000އިމާމު އަޙްމަދު އިބްނު ޙަންބަލް:   އާދޭހެވެ! ދެން ނިކަން الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ އަށް ބަލާލަމާ ހިނގާށެވެ! އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 164 ވަނަ އަހަރުގައި ޢިރާޤުކަރައިގެ “ބަޣުދާދު” ގައެވެ. الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ ހިމެނި ވަޑައިގަންނަވަނީ ތަބްޢުއްތާބިޢީންގެ ތެރެއިންނެވެ. އެކަލޭގެފާނުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލުކުރެއްވެވީ މާތް ﷲ އެބޭކަލުންނަށް ރަޙްމަތްލެއްވި سُفْيَانُ بْنُ عُيَيْنَة އާއި إِبْرَاهِيمُ بْنُ سَعِيد އާއި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އިމާމު އަޙްމަދު އިބްނު ޙަންބަލް:  

އާދޭހެވެ! ދެން ނިކަން الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ އަށް ބަލާލަމާ ހިނގާށެވެ! އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 164 ވަނަ އަހަރުގައި ޢިރާޤުކަރައިގެ “ބަޣުދާދު” ގައެވެ. الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ ހިމެނި ވަޑައިގަންނަވަނީ ތަބްޢުއްތާބިޢީންގެ ތެރެއިންނެވެ. އެކަލޭގެފާނުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލުކުރެއްވެވީ މާތް ﷲ އެބޭކަލުންނަށް ރަޙްމަތްލެއްވި سُفْيَانُ بْنُ عُيَيْنَة އާއި إِبْرَاهِيمُ بْنُ سَعِيد އާއި يَحْيَى بْنُ سَعِيدِ الْقَطَّان އާއި وَكِيع އާއި اِبْنُ عُلَيَّة އާއި اِبْنُ مَهْدِى އާއި عَبْدُ الرَّزَّاق އާއި الشَّافِعِي އާއި އަދިވެސް އެއިރުގެ ބޮޑެތި އިމާމުވެރި ބޭކަލުންގެ އަރިޔަހުންނެވެ. އެކަލޭގެފާނުންގެ އަރިހުން ޙަދީޘުތައް ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި އެކަލޭގެފާނުންގެ ޝައިޚުންތައްވެސް ހިމެނި ވަޑައިގަންނަވައެވެ. އެކަލޭގެފާނުންގެ ދަރިވަރުންގެ ތެރޭގައި يَزِيدُ بْنُ هَارُون އާއި عَلِيُّ بْنُ مَدِينِى އާއި البُخَارِى އާއި مُسْلِم އާއި أَبُو دَاؤُد އާއި أَبُو زَرْعَة އާއި إِبْرَاهِيمُ الْحَرْبِى އާއި عَبْدُ اللَّهِ بْنُ مُحَمَّدٍ البَغَوِى އާއި أَبُوبَكْرٍ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ أَبِى الدُّنْيَا އާއި أَبُوحَاتِمِ الرَّازِى އާއި مُوسَى بْنُ هَارُون އާއި عُثْمَانُ بْنُ سَعِيدِ الدَّارِمِى އާއި އަދި ވެސް ވަރަށްގިނަ މުޙައްދިޘުން ހިމެނި ވަޑައިގަންނަވައެވެ.

الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ އާއި ބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. “خَرَجْتُ مِنْ بَغْدَادَ وَمَا خَلَفْتُ بِهَا أَحَدًا أَرْوَعَ وَأَتْقَى وَلاَ أَفْقَهَ مِنْ أَحْمَدَ بْنِ حَنْبَل” (ޔަޢުނީ: އަހުރެން ބަޣުދާދު ދޫކޮށް ދިޔައިރު ބަޣުދާދުގައި أَحْمَدُ بْنُ حَنْبَلٍ އަށްވުރެން ތަޤުވާވެރި، ވަރަޢަވެރި ފިޤުހަށް އަރާހުންނެވި ދެވަނަ ބޭކަލަކު އުޅުއްވާ ކަމަކަށް އަހަންނަށް ފެނިފައި ނުވެއެވެ.)

ދަންނާށެވެ! ޚައިރުލް ޤުރޫނަށްފަހު ފަލްސަފާތަކާއި ލާދީނުގެ އޮއިވަރުތަކުގެ ފިތުނައިގެ ޠޫފާނުގައި އިސްލާމީ އުއްމަތްޖެހި، އުއްމަތް ބައިބައިވެގެން ދިޔަވަގުތު ޤުރުއާނާއި ސުންނަތް ރައްކައުތެރިވުމުގެ ކިއްލާއަކަށް ވެގެންދިޔައީ الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ އަށް ނިސްބަތް ވެގެންވާ ޙަންބަލީ މަޛްހަބެވެ. އެކަލޭގެފާނުންގެ އުޞޫލުތަކުގައި ހިއްޕަވައިގެން ޙަންބަލީ މަޛްހަބަށް ބުރަވެ  ވަޑައިގެން، ތަރުޖީޙު ދެއްވެވި މުޖުތަހިދުންގެ ތެރޭގައި އެންމެ އިސްވެހުންނެވީ އެކަލޭގެފާނުންގެ ދޮށީ ދަރިކަލުން صَالِحُ بْنُ أَحْمَدَ بْنِ حَنْبَل އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 203 ގައެވެ. ދުނިޔެ ދޫކުރެއްވީ ހިޖުރައިން 266 ގައެވެ. އޭގެ އިތުރުން ޙަންބަލީ މަޛްހަބަށް ގަދަކަން ދެއްވައި އެމަޛްހަބުގެ އެހީގައި އިސްލާމީ އުއްމަތް ޙިމާޔަތް ކުރެއްވުމުގައި އިސްވެ ތިއްބެވި ޙަންބަލީ މަޛްހަބުގެ އިސް ބޭކަލުންނަކީ، ހިޖުރައިން 213 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 290 ގައި ދުނިޔެ ދޫކުރެއްވެވި عَبْدُ اللَّهِ بْنُ أَحْمَدَ بْنِ حَنْبَل އާއި ހިޖުރައިން 275 ގައި ދުނިޔެ ދޫކުރެއްވެވި أَبُو بَكْرٍ الْمَروَزِى އާއި ހިޖުރައިން 198 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 285 ގައި ދުނިޔެ ދޫކުރެއްވެވި أَبُو إِسْحَاقِ الْحَرْبِى އާއި ހިޖުރައިން 274 ދުނިޔެ ދޫކުރެއްވެވި عَبْدُ الْمَلِكِ مَهْرَانِ الْمَيْمُون އާއި މިބޭކަލުންނެވެ. އަދި ޚައިރުލް ޤުރޫނަށްފަހު ބޮޑެތި މިޖުތަހިދުންގެ ތެރެއިން އިމާމު އަޙްމަދުގެ އުޞޫލުތަކުގައި ހިއްޕަވައިގެން އެކަލޭގެފާނުންގެ މަޒުހަބަށް ތަޤްލީދު ކުރަށްވައިގެން އެމަޛްހަބަށް ތަރުޖީޙު ދެއްވި އެންމެ ވަރުގަދަ ފަހުލަވާނަކީ ހިޖުރައިން 661 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެން، ހިޖުރައިން 728 ގައި ދުނިޔެ ދޫކުރެއްވެވި شَيْخُ الإِسْلاَمِ ابْنُ تَيْمِيَة އެވެ. ހަމަ އެއާއެކު އެކަލޭގެފާނުންގެ މަޝްހޫރު ދަރިވަރު ކަމުގައިވާ الإِمَامُ اِبْنُ الْقَيِّم އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 691 ގައެވެ. އަވަހާރަވީ ހިޖުރައިން 751 ގައެވެ. އަދި މިދެބޭކަލުންނަށް ވުރެން ކުރީގައި ހިޖުރައިން 311 ގައި ދުނިޔެ ދޫކުރެއްވެވި أَبُو بَكْرِ أَحْمَدُ بْنُ مُحَمَّدٍ الْخَلاَّل އާއި ހިޖުރައިން 363 ގައި ދުނިޔެ ދޫކުރެއްވެވި أَبَو بَكْرٍ عَبْدُ الْعَزِيزِ غُلاَمُ الْخَلاَّل އާއި ހިޖުރައިން 334 ގައި ދުނިޔެ ދޫކުރެއްވެވި أَبُو الْقَاسِمِ الْحِزْقِى އާއި ހިޖުރައިން 453 ގައި ދުނިޔެދޫކުރެއްވެވި القَاضِى أَبُو يَعْلَى الْكَبِير އާއި ހިޖުރައިން 510 ގައި ދުނިޔެ ދޫކުރެއްވެވި أَبُو الْخَطَّاب އާއި މިބޭކަލުންނެވެ. މިއީ މުޅީންވެސް އިޖުތިހާދުގެ މަތީ ދަރަޖަ ހޯއްދަވައިގެން ތިއްބެވި ޢިލްމުވެރީންނެވެ. ކަންކަމުގައި ޙައްޤުގޮތް އިޚްތިޔާރު ކުރައްވާ، ޙައްޤުގެ އަހުލުވެރީންނެވެ. ހަންބަލީމަޛުހަބަށް ތަބަޢަވެ ވަޑައިގެން ތިއްބެވި ބޭކަލުންނެވެ.


އިމާމުންނަށް ތަބާވުމާއި ތަޤްލީދު ކުރުމަކީ ބިދުޢައެއްތޯއެވެ؟  

ދަންނަވަންތޯއެެވެ؟ ތަޤްލީދު ކުރުން ހެޔޮނުވާނެ ކަމަށާއި، އަދި ކޮންމެ މުކައްލަފަކަށްވެސް ކެރި ކުޅަދާނަ ވެގެންވާ ވަރަކުން އިޖުތިހާދު ކުރުން ވާޖިބު ވެގެންވާ ކަމަށާއި، އިސްލާމީ އުއްމަތުގައި މަޒުހަބު އުފެދިފައިވަނީ ހިޖުރައިން 140 ވަނަ އަހަރުން ފެެށިގެން ކަމަށް ބުނެ ދަޢުވާކުރެއެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ މާތް ﷲ ރަޙްމަތްލެއްވި الإِمَامُ عَلِيُّ بْنُ حَزْم الأُنْدُلُسِي އެވެ. އެކަލޭގެފާނަކީ ޒާހިރީ މަޛްހަބުގެ ބޭކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 384 ވަނަ އަހަރުއެވެ. اِبْنُ حَزْم އަށް ފަހުގައި މިފިކުރު އާލާ ކުރެއްވުމުގައި ކުރިއަށް ތިއްބެވީ ޔަމަނު ކަރައިގެ ދެޢިލްމުވެރިން ކަމުގައިވާ الْعَلاَّمَة الصَّنْعَانِى([1]) އާއި الْعَلاَّمَة الشَّوْكَانِى([2]) އެވެ. الشيخ محمد حيات السندي އާއި([3]) އަދި محمد صديق خان([4]) ވެއެވެ. اِبْنُ حَزْم އެކަލޭގެފާނުންގެ ފޮތް “الأَحْكَامُ فِى أُصُولِ الأَحْكَام” ގައި ވިދާޅުވެފައި ވެއެވެ. “إنَّ هَذِهِ الْبِدْعَةَ يِعْنِى التَّقْلِيدَ إِنَّمَا حَدَثَ فِى النَّاسِ وَابْتَدَى بِهَا بَعْدَ أَرْبَعِينَ وَمِائَةٍ مِنَ التَّارِيخِ الْهِجْرَةِ” (ޔަޢުނީ: ތަޤްލީދު ކުރުމުގެ ބިދުޢަ މީސްތަކުންގެ ތެރޭގައި އުފެދި އަށަގެންފައިވަނީ ހިޖުރައިން ސަތޭކަ ސާޅީސް ވަނަ އަހަރަށް ފަހުގައެވެ.) އަދިވެސް ޢައްލާމާ ޝައުކާނީ އެކަލޭގެފާނުންގެ ފޮތް “القَوْلُ الْمُفِيدُ فِى أَدِلَّةِ الإِجْتِهَادِ وِالتَّقْلِيدِ” ގައި މިފަދައިން ލިއުއްވާފައި ވެއެވެ. “إِنَّمَا بَدَأَ بِدْعَةُ التَّقْلِيدِ بَعْدَ مِائَتَى سَنَةٍ مِنَ الْهِجْرَةِ” (ޔަޢުނީ: ތަޤުލީދުގެ ބިދުޢަ ފެށިފައިވަނީ ހިޖުރައިން 200 އަހަރުގެ ފަހުންނެވެ.”

އާދެ! އެއްބޭކަލަކު 140 އަހަރުގެ ފަހުންކަމުގައި، އަދި އަނެއް ބޭކަލަކު 200 އަހަރުގެ ފަހުންކަމުގައި ވިދާޅުވެ ތަޤްލީދާއި ބެހޭގޮތުން ވިދާޅުވެފައިވާހައި ވިދާޅުވުންތަކަކީ އެބޭކަލުންގެ އަމިއްލަފުޅު ރައުޔު އެވެ. ތާރީޚުން އެއަށް އެއްވެސް ހެއްކެއްނެތް ޚިޔާލީ ވާހަކައެވެ. ޤުރުއާނާއި ސުއްނަތުގެ ވާހަކަފުޅު ދައްކަވާއިރު އެވާހަކަ ގެންނަވާފައި ވަނީ ޤުރުއާނާއި ސުންނަތަކުން ނޫނެވެ. އެބޭކަލުންގެ އެވާހަކަ ފުޅުތަކުން އިސްލާމީ އުއްމަތަށް ކުރިމަތިވި ބޮޑެތި ނުރައްކައުތަކާއި، ގެއްލުންތައް ވަނީ މެންދުރުގެ އިރުފަދައިން ހާމަވެ ފާޅުވެގެންނެވެ. އެއިގެ ސަބަބުން އިސްލާމީ އުއްމަތުގައި ބޮޑެތި ފިތުނަ އުފެދި، އެތައް ގިނަބަޔަކު މަގުފުރެދުން ފިޔަވައި ދެވަނަ އެހެން ނަތީޖާއެއް ފެނިފައެއް ނެތެވެ. އެކަމާހުރެ މުސްލިމުންގެ ތެރެއިން މަދުނޫން ޢަދަދެއްގެ ޖާހިލުން ދިޔައީ ޢިލްމުވެރިންގެ ރައުޔު ހޯދުން ދޫކޮށް ޤުރުއާނާއި ސުއްނަތުންނޭ ކިޔައި ތިމަތިމާމެން ހިތުހުރި ގޮތަކަށް އިސްލާމް ދީނުގެ މައްސަލަތައް އަނބުރަމުން ފަތުވާ ދެމުންނެވެ. އަނެއްކޮޅުން މިފަދަ މީސްތަކުން ދިޔައީ އައްސަލަފުއްޞާލިޙުންގެ ރައުޔުތައް ދޫކޮށްލުމަށްފަހު ތަޤްލީދާއި ޙަރާމްކުރަމުން އަލަށް އުފެދުނު ރައުޔަށް ތަޤްލީދު ކުރަމުންނެވެ.  އަދިވެސް އެވިދާޅުވި ބިދުޢަ ނެތިގެން ދިޔައީއެއް ނޫނެވެ. އާގޮތަކަށް ތަޤްލީދު ކުރަން ފެށުނީއެވެ.އާނަމެއްގައި އެވިދާޅުވާ ބިދުޢަ އާލާކުރެވި ތަރައްޤީ ކުރެވުނީއެވެ . އެހެން ބައެއްގެ ނަމަށް ނިސްބަތްވަމުން ދިޔަ މަޛުހަބު ތިމާމެންގެ ނަމަށް ނިސްބަތް ކުރަން ފެށުނީއެވެ. އަދި އެވިދާޅުވާ ބިދުޢަ އާލާކުރަން ފެށުނީއެވެ.

މިމޭރުމުން މިބޭކަލުން ޢިލްމުވެރިންނަށް ތަބާވުން ނުވަތަ ތަޤްލީދު ކުރުމަށް އިންކާރު ކުރަށްވާއިރު رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޙަޔާތްޕުޅުގައި މާތް ﷲ ރުއްސުންލެއްވި مُعَاذُ بْنُ جَبَل އަށް ޔަމަނު ކަރައިގެ މުސްލިމުން ކުރަމުންދިޔަ ތަޤްލީދާއި ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު އެކަލޭގެފާނުންގެ ޢާއްމު އަޞްޙާބުން فُقَهَاءُ الصَّحَابَة އަށް ކުރައްވަމުން ގެންދެވި ތަޤްލީދާއި “الْخُلَفَاءُ الرَّاشِدُون” ގެ ޚިލާފަތް ތަކުގައި ތަޤްލީދުގެ މިއުޞޫލަށް ޢާއްމުން ޢަމަލުކޮށް އޭގެ ސިލްސިލާ މުސްލިމުންގެ ޖަމާޢަތްތަކުގެ ތެރެއިން ތަރައްޤީވެ، މެދުކެނޑުމެއްނެތި ދެމިގެން އައިސްފައިވާ ވުން ދޮގުކުރައްވާ، ސަލަފުގެ ބޮޑެތި އިމާމުވެރި ބޭކަލުންނަށް ބަސްބުނެ މަޒުހަބު ޤަބޫލު ނުކުރުމުގެ ފިތުނައިގެ އަޞްލަކީ މިބުނެވުނު ބޭކަލުންނަށް ނިސްބަތްވެގެންދާނެ ޢަމަލެކެވެ. ޚުދް މިބޭކަލުންނަކީ ބޭއިޚްތިޔާރުގައި ނަމަވެސް މަޛްހަބުތަކުން މައްސަލަތައް ނަންގަވައި އުޅުއްވި ބޭކަލުންނެވެ. ވަކީން ޚާއްޞަކޮށް މިފިތުނަ ނިސްބަތް ވެގެންވަނީ الإِمَامُ عَلِيُّ بْنُ حَزْم الأُنْدُلُسِي عَلَيْهِ الرَّحْمَة އަށެވެ. މިހެނީ އެކަލޭގެފާނުން ވިދާޅުވެފައިވާ ބަސްފުޅަށް ބަލާއިރު ހިޖުރައިން 140 ވަނަ އަހަރުގެ ފަހުން ތަޤްލީދުގެ ބިދުޢަ އުފެދިފައިވާއިރު، އިސްލާމީ އުއްމަތުގައި އެބިދުޢަވެރިކަމާ ޚިލާފަށް އަޑުއުފުލައި ޙައްޤުބަސް ބުނެލި ހަމަ އެކަކުވެސްނެތި އައިސް ހިޖުރައިން 384 ގައި އެކަލޭގެފާނުން ދުނިޔެއަށް ވަޑައިގެން ފުރަތަމަ މާލިކީ މަޒުހަބަށް ތަޤުލީދު ކުރައްވައި އެތަކެއް ޒަމާނެއްވަންދެން އެމަޒުހަބުގައި އުޅުއްވުމަށްފަހު އެމަޒުހަބު ދޫކުރައްވައި  ޝާފިޢީ މަޒުހަބަށް ތަޤުލީދު ކުރެއްވިއެވެ. ދެން ޝާފިޢީ މަޒުހަބުން ވެސް ކަމުނުގޮސްގެން އަހުލުލް ޒާހިރީ އަކަށް ވެވަޑައިގަތެވެ. ޒާހިރީއަކަށް ބަދަލުވެ ވަޑައިގެންފައި “الأَحْكَامُ”  މިނަން ކިއުނު ފޮތް ލިއުއްވިއެވެ. އިމާމު އިބްނު ޙަޒުމުގެ މިފޮތުގައި ކުރަމުންދާ ދަޢުވާއަކީ ޙައްޤު ދަޢުވާއެއް ކަމުގައިވާނަމަ އެއިން ދޭހަވަނީ އިބްނު ހަޒުމުގެ ހިތްޕުޅު އެއްމަޒުހަބުުން އަނެއްމަޛުހަބަށް ނަންފުޅު ބަދަލުކުރައްވަމުން ވަޑައިގެން އެންމެފަހުން ޒާހިރީއަކަށް ވެވަޑައިގެން އެކަލޭގެފާނުގެ މިފޮތް އަޙްކާމުލް ވުޖޫދަށް އައުމާ ހަމައަށް މުޅި އިސްލާމީ އުއްމަތްއޮތީ މަގުފުރެދުމެއްގެ ތެރޭގައިތާއެވެ! އަދި އެންމެބޮޑަށް ޙައިރާންވާންޖެހޭ ކަމަކީ ތަޤްލީދާއި އިންކާރު ކުރެއްވުމަށްފަހު ކުރައްވަނީ ހަމަ ތަޤްލީދެވެ. އެންމެފަހުން ޒާހިރީއަކަށް ވެވަޑައިގެން އިޚްތިޔާރުކުރެއްވީ ވެސް ހަމަތަޤްލީދުގެ މަގެވެ. އިމާމްދާއޫދު ޒާހިރީގެ މަޛްހަބަށް ބަދަލުވެ ވަޑައިގަތުމެވެ.

އާދެ! ޚައިރުލް ޤުރޫނުގައި  ތިއްބެވި ތާބިޢިއްޔަ ބޭކަލުންނާއި ތަބުޢުއްތާބިޢީ ބޭކަލުންގެ ތެރޭގައި އެކަލޭގެފާނުން އެވިދާޅުވާ ބަސްފުޅު  ވިދާޅުވި ހަމައެކަކުވެސް ދުނިޔޭގައިނެތިއައިސް އެންމެ ފުރަތަމައިންވެސް ހައްޤުބަސް ވިދާޅުވާން ކެރިވަޑައިގަތީ އެކަލޭގެފާނަށްތާއެވެ! އަނެއްކޮޅުން އެކަލޭގެފާނުންގެ މިބަސްފުޅު ޙަޤީޤަތެއް ކަމުގައި ދެކޭނަމަ،ޞައްޙަމަގުން رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަހިރުން ސާބިތުވާ، އަންނަނިވި ޙަދީޘްފުޅާވެސް އިންކާރު ކުރަން އެބަޖެހެއެވެ. އެޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. “لاَ يَزَالُ طَائِفَةٌ مِنْ أُمَّتِى ظَاهِرِينَ عَلَى الْحَقِّ حَتَّى تَقُومُ السَّاعَةُ” ([5]) (ޔަޢުނީ: އަހުރެންގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ބަޔަކު ފާޅުކަންބޮޑު ގޮތެއްގައި ޤިޔާމަތާ ޖެހެންދެން ޙައްޤުގެ މަތީ ދެމިތިބޭނެއެވެ.)

މިތާގައި ރަގަޅަށް ހަދުމަ ބަހައްޓަންޖެހެއެވެ. އެހެންކަމެއް އެބައޮވެއެވެ.އެއީ، ހިޖުރައިން 110 އިން ފެށިގެން ހިޖުރައިން 300 ވަނަ އަހަރާ ދެމެދު އިސްލާމީ އުއްމަތުގައި ތިއްބެވި ޢިލްމުވެރީންނަކީ މުޅީންވެސް ތާބިޢިއްޔަ ބޭކަލުންނާއި ތަބުޢުއް ތާބިޢިއްޔަ ބޭކަލުންނެވެ. އެއީ އިސްވެ ބަޔާންވެ ގޮސްފައިވާ އިމާމުވެރި ބޭކަލުންނާއި އެބޭކަލުންގެ އުޞޫލުތަކުގައި ހިއްޕަވައިގެން ތިއްބެވި ބޮޑެތި މުޖުތަހިދުންނާއި މުޙައްދިޘުންނާއި ފިޤުހުވެރީންނާއި މުފައްސިރުންނެވެ. އަދި ދީނުގެ ތަފާތު ފަންނު ތަކުގެ ދަންނަބޭކަލުންނެވެ. ސަލަފުއްޞަލިޙީންނަކީ އެބެއިކަލުންނެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އާއި އެކަލޭގެފާނުންގެ މިތުރު އަޞްޙާބުން އެގޮތް މަތީގައި ތިއްބެވި ގޮތުގައި ހިއްޕަވައިގެން ތިއްބެވީ އެބޭކަލުންނެވެ. އާދެ، ޙަދީޘުގައި ބަޔާންވެގެންވާ “الْفِرْقَةُ النَّاجِيَةُ” ނުވަތަ “أَهْلُ السُّنَّةِ وَالْجَمَاعَةِ”ގެ ބަޔަކަށް ވެވަޑައިގެންފައިވާ ބަޔަކީ އެބޭކަލުންކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އޭގެ އިތުރުން އޭގެތެރޭގައި ހިމެނޭބައެއްކަމުގައި އައިސްފައިވަނީ މިދެންނެވި ބޭކަލުންނަށް ތަބަޢަވަމުން އައި އެންމެހައި މުސްލިމުންނެވެ. އެހެން ކަމުން މި ޙަދީޘްގައި ބަޔާންވެގެންވާ “طَائِفَة”ގެ މާނައެއްކަމުގައި   އިމާމު އަޙްމަދާއި ބުޚާރީ ބަޔާންކުރައްވާފައިވާ ކަމަށް އިމާމުނަވަވީ ވިދާޅުވެފައިވަނީ އެއީ އެބޭކަލުންނާއި އެބޭކަލުންނަށް ތަބަޢަވެގެންތިބިހާ މުސްލިމުންނެވެ. ([6]) އެބޭކަލުން ފިޔަވައި ހިޖުރައިން 140 ވަނަ އަހަރުން ފެށިގެން ހިޖުރައިން 384 ވަނަ އަހަރާއި ހަމަޔަށް ޙައްޤާއިއެކު ޘާބިތު ކަންމަތީ  ދެވަނަ އެހެން ޖަމާޢަތެއް އިސްލާމީ އުއްމަތުގައި އޮތްކަމަކަށް ބުނާނެ ހަމައެއްވެސް ދުލެއް، ޤަލަމެއް ކާއިނާތަކު ނެތެވެ. ޝައްކެއްނެތި މިއީ މިކަމާމެދު ކުޑަވެސް ދެބަސްވެރިވުމެއް ނެތް ޙަޤީޤަތެކެވެ. މިޙަޤީޤަތާމެދު އިންސާފުގެ ނަޒަރަކުން ބަލާއިރު ތަޢުވީލު ކުރުމެއްނެތި ابْنُ حَزْم عَلَيْهِ الرَّحْمَة ވިދާޅުވެފައިވާ ބަސްފުޅު ޔަޤީނުން  ޞައްޙައެއް ނުވާނެއެވެ. ނިކަން އަންނަނިވި ﷲގެ ވަހީބަސްފުޅާމެދު ވިސްނުމުގެ ނަޒަރަކުން ސިކުނޑި ހިންގައިލަމާތޯއެވެ؟ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ([7])  ([8]) (ޔަޢުނީ: ތިޔަބައިމީހުން ނޭގެނީނަމަ ނިކަން ޢިލްމުވެރިންނާ ސުވާލުކޮށް އަހާށެވެ.)މާތްﷲއިސްލާމީ އުއްމަތާ މުޚާޠަބު ކުރައްވާފައިވާ މި ވަޙީ ބަސްފުޅުން ދޭހަވާގޮތުގައި އަޅުގަނޑުމެންގެ މައްޗަށް އެއިލާހުގެ ޙަޒްރަތުން މުޠްލަޤް ތަޤްލީދު ކުރުން ކަނޑައެޅިގެން އެބަ ލާޒިމު ކުރެއެވެ. އެއީ ، ނޭގ ޭކޮންމެ ހިނދަކު ޢިލްމުވެރިންނާއި ސުވާލުކޮށް އެކަމުގައި އެބޭކަލުންނަށް ތަބަޢަވުމަށް އެއިލާހު އެދިވޮޑިގެން އެކަމަށް އަމުރުކުރައްވާތީއެވެ.


ތަޤްލީދުގެ މައިގަނޑު ބައިތައް:

  ތަޤްލީދާއިމެދު ޢިލްމީ ނަޒަރަކުން ވިސްނާލާއިރު، ދަންނަބޭކަލުން ވިދާޅުވެފައިވަނީ ތަޤްލީދު ދެބައަކަށް ބެހިގެންވާކަމަށެވެ.

އެއްބަޔަކީ ކަނޑައެޅޭ ވަކި މީހަކަށް ތަބަޢަވެ، ތަޤްލީދުކުރުމެވެ. ދެވަނަ ބަޔަކީ ވަކިމީހަކު ކަނޑައެޅުމަކާއި ނުލައި ޢާއްމު ދަންނަ ބޭކަލުންނަށް ތަޤްލީދު ކުރުމެވެ. އެކަމުގައި ތަބަޢަ ވާނީ އެއިރަކަށް ތިމާއަށް ފެންނަ ޢިލްމުވެރިއަކަށެވެ. އެނޫން ގޮތަކަށް ބުނާ ނަމަ ތަޤްލީދުގެ އެއްބަޔަކީ شَخْصِى تَقِلِيد އެވެ.  އަނެއްބަޔަކީ غَيْرُ شَخْصِى تَقْلِيد އެވެ. މިދެވައްތަރާމެދު ވިސްނާލާއިރު، އޭގެތެރެއިން،

(ހ)  شَخْصِى تَقِلِيد އަކީ، ވަކި ޢިލްމުވެރިޔަކު ކަނޑައަޅައި ޢައްޔަންކޮށް، ދީނުގެ ހުރިހާ މައްސަލަތަކެއްގައި އެޢިލްމުވެރިޔާގެ ފަތުވާޔާއި އެއްގޮތަށް ޢަމަލުކުރުމެވެ.

(ށ) އަދި غَيْرُ شَخْصِى تَقْلِيد އަކީ ވަކި ޢިލްމުވެރިޔަކު ޢައްޔަން ކުރުމަކާއި ނުލައި ތަފާތު މައްސަލަ ތަކުގައި އެކިއެކި ޢިލްމުވެރީންގެ ފަތުވާތައްހޯދާ، އޭގެތެރެއިން ތިމާއަށް ފެންނަ ކޮންމެވެސް އެއްގޮތަކަށް ޢަމަލު ކުރުމެވެ.

ލާދީނީ އޮއިވަރުން ފުރިފައިވާ،  ޒަމާނެއްގައި، އަދި ގިނަމީހުން ދުނިޔެއާއި ދުނިޔޭގެ ޖާހަށް ގެއްލިފައިވާ މިބިރުވެރި، ފިތުނަ ފަސާދައިގެ ދުވަސްވަރު ޙައްޤުގޮތްތައް ބަލިކަށިވަމުން ނެތެމުން، ބާޠިލުގޮތްތައް ގަދަވަމުން ކުރިއަރަމުން ދާއިރު، އެންމެ ރައްކައުތެރިކަން ބޮޑުގޮތަކީ މާތް ﷲ ރުއްސުންލެއްވި سَيِّدُنَا عُمَرُ الْفَارُوقُ ދެއްވާފައިވާ މި ފަތުވާއެއްގޮތަށް ޢަމަލުކުރުމެވެ. الْحَافِظُ اِبْنُ الْقَّيِّمُ عَلَيْهِ الرَّحْمَةُ ގެފޮތް إِعْلاَمُ الْمُوَقِّعِينَ އާއި އަލްއިމާމު އައްދާރިމީގެ ފޮތް سُنَنُ الدَّارِمِى ގައި ﷲ ރުއްސުންލެއްވި سَيِّدُنَا عُمَرُ الْفَارُوقُ ކަނޑައެޅުއްވި އުޞޫލާއި ޤަވާޢިދު ބަލަމާތޯއެވެ؟ އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. “މަސްއަލާއަކާއި ބެހޭގޮތުން ކީރިިތި ރަސޫލާގެ އަރިހުން ރިވާވެގެންވާ ޙަދީޘެއް ނުފެނިއްޖެނަމަ ﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނުންގެ ފަތުވާއަށް  ތިޔަބައިމީހުން ޢަމަލުކުރާށެވެ. އަދި އަބޫބަކުރުގެފާނުންގެފަރާތުންް އައިސްފައިއޮތް ފަތުވާ އެއް ނުލިބިއްޖެނަމަ ޢިލްމުވެރީންގެ މަޝްވަރާގެ މަތިން ކަނޑައެޅޭ ފަތުވާއަކަށް ޢަމަލުކުރާށެވެ.” މިއީ شَخْصِى تَقِلِيد އަށް ބުރަވުމަށްޓަކައި ލިބެންއޮތް ވަރަށް  ހަރުދަނާ ދަލީލެކެވެ. ޢިލްމާއި ފަޟީލަތުގައި، އިޖުތިހާދުގެ އެންމެ މަތީދަރަޖައަށް ވަޑައިގެންހުންނެވި އިރުގައިވެސް ކީރިތި ރަސޫލާ  ގެ ފުރަތަމަ ޚަލީފާ ، عُمَرُ الْفَارُوقُ މީސްތަކުންނަށް ނަޞީޙަތްތެރިވެ މަގުދައްކަވާނީ އަބޫބަކުރުގެފާނުންގެ ފަތުވާއަށް ޢަމަލުކުރުމަށެވެ. އެހެންކަމުން  شَخْصِى تَقِلِيد  ކުރުމަށް އަންގަވައި ޢަމަލުފުޅުންނާއި ބަސްފުޅުން އެކަލޭގެފާނު އުއްމަތަށް ދެއްވި އިރުޝާދަކީ ދީނުގައި އެކަން ކުރުމަށް ލިބިގެންދާ ވަރަށް ފުރިހަމަ ދަލީލަކާއި ޙުއްޖަތެކެވެ.

ދަންނާށެވެ! ޢިލްމަކީ ޤުރުއާނާއި ސުންނަތް ކަމަށް ބައްލަވައިގެން ހިތުން ދަސްކުރެއްވި ބޭކަލުންވެސް ޤުރުއާނުގައި  އުނި އިތުރެއް ގެނެވިދާނެ ކަމަށާއި އަދި رَسُولُ اللَّهِ صلّى الله عليه وسلّم ގެ ނަންފުޅުގައި ދޮގެއް ހެދިދާނެ ކަމަށްޓަކައި ވަރަށްބޮޑަށް ބިރުވެތިވެ ވަޑައިގަންނަވަތެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން އިބުލީހުގެ ވަސްވާސްތައް ޙުއްޖަތަކަށް ހަދައިގެން އެއީ ޢިލްމުކަމުގައި ދެކި، ޢަމަލީގޮތުން ް ޤުރުއާނާއި ސުންނަތާއި ދުރުގައި އުޅެމުންދާބަޔަކަށް  ދީނުގެ ސަލާމަތްކަމާއި ރައްކައުތެރިކަން ލިބޭނެމަގެއް އައްސަލަފުއްޞާލިޙުންގެ މަގުން އެއްކިބާވެގަނެގެން ލިބޭނެގޮތް އޮންނާނެތޯއެވެ؟ ޝައްކެއްނެތި  އިސްވެ ބަޔާންވެދިޔަ އިމާމުވެރިބޭކަލުންގެ ތެރެއިން ބެއިކަލަކު އައްޔަންކޮށް، އެބޭކަލަކީ ޤުރުއާނާއި ސުންނަތް ޝަރަޙަ ކޮށްދެއްވާފައިވާ ގޮތުގައި ހިފައިގެންނޫ މިއަދުގެ ޒުވާން ޖީލަށް ސަލާމަތްތެރި ކަމެއް ނެތެވެ. ދަންނަންޖެހޭނެ ޙަޤީޤަތަކީ މީސްތަކުން ހަވާ ނަފްސަށް ތަބާވަމުންދާ މިދުވަސްވަރު ތިމާމެންގެ ހަވާނަފްސަށް ތަބާވެގަނެ، ދީނުގެ ޙުކުމްތައް އަމިއްލަ އަމިއްލައަށް ހޯދަން އުޅުމީ ސަލާމަތްތެރިކަމާ ދުރަށް މީހާ ގެންގޮސްދޭ އަދި އޭނާއަށް އެހާމެ ބޮޑު ގެއްލުން ދޭނެ މަގެއްކަމެވެ.

_____________________________________

[1] ޞަންޢާނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1099 ވަނަ އަހަރުއެވެ. އަވަހާރަވީ ހިޖުރައިން 1182 ގައެވެ. މިއީ ޔަމަނު ކަރައިގެ ބޭކަލެކެވެ. ތުއްޕުޅުއިރު ޞަންޢާއަށް ވަޑައިގެން އެތަނުން ތަޢުލީމު ފުރިހަމަ ކުރެއްވިއެވެ. އެހެންކަމުން ޞަންޢާއަށް ނިސްބަތްވެ އެނަމުން ލަޤަބު ދެވުނެވެ. ފިޤްހީ ގޮތުން ނިސްބަތްވަނީ ޒާހިރީ މަޒުހަބަށެވެ.

[2] ޝައުކާނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1173 ވަނަ އަހަރުއެވެ. އަވަހާރަވީ ހިޖުރައިން 1250 ގައެވެ. މިއީވެސް ޔަމަނު ކަރައިގެ ބޭކަލެކެވެ. ފިޤްހީ ގޮތުން ނިސްބަތްވަނީ ޝިޔައިންގެ މަޛްހަބެއް ކަމުގައިވާ ޒިއިދީ މަޛްހަބަށެވެ. ފަހުން ޒާހިރީ މަޛްހަބަށް ވިސްނުންފުޅު ބަދަލު ކުރަށްވައި ތަޤްލީދާ އިންކާރު ކުރެއްވި ކަމަށް ވެއެވެ.

[3] ދުނިޔެ ދޫކުރެއްވީ ހިޖުރައިން 1163 ގައެވެ. އެކަލޭގެފާނަކީ އިންޑިޔާގެ ސިންދު ކަރައިގެ ބޭކަލެކެވެ. ދިރިއުޅުއްވީ މަދީނާގައެވެ. އެކަލޭގެފާނުންގެ މަޛްހަބަކީ ޙަންބަލީ މަޛްހަބެވެ. ފަހުން ޒާހިރީ މަޛްހަބަށް ބަދަލުވެއްޖެ ކަމުގައި ބުނެވެއެވެ.

[4] ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1248 ގައެވެ. އެކަލޭގެފާނަކީ އިންޑިޔާގެ ބޯޕާލްގެ ބޭކަލެކެވެ. އެކަލޭގެފާނުން ބޮޑަށް ޢިލްމީ އަސަރު ހޯއްދަވާފައިވަނީ އިމާމު އިބްނު ތައިމިޔާއާޢި އިބްނުލްޤައްޔިމާއި ދެބޭކަލުންގެ ކިބައިންނެވެ. ބޮޑަށް ބުރަވެ ވަޑައިގެންފައިވަނީ ޙަންބަލީ މަޛްހަބަށެވެ. ނަމަވެސް އެކަލޭގެފާނަކީ ޒާހިރީ މަޛްހަބުގެ ފަހުލަވާނެއްގެ ގޮތުގައި އުޅުއްވި ބޭކަލެކެވެ.

[5] މިޙަދީޘަކީ ތަފާތު ޢިބާރާތްތަކުން އިމާމު އަޙްމަދާއި ބުޚާރާއާއި މުސްލިމާއި އެނޫންވެސް ވަރަށް ގިނަ މުޙައްދިޘުން ރިވާކުރަށްވާފައިވާ ޙަދީޘެކެވެ. މިޙަދީޘުގައި އައިސްފާވާ ތަފާތު މަގުތަކުގެ ތެރެއިން ބައެއް މަގުތައް،  މުޙައްދިޘުންގެ ތެރެއިން ބައެއް މުޙައްދިޘުން ވަނީ ޟަޢީފު ކުރަށްވާފައެވެ. ނަމަވެސް މަދު ރިވާޔަތެއްނޫނީ ހުރިހާ ރިވާޔަތެއް ޞައްޙަ ވެގެން ވެއެވެ. އިތުރު ތަފްޞީލު މުސްލިމުގެ ޝަރަޙައިގައި އިމާމު ނަވަވީ ބަޔާންކުރަށްވާފައި ވެއެވެ. އެއީ އެފޮތުގެ ޙަދީޘު ނަންބަރު 3544 ގެ ދަށުގައި ބާބުލްއިމާރާތުގައެވެ.

[6] އިމާމު ނަވަވީ: ބަޔާން ވެގެންވަނީ މުސްލިމުގެ ޙަދީޘު ނަންބަރު 3544 ގެ ޝަރަޙާގައި ބާބުލްއިމާރާތުގައެވެ.

[7] ސޫރަތުއްނަޙްލް : (43)

[8] ސޫރަތުއްނަޙްލް : (43)

About the author
Leave Comment