000                މިިއީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ (ރަޙިމަހުﷲ) ލިޔުއްވާފައިވާ ދުނިޔޭގެ ޝަޚްޞިއްޔަތުންނާ ބެހޭ ލިޔުންތަކުގެތެރެއިން ހޮވައިލެވުނު ލިޔުމެކެވެ. މީގެ ކުރީން ވެސް  މިފަދަ ގިނަ ލިޔުންތަކެއް ޝާއިއު ކުރެވިފައިވާނެއެވެ.                 މި ލިޔުން ނަކަލު ކުރެވިފައި މިވަނީ، “ހަވީރު” ނޫހުގެ 5 މާޗު 1981 (ބުރާސްފަތި) ދުވަހުގެ އަދަދުންނެވެ. +========================+ މި ހަފުތާގެ ތެރޭގައި ރޭޑިއޯގެ ޒަރީޢާއިން އަޅުގަނޑުމެންނަށް އިވިގެން ދިޔަ އެންމެ ހިތާމަވެރި އެއް ޚަބަރަކީ ހެލިކޮޕްޓަރެއްގެ ދަތުރެއްގައި މެދުވެރިވި އެކްސިޑެންޓެއްގެ ސަބަބުން…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

                މިިއީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ (ރަޙިމަހުﷲ) ލިޔުއްވާފައިވާ ދުނިޔޭގެ ޝަޚްޞިއްޔަތުންނާ ބެހޭ ލިޔުންތަކުގެތެރެއިން ހޮވައިލެވުނު ލިޔުމެކެވެ. މީގެ ކުރީން ވެސް  މިފަދަ ގިނަ ލިޔުންތަކެއް ޝާއިއު ކުރެވިފައިވާނެއެވެ.

                މި ލިޔުން ނަކަލު ކުރެވިފައި މިވަނީ، “ހަވީރު” ނޫހުގެ 5 މާޗު 1981 (ބުރާސްފަތި) ދުވަހުގެ އަދަދުންނެވެ.

+========================+

wp_20161011_21_44_21_pro-3މި ހަފުތާގެ ތެރޭގައި ރޭޑިއޯގެ ޒަރީޢާއިން އަޅުގަނޑުމެންނަށް އިވިގެން ދިޔަ އެންމެ ހިތާމަވެރި އެއް ޚަބަރަކީ ހެލިކޮޕްޓަރެއްގެ ދަތުރެއްގައި މެދުވެރިވި އެކްސިޑެންޓެއްގެ ސަބަބުން މިޞްރުގެ މިނިސްޓަރ އޮފް ޑިފެންސް އަދި ކޮމާންޑަރ އިން ޗީފް ފީލްޑް މާރޝަލް އަޙްމަދު ބަދަވީ އަވަހާރަވި ޚަބަރެވެ. އޭނާއާއެކު މިޞްރު ސިފައިންގެ މަތީދަރަޖައިގެ މަދުނޫން އަދަދެއްގެ އޮފިސަރުންގެ ފުރާނަ ވެސް މިދެންނެވި ހާދިސާގައި ގެއްލިގެން ދިޔައެވެ. ޝައްކެއްނެތެވެ. މިއީ ވަރަށް ވެސް ހިތާމަވެރި އަދި އަސަރު ކުރުވަނިވި ހާދިސާއެކެވެ. އެހެނީ މިޞްރުގެ ޢަސްކަރީ މައިދާނުގައި ރަނގަޅަށް ތަމްރީނު ލިބިފައިވާ ތަޖުރިބާކާރުންގެތެރެއިން އަގުހުރި ބަޔަކު އެއްފަހަރާ ނެތިގެން ދިއުމީ ފޫނުބެއްދޭ ފަދަ ބޮޑު ގެއްލުމެކެވެ. ކޮންމެއަކަސް ގެއްލިގެންދިޔަ ފުރާނަތަކުގެ ވެރީންނަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރުމީ އަޅުގަނޑުގެ ހިތާމަވެރި ވާޖިބެކެވެ.

ފީލްޑް މާރޝަލް އަޙްމަދު ބަދަވީއަކީ، 1973 ވަނަ އަހަރު ހިނގި މަޝްހޫރު އޮކްޓޯބަރު ހަނގުރާމައިގައި ވަރަށް މުހިންމު ދައުރެއް ކުޅުއްވި ބޭފުޅެކެވެ. އޭނާ އެވަގުތު ހުންނެވީސިފައިންގެ 3 ވަނަ ލަޝްކަރުގެ ވެރިޔަކު ކަމުގައެވެ. ހަނގުރާމައިގައި މިޞްރަށް ލިބުނު މަތިވެރި ކާމިޔާބީއާއި ވިދިގެން ދަރަޖަ އުފުލިގެންދިޔަ ހިތްވަރުގަދަ  ސިފައިންގެ ޖެނެރަލުންގެ ތެރޭގައި އަޙްމަދު ބަދަވީ ހިމެނުނެވެ. އޭނާއަކީ އެއްގަމު ސިފައިންގެ ވެރިޔެކެވެ. މިލިޓަރީ ޓްރޭނިންގ ފުރިހަމައަށް ލިބިފައިވާ ޝަޚުޞިއްޔަތެއްގެ ވެރިޔެކެވެ. 1948 ވަނަ އަހަރު ހިނގި ފަލަސްޠީނު ހަނގުރާމައާއި 1967 ވަނަ އަހަރު ހިނގި އިޒްރޭލް ހަނގުރާމައިގައި ވެސް އަޙްމަދު ބަދަވީ ހިތްވަރުގަދަ ސިފައިންގެ އޮފިސަރެއްގެ ގޮތުން ބައިވެރިވެވަޑައިގަތެވެ. އެއިން ކޮންމެ ހަނގުރާމައެއްގައި އޭނާ ސާބިތުކޮށް ދެއްވާފައިވަނީ ވަރަށް ރީތި ނަމޫނާއެކެވެ. އޭނާ 1948 ގެ ފަލަސްޠީނު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތީ މިލިޓަރީ ކޮލެޖުން ފާސްވެގެން ނިކުމެވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ޢުމުރުން 51 އަހަރުވީ ފީލްޑް މާރޝަލް އަޙްމަދު ބަދަވީއަށް މިނިސްޓަރ އޮފް ޑިފެންސް ކަމާއި ސިފައިންގެ ކޮމާންޑަރ އިން ޗީފްކަން ލިބިވަޑައިގަތީ މީގެ ދޮޅުއަހަރެއްހައި ދުވަސް ކުރީން މިޞްރުގެ ޕްރެޒިޑެންޓް މުޙައްމަދު އަންވަރުއްސާދާތު އެތާނގެ ކެބިނެޓަށް ގެންނެވި ބަދަލެއްގެތެރޭގައެވެ. އޭނާގެ ކުރިން މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަޤާމުގައި ހުންނެވީ މާރޝަލް ކަމާލް ޙަސަން ޢަލީއަކީ މިހާރު މިޞްރުގެ ޚާރިޖީ ވަޒީރު އަދި ބޮޑުވަޒީރުގެ އެއް ނާއިބެވެ.

މިނިސްޓަރ އޮފް ޑިފެންސްކަމުގެ ހަނގުރާމައިގެ ހަތިޔާރު އުފެއްދުމާބެހޭ މިނިސްޓަރކަން ވެސް އަޙްމަދު ބަދަވީއަށް ލިބިވަޑައިގަތެވެ.

ފީލްޑް މާރޝަލް އަޙްމަދު ބަދަވީއަކީ އޭނާގެ ވެރިކަމުގެ ދަށުގައިވާ ސިފައިންގެ މަރުކަޒުތަކަށް އާދަވެގެން ޒިޔާރަތްކޮށް އުޅުއްވާ ޙަރަކާތްތެރި ބޭފުޅެކެވެ. އޭނާގެ ފަލްސަފާއަކީ ޤައުމީ ޚިދުމަތުގައި ދުވަހެއް ދުވަހަކަށްވުރެ ދާއޮހޮރުވަމުން ހިތްވަރާއެކު ކުރިޔަށް ހިންގެވުމެވެ. އޭނާގެ ހިތާމަވެރި ނިމުން އައިސް ކުރިމަތިލީ ވެސް ޤައުމީ ޚިދުމަތުގައި ހެލިކޮޕްޓަރގެ ދަތުރެއްގައި އުދުހިވަޑައިގަންނަވަނިކޮށެވެ. ޝައްކެއްނެތެވެ. ކޮންމެ ޤައުމެއްގައި ވެސް އެފަދަ މީހުންނަކީ ވަރަށް ނާދިރު ބައެކެވެ. މިވަގުތު މިޞްރަށް ކުރިމަތިވެފައިވާ އެންމެބޮޑު ހިތާމައަކީ އެއީއެވެ.

……………………………………………………….

About the author
Leave Comment