000  މާކެޔޮޅުބެ، ހިބަރެއް ބާނާނަމޭ ހިތައި ބޮޑު ނަނުގައި ދިރޭ ރާގޮނޑިއެއް ޖަހައި ދޫކޮށްގެން އިނެވެ. އޭނާގެ ހަތްރިޔަނުގެ ރީތި ވަދުދޯނި އޮތީ ރިޔާ ދޫކޮށްލައި އޮޔާއި ވަޔަށް ދީފައެވެ. ރަށްތައް އެތުރިފައި ހުރި އަތޮޅު ދުންޏާ މާދުރެއްގައެއް ނޫނެވެ. އެހެންވެސް މިވަރުގެ ވަރަށް ގިނަ ވަދުދޯނި ފަހަރު ހަތަރު ފަސްމޭލެއްހައި އުތުރުގައި އަތްއަތަށް އަނބުރައަނބުރާފައި އުޅެއެވެ. ދެކުނުން ވެސް ބައެއް ދޯނިފަހަރު ފެނެއެވެ. އޭގެ ތެރޭގައި މާކެޔޮޅުބެއެކޭ އެއްގޮތަށް ރިޔާދޫކޮށްލައިގެން ހިބަރު ބާނަން އުޅޭ ދޯނިފަހަރު…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 މާކެޔޮޅުބެ، ހިބަރެއް ބާނާނަމޭ ހިތައި ބޮޑު ނަނުގައި ދިރޭ ރާގޮނޑިއެއް ޖަހައި ދޫކޮށްގެން އިނެވެ. އޭނާގެ ހަތްރިޔަނުގެ ރީތި ވަދުދޯނި އޮތީ ރިޔާ ދޫކޮށްލައި އޮޔާއި ވަޔަށް ދީފައެވެ. ރަށްތައް އެތުރިފައި ހުރި އަތޮޅު ދުންޏާ މާދުރެއްގައެއް ނޫނެވެ. އެހެންވެސް މިވަރުގެ ވަރަށް ގިނަ ވަދުދޯނި ފަހަރު ހަތަރު ފަސްމޭލެއްހައި އުތުރުގައި އަތްއަތަށް އަނބުރައަނބުރާފައި އުޅެއެވެ. ދެކުނުން ވެސް ބައެއް ދޯނިފަހަރު ފެނެއެވެ. އޭގެ ތެރޭގައި މާކެޔޮޅުބެއެކޭ އެއްގޮތަށް ރިޔާދޫކޮށްލައިގެން ހިބަރު ބާނަން އުޅޭ ދޯނިފަހަރު ވެސް ވެއެވެ. ބޭރުގައި މަސްދޯނި ފަހަރު އައިނަށް އަރައިގެން އުޅެއެވެ. އިރުވައިގެ ވަވޮއި ވައްދާލައިފައި އޮތް ދުވަސްވަރުކަމަށްވާތީ މިއީ އަތޮޅަށް ވަރަށް ރަނގަޅަށް މަސްބާނާ ދުވަސްވަރެކެވެ. މަސްއައިންތައް ގިނައިން އޮތީ ބޭރުގައެވެ. ކުރަނގިއަޅާފައެވެ. ކަނޑުމައްޗަށް އިރުގެ ދޯދިތައް އެޅޭއިރު ބައެއް ދިމަދިމާ ޖަވާހިރުގެ ދަނޑެއްހެން ވިދަވިދާ އޮތެވެ. ޖެހޭ ނަލަ ނަލަ ރޯޅިތައް އަވީގެ ހޫނުކަން ކަނޑުވައި ހިސާބެއްގެ ފިނިކަމެއް ގެނެސްދީފައި ވެއެވެ.

ގަޑިން މިހާރު އެގާރަ ޖަހައިފާނެއެވެ. އިރު އެހެރަ އަންނަނީ ބޯމައްޗަށް އަރަމުންނެވެ. ދުވަހުގެ ހޫނުވެސް އަންނަނީ ގަދަވަމުންނެވެ. ބަނޑުހައިވެފައި ވާތީ ވާތުން ނަނު ހިފަހައްޓައިގެން އިނދެ މާކެޔޮޅުބެ އުޅުނީ ލުއި ނާސްތާއެއްކޮށް ލެވޭތޯއެވެ. ނާސްތާއަކީ ފޮނިބޯކިބަލެވެ. ވަދާދާ ކޮންމެ ދުވަހަކު އޭނާގެ އަންހެނުން ރަތްތޮށިކޮށް ފިހެދޭ މީރު ކުޑަކުޑަ ބޯކިބަލެވެ. ރަށުގައި ކިޔާ ނަމުން ނަމަ ކިބަލިއްސެވެ. ހެނދުނު އެއްފަޅި ކައިފައި ބާކީ އޮތް ފަޅި މިހާރު ކަނީއެވެ. ކައިރީގައި ކަފިބުޑުގައި ދެބައިކުޅަ އެއްބައި ބޮއިފައި ހުރި ފެންފުޅި ހުއްޓެވެ.

ބޮޑު ނަނުގައި އެއްޗެއް ޖެހުނު ބާރުގައި މާކެޔޮޅުބެ އިދިފުށަށް މަޅުމައްޗަށް ވައްޓައިނުލީ ކިރިޔާއެވެ. އަތުން ނަނު ދޫވެ ޗުޗުޗޫސްލައިފައި ފައިބައިގެން ދާންފަށައިފިއެވެ. ލިބުނު ސިހުމުގައި އަނގައިގައި އޮތް ބޯކިބާކޮޅު ވެއްޓުނެވެ. އަތުގައި އޮތް ބޯކިބާކޮޅު އަތުން ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނެވެ. އަތުގައި އޮތް ނަނާމެދު ފަރުވާކުޑަކޮށް ނުލައި އިނދެވުނު ނަމަ ގަނެފައި މިހިރަ ގޮލާ އަނެއް އަތަށް ބޯޖަހާނެ ތަންވަޅެއް ނުދީ އޮބެހެއްޓުނީހެވެ. އެފުރުސަތު ގެއްލުނީތާއެވެ. އެގޮލާ އެދިޔަގޮތަށް ގޮސް ހުއްޓުން އެރީ ނަނުބައި މުގުލަށް ޖައްސާފައެވެ.

ބޮލަށް ކޯރި ހެޔޮވަރުކޮށްލަމުން މާކެޔޮޅުބެ ކޮޅަށް ތެދުވެ މަޅުމަތީ ފައިހަރުކޮށްލައި ފޯރިއާއެކު ނަނުދަމަން ހިފައިލިއެވެ. އަތުން ތޮޔޮހަންދާ ވަރުވީ އިރުވެސް ގެންފައި ހުރި ގޮލާ މިކޮޅަކަށް ގުޑައެއް ނުލިއެވެ. މާކެޔޮޅުބެ ދުލުން ނިކުތް ބަހަކީ “އެކަމަކުވާ ދޯއެވެ. ހާދަހައިވާ ވާނެއް ދައްކާ ގޮލައެކެވެ. ހީވަނީ ނަނާއެކު މަގޭ އަތް ހުޅުން އުފުރާލައިގެން ގެންގޮސްފާނެ ހެންނެވެ.” ގަނެފައި މިހިރީ އާދައިގެ އެއްޗެއް ނޫނެވެ. ސީދާ ކަނޑުގެ ބިޔައެވެ. ހައެއްކަ ފަހަރު މަތީން ހަބޭހަށް ހިފައިލުމުން ކޮންމެ ފަހަރަކުވެސް އަތަށް އަންނަނީ ކައިވަތެއްހައި ތަންކޮޅެކެވެ. އެންމެ ފަހުން އެވަރުވެސް ނުވިއެވެ. ހުއްޓުން އަރައި ނަނުން ފެން ކަނޑަކަނޑާ ހުރީއެވެ. މާކެޔޮޅުބެ މޭފުއްޕާލައި ދަތްކުނޑިވިކާލިއެވެ.

“ކަލޯއެވެ. މަ ގާތު ކުޅިކުޅިވަރެއް ނުކުޅެވޭނެއެވެ. މަށަކީ މާކެޔޮޅަކީމެވެ. ކަލޯގެ އަމަޔާއި ބަފާ ބައިފައި ހުރި މީހަކީމެވެ”. ވަރަށް ބޮޑުކަނޑާފައި މާނޭވައެއްލައިފައި ހިފައިލުމުން ވެސް އަތަށް އައީ ކުރުމުށެއްހައި ތަންކޮޅެވެ.

މާކެޔޮޅުބޭގެ ނަފުސު އޭނާޔަށް މަލާމާތްކުރަން ފަށައިފިއެވެ. “ކަލޭ މާކެޔޮޅުކަން ކުރީ ކޮން ޒަމާނެއްގައި ހެއްޔެވެ؟ އެއީ ކަލޭގެ ޅަ ދުވަހު ނޫން ހެއްޔެވެ. އަދު ކަލެޔަކީ މުސްކުޅި ފުރަޔަށް އެޅެމުންދާ މީހަކީމެއް ނޫން ހެއްޔެވެ. އިހު ހުރި ޖޯރު މިހާރު ވެސް ގައިގައި ހުރިކަމަށް ދެކެނީ ހެއްޔެވެ؟”

ނަފުސަށް ޖަވާބު ދެމުން މާކެޔޮޅުބެ ބޯހޫރައިގަތެވެ. “ނޫނެކެވެ. މަށަކީ ބޮލުގައި ނުރަޖަހާލައިފައި ހުއްޓެއްކަމަކު އަދި މުސްކުޅިޔަކީމެއް ނޫނެވެ. ހަމަ ގަދަ ބަދަވި މީހަކީމެވެ. މަށަށް މިގޮލާ ބޭނޭނެއެވެ. ކަނޑުފުރޭތަ ނަމަވެސް ހެވެވެ. ބާނާނަމެވެ.” މިހެން ބުނެފައި ފަޚުރުވެރިކަމާއެކު ދޯނީގެ ބޮޑު ދެވަތަށް ކަޅި އެއްލިއެވެ. ދިއްލައިފައިވާ އަވީގައ ގަނޑު ރިހިހެން ވިދަވިދާ ހުރީ ހެނދުނު ބާނާފައި ހުރި މަހެވެ. އެކި ވައްތަރުން ފަންސާހަކަށް ފަސްދޮޅަހަކަށް މަހެވެ. ކުރުމަހާއި ވޮށިމަހެކެވެ. މާނިޔާމަހާއި ފިޔަލައެކެވެ. ރާގޮނޑި އާއި ލައްޓިއެވެ. ކަޅުބިލަމަހާއި ކަންނެއްޔެވެ.

މާކެޔޮޅުބެ ކަށިހިތްވަރު ނެރެމުން ކަރުން ނަރުނާރު ނަގާވަރަށް ނަނަށް ހިފައިލިއެވެ. އެބާރުގައި އަތަށް މުށެއްހައި ތަން އައެވެ. ދެން އަނެއްކޮޅުން އެސޮރު ވެސް ހަމަ އެހައިގަދަ ހަދައިލައިފައި އައި ތަންކޮޅު ގެންދިޔައީއެވެ. މިގޮތުން އެއްކޮޅުން އަނެއް ކޮޅަށް ކުޑަތަންކޮޅެއް އައިސްގޮސް ވޭވެ ހުއްޓެވެ. މިކޮޅުން ވާން އަރުވައިގަތިއްޔާ އެކޮޅުން ވެސް ވާން އަރުވައި ގަނެއެވެ. ފެށިފައި މިއޮތީ ކަލޭނޭވާ ހަނގުރާމައެކެވެ. ހަނގާކުރަން ޖެހިފައި މިއޮތީ ސީދާ ކަނޑުރަސްގެފާނާ ނޫން ބާވެއެވެ. މާކެޔޮޅުބެ އުމުރުން ނުވަ އަހަރުގައި ބައްޕަޔާއެކު ކެޔޮޅުކަމު ގޮސް އުޅެން ފަށައިފިއެވެ. ބޮޑުވެ ޒުވާން ދައުރަށް އެޅުމުން ރަށުގެ އެހެންވެސް ބައެއް މީހުންހެން އޭނާގެ ހަތް ރިޔަނުގެ ދޯނީގައި ގިނައިން ވަދާ ގޮސް އުޅެނީ އެކަނި މާ އެކަންޏެވެ. ހިބަރު ބާނައި ހެދުމީ އޭނާއަށް ހަމަ މެޓައެވެ. އާނއެކެވެ. ދަންނަ މީހަކަށް ވަދު ނަނުގައިވެސް ހިބަރު ބޭނިދާނެއެވެ. އެކަމަކު މިކަހަލަ ބިޔައެއް ނޫނެވެ. ބޮޑުނަނުބަޔަށް ވެސް މިގޮލާ ނުކުޅަދާނައެވެ. މިކަހަލަ ކަމަކާ އަދި ލައެއް ނުގަނެއެވެ. ނަފުސަށް ހިތްވަރު ދެމުން މާކެޔޮޅުބެ އަޑުވީއްލައި ގޮވާލިއެވެ.

“ހެވެވެ. ކަލޯ ޖާނުން ކިތަންމެ ބޮޑުވެފައި މަސްފަލަ ނަމަވެސް ހެވެވެ. ގަދަވާނީ ކާކުކަން ދައްކާލާނަމެވެ.”

މެންދުރުގެ އިރުގެ ދިލަ ހޫނު އޭނާގެ ގައިގައި ދާނަމުން ދިޔައެވެ. ވައިރޯޅިވެސް މިހާރު ތަންކޮޅެއް މަޑުވެފައި ވާތީ އިހުހުރި ފިނިކަމެއް ނެތެވެ. ގައިން އޮހޮރޭ ދަލުން ލައިގެން އިން ގަންޖުފަރާހާއި އަނދެގެން އިން މުންޑުގަނޑު ޅިނދުމަތިން ތެމިއްޖެއެވެ. އަވިން ދޮންވެފައި އޮތް މަޅުމަތިން އަރާ ހޫނާއި އުދާހުން ދަށްފަޔާއި ކަށިމަތި ފިހެވެމުންދިޔައެވެ.

ދޯނި އޮއިބޮލަށް އުތުރަށް ނެގިފައި ހުއްޓެވެ. ކަނޑުގައި ހުރި ކުދި ރާޅުތައް ކެތްތެރިކަމެއް ނެތި އަރިބިތްކައްޓަށް ތަޅަމުން ދޯނި ދެއަތަށް ހަލުވަމުން ދިޔައެވެ. އެހެލުމުގެ ހަމަޔަށް މާކެޔޮޅުބެ މަޅުމަތީ ދެއަތަށް ނަށާލަނަށާލައި ހުއްޓެވެ.

އަތްފަޔަށް ބާރުލައި ހިފައިލުމުން ކަނޑުގެ ބިޔަ ފިރުކެމުންފިރުކެމުން އޮޑި ދޮށަށް އެބަހަރަ އާދެއެވެ. ވިއްސަކަށް ފޫޓެއް ހައި ތަން ގާތަށް އައިސްފައި އެއޮއް އަރުވައިގަތް ވަރެއްގައި ހީވީ އަތުން ހަންދުއްވާލަފާނެހެންނެވެ. ނަނު މުގުލުން އުފުރާލަފާނެހެންނެވެ. ހިފެހެއްޓެމުން ނުހިފެހެއްޓެމުން ގޮސް އަތަށް އައި ތަން އެންމެ ފަހުން އަތުން ދޫވެގެން ހިނގައްޖެއެވެ. ހުއްޓުން އަރުވާލެވުނީ މާނޭވާތަކެއް ލައިލައިފައި އަތަށް ފިސާރި ވާގިލައިފައި ހިފައިލީމައެވެ. ދެން ވެސް މިކޮޅަށް ތަންކޮޅެއް އައީވިއްޔާ އެކޮޅަށް އެހައި ތަން ގެންދެއެވެ. ވަކި އަތަކަށް ބުރަނުވެ ބާރުގެ ގޮތުން ހަމަހަމަ ދެބައި މީހުން ދަމާ ވަލެއްހެން ދެފަހަރު ދެކޮޅަކަށް ދެމި ދެމި ހުރެއްޖެއެވެ. ނަނު ހުރީ ގިޓާ ނަރެއްހެން ވާންވެފައެވެ.

މާކެޔޮޅުބެ އައު ހިތްވަރެއްލައި “ކަލޯ ތިޔަހެނެއް ނުވާނެއޭ ތިޔަގޮތަށް މަގާތު ވަރެއް ނޭރުވޭނެޔޭ” ކިޔައިފައި ފިސާރި ބާރުލައި ނަނަށް ހިފާލުމުން އެގޮލާ އަނެއްކާވެސް މަޑުމަޑުން އޮޑިދޮށަށް އަންނަން ފަށައިފިއެވެ. އެކަމަކު މީހާ ވަރުބަލިވީއިރު ވެސް ފެންނަފަށު ތިލަޔަކަށް އެސޮރެއް ނޭރިއެވެ. މާކެޔޮޅުބެ ބަލި ފިލުވައިލުމުގެ ގޮތުން ދެމުން މަޑު ޖައްސާލައި ކަފީގައި ލެނގިލައިގެން ހުއްޓެވެ. އެތަންވަޅު ބަލައިފައި ތޯއްޗެކެވެ. އެކޮޅުން އެސޮރު އަޑިޔަށް ހިފާލިބާރުގައި ދޯނި ކޮޅުން ގަންނަވައި ނުލީ ކިރިޔާއެވެ. މާކެޔޮޅުބެ ހުރި ތަނުން ކެނޑިގެން ކަނޑަށް ނުވެއްޓުނީ ކިރިޔާއެވެ.

މާކެޔޮޅުބެ ހިތްވަރުގެ އަންބާއެއް ކިއެވެ.

“އާނދޮގޭ ތިޔަހެންހޭ ހީކުރީ

     ހަމަ ހިލަ ތިޔަހެން ދިޔަޔަކަ ނުދޭނަން”

މާކެޔޮޅުބެ މަޅުމަތީ އަލުން ހަރުވެ ހަމަޖެހިލައި ދިޔަ ތަން އަނބުރައި ގެންނަން ހިފައިލިއެވެ.ނަނު ދެމިގެން ގޮސް ނަރަކަށްވެ ދެންމެ ދެންމެ ކަނޑައިގެން ހިނގައިދާނެހެން ހީވުމުން ޖެހުނީ މަޑުމަޑުން އަތުން ދޫކުރަމުން ދޫކުރަމުން ދާށެވެ. އެކަމަކު މިފަހަރު އަނެއްކޮޅަށް ބޯޖަހައި ދުއްވައި ގަންނާނޭ ދަނޑިވަޅެއް ނުދިނެވެ. ކަނޑުގައި އޮތް ދާއްބަޔަށް ހުއްޓުމެއް އައިމާ ހެޓަކަށް ހިފާލީއެވެ. އަތަށް ކުރުމުށެއްހައި ތަން އައިސްފައި އަނެއްކާވެސް އެއްކަލަ ގޮތަށް އެބަ ހުއްޓުން އެރިއެވެ. ދެން އެސޮރު ގަދަހަދައިލައި ވާން އަރުވައިގަތީ…އައްދޮ އަމާނޯތްޔެވެ. އިންސާނެއްގެ އަތަކަށް ފަޔަކަށް ކުޅަދާނަ ވަރަކަށް ނޫނެވެ. ކައިވަތުން ކުރުމުށުން މުށުން ރިޔަނުން ބޮމައިން ދޫވަމުން ދޫވަމުން ދާން ފަށައިފިއެވެ. ކޮޅު މުގުލަށް ނާރަނީސް ހުއްޓުވާލެވުނީ މަރަށް ފުރާނަޔަށް ހިފައިލީމައެވެ.

ކަނޑުމައްޗަށް ދެއަތަށް ކަޅި ހިންގައިލިއިރު ގޮވާލެވޭ ހިސާބު ކައިރީގައި ވަދުވެރިޔަކު މަސްވެރިޔަކު ފިޔަވައި ދަތުރު އޮޑިއެއް ވެސް ފެންނާކަށް ނެތެވެ. ކަނޑު އޮޅިއެއް އަޅައި އުތުރުގައި ފަރުކަން ދޮށުގައި ދެ ދޯނި އުޅޭތީ ފެނެއެވެ. އެމީހުން ބަހައްޓާފައި ހުރީ ވެސް އުތުރަށެވެ. ހަމަ އެފަދައިން ކަނޑު އޮޅީގެ ދެކުނުން ބޭރުން އެފެންނަ ބޮޑު ދޯނި ވެސް މިސްރާބުޖަހައިފައި ހުރީ އުތުރަށެވެ. މިދިމާޔަށް ގާތަށް އަންނަ އުޅަނދެއް ނެތެވެ. ކުރާނެ ކަމެއް ނެތެވެ. އެކަނި ވަދާ ގޮސް އުޅުމަކީ އޭނާގެ އާދައެވެ. އެކުގައި ދެތިން ކުއްޖަކު ގެނެވުނު ނަމަ ގެންފައި މިހިރަ ބިޔަ މިހާރު ބަލިއަރުވައިލެވިއްޖައީހެވެ.

ނަނުގައި އެއްވާނަކަށް ހިފަހައްޓާލައިގެން އެސޮރު މިކޮޅަށް ގެންނަން ގަދަ ނަހަދާ ހުރި އިރު އެސޮރު ވެސް އެކޮޅަށް ގެންދާކަށް ގަދައެއް ނަހަދައެވެ. ހަނގުރާމަޔަށް ފަހު ދެހަތުރުން ބަލިފިލުވާލުމުގެ ވަގުތުކޮޅެއް އިއުލާނުކޮށްފައި އޮތްކަހަލައެވެ. އެވަގުތު ކޮޅަށް ނިމުމެއް އައީ މާކެޔޮޅުބެ އަނެއްކާ ކަނޑުގެ ބިޔަ ބަލިކުރަން ހިފައިލުމުންނެވެ. ކަނޑުގެ ބިޔަ ވެސް މާކެޔޮޅުބެ ބަލިއަރުވާލަން ހިފައިލީއެވެ. މިކޮޅުން ސަހީދަކަށް ހިފައިލިހެން އެކޮޅުން ވެސް ސަހީދަކަށެވެ.

ވަރަށް މަތިން ދަނޑިފުޅުދޫންޏެއް ދައްކާލިއެވެ. މިއީ ވަރަށް ވެސް ރީތި އަދި މާތް ވައްތަރު ޖަހާ ދޫންޏެކެވެ. ފަހަތަށް ދަނޑިއެއް ހެން ދަމާލެވިފައިވާ ފިނދުފަތުގެ ހުދު ކުލަޔާއި ވަރައިގެ ހުދުކުލަ އުޑުގެ ނުލަށް އެޅިފައި ހުއްޓެވެ. މާކެޔޮޅުބެ ކުޑައިއިރު މިދޫންޏަކީ މިކަނޑުމަތިން އާންމުކޮށް ފެންނަ ދޫންޏެއް ނަމަވެސް ފަހަކަށް އައިސް އެއްގޮތަކަށް ވެސް ނުފެނެއެވެ. މިސޮރު މިއަދަކު ފެނުން މީ ހެޔޮ ނަސީބުގެ އަލާމާތެއް ނޫން ބާވައެވެ. މިސޮރަކީ ކުރަނގި ހޯގުޅާ ބޭނޑަފަދައިން ހޭބަލިވެގެން ބައިގަނޑުތެރޭގައިވެ އައިންމަތީން ކައިގެން އުޅޭ ދޫންޏެއް ނޫނެވެ. އަމިއްލަޔަށް ކާނާ ހޯދައި ކައިގެން ވަކިން އުޅޭ ދޫންޏެކެވެ. މާކެޔޮޅުބެ ހިތުގައި ޖެހުނެވެ. މަ ކަހަލަ މާކެޔޮޅެއްތާއެވެ. ކަނޑުގެ ނޭވާއިންނާއި ވައިގެ ރާގުން، ރޮނގެއްހައި ހިމަ ހިމަ މޮއިވަރު ތަކުންނާއި އޮއިވަރުގެ އޮޅުންސުވާލިތަކުން ކާނާ ހުންނާނޭ ތަންތަން ފަސޭހަކަމާއެކު އެސޮރު ފާހަގަކުރެއެވެ. މާކެޔޮޅުބެ ވެސް މަސް ހުންނާނޭ ދިމަދިމާ ޖެހޭ ވަޔާއި ހިނގާ އޮއިން، ކަނޑުމޫނުގެ ކުލަވަރާއި ނޭވާއިން ދެނެގަންނަ ފަދައިންނެވެ.

މާކެޔޮޅުބޭގެ ބައްޕަ ބުނާ ގޮތުން ކަނޑުގެ ބިޔަ ބާނަން އެންމެ ފަސޭހަގޮތަކީ އެސޮރު ރުއްސައިގެން ބާނަން އުޅުމެވެ. އެގޮތުން މިބިޔަ ރުއްސައިލުމުގެ ގޮތުން ސަނާގެ ފަތިވަރެއް އަމުނައިގަތެވެ. ކަނޑުރަސްގެފާނު، ކަނޑުދެވި، މަހާ ރެހެންދި، ފަދަ ބަސްތައް ލައިގެން އަމުނާލި ގޮވެލި ފައްޗެކެވެ. މިކަމުން އެސޮރުގެ ރުހުން ލިބުނު ހެނެއް ހިޔެއްނުވެއެވެ. ގަދަވި ނަމަ ގަދަވީ ރުޅިއެވެ.

މާކެޔޮޅުބެ ކަނޑުގެ ބިޔައަށް ގޮވާލިއެވެ. “ކަލޯ ހެވެވެ. ދުލެއް ނުކުރާނަމެވެ. ދެން ރުއްސާކަށް ނުމެ އުޅޭނަންމެއެވެ. ކަލޯ ޖެއްސުންކުރަންޏާ މަވެސް ޖެއްސުންކުރާނަމެވެ”. އެސޮރަށް އެތިވަރު ގޮވަމުން އަތަށާއި ފަޔަށް ވާގިލައި ދޭތިން އެކައްޗަށް ހިފައިލިއެވެ. ކެޔޮޅުކަމުގެ ޒަމާންވީ މަސައްކަތުން ހަންބޯވެ ކަޅުވެ ކުރަލައިފައި އޮތްނަމަވެސް އަތުން ހީވަނީ ދެންމެ ދެންމެ އަލިފާން ކެނޑިދާނެހެންނެވެ.

އޮޔާދިޔަ ދިޔަ ގަސްގަނޑެއްގެ މަތީ ދޯންޏާއި ދާދި ކައިރީގައި ކުރަންގެއް ކިރިލަކިރިލައި އިނެވެ. އެސޮރު މާކެޔޮޅުބެއަށް އަޅައިގެން އިނީ މަލާމާތުގެ ކަޅިއެކެވެ. ކަނޑުގެ މަސްމަހާމެއްސާއި ސޫފާސޫފި ފަދައިން މިސޮރު ވެސް މާކެޔޮޅުބެ ދަންނަ ކަހަލައެވެ. ބުނެލާ ކަހަލައެވެ. ބޭބޭއެވެ. ތިޔަޖަހަނީ ކޮންމަރު ފައްޔެއް ހެއްޔެވެ. އަހަރެންވެސް އައިނަށް އަރައިގެން އުޅެފައި ބަނޑުހައި ކަންފިލުމުން އައިންދޫކޮށްލައިފައި އައީއެވެ. ކަނޑުގެ ލަވަ ދަންނަ މީހަކަށް ވާތީ ކަލެޔަށް ކަނޑު ކޮންމެ ދުވަހަކު މަސްރޯދި ނުހަނު ދީލަތިކަމާއެކު ދެމުން އަންނައިރު ވެސް ކަލޭގެ ދަހިވެތިކަން އިތުރުވެ ކަނޑުގެ ބިޔައާއި ކަނޑުގައި ލެއްވިހައި މަހެއް މަރައި ހުސްކުރާހިތްވީ ދޮއްތައެވެ. ކަލެޔަށް ތިޔަކުރެވޭ ކަމެއް ކަލެޔަށް އެބަ އެނގޭ ހެއްޔެވެ؟ ކަލޭ އަރާ އިން ގޮފިގަނޑު ކަލޭ އަތުން ކަނޑައި ތިރިކުރަނީއެވެ. އެއަޑު އަހާކަށް މާކެޔޮޅުބެ ބޭނުމެއް ނުވިއެވެ. ކުކުރަމުން މުގުރެމުން މަތިމައްޗަށް މައްޗަށް ހިތްވަރުލައި ނަނަށް ހިފައިލައިފިއެވެ.

ހިތުގައި ޖެހުނެވެ. އަހަރެން މިހައި ބަލިވެފައި ހުރި އިރު އެކޮޅުން އެސޮރުވެސް ހުންނާނީ ބަލިވެފައެވެ. ބުޅި އެޅިފައި އެހެރީ އެސޮރު އަނގައިގައެވެ. އަހަރެންގެ އަތަށް މިހިރަ ކުރާ ބާރާއި އަރާ ގިނި ހޫނަށްވުރެ އެސޮރު އަނގައިން އަރާ ގިނި ހޫނާއި ކުރާ ބާރު ވަކިން ކުޑަވާނެ ހެއްޔެވެ؟ އަނެއްކާ މަސްމަހާމެއްސަށް އަހަރެމެން އިންސާނުން ފަދައިން ވޭނާއި ހޫނު އިހުސާސްކުރެވޭނެ ހެއްޔެވެ؟ މިހިރީ މިހައިތަނަށް އޭނާއަށް ވިސްނުން ހިންގިފައި ހުރި ކަންކަމެއް ނޫނެވެ. އެކަމަކު މިސޮރަކީ ވެސް އޭނާ ފަދަ މަޚުލޫގެކެވެ. ޝައްކެއްނެތެވެ. އޭނާ ކުރާ ހުރިހައި އިހުސާސެއް މިސޮރު ވެސް ކުރާނެވެ. ވޭނާއި ދަތެވެ. އުފަލާއި ހިތާމައެވެ. ރުޅިއާއި ރަކިވުމެވެ. އޭނާ ގެންގުޅޭ ދޮންބުޅާ މިހުރިހައި އިހުސާސެއްކުރާކަން އޭނާ ދަނެއެވެ. ގޭގައި އުޅޭ ބުޅަލަށް ދެވޭ ލޯބި ކަނޑުގައިވާ މަސް މަހާމެއްސަށް ވަކިން ނުދެވޭންވީ ކީއްވެގެން ހެއްޔެވެ؟ ކައިވަތުން ކުރުމުށުން މުށުން މަޑުމަޑުން މިސޮރު މިހާރު ދޯންޏާ ގާތަށް އަންނަ ނަމަ އެ އަންނަނީ އަނގަޔަށް ވާ ތަދެއްގެ ގަދަކަމުންތާއެވެ. އެވަރުން ވެސް އަނެއްކާ އެއްކަލަ ގޮތަށް އެބަ ގަދަހައިގަތެވެ. ވާންވެފައި ހުރި ނަނު ދެކޮޅުންކުރެ ކޮޅަކަށް ހަލައި ނުލައި ދެފަރާތުގެ ބާރު ހަމަހަމަވެ ދެއަތަށް ކިރިކިރި ހުރެއްޖެއެވެ.

ނަނު ދެމިގެން ގޮސް ދެމުން ހުސްވީ ރަބަރުފަށެއްހެން ދެންމެ ދެންމެ ކަނޑައިގެން ހިނގައިދާނެއޭ ހީވުމުން މާކެޔޮޅުބެ ކޮޅުން ކުޑަ ދުލެއް ދިނެވެ. ކުރާނެކަމެއް ނެތެވެ. ބޮޑު ނަނުބައި ވެސް މިއަދު މިއޮތީ ހިމަވެފައެވެ. ނަނުގައި ގަންނާނީ މިކަހަލަ ބިޔައެއްކަން އެނގޭ ނަމަ ވަދާ އައީހީ ގޭގައި މުސްކުޅިކުރެވިފައި ހުރި މާކެޔޮޅުކަމުގެ ސާމާނު ހިފައިގެންނެވެ. ހިލިހިލާ ޖެހި ބޮޑު ބުޅިއާއި ހެތުރުބައެވެ. ކަވަރެވެ. އެކަމަކު ނަމައެއްގައި މިއަދަކު ކެކޭނެ ރިހައެއް ނެތެވެ. އޮތީ ބޭވުނު ގޮތަކަށް މިސޮރު ބޭނުމެވެ. މި ބިޔަ އަނެއްކާ މިކުޑަކުޑަ ވަދު ދޯންޏަށް އަރާނެ ބާވައެވެ. އަރާވަރަށް ވުރެ ބިޔަ ނަމަ ދޯނީގެ ކަފު ޖަހައިގެން ރަށު ފަޅަށް ގެންދާނީއެވެ. މޮހޮނު މިޔަރު ކަފު ޖަހައިގެން ގޮސް ކެލާ ތުނޑިޔަށް އެރުވި ގޮތަށެވެ.

މާނޭވާތަކެއްލައިލައި ވަރުބަލި ފިލުވާލަން މަޑުކޮށްލައިގެން ހުރި ތަންވަޅު ބަލައިފައި އެސޮރު އަނެއްކާ ވެސް ވަރުއަރުވައިގެންފިއެވެ. އެބާރުގައި އަތުން ނަނު ދޫވަމުން ދޫވަމުން ދިޔައީ އަތުގައި އަލިފާން ޖަހަމުންނެވެ. ނަނު ހިފަހައްޓަން އުޅެން ހަދައިގެން ކާށި އަރައިފައި ހުރި ތަންކޮޅަކުން ނަނު އަތުގައި ބެދޭގޮތްވިޔަސް ނަސީބަކުން އަތުން ހަން ނުދަނީސް ލައްކަ ހިންމަތުން ނައްޓާލެވިއްޖެއެވެ. އެއާއެކު ނަނު ފައިބައިގެން ދާން ފެށީ ބުރު ނޭނގޭހައި ބާރަށެވެ. އަތަށް އައިތަން އެ ގެންދަނީއެވެ. މިފަހަރު ހުއްޓުން އެރީ ފަސްމުގުލަށް ޖައްސާލާފައެވެ.

ހިތުގައި ޖެހުނެވެ. އަތްފައި ސަލާމަތުން ހުއްޓަސް މިހާރަކު ދެން މިސޮރާ ހިފާނެ ހަކަތައެއް ހައްޓަކު ނެތެވެ. މީހާ މުޅިން ހަންކަނޑައިލައިފިއެވެ. ހަދާނީ ވެސް ކިހިނެއް ބާވައެވެ؟ ދެއަތަކަށް ބޯހޫރާލާފައި ބުނެވުނެވެ. މަށަކަށް ދެން މިކަމެއް ނުވާނެއެވެ. އެހެން ބައެއްގެ އެހީ ހޯދަންވީ ތާއެވެ. މިހިސާބަށް ދޯންޏެއް އަންނަންދެން މަޑުކުރަންވީއެވެ. ކުނބު އިންނަފަތަށް ހިފައިފައި ހުރި މުގޫ ހުރިގޮތަށް ބަހައްޓާފައި ނަނާ އެކު ދިރުނބާކޮޅަށް ގޮސް މަޅުމައްޗަށް އަރައި ލައްކަ ހިތްވަރުން ހުސެންދަރީގައި ނަނު ބައްދާލެވިއްޖެއެވެ. ދެން އެނބުރި އައިސް ކޮޅުފަސްކޮޅު މަޅުމަތީ އިށީނީއެވެ.

ކަރުހިއްކައިގެން ގޮސް ހީވަނީ ކުޑަދޫ ނިކުމެދާނެހެންނެވެ. ފުޅީގައި ހުރި ފެން ދަމާ ހުސްކޮށްލުމުން ވެސް ކަރުހިއްކުން މުޅިން ފިލައިގެނެއް ނުދިޔައެވެ. ގުނބުހިލިފައި ހުރި ވަރުން ބޭރަށް ލުހޭ ނޭވާޔާއެކު ފުރާނަވެސް ހީވަނީ ލުހިގެން ހިނގައިދާނެހެންނެވެ. ހަމަ ނޭވާ ލެވުނީ އިރުގަނޑެއް ފަހުންނެވެ. ހިތަށް އެރިއެވެ. މަސްމަހާމެހި ކަނޑުގައި ދުވެ ކުޅެ ފުމެ މަޖާކޮށްކޮށްފައި އުޅޭނީ އެއްގަމުގައި އަހަރެމެންގެ ކުދިދަރީން ދުވެ ކުޅެ ފުމެ މަޖާކޮށްކޮށްފައި އެއުޅޭ ބީދައިންނެވެ. މިޚިޔާލުގައި މަޅުމަތީ ބުރަކަށި ދަމާލީ ބަލި ފިލުވައިލުމުގެ ގޮތުންނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

ހޭއެރީ “މާކެޔޮޅުބޭ މާކެޔޮޅުބޭއޭ” ގޮވާ ބަޔަކު ހަޅޭލަވާ އަޑަށެވެ. ލޯހުޅުވާލުމާއެކު މޫނުމަތިން ތެތްކަމެއް އިހުސާސްކުރެވުނެވެ. ހައިރާންކަމާއެކު މޫނުގައި އަތް ކާއްތާލެވުނެވެ. އަތުގައި ހޭކުނީ އަދި މޫނުން ފައިބަމުން ދަނީ ފެންތިކިތަކެވެ. ތިއްކަކު ފުލު ތިއްކެކެވެ. ތުންފަތުގައި ލަނީ ބަހުރު ލޮނު ރަހައެވެ. މޫނަށް ދެން ވެސް މީހަކު ލޮނުޖެހި ހެން ހީވިއެވެ. އެލޮނުން ދިފާއުވެގަންނަން އުޅޭ ކަހަލަ ގޮތަކަށް މޫނުގައި އަތްއެޅުނެވެ. އެއާއެކު ދުރުން އައި އަޑެއް ކަންފަތުގައި ޖެހުނުހެން ހީވިއެވެ. ފަހަރަކަށްވުރެ ފަހަރެއް އެއަޑެއް ކައިރިވަމުން ގަދަވަމުން އަންނަ ހެން ވެސް ހީވިއެވެ.

“މާކެޔޮޅުބޭ މާކެޔޮޅުބޭއެވެ. ތިޔަ އޮތީ ފަހެ ކީއްވެފައި ހެއްޔެވެ؟” އަތް އަޅައިގެން އޮތް މޫނަށް އަނެއްކާވެސް ލޮނު އަރައި ލޯކަރައިގަތެވެ. ބޯހޫރައިލައި މޫނާއި ލޮލުން ފެންތައް ފޮހެލައިފައި ހައިރާންކަމާއެކު ލޯ ތަން މިނަށް ހުޅުވާ ބަލައިލިއެވެ. ދޯންޏަށް ހިފައިފައި އެހެން ވަދުދޯންޏެއް އެބަ އޮތެވެ. އެދޯނީގެ ދެމީހުން ތިއްބެވެ. ތިންވަނަ ކުއްޖަކު މި ދޯނި މަޅުމަތީގައި މާކެޔޮޅުބެ މޫނު މައްޗަށް ގުދުވެލައިގެން އޮތެވެ. ދަންނަ މޫނުތަކެކެވެ. ރަށު ކުދީންހެން ވެސް ހީވެއެވެ. އެކުދީންވީ ޖެހިގެން އޮތް ރަށު ކުދީންނަށެވެ.

މާކެޔޮޅުބެ ދެފަރާތަށް ބަލައިލައިފައި ހުން ކިޔައިފައި ތެދުވެ މަޅުމަތީގައި ދެފައި ކޮޅަށް ޖެހިއެވެ. އެއް ފަހަރު ކަފުގައި އޮތް ދޯންޏަށް އަނެއް ފަހަރު މިދޯނީގެ ވަތުގައި ހުރި މަސްތަކަށް ބަލައިލިއެވެ. ދެން ވާހަކަ ކިޔައިދޭން ފެށިއެވެ.

“ކޮއްކޮމެންނޭ. ކޮއްކޮމެންނޭ. ބޭބެ ގާތުގައި ކަނޑުގެ ބިޔަ ގަތީއެވެ. އެސޮރު ބާނަން އުޅެން ހަދައިގެން ކެޔޮޅުބެ ބަލި އަރުވާލީއެވެ.”

“ތިޔަ ބުނާ ބިޔަ މިހާރު ކޮބައި ހެއްޔެވެ؟” ދޯނީގައި ތިބި ދެމީހުން ކުރެ މީހަކު ގޮވާލިއެވެ.

“ދިރުނބާކޮޅަށް އޮޑިޔަށް ހައްޔަރުކޮށްލައިފައި ހުންނާނެއެވެ. އެކަނި ބެވޭ ވަރަށް ވުރެ ބޮޑު ބިޔައަކަށް ވާތީ މަށަށް ބަލިފިލުވާލަން ޖައްސައިލެވުނީއެވެ. އެއާއެކު މާގަދަޔަކަށް ނިދުނީއެވެ. ނުވަތަ ހޭނެތުނީއެވެ.”

ދޯނީގައި ހުރި ޒުވާނާ ދުވެފައި ދިރުނބާކޮޅަށް ގޮސް މަޅުމައްޗަށް އަރައި ނަނުގައި ހިފިއިރު ތެދެއް މެއެވެ. ނަނުގައި ވަރުހެސަ ގޮލަޔެއް ގަނެފައި އެބަހުއްޓެވެ. މަތިކަނުގެ ދާރައިގައި ކޭއްތި ކޭއްތި ނަނު ނުކެނޑި ހުރީ ނަނު ކޭއްތޭނެ ހިސާބުގައި މާކެޔޮޅުބެ ބުއްދިވެރިކަމާކު ބޯކޮށް ފޮތިއޮޅައިފައި ހުރީމައެވެ. ޒުވާނާ ނަނަށް ހިފާލަމުން ފޯރީގައި ބުންޏެވެ. “ހިނގާށެވެ. މިގޮލާ ދަމާ ގެންނަމާ ހިނގާށެވެ.”

މާކެޔޮޅުބެ  ބުންޏެވެ.” އިހަށް މަށަށް ފެންފޮދެއް ދީބަލާށެވެ.”

ކަފުގައި އޮތް ދޯނިން ފެން ފުޅި ދިއްކޮށްލުމުން މާކެޔޮޅުބެ ފުޅީގައި ހިފައިފައި ކަރުހިއްކުން ފިލަންދެން ބޮއިފިއެވެ. ދެން މިޔަކަން ފުހެލަމުން ކިޔައިފިއެވެ.” އެންމެ ރަނގަޅެވެ. ކަލޭމެން ކުދީންގެ މަސައްކަތަށް އަގު ކިޔާށެވެ.”

އެކުދީން ކިޔައިފިއެވެ. “ކޮންމެހެން އަގެއް ބޭނުމެއް ނޫނެވެ.”

ކަފުގައި އޮތް ދޯނި ދަމާ ކައިރިކޮށް އެދޯނީގައި ތިބި ދެޒުވާނުން ވެސް މާކެޔޮޅުބޭގެ ދޯންޏަށް އަރައިފިއެވެ.

ދެން ނަނު ކޮޅުފަސްކޮޅަށް ގެނެސް މާކެޔޮޅުބެ އަތްދޮށުން ތިންމީހުން އަންބާކިޔަމުން ނަނުގައި ހިފައި ދަމަން ފަށައިފިއެވެ. ނަނުގައި ހުރި ގޮލާ މިފަހަރު ދޯނި ދޮށަށް އަންނަނީ ކިޔަމަނުގައެވެ. މާބޮޑު ގަދަހެދުމެއް ނެތިއެވެ. ހީވާ ގޮތުގައި އެސޮރު މިހާރު އެހެރީ ބަލިވެފައެވެ. ކުރިން މާކެޔޮޅުބެ ވެސް ބަލިވެފައި އޮތް ގޮތަށެވެ. އެސޮރު ކަނޑުމަތީގައެވެ. މިސޮރު މަޅުމަތީގައެވެ.

އެންމެ ފަހުން ފެނު އަޑިން އެގޮލާ ދައްކާލައިފިއެވެ. މާ ސިންގާ އަނގައެކެވެ. ބޮއްކުރާއެއް ފަދަ ބޮޑު ބޮލެކެވެ. އިސްކޮޅާ އަޅާބަލާއިރު އަޖައިބެއްހައި މަސްފަލަ ގޮލަކެވެ. ކުރިން ވެސް މާކެޔޮޅުބެއަށް ހީވީ ރަނގަޅަށެވެ. ގަނެގެން މިއުޅެނީ ހިބަރެއް މިޔަރެއް ނޫނެވެ. ބާނައިފައި އޮއްވާ އަދި ނުދެކޭ އައު ޒާތެއްގެ ބިޔައެއް ތޯއްޗެކެވެ.

އެބިޔައިގެ އަނގަ އެންމެ ފަހުން ފެންމައްޗަށް ހިއްލާލެވިއްޖެއެވެ. ކުރެހުމެއް ހުރި މުށިކުލައިގެ ބޮލުގައި އޮތް އެއްޗަކީ އަނގައޭ ހީވިއެވެ. އެހައި ވެސް ބޮޑު އަނގައެކެވެ. ބިރުވެރިކަމެއް ނެތް އަނގައެކެވެ. މުސްކުޅިވެގެން ގޮސް ދަތްކޮޅު ފައިބައިފައި އޮތް އަނގައެކެވެ.

އެއްޗަކީ ބިޔަ ދުންތަރި ފާނައެއްކަން މާކެޔޮޅުބެއަށް ވިސްނުނީ ދެނެވެ. ދުނިޔޭގައި ލެއްވިހައި ފާނައިގެ އެންމެ މުސްކުޅި މާމަ ތޯއްޗެކެވެ. ފާނައަކީ ގަލު އަޑީގައި އޮންނަ އެއްޗަކަށް ވާއިރު މެދު ފެނަށް މައްޗަށް އަރައިގެން ބުޅީގައި ހުރި ރާގޮނޑީގައި ހިފާނީ ބަނޑުހައިވެގެން ގޮސް ހާންތިވެފައި އޮތީމައެވެ. މިސޮރުގެ ދަރިފަސްކޮޅަކީ ރާއްޖޭގެ ކަނޑު ފަރުތަކުގައި އިހަށް ވަރަށް ގިނަ އެއްޗެކެވެ. ތޮށި މައްޗަށް ދޮށި އެއްލައިފިނަމަ ގަންނާނެ އެހެން އެއްޗެއް ނޫޅުނަސް ގަންނާނެ ފާނަ އުޅޭނެއެވެ. އޭރު މީހުން ފާނަ ބާނަކަށް ނޫޅެއެވެ. އަދި ފާނަމަސް ކައެއް ވެސް ނޫޅެއެވެ. އެކަމަކު މިހާރު ދިވެހީން ބޭރުމީހުން ގާތުން މި މަސް ކާން ދަސްކޮށްފިއެވެ. ކާށާއި ވިޔަފާރިޔަށް ބޭރުކުރަން ބާނަބާނައި މިސޮރުގެ ދަރިފަސްކޮޅު ރާއްޖެއިން ހުސްވުމަކާ ގާތްވެއްޖެއެވެ. މިސޮރު މީ މާކަނޑު އަޑީގައި ރައްކާވެ ފިލައި އޮތް ފާނަދަރިކޮޅުގެ އެންމެ ފަހު ބިޔަ ކަންނޭނގެއެވެ. މިސޮރު ވެސް އެއޮތީ މަރުގެ އަނގަމަތީގައެވެ. ބަލިވެގެން ގޮސް ހުޅުނބު ފައިބައި ހުދު އަރާވަރުވެފައެވެ. އަނގަ ހުޅުވައި ލައްޕައި އެހަދަނީ ކޮންފަދަ ވަރުބަލިކަމަކާއެކުގައި ހެއްޔެވެ؟ އަނގަ ހަލައިލައި ކޮންމެ ފަހަރަކު ބުނާ ކަހަލައެވެ. ދަރުމަވާނެއެވެ. އަހަރެން ނުމަރާ ދޫކޮށްލާށެވެ. އަހަރެންގެ ދަރީންގެ ގާތަށް ދިޔަ ދޭށެވެ.

އެސޮރު އެއް ފަހަރަކު އަނގަ ތަން މިނަށް ހުޅުވާލުމުން މާކެޔޮޅުބެ ނަނުގެ ތުންމައްޗަށް ޖަހައިފައި އޮތް ނަރުގަނޑަށް ދުލެއްދީ ހަމަ ގަސްތުގައި އެސޮރު ކޮލުން ބޮޑުބުޅި ނައްޓާލައި ދޫކޮށްލީއެވެ. އެތަން ފެނިފައި މަސްބާނަން އެހީތެރިވެދިން ތިން ޒުވާނުން ގޮވައިގަތެވެ. “އަނހާ. އަނހާ. މާކެޔޮޅުބޭއެވެ. ތިޔަ ހެދީ ކިހިނެއް ހެއްޔެވެ. އަތްމަތިވެފައި އޮތް ތިޔަފަދަ އިނާމެއް އަތުން ދޫކޮށްލަން ވެދާނެ ހެއްޔެވެ؟”

“އިނާމުދޯއެވެ؟” މާކެޔޮޅުބެ މަލާމާތުގެ ރާގަކަށް ކިޔާލިއެވެ. އޭނާގެ ހިތުގެ ލޮލުގައި ވަނީ މުޅިން އެހެން މަންޒަރެކެވެ. ކަނޑުގެ ނޫކަމުގެ ތެރެޔަށް ގޮސް ގެއްލުނު ބިޔަ އަޑީގައި އެސޮރުގެ ދަރީން ކާފަދަރީން މުނިދަރީން ހޫރުދަރީންނާއެކު އުޅޭ އުފާވެރި މަންޒަރެވެ. މާކެޔޮޅުބޭ ދެއަތަކަށް ބޯހޫރާލައިފައި ކިޔާލިއެވެ. “ޝުކުރު ހުއްޓެވެ. އަހަރެން ސަލާމަތްވީއެވެ. އެސޮރު ވެސް ސަލާމަތްވީއެވެ. ދިރިހުރުމަކީ އަހަރެމެން އިންސާނުން ފަދައިން ފާނަޔަކަށް ވެސް ހާދަ ފޮނި އެއްޗެކެވެ”

ތިން ޒުވާނުން އެއްއަޑުން ކަހަލަ ގޮތަކަށް ބަވައިގަތެވެ. “ބާނައިފައި ބިޔަ ދޫކޮށްލަން މާކެޔޮޅުބެ ތިޔަހަރީ މޮޔަވެފައި ދޯއެވެ. އެކަން އެނގުނު ނަމަ އަހަރެމެން ގާތެއް ނުކުރީމުހެވެ. ބާނަކަށް ނުމެ ހިފީމުހެވެ.”

އެކުދީން ވަރަކަށް އެއްޗެހި ގޮވިއެވެ. މާކެޔޮޅުބެ އެއްޗެއް ނުބުނެ އިސްޖަހަލައިގެން ހަމަހިމޭނުން އިނެވެ. އޭނާ ފާނަޔާމެދު ދުށް ގޮތް މިކުދިންނަށް ކިޔައިދޭނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާ ދުށް ގޮތަށް މިކުދީން ދެކެފާނެ ހެއްޔެވެ؟

ގޮވާނެ އެއްޗެއް ގޮވާފައި އެކުދިން އެންމެ ފަހުން ދޯންޏަށް އަރައިގެން ރިޔާ ނަގައި ފޮޅުވާލައިފައި އެމީހުން ދިޔަ ކޮޅަށް ބަހައްޓައިފިއެވެ. މާކެޔޮޅުބެ އުޑުމައްޗަށް ބަލާލިއިރު އަސުރުދަމުން އިރު ތިރިވެއްޖެއެވެ. ކަނޑުމައްޗަށް ރަށްތަކަށް ނަޒަރު ހިނގާލިއިރު އުފަން ރަށް އޮތީ އަށެއްކަ މޭލު ދެކުނުގައެވެ. ކަނޑަށް ޖެހިފައި ހުރި އުތުރުއޮއިގައި ވޭތުވެ ދިޔަ ތިން ހަތަރު ގަޑިއެއްހައިއިރު ތެރޭ ދޯނި މިހިރީ ރަށާ ލައްކަ ފެއަށް އުތުރަށް ޖެހިފައިތާއެވެ. ހިޔަންޏެއް ވީހެން ހީވެގެން މަތި ބަލާލުމުން ފެނުނީ އެއްކަލަ ރީތި ދަނޑިފުޅުދޫންޏެވެ. އެސޮރު އެއަންނަނީ ބޭރުންނެވެ. މިސްރާބު ހުރީ ވައި ފައްސިޔައަށް ރަށްތަކާ ދިމާއަށެވެ. ބުނެލާ ކަހަލައެވެ. އެއްދުވަހަކަށް ވާވަރަށް ކެޔޮޅުކަން ކުރެވިއްޖެއެވެ. ރެއަށް ރަށަށް ދަނީއެވެ. ކެޔޮޅުބޭވެސް ރަށަށް ދާށެވެ. ބަލަބަލާ ހުއްޓާ އެސޮރު ދުރަށް ގޮސް ލޯމަތީން އޮބާލައިފިއެވެ.

މާކެޔޮޅުބެ ނަނުބައި އަތަށް ކަހައި އޮޅައި ހަދައިފިއެވެ. އުޑުމަތީ ކަފަވިލާ ބޯކޮށްފައި އޮތަސް ބަނަކަމެއް ކަޅުކަމެއް ނެތެވެ. ވިއްސާރަ ވައްތަރެއް ނުމެ ނެތް މެއެވެ. ދުވަހުގެ ހޫނު ހުރީ މަޑުވެފައެވެ. އިރު ހުރީ އަސުރު ދަމަށް ވުރެ ތިރިވެފައެވެ. މެންދުރަށް ރޯޅި ބަލިވީ ނަމަވެސް މިހާރު އިރުއުތުރުން ޖެހެނީ ރިޔަލަށް ސިކާރަ ވައެވެ. އަރިދަންމާނަށް ހަދާލައިފައި ރަށަށް ދާނޭ ވައެވެ.

މާކެޔޮޅުބެ އަވަހަށް ރިޔާ ނަގައި ހަންޖާ އެޅުމަށްފަހު ދަންމާނައިގެން ދުވެފައި ދިރުނބާކޮޅަށް އަރައި އަނެއް އަތަށް ރިޔާލައިފިއެވެ. ދެން އެނބުރި ކޮޅުފަސްކޮޅަށް އައިސް ދީލައި ރިޔަލުގައި ވައި އަޅުވައިލުމުން ދޯނި ދުއްވައިގަތީ ދަންމާނުން ކުރުކުރު އަޑުކިޔަމުންނެވެ. ރިޔަލު ކުރެވިން ބަޑިތަޅަމުންނެވެ. މޮއިހިރު ކައްކާ ފޮނުއަރުވަމުންނެވެ. ކަތްޕަށް އަތްދީގެން ހުންގާނަށް ފައިދީގެން ހުރި މާކެޔޮޅުބެ ރާގު އަޅުވާލިއެވެ. “ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ…”

މާކެޔޮޅުބޭގެ އަޑުދަށުން ރާޅުތައް ލަވައަޅުވާލިއެވެ.

-ނިމުނީ-

About the author
1 Comment
  1. މާކެޔޮޅުގެ ކާފަދަރި

    ކިޔާލަން ސަޅި ފިލާހެން ފޫހި

    (0)(0)
Leave Comment