މޫސާ ޢަލީ މި ލިޔުމަކީ، މީގެ 26 އަހަރުކުރީން އާދެ! 1990 ވަނަ އަހަރުގެ އޮކުޓޫބަރު މަހު ނުކުތް “ފަތްތޫރަ”އިގެ 139 ވަނަ އަދަދުގައި ގ. ފީނި، އަލްފާޟިލް މޫސާ ޢަލީ ލިޔުއްވާފައިވާ ލިޔުމެކެވެ. އަލްފާޟިލް މޫސާ ޢަލީއަކީ، ވަރަށް ދިގު މުއްދަތަކަށް ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ، މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު (1990 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ. މި ލިޔުން، މި ޝާއިއު ކުރަނީ، އަލްފާޟިލް ޔޫސުފު…

މޫސާ ޢަލީ

މި ލިޔުމަކީ، މީގެ 26 އަހަރުކުރީން އާދެ! 1990 ވަނަ އަހަރުގެ އޮކުޓޫބަރު މަހު ނުކުތް “ފަތްތޫރަ”އިގެ 139 ވަނަ އަދަދުގައި ގ. ފީނި، އަލްފާޟިލް މޫސާ ޢަލީ ލިޔުއްވާފައިވާ ލިޔުމެކެވެ. އަލްފާޟިލް މޫސާ ޢަލީއަކީ، ވަރަށް ދިގު މުއްދަތަކަށް ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ، މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު (1990 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ.

މި ލިޔުން، މި ޝާއިއު ކުރަނީ، އަލްފާޟިލް ޔޫސުފު މުހަންމަދު ފުޅު (ރަޙިމަހުﷲ) ގެ ހަނދާނުގައެވެ. ޔޫސުފު މުޙަންމަދު ފުޅު ނުވަތަ ގިނަ ބަޔަކު ދަންނަ މަޝްހޫރު އެދުރުބެ ދެމިއޮތުގެ އާލަމަށް ދަތުރު ކުރައްވާފައިވަނީ، މީގެ 26 އަހަރު ކުރިން އައި އޮކުޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އިއްތިފާގަކުން ނަމަވެސް އެ ދުވަސް މިހާރު ފާހަގަ ކުރެވެމުން މިދަނީ އެދުރުންގެ (ނުވަތަ މުދައްރިސުންގެ) ދުވަހުގެ ގޮތުގައެވެ.

_________________

WP_20160818_22_49_16_Pro (2)އަލްމަރްޙޫމް ޔޫސުފު މުޙަންމަދުފުޅަކީ މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. ރީތި އަޚްލާޤުގެ ނަމޫނާއެކެވެ. ޒުވާނުން އިޙްތިރާމް ކުރާ، ކުޑަކުދިން ޝައުޤުވެރިކުރުވާ މުދައްރިސެކެވެ. އާދެ، އަޅުގަނޑުމެންގެ [އެދުރުބެ] އެވެ. އަގުހުރި ލިޔުންތެރިއެއް މެއެވެ. އަދި ކީއްތޯއެވެ. އޭނާއަކީ ދިވެހި ޤައުމު ދެކެފައިވާ ދިވެހިބަހުގެ އެންމެ ކުޅަދާނަ އެއް ޝާޢިރު ކަމާ މެދު ދެބަސްވާނީ ކާކުތޯއެވެ. އޭނާގެ ޅެންވެރިކަމުގެ އުފެއްދުންތައް މިކަމަށް ހެކިވާނެއެވެ.

ޝައްކެއްނެތެވެ. އޭނާ ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުން ދިވެހި ޤައުމަށް އެ ގެއްލުނީ އިޚްލާޞްތެރި ޚާދިމެކެވެ. ދިވެހި އަދަބިއްޔާތަށާއި ޅެންވެރިކަމަށް އެ ލިބުނީ ފޫނުބެއްދޭނެ ގެއްލުމެކެވެ. ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރާ މިދުވަސްވަރު އެފަދަ ޚިދުމަތްތެރިންތަކަކަށް އެންމެ ބޭނުންވެފައިވާ ވަގުތެއްގައެވެ.

އަލްމަރްޙޫމް ޔޫސުފު މުޙަންމަދުފުޅު ދިވެހި ޤައުމަށް އެންމެ ފުރަތަމަ ޚިދުމަތް ކުރައްވާފައިވަނީ ވެސް އުނގަންނައި ދިނުމުގެ ރޮނގުންނެވެ. މަޖީދިއްޔާގައި އޭރު އޮތް އެންމެ މަތީ ކިލާހުން ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު އެމަދަރުސާގެ ޚިދުމަތްތެރި މުދައްރިސެއްގެ ގޮތުންނެވެ. އެ ދުވަސްވަރު އޭނާއަށް ދަރިވަރުވުމުގެ ނަސީބު އަޅުގަނޑަށް ލިބިފައިވާ ކަމުން، އޭނާގެ ލާމަސީލު އޯގާތެރިކަމާއި ކިޔަވައިދޭ ތަކެތި ކުދިންނަށް ވިސްނައިދިނުމުގެ ޤާބިލިއްޔަތު ހުރި މިންވަރު ވަޒަން ކުރެވެއެވެ. އެދުވަސްވަރުވެސް ޚާއްޞަކޮށް، ދަރިވަރުންނަށްޓަކައި އޭނާގެ ޚިދުމަތްތައް ވަނީ ހުޅުވާލައްވާފައެވެ. ޢަރަބިބަސް ދެނެވަޑައިގެން ހުންނެވުމާއެކު އެބަސް ކިޔެވުމަށް އެދޭ ދަރިވަރުންނަށް އިތުރުގަޑިތަކުގައި ކިޔަވައި ދެއްވައި ހެއްދެވިއެވެ.

މަޖީދިއްޔާގައި ދެތިން އަހަރު ދުވަހު ކިޔަވައި ދެއްވުމަށްފަހު އަލްމަރްޙޫމް ޔޫސުފު މުޙަންމަދުފުޅުގެ ޚިދުމަތުގެ ދާއިރާ ބަދަލުވީ ސްރީލަންކާ އަށެވެ. ސްރީލަންކާގައި އޭރު ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދިވެހިބަހާއި ދީނިއްޔާތު ކިޔަވައި ދެއްވާ މުދައްރިސެއްގެ ގޮތުގައެވެ.

އެދުވަސްވަރަކީ ދިވެހިރާއްޖޭގެ މަދަރުސާތަކުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދިން ދުވަސްވަރެއް ނޫނެވެ. އެހެންކަމާއެކު ގިނަ އަދަދެއްގެ ދިވެހި އަންހެން ކުދިންނާއި ފިރިހެން ކުދީން ސްރީލަންކާގައި އިނގިރޭސި ތަޢުލީމު ޙާޞިލުކުރަމުން ގެންދިޔައެވެ. ދިވެހި ސަރުކާރުގެ ބެލެހެއްޓެވުމުގެ ދަށުންނެވެ. މީގެ ތެރެއިން ފުރަތަމަ އޭނާ ކިޔަވައިދެއްވީ ކޮޅުނބުގެ ސޯސަންވިލާގައި ތިބި ކުދިންނަށެވެ. ތަންކޮޅެއްފަހުން ކޮޅުނބުގެ ބައެއް އެހެން ސްކޫލްތަކުގައި ކިޔަވަން ތިބި ދިވެހި ކުދިންނަށް، އެސްކޫލްތަކަށް ވަޑައިގެން ކިޔަވައިދެއްވިއެވެ. އޭގެތެރޭގައި ސީ.އެމް.އެސް. ލޭޑިޒް ކޮލެޖުގައި ކިޔަވަން ތިބި ދަރިވަރުން ފާހަގަ ކޮށްލެވެއެވެ.

އަޅުގަނޑަށް ތަޞައްވުރުކުރެވޭ ގޮތުގައި އަލްމަރްޙޫމް ޔޫސުފު މުޙަންމަދުފުޅުގެ ޙަޔާތު ސިފަވެގެން އައި އެންމެ ފާގަތި އެއްދުވަސްވަރުކަމުގައި، ސްރީލަންކާގައި އޭނާ ހޭދަ ކުރެއްވި ދުވަސްތައް ވާނެއެވެ. އެ މާޙައުލުގައި އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް އުޅެވުމުގެ ސަބަބުން އަޅުގަނޑަށް އެކަން އިޙްސާސް ކުރެވެނީއެވެ. ޚާއްޞަކޮށް އޭނާ ޅެންވެރިކަމުގެ ކުރިބޯށި އަތުލެއްވީ އެދުވަސްވަރުގައި ކަމަށް އެއްވެސް ޖެހިލުމެއްނެތި ދެންނެވިދާނެއެވެ. އާދެ، ސްކޫލް ޓަރމް ޓެސްޓަށްފަހު ލިބޭ ޗުއްޓީގެ ދުވަސްވަރު ފޫހިކަމެއްނެތި ކުރެއްވި މެދުކެނޑުމެއްނެތް މިންނެތް މަސައްކަތްތަކަކާ އެކުގައެވެ.

މިގޮތުގައި މެދުނުކެނޑި އެގާރަވަރަކަށް އަހަރު ސްރީލަންކާގައި ހުންނަވައިގެން ދިވެހި ދަރިވަރުންނަށް އުނގަންނައިދިނުމުގެ ޚިދުމަތް ކުރެއްވުމަށްފަހު އޭނާ ރާއްޖެއަށް އެނބުރި ވަޑައިގަތީ 1968 ވަނަ އަހަރުގެ ތެރޭގައެވެ. މިހިސާބުން ފެށިގެން އަނެއްކާވެސް މަޖީދިއްޔާ ސްކޫލްގައި ދިވެހިބަސް ކިޔަވައިދެއްވުމުގެ މުދައްރިސެއްގެ ވަޒީފާގައި ދެމިހުންނެވިއެވެ. ދެގޮތެއްނުވާ އިޚްލާޞްތެރި ޚިދުމަތްތަކެއް އަދާކުރެއްވުމަށްފަހު 1980 ވަނަ އަހަރު އޭނާގެ ޚިދުމަތުގެ ރަސްމީ ދާއިރާ ބަދަލުވީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒަށެވެ. އެތާނގެ ކަރިކިއުލަމް ޑިވެލޮޕަރެއްގެ މަގާމަށެވެ. އެއަށްފަހު ކަރިކިއުލަމް ޑިވެލޮޕަރސް ކޯޑިނޭޓަރުގެ މަޤާމަށެވެ. އެތާނގައި ހުންނަވައިގެންވެސް ދަސްކުރާ ބައެއް މުދައްރިސުންނަށް ދިވެހިބަސް ކިޔަވައިދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވިއެވެ.

އީ.ޑީ.ސީ. ގައި އޭނާ އަދާކުރެއްވީ، އޭގެ ކުރިޔާ އަޅައި ބަލާއިރު ތަފާތު ޚިދުމަތްތަކެކެވެ. ދިވެހިރާއްޖޭގެ ފަށާ ތަޢުލީމުގެ ދިވެހިބަހުގެ މުޤައްރަރު އެކުލަވައިލުމުގައި ކޮމެޓީ މެންބަރުންގެ ބައްދަލުވުންތައް ރާއްވަވައި ހިންގެވުމާއި ޢަމަލީ ގޮތުން އެމަސައްކަތް ކުރެއްވުމެވެ. ހަމަ އެފަދައިން މެދު މަދްރަސީ ދިވެހި މުޤައްރަރާއި ސެކަންޑަރީ އަދި އެސް.އެސް.ސީ. ދިވެހި މުޤައްރަރު އެކުލަވާލުމުގެ ބޮޑުބައެއް އަދާކުރެއްވިއެވެ. މުޤައްރަރާ އެއްގޮތަށް ފޮތްތައް ލިޔުމުގައި އެކަމަށް ކަނޑައެޅިފައިވާ ޕެނަލް މެންބަރުންގެ ބައްދަލުވުންތައް ހިންގައި ބައެއް ފޮތް އެކުލަވާލުމުގެ މަސައްކަތް ކުރެއްވިއެވެ. ދިވެހިބަހުގެ އިތުރަށް އިސްލާމް މާއްދާގެ މަސައްކަތްތައްވެސް ހިންގައި، ކިޔަވައިދިނުމަށް ލިޔާ ފޮތްފޮތް، ޗާޕަށް ފޮނުވުމާއި އަދިވެސް މިބާވަތުގެ އެތައް އެތައް ކަމެކެވެ.

ހަމަ އެހިނދުގައިމެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައިވެސް ޚިދުމަތުގެ ތަފާތު ބައިތަކެއް އަދާ ކުރައްވަމުން ގެންދެވިއެވެ. އެކި ސިފަސިފައިގައި ދިވެހިބަހާއި އަދަބަށް އަދި ޚާއްޞަކޮށް ޅެންވެރިކަމަށް ކުރެއްވި ޚިދުމަތްތައް ގިނަގުނައެވެ. އެ މަރުކަޒުގެ އެކިއެކި ކޮމިޓީ ތަކުގައްޔާއި އެކިއެކި މުބާރާތްތަކަށް އިންސާފު ކުރުމުގައެވެ. އެކިއެކި ޕުރޮގުރާމުތައް ތައްޔާރު ކުރެއްވުމާއި ޅެންކޯސްތަކުގައި ކިޔަވައި ދެއްވުމުގައެވެ.

ތެދުތެދަށް ދަންނަވާނަމަ ދިވެހި ބަހުގެ ފަންނުގައި އަލްމަރްޙޫމް ޔޫސުފު މުޙަންމަދުފުޅުގެ އެންމެ ޚާއްޞަ ރޮނގަކީ ޅެންވެރިކަމެވެ. އޭނާގެ ޅެންތައް ގުނައި އަދަދު ނުކުރެވޭހާ ގިނައެވެ. ޅެންތައް އަމުނައި އެކުލަވާލުމުގައި އަޖައިބެއްހާ ފަސޭހަވެފައި އަވަސްމެއެވެ. ޚިޔާލުކުރެވޭ ކޮންމެ ރޮނގެއްގައެވެ. މިހާރުވެސް މެދުނުކެނޑި އިވިއިވި ހުންނަ ނަސޭހަތްތެރި، އިބްރަތްތެރި،ހިތަށް ހަމަޖެހުން ގެނެސްދޭ، އޭނާގެ ޅެންތަކާއި ލަވަތައް މިކަމަށް ހެކިދެއެވެ. ހިތްތައް އަސަރުން ފުރުވާ މަދަޙަތަކެވެ. ޖޯޝް އުފައްދާ މަސްވެރިކަމުގެ ލަވަތަކެވެ. ލިޔަން ކިޔަން ދަސްކުރުމަށް ހިތްޖެއްސި އަސާސީ ލަވަތަކެވެ. ޤައުމީ އަދި އިޖުތިމާޢީ މުނާސަބަތުތަކަށްޓަކައި އެކުލަވައިލެއްވި އަސަރުން ފުރިފައިވާ ގިނަގުނަ ޅެންތަކެވެ. އަޅުގަނޑު ދަންނަވާނީ އޭނާގެ ޅެންވެރިކަމަކީ މިފަދަ ގޮތަކަށް ސިފަކޮށް ކޮޅުންލާނެކަމެއްނޫނެވެ.

އާދޭހެވެ. އަލްމަރްޙޫމް ޔޫސުފު މުޙަންމަދުފުޅު، ޢިލްމީ ގޮތުންނާއި ބަހުގެ ފަންނުތަކުގައި ދިވެހި ޤައުމަށާއި މުޖުތަމަޢަށް އަދާކުރެއްވި ޚިދުމަތްތަކަކީ މިފަދަ ގަލަމަކުން ސިފަކުރެވޭ ވަރަށްވުރެ މާމަތިވެރި ޚިދުމަތްތަކެކެވެ. އެންމެ އެކަށީގެންވާ މީހެއްނޫނެއްކަމަކު މިބަޔާން އަޅުގަނޑު މިލިޔުނީ ހަމައެކަނި އެމާތް މަރްޙޫމަށް އަދާކުރާ ޝުކުރުގެ ޖިޒީއެއްގެ ގޮތުގައެވެ. ނުއެކަށޭނަ ނުކުތާއެއް ވާނަމަ، އެދެނީ، މަޢާފަށެވެ. ދީލަތި އަޕޫ ކުރެއްވުމަކަށެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަލްމަރްޙޫމް ޔޫސުފު މުޙަންމަދުފުޅުގެ ޢުމުރުން 57 އަހަރުގައި މިދުނިޔެ ދޫކުރެއްވީ މެދުނުކެނޑި 37 އަހަރު ދުވަހުގެ ދިގު މުއްދަތެއްގައި ދިވެހި އުންނަތަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހުގައެވެ. އޭނާ މިދުނިޔެ ދޫކުރެއްވީ ދިހަވަރަކަށް މަސްދުވަހުގެ ވޭނީ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހުގައެވެ. އެބައްޔަކަށް ފުރިހަމަ ޝިފާ ލިބުމުގެ މަގު އަދި ފެނިފައިނުވާ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ. އޭނާގެ ޚިދުމަތްތައް ވަޒަންކޮށް އެބައްޔަށް ޝިފާއެއް ލިބިދެވޭތޯ ދިވެހި ދައުލަތުގެ އަތްޕުޅެއް ފޯރުކޮށްދެއްވިކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. ނަމަވެސް [ދުނިޔެއިން މީހާ ނުކުންނާނޭ ވަގުތު އައުމުން] – [ އުނިއިތުރު ނުވެވޭގޮތުން ފަހު ސިއްކަ ޖެހިގެން] ދިޔައީއެވެ. ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީއެވެ.

އެމާތް މަރްޙޫމުގެ ފުރާނަފުޅަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލައްވާށިއެވެ. މަރުޙޫމުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

      “ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް،

                        ތާއަބަދު ދެމިހުންނަ ހެޔޮ ޛިކްރާއަކަށް ނިމުމެއްނެތޭ.”

____________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment