ޤުރްއާން ކިޔަވަނީވެސް މަޒުހަބަކަށެވެ. އަޅުގަނޑުމެން ފިޤްހީ މައްސަލަތަކުގައި ކޮންމެވެސް އިމާމުވެރި ބޭކަލަކަށް ތަބާނުވެ މަޒުހަބަށް ނިސްބަތްވުމާ ދުރަށް ދިއުމަށް ހަރުއަޑުން ގޮވަމުންދާއިރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކީރިތި ޤުރްއާން ކިޔަވަން ވެއްޖެނަމަ ޢަމަލުކުރާނީ ކޮންގޮތަކަށްތޯއެވެ؟ ކުޑަކޮށްވެސް މިއާ މެދު ވިސްނާލެވުނުބާއެވެ! އާދެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކީރިތި ޤުރްއާން ކިޔަވަން ވެއްޖެނަމަ ކިޔަވާނީ ދީނުގެ ޢިލްމުވެރިންނަށް ތަބާވުމުގެ އުޞޫލާއެއްގޮތަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ޤިރާއަތުގެ ކޮންމެވެސް އިމާމުވެރި ބޭކަލަކަށް ތަބަޢަވެގެންނެވެ.މިގޮތުން ދިވެހިން ކިޔަވަމުންދަނީ ޤިރާޢަތްތަކުގެ…

ޤުރްއާން ކިޔަވަނީވެސް މަޒުހަބަކަށެވެ.

އަޅުގަނޑުމެން ފިޤްހީ މައްސަލަތަކުގައި ކޮންމެވެސް އިމާމުވެރި ބޭކަލަކަށް ތަބާނުވެ މަޒުހަބަށް ނިސްބަތްވުމާ ދުރަށް ދިއުމަށް ހަރުއަޑުން ގޮވަމުންދާއިރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކީރިތި ޤުރްއާން ކިޔަވަން ވެއްޖެނަމަ ޢަމަލުކުރާނީ ކޮންގޮތަކަށްތޯއެވެ؟ ކުޑަކޮށްވެސް މިއާ މެދު ވިސްނާލެވުނުބާއެވެ! އާދެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކީރިތި ޤުރްއާން ކިޔަވަން ވެއްޖެނަމަ ކިޔަވާނީ ދީނުގެ ޢިލްމުވެރިންނަށް ތަބާވުމުގެ އުޞޫލާއެއްގޮތަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ޤިރާއަތުގެ ކޮންމެވެސް އިމާމުވެރި ބޭކަލަކަށް ތަބަޢަވެގެންނެވެ.މިގޮތުން ދިވެހިން ކިޔަވަމުންދަނީ ޤިރާޢަތްތަކުގެ ބޮޑެތި އިމާމުވެރި ބޭކަލުންގެ ތެރެއިން އެންމެ މަޝްހޫރު އެއް އިމާމު ކަމުގައިވާ އަލްއިމާމް ޙަފްޞުގެފާނުންގެ ޤިރާއަތަށެވެ. އެއީ  رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން ޙަފްޞުގެފާނުން ރިވާކުރެއްވި ގޮތަށް ތަބާވުމެވެ.  މިގޮތުން  ފިޤުހީ މައްސަލަތައް ދެނެގަތުމުގައި ދިވެހި ޒަމާނުއްސުރެން ތަބާވަމުން އަންނަނީ ކީރިތި ޤުރުއާނާއި رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުއްނަތުގެ އަލީގައި އިމާމު ޝާފިޢީގެފާނުން އެކަށައެޅުއްވި އުޞޫލުތަކާއި އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބާވެވަޑައިގަތް ދީނުގެ އެހެނިހެން ބޮޑެތި އިމާމުން ދެއްވި ފަތުވާއަށެވެ. އެހެން ޢިބާރަތަކުން ބުނާނަމަ  އަޅުގަނޑުމެންނީ ޝާފިޢީ މަޒުހަބުގެ އަހުލުވެރިންނެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮވިސްނުންދެއްވައި އަޅުގަނޑުމެންނަށް ޙައްޤުގޮތް ހާމަކޮށް ދެއްވަވާށިއެވެ! ޙައްޤަށް ތަބަޢަވުމުގެ ހެއު ވިސްނުން ދެއްވާށިއެވެ!

 މިހިސާބަށް ލިއުމަށްފަހު ކުރީގައި ބުނިފަދައިން ދެން އަޅުގަނޑު ޤަޞްދު ކުރަނީ ޢިލްމުވެރިން މައްސަލަތައް ނެރުއްވުމުގައި ޤުރުއާނާއި ސުއްނަތުގެ އަލީގައި ނެރުއްވާފައިވާ ގޮތާއި އެނޫން ގޮތްގޮތަށް އެބޭކަލުން އެއްވެސް ކަމެއްގައި ތަރުޖީޙު ދެއްވާފައި ނުވާކަމުގެ ދެތިން މިސާލެއް ހާމަ ކޮށްލުމަށެވެ.

ބިސްމީގެ މަޤާމް:

އާދެ!  އަޑުހަރުކޮށް ކިޔަވާ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ ބާރަށް ކިއުމާމެދު މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވެރިވުން އުފެދިގެންދާތީ އެބަ ފެނެއެވެ. މިއީ ޙާޤީޤަތުގައި ވަރަށްވެސް ދެރަކަމެކެވެ. މިދެބަސްވެރިކަން އުފެދި އެންމެފަހުން މިއޮތީ އެކަކު އަނެކެއްގެ ބޮލުގައި ބާޠިލުގެ ތުހުމަތު އަޅުވަމުންދާ ދަރަޖައަށް މައްސަލަތައް ގޯސްވެފައެވެ. ދަންނަބޭކަލުންގެ މެދުގައި  މިމައްސަލައާ މެދު އިޚްތިލާފު އުފެދިފައި އޮތްކަމުގައި ވިއަސް އެބޭކަލުން އިޚްތިލާފުވެ ވަޑައިގެންފައިވަނީ ހަމައެކަނި އައުލާގޮތަކީ ކޮބައިތޯ ބެލުމުގެ މައްސަލައިގައެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް އެންމެން އެއްގޮތަކަށް ބާރަށް ބިސްމި ކިޔަމުން ދަނިކޮށް ކުއްލިޔަކަށް މިދިމާވީ ބޮޑު ފިތުނައަކާއެވެ. ދީނުގައި އެންމެ ޞައްޙަކަން ބޮޑު ރަގަޅުގޮތޭ ކިޔައިގެން އުޅޭ ބަޔަކު ދީނުގައި ކަނޑައެޅިފައިހުރި އުޞޫލުތައް މުގުރާލައިގެން ތިމާމެންނަށް އެނގިފައިހުރި އެއްޗެއް އެއީ އެންމެ ޞައްޙަގޮތްކަމަށް ބުނެ އެހެން ގޮތްތައް ބާޠިލްކޮށް، ބިދުޢަތަކޭ ބުނެ ހަދަންފެށުމުން ދެން ނުވެ ނުދާނެ ގޮތް މިދަނީ ފެންނަމުންނެވެ. އެއްބަޔު އަނެއްބައެއްގެ ފަހަތުގައި ނަމާދު ނުކުރާ ހިސާބަށް ކަންތައް މިއޮތީ ގޮސްފައެވެ. މިތާގައި ވިސްނާލަން ޖެހޭ ކަމަކީ ކަމެއްކުރުމަށް ސުއްނަތުން ދެގޮތެއް ސާބިތުވާން އޮވެފައި ބަޔަކު އެއިން އެއްގޮތަކަށް ޢަމަލު ކުރަނިކޮށް އެސުއްނަތް ދޫކޮށް އަނެއް ސުއްނަތަށް ޢަމަލުކުރަން އެންގުމުން ތިމާމެންނަށް އިތުރުވަނީ ކޮން ސަވާބެއްތޯ ބަލާލަން ޖެހެއެވެ. އާދޭހެވެ! އިތުރުވިހައިވެސް އެއްޗަކީ ތަނުގައި އުފެދިގެންދިޔަ ބޮޑު ފިތުނަވެރި ކަމަކާއި ރޯވެގެންދިޔަ ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާންގަނޑެވެ. މިތާގައި އޮތް އެންމެ ބޮޑު ހިތާމައަކީ މިއައު ގޮތްތައް ފަތުރަން އުޅޭ ގިނަ މީހުންނަކީ ދީނުން އެއްވެސް މިންވަރެއް ކިޔަވާފައިނެތް މީހުންނެވެ. އަމިއްލަ އަމިއްލައަށް އެދުރުވެގެން ފަތުވާ ދިނުމުގެ ހަރުފަތައް އަރައިގެން އުޅޭ މީހުންނެވެ. މިފެންވަރުގެ މީހުން އިސްލާމް ދީނުގައި އެންމެ ޞައްޙަކަން ބޮޑުގޮތަކީ ކޮބައިކަން ހޯދާނީވެސް ކިހިނަކުންތޯއެވެ!؟

 

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ.

ކުޑަވެސް ޝައްކެއް ނެތްގޮތުގައި ބިސްމިއަކީ ސޫރަތުލް ފާތިޙާ އާދެ! اَلْحَمْدُގެ އާޔަތެކެވެ. ރަނގަޅަށް ވިސްނައިލުމުން ބުއްދީގެ ގޮތުން އެނގިގެންދާ އެއްޗަކީ اَلْحَمْدُގެ ހަތް އާޔަތް އޮވެފައި އެސޫރަތް ބާރަށް ކިޔަވަންޖެހޭއިރު އެއްއާޔަތް ސިއްރުން ކިޔަވާފައި އަނެއް ހައާޔަތް ބާރަށް ކިޔެވުމަކީ ހަމަޤަބޫލުކުރާ ކަމެއް ނޫންކަމެވެ. އެހެންކަމަށް ވާނަމަ ޖަހުރީ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު ބިސްމި ކިޔަންޖެހޭނީ اَلْحَمْدُގެ އެހެނިހެން އާޔަތްތަކެކޭވެސް އެއްގޮތަކަށް ބާރަށެވެ.

އިސްލާމީ އުއްމަތުގައި އިޚްތިލާފު އުފެދިފައި އޮތްކަމުގައިވިއަސް މިމައްސަލާގައި ޢިލްމުވެރިން ގެންނަވާފައިހުރި ހުރިހާ ކޮޅެއްގެ ދަލީލުތަކާމެދު އިންސާފުވެރި ގޮތަކަށް އަޅުގަޑުމެން ބަލާލަމާ ހިންގަވާށެވެ! އެއިރުން ޔަޤީނުންވެސް ޝައްކުތައް ފިލައިގޮސް ޙައްޤު ހާމަވެގެން ދާނެއެވެ. މިގޮތުން ފުރަތަމަ ބަލައިލާހިތްވަނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއްތޯ، ނުވަތަ ނޫންތޯ މިއަށެވެ.  މިހެނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއް ކަމުގައި ވާނަމަ މިމައްސަލާގައި އިތުރަށް ދިގު ބަޙުޘްތަކެއް ކުރަންޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކޭތީއެވެ. ވުމާއެކު އިންސާފުވެރި ނަޒަރަކުން ޤުރުއާނާއި ސުންނަތުން މިމައްސަލާގައި ބުރަދަންހުރީ ކޮން ކޮޅަކަށްތޯ ބަލާލަން އެބަޖެހެއެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ މިއާޔަތާމެދު ވިސްނާލައްވާށެވެ! އެއިލާހު ވަޙީކުރަށްވާފައި ވެއެވެ. وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ([1]) (ޔަޢުނީ: ހަމަކަށަވަރުން އަހުރެން ކަލެއަށް ފަހަރު ފަހަރު މަތީން ކިޔަވަންޖެހޭ ހަތް އާޔަތާއި ކީރިތި ޤުރުއާން ދެއްވީމެވެ.)

(1) މިއާޔަތުގައި “السَّبْعُ الْمَثَانِى” އޮތް ބަސްފުޅުގެ މުރާދަކީ سُورَةُ الْفَاتِحَة ކަމުގައި رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން އެތަކެއް ޞައްޙަ ޙަދީޘަކުން ސާބިތުވާން އެބަ އޮތެވެ. އަދި މާތް ﷲ ރުއްސުންލެއްވި أَبُو هُرَيْرَةގެ ކިބައިން ރިވާވެގެންވެއެވެ. އަދި  އެރިވާޔަތުގައި ވަރަށް ޞަރީޙަކޮށް بِسْمِ އަކީ اَلْحَمْدُގެ ހަތްއާޔަތުގެ ތެރެއިން އެއްއާޔަތް ކަމުގައި ބަޔާންވެގެންވެއެވެ. އެރިވާޔަތުގައި އައިސްފައިވަނީ މިފަދައިންނެވެ.   إِذَا قَرَأَ أَحَدُكُمْ اَلْحَمْدَ فَاقْرَأُوا بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّهَا أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِى، وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِحْدَى آيَاتُهَا ” (ޔަޢުނީ: ކަލޭމެން اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާށެވެ. ހަމަކަށަވަރުން އެއީ أُمُّ الْقُرْآنِ އެވެ. އަދި أُمُّ الْكِتَابِ އެވެ. އަދި اَلسَّبْعُ الْمَثَانِى އެވެ. އަދި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އަކީ އެސޫރަތުގެ އެއް އާޔަތެވެ.)([2])

(2) މާތް ﷲ ރުއްސުންލެއްވި އުންމު ސަލަމާގެ އަރިހުން ރިވާވެގެން ވެއެވެ. “أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ الْفَاتِحَةِ فِي الصَّلاَةِ فَعَدَّهَا آيَةً مِنْهَا”([3]) (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދުގައި ސޫރަތުލްފާތިޙާގެ ކުރީގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާ ވިދާޅުވިއެވެ. އަދި އެއީ އެސޫރަތުގެ އާޔަތެއްގެ ގޮތުގައި ބެއްލެވިއެވެ.)

(3) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عَنْ اِبْنِ عَبَّاسٍ أَنَّهُ قَرَأَ الْفَاتِحَةَ ثُمَّ قَالَ (وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي ) قَالَ : هِيَ فَاتِحَة الْكِتَاب، وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ اْلآيَةُ السَّابِعَةُ. ([4]) (މާނައީ: އިބްނު ޢައްބާސް މިއާޔަތް ކިޔަވާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. މިތާގެ މުރާދަކީ ފާތިޙަތުލް ކިތާބެވެ. بِسْمِ اللَّهِ އަކީ އެސޫރަތުގެ ހަތްއާޔަތުގެ ތެރެއިން އެއް އާޔަތެވެ.)

(4) ބަޔާންވެދިޔަ ދަލީލުތަކުގެ އިތުރުން، މުޞްޙަފުގެ ލިއުމަށް ބަލާލި ކަމުގައި ވިއަސް ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމުގައި ތާއީދު އެބަ ލިބެއެވެ. އެއީ ކީރިތި ޤުރުއާން ލިޔެވުނުއިރު ﷲގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެއްނޫން އެހެން އެއްވެސް އެއްޗެއް މުޞްޙަފުގައި ލިޔެވިފައި ނުވާއިރު، رَسُولُ اللَّهِ صلّى الله عليه وسلّم ގެ ލޮބުވެތި އަޞްޙާބުންގެ އިޖުމާޢުއިން އެއްވެސް ޚިލާފެއްނެތި އެބޭކަލުންވަނީ މުޞްޙަފު ލިއުއްވިއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އަކީ އާޔަތެއް ކަމުގައި ހިމަނުއްވަވައި 113 ސޫރަތުގެ ކުރީކޮޅުގައި ބިސްމި ލިއުއްވާފައެވެ. މިގޮތުން އެބޭކަލުންގެ މެދުގައި އެއްވެސް އިޚްތިލާފު ވުމެއްނެތި ބަރާއަތު ސޫރަތުގެ ކުރީކޮޅުގައި بِسْمِ اللَّهِ ނުލިއުއްވައި އަނެއް 113 ސޫރަތުގެ ކުރީކޮޅުގައި އެބޭކަލުން މިއާޔަތް ލިއުއްވާފައި އޮތް އޮތުމަކީ رَسُولُ اللَّهِ صلّى الله عليه وسلّم އެބޭކަލުންނަށް މިގޮތަށް ޢަމަލުކުރަށްވަން އަންގަވާފައި އޮތްކަމުގެ ހެއްކެކެވެ. އެހެނީ ކީރިތި رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަމުރުފުޅަކާ ނުލައި އަޞްޙާބު ބޭކަލުން މިފަދަ މުހިއްމު ފިޔަވަޅެއް ނާޅުއްވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

(5) މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. “سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ كَانَتْ مَدًّا ثُمَّ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ يَمُدُّ بِبِسْمِ اللَّهِ وَيَمُدُّ بِالرَّحْمَنِ وَيَمُدُّ بِالرَّحِيمِ “([5]) ( ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވަނީ ކިހިނަކުންތޯ، މިފަދައިން މާތް ﷲ ރުއްސުންލެއްވި އަނަސާއި ސުވަލުވެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. އޭގައި ކީރިތި ރަސޫލާ މައްދުކުރަށްވަތެވެ. ދެން އަނަސްގެފާނު މިފަދައިން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ތިލާވަތު ކުރަށްވާފައި ވިދާޅުވިއެވެ. މިގޮތަށް بِسْمِ اللَّهِ އަށް މައްދު ކުރަށްވަތެވެ. އަދި الرَّحْمَن އަށް ވެސް މައްދު ކުރަށްވަތެވެ. އަދި الرَّحِيم އަށްވެސް މައްދުކުރަށްވަތެވެ.)

(6) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސު ރިވާކުރައްވާފައި ވެއެވެ. “كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ يَعْلَمُ خَتْمَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ”([6]) (ޔަޢުނީ: އެއްސޫރަތް ނިމި އަނެއް ސޫރަތް ފެށޭތާގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ މިއާޔަތް ބާވައި ލެއްވުމުން ނޫނީ އެސޫރަތް ނިމުނުކަމެއް رَسُولُ اللَّهِ صلّى الله عليه وسلّم އަށް އެނގިވަޑައި ނުގަންނަވަތެވެ.)

(7) އަދިވެސް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސުގެ ކިނބައިން ރިވާވެގެން ވެއެވެ. “كَانَ الْمُسْلِمُونَ لاَ يَعْلَمُونَ اِنْقِضَاءَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ”([7]) (ޔަޢުނީ: މުސްލިމުންނަށް ކީރިތި ޤުރުއާނުގެ ސޫރަތެއް ނިމިއްޖެކަން އެނގެނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާވައިލެއްވުމަށް ފަހުއެވެ.)

(8) ދަންނަވަންތޯއެވެ؟ ބަޔާންވެދިޔަ އެއްވެސް ރިވާޔަތެއްގެ ޞައްޙަކަމާމެދު މުޙައްދިޘުންގެ މެދުގައި ކުޑަވެސް ދެބަސްވުމެއް އުފެދިފައި ނުވެއެވެ. އެހެންކަމުން މިރިވާޔަތްތަކަށް ބައްލަވައިގެން ސޫރަތުލް ފާތިޙާގެ އާޔަތެއް ކަމުގައި بِسْمِ اللَّهِ ހިމެނުއްވުމާއި އެސޫރަތް ފަށާއިރު بِسْمِ ކިޔަން ޖެހޭކަމަށް رَسُولُ اللَّهِ صلّى الله عليه وسلّم ގެ އެތަކެއް ޞަޙާބީންނެއް ޢަމަލު ކުރަށްވަތެވެ. އޭގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުއްޞިއްދީޤާއި ޢުމަރުލް ފާރޫޤާއި ޢުޘްމާނު އިބްނު ޢައްފާނާއި ޢަލިއްޔު އިބްނު އަބީ ޠާލިބާއި ޢައްމާރުބްނުު ޔާސިރާއި އުބައްޔުބްނު ކައުބާއި އިބްނު ޢުމަރާއި އިބްނު ޢައްބާސާއި އަބޫޤަތާދާއާއި އަބޫ ސަޢީދުލް ޚުދްރީއާއި އަނަސްބުނު މާލިކާއި އަބޫހުރައިރާއާއި ޢަބުދު ﷲ އިބްނި އައުފާއި ޝައްދާދުބްނު އައުސާއި ޢަބުދު ﷲ އިބްނު ޖަޢުފަރާއި ޙަސަން އިބްނު ޢަލީ އާއި އެނޫންވެސް އެތަކެއް ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.

މޮޅުއިތުރު ވެގެންވަނީ ބިސްމި ބާރަށް ކިޔެވުމެވެ.

އަޑުހަރުކޮށް ކިޔަވާނަމާދުތަކުގައި ބިސްމި ބާރަށް ކިޔެވުމާއި  ސިއްރުން ކިޔެވުމަކީވެސް ދަންނަބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެކެވެ. މިއިން ކޮންމެ ގޮތަކީވެސް ސުއްނަތެއް ކަމާމެދަކު ޝައްކެއްނެތެވެ. އެއީ އެދެގޮތަށްވެސް ޙަދީޘުތަކުން ފެންނާން ހުރުމާއި،  ޞަޙީބީންނާއި ތާބިޢީންނާއި ތަބުޢުއްތާބިޢީންގެ ތެރޭގައިވެސް އެދެގޮތަށް ބުރަވެވަޑައިގަންނަވާ ދަންނަބޭކަލުން ތިއްބެވީތީއެވެ.

ދީނުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން އައުލާކަމަށް ބުރަވެ ވަޑައިގަންނަވަނީ ހުރިހާ ނަމާދެއްގައިވެސް ބިސްމި ސިއްރުން ކިޔެވުމެވެ. އެއީ ހަރުއަޑުން ޤުރުއާން ކިޔަވޭ ނަމާދެއްކަމުގައި ވިއަސް ހެއެވެ. އަނެއްބައި ބޭކަލުން އައުލާކަމަށް ދެކެވަޑައިގަންނަވަނީ ހަރުއަޑުން ކިޔަވާ ނަމާދުގައި ބިސްމިވެސް ހަރުއަޑުން ކިޔެވުމަށެވެ. މިއީ އަޞްޙާބުންނާއި ތާބިޢީންގެ ދުވަސްވަރުގައި މައްކާގެ ހުރިހާ ޢިލްމުވެރިންގެ މަޛްހަބެވެ. އަދި މަދީނާގެ ގިނަ ޢިލްމުވެރިންގެ މަޛްހަބުވެސް މެއެވެ.([8])

(1) މީގެ އިތުރުން މާތް ﷲ ރުއްސުންލެއްވި މުޢާވިޔާ އިބްނު އަބީ ސުފިޔާނު މަދީނާއަށް ވަޑައިގެން ނަމާދުގައި އަލްޙަމްދުގައި بِسْمِ اللَّهِ ބާރަށް ވިދާޅުވެފައި ސޫރަތުގައި بِسْمِ ބާރަށް ވިދާޅު ނުވުމުން މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ޙާޟިރުވެ ތިއްބެވި ބޭކަލުން އެކަމަށް އިޢުތިރާޟު ކުރަށްވައި އަޑު އުފުއްލެވުމުން މުޢާވިޔާ بِسْمِ ބާރަށް ވިދާޅުވެލެއްވި ލެއްވުމަށް އެއްބަސްވެ ވަޑައިގެންނެވި ހައި އަޞްހާބުން ހިމެނި ވަޑައިގަންނަވައެވެ.([9])

(10) މާތް ﷲ ރުއްސުންލެއްވި އަނަސް އިބްނު މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. بَيْنَمَا ذَاتَ يَوْمٍ بَيْنَ أَظْهُرِنَا يُرِيدُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ أَغْفَى إِغْفَاءَةً ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا فَقُلْنَا لَهُ مَا أَضْحَكَكَ يَا رَسُولَ اللَّهِ قَالَ نَزَلَتْ عَلَيَّ آنِفًا سُورَةٌ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ فَصَلِّ لِرَبِّكَ وَانْحَرْ إِنَّ شَانِئَكَ هُوَ اْلأَبْتَرُ([10]މާނައީ:އެއްފަހަރެއްގައި رَسُولُ اللَّهِ صلّى الله عليه وسلّم ތިމަންމެންނާއެކު އިންނެވިއެވެ. އެހިނދު އެކަލޭގެފާނަށް ލޯފުޅު ލެއްޕެވޭގޮތްވިއެވެ. ދެން ކުއްލިއަކަށް ހިނިވަރުނަ ކުރަށްވަމުން އިސްތަށިފުޅު އުފުއްލެވިއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔަހާ ހިނިވަރުނަ ކުރަށްވަނީ ކޮންސަބަބަކާ ހުރެތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ދެންމެ ދެންމެ ތިމަން ކަލޭގެފާނުންގެ މައްޗަށް ސޫރަތެއް ބާވައިލެއްވުނީއެވެ. އެއީ: بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ فَصَلِّ لِرَبِّكَ وَانْحَرْ إِنَّ شَانِئَكَ هُوَ اْلأَبْتَرُ މިއެވެ.

(11) ބިސްމި ބާރަށް ކިއުމަށް ދެކެވަޑައިގަންނަވާ ބޭކަލުންގެ ތެރޭގައި ވަރަށް ގިނަ އަޞްޙާބު ބޭކަލުންގެ  އިތުރުން  ﷲ ރަޙުމަތްލެއްވި ތާބިޢިއްޔަ ބޭކަލުންގެ ތެރޭގައި އެރައުޔަށް ތާއީދު ކުރައްވާ ބޭކަލުން ވަރަށްވެސް ގިނައެވެ. އެބޭކަލުންގެ ތެރޭގައި މާތް ﷲ ރަޙްމަތް ލެއްވި ސަޢީދު އިބްނިލް މުސައްޔިބު އާއި ޠާއޫސު އާއި ޢަޠާ އާއި މުޖާހިދު އާއި ސަޢީދުބްނި ޖުބައިރު އާއި އިބްނި ސީރީން އާއި ޢިކްރިމާ އާއި ޢަލިއްޔުބްނު ޙުސައިނު އާއި ސާލިމު އިބްނު ޢަބުދުﷲ އާއި މުޙައްމަދު އިބްނު މުންކަދިރު އާއި އަބޫބަކްރު އިބްނު މުޙައްމަދު އާއި މުޙައްމަދު އިބްނު ކަޢުބުއާއި ނާފިޢު މަވްލާ އިބްނު ޢުމަރު އާއި ޢުމަރު އިބްނު ޢަބުދުލް ޢަޒީޒު އާއި އަބުއްޝަހުނާ އާއި މަކްޙޫލާއި ޙަބީބު އިބްނު ޘާބިތު އާއި އައްޒުހުރީ އާއި އަބޫ ޤަލާބާ އާއި ޢަލިއްޔު އިބްނު ޢަބުދުﷲ އިބްނު ޢައްބާސާާއި އަލްއަޒްރަޤު އިބްނު ޤައިސު އާއި ޢަބުދުﷲ އިބްނު މަޢުޤިލު ހިމެނި ވަޑައިގަންނަވައެވެ. އަދި ތަބުޢުއް ތާބިޢީންގެ ތެރެއިން ޢުބައިދުﷲ އިބްނި ޢުމަރުލް އަމުރީ އާއި އަލްޙަސަން އިބްނު ޒައިދު އާއި ޢަބުދުﷲ އިބްނު ހަސަނު އާއި ޒައިދުބްނި އަލިއްޔު އިބްނު ޙުސައިނު އާއި މުޙައްމަދު އިބްނު އުމަރް އިބްނި ޢަލީ އާއި އިބްނު ޢުބައްޔުއްޛިއުބު އާއި އައްލައިޘު އިބްނު ސަޢުދު އާއި އައްޝާފިޢީއާއި އިސްޙާޤު އިބްނު ރާހުވައިހި އާއި އެނޫންވެސް އެތަކެއް ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ.([11])

ބިސްމި ބާރަށް ކިއުމަށް ބުރަވެ ވަޑައިގަންނަވަމުން އައްޝައިޚު އަބޫ މުޙައްމަދު އަލްމަޤްދަސީ ވިދާޅުވިއެވެ. “اَلْجَهْرُ بِالْبَسْمَلَةِ هُوَ الَّذِى قَرَّرَهُ الأَئِمَّةُ الْحُفَّاظُ وَاخْتَارُوهُ وَصَنَّفُوا فِيهِ مِثْلُ مُحَمَّدِ بْنِ نَصْرٍ الْمَرُوزِى وَأَبِى بَكْرِ بْنِ خُزَيْمَةَ وَأَبِى حَاتِمِ بْنِ حِبَّانَ وَأَبِى الْحَسَنِ الدَّارِقُطْنِى وَأَبِى عَبْدِ اللََّهِ الْحَاكِمِ وَأَبِى بَكْرٍ الْبَيْهَقِى وَالْخَطِيبِ وَأَبِى عُمَرَ بْنِ عَبْدِ الْبَرِّ وَغَيْرِهِمْ رَحِمَهُمُ اللَّهُ” (ޔައުނީ: ޙަދީޘު އިލްމުވެރީންގެ ތެރެއިން އިމާމުންނާއި ޙާފިޒުން ކަނޑައަޅުއްވައި ނިންމަވާ ފައިވަނީ بِسْمِ ބާރަށް ކިއުމަށެވެ. އެބޭކަލުން އެގޮތަށް ބުރަވެވަޑައިގަންނަވައި އެކަމަށް ތާއީދު ކުރަށްވައި ފޮތްތައް ލިއުއްވާފައި ވެއެވެ. އޭގެ ތެރޭގައި مُحَمَّدِ بْنِ نَصْرِ الْمَرُوزِى އާއި ابْنُ خُزَيْمَة އާއި ابْنُ حِبَّان އާއި الدَّارُ قُطْنِى އާއި الْحَاكِم އާއި الْبَيْهَقِى އާއި الْخَطِيبُ الْبَغْدَادِي އާއި ابْنُ عَبْدِ الْبَرِّ އާއި މިނޫން އެތަކެއް ބޭކަލުންނެއް ހިމެނި ވަޑައިގަންނަވައެވެ. ﷲ އެބޭކަލުންނަށް ރަޙުމަތް ލައްވާށިއެވެ!)([12])

 

_________________________________________

[1] ސޫރަތުލްޙިޖްރި: (87) އެވެ. މިއާޔަތުގައި ބަޔާންކޮށްފައި މިވާ ސަނާގެ ހަތް އާޔަތަކީ ސޫރަތުލްފާތިޙާ ކަމުގައި އެންމެހައި މުފައްސިރުން އެއްބަސްވެ ވަޑައިގަންނަވައެވެ.

[2] ރިވާކުރެއްވީ ދާރުޤުޠްނީއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ މިރިވާޔަތުގެ ހުރިހާ ރާވީންނަކީ ޘިޤާއިން (އިތުބާރު ހިފޭ ބޭކަލުން) ކަމުގައެވެ. މިވާހަކަ ނަގާފައިވަނީ އަލްމަޖްމޫޢުގެ 336/3 އިންނެވެ.

[3] ރިވާކުރެއްވީ އިމާމު އިބްނު ޚުޒައިމާ، އެކަލޭގެފާނުންގެ ޞަޙީޙުގައެވެ.

[4] ރިވާކުރެއްވީ އިމާމު އައްޠަބަރީއެވެ. އެކަލޭގެފާނު ވިދާޅުވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށެވެ.

[5] ރިވާކުރެއްވީ އިމާމު ބުޚާރީއެވެ.

[6] ރިވާކުރެއްވީ އިމާމު ޙާކިމެވެ.

[7] ރިވާކުރެއްވީ އިމާމު ޙާކިމެވެ.

[8]  މިވާހަކަ ނަގުލުވެގެންވަނީ އިމާމު ނަވަވީގެ އަރިހުންނެވެ. އެއީ ޝަހަރަ މުޙައްޛަބުގެ 339/3 އިންނެވެ.

[9] ރިވާކުރެއްވީ އިމާމު ޝާފިޢީ، އަލްއުއްމާއި މުސްނަދުގައެވެ. މިރިވާޔަތް އިމާމު ޝާފިޢީ ވަނީ ޢުބައިދު އިބްނު ރިފާޢާގެ ކިބައިންނާއި ޢުޘްމާނު އިބްނު ޚުޡައިމްގެ ކިބައިން ޞައްޙަ ސަނަދުން ރިވާކުރަށްވާފައެވެ. އަދި މިޙަދީޘުން އެގެނީ ބިސްމި ބާރަށް ކިޔެވުމަކީ އެއްެދުވަސްވެރެއްގައި މަދީނާގެ އެންމެހައި އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ މެދުގައި އޮތް ޢަމަލު ކަމުގައެވެ. އަދި މިވާހަކަ އަލްމަޖްމޫޢުގެ 338-340/3 ގައި ބަޔާންވެގެން ވެއެވެ.

[10] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އިމާމު މުސްލިމާއި އަބޫދާއޫދާއި ނަސާއީއެވެ.

[11] އިމާމު ނަވަވީ: ޝަރްޙުލްމުހައްޛަބް (336/3)

[12] އިމާމު ނަވަވީ: ޝަރްޙުލްމުހައްޛަބް (336/3)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment