000އަޙްމަދު ޝަފީޤު ( 23 ސެޕްޓެންބަރުގެ ބަޔާ ގުޅޭ) މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 143 (ފެބުރުވަރީ1991) ވަނަ ޢަދަދާއި  144 (މާރިޗު 1991) ވަނަ ޢަދަދުންނެވެ. ________________________________________________________ ލިޔަމުންދާ މައުޟޫޢުގެ މިހައިތަނުން ދިވެހިން ދުނިޔޭގެ ތެރެއަށް ހޭލެވުމުން ތެދުވެވެމުން އައިގޮތާމެދު ބަލާލާ ބެލުމެއްގައި ދިވެހިންގެ ޒަމާންތަކުގެ މައްޗަށް ކޮންމެވެސް ވަރަކަށް ނަޒަރެއް ހިންގައިލުން އެކަށީގެންވާ ކަމަށް ފެނެއެވެ. ދިވެހިންގެ ޒަމާން ބެހިގެންދާ ގޮތާ މެދު އެކިއެކި މުފައްކިރުންނާއި، މުއައްރިޚުންނާއި، ލިޔުންތެރިންގެ މެދުގައި ޚިޔާލު ތަފާތު ކަމަށް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އަޙްމަދު ޝަފީޤު

( 23 ސެޕްޓެންބަރުގެ ބަޔާ ގުޅޭ)

މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 143 (ފެބުރުވަރީ1991) ވަނަ ޢަދަދާއި  144 (މާރިޗު 1991) ވަނަ ޢަދަދުންނެވެ.

________________________________________________________

ލިޔަމުންދާ މައުޟޫޢުގެ މިހައިތަނުން ދިވެހިން ދުނިޔޭގެ ތެރެއަށް ހޭލެވުމުން ތެދުވެވެމުން އައިގޮތާމެދު ބަލާލާ ބެލުމެއްގައި ދިވެހިންގެ ޒަމާންތަކުގެ މައްޗަށް ކޮންމެވެސް ވަރަކަށް ނަޒަރެއް ހިންގައިލުން އެކަށީގެންވާ ކަމަށް ފެނެއެވެ.

ދިވެހިންގެ ޒަމާން ބެހިގެންދާ ގޮތާ މެދު އެކިއެކި މުފައްކިރުންނާއި، މުއައްރިޚުންނާއި، ލިޔުންތެރިންގެ މެދުގައި ޚިޔާލު ތަފާތު ކަމަށް ދެކެމެވެ.

ދިވެހިންގެ ޙަޔާތުން ފާއިތުވެދިޔަ ޒަމާންތައް، ޤަދީމީޒަމާނާއި، މެދުޒަމާނާއި، އަދި އައުޒަމާން (މިޒަމާން) މިގޮތަށް ތިންބަޔަކަށް ބައްސަވައިގެން ލިޔުއްވި ބޭފުޅުންގެ ތެރެއިން ބައެއް މުއައްރިޚުން ޤަދީމީ ޒަމާންތަކަށް ބައްލަވާފައިވަނީ، ދިވެހިންގެ ފެށުމާ ހަމައިން މުސްލިމް ޤައުމަކަށްވުމާ ހަމަޔަށެވެ. މެދުޒަމާންކަމަށް ބައްލަވަނީ، އިސްލާމްދީން ލިބިގަތުމާ ހަމައިން ދުސްތޫރީ ދައުލަތެއް ލިޔެވިގެންވާ ޤާނޫނެއްގެ މަތީން ލިބެވުނު ދުވަހާއި ހަމައަށެވެ. މިގޮތަށް ބެއްލެވި ދިވެހިންގެ މުފައްކިރުންގެ ތެރޭގައި ހިމެނުނު ޢިލްމުވެރިން ބެއްލެވި ގޮތުގައި، ޕޯޗްގީޒުންގެ އަޅުވެތިކަމާއި، އެމީހުން ކިބައިން މިނިވަންވުމާއި، މިކަންކަން މެދުޒަމާނުގެ ތާރީޚުގެ ތެރެއަށް ވަދެގެން ދެއެވެ. ދިވެހިންގެ މިޒަމާނަކީ، ނުވަތަ އައުޒަމާނަކީ އެބޭފުޅުންގެ ނަޒަރުގައި 1932މ. އާ ހަމައިން ހިނގަމުންމިދާ ޒަމާނެވެ. މަތީގައި ދަންނަވައިދިޔަހެން ކަމަށްވާނަމަ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައިވުމާއި، މިކަންކަން މެދުޒަމާނުގެތެރެއަށާއި، އަދި މިޒަމާނުގެ ތެރެއަށް ވަދެގެން ދެއެވެ.

ދިވެހިންގެ މައްޗަށް ނުވަތަ ދިވެހި ރާއްޖޭގެ މައްޗަށް އެންމެ ތަފްޞީލް ބަޔާން ތަކެއް ލިބޭ ބޭރުގެ ބައެއް ލިޔުންތެރިންގެ ނަޒަރުގައި އަދި އެބޭފުޅުންގެ ލިޔުއްވުމުގައި ދިވެހިންގެ މިޒަމާން ފާހަގަކުރައްވާފައިވަނީ 1800މ. ވަނަ އަހަރާ ހަމައިން ފެށިގެންނެވެ. އެއީ އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (2) ގެ ރަސްކަމުގެ ތެރެއެވެ. މިގޮތަށް އެޗް.ސީ.ޕީ.ބެލް އާއި ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެ ލިޔުއްވުންތަކުގައި ވެއެވެ.

އަޅުގަނޑުގެ މައުޟޫޢުގައި ދިވެހިންގެ ޒަމާންތަކުގެ މައްޗަށް ކޮންމެވެސް ވަރެއްގެ ބަޔާނެއް މިދިނީ ލިޔަމުންދާ ލިޔުމުގައި އެކި ޙާދިޘާތައް ފާހަގަކޮށް ބަޔާންދެމުން ގެންދިޔުމަށް ފަސޭހައަކަށް ޓަކައެވެ. ދިވެހިންގެ ޒަމާނާމެދު ގޮތެއް ކަނޑައެޅޭނޭ މީހަކީ އަޅުގަނޑު ކަމަށް ވާތީއަކީ ނޫނެވެ. އަޅުގަނޑުމެންގެ ޒަމާން ތިންބަޔަކަށް ނުވަތަ އެޔަށްވުރެ ގިނަބަޔަކަށް ބަހައިލުމަށް އަޅުގަނޑުގެ ގަލަން އެކަށީގެން ނުވެއެވެ. ޙާލާއި މުސްތަޤުބަލުގެ ޢިލްމުވެރިން މިކަމާމެދު ބަޙްޘުކޮށް ގޮތެއް ނިންމަން ފެންނަ ހިނދަކު އަޅުގަނޑުމެންގެ ބުއްދިތައް ޤަބޫލުކުރަންޖެހޭ ހަމަތަކެއް ދައްކައިގެން އެކަން ގޮތަކަށް ނިންމާފާނޭ ދުވަހެއް އަތުވެދާނެއެވެ.

އާދެ، ޤަދީމީ ޒަމާންތަކުގެ ތެރެއިންލާފައި ދިވެހި ޖީލުތައް މިއަދުގެ އަޅުގަނޑުމެންނާ ހަމަޔަށް ދެމިގެން އައިއިރު، ދިރިއުޅުމުގެ ޗާޓުގައި ފާހަގަކުރެވިގެންދިޔަ ދިވެހިންގެ ޙަޔާތާ ބެހޭ އެކިއެކި ނުކުތާތައް އަޅުގަނޑު މިހާތަނަށް ލިޔަމުން މިގެނައި ލިޔުމުގައި އަޅުގަނޑު ވިސްނީ ޚުލާޞާކުރެވިގެންވާ ދީބާޖާއެއް ކަމަށެވެ. ލިޔަންވީ ވާހަކައަށް ތަން ހޯދުމުގެ ގޮތުން ދޭން ބޭނުންވާ ބަޔާނެއް ކަމަށެވެ.

އަޅުގަނޑު ލިޔަމުން ގެނައި ވާހަކައިގެ މިހައިތަނުން ދެން އަޅުގަނޑު ގަސްދުކުރަނީ ދިވެހިންގެ އިޤްތިޞާދީ ފުދުންތެރިކަމާ ބެހޭ ގޮތުން، ދުރު ކާބަފައިންނާ ހަމައިން ލިބޭ އެނގުންތަކެއް ބަޔާންކުރުމަށެވެ.


ދިވެހިންގެ އިޤްތިޞާދީ ޙަޔާތް

ޢާންމު މާނައިގައި އިޤްތިޞާދަކީ، މުދާ އުފައްދައި އިތުރުކޮށް އެކި ފަރާތްފަރާތަށް އެމުދާ ބަހައި ޚަރަދުކުރެވޭ ގޮތެވެ. އެހެންކަމާއެކު، ޒަމާން ހިނގަމުންދާ ގޮތެއްގެ މަތީން ދިވެހިންގެ އިޤްތިޞާދަކީވެސް މިހެން އޮތް ކަމެކެވެ. އަދި މިއީ ދިރިއުޅުމުގެ މައިގަނޑު ބައެކެވެ.

ކުރެވޭ މަސައްކަތުން ލިބޭ ތަކެތީން މައިގަނޑު ބޭނުންތައް ފުއްދުމަށްޓަކައި، ލިބޭ މިންވަރު ބަލަމުން ދިރިއުޅުން ތަރައްޤީ ކުރަމުން ގެންދިޔުމަކީ، އިޤްތިޞާދީ ޢިލްމުން އަންގައިދޭ އެނގުމެކެވެ.

ކަން މިހެން އޮތްއިރު ދިވެހި މުސްލިމުން އިޤްތިޞާދުކުރުމުގައި ދީނީ ޢިލްމުން އަންގައިދޭ އެނގުމެއްގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ދިރިއުޅުން އުފައްދައި ކުރިއަރުވައެވެ. އިސްލާމްދީނުގެ ޙައްދުގެ ތެރޭގައި ދިރިއުޅެ އިޤްތިޞާދުކުރިއެވެ. ތަކެތި ހޯދުމާއި އެއްކުރުމާއި، އެއިން ހޭދަކުރުން އިސްލާމީ އިޤްތިޞާދުގެ މައްޗަށް ބިނާކޮށް ދިވެހި އިސްލާމީ ޖީލުތައް ހަޔާތުގެ ރާސްތާތައް ކަޑައްތުކޮށް މިއަދުގެ އަޅުގަނޑުމެންނާ ހަމަޔަށް އައެވެ.

އާދެ، ތަކުރާރުކޮށް ބުނަން ޖެހުނު ކަމުގައިވިޔަސް އަޅުގަނޑުމެން ދިވެހިންނަކީ ޖަޒީރާތަކެއްގެ އަހުލުވެރިންކަމަށް ބުނަންޖެހެއެވެ. މިޖަޒީރާތަކަށް ފުރަތަމައަށް އައި މީހުން ދިރިއުޅެން ފަށައިގަތީ، އަދި ކައިބޮއި އުޅުނީ، ބިމުންލިބޭ، އަދި އުފައްދާ ތަކެތީން ކަމަށް ބުއްދީގެ ގޮތުން ޔަޤީންކަން ލިބޭ ކަމާއެކު، އެކާބަފައިންނަކީ، އިޤްތިޞާދީ ބަޔަކު ކަމާމެދު ވަރަށް ކަށަވަރެވެ. ބުނާ މީހަކު އަލުންވެސް ބުނާނޭ ފަދައިން ނުވަތަ ތަކުރާރުކޮށް ބުނަންޖެހޭ ފަދައިން، ކެއިންބުއިމާއި، އުނުފޭރާމާއި، ހަށިގަނޑުގެ ފަރުވާތަކަށް ބޭނުންވާ ބޭސްވެރިކަން ދިވެހި ބިންތަކުން ފުއްދަމުން، ކަނޑުފަޅުގެ ކެޔޮޅުކަމަށް އެނބުރިގަތް ކަމަށްވެސް މިމައުޟޫޢުގައި އަލުން ލިޔެލަން ޖެހެއެވެ. މިގޮތަށް ފެށުނު ދިވެހި ދިރިއުޅުމަށް ކަނޑުގެ ދަތުރުފަތުރަށް ފެށިގެން އިޤްތިޞާދީ ތަނަވަސްކަމުގެ ދާއިރާ ފުޅާކުރީއެވެ.

އާދެ، ދިވެހިންގެ ޙަޔާތް މިރޮނގުން ތަނަވަސްވެގެން ދިޔުމުގައި، ދުނިޔޭގެ ދުރާއި ގާތުން ވިޔަފާރިވެރިން މިރާއްޖެއަށް އައެވެ. ވިޔަފާރި ޢާންމުވާން ފެށުނެވެ. އަދި ދިވެހިންވެސް ދިވެހި ބިމުން ލިބުނު ލަކުޑިފަކުޑިން ދަތުރުމަތީ އުޅަނދު ބަނދެގެން ބޭރު ތަންތަނަށް އެކިއެކި ބޭނުންތަކުގައި، ޚާއްޞަކޮށް ވިޔަފާރިކަމުގޮސް އައިސް ދިރިއުޅުން ތަނަވަސްކުރަމުން ޖީލުތައް މިއަދުގެ ދަރީންނާ ހަމަޔަށް އައެވެ. ޖަޒީރާތަކުގެ އަހުލުވެރިންނަށް ވާތީ، ދިރިއުޅުމުގައި އިޤްތިޞާދުކުރުމަކީ، ދިވެހިން ބޭނުންނުކޮށް ފަރުނުޖެހޭނޭ ކަމަކަށް ވިއެވެ.

އެވޭލާގެ ދިވެހިންގެ އިޤްތިޞާދީ ދަނޑަށް ވަދެވަޑައިގަތް ހޯދުންތެރިންގެ އެނގުންތަކުން ލިބޭ އަލީގައި ވިސްނާއިރު، އިޤްތިޞާދީ ތަނަވަސްކަން ހޯދުމަށް، ކުރެވެމުން ދިޔަ މަސައްކަތާއި، އާމްދަނީ ހޯދުމުގެ ވަސީލަތްކަމަށްވާ، ވިޔަފާރީގެ ދާއިރާ ފުޅާވަމުން ދިޔައީ ރާއްޖޭގެ ބޭރާއި ގުޅުން ހިންގަން ފެށުނު ޒަމާނަކުން ފެށިގެންނެވެ.

ފެންނަންހުރި ލިޔުންތަކުން އޮޅުމެއް ނެތި އެނގޭ ގޮތުގައި، ޢީސާގެފާނު ދުނިޔެއަށް ފާޅުކުރެއްވިއިރުވެސް “ދިވެހިން” ނާއި، އެފްރިކާގެ ރަށްރަށާއި އަދި އިރުމަތީގެ ކަރަތަކުގެ ރަށްރަށުގެ ދަތުރުވެރިންނާއި ވިޔަފާރީގެ ގުޅުން ހިނގަމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ. ހަމަ އެހެންމެ، ޢީސާގެފާނުގެ ފަސް ޤަރުނުކުރިން، ދިވެހިންގެ މަސްވެރިކަމުންނާއި، ދިވެހިރާއްޖޭގެ ރަށްތަކުން ލިބޭ، ކާށްޓާއި މަހުން ތަނުގެ އަހުލުވެރިން އާމްދަނީ ހޯދާކަން، ސީނުކަރައިގެ މަޝްހޫރު މާހުވާންގެ ލިޔުއްވުންތަކުން އެނގޭކަމަށް ވެއެވެ.

އެވޭލާގެ ދިވެހި ޤާފިލާތަކާއިގެން ޤަރުނުތައް ވޭތުވަމުން އައިސް، އެކިއެކި ޒަމާނުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި ބޭރުގެ ދަތުރުވެރިން (ސައްޔާޙުން) ކުރެ 150 އޭ.ޑީ.ގައި، ޓޮމަލީ، އަދި 1030 އޭ.ޑީ.ގައި އަލް ބައިރޫނީ، އަދި ހަމަ އެހެންމެ، 1368 އިން  1279 އޭ.ޑީ އާ ދެމެދު އަނެއްކާވެސް ސީނުކަރައިގެ ލިޔުންތެރިއެއްކަމަށްވާ، ވާންޑާޔޫއާން، ކުރިން ދަންނަވައިދިޔަ، މާހަވާންގެ ހޯދުންތަކާއި ދާދި އެއްކަހަލަ ގޮތަކަށް ދިވެހިންގެ މަޢީޝަތާއި އިޤްތިޞާދުގެ މައްޗަށް ލިޔުއްވާފައިވާ ކަމަށް ދިވެހިންގެ އެކި ޚާއްޞަ މުއައްރިޚުން ލިޔުއްވައި ޝާއިއުކުރައްވާފައިވެއެވެ.

wp_20161001_22_03_57_pro-2އާދެ މީލާދީން 1200 އަހަރުގެ ކުރިއްސުރެން ފެށިގެން، ދިވެހިންގެ ފައިސާއަކަށް “ދިވެހިބޮލި” (ސީޕްރިޔާ މޮނިޓާ) ބޭނުންކުރަމުން އައިކަންވެސް ދިވެހި ތާރީޚާ ބެހޭ ލިޔުންތައް ބަލާ މީހަކަށް އޮޅުމެއް ނެތް ގޮތުގައި އެނގެއެވެ. މިބޮއްޔަކީ، ދިވެހި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށުންނާއި ފަޅުތަކުން ދިވެހިން ހޮވާ ނަގާ އެއްކުރާ އެއްޗެކެވެ. އަދި މިއީ ދިވެހި ދިރިއުޅުމުގެ މައިގަނޑު އެއް މަސައްކަތް މެއެވެ. ހަމަ އެހެންމެ ދިވެހި ރާއްޖޭން ހޮވާ ނުވަތަ ހިލާ ބޮއްޔަކީ އެނގެން ނެތްހާ ދުރު ޒަމާނުން ފެށިގެން މިރާއްޖޭގެ އެކްސްޕޯޓް މުދަލެކެވެ. މަޝްހޫރު އިބްނު ބަޠޫޠާ (1343 –1344އަށް) ހޯއްދެވި ހޯއްދެވުމުން ވެސް އަޅުގަނޑުގެ މިބަހަށް ތަފްޞީލް ލިބެއެވެ.

ދުރުގެ ކާބަފައިންގެ ދިރިއުޅުމުގައި ޤުދްރަތީ މުއްސަނދިކަން، އޭރުގެ ދިވެހިންނަށް ފުދި އިތުރުވާކަމަށް ފެނެއެވެ. އެއީ އިޤްތިޞާދުގެ މިންގަނޑު އެޒަމާނުގައި އޮތް ފެންވަރުން ކަމަށް ވާނެއެވެ. ދިވެހިންގެ ކާނާޔާއި، އުނު ފޭރާމާއި، އަދި ބޭސް، ދިވެހި ބިމާއި ކަނޑުން ފުއްދާ މުޅިން އިތުރުވެއެވެ.

ބޮލި އެއީ ފައިސާކަމަށް ވެގެން، އަދި ބޭރުކުރާނޭ މުދަލަށްވެސް ވެގެން ދިޔަ ދިޔުމުގައި، ޒަމާންތައް އޭގެ ކޮޅާއި ކޮޅު ގުޅައިދީ މުއްސަނދިކަން އިތުރުވަމުން ގޮސްފައިވެއެވެ. މާވަހަރާއި، ހިކިމަހާއި، އަދި ރޯނަކީ އެއީ އެންމެ މަންފާ ބޮޑު އެއްޗެހިކަމަށް ވިއެވެ.

ދިވެހިންގެ އޭރުގެ ޤުދްރަތީ މުއްސަނދިކަމާއި، އުފެއްދުންތެރިކަމުގައި، އިޤްތިޞާދީ ގޮތުން ފުދިގެންތިބި ތިބުން ސޯޅަވަނަ ޤަރުނާ ހަމަޔަށް އައިއިރު، އެތެރެވަރީން އޭރު ބަސްކިޔަން ތިބި ހުރިހާ ފަރާތްތަކުގެ ލޯތައް ތޫނުކަމާއެކުގައި ހުރީ ދިވެހިރާއްޖޭގެ މައްޗަށް ދިއްކުރެވިފައެވެ. އެހެންކަމާއެކު ހަމަ އެދަނޑިވަޅު އެތެރެވަރީގެ މައްޗަށް އޭރު ވެރިވެފައިވާ ޕޯޗްގީޒުންގެ ބާރު ދިވެހިރާއްޖޭގެ މައްޗަށް ގަދަވެގަތެވެ. އަދި ޤުދްރަތީ ހުރިހާ މުއްސަނދިކަމަކާއި، ދިވެހި އުފެއްދުންތެރި ހުރިހާ ތަކެއްޗަކާއި މުދަލަކާއި މިލްކިއްޔާތުން އެމީހުން ޝިކާރަކޮށްފިއެވެ. އެމީހުން ބޭނުންކުރި ސިއްކައެއް ދިވެހިންގެ މައްޗަށް ހިންގި މެއެވެ. އަދި ދިވެހިންނާ ގުޅިފައިވާ ބޭރުގެ ވިޔަފާރިވެރިންގެ ގުޅުންތައް ކަނޑުވާލިއެވެ. ނަތީޖާއެއްގެ ގޮތުން ޤައުމީ އިޤްތިޞާދު ގެއްލިގެން ދިޔަދިޔުމުގައި ހުރިހާ މާނައެއްގައި ދިވެހި އިސްލާމީ ރަށްވެހިކަން އެތައް އަހަރަކަށް މެދުކެނޑިގެންދިޔައީ އެވެ. އެއީ މީލާދީން 1558 އިން 1573 އަށެވެ. އެޒަމާނުން އެހާތަނަށް ތިބި ގޮތްހުރި “ތަނަވަސް” ދިވެހިންނަކީ، މުލައްދަނޑީގެ ބާރުން މުދައު ހޯދައިގެން އެމުދަލުން އަނެކުންނަށް އެހީ ވެދެމުން ނިކަމެތިންގެ ހާލުދެކެ އެހީ ފޯރުވަމުން ތިމަތިމާމެންގެ އުފާތައް ލިބިގަންނަމުން ދިޔަ މީހުންނެވެ.

ކޮންމެއަކަސް ޣާޒީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްކުރައްވައި ދިވެހި ރަށްވެހިކަން އަލުން ގެނެސްދެއްވުމުގައި އިޤްތިޞާދީ ބިންގާ އަލުން އަޅުއްވައި ދެއްވުމާއި ގުޅިގެން ފުރަތަމަ މަޢުދަނީ ފައިސާފޮތި “ދިގުލާރި” އަގުކުރެވިގެންވާ ދިވެހި ސިއްކައެއްގެ ގޮތުން ޢާންމުކުރެއްވޫއެވެ. ބޯހިމެނުމަކުން ދިވެހިރާޢްޖޭގައި ފުރަތަމައަށް ނެގި ތަފާސް ހިސާބު ނަންގަވައި ދައުލަތަށާއި ރައްޔިތަށް ފައިސާ އާއި އާމްދަނީ ލިބޭނެ މަގުތައް ހުޅުވައި ދެއްވިއެވެ. ކުރީ ޒަމާނެއްގައި ދިވެހި ރާއްޖޭގެ ލާރި ޖާވާ ގެންގޮސްގެން އެސިއްކައިގެ މަތީގައި “جاوا” މިނަން ލިޔެ ބޭނުންކޮށްފައިވާކަން އެނގެއެވެ. މިލާރި ބޭނުންކުރި ދުވަސްވަރަކަށް 1760 މ. ވަނަ އަހަރު ފާހަގަކޮށްފައި ވެއެވެ.

 1673 މ. ވަނަ އަހަރު ހާތަނުން ފެށިގެން ދިވެހިންގެ މަޢީޝަތު އަލުން ލިބިގަތުމާ ގުޅިގެން، ބޭރު ވެހީންކުރެ ކުރީގެ އެކުވެރި ވިޔަފާރިވެރިން އަލުން ގުޅެމުން އައިކަމަށް ދޫދޫމަތިން ބުނެވެއެވެ. މިގޮތުން ސެޓިގަމް މީހުންނަކީ، މޫސުމީ ދަތުރުގައި މިރާއްޖެ އައިސް މާލެފައިބާ ބަނޑަހަޖަހައިގެން ވިޔަފާރިކޮށް އުޅުނު ބައެއް ކަމަށް ވެއެވެ. އެންމެ ޒަމާންވީ ކިސަޑުމުށީގެ ކަންވާރާއި، ލޮއިކަންވާރާއި، އަދި ބައެއް ވައްތަރުގެ ކަރުދާސް ސެޓިގަމަށް ނިސްބަތްވެގެން މިއަދުގެ ޖީލުގެ އަތްމައްޗަށްވެސް ނަމޫނާ ލިބިފައި އެބަހުއްޓެވެ. ދުރުކާބަފައިންގެ އާސާރީ ތަރިކައިގެ ތެރޭގައެވެ. އޭގެ ފަހުން ވިޔަފާރި ދަތުރުވެރިން ކަމުގައި ބެލެވޭ، ކަޗޭ މީހުންނަކީވެސް ކުރީ ޒަމާނާއި ހަމައިން ގުޅިފައިވާ ބައެއް ކަމަށް ބެލެވެއެވެ.

އާދެ، ވަރަށް ފަހަކާ ޖެހެންދެން ބިދޭސީންނަކީ ފުރަމާލެ ނޫންތާކަށް މިގޮތަށް ފައިބާ ތިބުން ހުއްދަ ބައެއް ނޫނެވެ. އެހެންކަމުން، ފަހަކަށް އައިސް އެންމެ ފަހުން ތިބި ވޯރާ ވިޔަފާރިވެރިންވެސް ވިޔަފާރި ހިންގީ މާލޭގައި ތިބެގެންނެވެ. ވޯރާވިޔަފާރިވެރިން އައުމުގެ ކުރީގައި ރާއްޖޭގައި ފައިސާގެ ގޮތުން ބޭނުންކުރަމުން އައީ ދިވެހިރާއްޖޭގައި އުފައްދާ ދިވެހި ސިއްކަ އެވެ. ކުރީގައި ދެންނެވި ދިގުލާރިއަށް ފަހު ދެން ފުރަތަމަ ސިއްކައެއް ނެރުއްވި އިސްކަންދަރު މަހާރަދުން (1648 ން 1687) ނެވެ. އެއީ ރިހީގެ ވަށްލާރިއެކެވެ.

ވިހި ރަސްކަލުން އެކި އަގުއަގުގައި ލާރި ނެރުއްވޫއެވެ. ދިގުލާރި، ކުޑަލާރި، ދެލާރި، ބޮޑުލާރި، ލާރި، އެއްލާރި، ހަތަރުލާރި، މިނަންނަމުގައެވެ. ރަންވަންލޮއި، ރިހިރަތުލޮއި، ޓިނު އަދި ރިހިންނެވެ. ރަނުން “މޮހޮރީ” އަދި ބައި މޮހޮރީ ޙާޖީ ހަސަންނޫރުއްދީން ރަދުން ( 1778- 1798) ފުރަތަމަ ނެރުއްވޫއެވެ.

ޣާޒީ ބޮޑުތަކުރުފާނުގެ ކުރިން “ބުޅިލާރި” މިހެން ކިޔާ ލާރިއެއްވެސް ބޭނުންކުރި ކަމަށް ވެއެވެ.

1850މ. ގެ އަހަރަކުން ފެށިގެން އިންޑިޔާގެ ރިހިރުފިޔާ ފައިސާފޮތި، އަދި ސިލޯނުގެ ރިހިލޯ މަޢުދަނުގެ ވަށް ފައިސާފޮތި (އިނގިރޭސި ސިއްކަ) މާލޭގައި އޭރު ތިބި ވޯރާވިޔަފާރިވެރިން މެދުވެރިވެގެން ހިންގަމުން ގެންދިޔައެވެ. މޫނުމަތީގެ އަގު 25 ސެންޓު، 50 ސެންޓު، 100 ސެންޓް، މިގޮތަށް ހުއްޓެވެ.

100 ސެންޓަކީ  120 ލާރި ކަމަށް ކަނޑައެޅި އޭގެ ދަށުގެ އަގުގެ ފައިސާފޮތިތަކަށް އޭގެ ކަސްރު އަގު ހަމަޖައްސާފައިވެއެވެ. އަދި ހަމަ އެހެންމެ ވިލާތު ރަންފައުނުވެސް އަގުމަގުކޮށްގެން ފައިސާކަމަށް ގެންގުޅުނެވެ. ގިނަ ދުވަހު އޭގެ އަގު ދެމެހެއްޓިފައި އޮތީ ފައުނަކީ 12 ރުފިޔާކަމަށެވެ.

ފުރަތަމަ ޕޯސްޓް އިސްޓޭމްޕެއް ނެރުނީ ފަސް ސެންޓުގެ އަގުގައެވެ. އެއީ 1909މ. ގައި ނެރުނު މުންނާރުޖެހި އިސްޓޭމްޕެވެ. ފައިސާކަމަށް ބޮލި ބޭނުންކުރި ޒަމާނުގައި އަގުމަގުކޮށްފައިވާ ގޮތުގެ ޓޭބަލެއް ތިރީގައި އެވަނީއެވެ.

 5 ފުއްބޮލި      =1 އަގި

 25 އަގި ( 125ފުއް) =1 ހިޔަ

8 ހިޔަ (1000ފުއް)  =1 ފައު

12ފައު ( 12000ފުއް)=1 ކޮއްޓޭ

ތާރީޚީ ރަސްމީ ލިޔުމުން އެނގޭ ގޮތުގައި މީލާދީން ސަތާރަވަނަ ޤަރުނުގެ ތެރޭގައި ބޭރު ފައިސާއަކަށް ބޮލީގެ އަގުމަގު ހަމަޖެއްސިއިރު އެއްކޮއްޓޭ ބޮއްޔަށް، ރިހި ނަރުން ހުންނަ ވަކި ބަރުދަނެއްގެ، ބޭރު ސިއްކައެއް ލިބެއެވެ. ފަސްދޮޅަސް ހާސް ބޮއްޔަށް “ޕީސަސް އޮފް އެއިޓް” ނަމުން ނަންދީފައިވާ (އަށެއްގެ އެތިކޮޅުގެ ނަންދީފައިވާ) އެއް ޑޮލަރު ލިބެއެވެ.

އާދެ، ދިވެހިންގެ އިޤްތިޞާދުގެ ތެރޭގައި ވިޔަފާރީގައި ބޭނުންކުރި ފައިސާ، މަތީގައި ދެންނެވި ރޯލްތައް ކުޅެމުން އައިސް ދިވެހިންގެ އައުނޫޓް ފުރަތަމައަށް ނުކުތީ 1947މ. ގައެވެ.

(ނުނިމޭ)

About the author
Leave Comment