(24 ސެޕްޓެންބަރު 2016 ގައި ޝާއިއުކުރެވުނު ބަޔާ ގުޅޭ) އިސްވެދިޔަ ހަފްތާގައި ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި، ސޫރަތުގެ އާޔަތްތައް ފަސްބަޔަށް ބަހާލެވުނެވެ. މިފަސް ބައިގެ ތެރެއިން ފުރަތަމަ ބައިގެ ތަފްސީރު، މިހަލަގާގައި ލިޔަން ފަށަން ގަސްދުކުރަމެވެ. މިބައިގައި ހިމެނެނީ އެއްވަނަ އާޔަތުން ފެށިގެން އަށާވީސް ވަނަ އާޔަތުގެ ނިޔަލަށް ވާ އަށާވީސް އާޔަތެވެ. ކުރިންވެސް ނަންގަނެވި ދިޔަ ފަދައިން، މިބައިގައި މިސޫރަތުގެއާއި އަދި ކީރިތި ޤުރްއާނުގެވެސް މައިގަނޑު މައުޟޫއު އަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅައި…

(24 ސެޕްޓެންބަރު 2016 ގައި ޝާއިއުކުރެވުނު ބަޔާ ގުޅޭ)

އިސްވެދިޔަ ހަފްތާގައި ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި، ސޫރަތުގެ އާޔަތްތައް ފަސްބަޔަށް ބަހާލެވުނެވެ. މިފަސް ބައިގެ ތެރެއިން ފުރަތަމަ ބައިގެ ތަފްސީރު، މިހަލަގާގައި ލިޔަން ފަށަން ގަސްދުކުރަމެވެ. މިބައިގައި ހިމެނެނީ އެއްވަނަ އާޔަތުން ފެށިގެން އަށާވީސް ވަނަ އާޔަތުގެ ނިޔަލަށް ވާ އަށާވީސް އާޔަތެވެ. ކުރިންވެސް ނަންގަނެވި ދިޔަ ފަދައިން، މިބައިގައި މިސޫރަތުގެއާއި އަދި ކީރިތި ޤުރްއާނުގެވެސް މައިގަނޑު މައުޟޫއު އަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅައި ލެވިފައި ވެއެވެ. އަދި އެއަށްފަހު، މިބައިގައި، މީސްތަކުން، މި ހިދާޔަތް ބަލައިގަންނަ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، ތިންބަޔަށް ބަހާލެވިފައިވެއެވެ. އެއްމެ ފުރަތަމަ އެކަން ބަލައިގަންނަ މީހުން، އާދެ، މުއިނުނުންނެވެ. ދެން، އެކަމަށް އިންކާރުކުރާ މީހުން، އާދެ، ކާފިރުންނެވެ. ދެން، އެކަން ބަލައިގަތުމާއި އިންކާރުކުރުމާއި ދެގޮތުން ކުރެ އެމީހުންގެ ގޮތަކީ ކޮބައިން ސާފުކޮށް ނޭނގޭ މީހުންނެވެ. އާދެ، ދެފުށް ދެގޮތް މުނާފިގުންނެވެ.

މީގެ ތެރެއިން މުއުމިނުންނާ ބެހޭ ވާހަކަކޮޅު، އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވެއެވެ. މުއުމިނުންނާއި ބެހޭގޮތުން، އެއްމެ ފުރަތަމަ، ބަޔާން ކުރެވިފައިވަނީ، އެމީހުންނަކީ ‘ތަގުވާވެރިން’ ކަމުގައެވެ. މާތްﷲއަށް އީމާންވެ، އެމީހުންގެ ހަށިގަނޑު ތެރޭގައި މި އީމާންކަމުގެ ހުޅުކޮޅު ރޯކޮށް، ދަމަހައްޓުވައި، އޭގެ އަލީގައި އެމީހުންގެ އަމަލުތައް ބަހައްޓަން މަސައްކަތް ކުރާ މީހުންނެވެ. ހެޔޮއަމަލު ކޮށް، އެމީހުންގެ އީމާންވާ އީމާންވުމާ ތައާރުޒުވެ، ފުށުއަރާ ނުބައި ކަންކަމުން ދުރުހެލިވެ ތިބޭ މީހުންނެވެ. މީގެ އިތުރުން، އެމީހުންގެ ސިފަތަކުގެތެރޭގައި ޣައިބަށް އީމާންވުމާއި ނަމާދު ގާއިމުކުރުމާއި، އެމީހުންނަށް މާތްﷲ ދެއްވި އެއްޗެތީން އެހެންމީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރްއާނަށާއި އަދި އެހެނިހެންވެސް އިލާހީ ފޮތްތަކަށް އީމާންވުމާއި އަދި އާޚިރަތް ދުވަހަކީ އަންނާނޭ ދުވަހެއްކަމާމެދު ޔަގީންކޮށް ކަށަވަރުކުރުން، ހިމެނެއެވެ

އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ މިފަސް އާޔަތުގެ މައްޗަށް ތަފްސީލުކޮށް ބަލައިލަމާތޯއެވެ. އެއްމެ ފުރަތަމަ މިފަސް އާޔަތުގެ ދިވެހި ތަރުޖަމާއެކެވެ. ދެން އެއަށްފަހު، މިއާޔަތްތަކުގެ އިތުރު ތަފްސީލު ހުށަހަޅާލެވޭނެއެވެ.

 

ތަރުޖަމާ

بسم الله الرحمن الرحيم          ރަޙުމަތް ވަންތަ، ރަޙުމަތް ލައްވާ (މާތް)ﷲގެ އިސްމުފުޅު ނަންގަނެ (ބަރަކާތް ލިބުން އެދި ފަށަމެވެ)

1 ألم                       އަލިފް، ލާމް، މީމް. (މިއަކުރުތަކުގެ މާނައާ މެދު، ތިރީގައި، ‘އިތުރު ތަފްސީލު’، މިސުރުޚީގެ ދަށުގައި ލިޔެވިފައިވާނެއެވެ.)

2 ذلك الكتاب لا ريب فيه هدى    މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި އޮތް

للمتقين                      (އެބަހީ، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ މީހުންނަށްޓަކައި އޮތް) މަގުދެއްކުމެވެ. (އެބަހީ، ތެދުމަގު ބަޔާންކޮށް، ދެއްކިފައިވާ ފޮތެވެ.)

3 الذين يؤمنون بالغيب ويقيمون    ތަޤުވާވެރިންނަކީ ޣައިބަށް އީމާންވެ، ނަމާދު ޤާއިމު ކޮށް، ތިމަން

  الصلوة ومما رزقناهم ينفقون     ރަސްކަލާނގެ، އެމީހުންނަށް، ދެއްވި ރިޒުގުން (އެއްޗެހީން ނުވަތަ ކަންކަމުން، އެހެންމީހުންނަށް ޓަކައި ހެޔޮގޮތުގައި،) ހޭދަކުރާ މީހުންނެވެ.

4 والذين يؤمنون بما أنزل إليك    އަދި އެމީހުންނަކީ ކަލޭގެފާނު (އެބަހީ، މުހައްމަދުގެފާނު) މައްޗަށް

  وما أنزل من قبلك            ބާވާލެއްވުނު ފޮތަށާއި (އެބަހީ ކީރިތި ޤުރްއާނަށާއި) އަދި ކަލޭގެފާނުގެ ކުރީގެ (ރަސޫލު ބޭކަލުންގެ މައްޗަށް) ބާވާލެއްވުނު ފޮތްތަކަށް ވެސް (އެބަހީ އެބޭބޭކަލުންގެ މައްޗަށް ބާވާލެއްވުނު ޒަބޫރު، ތައުރާތު އަދި އިންޖީލު ފަދަ، ފޮތްތަކަށް ވެސް) އީމާންވާ މީހުންނެވެ.

  وبالآخرة هم يوقنون           އަދި އާޚިރަތް ދުވަސް، (އެއީ އަންނާނޭ ދުވަހެއްކަމާއި މެދު)، ހަމަ އެމީހުން ޔަގީންކޮށް، ކަށަވަރު ކުރެއެވެ.

5 أولئك على هدى من ربهم      އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ (ދެއްކެވި) ތެދުމަގުގައިވާ

   وأولئك هم المفلحون          މީހުންނަކީ އެމީހުންނެވެ. އަދި (އާޚިރަތް ދުވަހުން) ދިންނެވުން ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ.

އިތުރު ތަފްސީލު

މިސޫރަތް ފެށިފައިވަނީ އަލިފް، ލާމް، މީމް. މިތިން އަކުރުންނެވެ. ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ މިފަދަ އަކުރުތަކަށް ‘އަލްޙުރޫފު އަލްމުޤައްޠަޢާ’، ވަކިކުރެވިފައިވާ އަކުރުތައް’، މިނަމުންނާއި އަދި ‘އަލްފަވާތިޙު’، ‘ފެށުންތައް’، މިނަމުންވެސް ނަންދެވިފައި ވެއެވެ. މިއަކުރުތަކުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާ ތޯއެވެ. އެއްމެ ފުރަތަމަ، ކީރިތި ޤުރްއާނުގައި ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވާ ގޮތުގެ މައްޗަށާއި އަދި އެއަކުރުތައް ހިމެނޭ ސޫރަތްތަކުގެ މައްޗަށް، މަތިމަތީން، ބަލާލާނަމެވެ. ދެން، މިއަކުރުތަކުގެ މާނައާއި ބެހޭ ގޮތުން މުފައްސިރުން ދައްކަވާފައިވާ ވާހަކަތަކުގެ ކުރު ޚުލާސާއެއް ހުށަހަޅާލެވޭތޯ ވެސް ބަލާލާނަމެވެ.

އަރަބިބަހުގެ އަލިފުބާގައި އަށާވީސް އަކުރު ހިމެނެއެވެ. (މިއަދަދު ކަނޑައަޅާ ލެވެނީ ‘ހަމްޒާ’، އަޅުގަނޑުމެން ދިވެހިން ކިޔާގޮތުންނަމަ ‘ކުރުއަލިފު’ ހިމަނައި އަދި ‘އަލިފު’ އަކީ އަކުރެއް ކަމުގައި ނުހިމަނައެވެ. އަރަބި ބަހުގައި އަލިފު ހިމެނެނީ ދެމޭ ފިއްޔެއްގެ ގޮތުގައެވެ. ދިވެހި ބަހުގެ (އާބާ) ފިއްޔާ ދާދި އެއްގޮތެވެ. ތަފާތަކީ ކިޔުމުގެ ތަފާތެވެ. އަރަބި ބަހުގައި އާއްމު ގޮތެއްގައި ‘އާ’ ކިޔާއިރު ތުންފަތް ހަރަކާތް ކުރަނީ ދިވެހި ބަހުން ‘އޭބޭ ފިލި’ ކިޔާއިރު ދެތުންފަތް ހަރަކާތް ކުރާ ގޮތަށެވެ.) އަރަބި ބަހުގެ އަލިފުބާގެ އަށާވީސް އަކުރުގެ ތެރެއިން، ދެބައިކުޅަ އެއްބައި އަކުރު، އާދެ، ސާދަ އަކުރު، ‘ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އެއީ أ، ح، ر، ص، ط، ع، ف، ق، ك، ل، م، ن، هـ، ي މިއަކުރު ތަކެވެ.

ވަކިކުރެވިފައިވާ އަކުރުތައް ކީރިތި ޤުރްއާނުގައި އައިސްފައިވާ ސޫރަތްތަކާއި އަދި އައިސްފައިވާ ގޮތް ލިޔެލާނަމެވެ. މިއަކުރުތައް ކީރިތި ޤުރްއާނުގެ އޮނަތިރީސް ސޫރަތެއްގެ، އާދެ، ގާތްގަނޑަކަށް، ކީރިތި ޤުރްއާނުގެ ހަތަރުބައި ކުޅަ އެއްބައި ސޫރަތުގެ، ފެށުމުގައި އައިސްފައި ވެއެވެ. ބައެއް ސޫރަތްތަކުގައި، ބޭނުންކުރެވިފައިވަނީ މީގެ ތެރެއިން، އެއްމެ އަކުރެވެ. އެއީ ޞާދު ސޫރަތުގައި ص އާއި ޤާފު ސޫރަތުގައި ق އާއި އަލްޤަލަމު ސޫރަތުގައި ن އެވެ. އަދި ދިހަ ސޫރަތެއްގައި އެއަކުރުތަކުގެ ތެރެއިން ދެއަކުރު އައިސްފައި ވެއެވެ. އެއީ ޠާހާ ސޫރަތުގައި طه އާއި އައްނަމްލު ސޫރަތުގައި طس އާއި ޔާސީނު ސޫރަތުގައި يس އާއި އަދި ހަތް ސޫރަތެއްގައި حم އެވެ. އެ ހަތްސޫރަތަކީ ޣާފިރު ސޫރަތާއި ފުއްޞިލަތު ސޫރަތާއި އައްޝޫރާ ސޫރަތާއި އައްޒުޚްރުފު ސޫރަތާއި އައްދުޚާނު ސޫރަތާއި އަލްޖާޘިޔާ ސޫރަތާއި އަލްއަޙްޤާފު ސޫރަތެވެ. އަދި ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ތިން އަކުރެއް ތޭރަ ސޫރަތުގައި ބޭނުން ކުރެވިފައި ވެއެވެ. އެއި ألم މިތިން އަކުރު ހަ ސޫރަތެއްގައެވެ. އަލްބަޤަރާ ސޫރަތާއި އާލު ޢިމްރާނު ސޫރަތާއި އަލްޢަންކަބޫތު ސޫރަތާއި އައްރޫމު ސޫރަތާއި ލުޤްމާނު ސޫރަތާއި އައްސަޖިދާ ސޫރަތުގައެވެ. އަދި ألر ފަސް ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ ޔޫނުސު ސޫރަތާއި ހޫދު ސޫރަތާއި ޔޫސުފު ސޫރަތާއި އިބްރާހީމު ސޫރަތާއި އަދި އަލްޙިޖްރު ސޫރަތުގައެވެ. އަދި މީގެ އިތުރުން طسم ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ އައްޝުޢަރާއު ސޫރަތާއި އަދި އަލްގަޞަޞު ސޫރަތުގައެވެ. އަދި ހަތަރު އަކުރެއް ދެ ސޫރަތުގައި އައިސްފައި ވެއެވެ. އެއީ އަލްއަޢްރާފު ސޫރަތުގައި ألمص އާއި އައްރަޢްދު ސޫރަތުގައި ألمر އެވެ. އަދި ފަސްއަކުރެއް ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ މަރްޔަމް ސޫރަތުގައި كهيعص އާއި އައްޝޫރާ ސޫރަތުގައި حم عسق އެވެ.

ދެން ވަކިކުރެވިފައިވާ އަކުރުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. މިއަކުރުތަކުގެ މާނައާއި މެދު މުފައްސިރުން ތަފާތު ވާހަކަތަކެއް ދައްކަވައިފައިވެއެވެ. މިވާހަކަތަކުގެ ތެރެއިން އާއްމުގޮތެއްގައި ތަކުރާރުވާ ދެތިން ރައުޔުއެއް މިތާ ހުށަހަޅާލާނަމެވެ.

ބައެއް މުފައްސިރުންގެ ރައުޔުގައި ވަކިކުރެވިފައިވާ އަކުރުތަކަކީ ކީރިތި ޤުރްއާނަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ. މިމާނަ ކުރުމަށް ރިއާޔަތްކޮށް،  އަލްބަޤަރާ ސޫރަތުގެ ألم ذلك الكتاب…، މިއާޔަތުގެ މާނައަކަށް ވާނީ ‘(މިއަކުރުތައް ފަދަ އަކުރު ތަކުން އެކުލެވޭ ކީރިތި) ޤުރްއާނެވެ. މިފޮތަކީ…،[ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].’ މިއެވެ. ބައެއް މުފައްސިރުން، މިގޮތަށް މާނަކުރައްވައި، މިތަނުގައި ވަނީ މާތްﷲ ކުރައްވާ ހުވައެއްކަމުގައި ދެކެވަޑައިގަނެއެވެ. އެފަދަ މުފައްސިރުން މިއާޔަތް މާނަ ކުރައްވަނީ މިފަދައިންނެވެ. ‘(މިއަކުރުތައް ފަދަ އަކުރު ތަކުން އެކުލެވޭ ކީރިތި) ޤުރްއާން ގަންދެއްވައި (ވަހީ ކުރައްވަމުއެވެ). މިފޮތަކީ… [ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].’

އަނެއްބައި މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކަކީ، އެއަކުރުތައް އައިސްފައިވާ ސޫރަތް ސޫރަތުގެ ނަންނަމެވެ. މިސާލަކަށް، ص، ق، طه، يس މިއީ ސޫރަތް ސޫރަތުގެ ނަންނަމެވެ. ވަކިކުރެވިފައިވާ އަކުރުތައް މިފަދައިން މާނަ ކުރާއިރު، ބައެއް ސޫރަތްތަކުގައި އެއް އަކުރުތަކެއް ތަކުރާރު ވެފައިވާތީ، ތަފާތު ސޫރަތްތަކަށް އެއްނަމެއް ކިޔޭގޮތް ދިމާވެއެވެ. ކީރިތި ޤުރްއާނުގައި، މިއަކުރުތައް އައިސްފައިވާ ގޮތުގެ، މަތީގައި ދެވިފައިވާ، ބަޔާނުގައި ފެންނަން އޮތް ފަދައިންނެވެ. މިސާލަކަށް ألم ހަ ސޫރަތެއްގައި އަދި حم ހަތް ސޫރަތެއްގައި އައިސްފައިވެއެވެ. މިހެންވުމުން، އެއްސޫރަތް އަނެއްސޫރަތާއި ވަކިނުކުރެވޭ ގޮތް ދިމާވެއެވެ. މިއަށް ރައްދު ދެއްވަމުން، އެބޭކަލުން ވިދާޅުވަނީ، އެއްއަކުރުތަކެއް ބައެއް ސޫރަތްތަކުގައި ތަކުރާރުވެފައި ހުރުމަކީ، މައްސަލައެއް ނޫންކަމެވެ. އެއަކުރު ތަކާއި، ސޫރަތުގެ އެހެން ބަޔަކާއި ނުވަތަ ނަމަކާއި ގުޅުވައިގެން، އެސޫރަތް އެހެން ސޫރަތްތަކާ ވަކިކުރެވިދާނެތީއެވެ. މިސާލަކަށް، ألم މިތިން އަކުރުން އަލްބަޤަރާ ސޫރަތާ އެކު ހަސޫރަތެއް ފެށިފައިވިޔަސް، މިއަކުރު ތަކަކީ އަލްބަޤަރާ ސޫރަތުގެ ނަމެއް ކަމުގައި ބަލާނަމަ، އަލްބަޤަރާ ސޫރަތަކީ ألم ذلك الكتاب ސޫރަތޭ ކިޔައި، މިއަކުރުތަކުން ފެށޭ އެހެން ސޫރަތްތަކާއި ވަކިކުރެވިދާނެއެވެ. އަދި ހަމައެހެންމެ، حم. މިދެއަކުރު، ހަތް ސޫރަތެއް ފެށުމުގައި ތަކުރާރު ވެފައިވިޔަސް، މިދެއަކުރުން ފެށޭ އައްސަޖިދާ ސޫރަތް އެއީ ‘ޙާމީމް އައްސަޖިދާ’ އޭ ކިޔައި، އެސޫރަތް، އެހެން ސޫރަތްތަކާއި ވަކިކުރެވިދާނެއެވެ.

އަދި ބައެއް މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ކޮންމެ އަކުރެއްވެސް ރަމްޒުކޮށްދެނީ ކަލިމައެކެވެ. ނުވަތަ މާތް ﷲގެ އިސްމުފުޅު ނޫނީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އެކަލިމައިގައި ހިމެނޭ އެހެން އަކުރުތައް ވަނީ ޙަޛްފުކޮށް، އުނިކުރެވިފައެވެ. މިގޮތުން، ألم ގައި ހިމެނޭ އަލިފާއި ލާމައި އަދި މީމު ރަމްޒުކުރަނީ أنا الله أعلم (ތިމަންﷲއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ) މިތިން ކަލިމައަށެވެ. ނޫނީ ألم ގައިވާ ތިން އަކުރު ރަމްޒުކޮށްދެނީ الله (މާތްﷲ)އާއި، اللطيف (ފޮރުވި ވަންހަނާކުރެވިފައިވާ އެންމެ ކުދި ކުދި ކަންތައްތަކަށް ދާންދެންވެސް ދެނެވޮޑިގެންވާ، އަދި ހީނުކުރާހާ ގޮތްގޮތަށް އެކަލާނގެ އަޅުތަކުންނަށް ދީލަތިވެވޮޑިގަންނަވާ ކަލާނގެ،) އާއި އަދި  المجيد (ނުހަނު ދީލަތި، މާތް، ރަސްކަލާނގެ،) އަށެވެ.

އަދި ހަތަރުވަނަ ރައުޔެއްގެވެރި މުފައްސިރުން ދެކިލައްވަނީ ވަކިކުރެވިފައިވާ އަކުރުތަކުން އިޝާރަތް ކުރެވެނީ ތަހައްދީ އަކަށެވެ. ގޮންޖެހުމަކަށެވެ. ކީރިތި ޤުރްއާނަކީ އިލާހީ ފޮތެއްކަމަށް އިންކާރުކޮށް، ކީރިތި ރަސޫގެ ރިސާލަތާ ދެކޮޅު ހެދި އަރަބީންނަށް ކުރެވުނު ތަހައްދީ އަކަށެވެ. މިއަކުރުތައް، މަތީގައި ބަޔާން ކުރެވިފައިވާ ފަދައިން، ސޫރަތްތަކުގެ ފެށުމުގައި، އައިސްފައިވަނީ އެއްއަކުރާއި ފަސް އަކުރާއި ދެމެދުގެ އަދަދަކަށެވެ. މިރައުޔުގެވެރި މުފައްސިރުން ފާހަގަ ކުރައްވާ ގޮތުގައި، މިއަދަދު އިޝާރާތް ކުރަނީ އަރަބި ލަފްޒު ލަފްޒު އުފެދުމުގައި، އާއްމު ގޮތެއްގައި، ލަފްޒެއްގެ މަސްދަރަށް، އަސްލަށް، އަކުރު އިތުރު ކުރެވޭ އަދަދެވެ. އަދި، ކީރިތި ޤުރްއާންވެސް އެކުލެވިގެން ވަނީ އަލިފުބާގެ މިފަދަ އަކުރުތަކުން އެކުލެވޭ ލަފްޒުތަކުން ނާއި އެލަފްޒުތަކުން އެކުލެވޭ ޖުމްލަތަކުންނެވެ. ކީރިތި ޤުރްއާނަކީ، މައްކާގެ މުޝްރިކުން ދެކޭގޮތަށް، މުހައްމަދުގެފާނުގެ އުފެއްދުމެއް ކަމަށް ވަންޏާ، އެމީހުންނަށްވެސް، މިކަން ކުރެވެން ޖެހޭނެއެވެ. ކީރިތި ޤުރްއާނާއި އަދަބީ ގޮތުން އެއްފަދަ ފޮތެއް އެމީހުންނަށްވެސް، އެކުލަވާލެވި އުފެއްދެން ޖެހޭނެއެވެ. ސަބަބަކީ، އެމީހުން ދެކޭގޮތުގައި، އެމީހުންނަކީ، ސާފުކޮށް، އަދި އެހެންމީހުނަށް އަސަރު ކުރާފަދަ ބަލާޣާތްތެރި ކަމާއެކު، އެމީހުންގެ އިހުސާސުތަކާއި ޝުއޫރުތައް، ޚިޔާލުތަކާއި ފިކުރުތައް، އިބާރާތްކޮށް ހުށަހަޅާލާ ބައެކެވެ. އަދި، މިކަމުގައި އިންތިހާއަށް ފަޚުރުވެރިވާ ބައެއްވެސް މެއެވެ. އާދެ، އެމީހުން ދުށްގޮތުގައި، އެހެން އުއްމަތްތަކުގެ މީހުންނަކީ ‘ޢަޖަމުން’ނެވެ. އަމިއްލަ ހިތުގައި ހިނގާ ޝުއޫރުތަކާއި ފިކުރުތައް ސާފުކޮށް ބުނެދޭން ނޭނގޭ މީހުންނެވެ. އެހެންވެ، ބައެއް މުފައްސިރުން ދެކިލައްވަނީ، ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވަނީ، އަދަބިއްޔާތުގެ ރޮނގުގައި މިދަރަޖައަށް ފަޚުރުވެރިވާ، ކީރިތި ރަސޫލާއާ ދެކޮޅުވެރިވެގަތް އަރަބީންނަށް، ކީރިތި ޤުރްއާނާއި އެއްފަދަ އަދަބީ އުފެއްދުމެއް ގެނެސްގަތުމަށް، ތަހައްދީކުރުމުގެ ގޮތުންނެވެ.

އަދި ވަރަށް ގިނަ މުފައްސިރުން ދެކިލައްވާ ގޮތުގައި ކޮންމެ އިލާހީ ފޮތެއްގައިވެސް ފޮރުވި ވަންހަނާ ކުރެވިފައިވާ ސިއްރެއް ވެއެވެ. ކީރިތި ޤުރްއާނުގައި ފޮރުވިފައިވާ ސިއްރަކީ މިއަކުރުތަކުގެ މާނައެވެ. އެކަން ދެނެވޮޑިގެންވަނީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތްﷲއެވެ. އެހެންވެ، މިރައުޔުގެ ވެރި މުފައްސިރުން މި އަކުރުތައް މާނަ ކުރެވުމުގައި ވިދާޅުވަނީ ‘والله أعلم’، ‘މީގެ މާނަ އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ’، މިފަދައިންނެވެ.

އާދެ، މަތީގައި ބަޔާން ކުރެވި ދިޔައީ ‘ވަކިކުރެވިފައިވާ އަކުރުތަކުގެ’ މާނައާއި ބެހޭ ގޮތުން ތަފްސީރު ފޮތްތަކުގައި އާއްމުކޮށް ނަންގަނެވޭ މަޝްހޫރު ރައުޔުތަކުގެ ޚުލާސާ އެކެވެ. މިއަކުރުތަކާ ބެހޭ ވާހަކަކޮޅު ނިންމާލުމުގެ ގޮތުން ދެ ނުކުތާއެއް ފާހަގަކޮށްލާނަމެވެ. އެއްމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ ވަކިކުރެވިފައިވާ އަކުރު ތަކުގެ މާނަ ބަޔާންކުރުމާ ބެހޭގޮތުން ދެކެވޭ ހުރިހާ ވާހަކައަކީވެސް މުފައްސިރުންގެ އަމިއްލަ، ޚާލިސް ފިކުރީ ވާހަކަ ތަކެއް ކަމެވެ. ބަހުގެ މާނައިގެ އަސްލެއްގެ މައްޗަށް، ނުވަތަ ހަދީސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫންކަމެވެ. ދެވަނަ ކަމަކީ، މިއަކުރުތަކުގެ ހަގީގީ މާނައަކީ ކޮބައިކަން އެނގިފައި ނެތުމަކީ، ކީރިތި ޤުރްއާނުގެ މައިގަނޑު ވާހަކަ، އާދެ، ހިދާޔަތުގެ ވާހަކަ، ފަހުމްކޮށް ވިސްނައިގަތުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ.

________________________________________


 

 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment