެކިތަންތަނުން ދިވެހިރާއްޖެއަށް ހިޖުރަކުރެއްވި ވަލީވެރީންނާއި، ޢިލްމުވެރިންގެ ފަރާތްޕުޅުންކަން ތާރީޚުން އެނގެއެވެ. އަނދިރީގައި ދިވެހިން ތިބި ދުވަސްވަރުވެސް އޭރުގެ ދުނިޔޭގެ ނިސްބަތުން ފަންނާނީންނާއި، ހުނަރުވެރިން ދިވެހިންގެ ތެރޭގައި އުޅެމުން އައިކަންވެސް ދިވެހިބިމުން ފެންނަ ޤަދީމީ ތަކެތީންނާއި، މިއަދުގެ ޖީލުގެ ފެށުމާ ހަމަޔަށް ވާރުތައިން ފެންނަންހުރި އާސާރުން އެނގޭމެއެވެ.

އެންމެ ދުރުގެ ކާބަފައިން ކައިބޮއިއުޅުނު ވަގުތާއި، ގޮތާއި، ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރޭންވެސް އިބްނު ބަޠޫޠާގެ ބައެއް ލިޔުއްވުންތަކުންނާއި، އަދި ފްރޭންކޮއި ޕިރާޑާއި، ބޭރުގެ ސައްޔާޙުންނާއި މުއައްރިޚުންގެ ކިބައިން އަޅުގަނޑުމެންނާ ހަމަޔަށް ޚަބަރު އައިސްފައި ވެއެވެ. މައިގަނޑު ކެއުން ބޭނުންކުރަނީ، ހެނދުނާއި ރޭގަނޑުކަމަށާއި، މެންދުރު އޮންނަނީ ކޮންމެވެސް ނާސްތަޢެއް ކުރުން ކަމާއި، އުނުފޭރާމާއި، އެހެނިހެން މައިގަނޑު ބޭނުންތައް ހިފައި އުޅުނީ ދިވެހިބިމުން ލިބޭ އެއްޗަކުންކަމާއި، ބޭސްފަރުވާއާއި، އަދި މިނޫންވެސް އެކިއެކި މުހިންމު ކަންތައްތައް އާންމުން ފުއްދާ އުޅެނީ ދިރިއުޅޭ ރަށްރަށުން ފުއްދެން އޮތް މިންވަރަކަށް ކަމާއި، އަލިފާން ބޭނުންކުރަނީ ލަކުޑިއާއި، ބައެއް މަޢުދަނުގެ ވަސީލަތުން ކަމާއި، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ލޮލުން ތަންދޮރު ފިލުވަން ބޭނުންކުރަނީ މޫދުހަކަށް ކާށިތެޔޮ އަޅައިގެން ކަފައިން ކޮރުދަން އަނބުރައިގެން ތައްޔާރުކުރާ ތެޔޮބައްތިކަންވެސް ބައެއް މުއައްރިޚުންގެ ލިޔުއްވުމުންނާއި ދޫދޫމަތިން އެނގެއެވެ.

ދިވެހިރާއްޖޭގެ ވެރިކަމަށައި، މުޖްތަމައަށް އައި އެންމެ އަސަރުގަދަ ބަދަލަކަށް ތާރީޚު ދުށް އެންމެ ފުރަތަމަ ކަމަކީ 1553މ. ގައި ދިވެހިންގެ މިނިވަންކަން ގެއްލި ފުށެތިކާލުންގެ އަޅުވެތިކަމުގައި ވުމެވެ. 15 އަހަރާއި، އެތައް މަހެއް ވަންދެން އޮތް އަޅުވެތިކަމުގައި، ދިވެހިން އުޅުނު ދީނާއި، އިޤްތިޞާދާއި، ޤައުމިއްޔަތަށް ކިތަންމެހައިވެސް ވޭން ހުރި ގެއްލުން ލިބުނެވެ. ޢާންމު ދިރިއުޅުން އެތައް ތަނެއް ދަށަށްގޮސް ދިވެހި މުޖްތަމަޢު ރޫޅިގެން ދިޔައެވެ. އެކި ކަހަލަ ފިއްތުންތަކުން ހުރިހާ ފެންވަރެއްގެ މީހުން ފިތިގެން ދިޔައެވެ. އަފުރާދުންނާއި، ޖަމާޢަތްތަކުން ޓެކުސް ނެގުން އިތުރުކުރިއެވެ. ދީނީ ވާޖިބުތައް އަދާކުރުމަށް ކިތަންމެހައިވެސް ދަތިކުރުވިއެވެ. އެމީހުންގެ ވެރިކަން ގަދަކޮށް ދެމެހެއްޓުމަށްޓަކައި، ދިވެހި ރައްޔިތުން ކުރާހާ މަސައްކަތެއްހެން ޕޯޗްގީޒް އަންބަރުޒޯރުގެ ނަންމަތިން ހިފެވި، ރާއްޖޭން ބޭރުކޮށް، ދިވެހިންގެ އަތްމަތިން ދިވެހިންގެ މަސައްކަތުން ލިބޭ އެއްޗަކުން ރައްޔިތުން ފެލާފައި ނެރުނު މަންފާ ޙުރްމަތެއް ނެތި އަތުލައި، ރޫޙީ ގޮތުންނާއި މާއްދީ ގޮތުން ކުރުވި ދަތިތަކުގައި މުޖްތަމަޢު ރޫޅިގެން ދިޔައެވެ. އެންމެ ބޮޑަށް ރޫޅާލެވޭތޯ މަސައްކަތް ކުރީ ދީނީ އިއްތިޙާދެވެ. ފަނަރަ އަހަރުވީއިރު ދިވެހިން ދުވަހަކު ނުދާ ފަދަ ޖަހާލަތުގެ އަނދިރި ޖަންގައްޔަކަށް ވައްދައިފިއެވެ.

މިއަޅުވެތިކަމުގެ އުނދަގޫތަކާއި ދަތިތައް އީކްއޭޓަރުން ދެކުނުގެ އަތޮޅުތަކަށް، އޭގެ އުތުރު އަތޮޅުތަކަށް ޚާއްޞަކޮށް ތިލަދުންމައްޗަށް ފޯރިވަރަށް ނުފޯރުވޭކަމަށް މުއައްރިޚުން ލިޔުއްވާފައިވެއެވެ. އެހެންކަމުން 1558މ. ވަނަ އަހަރުގެ ތެރޭގައި އުތީމު ބޮޑުތަކުރުފާނު ދިވެހީން މިއަޅުވެތިކަމުން ސަލާމަތްކޮށްދެއްވައި، އިސްތިޤްލާލް ބިނާކުރެއްވުމުގައި އެންމެ ބޮޑަށް މަސައްކަތްކުރައްވަން ޖެހިވަޑައިގަތީ އިސްލާމްދީނުގެ އެންމެހައި ކަންތައް އަލުން ބިނާކުރެއްވުމަށެވެ. ދީނީ ޝިޢާރުތައް ނެރުއްވައި އަމްރުމަޢުރޫފުތައް ހިންގެވުމާއެކު ދިވެހީންގެ އިޤްތިޞާދާއި މަޢީޝަތު އަލުން ދިރުއްވުމަށެވެ. ދިވެހިރާއްޖެ ދިފާއުކުރެއްވުމުގެ ބުރުޒުތައް ބިނާކުރައްވައި ދިވެހި ލަޝްކަރު ގަދަކުރެއްވުމާ އެކުގައެވެ. ޣާޒީ މުޙަންމަދު ތަކުރުފާނު ރާއްޖެ ފަތަހަކުރެއްވި ދުވަހާ ގުޅިގެން ފުރަތަމަ ކަމަކަށް ދީނަށް މަގުދައްކާނޭ މުރްޝިދަކު ކަމުގައި އަލްޢައްލާމާ މުޙަންމަދު ޖަމާލުއްދީން ވާދު ދަންނަކަލޭގެފާނު އިސްކުރެއްވިއެވެ. ދިވެހި އުންމަތް ޝާފިޢީ މަޛްހަބު ލިބިގަތީ އެކަލޭގެފާނުގެ އަތްޕުޅުމަތީންނެވެ.

ސަތާރަވަނަ ޤަރްނުގެ ފަހުކޮޅުގައި ދިވެހިންގެ ޢާންމު ދިރިއުޅުމަށް، ޚާއްޞަކޮށް އީކްއޭޓަރގެ އުތުރު އަތޮޅުތަކުގެ މީހުންގެ ދިރިއުޅުމަށް ހިސާބެއްގެ ބަދަލެއް އައެވެ. އެއީ އިޤްތިޞާދީ ގޮތުން ބޭރުގެ ވިޔަފާރިއާ ގުޅޭ ގޮތުންނެވެ. ދިވެހި ފައިސާގެ ގޮތުގައި ގެންގުޅުނު ބޮއްޔަކީ، އޭރު އެތެރެވަރީގައި އެންމެ ނުފޫޒުގަދަ ޑަޗުންގެ ވިޔަފާރިވެރިންނަށް ވަރަށް ދަހިވެތިވެވެނު އެއްޗަކަށްވެގެން ބޮލި އެކްސްޕޯޓްކުރުން ގިނަވިއެވެ. އެމީހުންގެ ނައުޒޯނގުފަހަރު އޮޅުދުކަރައާއި، ދިވެހިރާއްޖެއާ ދެމެދުގައި ގިނަ ދަތުރުތަކެއްކޮށް ފައިދާތަކެއް ހޯދި އަހަރުތަކެއް ދިޔަކަން ތާރީޚީ ހޯދުންތަކުން މިއަދު އެނގެމުން ދެއެވެ. އެމީހުން ރާއްޖެއަށް އިމްޕޯޓްކުރި މައިގަނޑުތަކެތީގެ ތެރޭގައި ހަނޑޫ ހިމެނިގެން ވެއެވެ. ޢާންމުންގެ ކެއުމަކަށް ރާއްޖެތެރެއަށް ހަނޑޫ ފެތުރެމުން ދިޔައީ މިދުވަސްވަރުގައި ކަމަށް ބެލެވެއެވެ. ޣާޒީ ބޮޑުތަކުރުފާނުގެ ރަސްކަމުގައި ދިވެހިންގެ ލަޝްކަރަށް ހަނޑުލުން މުސާރަ ދެއްވިކަން އެއީ އޮޅިފައިވާ ކަމެއް ނޫނެވެ. މިހެން މިދެންނެވީ އެޒަމާނުގައިވެސް މައިގަނޑު ކާނާގެ ތެރޭގައި ހަނޑޫ ބޭނުން ކުރަމުން އައިކަން ދެންނެވުމަށެވެ.

About the author
Leave Comment