000 އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދުކުރާއިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މިދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވާލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނައެވެ. އެއަށްފަހު ސޫރަތް ބިނާވެފައިވާ ގޮތާއި، ސޫރަތުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ކުރު ޚުލާސާއެކެވެ. ސޫރަތުގެ ނަމާއި ބާވާލެއްވުނު ތާރީޚް ކީރިތި ޤުރްއާނުގެ ސޫރަތް ސޫރަތުގެ ނަމުގެ ވާހަކަ ދައްކާއިރު، ހަނދާން ކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދުކުރާއިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މިދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވާލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނައެވެ. އެއަށްފަހު ސޫރަތް ބިނާވެފައިވާ ގޮތާއި، ސޫރަތުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ކުރު ޚުލާސާއެކެވެ.

ސޫރަތުގެ ނަމާއި ބާވާލެއްވުނު ތާރީޚް

ކީރިތި ޤުރްއާނުގެ ސޫރަތް ސޫރަތުގެ ނަމުގެ ވާހަކަ ދައްކާއިރު، ހަނދާން ކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކަށް ނަންދެވިފައިވަނީ ސޫރަތްތައް ފާހަގަކޮށް އެއް ސޫރަތާއި އަނެއް ސޫރަތް ވަކިކުރުމުގެ ބޭނުމުގައި ކަމެވެ. އާއްމު ގޮތެއްގައި، ސޫރަތްތަކަށް ނަންދެވިފައި ވަނީ، އެސޫރަތުގައި ނަންގަނެވިފައިވާ މުހިއްމު ހާދިސާއަކަށް ނުވަތަ ވާހަކައަކަށް ނުވަތަ ޝަޚްޞިއްޔަތަކަށް ނިސްބަތްކޮށެވެ. އަލްބަޤަރާ ސޫރަތުގެ ނަން ގުޅިފައިވަނީ، އެސޫރަތުގެ 67 ވަނަ އާޔަތުން ފެށިގެން 73ވަނަ އާޔާތުގެ ނިޔަލަށް، ނަންގަނެވިފައިވާ ވާހަކައަކާއި އެވެ. ބަނޫ އިސްރާއީލު ބާގައިގެ މީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުން، ގެރިއެއް ކަތިލުމަށް އަމުރު ކުރެވުނު ހިނދު، އެމީހުން ކަންތައްތައް ކުރި ގޮތުގެ ވާހަކައާއި އެވެ. މީގެ ތަފްސީލު އެއާޔަތްތަކުގެ ތަފްސީރުގެ ވާހަކަ ލިޔެވޭއިރު ބަޔާން ކުރެވޭނެ އެވެ.

މިކަމުން ފާހަގަކޮށްލަން ބޭނުންވަނީ، އާއްމު ގޮތެއްގައި، ކީރިތި ޤުރްޢާނުގެ ސޫރަތަކަށް ދެވިފައިވާ ނަމަކުން، އެސޫރަތުގެ މައުޟޫއުގެ މައްޗަކަށް އިޝާރާތެއް ނުކުރެވޭ ކަމެވެ. މީގެ މިސާލަކީ މީސްމީހުންނަށް ކިޔޭ ނަންނަމުގެ މިސާލެވެ. ‘އަސަދު’ (ސިންގާ) މިހެން މީހަކަށް ކިޔައި، އޭނާއަށް އެނަން ދެވުމުގެ މާނައަކީ އޭނާ ‘ސިންގާ’އަކަށް ވުމެއް، ނުވަތަ އޭނާއަށް، ސިންގާއެއްގެ ސިފަ ލިބިގެން ވުމެއް، ނޫނެވެ. ހަމަ އެހެންމެ އިނގިރޭސި ބަހުން މީހަކަށް ‘މރ. ބްލެކް’ (ކަޅު) އޭ ކިޔުމުން އޭނާއަކީ ‘ކަޅު’ މީހަކަށް ވުން ލާޒިމެއް ނުކުރެ އެވެ. މީސްމީހުންނަށް ނަން ދެވެނީ މީސްމީހުން ކަނޑައަޅައި ފާހަގަކޮށް، އެމީސްމީހުން، އެހެން މީހުންނާއި ވަކި ކުރުމުގެ ބޭނުމުގަ އެވެ. ހަމަ މިފަދައިން ސޫރަތް ސޫރަތަށް ނަންދެވިފައިވަނީ ވެސް، އެއްސޫރަތް އަނެއް ސޫރަތާއި ވަކިކޮށް ފާހަގަ ކުރުމުގެ ބޭނުމުގައެވެ. މިހެންވެ، ކީރިތި ޤުރްއާނުގެ ސޫރަތްތައް ތަރުޖަމާ ކުރެވޭއިރު، ސޫރަތް ސޫރަތުގެ ނަން ތަރުޖަމާ ނުކޮށް، އެނަން އޮންނަ ގޮތަށް ބޭއްވެ އެވެ. އާދެ، ‘އަލްބަޤަރާ’ގެ މާނައަކީ ‘ގެރި’ ކަމުގައި ވިޔަސް، އެގޮތަށް މާނަ ނުކޮށް ބޭއްވެއެވެ. އަދި އަލްބަޤަރާ ސޫރަތަކީ ‘ގެރީ’ގެ މައުޟޫއުގެ މައްޗަށް އިންސާފުކުރެވޭ ސޫރަތެއްގެ ގޮތުގައި ނުބެލެވެ އެވެ. އަލްބަޤަރާ، އެއީ އެސޫރަތުގެ ނަން ކަމުގައި ބެލެވި، އެސޫރަތަކީ އަލްބަޤަރާ ސޫރަތޭ ބުނެ، އެގޮތުގައި ބޭއްވެ އެވެ.

އަލްބަޤަރާ ސޫރަތަކީ މަދަނީ ދައުރުގައި ބާވާލެއްވުނު ސޫރަތަކެވެ. އެސޫރަތުގެ ބޮޑުބައި، ބާވާލެއްވުނީ މަދަނީ ދައުރުގެ ކުރީކޮޅުގަ އެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރައްވައި މަދީނާގައި ހޭދަކުރެއްވި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައެވެ. ނަމަވެސް އަލްބަޤަރާ ސޫރަތުގެ 271ވަނަ އާޔަތުން ފެށިގެން 281ވަނަ އާޔަތުގެ ނިޔަލަށް ބާވާލެއްވުނީ މަދަނީ ދައުރުގެ ފަހުކޮޅުގަ އެވެ. އަދި 281 އާޔަތަކީ ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައިވެސް ބެލެވެ އެވެ.

މައިގަނޑު މައުޟޫއުއާއި ޖުމްލަ މާނަ

އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކަ އެވެ. އާދެ، ހެޔޮ ގޮތުގެ މަގު ބަޔާން ކުރުމުގެ ވާހަކައެވެ. އިންސާނާގެ ފަރުދީ ހަޔާތައި އަދި ޖަމާއީ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާ ބެހޭ ގޮތުން ދެވޭ ތައުލީމާތުތަކާއި އިރުޝާދުގެ ވާހަކަ އެވެ. އެކަމާ ބެހޭ ގޮތުން އުނގަންނައިދެވޭ އުނގަންނައިދިނުން ތަކާއި ބުނެދެވޭ ބުނެދިނުންތަކުގެ ވާހަކަ އެވެ. އެސޫރަތުގެ ދެވަނަ އާޔަތުގައި މިކަން ކަނޑައަޅައި ބަޔާންކޮށްދެވިފައި ވެއެވެ. ذلك الكتاب لا ريب فيه هدى للمتقين، (މިއީ އެފޮތެވެ. އެފޮތުގައި، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި ހިދާޔަތު، (އިލާހީ ހެޔޮ މަގު، ބަޔާން ކުރެވިފައި) ވެއެވެ’، މިއާޔަތުގައެވެ. މިމައިގަނޑު މައުޟޫއާއި މެދު ވިސްނާލުމުން، އަލްބަޤަރާ ސޫރަތާއި އެސޫރަތުގެ ކުރިން އޮތް އަލްފާތިޙާ ސޫރަތާއި ގުޅޭގޮތް އެނގިގެން ދެއެވެ. އާދެ، އަލްބަޤަރާ ސޫރަތް ހިމެނެނީ، އަލްފާތިޙާ ސޫރަތުގައި، ތެދުމަގު އެދިގެން މާތްﷲގެ ޚަޟުރަތުގައި ދެންނެވިފައިވާ اهدنا الصراط المستقيم ‘އަޅަމެނަށް ތެދު މަގު ދައްކަވާފާނދޭވެ!، މިދުއާގެ އިޖާބަކަމުގަ އެވެ. އަލްބަޤަރާ ސޫރަތަކީ، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ، އިލާހީ ތެދުމަގު ބަޔާން ކޮށްދިނުމުގެ ފެށުމެވެ.

އިލާހީ ހިދާޔަތުގެ މާނައަކީ ކޮބައިކަމާއި ކީރިތި ޤުރްއާނުގައި އެކަން ހުށަހަޅާލެވިފައިވާ ގޮތާއި އަދި އެކަން މާނަ ކުރުމާ ބެހޭ ގޮތުން، ވޭތުވެ ދިޔަ ދޮޅު ގަރުނެއްހާ ދުވަހު ދެކެވިފައިވާ ވާހަކަތައް، ވަކިން، މުލްހަގެއްގެ، (އެޕެންޑިކްސްއެއްގެ)، ގޮތުގައި، އަލްބަޤަރާ ސޫރަތުގެ ތަފްސީރު ނިމުމުން، ތަފްސީލުކޮށް. އިރާދަކުރެއްވިއްޔާ، ބަޔާންކޮށް ދެވޭތޯ ބަލާނަމެވެ. މިތަނުގައި، މިވަގުތު، މިކަމާ ބެހޭ ކުރު ޚުލާސާއެއް ހުށަހަޅާލަމެވެ. މިކަމުގެ މުހިއްމުކަމަށްޓަކަ އެވެ.

ދެންމެ އިޝާރަތްކޮށްލިފަދައިން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ވާހަކަ ގުޅެނީ މުއުމިނާގެ ފަރުދީ އަދި އޭނާގެ މުޖުތަމައީ ހަޔާތާއި އެވެ. އޭނާގެ އަމިއްލަ ޒާތީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި އޭނާގެ މުޖުތަމައުގެ ކަންތައްތައް ރަގަޅު ގޮތުގައި ރާވައި އިންތިޒާމު ކުރާނީ ކިހިނެއްކަމާއި އެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ އިލާހީ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަކޮށް، ‘ޝަރީޢަތް’ ނުވަތަ ‘ހިނގަން ކަނޑައެޅިފައިވާ މަގު’ މިލަފްޒުން އިޝާރަތް ކުރެވެ އެވެ. އަލްޖާޘިޔާ ސޫރަތުގެ އަށާރަ ވަނަ އާޔަތުގައެވެ.

ކީރިތި ޤުރްއާނުގައި، ޝަރީއަތާ ބެހޭ ތައުލީމާތުތައް، ބަޔާން ކުރެވިފައިވަނީ ތަފާތު ސިފަސިފައި ގައެވެ. ބައެއްފަހަރު ހިއްސީ ސިފައެއްގަ އެވެ. މިސާލަކަށް، ރޯދަ ހިފުން ފަރުޟު ކުރެވިފައިވަނީ ފަޖުރުއްސާދިގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެން ދެންނެވެ، މިކަމަށް ބައްލަވާލައްވާށެވެ. އަނެއް ބައިފަހަރު މައުނަވީ ސިފައެއްގައި، މަބްދައުތަކެއް ނުވަތަ އުސޫލުތަކެއްގެ، ސިފައިގައެވެ. މިސާލަކަށް، ވެރިކަންކުރުމާއި މުޖުތަމައުގެ ކަންތައްތައް ރާވާއި ހިންގުން ބިނާވެފައި އޮންނަން ވާނީ މަޝްވަރާގެ މައްޗަށް ކަމަށް ބަޔާންކުރެވިފައިވާ އިރުޝާދެވެ؛ ވެރިކަމުގެ ނިޒާމު އޮންނަން ޖެހޭ ވަކި ޚާއްސަ ސިފައެއް ކަނޑައެޅިފައެއް ނެތެވެ. އަދި، އެކަން އޮންނަން ޖެހޭނީ ކަނޑައެޅިގެން މިވެނި ސިފައެއްގައިކަން، ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ ޚުލަފާއުއްރާޝިދޫންގެ އަމަލުފުޅު ތަކުންވެސް ދޭހައެއް ނުވެއެވެ. އަދި އަނެއް ބައެއްފަހަރު މިތައުލީމާތުތައް އިބާރަތް ކުރެވިފައިވާ ގޮތުގެ ލަފްޒީ މާނައަށް ބާރުލެވި އެކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، އޫރުމަހާއި މުޅަތަކެތިފަދަ ބައެއް ކާނާ ހަރާންކުރެވުން އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. އަދި މިނޫންވެސް ހަރާން-ހަލާލު ކަންތައް ބަޔާން ކުރުމަށް ބޭނުން ކުރެވިފައިވާ އިބާރާތް ތަކުގެ މައްޗަށްވެސް މެއެވެ. އަނެއްބައިފަހަރު، އެތައުލީމާތުތަކުގެ މަޤާސިދުތަކަށް، އެބަހީ އެކަމުން ހާސިލުކުރަން ގަސްދުކުރެވޭ ކަންތައްތަކަށް ބާރުލެވި، އެކަންކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ، އަދި، ފިޤުހު އިލްމުގައި އެކަންކަމަށް، ޙުދޫދުގެ ނަމުން ނަންދެވިފައިވާ، އުޤޫބާތް ތަކަށާއި، އަދި ޤިޞާޞުގެ ނުވަތަ މަރަށް މަރު ހިފުމުގެ، ހުކުމް އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. މިހުރިހާ ކަމެއްގައިވެސް ބާރު އެޅިފައިވަނީ، ކުށްވެރިޔާއަށް އަދަބު ދިނުމަށްވުރެ ބޮޑަށް، އޭނާ އިސްލާހު ކުރުމުގެ މައްޗަށެވެ.

ކީރިތި ޤުރްއާނުގައި ޝަރީއަތާއި ބެހޭ ތައުލީމާތުތަކުގެ ހުރިހާ ތަފްސީލެއް ލިޔެވިފައި ނެތަސް، އެތައުލީމާތުތައް މީސްތަކުންގެ ހަޔާތުގައްޔާއި އަދި މުޖުތަމުގައި ހިންގާލާނޭގޮތް، އެންމެ ފުރަތަމަ، ކީރިތި ރަސޫލާ، ސުންނަތުން، އެބަހީ، އެކަލޭގެ ފާނުގެ އަމަލުފުޅުތަކުން ފެނިގެންދިޔަ އެވެ. އަދި އެއަށްފަހު، ޚުލަފާއުއްރާޝިދޫންގެ ދުވަސްވަރުވެސް، މިކަން، އަމަލީގޮތެއްގައި ފެނިގެން ދިޔައެވެ. އަދި އެދުވަސްވަރު ކުރިމަތިވި އާ ހާލަތްތަކަށް، ޝަރިއަތުގެ ތައުލީމާތުގެ އަލީގައި، އާ ހުކުމްތައްވެސް ބަޔާން ކުރެވިދިޔަތަންވެސް ފެނުނެވެ. ދެން އައި ދުވަސްތަކުގައި، އާދެ، ހިޖުރައިގެ ފުރަތަމަ ގަރުނުގެ ފަހުކޮޅާއި އަދި ދެވަނަ ގަރުނުގެ ތެރޭގައި، މިތައުލީމާތުތައް އިތުރަށް ތަރައްގީ ކުރެވުނެވެ. އަދި މީގެ ނަތީޖާއަކަށްވީ އިސްލީމީ ފިޤުހު އުފެދި ފުރިހަމަ ވުމެވެ.

އިސްލާމީ ފިޤުހު އިލްމު ތަރައްގީވެ، އެއަށް ފުރިހަމަ ސޫރަ ލިބުމާއި ވިދިގެން، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ، ޝަރީއަތުގެ ތައުލީމާތުތަކަށް، ލިޔުމުން، ފުރިހަމަ ހިއްސީ ސިފައެއް، ގެނެސްދެވުނެވެ. އިސްލާމީ ފިޤުހުގެ މާއްދީ-މަސްދަރުތަކާއި (ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި) އަދި މިމާއްދީ މަސްދަރުތައް މާނަކުރުމަށް އެހީވެދިން ވަސީލާތްތަކުގެ، (އިޖްތިހާދު-ޤިޔާސް އަދި އިޖުމާޢުގެ،) އަލީގައެވެ. އަދި އެދުވަސްވަރުގެ އިންސާނީ ހަޔާތުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށާއި އަދި އެދުވަސް ވަރުގެ މުޖުތަމައީ އަގުތަކަށްވެސް ރިއާޔަތް ކުރެވިގެންނެވެ. އަދި ހަމަ އެހެންމެ، އެދުވަސްވަރު، އިންސާނީ ފިކުރާއި އަގުލާނިއްޔަތު، ތަރައްގީވެ، ކުރިއަރާފައިވާ  މިންވަރުގެ އަލީގައިވެސް މެއެވެ.

މިއައި ތަރައްގީއާއި ވިދިގެން ޝަރީއަތާއި އަދި ފިޤުހުގެ ގުޅުމަށްވެސް ބަދަލެއް އައެވެ. އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅު، އާދެ، ފުރަތަމަ ދެގަރުނުގެ ތެރޭގައި، ‘ޝަރީއަތް’، މިލަފްޒު ބޭނުން ކުރެވިފައިވަނީ، ކުރިން ނަންގަނެވިދިޔަ ފަދައިން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަ ގޮތެއްގައި، އިޝާރަތް ކުރުމަށެވެ. ފިޤުހު ބޭނުން ކުރެވުނީ މިތައުލީމާތުތަކާއި މެދު ވިސްނައި ފިކުރުކޮށް، މިތައުލީމާތުތަކުން، އެކިއެކި ކަންކަމާ ބެހޭ، ހުކުމްތައް ނެރެ އިސްތިންބާތުކުރުމަށެވެ. އެތައުލީމާތުތަކަށް އަމަލުކޮށް، އެކަންކަން މުޖުތަމައުގައި ހިންގާލެވޭ ސިފައެއް އެކަންކަމަށް ގެނެސް ގަތުމަށްޓަކައެވެ. ފިޤުހު އިލްމު ތަރައްގީވެ އެއަށް އޭގެ އެންމެ ފަހުގެ ސޫރަ ލިބުމުން، ފިޤުހާއި ޝަރީއަތް މިދެމަފްހޫމުވެސް އެކައްޗަކަށްވެ، އެއ މާނައެއްގައި ބޭނުންކުރެވޭން ފެށިއެވެ. އާދެ، އިސްލާމީ ޝަރީއަތަކީ އިސްލާމީ ފިޤުހު ކަމުގައި ވެގެން ދިޔައެވެ.

މިއަދު އިންސާނީ ހަޔާތުގެ ކަންތައްތަކަށް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. އިންސާނުންގެ ވިސްނުމާއި ފިކުރަށެވެ. އޭނާ މަސައްކަތްކޮށް އުޅޭ ގޮތް ތަކަށެވެ. އޭނާ ގަބޫލުކުރާ ބައެއް އަގުތަކަށެވެ. މިސާލަކަށް އިންސާނުން އަޅުވެތި ކުރުމާއި އަޅުން ގެން ގުޅުމަކީ އެއްދުވަސް ވަރެއްގައި ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ބެލެވިދިޔަކަމަށް ވިޔަސް، މިކަންވަނީ މިއަދު ބަދަލުވެފައެވެ. އިސްލާމީ ޝަރީއަތުގައި އަޅުން މިނިވަން ކުރަން އިރުޝާދުދެވި އެކަމަށް ބާރުއެޅިފައި އޮތް ކަމުގައިވިޔަސް، އެކަން، ސީދާ ސަރީހަ އިބާރާތުން އެކަން މަނާ ކުރެވިފައި ނެތުމުން، އިސްލާމީ ފިގުހުގައި އެކަންއޮތީ ހުއްދަކުރެވިފަ އެވެ. އަދި ހަމައެފަދައިން، އިންސާނުން އަތުންފައިން ކުރަމުން އައި ގިނަ މަސައްކަތްތަކެއް، މިއަދު، ކުރެވެމުން އަންނަނީ މެޝީންތަކުގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން، އިސްލާމީ ފިޤުހު ތަރައްގީ ކުރެވުނު ދުވަސްވަރުގައި ފައިސާ މާނަ ކުރެވުނު ގޮތާއި މިއަދު ފައިސާ މާނަ ކުރެވޭ ގޮތް ވަނީ ބަދަލުވެފަ އެވެ. ގެރިބަކަރިއާއި ގޮވާމުގެ ބާވަތްތަކާއި ރަނާއި ރިއްސާއި މިފަދަ ހުރިހާ މުދަލަކީ، އެދުވަސްވަރު، ފައިސާގެ ގޮތުގައި ބޭނުން ކުރެވުނެ އެއްޗިއްސެވެ. އެހެންވެ، އިސްލާމީ ފިޤުހުގައި ޒަކާތުގެ ހުކުމްތައް ބަޔާންކުރެވިފައިވަނީ ފައިސާގެ މިތަސައްވުރުގެ މައްޗަށް ބިނާކޮށެވެ. މިތަކެއްޗަކީ ފައިސާކަމުގައި ބެލެވިގެންނެވެ. ނަމަވެސް މިއަދު މިކަން ވަނީ ބަދަލުވެފައިވެ. އާދެ، ފައިސާގެ މަފްހޫމުވަނީ މުޅިން އާވެ، ފައިސާގެ އަގު ގުޅިފައިވަނީ އޭގެ ޒާތަކާއި ނޫނެވެ. ދައުލަތަކުން އެއަށް ދެވިފައިވާ އިތުބާރާއި އަދި އިގްތިސާދީ އަވާމިލު ނުވަތަ ސަބަބު ތަކާއި އެވެ. އަދި މީނޫންވެސް، އިސްލާމީ ފިޤުހުގެ ހުކުމްތައް، އޭގެ މައްޗަށް ބިނާވެފައިވާ ގިނަ ތަސްއްވުރުތަކެއް، މިއަދު، ވަނީ ބަދަލުވެފައެވެ. މިބަދަލުތައް އަންނާންފެށީ ގާތްގަނޑަކަށް މީލާދީ ސަނަތުން އަށާރަ ވަނަ ގަރުނުގެ ހިސާބުން ފެށިގެންނެވެ. ސިނާއީ އިންގިލާބު، ނުވަތަ އިންޑަސްޓްރިއަލް ރެވޮލޫޝަން، އާއި ތަންވީރީ ފިކުރުގެ ނުވަތަ އެންލައިޓްންމަންޓްގެ ފެށުމާއި، މިކަންކަމުގެ އަސަރު އިސްލާމީ ދުނިޔެއަށްވެސް ފޯރައި މުޅި ދުނިޔެއަށް މިކަންފެތުރި އާއްމު ވެގެން ދިޔުމުގެ ސަބަބުންނެވެ.

އާދެ، ‘އަސްރާނިއްޔަތު’ގެ ނުވަތަ ‘މޮޑާރނިޓީ’ގެ ނަމުން ނަންދެވޭ ޒަމާނީ މިބޮޑު ބަދަލުގެ އަލީގައި، ކީރިތި ޤުރްއާނުގެ ޝަރީއަތުގެ ތައުލީމާތުތައް މުޖުތަމައުގައި ހިންގާލުމަށްޓަކައި އިހުގައި މާނަކުރިފަދައިން، އަލުން އެތައުލީމާތުތައް މާނަކޮށް، އިސްލާމީ ފިޤުހު އިލްމު ތަޖުދީދުކޮށް، އާކުރުމަކީ، މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖު ކަމުގައި، ގޮންޖެހުން ކަމުގައި، މިމައްސަލަ ބަހުސް ކުރައްވާ އިސްލާމީ ދިރާސާތުގެ ބައެއް މުސްލިމު އިލްމުވެރިން ވިދާޅުވެ އެވެ. އާދެ، ހިޖުރީ ފަނަރަވަނަ ގަރުނު ގޮވަމުން ދަނީ މިކަމަށް މުސްލިމު މުޖުތަމައުތައް ހޭލުންތެރިވެ، މުސްލިމުންގެ ތެރެއިން މިކަން ކުރާނޭ ބަޔަކު އުފަންވުމަށެވެ! ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު މިކަމާ ދޭތެރޭ ވިސްނައި ފިކުރު ކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މީގެ މާނައަކީ އިސްލާމީ ޝަރީއަތް ބަދަލު ކުރުމެއް ނޫނެވެ. ބަދަލުވެ ތަރައްގިވާނީ އިސްލާމީ ފިޤުހެވެ. އާދެ، ދެން، އަލްބަޤަރާ ސޫރަތުގެ މައުޟޫއުގެ ވާހަކައާއިގެން ކުރިއަށް ދަމާތޯއެވެ.

ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއަކި އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅާލުމަށްފަހު، ކީރިތި ޤުރްއާނުގެ އަސާސީ ތަޢުލީމާތުތައް މިސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މާތްﷲ ވޮޑިގެންވާކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން މިސޫރަތުގައި މާތްﷲގެ މުހިއްމު ސިފަފުޅެއް، ތަސައްވުރެއް، ހުށަހަޅާލެވިފައި ވެއެވެ އެކަލާނގެއީ ‘އަލް ގައްޔޫމު’ ކަމުގައި ބަޔާންކުރެވި ސިފަކުރެވިފައި ވެއެވެ. އެކަލާނގެއީ އެކަލާނގެ ވޮޑިގެންވުމުގައި، އެހެން އެއްވެސް ފަރާތެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެންނުވާ، އަމިއްލަ ޒާތީ ފުދުންތެރިކަން ލިބިވޮޑިގެންވާ، މުޅި ވުޖޫދުގެ ފަނާރު ކަމުގައެވެ. އަސްލު ކަމުގައެވެ. އަދި، އިންސާނާގެ ބުއްދި އާއި ވިސްނުން ބޭނުންކޮށްގެން، މިކަން، މާތްﷲ ވޮޑިގެންވާކަން، ރަގަޅަށް ދެނެގަނެވޭނޭ ކަންވެސް މިސޫރަތުގައި ބަޔާކޮށްދެވިފައި ވެއެވެ. އިންސާނީ ތާރީޚު ފެށުނީއްސުރެން، މީސްތަކުންގެ ތެރެއަށް ރަސޫލު ބޭކަލުން ފޮނުއްވައި، އެބޭކަލުންގެ ގައުމުތަކުގެ މީސްތަކުންނަށް ކެނޑިނޭޅި އުނގަންނައިދެއްވި އުނގަންނައި ދެއްވުމަކީ މިއީކަންވެސް ބަޔާން ކުރެވިފައި ވެއެވެ. އަދި، މިކަން ދެނެގެނެ، މާތް ﷲއަށް އީމާންވެ، މިއީމާންކަމާއި އެކަށީގެންވާ ގޮތެއްގައި މުއުމިނާގެ ހަޔާތް ބައްޓަންކުރުމަށް، މިސޫރަތުގައި، މީސްތަކުންނަށް ގޮވާލައި، ދައުވަތު ދެވިފައި ވެއެވެ.

އަލްބަޤަރާ ސޫރަތުގައި ހުށަހަޅާލެވިފައިވާ އިސްލާމީ ތައުލީމާތުގެ ވާހަކަތަކުގެ ތެރެއިން ދެވަނަ ކަމަކަށް ފާހަގަ ކުރެވެނީ އާޚިރަތުގެ ވާހަކައެވެ. އިންސާނާ، އޭނާގެ ދުނިޔެވީ އަމަލުތަކުގެ މަސްއޫލިއްޔަތު އުފަލަން ޖެހޭނޭ ދުވަހެއް އަންނާނޭކަމާއި އެދުވަހުން އޭނާގެ އަމަލުތަކާއި މެދު ޖަވާބުދާރީ ވާންޖެހޭނެކަމުގެ ވާހަކައެވެ. އުޚްރަވީ ހަޔާތެއް ނެތްނަމަ، އިންސާނާ، އޭނާގެ އަމަލުތަކާ ދޭތެރޭ ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ. މިފަދަ ދުވަހެއް ނެތްނަމަ، އެއްވެސް އަޚުލާގީ މިންގަނޑަކަށް ބެލުމެއް ނެތި، ބޭނުންގޮތަކަށް، އިންސާނާ، އޭނާގެ ދުނިޔެވީ ހަޔާތް، ވޭތުކޮށްލަންވީ އެވެ. ހެވާ ނުބައި، ރަގަޅާއި ނުރަގަޅު، ހުރިހާ ހާލަތެއްގައިވެސް ނިސްބީ ގޮތެއްގައި މާނަކުރެވިގެންނެވެ. މީގެ މާނައަކީ ހުރިހާ ހާލަތެއްގައި ‘ރަގަޅު’ ރަގަޅަކަށް ނުވުމެވެ. އަދި ‘ނުބައި’ ނުބަޔަށްވެސް ނުވުމެވެ. މިސާލަކަށް، ތެދުބުނުމާއި އަމާނަތްތެރިކަމުގެ ސިފަތަކަކީ ރަގަޅު މާތް ސިފަތަކެއް ކަމުގައި ވިޔަސް، ބައެއް ހާލަތްތަކަށް މިކަންކަން ނިސްބަތް ކުރާއިރު، އެއީ ރަގަޅު ސިފަތަކެއްގެ ގޮތުގައި ނުބެލެވި ދާނެއެވެ. ތިމާގެ އަމިއްލަ ނުވަތަ ތިމާގެ ގައުމީ މަސްލަހަތު ރައްކާ ކުރުމަށްޓަކައި ދޮގުހެދުމާއި ޚިޔާނަތްތެރި ވުމަކީ އެންމެ ރަގަޅު ގޮތް ބެލެވިގެން ހިނގައިދާނެއެވެ. އެހެންވެ، އުޚްރަވީ ހިސާބު ބެއްލެވުމެއް ނެތް ކަމުގައި ބެލެވިއްޖެނަމަ ރަގަޅައި ނުބައިގެ  މާނަ ގެއްލިގެން ދެއެވެ. މިއީ ސަލާމަތް ބުއްދި ގަބޫލު ކުރާނޭ ކަމަކަށް ނުފެނެއެވެ. އަދި، އުޚުރަވީ ހަޔާތެއް އޮތުން ލާޒިކުރުވައެވެ.

މިސަބަބަށްޓަކައި، އުޚްރަވީ ހަޔާތެއް އޮންނާނޭކަން ގަބޫލު ކުރަމަކީ، އިންސާނާ ހެޔޮގޮތަށް ލެނބިގެން ދިޔުމަށް ބާރު އަޅައިދޭ ގަބޫލު ކުރުމެއް ކަމުގައި، އަލްބަޤަރާ ސޫރަތުގައި ފާހަގަކޮށް ދެވިފައި ވެއެވެ. އާދެ، އިންސާނާ، އޭނާގެ ދުނިޔަވީ ހަޔާތުގެ އަމަލުތަކާ މެދު މަސްއޫލުވާން ޖެހޭނޭކަން، ހިތުގެ އަޑިން ގަބޫލު ކުރުން ހިމެނިފައިވަނީ އޭނާގެ ހަޔާތް ސީދާ މަގަށް އަޅުވައި ދިނުމަށް އެހީވެދޭ ވަރަށް މުހިއްމު ބާރަކަށެވެ. އެހެނީ، އާޚިރަތުގައި އިންސާނާގެ މިންޖުވުން ބިނާވެފައި އޮތީ ހަމަ އެކަނި ތިމަން އީމާން ވެއްޖައީމުއޭ ބުނުމުގެ މައްޗަކަށް ނޫނެވެ. މީގެ އިތުރުން، އެކަން ބިނާވެފައި އޮތީ، އޭނާގެ ހަޔާތް، މިއީމާންކަން ނިޔާ ކުރާ ގޮތެއްގައި، ވޭތުކޮށްލެވިގެން ވެސްމެ އެވެ. އާދެ، މިއީމާން ކަން މަތީ ދެމިހުރެ، ހެޔޮ އަމަލު ކުރެވިގެންނެވެ. މާތްﷲއަށް އީމާންވެ، ހެޔޮއަމަލު ކުރުންމަތީ، އެމީހުންގެ ހަޔާތް ވޭތު ކޮށްލާމިހުން، ހިތާމަކުރަން ޖެހޭނޭ ކަމެއް، ބިރުގަނެ، ޖެހިލުންވާން ޖެހޭނޭ ކަމެއްވެސް، އާޚިރަތް ދުވަހުން، ނޯންނާނޭކަން، މިސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ.

ސޫރަތް ބިނާވެފައިވާ ގޮތް  

އަލްބަޤަރާ ސޫރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތެވެ. އެ ސޫރަތުގައި 286 އާޔަތް ވެއެވެ. އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަށާއި އަދި އެސޫރަތުގެ އާޔަތްތަކުގެ މާނައަށް ރިއާޔަތްކޮށް، އެސޫރަތް ފަސް ބަޔަކަށް ބަހާލެވިދާނެ އެވެ. މިގޮތުގެ މަތީން އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ބައެއް ތަފާތާއި އެކު، ބައެއް މުފައްސިރުން ބައްސަވާލައްވައެވެ. އަބްދުﷲ ޔޫސުފު އަލީ، އޭނާގެ ކީރިތި ޤުރްއާނުގެ ‘ތަރުޖަމާއާއި ތަފްސީރު’ ގައްޔާއި، އަލް މައުދޫދީ، އޭނާގެ ‘ތަފްހީމު’ ގައްޔާއި އަދި ސައްޔިދު ޤުޠްބު އޭނާގެ ޡިލާލު ގައި ވެސް މެއެވެ. އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ތިރީގައި، އަޅުގަނޑު ބަހާލައި، އެކިބައިބަޔަށް ބައިކޮށްލުން ކުދި ކުދި ތަފާތާއިއެކު، ބިނާވެފައި ވަނީ މިނަންގަނެވުނު ތަފްސީރު ތަކުގައިވާ ބައިކޮށްލުމާއި ބަހާލުމުގެ މައްޗަށެވެ. ޝައްކެއްނެތް ގޮތުގައި މިގޮތުން ބައިބަޔަށް ބަހާލުން، އަލްބަޤަރާ ސޫރަތުގެ މާނާ ފަހުމްކޮށް ދެނެގަތުމަށް އެހީވެދެއެވެ. އަދި މީގެ އިތުރުން، އެސޫރަތަކީ، އެސޫރަތުގެ އާޔަތްތައް، އެއްއާޔަތާއި އަނެއްއާޔަތް، ގުޅި ލާމެހިފައިވާ ވަހުދާއެއް (ޔުނިޓްއެއް) ކަންވެސް ފެނިގެން ދެއެވެ. އަދި މުޅި ސޫރަތުގެ މާނަ ހިތުގައި ހަރުކޮށްލަންވެސް ފަސޭހަވެދެ އެވެ.

އަލްބަޤަރާސޫރަތުގެ ފުރަތަމަ ބައި އެކުލެވިގެންވަނީ 1ވަނަ އާޔަތުން ފެށިގެން 28ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި، އެންމެ ފުރަތަމަ ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއު ކަނޑައަޅާލެވިފައި ވެއެވެ. ކީރިތި ޤުރްއާންއަކީ އިލާހީ ހިދާޔަތުގެ ވާހަކަތައް ބަޔާން ކުރެވޭ ފޮތެއްކަމުގައެވެ. އެއަށްފަހު، މިހިދާޔަތު، އާންމު ގޮތެއްގައި، އިންސާނުން ގަބޫލުކޮށް ބަލައިގަންނަ ގޮތުގެ މައްޗަށް ބެލެވި، މީސްތަކުން ތިން ބަޔަކަށް ބަހާލެވިފައި ވެއެވެ. އެއްބަޔަކީ އިލާހީ ހިދާޔަތު ގަބޫލުކޮށް އެކަން ބަލައިގަންނަ މީހުންނެވެ. އަނެއްބަޔަކީ އެ ހިދާޔަތާ ދެކޮޅުހަދައި އެކަމަށް ފުރަގަސްދީ އިންކާރު ކުރާ މީހުންނެވެ. ތިންވަނަ ބަޔަކީ މިދެބައިމީހުންގެ ދެމެދުގައި ހިމެނޭ ބަޔެކެވެ. ދެފުށް ދެގޮތް މުނާފިގުންނެވެ. ބައެއްފަހަރު، އެމީހުންގެ ބޭރު ފުށުން، އިލާހީ ހިދާޔަތު ގަބޫލުކޮށް، ބަލައި ގަންނަ، މީހުންގެގޮތް ފެނެއެވެ. އެހެން ނަމަވެސް އެމީހުންގެ ހިތުގެ އަޑީން އިލާހީ ހިދާޔަތުގެ މަގު ބަލައެއް ނުގަނެއެވެ. މިތިން ބައި މީހުންގެ ވާހަކަ ބަޔާން ކުރުމަށް ފަހު، ކީރިތި ޤުރްއާނުގައި ހުށަހަޅާ ލެވޭ އިލާހީ ހިދާޔަތުގެ މަގަށް، މިބައިގައި، ދައުވަތު ދެވިފައިވެއެވެ. އަދި ކީރިތި ޤުރްއާނުގައި އެކުލެވޭ ހިދާޔަތާއި ބެހޭގޮތުން ޝައްކުކޮށް، އަރަބި މުޝްރިމުން ކުރިމަތި ކުރި ބައެއް ފާޑުކިޔުންތަކަށް ޖަވާބު ދެވިފައިވެސް ވެއެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނުގެ ދައުވަތު ގަބޫލު ކުރާ މީހުންނަށް ހުރި ބާއްޖަވެރިކަމުގެ ވާހަކައާއި އަދި އެދައުވަތަށް ފުރަގަސްދީ އިންކާރު ކުރާމީހުންނަށް ހުރި އަބާއްޖެވެރިކަމުގެ މައްޗަށް ވެސް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި، އިޝާރަތް ކުރެވިފައިވެއެވެ.

އަލްބަޤަރާ ސޫރަތުގެ ދެވަނަ ބައި އެކުލެވިގެންވަނީ 29ވަނަ އާޔަތުން ފެށިގެން 39 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ބަޔާން ކުރެވިފައިވަނީ ކައުނާއި އަދި ކާއިނާތުތައް ޚަލްގު ކުރައްވައި ހެއްދުވުމުގެ ވާހަކައެވެ. އަދި އެއަށްފަހު، އިންސާނުން ޚަލްޤުކޮށް ވުޖޫދަށް ގެންނެވުގެ ވާހަކައެވެ. ބުއްދިއާއި ވިސްނުމުގެ ބާރުގެ އަލީގައި ހެޔޮގޮތް ކަނޑައަޅާލުމުގެ އެކަށޭނަކަން ދެއްވައި، އާދަމްގެ ފާނާއި ހައްވާގެފާނުގެ ޚަލްގު ކުރައްވައި، އިންސާނުން ދުނިޔޭގައި ލެއްވުނު ގޮތުގެ ވާހަކައެވެ. މިބައިގައި އިޝާރަތް ކުރެވެނީ އިލާހީ ހިދާޔަތުގެ އަލީގެ ފެށުމަށެވެ. އިންސާނުން ދުނިޔޭގައި ދިރިއުޅެން ފެށުނީއްސުރެން، އެމީހުންނަށް ތެދުމަގުގެ ވާހަކަ ބަޔާންކޮށް ދެވިފައިވާ ކަމެވެ.

ތިންވަނަ ބައި އެކުލެވިގެންވަނީ 40 ވަނ އާޔަތުން ފެށިގެން 141 ވަނަ އާޔަތަގެ ނިޔަލަށެވެ. މިބައިގައި ހުށަހަޅާލެވިފައި ވަނީ ތާރީޚީ ވާހަކަތަކެކެވެ. ބަނޫ އިސްރާއީލު ބާގައިންގެ ތާރީޚުގެ ބައެއް ވާހަކަތަކެވެ. މާތްﷲ އެމީނުންނަށް ދެއްވި ނިއުމަތްތަކުގެ ވާހަކައެވެ. އިލާހީ ހިދާޔަތް އެމީހުންނަށް ދެވުނު ކަމާއި އަދި އެހިދާޔަތުގެ އަލީގެ ދަށުގައި އެމީހުންގެ ހަޔާތް ވޭތުކޮށް، އެހެން މީސްތަކުންނަށް އޮތް ނަމޫނާއަކަށް ވުމުގެ ޝަރަފުދެވި، މިމަތިވެރި ވާޖިބު، އެމީހުންނާއި ހަވާލު ކުރެވުނު ކަމުގެ ވާހަކައެވެ. އަދި އެވާޖިބު އަދާ ކުރުމުގައި އެމީހުން އަމަލު ކުރިގޮތާއި އޭގެ ނަތީޖާގެ މައްޗަށްވެސް މިބައިގައި އަލިއަޅުވާލެވިފައި ވެއެވެ.

މިވާހަކަތައް ހުށަހަޅާލެވިފައިވަނީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރައްވައި މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރައްވައި، މަދީނާގައި ދިރިއުޅެމުންއައި ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުމާއި ދެކޮޅުވެރިކަން އުފެދިގެން އައި ދުވަސްވަރެއްގަ އެވެ. އެގޮތުން، މިބައިގައި، މަދީނާގެ ބައެއް ޔަހޫދީންގެ އަމަލުތައް ހުރިގޮތުގެ މައްޗަށްވެސް ބަލައިލެވިފައި ވެއެވެ. މިބައިން އިޝާރަތް ކުރެވެނީ އިލާހީ ހިދާޔަތުގެ ސިލްސިލާގެ ވަރަށް މުހިއްމު ބޮޅެއްގެ ވާހަކައެވެ. އިލާހީ ހިދާޔަތު، އިހުގައި އެބަޔަކަށް ދެވި، އެވާހަކައި ތަފްސީލީ ތާރީޚެއް މިއަދު އަޅުގަނޑުމެންގެ އަތްމަތީއޮތް، އެންމެ އިހުގެ މީހުންގެ ވާހަކައެވެ.

މިވާހަކަތައް ހުށަހަޅާލުމުގައި މައިގަނޑު ދެބޭނުމެއް ވެއެވެ. ފުރަތަމަ ބޭނުމަކީ، ދެންމެ އިޝާރާތްކޮށްލި ފަދައިން، މަދީނާގެ ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާ ދެމެދު މައްސަލަ ޖެހި، ދެކޮޅުވެރިކަން އުފެދި، ހަނގުރާމަ ކުރުމާ ހިސާބަށް ގޮސްފައިވުމުން، މިކަމަށް ހައްލެއް ހޯދުމެވެ. ޔަހޫދީންގެ ދީނީ ތާރީޚަށް ނަޒަރު ހިންގާލައި، އެމީހުންނަށް، މާތްﷲ ދެއްވި ނިއުމަތްތަކުގެ މަތީން ހަނދާންކޮށްދީ، އެމީހުންގެ ހިތްތައް މަޑުމޮޅިކޮށް، އިސްލާމީ ދައުވަތު ގަބޫލުކޮށް، މިދެންނެވި ދެކޮޅުވެރިކަމަށް ހައްލު ހޯދުމެވެ. ދެވަނަ މަގުސަދަކީ، މުސްލިމުން، އެމީހުންގެ ތާރީޚުން ފިލާވަޅު ލިބިގަނެ، އިބުރަތް ހާސިލު ކުރުމެވެ. އިހުގެ އުއްމަތްތަކުގެ މީހުންނަށް އިލާހީ ހިދާޔަތް ދެވި، އެމީހުންނަށް ކުރެވި ދިޔަފަދަ ކުށްތަކުން އެއްކިބާވެ، ރަގަޅު ގޮތުގައި ހިފަހައްޓައިގެން ތިބުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. އަދި ހަމަ އެހެންމެ، އިލާހީ ތެދުމަގު ބަޔަކަށް ދެވުމުގެ މާނައަކީ، އެބަޔަކީ މާތްﷲގެ ހަޟްރަތުގައި ޚާއްސަ ބަޔަކަށްވެ، އެމީހުންގެ އަމަލުތަކަށް ބެލުމެއްނެތި، އެމީހުންނަށް އިލާހީ ރުހުން ލިބިމުގެ އިޝާރަތެއްނޫން ކަމުގެ ފިލާވަޅުވެސް ލިބިގަތުމެވެ.

އަލްބަޤަރާ ސޫރަތުގެ ތިންވަނަ ބައި ހިމެނެނީ 142 އާޔަތުން ފެށިގެން 283 ގެ ނިޔަލަށެވެ. މިބަގައި ވަނީ މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ބައެއް ވާހަކަ ހުށަހަޅާލެވިފައެވެ. އަޅުކަމާ ބެހޭ ބައެއް ވާހަކަތަކާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ވާހަކަތައް ވެސް މެއެވެ. އިސްލާމީ ގިބުލައަކީ މައްކާގެ ކައުބަތުﷲކަން ކަނޑަ އެޅުމާއި، ނަމާދާއި، ރޯދައާއި، ޒަކާތާއި، ހައްޖާއި، އަދި ޖިހާދާއި ބެހޭ ބައެއް ވާހަކަތަކެވެ. މީގެ އިތުރުން، ކައިވަންޏާއި ވަރިއާއި ތަރިކަ މުދަލާ ބެހޭ ބައެއް ވާހަކަތައްވެސް މެއެވެ. އަދި ދަރަނީގެ މައްޗަށް ބިނާކޮށް ކުރެވޭ ވިޔާފާރީގެ މުއާމަލާތް ތަކާއި އަދި މިފަދަ މުއާމަލާތައް ކުރެވޭ ހިނދު ހެކިން ބޭތިއްބުމާއި ބެހޭ ބައެއް ވާހަކަތަކެވެ. އަދި ރިބާއާއި ގަނެވިއްކުމާއި ސަދަގާތުގެ ގޮތުގައި ހޭދަކުރުމާއި ބެހޭ ބައެއް ވާހަކަތައް ވެސް މެއެވެ.

މިހިސާބުން، މިހާތަނަށް ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ބައިތަށް ޚުލާސާކޮށްލައި، އޭގެމައްޗަށް އަލުން ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ 1ވަނަ އާޔަތުން ފެށިގެން 28ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރެވިފައި އޮތީ ކީރިތި ޤުރްއާނަކީ ހިދާޔަތުގެ ފޮތެއް ކަމާއި އިލާހީ ހިދާޔަތު ބަލައިގަތުމުގައި މީހުން ބަހާލެވިފައިވާ ގޮތެވެ. ދެން 29ވަނަ އާޔަތުން ފެށިގެން 39ވަނަ އާޔުގެ ނިޔަލަށް އޮތީ ކާއިނާތުތައް ހެއްދެވުމުގެ ވާހަކައާއި، އެންމެ ފުރަތަމަ އިންސާނާ، އާދެ، އާދަމުގެފާނުންސުރެ ފެށިގެންވެސް، އިންސަނުންނަށް، އިލާހީ ހިދާޔަތު ދެވުނުކަމުގެ ވާހަކައެވެ. ތިންވަނައަށް، 40ވަނަ އާޔަތުން ފެށިގެން 141ވަނަ އާޔަތުގެ ނިޔަލަށް، އޮތީ އިލާހީ ހިދާޔަތު ވަރަށް މުހިއްމު މަރުހަލާއެއްގެ ވާހަކައެވެ. ބަނޫ އިސްރާއީލުގެ މީހުންނަށް ދެވުނު ހިދާޔަތު ވާހަކައާއި އެމީހުންނާއި ބެހޭ ބައެއް ތާރީޚީ ވާހަކަތަކެވެ. ދެން 142ވަނަ އާޔަތުން ފެށިގެން 283 އޮތީ މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ވާހަކައެވެ. އަޅުކަމާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ތައުލީމަތުގެ ވާހަކަ އެވެ.

ދެން އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތް، 284ވަނަ އާޔަތާއި 285ވަނަ އާޔަތާއި އަދި 286ވަނަ އާޔަތް ހިމެނެނީ ސޫރަތުގެ ޚާތިމާއެވެ. އާދެ، ސޫރަތް ނިންމާލާ ނިންމާލުން ކަމުގައެވެ. މިޚާތިމާގެ ފުރަތަމަ ދެއާޔަތުގައި އޮތީ، އިލާހީ ތެދުމަގުގެ ކުރިމަތީގައި، މުއުމިނުންގެ ގޮތަކީ ކޮބައިކަން ބަޔާންކޮށްދެވިފައެވެ. އިލާހީ ތެދުމަގު އެމީހުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުންނަކީ އެކަން ގަބޫލުކޮށް ބަލައިގަންނަ ބައެވެ. އަދި އެއީ ހެޔޮގޮތްކަން އެނގި ވިސްނުމުން، އެގޮތުގައި ހިފަހައްޓައިގެން ތިބޭ ބައެއްވެސް މެއެވެ. ދެން، އެންމެ ފަހު އާޔަތް، އާދެ، 286ވަނަ އާޔަތުގައި، އޮތީ މިގޮތުގައި، އިލާހީ ތެދުމަގުގައި، ފައިތިލަ ސާބިތުކޮށް ތިބުމުގެ އެޔޮ ތައުފީގު ދެއްވުމަށްއެދި، މާތްﷲގެ ޙަޟްރަތުގައި ދެންނެވޭ ދުއާއެކެވެ. ربنا لا تؤاخذنا إن نسينا أو أخطأنا ربنا ولا تحمل علينا إصرا كما حملته على الذين من قبلنا، ربنا ولا تحملنا ما لا طاقة لنا به، واعف عنا واغفر لنا وارحمنا وأنت مولانا فانصرنا على القوم الكافرين، ‘ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެނަށް، ހަނދާން ނެތިގެން ނުވަތަ ނޭނގިގެން، ކުރެވޭ ކުށްފާފަތަކަށް އަޅަމެނަށް އަދަބު ނުދެއްވާންދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެ ދިޔަ (ބައެއް) އުއްމަތްތަކުގެ މީސްތަކުން އުފުލުމަށް ޖެއްސެވިފަދަ ދަތި އުނދަގޫ ކަންތައްތައް، އަޅަމެން އުފުލުމަށް ނުޖައްސަވާފާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން އުފުލުމަށް ކުޅަދާނަވެގެން ނުވާވަރުގެ ކަންކަން އުފުލުމަށް، އަޅަމެނަށް، ނުޖައްސަވާނދޭވެ! އަދި އަޅަމެންގެ (ކުށްފާފަތައް) ފޮހެލައްވައިފާނދޭވެ! އަދި (އެފަދަ ކަންކަން ކުރެވިދިޔަ ކަމަށްޓަކައި) އަޅަމެނަށް މާފުދެއްވާފާނދޭވެ! އަދި އަޅަމެނަށް ރަހުމަތް ލައްވާނދޭވެ! އިނބަ ރަސްކަލާނގެއީ އަޅަމެންގެ ކަންތައް ބައްލަވާވޮޑިގެންވާ އަޅަމެންގެ ވެރިރަސްކަލާނގެއެވެ! ފަހެ، ހައްގުގޮތް އިންކާރުކުރާ މީހުންގެ މައްޗަށް، އަޅަމެނަށް، ނަސްރުދެއްވާފާނދޭވެ!’. އާދެ، އަލްބަޤަރާ ސޫރަތް ނިންމާލެވިފައިވަނީ މާނައިން ފުރިގެންވާ މިއަސަރުގަދަ ދުއާއިންނެވެ.

ދެން އަންނަ ހަލަގާއަކުން ފެށިގެން، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި އެކުލެވޭ މިނަންގަތް ބައިތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލައި ލެވޭތޯ މަސައްކަތް ކުރާނަމެވެ. މާތްﷲގެ ކިބަފުޅުން އެކަމަށް ތައުފީގު ދެއްވުމަށްއެދި ދުއާ ކުރަމެވެ.

About the author
1 Comment
  1. އާދަމް އިބްރާހީމް

    ފަސޭހައިން ވިސްނައިލެވޭފަދަ، ސާދާ ޢިބާރާތް ތަކަކުން ލިޔުއްވަމުންތިޔަ ގެންދަވާ،ޤުރްއާނުގެ ސޫރަތްތަކުގެ "މައްޗަށް ބަލައިލުމުގެ" ސިލްސިލާ އަށް މަރްޙަބާ ކިޔަމެވެ. އަދި ތިޔަ ސިލްސިލާ ކުރިޔަށްގެންދެވުމަށް ހިތްވަރު ދެމެވެ. ތިޔަލޮބުވެތިއަޚް، މާތްﷲ ގެމަގުގައި ކުރައްވަމުންތިޔަގެންދަވާ ބިޔަ ބޮޑުމަސައްކަތުގައި ބަރަކާތްލައްވައި، އެކަމަށް ތަވްފީޤް ދެއްވާށި!

    (2)(0)
Leave Comment