ތަރުޖަމާކޮށް އެކުލަވައިލީ:  އަޙްމަދު އަޖުމަލް ޙާމިދު (“ދުންބަޑި” (1) ޝާއިއު ކުރެވިފައިވަނީ، 15 ޖޫން 2015 ގައެވެ.) ނޭވާލުމުގެ ނިޒާމު ކުއްލި ހާލަތަކަށް ގެނެއެވެ. ހިތްގައިމު ފިޔާތޮށި ކުލައިގައިވާ ފުއްޕާމޭ ކަޅުކޮށްލައެވެ. އަނގައިން ނުބައިވަސް ދުވައެވެ. ތުންފަތާއި ދަތްތަކާއި ނިޔަފަތިތަކުގެ ކުލަ ތަޣައްޔަރުކޮށްލައެވެ. ލޭހޮޅިތަކުގެ އެތެރޭގައި އުށްފަދަ މާއްދާއެއް އުފެދި ހަށިގަނޑުގައި ލޭ ދައުރުވުމަށް ދަތިކޮށް ލޭގެ ފިއްތާބާރު ގަދަވެއެވެ. ނޭވާ ކުރުވެ، ކެއްސުން އާދައަކަށްވެ ހަމަކިރިޔާ ހެލިފެލިވެ އުޅެލާއިރަށް ގުނބުހިލި މީހާ ލޮޑުވެއެވެ. އޮމާން މޫނަށް…

ތަރުޖަމާކޮށް އެކުލަވައިލީ:  އަޙްމަދު އަޖުމަލް ޙާމިދު

(“ދުންބަޑި” (1) ޝާއިއު ކުރެވިފައިވަނީ، 15 ޖޫން 2015 ގައެވެ.)

ނޭވާލުމުގެ ނިޒާމު ކުއްލި ހާލަތަކަށް ގެނެއެވެ. ހިތްގައިމު ފިޔާތޮށި ކުލައިގައިވާ ފުއްޕާމޭ ކަޅުކޮށްލައެވެ. އަނގައިން ނުބައިވަސް ދުވައެވެ. ތުންފަތާއި ދަތްތަކާއި ނިޔަފަތިތަކުގެ ކުލަ ތަޣައްޔަރުކޮށްލައެވެ. ލޭހޮޅިތަކުގެ އެތެރޭގައި އުށްފަދަ މާއްދާއެއް އުފެދި ހަށިގަނޑުގައި ލޭ ދައުރުވުމަށް ދަތިކޮށް ލޭގެ ފިއްތާބާރު ގަދަވެއެވެ. ނޭވާ ކުރުވެ، ކެއްސުން އާދައަކަށްވެ ހަމަކިރިޔާ ހެލިފެލިވެ އުޅެލާއިރަށް ގުނބުހިލި މީހާ ލޮޑުވެއެވެ. އޮމާން މޫނަށް ރޫޖެހި ޢުމުރަށްވުރެ އެތައް ތަނެއް ދޮށިކަމަށް މީހާ ދައްކައެވެ. ބޯ ނުރަވެ ބޮލުން “ފަތް ފޭބުން” އިތުރުވެ އިސާހިތަކު ތަލަވެދާނެކަމުގެ ބިރު ހީކުރުވައެވެ. އަދި ކިއެއްތަ، ޖިންސީ ފުއްދުންތެރިކަން ކުޑަވެ އަނބިފިރިކަމުގެ ގުޅުން ހިންގުމުގެ މަތިން ވެސް މީހާ ފޫހިކޮށްލައެވެ. މިހާރު ވެސް ބޯހާސްވެ ނުތަނަވަސް ވެއްޖެއެވެ. ދެން މި މަޒުމޫނުން އެންމެ ފޮޅުވަތެއް ވެސް އިތުރަށް ކިޔޭނީ އެއްޗެއް ރޯކޮށްލައި ބޯ ހަމަޖައްސައިލުމަށްފަހުއެވެ.

ތިޔަ ފޮށި ނެގިތަނުގައި އަދި އިހަށް އެ ބާއްވާށެވެ. އަޅުގަނޑުގެ ގަސްދަކީ އެއްވެސް ހާލެއްގައި މިފަދައިން ބިރުގެންނެވުމެއް ނޫނެވެ. ވެދިޔަތަން ދޫކޮށްލާށެވެ. ކުރިއަށް ބަލާށެވެ. ސިނގިރޭޓު ބުއިމުގެ ނުބައި އާދަ ދޫކޮށްލުމުން ވަކިވަކި ގުނަވަންތަކަށް ކުރާނެ ހެޔޮ އަސަރަށް ބަލަމާ ހިނގާށެވެ. އަދިވެސް އަޅުގަނޑު މިހުރީ ވަރަށް އީޖާބީ މިޒާޖެއްގައެވެ.

ނަމަވެސް ފުރަތަމަ ކުރީ މަޒުމޫނުގެ ކުރު ޚުލާޞާއެކެވެ. މީހަކު ހަނދާންނެތޭހާ ދުވަސް ވެއްޖެތާއެވެ. ސިނގިރޭޓު ބުއިން ހުއްޓާލާތާ 20 މިނެޓުތެރޭ ހިތުގެ ވިންދު އާއްމުކޮށް ހުންނަ މިންވަރަށް ރުޖޫއަވެއެވެ. ދެ ގަޑިއިރުތެރޭ ހިތުގެ ވިންދާއި ލޭގެ ފިއްތާބާރުމިން އާއްމުކޮށް ހުންނަ މިންވަރަށް ރުޖޫއަވެއެވެ. އަދި ސިނގިރޭޓުގައި އެކުލެވޭ ވިހަ މާއްދާއެއްކަމުގައިވާ ނިކޮޓިންގެ އަސަރު ހަށިގަނޑުގެ ތެރެއިން ފިލަން ފަށައެވެ.

ހުއްޓައިލުމުގައި ދިމާވާ އެންމެ ދަތި މަރުހަލާކަމުގައިވާ، އަޅުދާސްވެފައިވާ އެއްޗަކުން ދުރުހެލިވުމުން ނުކުންނަ ނޭދެވޭ އަސަރުތައް ސިނގިރޭޓު ބުއިން ހުއްޓައިލާތާ ދެގަޑިއިރާއި ބާރަގަޑިއިރާ ދެމެދު ފެށެއެވެ. ހުއްޓައިލާތާ ތިން ދުވަސްތެރޭ ނިކޮޓިންއަށް ދެވިހިފައިވާ ހަށިގަނޑު އެއަށް ބޭނުންޖެހިގެން ކުރިމަތިކުރުވާ ނޭދެވޭ އަސަރުތައް އޭގެ ކުންނަށް ވާސިލުވެއެވެ. އެ އަސަރުތަކުގެ ތެރޭގައި ބޮލުގައި ރިހުމާއި، މޭ ނުބައިކުރުމާއި މިޒާޖު ގޯސްވުން ހިމެނެއެވެ. ނަމަވެސް ވިހަ މާއްދާއެއްކަމުގައިވާ ކާބަންމޮނޮކްސައިޑް ލޭގައި ހުރި މިންވަރު އާއްމު މިންވަރަށް ރުޖޫއަވާކަމުން ހިތްހަމަ ޖައްސާލާށެވެ.

ސިނގިރޭޓަށް ކަރުހިއްކައިގެންފައިވާކަމުގެ އިހުސާސުކުރެވިދާނެއެވެ. އެ އިހުސާސުގެ ކުރިމަތީ ދަހަނާކަން ދައްކާށެވެ. އެ އިހުސާސް، އެ އެދުންވެރިކަން ބަލިކޮށްލެވިއްޖެ ނަމަ ދެން ކުރިއަށް ހުރީ ހައްތަހާ ވެސް އުފާވެރި ޚަބަރެވެ. ހުއްޓައިލާތާ އެއް ހަފުތާއާއި ނުވަ ހަފުތާތެރޭ ކެއްސުމާއި ނޭވާ ކުރުވުމާއި ހެލިފެލިވެ އުޅޭއިރު (ފުއްޕާ)މޭ އަނދާކަމަށް ކުރެވޭ އިހުސާސް ނެތެން ފަށައެވެ. އަހަރުކޮޅެއްގެ ތެރޭގައި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ކެންސަރު ހިމެނޭނެހެން އެކިވައްތަރުގެ ކެންސަރުތައް ޖެހުމުގެ ފުރުސަތު ސިނގިރޭޓު ނުބޯ މީހަކާ އަޅާބަލާއިރު 50 އިންސައްތަ ދަށަށް ދެއެވެ.

ސިނގިރޭޓު ބުއިން ހުއްޓައިލާތާ 15 އަހަރުތެރޭ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ސިނގިރޭޓު ނުބޯ މީހަކާ އެއްވަރުވެއެވެ. ދެން އޮތީ ޒުވާނުންނަށް އޮތް އުފާވެރި ޚަބަރެކެވެ. އުމުރުން 30 އަހަރުވުމުގެ ކުރިން ސިނގިރޭޓު ބުއިން ހުއްޓައިލައިފިކަމުގައިވާނަމަ ސިނގިރޭޓު ނުބޯ މީހަކާ އެއްފަދަ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް އެއީ ސިނގިރޭޓު ބުއިމުގައި ހައްދުން ނުނައްޓާނަމައެވެ. ހައްދުން ނައްޓާ މަސްކައްކާ ބަދިގެއެއްގެ ދުންހޮޅިހެން އަބަދު ދުންބުރުވާނަމަ ފުއްޕާމެއަށް މަރާމާތުނުކުރެވޭހާ ބޮޑު ގެއްލުން ލިބިދާނެއެވެ. އަދި އެކަމުގެ ސަބަބުން ފުއްޕާމެއަށް ވައި ފޯރުކޮށްދޭ ހޮޅިތައް ހިމަވެ، ބެދި ފުއްޕާމެއަށް އެކަށީގެންވާ މިންވަރަށް ވައި ނުލިބޭ ދާއިމީ ނުވަތަ ދިގުމުއްދަތަށް ޖެހޭ ބަލި ނުވަތަ ކޮރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނޮރީ ޑިސީސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ކުރިން ދެންނެވި ފަދައިން ސިނގިރޭޓު ބުއިން ހުއްޓައިލުމުން ހަށިގަނޑުގެ ވަކިވަކި ގުނަވަންތަކަށް އެކަމުގެ އެދެވޭ އަސަރު ކުރެއެވެ. ދެންތިބި ކާއިނުންގެ މައްޗަށް އިންސާނާ އެއެއްޗެއް ދެއްވައި މާތް ކުރެއްވި ބުއްދީގެ މަޤައްރުކަމުގައިވާ ސިކުނޑިން ފަށަމާތޯއެވެ. ސިނގިރޭޓު ބުއިމުން ސިކުނޑީގެތެރޭގައި “އުފާވެރިކަމުގެ” އިހުސާސު އުފައްދައިދޭ މާއްދާތައް ބޭރުވެ “އުފާވެރިކަމުގެ” އިހުސާސްކުރުވައެވެ. ނުހަނު އަޅުދާސްކުރުވާ ހެރޮއިން ފަދައިންނެވެ. ސިނގިރޭޓަށް އަޅުދާސްވެ ހުއްޓައިލަން ދަތިވަނީ އެކުލެވުމުގައި އަފިހުންނާ އެއްގޮތް މި މާއްދާ ނުވަތަ އޮޕިއޮއިޑް ބޭރުވާ މިންވަރު މަތިވުމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ސިނގިރޭޓު ބޯ މީހުންގެ ސިކުނޑީގައި އޮޕިއޮއިޑް ދަތުރުކުރާ ގޮތް ސިނގިރޭޓު ނުބޯ މީހުންނާ ތަފާތެވެ. އަދި ސިނގިރޭޓެއް ބޯލުމުން އެ ދަތުރުކުރާގޮތް، ހާއްސަކޮށް އިހުސާސްތަކާއި އެދުންވެރިކަމަށް ހާއްސަކުރެވިފައިވާ ސިކުނޑީގެ ބައިތަކުގައި، 20 އާ 30 އާ ދެމެދުގެ އިންސައްތައަށް އިތުރުވެއެވެ. ސިނގިރޭޓު ބުއިން ހުއްޓައިލާތާ އާއްމުގޮތެއްގައި ދުވަސްކޮޅެއްގެ ތެރޭގައި ލޭގެ ތެރެއިން ނިކޮޓިންގެ އަސަރު ކެނޑެން ފަށައެވެ. އަދި ނަތީޖާއެއްގެ ގޮތުން ސިކުނޑީގައި އޮޕިއޮއިޑް ދަތުރުކުރާގޮތް ބަދަލުވެ މަޑުމަޑުން އާންމުކޮށް ހުންނަ ގޮތަށް ރުޖޫއަވެއެވެ. ހުއްޓައިލާތާ ފުރަތަމަ ކޮޅުގައި ބުއިމަށް އެއަންނަ ގަދަ އެދުމާއި އަޅުދާސްވެފައިވާ އެއްޗަކުން ދުރުހެލިވުމުން ފާޅުވާ ނޭދެވޭ އަސަރުތައް ކެތްތެރިކަމާއެކު ގިރާކުރެވިއްޖެނަމަ “އުފާވެރިކަމުގެ” ބަދަލުގައި ހަގީގީ އުފާވެރިކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި އުފާވެރިކަމުގެ އިހުސާސް ލިބިގަތުމަށް އެވިހަ މާއްދާތަކަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ.

ސިނގިރޭޓު ބުއިމުގެ ސަބަބުން އެންމެ ގެއްލުން ލިބޭ އެއް ގުނަވަނަކީ ފުއްޕާމެއެވެ. ނަމަވެސް ފުއްޕާމެއަކީ ވަރަށް އަވަހަށް މަރާމާތުވާ ގުނަވަނެކެވެ. ސިނގިރޭޓު ބުއިން ހުއްޓައިލާތަނުންހެން ދުޅަވެފައިވާ ވައިނޮޅީގެ ދުޅަ ތިރިވާން ފަށައެވެ. އަދި ސިނގިރޭޓުގެ ދުމުގެ ސަބަބުން ގަބުވެ ގާވެފައިވާ ސިލިއާއޭ ކިޔޭ ކުދިކުދި ނަރުވާތައް އަލުން ހަރަކާތް ކުރަން ފަށައެވެ. ނޭވާލާ ނިޒާމުގެ ވައި ދައުރުކުރާ ހޮޅިތަކުގެ އެތެރެއިން ފަށަލައެއްގޮތުގައި ހުންނަ މި ނަރުވާތަކުގެ ބޭނުމަކީ ނޭވާލާ ނިޒާމު ސާފުކުރުމެވެ. ކުރިން ދެންނެވިހެން ސިނގިރޭޓު ބުއިން ހުއްޓައިލުމާއެކު މި ނަރުވާތައް އަލުން ހަރަކާތްކުރަންފަށައި ލިބިފައިވާ ގެއްލުން މަރާމާތުވެ، މަދު މަސްކޮޅެއްގެ ތެރޭގައި ކުރިއެކޭ އެއްފަދައިން މަސައްކަތްކުރެއެވެ. ސިނގިރޭޓު ބުއިން ހުއްޓައިލާތާ ކުރީ ކޮޅު ކުރިއަށްވުރެއް ބޮޑަށް ކެއްސާކަމަށް ފާހަގަ ކުރެވިދާނެއެވެ. ނަމަވެސް ހާސްނުވާށެވެ. މިއީ ގުދުރަތީ ކަމެކެވެ. ފުއްޕާމޭ އޭގެ އެތެރެ ސާފުކުރަނީއެވެ.

ސިނގިރޭޓު ބުއިމުގެ ސަބަބުން ހިތަށް ލިބޭ ގެއްލުންވެސް ވަކި ކުޑައެއް ނޫނެވެ. ސިނގިރޭޓު ބުއިން ހުއްޓައިލުމަކީ ތަފާތު އެކި ބޭސްތައް ބޭނުންކުރުމަށްވުރެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އޮތް މާއެކަށޭނަ ހައްލެކެވެ. ސިނގިރޭޓު ބުއިން ހުއްޓައިލުމާއެކު ހިތާއި ލޭހޮޅިތައް ދުޅަހެޔޮވެ ހިތަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

މަތީގައި އެވަނީ ހުސް ބޭރަށް ނުފެންނަ ގުނަވަންތަކުގެ ވާހަކައެވެ. މިމާއްދީ ދުނިޔޭގައި އެއަށްވުރެއް މުހިއްމީ މީހުންނަށް ބޭރަށް ފެންނަ އެއްޗެކެވެ. ހިނިތުންވުމުން ފެންނަ ދަތްތަކަކުން ފަށަމާ ހެއްޔެވެ؟ ސިނގިރޭޓުގައި އެކުލެވޭ ވިހަ މާއްދާއެއްކަމުގައިވާ ނިކޮޓިންގެ ސަބަބުން ދަތްތަކުގައި ލައްޖަހައެވެ. އެހެންކަމުން ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު އެލިބެނީ ދަތްތައް އަލުން އެއްކޮށް ހުދުކޮށްލައި ވަރުގަދަކުރުމަށް ރަނުގެ ފުރުސަތެކެވެ. ދުމުގެ ނުބައި ވަހުގެ ސަބަބުން އަނގައިން ދުވާ ކުނިވަސްވެސް އިސާހިތަކު އެފަދައިން ތުރާނުވާފަދަ ލުއި ވަހަކަށް ނުވަތަ އަނގައިން ވަސް ދުވުން އެއްކޮށް ހުއްޓިދާނެއެވެ. ސިނގިރޭޓު ބުއިމުގެ ސަބަބުން ދަތްތަކުގައި ތާރުގެ “ފަށަލައެއް” ލެވެއެވެ. އެފަށަލާގައި ޖަރާސީމުތައް ހަރުލައި އާބާދުވުމުގެ ފުރުސަތު ބޮޑެވެ. އަދި ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން ދަތްފަނި ކަނީއެވެ. ތާރުގެ މިފަށަލަ ދުއްވާލުމަށްޓަކައި، ސިނގިރޭޓު ބުއިން ހުއްޓާލުމާއެކުހެން ދަތްތައް ސާފުކުރުމުގައި ކުރިއަށްވުރެއް މުރާލިވާންޖެހެއެވެ. އެގޮތުން ދެއިރު ދަތްއުނގުޅައި އެކަމަށް ހާއްސަ ކުރެވިފައިވާ ރޮދިން ދަތްތައް ސާފުކުރުން މުހިއްމެވެ. އަދި ގިނައިން ފެން ބޯށެވެ.

ދެން އޮތީ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނުގެ ވާހަކައެވެ. އެއީ ހަންގަނޑެވެ. ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކުގެ “މޫނު ބަލާ ލޯގަނޑަކީ” ހަންގަނޑެވެ. ސިނގިރޭޓު ބުއިމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ހަންގަނޑަށްވެސް ކުރެއެވެ. އެގޮތުން މުސްކުޅިވުމުގެ އަލާމާތްތައް ފެންނަލޭ އަވަސްވެ ހަންގަނޑުގެ ތަންތަން ދުޅަވެ ހަމުގެ އެލާޖީގެ ވައްތަރެއްކަމުގައިވާ އެކްޒީމާ ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ސިނގިރޭޓުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށްދާ ވިހަ މާއްދާތަކުގެ ތެރޭގައި ކެޑްމިއަމް، ތިމަރަ، އަމޯނިއާ، ހައިޑްރޮޖެންސަޔަނައިޑް، ފޯމަލްޑަހައިޑް، ތާރު އަދި ދިރޭ ރަހަ ހިމެނެއެވެ. މި މާއްދާތަކަކީ ހަންޑަނޑަށް ލޭފޯރުވުން ހީނަރުކުރުވުމުގެ އިތުރުން ހަންގަނޑުގެ ވިލުންތެރިކަމަށް މުހިއްމު ކޮލާޖެން އަދި އިލާސްޓިންފަދަ މާއްދާތަކަށް ގެއްލުންދޭ ތަކެއްޗެވެ. ނަތީޖާއެއްގެ ގޮތުން ސިނގިރޭޓު ބޯ މީހުންގެ ހަންގަނޑަށް ފަސޭހައިން ރޫއަރައެވެ.

ސިނގިރޭޓު ބުއިމުގެ ސަބަބުން ހަންގަނޑަށް ލިބޭ ބައެއް ގެއްލުމަކީ ދާއިމީ ކަންކަންކަމުގައިވިޔަސް، ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަންގަނޑުގެ ލޭ ދައުރުވުން ރަނގަޅުވެ، ތެތްކަން އިތުރުކޮށްދީ ޒުވާންކަމަށް ދައްކައެވެ. ސިނގިރޭޓު ބުއިން ހުއްޓާލުމަށްފަހު ގިނައިން ފެންބުއިމަކީ ހަންގަނޑަށް ލިބިފައިވާ ގެއްލުމުގެ ފަރުވާއަށް އޮތް މަގެވެ. ހަށިގަނޑުން ވިހަ މާއްދާތައް ބޭރުވެދިޔުމުން ހަންގަނޑަށް ރޫއެރުން މަދުވެ ނުވަތަ ރޫއެރުން ހުއްޓެއެވެ. މީގެ އިތުރުން ހަމަ ނިދި ނުލިބުމުގެ ސަބަބުން ލޯ ކައިރި ކަޅުވެ ދުޅަވާކަމުގައިވާނަމަ ސިނގިރޭޓު ބުއިން ހުއްޓާލުމުން އެކަމަށްވެސް ލުޔެއް ލިބޭނެއެވެ. އެހެނީ ސިނގިރޭޓު ބުއިން ހުއްޓާލުމުން ސިނގިރޭޓުގެ ސަބަބުން ބުރޫއަރާފައިވާ ނިދި ހަމައަކަށް އެޅޭތީއެވެ.

ކޮންމެއަކަސް، ސިނގިރޭޓު ބުއިމުގެ ނުބައި އާދަ މިއަދުން މިއަދަށް ހުއްޓާލަމާ ހިނގާށެވެ. އަދި އަޅުގަނޑާއެކު އަމިއްލަ ހަށިގަނޑު އެތެރެއިންނާއި ބޭރުން އަލުން ކުލަފަތިވާތަން ބަލަން ހުންނާށެވެ.

އަޞްލު:

http://www.medicaldaily.com/quit-smoking-and-reclaim-your-life-risks-lung-cancer-other-diseases-decline-significantly-278322

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ް

    ވަރަށް ރަނގަޅު އެހައިމެ ބޭނުންތެރި ލިޔުމެއް. ލިޔުންތެރިޔާ އަޖްމަލަށް ފަށްފަށުން ޝުކުރިއްޔާ!

    (0)(1)
Leave Comment