ފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީ ފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީ (ރަޙިމަހުﷲ) އަކީ، އައްޑުއަތޮޅު ހުޅުދޫ ވާރުގޭ އަޙްމަދު ދީދީގެ ތުއްތު ދީދީއެވެ. ޝައިޚު ލުޠުފީ އަރަބި ބަހާއި ދީނީ ތަޢުލީމު ހާސިލުކުރެއްވީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނުގެ އަރިހުންނެވެ. އެއަށް ފަހު މަތީ ތައުލިމު ފުރިހަމަ ކުރެއްވީ މިސްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. އެމަނިކުފާނުވަނީ، އެމަނިކުފާނުގެ ދުވަސްވަރު ނުކުތް ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. ޝައިޚު އިބްރާހީމް ލުޠުފީ ފުރުއްވި މަގާމުތަކުގެތެރޭގައި ދައުލަތުގެ ބަންޑާރަ ނާއިބުކަމާއި ވަޒީރުލް އައުޤާފުކަމާއި…

ފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީ

sh-i-luthufyފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީ (ރަޙިމަހުﷲ) އަކީ، އައްޑުއަތޮޅު ހުޅުދޫ ވާރުގޭ އަޙްމަދު ދީދީގެ ތުއްތު ދީދީއެވެ. ޝައިޚު ލުޠުފީ އަރަބި ބަހާއި ދީނީ ތަޢުލީމު ހާސިލުކުރެއްވީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނުގެ އަރިހުންނެވެ. އެއަށް ފަހު މަތީ ތައުލިމު ފުރިހަމަ ކުރެއްވީ މިސްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވަރސިޓީންނެވެ.

އެމަނިކުފާނުވަނީ، އެމަނިކުފާނުގެ ދުވަސްވަރު ނުކުތް ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.

ޝައިޚު އިބްރާހީމް ލުޠުފީ ފުރުއްވި މަގާމުތަކުގެތެރޭގައި ދައުލަތުގެ ބަންޑާރަ ނާއިބުކަމާއި ވަޒީރުލް އައުޤާފުކަމާއި ދައުލަތް ހިންގާ މަޖިލީހުގެ މެންބަރުކަމާއި މަޙްކަމަތުއް ޝަރުޢިއްޔާގެ ބޮޑު ނާއިބުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފަދަ މަގާމުތައް ހިމެނެއެވެ.

ޝައިޚު އިބްރާހީމް ލުޠުފީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 15 ސެޕްޓެންބަރު 1894 ގައެވެ. އަވަހާރަވީ، 26 އޯގަސްޓް 1951 ގައި މަދީނަތުއް މުނައްވަރާގައެވެ.

ޝައިޚު އިބްރާހީމް ލުޠުފީގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، “ސަރުކާރުގެ ޚަބަރު” ގެ އަދަދަކުންނެވެ.

__________________________

މުޙައްމަދުގެފާނުންގެ މާތްކަމާއި ފުރިހަމަކަމުގެ ކޮޅެއްނެތެވެ. ބަޔާންކުރުމަށް ކުޅަދާނަކަން ލިބިގެންވާ ގަލަމަކީ ކޮބައިތޯއެވެ؟ އެމާތްކަމުގެ ޙައްޤު، އެ މަޤާމަށް ވާފީކޮށްދެވޭނޭ ދުލެއްވޭތޯއެވެ؟ ނެތެވެ. ނުވާނެއެވެ. ނަމަވެސް ބަރަކާތް އަދައިގެން އެ މައިދާނުގައި ހިނގައިލުމީ ގަލަމުގެ ވާޖިބެކެވެ.

މުޙައްމަދުގެފާނުންގެ އާދައަކީ ރިވެތި ގޮތްތަކެވެ. އުޅުއްވުމަކީ މާތް ޚަޞީލަތް މެއެވެ. ސިފައަކީ (ޚުލްޤު) ފުރިހަމަކަންތައްތަކާއި، މާތް ބަސްތަކެވެ. އިންސާނީ ދާއިރާގެތެރޭގައިވާ އެންމެހައި އުނިކަންތައްތަކާއި ހުތުރުކަންތައްތައް ފިޔަވައި ޠާހިރުކަން ލިބިގެންވުމީ، ކައު، އިތުރު ނަބިއްޔާއަށް ލާޒިމު ސިފައެކެވެ. ކަނޑައެޅިގެންވާ ޚުލްޤެއް މެއެވެ.

ބަޔާން އިސްވެދިޔަ ފަދައިން، އެންމެހާ ފުރިހަމަ ނަލަކަންތައް، މުޙައްމަދުގެފާނުން ވަށައިގެން ވާހިނދު،އެ ޒީނަތްތެރި ބަގީޗާއިން، ބިންނާންވީ ހަމައެކަނި އޯކިޑުމަލާއި، ކާމިނީޕޫލްތޯއެވެ؟   މާމެލާމެލީގެ ރާނީ، އަތުލައިގަނެވޭތޯ ނުބަލާނީ ކާކުތޯއެވެ؟ ބުއްދިވެރިއާއަށް ވާޖިބުވަނީ، މިބަގީޗާގެ ގުލްދަސްތާތަކުން، އޭނާގެ ޙަޔާތް ޒީނަތްތެރިކުރުމެވެ. ނަމަވެސް މިއަދުގައި، ބިނުމަށް ގަސްތުކުރީ ދެމަލެކެވެ. އެއީ (1) ތެދުވެރިކަން (2) އަމާނާތްތެރިކަން އެވެ.

ތެދުވެރިކަމަކީ ބަހާއި ކަމުގައި ސީދާ ވުމެވެ. ކަން، ވީގޮތަށް ބުނުމެވެ. ފުރިހަމަ ގޮތުން ކަންތައް ކުރުމެވެ. ތެދުވެރިކަމާއި، ދޮގުވެރިކަމާއި ދެމެދުގައި ވާސިޠާއެއް ނެތެވެ. މިހެންވެ ތެދުން ކައްސާލައިފި މީހާ އޮންނާނީ ދޮގުވެރިކަމުގެ ކަނޑަށް ޣަރަޤުވެފައެވެ. އޭނާގެ ޚުލްޤަކީ، ސިފައަކީ ކަންތައްވީ ގޮތާއި ޚިލާފަށް ދުލުން ބުނެ ފައުޅު ކުރުމެވެ. ޙީލަތާ، މަކަރުން، ބާއްޖަވެރިކަން، ހޯދައިގަނެވޭތޯ ގަދައެޅުމެވެ.

އާދޭހެވެ! އޭނާގެ ނަފުސު އެދޭ ގޮތުގެ އިދިކޮޅަށް އޮއިވަރު ގަދައެވެ. އެތައްޔާރުގައި، ދަމާ، ގެންގޮސް ވައްޓައިލީ، ނިހާޔަތެއް ނެތް ވަޅުގަނޑަކަށެވެ. ޙާލެއް ނެތުނީއެވެ. އެހީތެރީން ޣާއިބު ވީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

ތެދުވެރިކަކީ، ކައު، އިތުރު، ރަސޫލާގެ ޚުލްޤެވެ. ޢަރަބީންނާއި، ބުއްދިވެރީންގެ މެދުގައި، މިގޮތް މަޝްހޫރެވެ. އެއީ އެންމެހައި ނަބީބެއިކަލުންގެ، ނަބީކަމާއި ރަސޫލުކަމުގެ އަސާސީ ޝަރުޠެއް މެއެވެ. އަދި ކިއެއްތަ؟ މުޞްލިޙުންނާއި، މުއުމިނުންގެ ސިފައެވެ. ތެދުވެރިކަމުގެ ސިފަ ނުލިބޭހާ ހިނދަކު ސަލާމަތްކަން ލިބި ﷲ ރުހިވޮޑިގެންވާ މުއުމިނަކަށް މީހާ ނުވެއެވެ.

އާދޭހެވެ! މުއުމިނަކަށް ވުމުގެ ޒަރީޢާއިން ޚާއްޞަ އުފަލާއި، އަރާމު، ޙާޞިލުވާނީ މި ޙާޔާތުގެ މައިދާނުގައެއް ނޫނެވެ. މިއަށްވުރެ ފެހިކަމާއި ތާޒާކަން ލިބިގެންވާ ނޫރާނީ ބަގީޗާގެ މައިދާނުގައެވެ. ނަމަވެސް ޢާންމު ގޮތުން އޭގެ ބަރަކާތުން، ދުންޔަވީ ސަޢާދަތު، ޙާޞިލުވާކަން ޔަޤީނެވެ. އުޑުމަތި ސާފު ދުވަހެއްގައި ޟުޙާ ވަގުތުގެ އިރު ފެންނަ ފަދައިން މިބުނި ޚައިރާތު ފާޅުވެއެވެ. ނަތީޖާއަކީ: ދުނިޔެ ބޭނުން މީހާއަށް ދުނިޔެ ލިބުން ހުރީ ވެސް ތެދުވެރިކަމުގެ ވަސީލަތުންނެވެ.

އާދޭހެވެ! ދުނިޔޭގެ ދިރިއުޅުން ހަނގުރާމައަކަށް ވަނީ ނަމަ، އޭގައި ދިފާޢުކުރެވޭ، އެޓަމް ބޮމަކީ، ތެދުވެރިކަމެވެ. ބެއިނުންތައް ފުއްދުމަށްޓަކައި ދަތުރުކުރާ ބާޚިރާއަކީ ވެސް އެއީއެވެ. ދިރިއުޅުމުގައި ޞަޙަރާގައިވާ ޖަޙީމު ފަދައިން އެމީހާގެ ވަށައި، ހުޅުއަލިފާން ރޯވެގެންވާ މީހަކީ ދޮގުވެރިޔާއެވެ. މިފަދަ ހިތާމައެއްގައި، ތދުވެރިޔަކު ދެމިހުރި ޙާލަތެއް ފެންނާނޭ، ސާފު، އަލި ދުރުމީއެއް ވެސް ނެތެވެ. (ޤުލްމަން ޙައްރަމަ….)

މާތް އާޔަތުގެ ޚުލާސާ، އިސްވެދިޔަ ޖުމުލައިގެތެރެއިން ފައުޅުވަނީ އެވެ. ނަތީޖާއަކީ، ކޮންމެ ޙާލަތެއްގައި ތެދުވެރިޔާ ގެއްލި ނުދިއުމެވެ. އެއްވެސް ޙާލަތެއްގައި ދޮގުވެރިޔާ، ނިޢުމަތުގައި ދެމިގެން ނުވުމެވެ. ކިއެއްތަ، ކަޅުމަރަކުން މަރުވެ ނިމި ހިނގައިދާނެތެވެ. ދިރިހުރެގެން ކަށްވަޅަށް ދާން ޖެހުނީއެވެ.

އަމާނާތްތެރިކަމަކީ: ޙައްޤުތަކަށް ރައްކައުތެރިވުމެވެ. ﷲ އެންގެވި މަގުން، ކަންތައް ކުރުމެވެ. ޙައްޤަކާއި ނުލައި، މިސްތަކުންގެ ޢައިބު ދެއްކުމުގައިބައިވެރި ނުވުމެވެ. އެމީހުންގެ ސިއްރު ފައުޅު ނުކުރުމެވެ. ހުއްދަނޫން، ގޮތުން، އަނެކާގެ މުދާ ބޭނުން ނުކުރުމެވެ. ޚިޔާނާތްތެރިކަމީ އަމާނަތުގެ އިދިކޮޅެވެ. ތެދާއި، ދޮގާއި، ދެމެދުގައި ވާސިޠާއެއް ނުވާ ފަދައިންމިދެމެދުގައި ވެސް ވާސިޠާއެއް ނެތެވެ. މިކަމަށްޓަކައި އަމާނަތްތެރިކަމުން އެއްކިބާވެއްޖެ މީހާ، ޚިޔާނަތްތެރިޔަކަށް ވާކަމާއިމެދު ވަސްވާހެއް ނެތެވެ. ޚިލާފެއް ނުވެއެވެ.

އަމާނަތްތެރިކަމަކީ: މުޙައްމަދުގެ ފާނުންގެ ޚާއްޞަ ސިފަފުޅެކެވެ. ޢަރަބީންގެތެރޭގައި، މުޙައްމަދުގެފާނުންގެ ނަންފުޅު މަޝްހޫރުވާ ގޮތަކީ “އަމީން” (މުޙައްމަދުލް އަމީން) މިއެވެ. އަމާނަތްތެރިކަމަކީ އެހެނިހެން ނަބީބޭކަލުންގެ ޚުލްޤު މެއެވެ. އެބޭކަލުންގެ ނަބީކަމުގެ އަސާސީ ރުކުނެއް މެއެވެ.

އާދޭހެވެ! ދޮގުވެރިކަމާއި، ޚިޔާނަތްތެރިކަން މީހެއްގެ ކިބައިގާ ހުރެއްޖެ ހިނދަކު އެމީހާއަށް އެ ޖަމަޢަވީ ކާފިރުކަމުގެ ދެބައިކުޅަ އެއްބައެވެ. އަމާންތަތެރިކަމުގެ ފުރިހަމަ ފައިދާ ޙާޞިލުވުން ހުރީ، އަބަދަށް ދެމިތިބެނިވި ޙަޔާތުގައެވެ. މިބަހީ، އެސިފައިގެ ވެރިޔާއަށް ދުންޔަވީ ޚައިރާތުން މަނަޢަވެއްޖެއެކޭ ނޫނެވެ. ކިއެއްތަ، އެއީ މި ޙަޔާތުގެ ވެސް އެއް ރުކުނެވެ. ޚިޔާނަތްތެރިއާ، ކަމަކަށް އިސްކުރާނޭ، ސާފު ބުއްދިއެއް ވޭތޯއެވެ؟ ޚާއްޞަ ވެގެން މާލީ ތަޞައްރުފުގައި އޭނާގެ އެއްވެސް އަގެއް ނެތެވެ. މިހެން ނުވާނީ ކީއްވެތޯއެވެ؟ އޭނާގެ އަޚް، އޭނާފަދަ ޚިޔާނަތްތެރި ދޮގުވެރިޔާ ވެސް އޭނާދެކެ އަންނަނީ ރުޅިއެވެ. ހުންނަނީ ނުރުހިގެންފައެވެ.

އޭ، މުޙައްމަދުގެ ފާނުންގެ، މާތް އުއްމަތުގެ މީސްތަކުންނޭވެ. ދިވެހި އަޚުންނާއި، އުޚުތުންނޭވެ. ކައުއިތުރު، ރަސޫލާގެ ޚުލުޤުން ޚުލުޤު ލިބިގަންނާށެވެ. ފުރިހަމަވާށެވެ. ބަހަކީ ކަމެއް ނޫނެވެ. ކަމާއި ބަސް، މުވާފިޤު ނުވާހާ ހިނދަކު، ލިބޭނޭ މޮޅެއް ނެތެވެ. ބަހާއިކަން، މުވާފިޤުކޮށް ރަޖިސްޓަރީ ކުރައްވާށެވެ. ސަޢާދަތު ޙާޞިލުވުމުގެ ސިއްރަކީ، ފުރާނައިގެ ޒީނަތްތެރިކަމެވެ. އިސްވެދިޔަ ދެމަލުން ފުރާނައަށް މީރުވަސް ދޭށެވެ. ބާރުގަދަ ކުރާށެވެ. ބުއްދިވެރިޔާއަށް ލާޒިމުވަނީ ހަށިގަނޑަށްވުރެ ބޮޑަށް، ފުރާނަ ޒީނަތްތެރި ކުރުމާއި، ޠާހިރު ކުޅައުމުގައި ވަގުތު ހޭދަކުރުމެވެ. ކާމިޔާބުގެ ތަޅުދަނޑިއަކީ ފުރާނައިގެ މަތިވެރިކަމެވެ. އެ މަތިވެރިކަން ޙާޞިލުވުން ހުރީ ތެދުވެރިކަމާއި، އަމާނަތްތެރިކަންފަދަ ޚަޞީލަތްތަކުންނެވެ. ހަށިގަނޑަށް ފަރުވާތެރިވާން ޖެހުނީ ވެސް މި ފުރާނައަށް ޓަކައެވެ. މި އަޞްލަށް ވިސްނައިގެން، އޭގައި ހިފެހެއްޓުމީ، ކޮންމެހެން ބޭނުން ކަމެކެވެ. ބޭނުމީ، އިސްވެދިޔަ ފަދައިން، ހަމައެކަނި އެ ޙަޔާތަށްޓަކައި، ނޫނޭ- އެއީ މިޙަޔާތުގައި ވެސް ހިފަހައްޓާންވީ ތަނބެވެ.

ކީރިތި ﷲ ގެ ޙަޟުރަތުން، އެދިއެދި ހުންނަ ގޮތަކީ، އިސްވެދިޔަ މަގަށް އަޅުގަނޑުމެންނަށް ތައުފީޤު ދެއްވުމެވެ. އާމީން.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment