އަޙްމަދު ޝަފީޤު ކުރީގައި ކޮންމެވެސް ވަރަކަށް ދެންނެވި ދިޔައީ ދިވެހިރާއްޖޭގައި ފައިސާ ބޭނުންކުރަން ފެށުނު ގޮތުގެ ވާހަކަކޮޅެކެވެ. ވިޔަފާރިއާއި ޚިދްމަތުގެ އަގުކަމަށް ފައިސާ ބޭނުންކުރުން ޢާންމުވާން ފެށީ މާފަހުގެ ދުވަސްވަރަކުން ފެށިގެންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފުރަތަމައަށް ދިވެހި ނޫޓްނެރުން ހިމެނޭނީ ފައިސާގެ މުޢާމަލާއަށް ފެށުމެއް ކަމުގައެވެ. އެހަންކަމަށްވިޔަސް އަދި ނުވިޔަސް 1958 ވަނަ އަހަރުހާ ތަނުން ފެށިގެން ދިވެހި އަފްރާދުންނާ އަދި ބޭރާ ގުޅުންހުރި އިދާރީތަންތަނާއި ސަރުކާރުގެ ތެރޭގައި ދިވެހިފައިސާ ޢާންމުވާންފެށި އޭގެ ހިސާބުތައް ކުރެވި،…

އަޙްމަދު ޝަފީޤު

ކުރީގައި ކޮންމެވެސް ވަރަކަށް ދެންނެވި ދިޔައީ ދިވެހިރާއްޖޭގައި ފައިސާ ބޭނުންކުރަން ފެށުނު ގޮތުގެ ވާހަކަކޮޅެކެވެ. ވިޔަފާރިއާއި ޚިދްމަތުގެ އަގުކަމަށް ފައިސާ ބޭނުންކުރުން ޢާންމުވާން ފެށީ މާފަހުގެ ދުވަސްވަރަކުން ފެށިގެންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފުރަތަމައަށް ދިވެހި ނޫޓްނެރުން ހިމެނޭނީ ފައިސާގެ މުޢާމަލާއަށް ފެށުމެއް ކަމުގައެވެ. އެހަންކަމަށްވިޔަސް އަދި ނުވިޔަސް 1958 ވަނަ އަހަރުހާ ތަނުން ފެށިގެން ދިވެހި އަފްރާދުންނާ އަދި ބޭރާ ގުޅުންހުރި އިދާރީތަންތަނާއި ސަރުކާރުގެ ތެރޭގައި ދިވެހިފައިސާ ޢާންމުވާންފެށި އޭގެ ހިސާބުތައް ކުރެވި، ރިކޯޑްވާން ފެށުނެވެ.

އާދެ، އަދިވެސް ކުރިޔަށް ބަލާލަން ބޭނުމެވެ. ކުރިޔަށޭ މިދެންނެވީ އެވޭލާއަށެވެ. ލިޔުންތަކުންނާއި، ސާފު ބުނުންތަކުން އެނގެމުން އަންނަ ގޮތުގައި، ދިވެހިކާބަފައިން ވަރަށް އެވޭލާއަކުން ފެށިގެން(ކުރީގައިވެސް އިޝާރާތްކޮށްލެވިފައިވާނޭ ފަދައިން) ދިވެހިވެރިކަން ހިންގުމަށް ރައްޔަތުން އަތުން “ވާރު”(ޓެކްސް) ނެގެވެމުން ދިޔައެވެ. މިވާރު ނުވަތަ ޓެކްސް އެތައް ނަމެއްގައި އެތަކެއް ސިފައަށް ނެގެވެމުން އައިކަން އެނގެއެވެ. އެއީ މާވާރު(ކޮންމެ މީހަކު އަތުން ނެގޭވާރު) އާއި، ފުނަވާރު(މަސައްކަތްތެރިންގެ އަތުން ނެގޭވާރު)އާ އެވެ. އަދި ފަޅުރަށުން ނެގެވޭވަރުވާ(ރަށުކުލި) އާއި، މީހުން ދިރިއުޅޭ ރަށްރަށުން ކުރެ ބިން ބަންޑާރަ ކުރެވިގެންވާ ރަށްރަށުން ގޮއި(ސަރުކާރަށް ހުންނަ ބިމުގައި އުފެދޭ އަދި އުފައްދާ ތަކެތިން ނެގެވޭ ކުލި) އެވެ. އެކި ޒަމާނުގައި މިކަންކަމަށް އުނިއިތުރު އައިސްފައިވެސް ވެއެވެ.

ދަންނަވާ ދިޔަ ނަންނަމުން ނެގެވުނު ތަކެއްޗާއި، އަދި ދޭދޭ ރަށްރަށުންނާއި ޚާއްޞަ މަސައްކަތްތެރިންގެ އަތުން އެކި ނަންނަމުގައި ނެގެވެމުން ދިޔަ “ޓެކްސް” މާލެ ފުރާތަކުރެވި، ރަދުންގެ ހިރިޔާ ފާތުރާ ދަށުން ސަރުކާރު ހިންގަން ތިބޭ ބަޔަކު އެކަމަށް ހުރި ޚާއްޞަ މަރުކަޒެއްގައި “ހިސާބު ކިތާބު” ކޮށް ބަލައިގަނެއެވެ. ދުނިޔޭގެ ކުރިއެރުމާއި ގުޅިގެން ދިވެހި ރައްޔަތުންނަށް ހޭލެވެމުން ދިޔަވަރަކަށް މިބުރަތައް ރައްޔަތުންގެ ކޮނޑުންމަތިން ބާލަމުން ގެންދިޔައޫއެވެ. އަދި މިރޮނގުން އަލުން މަގުތަކެއް ހުޅުވެމުންގޮސް އެންމެފަހުން 1937 ވަނަ އަހަރުހާ ތާނގައި ރައްޔަތުން އަތުން ވާރު ނެގުން ކެނޑުނީއެވެ. މީހުން އުޅޭ ރަށްރަށް އެމީހުންނަށް އަމިއްލަކޮށްދެވެމުންވެސް ގެންދެވެން ފެށުނީއެވެ. ތަންކޮޅެއް މިޒަމާނަކަށް އައިސް އައި ބަދަލުތަކެއްގައި ވިޔަފާރިއަށް މާލެ ގެންނަ ބައެއް ތަކެތިންކުރެ، ހިކިމަހާއި، ކާށްޓާ އަދި މިނޫންވެސް ބައެއް ޚާއްޞަތަކެތިން ސަރުކާރަށް ޓެކްސްއެއް ނެގުން އޮތެވެ. “ޢާއިދާ ނެގުން” މިނަމުގައެވެ.

ބިދޭސީން މާލޭގައި ބާޒާރު އަޅައިގެން ވިޔަފާރި ފެށުމުން އެމީހުން ވިޔަފާރިއަށް ބޭރުން ގެންނަ ތަކެތިން”މަޢްމޫލް”(އިމްޕޯޓް

ޑިއުޓީ) އަދި ބޭރުކުރާ ދިވެހި މުދަލުން މަޙްޞޫލް(އެކްސްޕޯޓް ޑިއުޓީ) ސަރުކާރަށް ނެގެވެއެވެ. ދިވެހިން އެމީހުންގެ އޮޑިފަހަރުގައި ބޭރަށް ގެންދާ މުދަލުން، އޮޅުދޫކަރައިގައި ނުވަތަ އިންޑިޔާގައި އަދި ނުވަތަ އެހެން ތަނެއްގައި ވިޔަސް އެމުދާ ވިއްކާފައި ވިޔަފާރިއަށް ރާއްޖެ ގެންނަ މުދަލުން ބިދޭސީން އަތުން ނެގޭ ވަރަށް ވުރެ ވަރަށް ބޮޑުތަން ލުއިކޮށް “މަޢްމޫލް” ނެގި ދުވަސްވަރެއް ދިޔައެވެ. އަދި މިދުވަސްތަކުގެ ތެރޭގައި ބޭރުން ވިޔަފާރިމުދާ ގެންނަ ދިވެހީންނާއި ބިދޭސީންގެ އަތުން”ވެދުން އެޅުން” މިނަމުގައި ނެގެވޭ ބައެއްވެސް އޮތެވެ. މިދެންނެވި ބައިވެސް ނެގެވުނީ ތަކެތީންނެވެ. 1960ގެ އަހަރުތަކަށް އެޅިގެން އައިއިރު އެކި އަހަރު އެކި ނަންނަމުގައި ނެގެވުނު އެއްޗެހި ކެނޑެމުންއައިސް ދިވެހިވިޔަފާރިވެރިންނާއި، ބިދޭސި ވިޔަފާރިވެރިންނަށް އެއް އުސޫލެއްގެ މަތިން(ބޭރު ތަންތަނުގައި މިކަން ހިނގާ ގޮތާއި ދާދި އެއްފަދަޔަކުން) އިމްޕޯޓް ޑިއުޓީއާއި އެކސްޕޯޓް ޑިއުޓީ ނެގެމުން ގެންދެވެއެވެ. އަދި ފައިސާއިން އަގުމަގުކޮށްގެން މިކަންކަން ދެމެހެއްޓެމުން ގެންދެވެއެވެ.

ދިވެހިންގެ އިޤްތިޞާދީ ޙަޔާތަށް ތާރީޚީ ގޮތުން ބަލަމުންދާއިރު އެންމެ ބޮޑު ބަދަލެއް ފުރަތަމަ އައިކަމަށް ފެންނަނީ ޔޫރަޕަށް ޞަނާޢި އިންޤިލާބު އައުމާ ގުޅިގެންނެވެ. އިންސާނީ އުފެއްދުންތެރިކަމަށް އައި ބޮޑު ބަދަލުގެ ނަތީޖާ، އެތެރެވަރިއަށް ފެންނަން ފެށުމާ ގުޅިގެންނެވެ. މެޝިނަރީ ސިސްޓަމުން އުފެއްދި މުދަލުގެ ސާމާނުތަކާއި، ދިރިއުޅުމުގައި އެއާ ނުލައި ނުއުޅެވޭނޭ ބޭނުންތެރި ތަކެތި އުޅުދޫކަރައަށާއި ހިންދުކަރައަށް ފުނިޖެހެމުން ދިވެހިންގެ ތެރެއަށް ގަދަ އޮއިވަރެއް ފަދައިން އަންނަން ފެށީ 1890މ. ވަނަ އަހަރު ހާތަނުން ފެށިގެން ކަމަށް ބެލެވެއެވެ. އެއީ ވޯރާވިޔަފާރިވެރިންގެ ބަނގަލާތަކުން މާލޭ ބާޒާރަށް، ޙައިރާންވާ ފަދަ ހެޔޮ އަގުގައި އެމުދާ އަންނާން ފެށުމެވެ. ފޭރާމާއި، ވޮށުތެލާއި، ކާބޯތަކެއްޗާއި، އަދި އެކި ވައްތަރުގެ ބޭހާއި ލަގްޒަރީ ސާމާނުން މުޅި ބާޒާރު ފުރާލެވުނެވެ.

ދިވެހިންގެ އެކްސްޕޯޓް މުދަލަށް ބާޒާރުގައި އޭރުހުރި އަގުން ބޭރުގެ މުދާތައް ދިވެހިންގެ އަތްމައްޗަށް ލިބެންފެށީ ހުވަފެނުންވެސް ނުދެކޭ ފަދަ ހެޔޮ އަގުގައެވެ. މުދާތަކުގެ ބޭނުންކުރަން ފެށިތާ އަހަރުތަކެއް ނުވަނީސް ދިވެހިން އޭގެ ކުރިން ކުރަމުން އައި އެތައް މަސައްކަތެއް އެކަންކަމުގެ ބުރަކަން ހީވެ، އަދި ބޭނުންތެރިކަން ކުޑަވެ އަތްމަތީން ދޫވާން ފެށިއެވެ. ފޭރާންކުރުމާއި، ފަތްޕިލާވެލީގެ ބޭސްވެރިކަމާއި، ވޮށުތެޔޮ ހޭނުމުގެ މަސައްކަތާއި މިހެންގޮސް ކިތަންމެ ކަމެކެވެ.

އޮޑިދޯނި ފަހަރުގެ ރިޔާ(ފަންރިޔާ) ބޭރުން ގެނެވޭ ފޮތިން ބޭނުންކުރަން ފަށައިފިއެވެ. އުނުފޭރާން ބޭރުން ގެނެވޭ ފޮތީގެ މައްޗަށް ހަމަޖެހެމުން ދިޔައެވެ. އެކި ޚާއްޞަ ބަލިބައްޔަށް ބޭނުންވާ ބޭސް ފުޅިފުޅީގަޔާއި، ދަޅުދަޅުގައި ބަންދުވެގެން ލިބޭން ފެށުމުން އުނދަގުލާއެކު ކުރަމުން އައި ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ޖާގަ ކުޑަވެގެން ދިޔައެވެ. ފަންފުރާޅުތައް ޓިނު ފުރާޅުތަކަށް ބަދަލުވެގެން ދިޔައެވެ. އަދި ކޮބައިތޯއެވެ!….. އުފައުތައް ހޯދައިގަތުމުގައި ޒުވާނުންތައް ދަހިވެތިކަމާއެކު ބާޒާރަށް އަރައިގަނެ، މުނިފޫހިފިލުވުމަށް ބޭނުންވާ ސާމާނުތަކުން މާލެއާއި ރާއްޖެތެރޭގެ ކަންކޮޅުތައް ވަރަށް އަވަހަށް ޒީނަތްތެރިކުރަމުން ގެންދިޔަ އެވެ. ދިރިއުޅުމަށް މިއައި ބޮޑު އިންޤިލާބު ދިވެހިން ޤަބޫލުކުރީ ހިންދުކަރައާއި އޮޅުދޫކަރައިގެ މީހުންނަށްވުރެ ޝައުޤުވެރި ގޮތެއްގައި ކަމަށް އަޅުގަނޑު ދެކެމެވެ. އެއީ އެމީހުންނަށް ވުރެ ޔޫރަޕްގެ ތަހުޒީބާ ދިވެހިން ގާތީއެވެ. މިއީ އަޅުގަނޑުގެ ހޯދުންތަކުން ލިބުނު މަޢުލޫމާތެވެ. އަޅުގަނޑުގެ ނަޒަރުގައި މިކަން މިހެން ވުމަކީ، އޭރުގެ ދިވެހިންނަށް ލިބޭ މަލާމާތެއް ނޫނެވެ.

އާދެ، ދިވެހިން ކުރަމުން އައި ކިތަންމެ މަސައްކަތަކާއި، އުފެއްދުމެއް ރަސްމީ އާދަކާދައަށް  ބޭނުންވެދާނެކަމަށްޓަކައި ހިފެހެއްޓޭތޯ އުޅެގެންވެސް ނުހިފެހެއްޓި ދިޔައީއެވެ. މިދަނޑިވަޅުގައި ދިވެހިންގެ ރަސްމީ އަދި ނުރަސްމީ ހެދުމަށާއި ތަކެއްޗަށް ބަދަލު އަންނަން ފެށިއެވެ.

ކޮންމެއަކަސް ދިރިއުޅުމުގެ މިފައްތަރުގައި ދިވެހިންގެ ވިސްނުމަށްވެސް ބަދަލުއައިކަމަށް ފެނެއެވެ. މުއްސަނދިކަން ކޮންމެހެން ބޭނުންވުމާއި، ދިރިއުޅުމުގެ އަގާއި އެކަމަށްޓަކައި ބޭނުންވާ ތަކެތިގެ އަގުގެ ހަމަނަހަމައާއި މެދު ވިސްނުންތެރިން ޚިޔާލުކުރަން ފެށީއެވެ. މާލޭގައި ތިބި ބޭރުގެ ވިޔަފާރިވެރިން އޮޅުދޫކަރައާއި އިންޑިޔާގައި ދިވެހިރާއްޖެއިން ހޯދާ މުދަލުން ލިބޭ އަގުނުކުރެވޭފަދަ މަތީ މަންފާއިން ވަމުން ދިޔަ މުއްސަނދިކަން، މަދު ބަޔަކު ނަމަވެސް ދެކެން ފެށިއެވެ. އެމީހުންގެ މުއްސަނދިކަން މަތިވެރިކޮށް ދެމުންދާ އެއްޗަކީ، ދިވެހި ހިކިމަސްކަންވެސް ފާޅުވެ އެނގެމުން ދިޔައީއެވެ. އޮޅުދުކަރައިގައި އެދުވަސްވަރު އުފެދުނު އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެކިއެކި ވިޔަފާރިވެރިން ހިމެނިގެން ދިޔައެވެ.

ޝައްކެއް ނެތެވެ. ދިވެހިންގެ ވިސްނުންތެރން ކުރެ، މަތީ ދަރަޖައިގައި ތިބި ބައެއް މީހުނާއި އެނޫންވެސް ބައެއްގެ ހިތްތަކަށް މިކަމުގެ ފުން އަސަރުތަކެއް ކުރިއެވެ. މިކަމުގެ ނަތީޖާއަކަށް ވީ ކޮންމެވެސް ވަރެއްގެ، ޤައުމީ އެކުވެރިކަމެއް އުފެދުމެވެ. ކޮންމެއަކަސް މިރާއްޖެއަށް ލިބޭ އާމްދަނީ ބދޭސީންގެ އަތްމަތީން ބޭރުވަމުންދާތަން ދެކޭން ތިބި ބައެއް މީހުން އެދަނޑިވަޅުގައި ޙަރަކާތް ވެއްޖެއެވެ. ގަލޮޅުގޭ ޢަލިކިލެގެފާނު ފަދަ ސިޔާސީ ބާރު އަތްމަތިވެފައިވާ ޚާއްޞުން ވިޔަފާރިއާ ކުރިމަތިލައިފިއެވެ. މާގިނަ ދުވަސްތަކެއް ނުވެ ކާމިޔާބީގެ ހަރުފަތްތަކުން ކުރިއަރަން ފެށި ވެސް މެއެވެ. އޮޅުދޫކަރައިގެ ގާލީގައި އެންމެ ނުފޫޒުހުރި މުއްސަނދިންގެ ތެރޭގައި ގަލޮޅުގޭ ޢަލި ދޮށިމޭނާ ކިލެގެފާނު ވެގެން ދިޔައެވެ.

އެއަށްފަހު މާގިނަ އަހަރުތަކެއް ނުވެ ކަކާގޭ އިސްމާޢީލް ދޮށިމޭނާ މަނިކުފާނުވެސް ކާމިޔާބު ވިޔަފާރިވެރިއަކަށް ވެއްޖެއެވެ.އަދި އެމަނިކުފާނަކީ ދިވެހިރާއްޖޭގައި، ތަކެތި އުފައްދާ ފެކްޓަރީއެއް އެންމެ ފުރަތަމަ އުފެއްދެވި ދިވެހިދަރިޔާ ކަމަށްވެސް ވީއެވެ. ފަހުން އެމަނިކުފާނުގެ ވިޔަފާރި ހިނގީ “ކޭ.އައި.ޑީ. އެނޑް ސަންސް” ގެ ނަމުގައެވެ. ފެކްޓަރީއަކީ “އަތިރީފަނޑިޔާރުގެ” އެވެ. އެތާނގައި، ސައިބޯނި، އެކި ކަހަލަ ތެޔޮ، ކޭކު، ފާރޮށި، ޙަލްވާ، ސޮޑާ، ބިސްކޯދު އަދި މިނޫންވެސް ބައެއް ވައްތަރުގެ ތަކެތި އުފެއްދިއެވެ.

ސުމުއްވުލް އަމީރު މުޙަންމަދު އަމީން އެކުލެއްވެވި “ކުރިޔަށް ދިވެހި ޤައުމު” މިފޮތުގައި ލިޔުއްވާފައިވެއެވެ.”އަޅުގަނޑުގެ ކުރިމަތީގައި ފެންނަނީ ވަރަށް ތަފާތު ހަތަރު ދައުރެކެވެ. ފުރަތަމަ ފެންނަނީ ސެޓިގަމް މީހުންގެ ނައުފަހަރު މާލެއަށް ވިޔަފާރިކުރަން އައިސް ގޮސްވީ ދައުރެވެ. ދެން ފެންނަނީ އަޅުގަނޑުމެންގެ ވިޔަފާރި މުޅިންމެ ބިދޭސީ ވިޔަފާރިވެރީންގެ ހައްޤެއްކަމުގައިވެފައި އޮތް ޒަމާނެވެ. ވޯރާއިންނާއި، ކަޗޭމީހުންނެވެ. ސޯޅިޔާއިންނާއި ހޮޅިންނެވެ. ތިންވަނަ ދައުރަކީ…. އާދެ! އެދައުރުގައި ވެސް ވިޔަފާރީގެ މައިގަނޑު ބައެއްކަމުގައި ވަނީ ބިދޭސީންނެވެ. ނަމަވެސް ދައުރަކީ، މާލޭގައި ތިބި ބޭރުގެ ވިޔަފާރިވެރިންގެ ތެރޭގައި ދިވެހިންގެ ވިޔަފާރިވެރިންވެސް ގުނެވޭން ފެށްޓުނު ދައުރެވެ. ހަތަރުވަނަ ދައުރަކީ، ޤައުމީ ވިޔަފާރި އޭގެ ހައްޤުވެރީންގެ އަތްމައްޗަށް އަރާތަން ފެންނާން ފެށި ދައުރެވެ.”

ދިވެހިންގެ އަތްމައްޗަށް ދިވެހިންގެ ވިޔަފާރި އަރަން ފެށުމާ ގުޅިގެން ދިވެހިންގެ އިޤްތިޞާދަށް އެދެވޭ އަސަރުތަކެއް ކުރަން ފެށިއެވެ. ނަމަވެސް ޢާންމުންނަށް މިކަމުގެ މައްޗަށް ދަހިވެތި އުއްމީދެއް ކުރެވެން ފެށީ، ސަރުކާރުންނާއި، އަދި ކުރިޔަށް ތިބި މީހުންކުރެ މިކަމަށް ކުރިމަތިލީ މަދުމީސްކޮޅެއްގެ ގަދަ މަސައްކަތުގެ ނަތީޖާ ކާމިޔާބު ގޮތެއްގައި ފެންނަން ފެށުމުންނެވެ. ދިވެހިންގެ އެތަކެއް މީހުން އެކަހެރިކޮށާއި ކުންފުނި އުފައްދައިގެން މާލެއާއި ރާއްޖެތެރޭގައި ވިޔަފާރި ފެށިއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ވިޔަފާރިވެރިން ކުރެ އެންމެ ކާމިޔާބު ދެފަރާތެއް ކަމަށް، ކޮލިގޭ ޢުމަރުމަނިކު(ކޭ.ޔޫ.އެމް) އާއި، “ތިންދީދި ކުންފުނި” (އެމް.އެމް. އިބްރާހީމް ދީދީ އެންޑް ކޮމްޕެނީ) ހިމެނޭނެއެވެ. އެއިރު ވިހިވަނަ ޤަރުނުގެ ފުރަތަމަ ދިހައެއްގެ އަހަރުތައް ވޭތިވެ ހިނގައްޖެއެވެ. އެޤަރުނުގެ ކުރީކޮޅުން ތިރީސްއަހަރު ހިނގާ ދިޔައީ ކުރީގައި ދެންނެވި ފަދައިން އަޖައިބެއް ފަދަ ތިޔާގިކަމެއްގައެވެ.

ސަރުކާރުގެ ރޭވުމުން ބިދޭސީ ވިޔަފާރިވެރިންނަށް އަތުވެދާނެ ގެއްލުމަކަށް ޓަކއި ރަށްފުށުގެ މީހުން(ބިދޭސީންގެ ރޭވުމުން) ވަރަށް ބޮޑަށް ހެއްލުންތެރިކުރުވިއެވެ. މިކަމަށް އެންމެ އެކަށީގެންވާ ދަނޑިވަޅެއް އެމީހުންނަށް ލިބުނީ، ދެވަނަ ބޮޑު ހަނގުރާމަ ފެށުމުންނެވެ. އެދަނޑިވަޅު ބަލާފައި ތަދުމަޑުކަން ކުރިމަތިވާން ފެށުމުން، ދިވެހިންގެ އެކްސްޕޯޓް މުދަލުގެ އަގު ވައްޓާލިއެވެ. ހިކިކަނޑުމަސް ހަންދަރެއްގެ އަގު -/5 ރ. އާ ހަމަޔަށް ތިރިކުރި އެވެ. ކަނޑުމަހުގެ އަގުގެ ނިސްބަތުން އެހެން މުދަލުގެ އަގު އަދި މާދަށްވެގެން ދިޔައެވެ. މިދަނޑިވަޅުގައި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ލިބުނު ހާސްކަމުގައި، ވަރަށް ބޮޑަށް ފިތުނަ އުފެދިގެން ގޮސް އެތައް ބަޔަކަށް ސިޔާސީ ގޮތުން އެކަމުގެ ގެއްލުންވެސް ލިބުނެވެ.

ޝައްކެއް ނެތެވެ. ދިވެހީންގެ އިޤްތިޞާދާއި މަޢީޝަތަށް އެންމެ ބޮޑު ބަދަލެއް ގެނައި ދެވަނަ ކަމަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައެވެ. ފުރތަމަ ކަމަކަށް ފެންނަން އޮތީ “ޞަނާޢީ އިންޤިލާބު” ކަމަށް ކުރިން ދަންނަވާފައިވާނެއެވެ. އޭރު އޮތް ދިވެހި ޖީލު އިސްރާފުގެ މަގުން އެއްކިބާވާން މަޖުބޫރުކުރުވީ އެހަނގުރާމައިން ލިބުނު ތަޖުރިބާއެވެ. ދުވަހަކު އޭގެ ކުރިން ދިވެހިން އުފުލާފައި ނެތް ގަދަ ވޭންތައް އުފުލައި އެތަކެއް ސަތޭކަ ފުރާނަ ގެއްލިގޮސް، އަލުން ދިވެހި އުންމަތެއް ދުނިޔެއަށް އުފަންވެ އައުން ފަދަ ގޮތަކަށް ދިވެހިންގެ ޙަޔާތް ބަދަލުވެގެން ދިޔައެވެ.

ވާހަކައިގެ މިހިސާބުން ދެން އަޅުގަނޑު ބޭނުންވަނީ، ދިވެހި އިޤްތިޞާދުގެ މިދެންނެވި ފައްތަރުގެ މައްޗަށް އެޅިގެން އައިއިރު އަޅުގަނޑުމެންގެ އެކްސްޕޯޓް މުދަލާއި އިމްޕޯޓް މުދަލުގެ ތެރޭން ކޮންމެ މީހެއްގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު ތަކެތީގެ އޭރުގެ އަގުލިސްޓެއް ނަކަލުކޮށްލުމަށެވެ. އަދި ހަމައެއާއެކު އިމްޕޯޓްކުރެވޭ މުދަލުން، ހަމަ ކޮންމެ މީހަކުވެސް ބޭނުންކުރަން ޖެހިފައި އޮތް ބައެއް މުހިންމުތަކެއްޗާއި، އެތަކެތީގެވެސް ލިސްޓެއް ނަކަލުކޮށްލަމެވެ.

އިމްޕޯޓް-އެކްސްޕޯޓް މުދަލުގެ މައިގަނޑު ބައެއް ތަކެތި

1939މ.

 

އިމްޕޯޓްމުދާ

                                      ލ ރ

ހަނޑޫބަސްތާއެއް (މޮޅު)              -/7

ހަކުރުބަސްތާއެއް(ދެހަންދަރުގެ)       -/9

ކަރާސީނު ތެޔޮ(މަނެއް)            50/2

އަންހެނުންލާ ލިބާހެއް (މޮޅު)       -/2

ކަނޑިއްކެއް                        60/-

މުންޑެއް މޮޅު                      60/1

ދުންފަތް(ރާތަލެއް)                30/-

އެކްސްޕޯޓް މުދާ

                                          ލ ރ

ކަނޑުމަސް ހަންދަރެއް(އާދައިގެ)       -/25

ކަނޑުމަސް ހަންދަރެއް(ހުވަދޫ)        -/60

ރޯނު ހަންދަރެއް                     -/15

ބޮލި ހަންދަރެއް                      -/32

ހިކިލޮނުމަސް ހަންދަރެއް          -/32

ތެތްލޮނުމަސް ހަންދަރެއް          50/32

ކޮފްރާ   ހަންދަރެއް              -/24

ކަހަނބުފަތް ރާތަލެއް              -/15

ޢާންމު ފެންވަރުގެ މީހެއްގެ ދިރއުޅުމުގެ ޚަރަދަށް މަސްދުވަހަކަށް ބޭނުންވަނީ 50/7 ރު. އިން -/10 ރު. އާ ދެމެދުގެ އަދަދެކެވެ. ރުފިޔާ އަކީ 120 ލާރިއެވެ.

ދިވެހިން އުފައްދާ ތަކެތީގެ ތެރެއިން ދިރިއުޅުމުގައި ކޮންމެހެން ބޭނުންކުރާން ޖެހޭ ބައެއް ތަކެތީގެ އަގުވެސް ދަންނަވާލަމެވެ. މިސާލަކަށް: ސަތޭކަ ކާށި 00/2 ރު، ދަރު ކޮޑިއެއް 08/- ލާރި، ރިހާކުރު އަޑުބައެއް 80/- ލާރި، ރޯމަހެއް(އެވްރެޖް އަގު) 20/-ލާރި، އަންނަ ފޭއްޔެއް(އާދައިގެ) 50/2 ރު، ދިވެހި ހަކުރުއަޑުބައެއް (މޮޅު) 80/- ލާރި މިއެވެ.

އާދެ، ދެވަނަ ބޮޑުހަނގުރާމައިގެ ދަތިކަން ފެށުމާއެކުހެން އެކްސްޕޯޓް އިމްޕޯޓްގެ ވިޔަފާރި ސަރުކާރުގެ ދަށަށް ގެންނެވިއެވެ. އެއީ 10 ޑިސެމްބަރު 1942 ގައި “ރައްޔިތުންގެ ބޮޑުސްޓޯރ” ނަމުގައި ސަރުކާރުން ޚާއްޞަ މަރުކަޒެއް އުފެއްދެވުމުންނެވެ. މިހާރު އަޅުގަނޑުމެންގެ “މަސްވެރިންގެ ދުވަސް” ފާހަގަ މިކުރަނީ އެތާރީޚީ ދުވަހާ ގުޅައިގެންނެވެ.

ދިވެހިންގެ ޤައުމީ ވިޔަފާރީގެ ދަނޑުގައި މިއެޅުނު ހަރުދަނާ ފިޔަވަޅަކީ، ދިވެހިންގެ އިޤްތިޞާދީ ތާރީޚުގައި އެޅުނު އެންމެ ހަރުދަނާ ފުރަތަމަ ފިޔަވަޅުކަމުގައި ނުވެ ނުދާނެ އެވެ. މިދަނޑިވަޅުގައި ތަކެތީގެ އަގުވެސް ކޮންޓްރޯލް ކުރެވުނީއެވެ. ދިވެހިން އުފައްދާ ތަކެއްޗާއި ބޭރުން ގެންނަ ތަކެތީގެއެވެ. އަދި ހަމަ މިދުވަސްވަރުގައި އިމްޕޯޓް މުދާ ވިއްކުމަށް ޓަކައި “ރައްޔިތުންގެ ކުޑައިސްޓޯރ” މި ނަމުގައި މަރުކަޒެއްވެސް ހުޅުވުނީއެވެ.

މާލޭގައި ތބި ބިދޭސީ ވިޔަފާރިވެރިންނަށް ޖެހުނީ އެމީހުންގެ ވިޔަފާރި ކުޑަކޮށް، އަދި ވަރަށް މަދު ބަޔަކު މެނުވީ ވިޔަފާރިދޫކޮށް ފުރަފުރައިގެން ދާށެވެ. ދެން ވިޔަފާރިކުރަން ތިބީ އެމީހުންގެ ބޮޑެތި މުއްސަނދީންނާއި، އެމީހުންގެ ތައްޕާހުން ވިޔަފާރިކުރަމުން ގެންދިޔަ ބައެކެވެ. ހަނގުރާމަ ފެށުނުއިރު ރާއްޖޭގައި ތިބި މަދު މީސްކޮޅު(ފަސްދޮޅަސް އެތައް

ހާހެއް) ގެ މައްޗަށް މާލޭ ބާޒާރުގައި ހަތަރު ސަތޭކަ އެތައް ބިދޭސީ ވިޔަފާރިވެރިން ތިއްބެވެ. އެމީހުންގެ ސަތޭކަ އެތައް ފިހާރައަކާއި ގުދަން ހުއްޓެވެ. އޭރު ދިވެހިންގެ ހުރީ “ބޮޑުބާޒާރު” ގެ ފަނަރަ ވަރަކަށް ފިހާރައެވެ. މިދުވަސްވަރު ދިވެހިން އެންމެ ހިތްދަތިކުރުވި އަނެއް ކަމަކީ، ދުރުކާބަފައިންނާ ހަމައިން އުޅުންތެރި މީހުންގެ އަތުގައި އެއްކުރެވި ރައްކާކުރެވިފައިވާ ރަން ރިއްސާއި ޖަވާހިރު ފަދަ ތަކެތި ވޯރާވިޔަފާރިވެރިންގެ އަތްމަތީން ބޭރުވަމުންގޮސް މުޅިން ހުސްވުމާ ހަމައަށް ދިޔުމެވެ. މިކަން ހިނގަމުން ދިޔައީ ސިއްރީ ގުޅުންތަކުގެ ތެރޭގައެވެ. މިކަމާ ގުޅިގެން ސަރުކާރުން ޤާނޫނެއް ނެރުއްވައި ހަރުމުދާ އޮބަހައްޓަވަމުން ގެންދެވިއެވެ. އަދި ނުއަގުގައި ތަކެތި ވިއްކުން ހިފެހެއްޓެވުމުގެ ގޮތުން ރަށްފުށުގެ ކާޑުގެތަކުގައި

ރަހުނުން ތަކެތި ބެހެއްޓުމަށާއި، އަދި ޝަރުޢީ މިސްލީ އަގެއް ކަނޑައެޅި ތަކެތި ބެހެއްޓުމަށާއި، ތަދުމަޑުކަމުގެ ދުވަސްތައް ފާއިތުވި ދުވަހަކުން އަނބުރާ އެތަކެތި އޭގެ ވެރިންނަށް ރައްދު ކުރުމަށް ސަރުކާރުން ހަމަޖެއްސެވި އެވެ. މިކުރިމަތިވި ދަތިކަމުގެ ތެރޭގައި ދިވެހިންގެ އިޖްތިމާޢީ އަދި އިންފިރާދީ އެންމެ ޙާލަތުތައް ވަރަށްވެސް ދަށަށް ދިޔައެވެ.

ސަރުކާރާއި އެހާރުގެ ޢާންމު ރައްޔިތުންނަށް އޮތީ ވަރަށް ސީރިއަސް ގޮތްތަކެއް ކުރިމަތިވެފައެވެ. ޢާންމުންގެ ގިނަ މީހުންނަށް ހީވެފައި އޮތީ އެ ދަނޑިވަޅުގައި އެޅެމުން ދިޔައީ އެދެވޭ ފިޔަވަޅުތަކެއް ނޫން ކަމުގައެވެ. މިކަން އެންމެ ރަނގަޅު ގޮތުގައި މީސްތަކުންގެ ހިތަށް ވަންނަންފެށީ ދޭދޭ ދިވެހިންނަށް އެކްސްޕޯޓް ވިޔަފާރި އަތްމައްޗަށް ލިބި އަދި ފަހުން “ޤައުމީ އެކުވެރިކަމުގެ ކުންފުނި” މި ނަމުގައި ރާއްޖޭގެ ރައްޔިތުންނާއި، ސަރުކާރު ބައިވެރިވެގެން އުފެއްދި އެންމެ ފުރަތަމަ ކުންފުނި ހުޅުވާލުމުންނެވެ. ސަރުކާރުން ފަސްބައިކުޅަ އެއްބައި ބައިވެރިވާ ގޮތުގައި، ޙިއްސާއަކީ -/10ރ.ކަމުގައި

ރައުސްމާލަށް 10 ލައްކަ ރުފިޔާއިން އެކުންފުނި އުފެއްދިއެވެ. އެތަނުންވެސް އެކްސްޕޯޓް އިމްޕޯޓް ވިޔަފާރި ފެށީއެވެ.

އަދި ސްރީލަންކާގެ ކޮޅުނބުގައި އެމް.އެން.ޓީ.ސީ ގެ ނަމުގައި އެކުންފުނީގެ ގޮތްޕެއް ހިންގަން ފެށުނެވެ. ޤައުމީ އެކުވެރިކަމުގެ ކުންފުނި އުފެދުނީ 17 ޑިސެމްބަރ 1949 ގައެވެ.

ދިވެހިންގެ އިޤްތިޞާދަށް މިމުހިންމު ބޮޑުބަދަލު ފުރަތަމައަށް އައި ދަނޑިވަޅު ދިވެހިންގެ އޭރުގެ ވިޔަފާރިވެރިއަކު ކަމުގައިވާ ވަޒިރަކު ރައްޔިތުންގެ މަޖްލިސްގައި ވިދާޅުވެފައިވެއެވެ. “ސަރުކާރުން ވިޔަފާރި މޮނޮޕޮލައިޒްކުރުން ވާނީ ދޫކޮށްލާށެވެ. އެކަންވާނީ ދިވެހިންގެ ބަޔަކުގެ އަތްމަތި، ވިޔަފާރީގެ ގޮތުން އެދެވޭ ވަރަށް ތަނަވަސްކޮށްދީގެންނެވެ ދިވެހިންގެ އިޤްތިޞާދަށް ކުރިއަށް އޮތް ޖީލުތަކަށް ތަނަވަސްކަން ހޯދައިދެވޭނީ އެކަމުގެ ޠަބީޢި އުޞޫލު ބިނާކޮށްގެންނެވެ. އަދި ސަރުކާރުން އެކަމުގެ ނިޘާމު ކަނޑައަޅައި ބިންގާ އަޅައިދީގެންނެވެ. ވަރަށް ގާތް ނުވަތަ ތަންކޮޅެއް ދުރު މުސްތަޤްބަލެއްގައި ނަމަވެސް ދިވެހިންގެ ރަށްތަކުގެ އެއްގަމާއި، ކަނޑުތަކާއި، ބޭރާއި ދުރުގެ ބަނދަރުތައް ވާންވާނީ މިނިވަން ވިޔަފާރިއަކުން ދުނިޔެއާ ގުޅިފައިވާ ތަނެއް ކަމަށެވެ. އެހެންވާނީ މިވަގުތު އިނދަޖެހިފައިވާ މިޙާލަތުން ރައްޔިތުން ސަލާމަތްކޮށްދެވުނުހާ އަވަހަކަށެވެ.”

                      (ނުނިމޭ)

            ——————————————————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment