އަޅުގަނޑުމެން އެންމެން ދަންނަ އަލް މަރްޙޫމް ސައިކުރާ އިބްރާހީމް ނައީމަކީ އަދަބީ ގޮތުން ވަރަށް ގިނަ ޚިދުމަތްތަކެއް ދިވެހި ބަހަށް ކުރެއްވި ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ގޮތުންނާއި ޅެންވެރިކަމުގެ ގޮތުންނެވެ. މި ކުޅަދާނަ ތަޖުރިބާވެރި އަދީބުގެ ލިޔުންކޮޅެއް އަޅުގަނޑަށް ފެނުނު ހިނދު އަޅުގަނޑު ހިތަށްއެރިއެވެ. މިހިރީ، ހާދަ އަގުހުރި ބުނުންތަކެވެ. މި ބާވަތުގެ ޙިކުމަތްތެރި އަދި މުޖުތަމަޢަށް ފައިދާ ހުރި ބަސްބަސް ތަނަވަސްކޮށް ހާމަކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކުޑަކުދިންގެ މަޖައްލާއެއް ކަމުގައިވާ “މޭވާ” އަށް ލިޔުއްވި…

އަޅުގަނޑުމެން އެންމެން ދަންނަ އަލް މަރްޙޫމް ސައިކުރާ އިބްރާހީމް ނައީމަކީ އަދަބީ ގޮތުން ވަރަށް ގިނަ ޚިދުމަތްތަކެއް ދިވެހި ބަހަށް ކުރެއްވި ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ގޮތުންނާއި ޅެންވެރިކަމުގެ ގޮތުންނެވެ. މި ކުޅަދާނަ ތަޖުރިބާވެރި އަދީބުގެ ލިޔުންކޮޅެއް އަޅުގަނޑަށް ފެނުނު ހިނދު އަޅުގަނޑު ހިތަށްއެރިއެވެ. މިހިރީ، ހާދަ އަގުހުރި ބުނުންތަކެވެ. މި ބާވަތުގެ ޙިކުމަތްތެރި އަދި މުޖުތަމަޢަށް ފައިދާ ހުރި ބަސްބަސް ތަނަވަސްކޮށް ހާމަކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ކުޑަކުދިންގެ މަޖައްލާއެއް ކަމުގައިވާ “މޭވާ” އަށް ލިޔުއްވި ލިޔުއްވުމެއްގައި މި ޚިޔާލު ފާޅުކުރައްވާފައިވެއެވެ. އޭނާ ލިޔުއްވިއެވެ.

“މީރު މޭވާ އަޅާ ގަހެއް ގިނަ ދުވަސްތަކެއް ވަންދެން ހައްދައި ބެލެހެއްޓުމަކީ، ވަރަށް ދަތި އުނދަގޫ ކަމެކެވެ. ނަމަވެސް ވަރަށް ބޮޑު ޚިދުމަތެކެވެ. އަދި އެތައް ބަޔަކަށް އެހައި ފައިދާ ވެސް ހުރި ކަމެކެވެ.”

ވަރަށް ބޮޑު ތެދެކެވެ. ގަހެއް ހެއްދިދާނެއެވެ. ނަމަވެސް އެގަހުން ލިބޭ ފައިދާއާ އެކު އެގަސް ހައްދައި ބެލެހެއްޓުން މިވަނީ ވަރަށް ބޮޑުކަމަކަށް ވެފައެވެ. ދަތިކަމަކަށް ވެސް ވެފައެވެ. އެ މަސައްކަތް އެގޮތަށް ދެމެހެއްޓޭނީ އަޒުމު ވަރުގަދަ، ހިތްވަރުގަދަ މީހުންނަށެވެ. އޭނާ އެދެއްކެވީ އެވާހަކައެވެ.

އަދިވެސް އޭނާ ލިޔުއްވިއެވެ. “ކަމެއް ފެށުމަކީ ދާދި ފަސޭހަ ކަމެކެވެ. ފެށުމުގައި ރީތި ކުލަ ޖައްސައިލުމާއި ފެށުމުގެ އަޑުތައް ގަދަކޮށްލުމަކީ، އެއްވެސް ދަތިކަމެއްނެތި ކޮށްލެވިދާނެ ކަންކަމެވެ. ނަމަވެސް ކަމެއްގެ ފެށުން ބޮނޑުނަގުލަށް ދިޔަނުދީ ގިނަ އަހަރުތަކެއް ވަންދެން ހިފަހައްޓާލުމަކީ، އަމުދުން ޒަމާނުގެ ދަތި އުނދަގޫ މައްސަލަތަކާ އަޅާބަލާއިރު ވަރަށް ވެސް ވަރުގަދަ ‘ޖިހާދެކެވެ’.”

ތެދެކެވެ. ވަރަށް ގިނަ މީހުން ވަރަށް ފޯރީގައި ކަންތައްތައް ފަށައެވެ. ކުލަގަދަ “ނަންބަރުތަކާ” އެކީގަ އެވެ. ނަމަވެސް އޭނާގެ ނަޒަރުގައި އުނދަގޫ ކަމަކީ، އެކަމެއް ބޮނޑުނަގުލަށް ދިޔަނުދީ ހިފަހައްޓާލުމެވެ.

މީގައި އެއިޝާރާތްކުރައްވާ ބޮނޑުނަގުލަކީ، ހަށިގަނޑާ ގުޅޭ ހިސާބު ފަލަކޮށް އޮވެފައި ތިރިޔަށް ދިޔަދިޔަހެން ހިމަވަމުން ހިމަވަމުން ގޮސް މުޅިން ހިމަވާ ގޮތަށް އޮންނަ އެއްޗެކެވެ. މާނައަކީ ފަށާ ކަމެއް އެހާ ބޮޑަށް، އެހާ މޮޅަށް ފަށާފައި ދެން ހުލިވަމުން ހުލިވަމުން ގޮސް އެކަން މުޅިން ހުއްޓޭ ގޮތް ދިމާވުމެވެ. މީގެ އަނެއް މިސާލަކީ، ކަމެއް “ހުޅަނގު ވިނަޔަށް” ދިއުމެވެ. އެއީވެސް ހުޅަނގު މޫސުމުގައި ވަރަށް ގަދަޔަށް ހެދިފައި ހުޅަނގު މޫސުން ވޭތިވަމުން ދާވަރަކަށް އެ ވިނަ ހުލިވަމުން ހުލިވަމުން ގޮސް އެމޫސުން ދާއިރަށް އެވިނަ މުޅިން ނެތި ދިއުމެވެ. އޭނާގެ ނަސޭހަތަކީ، ކަންތައްތައް ފަށާއިރު އެކަނޑައަޅާ އަޒުމުގައި ސާބިތުވެ ހުރެ ހަރުދަނާކަމާ އެކީ، ހުލިވެގެން ފަނާވެގެން ނުދާ ގޮތަށް ފެށި ކަމެއް ކުރިޔަށް ގެންދިޔުމެވެ. ކަމެއް ކުރެވުނުކަމަށް ވާނީ އޭރުންނެވެ.

ދުނިޔޭގައި ވެސް ރާއްޖޭގައި ވެސް އެމީހެއްގެ މަސައްކަތުގައި ކުރިއަރާފައިވާ މީހުންނަށް ނަޒަރު ހިންގާލައި ދިރާސާއެއް ކޮށްލައިފި ނަމަ، މިއިޝާރާތްކުރި ސިއްރު ހާމަވެގެންދާނެއެވެ.

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment