(7 އޮކްޓޫބަރުގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މިބައި ނަގާފައިވަނީ “ފަތްތޫރަ” މަޖައްލާގެ 150 (ސެޕްޓެންބަރު 1991) ވަނަ ޢަދަދާއި  151 (އޮކުޓޯބަރު 1991) ވަނަ ޢަދަދުންނެވެ. މަލިކުމީހުންގެ އާދަކާދަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކަމުގައި ހިމެނޭ މަލިކުމީހުންގެ ތެރޭގައި ކާވެންޏަކީ ވަރަށް ޚާއްޞަ އާދަކާދަތަކެއް އެކަމުގައި އެކުލެވިފައި އޮންނަ ކަމެކެވެ. މަލިކުގައި ތަންކޮޅެއް ކުރިން ކާވެނިކޮށް އުޅެނީ ޢާއިލީގޮތުން ބަލައިގެން ދެބެންގެ ދެދަރި ހިސާބުންނެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ޢާއިލީ މުދައު ބޭރު ފަރާތަކަށް ދިޔަ ނުދިނުމެވެ.…

(7 އޮކްޓޫބަރުގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

މިބައި ނަގާފައިވަނީ “ފަތްތޫރަ” މަޖައްލާގެ 150 (ސެޕްޓެންބަރު 1991) ވަނަ ޢަދަދާއި  151 (އޮކުޓޯބަރު 1991) ވަނަ ޢަދަދުންނެވެ.


މަލިކުމީހުންގެ އާދަކާދަ

އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކަމުގައި ހިމެނޭ މަލިކުމީހުންގެ ތެރޭގައި ކާވެންޏަކީ ވަރަށް ޚާއްޞަ އާދަކާދަތަކެއް އެކަމުގައި އެކުލެވިފައި އޮންނަ ކަމެކެވެ.

މަލިކުގައި ތަންކޮޅެއް ކުރިން ކާވެނިކޮށް އުޅެނީ ޢާއިލީގޮތުން ބަލައިގެން ދެބެންގެ ދެދަރި ހިސާބުންނެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ޢާއިލީ މުދައު ބޭރު ފަރާތަކަށް ދިޔަ ނުދިނުމެވެ. ދެވަނަ ސަބަބަކީ ނަސްލީ ގޮތުން މީހުން ބެހިފައިވާ ގޮތުގައި އޮންނަ ތަފާތެވެ. ނަމަވެސް މިހާރު ކާވެނި ކުރުމުގައި މިދެންނެވި ޢާއިލީ ގުޅުމަށް ބެލުމެއް ނޯވެއެވެ. އެކަމަކު މަނިކުފާނުން(ރާއްޖޭގައި ނަމަ ބޭފުޅުން) ރާވެރީންގެ ފަންތީން ކާވެންޏެއް ނުކުރެއެވެ. މިއީ ހަމަ އެކަނި މަލިކުގައި މިކަން އޮންނަ ގޮތެއް ނޫނެވެ. މާލެއާއި ރާއްޖެތެރޭގައި ވެސް އިހުގައި މިކަން އޮންނަ ގޮތެވެ.

މަލިކުގައި ޢާއިލާގެ އަންހެންކުއްޖަކު ނުވަތަ ފިރިހެންކުއްޖަކު ބޮޑުވެއްޖެ ނަމަ އޭނާއާ ކައިވެނީގެ ގޮތުން ގުޅުވާނެ ބައިވެރިޔަކު ހޯދުމަކީ އޭނާގެ މައިންބަފައިންގެ ކަމެކެވެ. ކާވެނިކުރަން ބޭނުންވާ ކުއްޖާގެ މައިން ބަފައިން މަޝްވަރާކޮށްގެން އަނެއް ޖިންސުގެ ކުއްޖަކު އިންތިޚާބުކޮށް އެކުއްޖާގެ މައިންބަފައިންނާ ވާހަކަދައްކައި އެއްބަސްވުމަކަށް އައުމަށް ފަހު ދެފަރާތުގެ ޢާއިލާއިން އެމީހުންގެ ކަނޑައެޅުން ކާވެނިކުރާ ދެކުދިންނަށް އަންގައެވެ. އެދެކުދިން ޤަބޫލުވެއްޖެ ނަމަ އެހިސާބުން ކާވެނީގެ މައްސަލަ ކުރިއަށް ގެންދަނީއެވެ. ޤަބޫލު ނުވެއްޖެނަމަ އެހެން ފަރާތެއް ހޯދައި އިސްވެ ދެންނެވި ގޮތަށް ކުރިއަށް ދަނީއެވެ. މިހާރަކަށް އައިސް ލޯބީގެ މައްޗަށް ބިނާކޮށް ކުރެވޭ ކާވެނިވެސް މަދެއް ނޫނެވެ. ނަމަވެސް އެފަދަ ކާވެނިތަކުގައިވެސް އާދަކާދައިގެ ގޮތުން ހިފަހައްޓާ އުސޫލުތަކުގައި އެއްވެސް ތަފާތެއް ނުހުރެއެވެ. ތަފާތަކީ ހަމަ އެކަނި ކާވެނިވާ ދެމީހުންގެ މެދުގައި ކުރީއްސުރެ ދެނެފަރިތަކަމެއް އޮތުމެވެ. ދެކުއްޖެއްގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދޭ އިރަށް އެއީ މައިންބަފައިން ނުރުހޭ ކަމެއްކަމުގައިވާ ނަމަ އެކަމެއް ހުއްޓުވާނެއެވެ.ކޮންމެ ގޮތެއްގައިވެސް ކާވެނީގެ ކުރީގައި މިނިވަން ބައްދަލުވުންތަކެއް ނޯވެއެވެ.

ކާވެނިކުރާ ދެކުދިންނާއި ދެފަރާތުގެ ޢާއިލާ އެއްބަސްވުމަކަށް އައުމަށްފަހު ފިރިހެންކުއްޖާގެ ފަރާތުން އަންހެންކުއްޖާގެ ގެއަށް އިންނަން އަހަން ދިއުން އޮވެއެވެ. އިންނަން އަހަންދާނީ ފިރިހެންކުއްޖާގެ މަންމައާއި، ދެފަރާތުގެ ބޮޑުދައިތައިންނާއި، އޭނާގެ އެއްބަނޑު ނުވަތަ އެއްބަފާ އަންހެނުންނެވެ. މިދާދިޔުމުގައި “ފޭލިމަލާފަތެއް” ގެންދެއެވެ. އޭގައި ހުންނާނީ އަންހެނެއްގެ އަތްފައިގެ ގަހަނާއާއި އުނުފޭރާމެވެ.

އިންނަން އަހާދުވަހުގެ ރަސްމިއްޔާތަށް އަންހެންކުއްޖާގެވެސް ދެފަރާތުގެ ބޮޑުދައިތައިން ޙާޟިރުވެއެވެ.އެދުވަހު އޮންނާނީ ކާވެނީގެ މުނާސަބަތުގައި މިފިރިހެންކުއްޖާގެ ފަރާތުން ދޭ އެއްޗެހި ދޭނޭ ދުވަހެއް ހަމަޖެއްސުމާއި، ކާވެނިކުރާނެ ދުވަހެއް ކަނޑައެޅުމާއި، ކާވެނީގެ ދަޢުވަތު ދޭނޭ މީހުންގެ ނަންތައް އެކަށައެޅުމެވެ.

އިންނަން އަހާ ދުވަހު އެރަސްމިއްޔާތުގައި ބައިވެރިވާ މީހުންނަށް ސައި ތައްޔާރުކުރެއެވެ. އެކަމަށް ބޭނުން ހުރިހާ ޚަރަދެއް ފިރިހެންކުއްޖާގެ ގެއިން އަންހެންކުއްޖާގެ ގެއަށް ފޮނުވާނެއެވެ.

ރާއްޖޭގެ އެހެނިހެން ރަށްރަށުގައި މިކަން އޮންނަ ގޮތާމެދު ވިސްނާއިރު ހއ.ދިއްދޫގައިވެސް ކާވެނިބަތުގެ ކުރީގައި ސައެއް ހަދައެވެ. އެސައި ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް ފިރިހެންކުއްޖާގެ ގެއިން އަންހެންކުއްޖާގެ ގެއަށް ފޮނުވުމުން ސައި ހަދަނީ އަންހެންކުއްޖާގެ ގޭގައެވެ.

އިންނަން އަހާދުވަހު އެރަސްމިއްޔާތަށް ފަހު އޮންނަނީ “ސަހީ” ކުރުމެވެ. ސޮއިކުރަން ދަނީ ކަތީބު ގާތަށެވެ. ކަތީބުގެއަށް ދަނީ ފިރިހެންކުއްޖާއާއި އޭނާގެ ބައްޕަ ނުވަތަ ބައްޕަ ފަރާތުގެ ބޮޑުބޭބެއާއި ދައްތަ އިނދެގެން އުޅޭ ބޭބެއާ އެވެ. އަންހެންކުއްޖާގެ ފަރާތުން ދަނީ މަންމަ ނުވަތަ އައްޕައްޗި(ބައްޕަ ފަރާތުގެ ބޮޑުދައިތަ) އާއި ބަފާފުށުގެ ބޮޑުބޭބެގެ އަންހެނުންނެވެ.

ކަތީބު ފުރަތަމަ ސުވާލުކޮށް، މަޢުލޫމާތު ހޯދައި ސޮއިކުރުވަނީ އަންހެންކުއްޖާގެ ފަރާތުންނެވެ. އޭގެ ފަހުން ފިރިހެންކުއްޖާއާ ސުވާލުކޮށް މަޢުލޫމާތު ހޯދައި އަންހެންކުއްޖާ ރަންކީ ޢަދަދު އަންގައި ފިރިހެންކުއްޖާ ލައްވައި ސޮއިކުރުވައެވެ. ކާވެނީގެ ޙިކުމަތާއި، ދީނީ ގޮތުން އެކަން އޮންނަ ގޮތާމެދު ވާހަކަދައްކައި، ނަސޭހަތްދެއެވެ.


މަލިކުގައި އިހުޒަމާނުގައި ރަންކިޔަނީ:

މަނިކުފާނަކަށް:   -/100

ތަކުރުފާނަކަށް:   -/50

ތަކުރަކަށް:      -/25

ކަލޯއަކަށް      -/10

އަށެވެ. މަލިކުގައި މިހާރު ރަން ކިޔުމުގައި މިއުޞޫލަށް ތަބާވުމެއް ނޯވެއެވެ. ޢާންމުކޮށް މިހާރު ރަންކިޔަނީ -/250ރ.އާއި -/4000ރ. އާ ދެމެދުގެ އަދަދުތަކަށެވެ. ތިރީގައި މިވަނީ ދެމަފިރިން ސަހީކުރާ(ސޮއިކުރާ) އެއްބަސްވުމެވެ.

ރަޖްނަމްބަރު:     ތާރީޚް:     ރަން:

ފިރިޔާ، ބަފޯގެ ނަމާއެކު:

ޢުމުރު      ވަނަކާވިނި     އާޕަހުގައި-އަނެކަކައި


 1. ފިރިޔާއަކީ އަނބިމީހާއަށާއި، ދަރިންނަށް ގޯތީގެ އިސްވެރިޔާ ކަމުގައި ވާނެއެވެ.

 1. ދީނާއި ޚިލާފު ކަމެއް މެނުވީ ފިރިޔާކުރާ އެހެނިހެން ހުރިހައި ޖާއިޒު އަމުރަކަށް އަނބިމީހާ ތަބާވާނެއެވެ.

 1. ދެމަފިރިން ހެޔޮކަންތަކުގައި އެކެއް އަނެކަކަށް މަދަދުވެރިވާނެތެވެ.

 1. ދެމަފިރިން އާޕަހުގައި އެއްޙާލެއްގައިވެސް އެކެއް އަނެކަކަށް ޚިޔާނާތްތެރިއެއް ނުވާނެތެވެ.

 1. ދެމަފިރިން އެކެއް އަނެކެއްގެ ކިބާގައި ހުރި ޠަބަޢީ އުނިކަން ކެތްތެރިކަމާއިގެން ބަރުދާސްކުރާނެތެވެ.

 1. ދެމަފިރިން އެކެއް އަނެކެއްގެ ކިބާގައި ހުރި ސިއްރީ އައިބުތަކެއް އެހެނިހެން ހިލޭ މީހުން ގާތު ކިޔައި ހަދައިޔެއް ނޫޅޭނެތެވެ.

 1. އެކެއް އަނެކެއްގެ އަބުރާއި އިއްޒަތަކީ ތިމާގެ އަމިއްލަކަމުގައި ހިތައިގެން އެއަށް ސަމާލުވެ އުޅޭނެތެވެ.

 1. އަނބިމީހާގެ މަހްރަމުން ފިޔަވައި ނާމަހްރަމުންގެ ތެރެއިން ފިރިޔާ ރުހިނުވާ އެކަކައިވެސް އަނބިމީހާ އެއްވެސް ގުޅުމެއް ނުބަހައްޓާނެއެވެ. އަދި ނުމެ ފިރިޔާ އެފަދަ އަނބިމީހާ ނުރުހޭ އަންހެނަކައި އެއްވެސް ގުޅުމެއް ބަހައްޓާނެ މެއެވެ.

 1. މާތްކަލާނގެ ދެއްވި ދަރިންނަކީ އެއީ އެންމެބޮޑު ނިޢުމަތް ކަމުގައި ބަލައިގެން އެދަރީންގެ ދެދުނިޔެ ބާއްޖަވެރިކުރުމަށް ދެމަފިރިން ބައިވެރިވެގެން މަސައްކަތްކުރާނެތެވެ.

 1. ދެގޯތި މައިންބަފައިންގެ ނުރުހުން ޠަލާޤުގެ ނުވަތަ ޚުލްޢުގެ ސަބަބެއް ކަމުގައިވެގެން ނުވާނެއެވެ.

 1. ދެމަފިރިންގެ ދެމެދުގައި އުފެދޭ ހުރިހައި އަރައިރުންތަކަށް ފައިޞަލާ ކުރެވޭނީ ޝަރުޢީ ގޮތުން އެކަންޏެވެ. އެއަރައިރުންތައް ހިފައިގެން އެކަކުވެސް ދުނިޔަވީ ކޯޓަކަށް ނުދާނެއެވެ.

 1. ދެމަފިރިންގެ ދެމެދުގައި ކޮންމެވެސް ގޮތަކުން ނަމަވިޔަސް އަރައިރުމެއް ހިނގައިފިނަމަ ޚަތީބުގެ މެދުވެރިކަމައިގެން ދެފަރާތުންހުރި މީހުންވެގެން އާޕަހުގައި ޞުލްޙަވެރިވޭތޯ ނުބަލައި އެކަކަމުވެސް ޠަލާޤުދިނުމަށް ނުވަތަ ޚުލްޢު ލިބުނުމަށް ނުއެދޭނެއެވެ.

 1. ދެމަފިރިންގެ ތެރެއިން އެކަކަށްވެސް ޚަޠީބުގެ މެދުވެރިކަމާއިގެން މެނުވީ ޠަލާޤުގެ ނުވަތަ ޚުލްޢުގެ ނުވަތަ ތިމާގެ އަމިއްލަ ނަފުސަށް ޠަލާޤުދިނުމުގެ ނުވަތަ ކާވިނިފަސްޚުކުރުމުގެ ހުއްދައެއް ނޯންނާނެއެވެ. ޚަޠީބުގެ ޙުކުމާއިނުލައި އަމިއްލަ ނަފްސަށް ޠަލާޤެއް ނުދެވޭނެއެވެ.

 1. ޠަލާޤު ދޭންޖެހިއްޖެނަމަ ފިރިޔާ ދޭނީ ޖިމާޢުކޮށްފައި ނުވާ ޠުހުރެއްގައި ރުޖްޢީ ޠަލާޤެކެވެ. އަދި އެއީ ފިރިޔާއަށް ކަމެއް ނެތިގެން ދެވޭ ޠަލާޤަކީ ނަމަ ޚަޠީބު ހަމަޖެއްސި ގޮތަކަށް ދޭންޖެހޭ ހުރިހައި ކަރަދެއް ދީ އަވަދިވެއްޖައުމަށް ފަހުގައެވެ.

 1. ޠަލާޤަށް ފަހު އޭގެ ޢިއްދާގައި ދޭން ޖެހޭ ކަރަދުގެ ހިސާބުކުރެވޭނީ އާދާގައި ފިރިޔާ މަސްމަހަށް ދެމުން އައި ކަރަދެއްގެ ގޮތްމަތިންނެވެ.

 1. ރަށުން ފޭގައި ހުރި ފިރިޔަކު ރަށުން ފުރައިގެން ހަމަސްދުވަސް ނުވަނީސް ޠަލާޤުނާމާ     އެއް ނުފޮނުވާނެއެވެ. އެއަށް ފަހު ފޮނުވާ ޠަލާޤުނާމާގައި ޠަލާޤުގެ ސަބަބުތައް ދައްކައި މަދުވެގެން ދީންދާރު ދެމީހަކު ހެކިވާނެއެވެ. އަދި އެޠަލާޤުނާމާ ރަށަށް އާނާނީ އެ ހެކިވެރިންގެ ތެރެއިން ކޮންމެ އެކެއްގެ އަތުގައި ޚަޠީބުގެ ނަމުގައެވެ. ނަމަވެސް ޠަލާޤުނާމާ ފޮނުވާން ޖެހުނީ އަނބިމީހާގެ ކިބައިން އެންމޭނަށްމެ ފައުޅުވެގެންވާ، ނުހަނުވެސް ފާފަވެރި ލަދުހަޔާނެތްކަމެއްގެ ސަބަބުން ކަމުގަވިއްޔާ ޚަޠީބު ނަމުގައި އޭނާ އެޠަލާޤުނާމާގައި ހެކިން ފިޔަވައި ނަންގަނެވިދިޔަ ޝަރްޠުތައް ހުރުން ބޭނުމެއް ނޫނެވެ.

 1. ތެލިގިރާބުން ދެވޭ އެއްވެސް ޠަލާޤެއް ޤަބޫލެއް ނުކުރެވޭނެއެވެ.

 1. ފިރިޔާ ރަށުން ބޭރުގައި ދެއަހަރަށް ވުރެ ގިނަދުވަސް އަނބިމީހާޔައި ގުޅުމެއް ނުބަހައްޓައި ހުރެއްޖެ ނަމަ އަނބިމީހާއަށް ޚުލްޢު އަތުލުމުގެ ނުވަތަ އަމިއްލަ ނަފުސަށް ޠަލާޤުދިނުމުގެ ހުއްދަވާނެއެވެ.

 1. ހަތަރު އަހަރުވާދެން ފިރިޔާގެ އެއްވެސް ހިލަމެއް ނުވެއްޖެނަމަ އަނބިމީހާއަށް ތިމާގެ އަމިއްލަ ނަފްސަށް ޠަލާޤުދީ ވަރިވުން ހުއްދަވާނެއެވެ. މިހެން ވަރިވެއްޖެ އަންހެނަކު އެހެން ފިރިހެނަކައި އިނުމަށްފަހު ހިލަމެއް ލިބިއްޖެ ފިރިހެނަށް އެއަންހެނާއަކީ ތިމާގެ އަނބިކަމުގެ ދާވާކުރުން ހުއްދަވެގެން ނުވާނެއެވެ.

 1. ފިރިޔާއަށް ތަނަވަސްކަން ލިބިގެންވާ ހާލުގައިވެސް އަނބިމީހާގެ ކަރަދެއް ނުބަލައި ހަމަސްދުވަސް ވާންދެން ހުރެއްޖެ ނަމަ އަނބިމީހާއަށް ވަރިވާން ހުއްދަ ވެގެން ވާނެއެވެ.

 1. އާޕަހުގައި އުޅެވެން ނެތްކަން ސާބިތުވެއްޖައުމަށް ފަހުވެސް ފިރިޔާ ޠަލާޤުދީ ވަރިވާން ތައްޔާރު ނުވަނީވިއްޔާ ތިމާގެ އަމިއްލަ ނަފުސަށް ޠަލާޤުދީ ވަރިވުން އަނބިމީހާއަށް ހުއްދަވާނެއެވެ.

 1. ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ދެމަފިރި ގުޅުންތައް ނުބެހެއްޓޭނެ ވަރުގެ އައިބެއް ނުވަތަ ބައްޔެއް އޮތީވިއްޔާ ނުވަތަ ޖެހިއްޖެއްޔާ އަނެކަކަށް ކާވިނި ފަސްޚުކުރުމުގެ އިޚްތިޔާރު އޮންނާނެއެވެ.

 1. އަމުދުންވެސް އެކީ އުޅެވޭކަށެއް ނެތްކަން ކަށަވަރުވެއްޖައުމުން ދެމަފިރިން ވަރިވެއްޖައުމަށް ފަހުވެސް ދެގޯތި ދެމެދުގައި ޖެއްސުމެއް ވާނޭވަރުގެ އެއްވެސް ގޮތެއް އެކަކުވެސް ނުހަދާށެވެ.

 1. ދެމަފިރިން ވަރިވެއްޖައުމަށް ފަހުވެސް މާތްކަލާނގެ ދެއްވި ދަރީން ގެންގުޅި ބޮޑުކުރާނީ ދެގޯތި މީހުން އެކެއް އަނެކެއްގެ ލަފަޔާއިލައިގެންނެވެ.

 1. ވަރިވެއްޖައުމަށް ފަހުވެސް ދަރީންގެ ބަފޯ ނުވަތަ ބަފޯގެ ފަރާތުން ހުރި ވަލޮތް (ވަލީ)  ވެރިޔަކު، ތިމާއަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް ދަރީން ދޭ އެއްޗެއް ދަރީންގެ އަމޯ     ފަރާތުން ހުރި މީހަކު ޤަބޫލުކުރާނެއެވެ.

 1. ދަރީންގެ ބަފޯ ނުވަތަ އެބަފޯގެ ފަރާތުން ހުރި ވަލޮތްވެރި ތިމާއަށް ކުޅަދާނަވެގެންވާ މިންވަރަކަށް ދަރީންގެ ޖާއިޒުވެގެންވާ ބޭނުންތައް ފުއްދައިދޭހައި ހިނދަކު އެ ހާޖަތްތައް ފުއްދައިދޭހައި ހިނދު އެ ހާޖަތްތައް ފުއްދައިދޭ މީހަކާއި ދަރީން ދުރުކޮށް ބެހެއްޓުން ދަރީންގެ އަމޯއަށް ނުވަތަ އަމޯ ފަރާތުން ހުރި ދަރީން ބަލަހައްޓާ މީހަކަށް ހުއްދަވެގެން ނުވެއެވެ.

 1. ދަރީންގެ ބަފޯ ނުވަތަ ބަފޯ ފަރާތުން ހުރި ވަލޮތްވެރިއަކު ދަރީންގެ ޖާއިޒުވެގެންވާ ހާޖަތްތައް ތިމާއަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް ފުއްދައިނުދެނީވިއްޔާ އެމީހަކަށް އެއް ހާލެއްގައިވެސް ދަރީންގެ އެއްވެސް ކަމަކައި ވަލޮތްވެރިއެއްގެ ގޮތުން ބެހެން ހުއްދަވެގެން ނުވާނެއެވެ. އެހެނަސް ދަރީންނަކީ ވާރުތަވެރިންނެވެ.

 1. ދެމަފިރިން ވަރިވެއްޖައުމަށް ފަހުވެސް ފިރިހެންދަރީން މަސައްކަތުގައި ހިފާ އުމުރަށް ފޮޗާނދެން، އަންހެންދަރީން ފިރިޔަކައި އިނުމަށް ދާނދެން އެދަރީންގެ ޖާއިޒު ބޭނުންތައް، ތިމާއަށް ވެވޭން އޮތް މިންވަރަކަށް ފުއްދައިދިނުމަކީ، އެ ދަރީންގެ ބަފޯގެ ނުވަތަ ބަފޯ ފަރާތުންހުރި ވަލޮތްވެރިއެއްގެ ޒިންމާއެކެވެ.

 1. ދެމަފިރިންގެ އާޕަހުގައި އެކުވެރިވެ އުޅޭ ދުވަސްވަރުގައްޔާއި، ވަރިވާން ޖެހިއްޖެނަމަ އެޔާއި ގުޅޭ ކަންތަކުގައި މާތް ކަލާނގެޔާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ދެއްކެވި މަޢުރޫފުތަކާއި މަރިޔާދު ތަކަށް ޢަމަލުކުރާނެތެވެ.

 1. ދެމަފިރިންގެ ދެމެދުގައި ހިނގައިފި އަރައިރުމެއް ޢާލިމުންގެ ލަފަޔާއިލައިގެން ޚަތީބު ކުރި ފައިޞަލާއެއް ދެމަފިރިންނަށް ޤަބޫލުވާނެއެވެ.

 1. އަހަރެން ނަންގަނެވިދިޔަ އަޤުދުނާމާ ޤަބޫލުކޮށް އެގޮތަށް އުޅެވޭތޯ انشاءالله މިންނަތް ކުރާނެން ކަމުގެ ޢަހްދުކުރަމެވެ.

ފިރިޔާ            އަނބިމީހާ

ވަލޮތްވެރިޔާ         ވަލޮތްވެރިޔާ

ހެކިވެރިން  1-

             2-

                       ނަންގަނެވިދިޔަ މީހުން މިކަރުދާހުގައި ސަހީކުރީ އަހަރެންގެ ކުރިމައްތިއެވެ.

                                                                                                   ޚަޠީބު

ކާވެނިކުރާ ދުވަހު ހަވީރު”ފޭލިގަނޑު ދެމުން” އޮވެއެވެ. ފޭލިގަނޑު ދެމުމަކީ ކާވެނިކުރާ ދެމަފިރިން އުޅޭ ކޮޓަރީގެ ނުވަތަ ގޭގައި އެމީހުން އުޅެން ހަމަޖައްސާބައިގެ ދޮރުތަކުގައި ދޮރުފޮތި ދެމުމެވެ. އެދުވަހު ފިރިހެންކުއްޖާގެ ފަރާތުން އަންހެންކުއްޖާގެ ގޭގައ މޫނުބަލާލޯގަނޑެއް ބަހައްޓައިދިނުންވެސް އޮވެއެވެ.

މަލިކުގައި ޢާންމުކޮށް ގޭގެ ބައިކޮށްފައި ހުންނަނީ ދެބަޔަކަށެވެ. އެއީ އެތެރެގެއާއި ބޭރުގެއެވެ.(މަލިކު ބަހުރުވައިން ގޭއަޑި އާއި ގޭދޮރެވެ.) މިފަހަކަށް އައިސްވަނީ ކޮޓަރިކޮޓަރިވެސް ހަދަން ފަށާފައެވެ.

ކޮޓަރި ކޮޓަރި ނުހުންނަ ގޭގޭގައި އަލަށް ކާވެނިކުރާ ދެމީހުން އުޅެނީ ބޭރުގޭގައެވެ. އެހެންކަމާއެކު ފޭލިގަނޑު ދަމަނީ ބޭރުގޭގެ ހުރިހާ ދޮރުދޮރުގައެވެ. މީގެ އިތުރުން އުނދޯލިމަތީގައި ސަނދުވާއެއްވެސް ދަމައެވެ.

ފޭލިގަނޑު ދަމަން ދަނީ ފިރިހެންކުއްޖާގެ އައުލާދުގެ ފިރިހެންޒުވާނުންނާއި، އޭނާގެ ގާތް ރަޙުމަތްތެރި ޒުވާން ފިރިހެންކުދިންނެވެ. ފޭލިގަނޑުދަމަންދަނީ ޢަޞުރުނަމާދުގެ ފަހުގައެވެ. އެވަގުތު އެގޭގައި ސައިހަދާފައި އޮވެއެވެ. އެކަމަށްޓަކައި އަންހެންކުއްޖާގެ އައުލާދުގެ އަންހެންކުދިންނާއި، ރައްޓެހި އަންހެންކުދިން އާދެއެވެ. އެމީހުން ފޭލިގަނޑު ދަމަންދާ ފިރިހެންކުދިންގެ ގަޔަށް ފެންޖަހައެވެ. ފެންޖެހުމުގައި ސައިފަތުގެ ފެނާއި އިސްބަޣުލް ފެންވެސް އުކައެވެ. ފިރިހެންކުދިންވެސް އަންހެންކުދިންގެ ގަޔަށް ފެންއުކައި ފެންކުޅީގައި ބައިވެރިވެއެވެ.

ކާވެނިކުރުން އޮންނަނި ޢަޞުރުނަމާދުގެ ފަހުންނާއި، މަޣްރިބު ނަމާދުގެ ފަހުންނެވެ. ކާވެނިކުރާރޭ އަންހެންކުއްޖާގެ ގޭގައި ކާވެނީގެ ޕާޓީއޮވެއެވެ. އެޕާޓީއަށް، އިހުގައި ހަދައިއުޅުނީ ސައެވެ. ނަމަވެސް މިހާރަކަށްއައިސް މަލިކުގައިވެސް ގިނައިން ކައްކައި އުޅެނީ ބިރިޔާނީއެވެ.

ކާވެނިކުރާ އަންހެންކުއްޖާގެ ގާތްތިމާގެ އަންހެންކުދީންނާއި އޭނާގެ “ވިލީގެ” ގެ އަންހެންކުދީން (އަވަށުގައި އޭނާ ހިމެނޭ ގްރޫޕް) ދެފަރާތުގެ ޢާއިލާގެ ގޭގެއަށް “ބަތްދޭން” (ކާވެނިޕާޓީއަށް ކައްކާ ބިރިޔާނީ ނުވަތަ ހަދާ ސައިގެ ހެދިކާ ދޭން) ދެއެވެ. މިތަކެތި ގެންދަނީ ބޮޑެތި ދޮލަނގުދޮލަނގަށް އަޅައިގެން ބޯމަތީ ބަހައްޓައިގެންނެވެ. މަލިކުގައި ދެފަރާތުގެ އާއިލާއަށް ކާވެނިބަތް ބަހަން ދިއުން އޮންނަ ގޮތަށް ހއ.ދިއްދޫގައި އޮންނަނީ ކާވެނިބަތް ކައްކާ ދުވަހު ފަރިވަޅު ކައްކައިގެން ފަރިވަޅު ބެހުމެވެ. ފަރިވަޅަށް ކައްކަނީ ސާގު ނުވަތަ މުގު ނުވަތަ އޯބަތުގެ ބޮނޑިބަތެވެ. މިތަކެތި ގެންދާނީ އަންހެންކުއްޖާގެ އާއިލާގެ ފަރާތުން ފިރިހެންކުއްޖާގެ އާއިލާ އަށެވެ.

ކާވެނީގެ ޕާޓީގެ ކަންތައްތަކުން ނިމި ގޭތެރެ ރަމަތަވެލުމުން އަންހެންކުއްޖާގެ ގެއިން “ފަހުސަފުކާން” ފިރިހެންކުއްޖާ ބަލައިދެއެވެ. އިހުގައި ފަހުސަފު ކާން ބަލައިދާއިރު ބިގަރެއް ގެންދަން ޖެހެއެވެ. ފަހުސަފަކީ ކާވެނީގެ ރޭ އެމުނާސަބަތުގައި ތައްޔާރުކުރެވޭ އެންމެ ފަހުގެ ސަޔެވެ.

ފަހުސަފު ކާންދާއިރު ފިރިހެންކުއްޖާގެ ގާތްތިމާގެ ފިރިހެނުންނާއި އޭނާގެ ގާތް ރަޙްމަތްތެރި ފިރިހެނުންގެ ވަކިބަޔަކު އޭނާއާ އެކުގައި ދެއެވެ. އެމީހުން ގޮސް ސަފުކައިގެން އެނބުރިދާއިރު ކާވެނިވާ ފިރިހެންކުއްޖާވެސް އެމީހުނާއެކުގައި އެނބުރިދަނީއެވެ. އޭގެ ފަހުން 11.30 އެހާކަންހާ އިރު އޭނާ “އޮއްތަން” އަންނާނެއެވެ. (ނިދަން އަންނާނެއެވެ.) މިއަންނައިރު އޭނާއާއެކުގައި އަންނާނީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިއެކެވެ. ފިރިހެންކުއްޖާ ގޮސް އިށީންނަނީ “ގޭދޮރުބުރީގެ ކުޑައަށިފަތު” (ބޭރުގޭ ކުޑައަށި) ގައެވެ. އޭރު އަށިމަތީގައި އެތައް ގޮދަޑިއެއް މަތިމައްޗަށް އަރުވައިގެން ދެ އަރޫޝުނަށް ތައްޔާރުކޮށްފައި ހުންނަ ވަރަށް ޒީނަތްތެރި ތަންމައްޗެއް ހުންނާނެއެވެ. ފިރިހެންކުއްޖާ އިށީނދެ އިންނަނީ ތަންމަތީގެ މަގަތުން އަށިމަތީގައެވެ.

ފިރިހެންކުއްޖާ އައިސް އެތާނގައި އިށީނުމުން އަންހެންކުއްޖާގެ ތިމާގެމީހަކު މެދުދޮރުގައި ދަމާފައި ހުންނަ ފޮތިގަނޑު ވައްޓާލައެވެ. ފޮތިގަނޑު ވައްޓާލުމުން އަންހެންކުއްޖާގެ ގޭގެ މީހުން އޭނާ ބޭރުގޭތެރެއަށް ވައްދައެވެ. ބައެއް ފަހަރު އަންހެންކުއްޖާ ލަދުން ނުވަންނާން އުޅެނިކޮށް ބޭރުގޭތެރެއަށް ކޮއްޕައިލާ ތަންވެސް އާދެއެވެ. ފޮތިގަނޑު ވައްޓާލުމަށްފަހު ގޭގެ އެބަޔަށް އެއްވެސް މީހަކު ނުވަންނާނެއެވެ.

އަންހެންކުއްޖާ ބޭރުގޭތެރެއަށް ވަދެފައި އެނބުރިގޮސް ފިރިހެންކުއްޖާއަށް ފަނިތަށްޓެއް ގެންގޮސްދެއެވެ. ކާވެނީގެ މުނާސަބަތުގައި ފަނިތަށްޓެއް ގެނެސްދިނުމަކީ ރާއްޖޭގައިވެސް އިހުޒަމާނުގައި އޮންނަ ކަމެކެވެ. ކާވެނިވެގެން ހެކިވެރިން ފިރިދައްކަން އައުމުން އަންހެންމީހާ ފިރިމީހާއަށް ފަނިތަށްޓެއް ގެނެސްދެއެވެ. ބިއްލޫރި އުނބުގަނޑެއްގައި ވަރަށް ފޮނިގަދަކޮށް ގިރާފައި ހުންނަ ފަނިތަށްޓެކެވެ.

މިގޮތަށް ތިންރޭ ވަންދެން ސައިހެދުމާއި، ފިރހެންކުއްޖާ “އޮއްތަންލާންއައުން” އޮވެއެވެ. ތިންރޭފަހުން ފިރިހެންކުއްޖާ އަމިއްލައަށް ނިދަން އަންނަން ފަށައެވެ.

މިތިންރޭމެ ފަތިސްނަމާދުން އައިސް “ބެޑްކޮފީ” ގެ ސައިބޮއިގެން މޫނުއަނދިރިކަން ހުއްޓައި ފިރިހެންކުއްޖާ ދަނީ އޭނާގެ ގެއަށެވެ. ގެއަށް ދާން ފެށުމުން އަންހެންކުއްޖާ ނުހަނު ފާޑުވެރިކަމާއެކު ހަދައި ވަރަނގުކަރުދާހުގައި ބަންދުކޮށްފައި އޮންނަ ބާރަގަނޑު ބިލެތް ފިރިހެންކުއްޖާއަށް ދެއެވެ.

މިތިން ދުވަހު ފިރިހެންކުއްޖާގެ ހެނދުނު ނާސްތާ ތައްޔާރުކޮށްގެން ފިރިހެންކުއްޖާގެ ގެއަށް ގެންދަނީ އަންހެންކުއްޖާގެ ގެއިންނެވެ. ތިންދުވަސްފަހުން ފިރިހެންކުއްޖާ އަންހެންކުއްޖާގެ ގެއިން ނާސްތާކުރަން ފަށައެވެ. ނަމަވެސް ފުރަތަމަ ދަރިފުޅު ލިބެންދެން ހަވީރުގެ ސަޔަށް ފިރިހެންކުއްޖާގެ ގެއަށް ހެދިކާ ގެންގޮސް ދޭނެއެވެ.

ކާވެނިކުރާ ދުވަސް ނޫން އަނެއް ދުވަހު ހެނދުނު ފިރިހެންކުއްޖާގެ މަންމަ، އަންހެންކުއްޖާގެ އެމަސްދުވަހުގެ ޚަރަދު ގެންގޮސް އަންހެންކުއްޖާގެ މަންމައާ ޙަވާލުކުރެއެވެ. އެދުވަހުގެ ޢަޞުރުނަމާދުގެ ފަހުން އަންހެންކުއްޖާ އޭނާގެ ފިރިމީހާގެ ގެއަށް (މަލިކު ބަހުރުވައިގައި އުސްގޯތި) ފުނޑައިދޭން ދެއެވެ. މިދިއުމަށް މަލިކު ބަހުރުވައިން ކިޔަނީ ފުނޑަން ބަލައިދިއުމެވެ. ފުރަތަމަ ތިންދުވަހު އަންހެންކުއްޖާ ދާނީ އޭނާގެ ތިމާގެ އަންހެނަކާ، ނުވަތަ އެންމެ އެކުވެރި އަންހެންކުއްޖަކާ އެކުގައެވެ. އަންހެންކުއްޖާއާ އެކުގައި ދާ މީހާ އެގެއަށް ބޯފެން ގެނެސްދީ، އެނދުއެނދުގެ ތަންމަތި އަޅައިދީ، ހަވާދު ފުނޑައިދީ، ބައްތި ފޮހެދީ ހަދައެވެ. ނަމަވެސް މިހާރު މަލިކުގައިވެސް ސައުވީސް ގަޑިއިރު ކަރަންޓް އޮންނާތީ ބައްތި ފޮހެދޭކަށް ނުޖެހެއެވެ.

ފުންޑަން ބަލައިދިޔުމުން ފިރިހެންކުއްޖާގެ މަންމަ (މަލިކު ބަހުރުވައިގައި އަންހެންކުއްޖާގެ ފަހަވެރި އަމޯ) އޭނާގެ ޅީދަރިފުޅުގެ ގައިގައި ރަނުގެ ގަހަނާ އަޅުވައިދީ، ހަދިޔާދީ، ފިރހެންކުއްޖާގެ ޢާއިލާގެ އެންމެ ގާތްމީހުންގެ ތެރެއިން އަންހެންކުއްޖާ ދާންވީ ގޭގެ އޮޅުން ފިލުވައިދީ ހަދައެވެ. އަންހެންކުއްޖާ އެގޭގެއަށް ދިޔުމުން އެގޭގެއިންވެސް ރަންމުންޖާއި، ރަންކަންފަތުލާ އެއްޗެހި ފަދަ ތަކެތި ހަދިޔާއަށް ދެއެވެ. އަދި ކޮންމެ ގެއަކުން އަންހެންކުއްޖާއަށް “ތަގައްޓެއް” (ދެތިން ހެދުމާއި، ފުށްދަޅަކާއި، ފުނަލާއި، ސައިބޯންޏާއި، ދަތްއުނގުޅާބޭހާއި، ބުރުހާއި، އެބައެއްގެ ނިސްބަތުން ފައިސާ އަޅާފައިވާ މަލާފަތެއް) ފޮނުވައެވެ. އަންހެންކުއްޖާ އެމަލާފަތް ހުސްކޮށްފައި ފޮނުވަނީ އެއަށް ހެދިކާ އަޅާފައެވެ. އަޅުގަނޑުމެންގެ ދިއްދޫގައިވެސް އަންހެންކުއްޖާގެ އާއިލާގެ ފަރާތުން ފަރިވަޅު މަލާފަތް ފޮނުވާ ގޭގެއިން (ފިރިހެންކުއްޖާގެ އާއިލާގެ މީހުންގެ ގޭގެ) އަންހެންކުއްޖާއަށް ހަދިޔާ ފޮނުވައެވެ. މިގޮތުން ފޮނުވަނީ ހެދުމާއި، ގަހަނާއާއި، ފުށާއި، ސެންޓާއި ސައިބޯނި ފަދަ ތަކެއްޗެވެ.

މިގޮތަށް ފުރަތަމަ ދަރިފުޅު ލިބެންދެން އަންހެންކުއްޖާ ފިރިމީހާގެ ގެއަށް ފުނޑަން ބަލައިދެއެވެ. އޭގެ ފަހުން ކޮންމެހެން އާދަކާދައިގެ ގޮތުން ފުނޑާން ބަލާދިއުމެއް ނޯންނާނެއެވެ.

ފިރިހެންކުއްޖާވެސް އަންހެންކުއްޖާގެ ގެއަށް ދެވަނައަށް ނިދަންދާރޭ އަންހެންކުއްޖާގެ ތިމާގެ ގޭގޭގެ ތެރެއިން އޭނާ ދާންވީ ގޭގެ އޮޅުންފިލުވައި އެގޭގެއަށް ގޮސް ހަދައެވެ.

ކުރީ ޒަމާނުގައި މަލިކުގައި އަނބިންގެ ޚަރަދުދީ އުޅެނީ އެމީހެއްގެ ދަރަޖައިގެ ނިސްބަތުންނެވެ. މިގޮތުން ޚަރަދުދީ އުޅުނު ގޮތް ތިރީގައި މިދަންނަވަނީއެވެ.

ބޮޑުން

އަނތްބަކަށް (އަހަރަކު)     -/300ރު.

ވިހެއުމުގެ ޚަރަދު              -/100ރު.

ދަރިންބެލުމަށް (މަހަކު)     -/1ރު.

ކިރުގެ ޚަރަދު (މަހަކު)     -/1ރު.

ނިޔަމިން

އަނތްބަކަށް (އަހަރަކު)     -/150 ރު.

ވިހެއުމުގެ ޚަރަދު            -/50 ރު.

ދަރިންބެލުމަށް (މަހަކު)      8 އަނާ

ކިރުގެ ޚަރަދު  (މަހަކު)       8 އަނާ

ފަޅުވެރިން/ރާވެރިން

އަނތްބަކަށް (އަހަރަކު)     -/75ރު.

ވިހެއުމުގެ ޚަރަދު              -/25ރު.

ދަރިންބެލުމަށް (މަހަކު)      8 އަނާ

ކިރުގެ ޚަރަދު  (މަހަކު)       8 އަނާ

މިހާރަކަށް އައިސް ޚަރަދުދިނުމަށް ވަކިޢަދަދެއް ކަނޑައެޅިފައެއް ނޯވެއެވެ. ގިނަ މީހުންނަކީ ބޯޓްދަތުރުކުރާ މީހުން ކަމަށް ވުމާއެކު ތަނަވަސްކަމާ އެއްވަރަށް ޚަރަދުކުރެއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހިގެން ޚަރަދުގެ މައްސަލަ ނުކުމެއްޖެ ނަމަ ކަތީބު ޚަރަދު އަތުލައިދެއްވަނީ ދެމަފިރިން ޞުލްޙައިގައި އުޅޭ ދުވަސްވަރު ޚަރަދުދީ އުޅުނު ނިސްބަތަކުންނެވެ. މަލިކުގެ އާދަކާދަ އޮންނަ ގޮތުން ކާވެނީގެ ފަހުގައި ފިރިމީހާ އުޅެން ޖެހެނީ އަނބިމީހާގެ ގޭގައެވެ. ނަމަވެސް ފިރިމީހާ އަނބިމީހާގެ މަންމައާއި އޭނާގެ އުޚުތުން ބޮޑުދައިތައިން ފަދަ މީހުން ތިބޭ ތަންތަނަށް ގޮސް އެމީހުނާ ވާހަކަދައްކައެއް ނޫޅެއެވެ. އެމީހުންނަށް ލަދުބަލަންޖެހޭތީއެވެ. ހަމަ އެފަދައިން އަންހެންކުއްޖާވެސް އޭނާގެ ފިރިމީހާގެ ބައްޕައާއި ބޮޑުބޭބެއިންނާއި އަޚުންނާމެދު ލަދުބަލައެވެ. ފިރިހެންކުއްޖާ ހެނދުނު ނާސްތާ ފިޔަވައި އެހެން ވަގުތަކު އެގެއިން ކައިބޮއެއްވެސް ނުހަދައެވެ. ބައެއް މީހުން އެއްކުއްޖަކު ދެކުއްޖަކު ލިބުނީމާ އަނބިމީހާގެ ގެއިން މެންދުރުކައިވެސް އުޅެފާނެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި އޭނާ އަންހެނުންގެ ގެއާމެދު ބަލަނީ އޭނާ ނިދާގެ ކަމުގައެވެ.

ކާވެނީގެ ފަހުން ފުރަތަމަ އަންނަ ރޯދަމަހުގެ ކޮންމެވެސް އެއްދުވަހަކު އަންހެންކުއްޖާގެ ގެއިން ފިރިހެންކުއްޖާގެ ގޭގެ އެންމެންނަށް ރޯދަވީއްލުން ތައްޔާރުކޮށްގެންގޮސް ދެއެވެ. ހަމައެފަދައިން އެއްރޭ ތަރާވީސްދަމަށް ހެދިކާވެސް ގެންގޮސްދެއެވެ.

މަލިކުގައި ގެއާއި ގޭތެރޭގައި ހުންނަ ހުރިހާ ގެވެހިކަންވާރަކާއި، ރަންރިއްސަކާއި ފެހާމާނު މުދަލެއް ލިބޭނީ އަންހެންކުއްޖާއަށް ނުވަތަ އަންހެންދަރީންނަށެވެ. ފިރިހެންދަރިޔަކަށް އޭނާގެ މައިންބަފައިންގެ މުދަލުގެ ތެރެއިން ގޭގެ ހަތަރުފާރުން އެތެރޭގައި ހުރި އެއްޗަކުން ލިބޭނީ ހަމައެކަނި ނިދާނެ އެނދެކެވެ. އަންހެންދަރިންނަށް ގޯތި ފަތްލިޔެދެނީއެވެ. މިގޮތަށް ފަތްލިޔެދޭއިރުވެސް އެއްކަލަ އެނދުގެ ޙައްޤާއި އަނބިމީހާގާތު ނުއުޅެވިގެން ވަރިވެގެން އަތުވެއްޖެނަމަ ގޭގައި ހުރެވުމުގެ ޙައްޤު ފިރިހެންދަރިންނަށް ރައްކާތެރިކޮށްދެއެވެ. ފިރިހެންދަރިން ބެލުންވެސް ޝަރުޠުކުރެއެވެ. ނަމަވެސް ގޯތިން ބޭރުގައި ހުންނަ ހުރިހާ މުދަލަކުން ފިރިހެންދަރިންނަށް ދެބައި ލިބެއެވެ.

މަލިކު މިހާރު ބައެއްގެ ސަރަޙައްދުގައި ހިމެނޭ އިންޑިޔާގައި ގިނަ އަންހެންދަރިން ލިބުމަކީ މައިންބަފައިންނަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ. ނަމަވެސް މަލިކުގައި މިކަން އޮންނަނީ އޭގެ އިދިކޮޅަށެވެ. މައްސަލައަކަށް ވަނީ ގިނަ ފިރހެންދަރިން ލިބުނީމައެވެ. އެމީހުންގެ ކާވެނިކޮށްދިނުމާއި އެކަމުގައި ހިނގާ ބޮޑުޚަރަދު ބަރުދާސްކުރުމަކީ ބައްޕައިންނަށް ވަރަށް ބޮޑު ބަރެކެވެ. އެހެންކަމާއެކު މަލިކުމީހުން ބޮޑަށް ލޯބިވަނީވެސް އަންހެންދަރިން ދެކެއެވެ. މަލިކުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައީ އެހެންވެގެން ވެސް ތޯއްޗެކެވެ.

ޝައްކެއްނެތެވެ. ކޮންމެ ތަނެއްގައިވެސް ދެމަފިރިއަކަށް އަލަށް ދަރިޔަކު ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މަލިކުގައިވެސް އެއީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންނަށްވުރެ އެމީހުންނަށް އެކަން މާމުހިންމެވެ. ފިރިހެންމީހާގެ ޢާއިލާއަށް އާ ޚަރަދުތަކެއް ކުރަންޖެހޭ ކަމެކެވެ.

އަލަށް ދަރިޔަކު ލިބޭ ދުވަހު ފިރިމީހާގެ ގެއިން އަނބިމީހާގެ ގެއަށް ވަރަށް ގިނަ ސާމާނު ފޮނުވަން ޖެހެއެވެ. އޭގެ ތެރޭގައި ދަރިފުޅު ހިނަވަން ފެންކައްކާނެ ދެއުޅައްލީ ބޮޑުލޯގަނޑަކާއި، ކުދިން ފެންވަރުވާ ޒާތުގެ ތަށްޓަކާއި، ފެންއަޅާނެ ޖަގަކާއި، ކަދައަކާއި،ސައިބޯޖޯޑަކާއި، ސަމުސަލަކާއި، ކުޑަގޮދަޑިއަކާއި، ތިންކަންނޭލާއި،މަދިރިގެއަކާއި، މާމުއިފުޅިއަކާއި، ގޮނޑިއަކާއި، ތެލާއި، ސައިބޯންޏާއި، މިބާވަތުގެ ތަކެތި ފޮނުވަން ޖެހެއެވެ. އެއީ، ކުޑަދަރިފުޅަށެވެ.

މީގެ އިތުރަށް އެމީހުންގެ ޅީދަރިފުޅަށް ތިންކުނަލާއި، ފަހާފައި އޮންނަ ކަފަނުލައްވާ ގޮދަޑިއަކާއި، ތިންކަންނޭލާއި، ތިންހެދުމާއި، ފަސްސަތޭކަ އާއި ހާހަކާއި ދެމެދު ޢަދަދެއްގެ ފައިސާއާއި އެދުވަހު ސަޔަށް ހިނގާނެ ޚަރަދު ފޮނުވަން ޖެހެއެވެ.

އަލަތު ދަރިފުޅު ފޫޅު ވެއްޓޭ ދުވަހު އަންހެންމީހާގެ ގޭގައި އަވަލިމޮޑުން އޮވެއެވެ. އެދުވަހަކީވެސް ފެންކުޅި އޮންނަ ދުވަހެކެވެ. އެދުވަހުގެ ފެންކުޅީގައި ފިއްލެޔޮވެސް އުކާ ކަމުގައި ވެއެވެ. ވިހައިގެން އުޅޭ ގޭގެއަށް ދިޔައީމާ ފެންޖެހުމަކީ، އަޅުގަނޑުމެން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް  އޮންނަ ކަމެކެވެ.

އާދެ، މިހިސާބުން ކާވެންޏާބެހޭ އާދަކާދައިގެ ކަންތައް ނިމި، ދެމަފިރިން އާދައިގެ ގޮތަކަށް އުޅެން ފަށާނެއެވެ. އެހެންކަމުން އަޅުގަނޑު މިމައުޟޫޢުގައި ލިޔަން ޤަޞްދުކުރާ ވާހަކަ ނިންމާލަމެވެ.

ޝައްކެއް ނެތެވެ. ކޮންމެ މުޖްތަމަޢަކީވެސް ޚާއްޞަ އާދަކާދަތަކެއް ހިފަހައްޓާ މުޖްތަމައެކެވެ. ކޮންމެ ބަޔަކަށް ވެސް އެބައެއްގެ ގޮތް މޮޅުވާނެއެވެ. މަލިކުގައި ވަރިކުރަނީ ސަތޭކައަކުން އެކެއް ދެ މީހެކެވެ. އޭގެ ސަބަބަކީ ކާވެނީގެ އަގުބޮޑުވުން ކަމުގައި ވެދާނެއެވެ. ކާވެންޏެއް ކުރެވެނީ ފިރިހެނެއްގެ އަތުން ހަތްދިހަ، އަށްޑިހަހާސް ރުފިޔާ ޚަރަދުވެގެންނެވެ. އަންހެނެއްގެ އެތަކެއް ބުރަ މަސައްކަތްތަކަކަށް ފަހުގައެވެ.

               (ނުނިމޭ)

       —————————————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment