ބިންހެލުމާއި ބިންހެލުންތަކުން އިންސާނުންނަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ސައިންސްވެރިން ދަނީ އަބަދުވެސް ދިރާސާކުރަމުންނެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ދުނިޔެ އޭގެ ސަތަހައިގެ މަތީގައި އެނބުރެމުންދާ ދިއުމާ މެދު ބަލާ ހޯދަމުންނެވެ. މީގެ ބޭނުމަކަށް ވެފައި އޮތީ މި ކައުނަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމެވެ. ބިންހެލުންތައް އުފެދެން މެދުވެރިވާ ސަބަބުތަށް ދިރާސާކޮށް ދެނެގަތުމެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާއެކު ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ. ދުނިޔޭގެ ބައްރުތަކަށްވަނީ އެކަމުގެ ސަބަބުން ފަރަގުތަކެއް ގެނުވައިފައެވެ.…

ބިންހެލުމާއި ބިންހެލުންތަކުން އިންސާނުންނަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ސައިންސްވެރިން ދަނީ އަބަދުވެސް ދިރާސާކުރަމުންނެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ދުނިޔެ އޭގެ ސަތަހައިގެ މަތީގައި އެނބުރެމުންދާ ދިއުމާ މެދު ބަލާ ހޯދަމުންނެވެ. މީގެ ބޭނުމަކަށް ވެފައި އޮތީ މި ކައުނަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމެވެ. ބިންހެލުންތައް އުފެދެން މެދުވެރިވާ ސަބަބުތަށް ދިރާސާކޮށް ދެނެގަތުމެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާއެކު ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ. ދުނިޔޭގެ ބައްރުތަކަށްވަނީ އެކަމުގެ ސަބަބުން ފަރަގުތަކެއް ގެނުވައިފައެވެ.

ހަމައެއާއެކު 2015 ވަނަ އަހަރު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއެކު ލިބުނު ގެއްލުންތަކުން ބިންހެލުންތަކާމެދު ސައިންވެރިންގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ފަހަކަށް އައިސް ކައިރި ކައިރީގައި މިފަދަ އެތައް ބިންހެލުންތަކެއް ވަނީ ދުނިޔޭގެ އެކި ބައްރުތަކަށް އައިސްފައެވެ. ސައިންސްވެރިން ބުނާގޮތުގައި ކައިރި ކައިރީގައި ބާރުގަދަ ހަތް ބިންހެލުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް އައުމަކީ އެމީހުންގެ ކަންބޮޑުވުން އިތުރުވިކަމެކެވެ. އެއީ 2015 ވަނަ އަހަރު ނޭޕާލަށް އައި ބާރުގަދަ ބިންހެލުންފަދަ ބިންހެލުމެއް ތަކުރާރުވެގެން ހިނގައިދާނެކަމަށް ފެންނާތީއެވެ. ދިރާސީ ހޯދުންތަކުން އެކަމަށް ބާރު ލިބޭތީއެވެ. ނުވަތަ ދުނިޔެއަށް މިހާތަނަށް އައިސްފައިވާ ބިންހެލުންތަކަށްވުރެ ބޮޑު އެއަށްވުރެ ވަރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ ބިރު އޮތީމައެވެ.

ދުނިޔެއަށް ކުރިމަތިވަމުންދާ ބިންހެލުންތަކާ ގުޅިގެން ސައިންސްވެރިން މީގެ އެތައް އަހަރުތަކެއް ކުރިން ވަނީ ދިރާސާތަކެއް ކުރަން ފަށައިފައެވެ. އެ ދިރާސީ މަސައްކަތްތަކުން ސައިންސްވެރިނަށް ހޯދުނީ ދުނިޔެއަށް ބާރުގަދަ ބޮޑު ބިންހެލުމެއް އައުން ގާތްވެފައިވާކަމެވެ. އެއީ މިފަދަ ބިންހެލުންތަކަކަށްފަހު އަންނާނެ ބިންހެލުމެއްކަމަށް ދިރާސާތަކުން ދައްކާތީއެވެ. 2016 ވަނަ އަހަރާ ކުރިމަތިލައި އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމިދާއިރު ދުނިޔެއަށްވަނީ ކައިރިކައިރީގައި މިފަދަ 100 އަށްވުރެ ގިނަ ބިންހެލުން އައިސްފައެވެ. މީގެ މާނައަކީ ސައިންސްވެރިންގެ ހޯދުންތަކުން ހޯދިފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުން (މޮންސްޓާ އާތުކުއޭކް) އާއި ދުނިޔެ ކުރިމަތިލާން ކައިރިވާކަމުގެ ހެކިތައް ކަމަށް ސައިންސުވެރިން މިއަދު ގަބޫލުކުރެއެވެ. މިއީ ދުނިޔޭގައި މިހާތަނަށް އައިސްފައި ނުވާވަރުގެ ބޮޑު ބިންހެލުމަކަށް ވާނެކަމަށް ސައިންވެރިން ލަފާކުރެއެވެ. އެހެންކަމަށްވާނަމަ މި ބިންހެލުން ވެގެންދާނީ ދުނިޔޭގެ ޗާޓަށް ބަދަލުގެނުވާނެ ބިންހެލުމަކަށެވެ. ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ބިންހެލުމަކަށެވެ.

ބިމަކީ އެކަލާނގެ ޚަލްޤުތަކުންނަށް މާތްﷲ ލައްވާފައިވާ ތަނެކެވެ. އިންސާނުންނަށް މަންފާއާ ފައިދާ ކުރަނިވި ގޮތުގައެވެ. އެބިން އޭގެ މަގާމުގައި ދެމިއޮތުމަށް ޓަކައި ބޮޑެތި ބިޔަ ފަރުބަދަތައް ލައްވާފައިވަނީ ބިން ހިފެހެއްޓުމަށް ޓަކައެވެ. އެކަން ބަޔާންކުރައްވާ ސޫރަތުލް އަންބިޔާގެ ގެ 31 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَنْ تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَعَلَّهُمْ يَهْتَدُونَ މާނައީ “އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށް ޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށް ޓަކައެވެ.” މިއާޔަތުން ސާފުވެގެންދާ އެއްކަމަކީ ބިން ގަރާރުވެ އޮތުމަށް ޓަކައި ފަރުބަދަތައް ލައްވާފައިވާކަމެވެ. ބިން ހައްދަވައި މި ކައުނުގައި ލައްވާފައިވަނީ އިންސާނުންގެ ފައިދާއާއި ލާބަޔަށް ޓަކައި ކަމެވެ. އެކަން އިތުރަށް ސާބިތުވެގެންދަނީ ސުރަތުއް ނަޙުލުގެ 15 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ މިބަސްފުޅުންނެވެ. وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَنْ تَمِيدَ بِكُمْ وَأَنْهَارًا وَسُبُلًا لَعَلَّكُمْ تَهْتَدُونَ މާނައީ “އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށް ޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް މަގު އެނގުމަށް ޓަކައެވެ.”

މާތްﷲ މި ކައުނު ހައްދަވާފައިވަނީ ނިމުމެއް ނުވާތަނެއްގެ ގޮތުގައެއް ނޫނެވެ. މި ބިމާއި އުޑު އެކަލާނގެ ލައްވާފައިވަނީވެސް އެ ހަމައިންނެވެ. އެހެންކަމުން ސައިންސުވެރިން މިއަދު ދިރަސާކޮށް ކޮންމެ ބިންހެލުމަކާއެކު ދުނިޔެއަށް ބަދަލު އަންނަ ވާހަކަ ބުނުމަކީ މުސްލިމެއްގެ ހައިސިއްޔަތުން ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަދި މިފަހަކަށް އައިސް ބިންހެލުން އިތުރުވެ ބާރުގަދަ ބޮޑު ބިންހެލުމެއް ދުނިޔެއަށް ކުރިމަތިވާނެކަމަށް ބުނުމަކީ ވެސް މުސްލިމުންނަށް ހައިރާންކަން ލިބޭނެ ކަމެއް ނޫނެވެ. އެކަންވަނީ ޚަލްޤުތަކުން ޚާލިޤުކުރެއްވި ފަރާތުން އަންގަވައިފައެވެ. ސޫރަތު އިބްރާހީމްގެ 48 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ މާނައީ “އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ގެ حضرة އަށް އެންމެން ނުކުންނާނެތެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ (ސޫރަތު ޤާފުގެ 44) މާނައީ “(އެއީ) އެއުރެންގެ މަތިން ބިންގަނޑު ފަޅަފަޅައިގެންގޮސް އަވަސްއަވަހަށް محشر ބިމަށް އެއުރެން ގެންދަވާ ދުވަހެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ އެއްކުރެއްވުމެކެވެ.”

މިއަދު ސައިންސުވެރިން ބުނަމުންދާ ސިހުން ލިބޭފަދަ ބޮޑު ބިންހެލުމަކީ މިއީ ނޫންބާވައެވެ. މިއަށްވުރެ ބޮޑު ބިންހެލުމެއް ދުނިޔެއަށް ނާންނާނެ ވާހަކަ މާތްﷲ ވަނީ ކީރިތި ޤުރްއާންގެ އެތައް އާޔަތެއްގައި އަންގަވާ އިންޒާރުކުރައްވާފައެވެ. ސޫރަތުލް މުލްކުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْ‌ضَ فَإِذَا هِيَ تَمُورُ‌ މާނައީ ” އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީ ހެއްޔެވެ؟ ފަހެ، އެހާރުން، ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ.” سورة النازعات ގެ 6 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَوْمَ تَرْ‌جُفُ الرَّ‌اجِفَةُ މާނައީ “(ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ” އެކަން އިތުރަށް ސިފަކޮށްދެއްވައި ސޫރަތުލް އަލްވާޤިޢާގައި  މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِذَا رُ‌جَّتِ الْأَرْ‌ضُ رَ‌جًّا  وَبُسَّتِ الْجِبَالُ بَسًّا  فَكَانَتْ هَبَاءً مُّنبَثًّا (4،5،6) މާނައީ “ބިންގަނޑު ގަދަފަދައަށް ހެލިގެންފި ހިނދެވެ. އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެ ހިނދެވެ. ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެ ހިނދެވެ.”

ޤިޔާމަތް ދުވަހުގެ މި ޒަލްޒަލާ ނުވަތަ ދުނިޔެ ދެކޭނެ އެންމެބޮޑު ބިންހެލުން ސިފަކޮށްދެއްވާ މާތްﷲ ވަނީ ކީރިތި ޤުރްއާންގެ އެތައް އާޔަތެއްގައި އެވާހަކަތައް ތަކުރާރުކުރައްވާފައެވެ. ސޫރަތުލް ޒަލްޒަލާގެ ނަމުގައި ވަކި ސޫރުތެއް އެވާހަކަތައް ބަޔާންކުރައްވައި ބާވާލައްވާފައެވެ. ސޫރަތުލް ޒަލްޒަލާގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِذَا زُلْزِلَتِ الْأَرْ‌ضُ زِلْزَالَهَا ﴿١﴾ وَأَخْرَ‌جَتِ الْأَرْ‌ضُ أَثْقَالَهَا ﴿٢﴾ وَقَالَ الْإِنسَانُ مَا لَهَا ﴿٣﴾ يَوْمَئِذٍ تُحَدِّثُ أَخْبَارَ‌هَا ﴿٤﴾ بِأَنَّ رَ‌بَّكَ أَوْحَىٰ لَهَا މާނައީ “ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފި ހިނދެވެ. އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެ އުކާލައިފިހިނދެވެ. އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފި ހިނދެވެ. އެދުވަހުން އެ ބިންގަނޑު، އޭގެ خبر ތަކުގެ ވާހަކަ ދައްކާނެތެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ.”

ތެދެކެވެ. މިއަދު ބިންހެލުން ދުނިޔެއަށް އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ބިންހެލުން އަންނަ އައުންވެސް އަވަސްވެ އިތުރުވެއްޖެއެވެ. އޭގެ ގެއްލުންވެސް އިންތިހާއަށް ބޮޑުވެއްޖެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަން  ބަޔާންކޮށްދެއްވާފައެވެ. ފަހު ޒަމާނުގެ އަލާމަތްތަކުގެ ގޮތުގައި ބިންހެލުން އިތުރުވެގެންދާނެކަން ވަނީ އަންގަވާ ދެއްވައިފައެވެ. އެހެންކަމުން ޤުރްއާނާ ސުންނަތުން ފެންނާންހުރި ހެކިތަކަށް ބަލާއިރު ސައިންވެރިން ބުނަމުން އެދަނީ ތެދެކެވެ. ދުނިޔެއަށް ބޮޑު ބިންހެލުމެއް އަންނާނެއެވެ. އެބިންހެލުން އައުން ދާދި ގާތްވެއްޖެއެވެ.

………………………………………………………..

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment