ބިސްމިއާމެދު ގިނަ މުޙައްދިޘުންނާ ޤާރީވެރިންގެ ރައުޔު: الإِمَامُ الْبَيْهَقِى އެކަލޭގެފަނުންގެފޮތް كِتَابُ الْخِلاَفِيَّات ގައި جَعْفَرُ بْنُ مُحَمَّد ގެ ކިބައިން ނަޤުލު ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “أَجْمَعَ أَصْحَابُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى جَهْرِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ” (ޔަޢުނީ: މުޙައްމަދު ޢަލައިހިއް ސަލާމުގެ އަޞްޙާބުން بِسْمِ ބާރަށް ކިއުމުގެ މައްޗަށް އެއްބަސްވެ ވަޑައިގަންނަވައެވެ.) އަދި މާތް ﷲ ރުއްސުންލެއްވި عِكْرِمَة ގެ ކިބައިން الإِمَامُ الْخَطِيبُ ނަޤުލު…

ބިސްމިއާމެދު ގިނަ މުޙައްދިޘުންނާ ޤާރީވެރިންގެ ރައުޔު:

الإِمَامُ الْبَيْهَقِى އެކަލޭގެފަނުންގެފޮތް كِتَابُ الْخِلاَفِيَّات ގައި جَعْفَرُ بْنُ مُحَمَّد ގެ ކިބައިން ނަޤުލު ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “أَجْمَعَ أَصْحَابُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى جَهْرِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ” (ޔަޢުނީ: މުޙައްމަދު ޢަލައިހިއް ސަލާމުގެ އަޞްޙާބުން بِسْمِ ބާރަށް ކިއުމުގެ މައްޗަށް އެއްބަސްވެ ވަޑައިގަންނަވައެވެ.) އަދި މާތް ﷲ ރުއްސުންލެއްވި عِكْرِمَة ގެ ކިބައިން الإِمَامُ الْخَطِيبُ ނަޤުލު ކުރައްވަފައި ވެއެވެ. “ހަމަކަށަވަރުން އެކަލޭގެފާނުން بِسْمِ ނުކިޔާ މީހެއްގެ ފަހަތުގައި ނަމާދު ނުކުރައްވަތެވެ.” އަދިވެސް أَبُو جَعْفَرٍ مُحَمَّدُ بْنُ عَلِي ވިދާޅުވިއެވެ. ” لاَيَنْبَغِى الصَّلاَة خَلْفَ مَن لاَّيَجْهَرُ” (ޔައުނީ: بِسْمِ ބާރަށް ނުކިޔާމީހެއްގެ ފަހަތުގައި ނަމާދުކުރުން އެކަށީގެން ނުވެއެވެ.) އިމާމު އަބޫ މުޙައްމަދު ވިދާޅުވެފައި ވެއެވެ. ހަތްޤިރާއަތުގެ ވެރި އިމާމުންގެ ތެރެއިން  އެއްވެސް ބޭކަލަކު بِسْمِ ނުކިއުމީ ހުއްދަކަމެއް ކަމުގައި ރިވާކުރައްވާފައި ނުވެއެވެ. އެ އެންމެ ބޭކަލުންގެ ކިބައިންވެސް ރިވާވެގެންވަނީ بِسْمِ ކިއުމަށެވެ. އަދި بِسْمِ ކިޔާއިރުގައިވެސް އެއިން ކޮންމެ ބެއިކަލެއްގެ ކިބައިން ރިވާވެގެންވަނީ  بِسْمِ ބާރަށް ކިއުމަށެވެ. އަދި ޤާރީވެެރިންގެ އަރިހުން ވަރަށްމަދު ރިވާޔަތެއް މެނުވީ بِسْمِ ސިއްރުން ކިއުމަށް އައިސްފައި ނުވެއެވެ. އެގޮތަށްވެސް އައިސްފައިވަނީ ހަމައެކަނި އިމާމު ޙަމްޒާގެ އަރިހުންނެވެ.

އާދެ! ދެން ނިކަން بِسْمِ ބާރަށް ކިއުމާ ބެހޭގޮތުން އައިސްފައި ހުރި ރިވާޔަތްތަކަށް ބަލަމާތޯއެވެ؟ އެންމެފުރަތަމަ އަޅުގަނޑުބަލައިލާނީ  މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެފައިވާ ރިވަޔަތްތަކަށެވެ.

(1) މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު އިމާމުވެ ނަމާދު ކުރެއްވިއެވެ. އަދި ނަމާދުގައި ބިސްމި ބާރަށް ވިދާޅުވިއެވެ. ދެން ނަމާދުން ނިމިވަޑައިގެން ވިދާޅުވިއެވެ. “فِي كُلِّ صَلاَةٍ يُقْرَأُ فَمَا أَسْمَعَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَسْمَعْنَاكُمْ وَمَا أَخْفَى عَنَّا أَخْفَيْنَا عَنْكُمْ”([1]) (ޔައުނީ: ކޮންމެ ރަކްޢަތެއްގައި ތިމަންމެން ކިޔަވަމެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން ތިމަންމެން އަޑުއެހި ކޮންމެ އެއްޗެއް ތިޔަބައިމީހުންގެ ކުރިމަތީގައި ތިމަންމެން ފާޅުކުރާނަމެވެ. އަދި އިތުރު އެކަލޭގެފާނު ސިއްރުން ވިދާޅުވި ކޮންމެ އެއްޗެއް ތިމަންމެންވެސް ކިޔަވާނީ ސިއްރުންނެވެ.) މިޙަދީޘުގެ ތަފާތު ރިވާޔަތްތައް ޞައްޙަމަގުން ލަފުޒުގެ ތަފާތާއެކު އައިސްފައި ވެއެވެ. ދެން އެއަށްފަހު އަބޫހުރައިރާ ނަމާދުގައި ބާރަށް بِسْمِ ކިއުއްވައި ނަމާދު ކުރެއްވިއެވެ.

(2) އަދި އިމާމު الْخَطِيبُ أَبُوبَكْر އާއި އިމާމު الْحَافِظُ الْبَغْدَادِى ވިދާޅުވިއެވެ. ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން  بِسْمِ ބާރަށް ކިއުން ޘާބިތުވާ ކަމީ މަޝްހޫރުވެގެންވާ ކަމެކެވެ.

އާދެ! އެންމެ މޮޅު އަދި އެންމެ ޞައްޙަ އަދި رَسُولُ اللَّهِ صلّى الله عليه وسلّم ގެ ނަމާދުފުޅާއި އެންމެ އެއްވަތްތަރު ވެގެންވަނީ بِسْمِ ބާރަށް ކިޔައިގެން ނަމާދު ކުރުންކަން ދަނެގަތުމަށްޓަކައި نُعَيْمُ بْنُ عَبْدِ اللَّهِ الْمُجْمِرِގެ އަރިހުން ރިވާވެގެންވާ މިޞައްޙަ ރިވާޔަތް ކުރީގެ ރިވާޔަތަށް އިތުރު ތާއީދެއް އެބަ ގެނެސްދެއެވެ. އޭގައި ވެއެވެ. ނުޢައިމު ވިދާޅުވިއެވެ. “صَلَّيْتُ وَرَاءَ أَبِي هُرَيْرَةَ فَقَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ثُمَّ قَرَأَ بِأُمِّ الْقُرْآنِ حَتَّى إِذَا بَلَغَ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ فَقَالَ آمِينَ فَقَالَ النَّاسُ آمِينَ وَيَقُولُ كُلَّمَا سَجَدَ اللَّهُ أَكْبَرُ وَإِذَا قَامَ مِنَ الْجُلُوسِ فِي الِاثْنَتَيْنِ قَالَ اللَّهُ أَكْبَرُ وَإِذَا سَلَّمَ قَالَ وَالَّذِي نَفْسِي بِيَدِهِ إِنِّي لَأَشْبَهُكُمْ صَلاَةً بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ”([2]) (ޔައުނީ: ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ފަހަތްޕުޅުގައި އަހުރެން ނަމާދުކުރީމެވެ. އަބޫހުރައިރާ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާ ވިދާޅުވިއެވެ. ދެން اَلْحَمْدُ ކިޔަވާ ވިދާޅުވަމުންގޮސް وَلاَ الضَّالِّينَ ވިދާޅުވެ، آمِين ވިދާޅުވިއެވެ. ދެން މީސްތަކުންވެސް އަޑުހަރުކޮށް އާމީން ކިއެވެ. ހަމައެއާއެކު ކޮންމެ ސަޖިދައަކަށް اللَّهُ أَكْبَرُ ވިދާޅުވިއެވެ. އަދި ދެރަކްޢަތުގައިވެސް އިށީނދެ އިންނަވާފައި ތެދުވަންނަވަމުން اللَّهُ أَكْبَرُ ވިދާޅުވިއެވެ. ސަލާމް ދެއްވުމަށްފަހު އަބޫހުރައިރާ ވިދާޅުވިއެވެ. ﷲގެ ގަންދީ ބުނަމެވެ. ތިޔަބައިމީހުންގެ ތެރެއިން رَسُولُ اللَّهِ صلّى الله عليه وسلّم ގެނަމާދާއި އެންމެބޮޑަށް އެއްގޮތް ވެގެންވަނީ އަހުރެންގެ ނަމާދެވެ.) އިމާމު އިބްނިޚުޒައިމާ އެކަލޭގެފާނުގެ ފޮތް الْمُصَنَّفَة ގައި މިރިވާޔަތް ގެންނެވުމަށްފަހު بِسْمِ ގެ މައްޗަށް ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ. “فَأَمَّا الْجَهْرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِى الصَّلاَةِ فَقَدْ صَحَّ وَثَبَتَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِإِسْنَادٍ ثَابِتٍ مُتَّصِلٍ لاَشَكَّ وَلاَ رَيْبَ عِنْدَ أَهْلِ الْمَعْرِفَةِ بِالأَخْبَارِ فِى صِحَّتِ سَنَدِهِ وَاتِّصَالِهِ” (ޔަޢުނީ: ފަހެ ނަމާދުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ކިއުމީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން ކަނޑައެޅިގެން ޞައްޙަމަގުން ސާބިތު ވެގެންވާ ކަމެކެވެ. ޙަދީޘު ޢިލްމު ދެނެވަޑައިގަންނަވާ އެއްވެސް ބޭކަލަކަށް މިއާމެދު އެއްވެސް ޝައްކެއް ވަސްވާހެއް ނުއުފެދޭހާ މިންވަރަށް ޞައްޙަ ސަނަދުން  މިކަން ވަނީ ޘާބިތު ވެގެންނެވެ.) އެއައްފަހު އިބްނު ޚުޒައިމާ ގެންނަވަފައިވަނީ އިސްވެ ބަޔާންވެދިޔަ ރިވާޔަތެވެ. ޙަދީޘު ނިންމަވާލެއްވުމަށްފަހު އިބްނު ޚުޒައިމާ ވިދާޅުވެފައި ވެއެވެ. “فَقَدْ بَانَ وَثَبَتَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِى الصَّلاَةِ” (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވާކަމީ ކަނޑައެޅި ހާމަވެ ޘާބިތުވެންވާންއޮތް ކަމެކެވެ.) އަދި އިބްނު ޙިއްބާނު އެކަލޭގެފާނުންގެ ޞަޙީހުގައި އަދި ދާރުޤުޠުނީ އެކަލޭގެފާނުންގެ ސުނަނުގައި މިޙަދީޘު ރިވާކުރެއްވުމަށްފަހު ވިދާޅުވެފައި ވެއެވެ. “هَذَا حَدِيثٌ صَحِيحٌ وَرُوَاتُهُ كُلُّهُمْ ثِقَاتٌ” (ޔަޢުނީ: މިއީ ޞައްޙަ ޙަދީޘެކެވެ. މިޙަދީޘުގެ އެންމެހައި ރާވީންނަކީ އިތުބާރު ހިފެވިގެންވާ ބެއިކަލުންނެވެ.) އަދި އިމާމު ޙާކިމު އެކަލޭގެފަނުންގެ ފޮތް މުސްތަދްރަކުގައި މިޙަދީޘު ރިވާ ކުރެއްވުމަށްފަހު މިފަދައިން ވިދާޅުވެފައި ވެއެވެ. “هَذَا حَدِيثٌ صَحَيحٌ عَلَى شَرْطِ البُخَارِى وَمُسْلِمٍ” (ޔަޢުނީ: މިއީ ބުޚާރީ އާއި މުސްލިމުގައި ކަޑައެޅިގެންވާ ޝަރުޠުތައް ފުރި ހަމަވާ ޞައްޙަ ޙަދީޘެކެވެ.) އިމާމު ބައިޙަޤީ އެކަލޭގެފާނުންގެ ފޮތް اَلْخِلاَفِيَّاتގައި ބިސްމި ބާރަށް ކިއުމާމެދު މިޙަދީޘުން ދަލީލު ހިއްޕެވުމަށްފަހު، ޙަދީޘު ގެންނަވައި، މިފަދައިން ވިދާޅުވެފައި ވެއެވެ. “رُوَاةُ هَذَا الْحَدِيثِ كُلُّهُمْ ثِقَاتٌ مَجْمَعٌ عَلَى عَدَالَتِهِمْ” (ޔަޢުނީ: މިޙަދީޘުގެ އެންމެހައި ރާވީންނަކީ ފުރިހަމައަށް އިތުބާރުހިފޭ ބެއިކަލުންނެވެ. އެބެއިކަލުންގެ އަދުލުވެރި ކަމާމެދު އެންމެހައި  މުޙައްދިޘުން އެއްބަސްވެ ވަޑައިގަންނަވައެވެ. ހަމައެފަދައިން الْحَافِظُ أَبُو بَكْرٍ الْخَطِيبُ ނަމާދުގައި بِسْمِ ބާރަށް ކިއުމާއި ބެހޭގޮތުން އެކަލޭގެފާނުން ލިއުއްވި ފޮތުގައި މިޙަދީޘު ރިވާވެފައިވާ އެތަކެއް މަގުތަކާއި ސަނަދުތައް ބަޔާން ކުރެއްވުމަށްފަހު މިފަދައިން ވިދާޅުވެފައި ވެއެވެ. “هَذَا الْحَدِيثُ ثَابِتٌ صَحِيحٌ لاَ يُوَجَّهُ عَلَيْهِ تَعْلِيلٌ فِى اِتِّصَالِهِ” (ޔަޢުނީ: މިހަދީޘަކީ ޘާބިތުވެގެންވާ ޞައްޙަ ޙަދީޘެކެވެ. އެޙަދީޘު ސަނަދު ގުޅިގެން އައުމުގައި އެއްވެސް ކަހަލަ ބަލިކަށިކަމެއް އެއްވެސް ގޮތަކަށް ގެނެވިފައި ނެތެވެ. އެއިގެ އެންމެހާ ރާވީންނަކީ އިތުބާރު ހިިފޭ ބެއިކަލުންނެވެ.)

ނިކަން ވިސްނައި ވަޑައިގަންނަވާށެވެ! ޙަދީޘުގެ ފަތްފުށްތަކުގައި އެބެއިކަލެއްގެ ރިވާޔަތްތައް އެންމެ ގިނައިން ރިވާވެގެން އައިސް ފައިވާ، މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ މިރިވާޔަތުގައި ޞައްޙަ ސަނަދުން ނަމާދުގައި بِسْمِ ބާރަށް ކިއުން ޘާބިތުވެގެން އައިސްފައިވާއިރު ދެން އެންމެ ޞައްހަކަން ބޮޑުގޮތޭ، ނުވަތަ ބިދުޢައޭ ކިޔައި ތިމާމެން ތާއީދު ކުރާ ޢިލްމުވެރިއަކު އެގޮތަކަށް ބުރަވެ ވަޑައިގަތްގޮތް ކަމުގައިވިއަސް އެންމެ އައުލާގޮތްކަމަށް އެގޮތް ހަދައި، އެގޮތް ފަތުރަން އުޅުމުގެ ޙައްޤެއް ނެތެވެ. އަދި އަނެއްކޮޅުން އަޅުގަނޑުމެން ދަންނަންޖެހޭ މައްސަލައަކީ ބިސްމި ސިއްރުން ކިއުމުގެ މައްސަލާގައި ސާފު ޞަރީޙަކޮށް ބިސްމި ސިއްރުން ކިއުމަށް ބަޔާންވެގެން އޮތް ޞައްޙަ އެންމެޙަދީޘެއްވެސް ފެންނާން ނެތްކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވުމެވެ. މިވާހަކަ ފަހުން ބަޔާން ކުރާނަމެވެ.

(3) ދެން އަބޫހުރައިރާ ޞަރީޙު ލަފުޒުން بِسْمِ އެއީ ޤުރުއާނުގެ އާޔަތެއްކަމާއި، ހަމައެއާއެކު އެއީ އަލްޙަމްދުގެ ވެސް އާޔަތެއްކަމުގައި ވިދާޅުވެ، رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިއަހުން އެކަން ނަޤުލުކޮށް ރިވާކުރައްވައި، ޢަމަލީގޮތުން ބިސްމި ބާރަށް ވިދާޅުވެ، ޢަމަލުން ދައްކަވާ ދެއްވާފައި ވާއިރު، ދެން އިތުރު ހެއްކަކަށް ދަލީލަކަށް ބޭނުންވޭތޯއެވެ؟ އިމާމު އަލްޚަޠީބު ވިދާޅުވެފައިވެއެވެ. “قَدْ رَوَى جَمَاعَةٌ عَنْ أَبِى هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ” (ޔައުނީ: ހަދިޘު ޢިލްމުވެރީންގެ ތެރެއިން ބޮޑު ޖަމާޢަތެއްގެ ބަޔަކު، رَسُولُ اللَّهِ صلّى الله عليه وسلّم بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވާކަމުގައި، އަބޫހުރައިރާގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. އަދި އިމާމު ދާރު ޤުޠުނީ އެކަލޭގެފާނުންގެ ސުނަނުގައި، ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ މިރިވާޔަތްވެސް ދެސަނަދަކުން ގެންނަވާފައި ވެއެވެ. “عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ إِذَا قَرَأَ وَهُوَ يَؤُمُّ النَّاسَ اِفْتَتَحَ ببِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ”([3]) (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم މީސްތަކުންނާއެކު އިމާމުވެ ނަމާދު ކުރައްވާ ހިނދު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިން ޤިރާއަތު ފައްޓަވަތެވެ.) އިމާމު ދާރުޤުޠުނީ ވިދާޅުވެފައި ވެއެވެ. “رِجَالُ اِسْنَادِهِ كُلُّهُمْ ثِقَاتٌ” (ޔަޢުނީ: އެއިގެ ސަނަދުގައި ވާހައި ބެއިކަލުންނީ އިތުބާރު ހިފޭ ބެއިކަލުންނެވެ.) އަދި އަބޫހުރައިރާގެ ކިބައިން އިމާމު އަބޫޙާޒިމު ރިވާކުރައްވާފައި ވެއެވެ. “كَانَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِقِرَاءَةِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ” (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ކިޔަވާ ވިދާޅުވުމުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވަތެވެ.) އަދިވެސް އިމާމު އަބޫ މުޙައްމަދު ސުލައިމާން އަލްމަޤްދަސީ ވިދާޅުވެފައި ވެއެވެ. “فَلاَ عُذْرَ لِمَنْ يَتْرُكُ صَرِيحَ هَذِهِ الأَحَادِيثَ” (ޔައުނީ: އަބޫހުރައިރާގެ މިޞަރީޙު ޙަދީޘުތައް ދޫކޮށްލާ މީހުނަށްޓަކައި ދައްކާނެ އިތުރު ބަހަނާއެއް، އުޛުރެއް ނެތެވެ.)([4])

(4) ދަންނަވަންތޯއެވެ؟ ބަޔާންވެދިޔަ އަބޫހުރައިރާގެ ރިވާޔަތާ ބެހޭގޮތުން އޭގެ ސަނަދުގައި އޮތް އަބޫ އުވައިސަކީ ޟަޢީފު ރާވީއެއްކަމުގައި އިމާމު އަޙްމަދާއި އަބޫ ޙާތިމު އައްރާޒީއާއި ދެބޭކަލުން ވިދާޅުވި ކަމުގައި ވިއަސް އިމާމު ދާރުޤުޠްނީއާއި އަބޫ ޒަރްޢާއާއި އިބްނު ޢަދީއާއި އެނޫންވެސް އެތަކެއް މުޙައްދިޘުން ވިދާޅުވެފައި ވަނީ އަބޫ އުބޫއުވައިސަކީ އިތުބާރުހުރި ޘިޤާ ރާވީއެއް ކަމަށެވެ. އަދި އިމާމު މުސްލިމު އެކަލޭގެފާނުންގެ ޞަޙީޙުގައި އަބޫ އުވައިސްގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެހެންކަމަށްވާއިރު އަބޫއުވައިސާ ބެހޭގޮތުން އިމާމު އަޙްމަދު ޖަރަޙަ ކުރެއްވީތީ މިރިވާޔަތް ޟަޢީފު ވާކަށް ނުޖެހެއެވެ. އަދި އަނެއްކޮޅުން ޚުދް އިމާމު ޝާފިޢީ އަބޫއުވައިސްގެ ރިވާޔަތް ޤަބޫލުކުރަށްވައެވެ. ހަމައެހެންމެ މިނޫނަސް އިމާމު އަޙްމަދު އެބެއިކަލުންނާއި ބެހޭގޮތުން ޖަރަޙަ ކުރައްވަވާފައިވާ ވަރަށް ގިނަ ބެއިކަލުން އިމާމު ބުޚާރީ އާއި މުސްލިމުގެ ޘިޤާ ރާވީންގެތެ ރޭގައި ހިމެނިގެންވާއިރު، މިއީ ހަމައެކަނި އިމާމު އަޙްމަދުގެ ބަސްފުޅަށް ބުރަވެގެން ޟަޢީފުކޮށްލެވޭނެ ރިވާޔަތްތަކެއް ނޫނެވެ.([5])

(5) ދެންނިކަން  އުއްމު ސަލަމާ ރަޟިޔައް ﷲ ޢަންހާގެ ރިވާޔަތަށް ބަލައިލާނަމެވެ. އެކަމަނާގެ ކިބައިން އިތުބާރުހުރި ޘިޤާ ރާވީންގެ ޖަމާޢަތެއް ވަނީ ރިވާކުރަށްވާފައެވެ. އޭގައި ވަނީ: عَنِ ابْنِ جُرَيْجٍ عَنْ عَبْدِ اللَّهِ بْنِ أَبِي مَلِيكَةَ عَنْ أُمِّ سَلَمَة މިފަދައިންނެވެ. އެކަމަނާ ވިދާޅުވިއެވެ. “كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْطَعُ قِرَاءَتَهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ، اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، الرَّحْمَنِ الرَّحِيمِ ، مَلِكِ يَوْمِ الدِّينِ” (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ކިޔަވާ ވިދާޅުވާއިރު އާޔަތްތަކަށް ހުއްޓަވަތެވެ. އެރަސޫލާ ކިޔަވާވިދާޅުވަނީ މިފަދައިންނެވެ. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ، اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، الرَّحْمَنِ الرَّحِيمِ ، مَلِكِ يَوْمِ الدِّينِ) މިއީ ޞައްޙަ ރިވާޔަތެއްކަމުގައި މުޙައްދިޘުން ވިދާޅުވެފައި ވެއެވެ.([6])

(6) ދެން ނިކަން އިބްނު ޢައްބާސްގެ ރިވާޔަތަށް ބަލާލަމާތޯއެވެ؟ އިމާމު އައްދާރު ޤުޠްނީ އެކަލޭގެފާނުންގެ ސުނަނުގައި އަދި އިމާމު ޙާކިމު އެކަލޭގެފާނުންގެ މުސްތަދްރަކްގައި ސަޢީދު އިބްނު ޖުބައިރުގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު އިބްނު ޢައްބާސްގެ އަރިހުން ރިވާކުރައްވައެވެ. އެކަލޭގެފަނުން ވިދާޅުވިއެވެ. “كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ” (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ކިޔަވާ ވިދާޅުވަތެވެ.) މިރިވާޔަތާމެދު އިމާމު ޙާކިމު ވިދާޅުވެފައި ވެއެވެ. “هَذَا اِسْنَادٌ صَحِيحٌ وَلَيْسَ لَهُ عِلَّةٌ” (ޔައުނީ: މިއީ ޞައްޙަ ސަނަދެކެވެ. މީގައި އެއްވެސް ބަލިކަށިިކަމެއް ނުވެއެވެ.)([7])

(7) އަދި އިމާމު ދާރުޤުޠްނީ ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެ ކިބައިން ދެރިވަޔަތެއް ގެންނަަވާފައި ވެއެވެ. އެއިން ކޮންމެ ރިވާޔަތަކަށް ފަހު އެކަލޭގެފާނު މިފަދައިން ވިދާޅުވެފައި ވެއެވެ. “هَذَا اِسْنَادٌ صَحِيحٌ لَيْسَ فِى رُوَاتِهِ مَجْرُوحٌ” (ޔައުނީ: މިއީ ޞައްޙަ ސަނަދެކެވެ. މީގައި އެއްވެސް ރާވީއަކާ ބެހޭގޮތުން ޖަރަޙަ ކުރެވިފައެއް ނުވެއެވެ.) ފުރަތަމަރިވާޔަތް! “أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَهَرَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ”([8]) (ޔަޢުނީ ހަމަކަށަވަރުން رَسُولُ اللَّهِ صلّى الله عليه وسلّم بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާވިދާޅުވަނީ ބާރަށެވެ.)

(8) ދެވަނަ ރިވާޔަތް! “كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْتَتِحُ الصَّلاَةَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ”([9]) (ޔަޢުނީ رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދުގައި ކިޔަވަން ފައްޓަވަނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިންނެވެ.)([10])

(9)  އަނެއް ދަލީލަކީ މަދީނާގެ އިޖްމާޢުއެވެ. ނިކަން އިމާމް ޝާފިޢީ އެމައްޗަށް ބުރަވެ ވަޑައިގެންފައިވާ މަދީނާގެ އަހުލުވެރީންގެ އިޖުމާޢުން ބިސްމި ބާރަށް ކިޔެވުން ޘާބިތުކޮށްދޭ ރިވާޔަތަށް ބަލާލަމާހިގާށެވެ. الإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة ވިދާޅުވެފައި ވެއެވެ. “أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا عَبْدُ الْمَجِيدِ بْنُ عَبْدِ الْعَزِيزِ عَنْ ابْنِ جُرَيْجٍ قَالَ أَخْبَرَنِي عَبْدُ اللَّهِ بْنُ عُثْمَانَ بْنِ خُثَيْمٍ أَنَّ أَبَا بَكْرِ بْنَ حَفْصِ بْنِ عُمَرَ أَخْبَرَهُ أَنَّ أَنَسَ بْنَ مَالِكٍ أَخْبَرَهُ قَالَ صَلَّى مُعَاوِيَةُ بِالْمَدِينَةِ صَلاَةً فَجَهَرَ فِيهَا بِالْقِرَاءَةِ فَقَرَأَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ لِأُمِّ الْقُرْآنِ وَلَمْ يَقْرَأْ بِهَا لِلسُّورَةِ الَّتِي بَعْدَهَا حَتَّى قَضَى تِلْكَ الْقِرَاءَةَ وَلَمْ يُكَبِّرْ حِينَ يَهْوِي حَتَّى قَضَى تِلْكَ الصَّلاَةَ فَلَمَّا سَلَّمَ نَادَاهُ مَنْ سَمِعَ ذَلِكَ مِنَ الْمُهَاجِرِينَ مِنْ كُلِّ مَكَان يَا مُعَاوِيَةُ أَسَرَقْتَ الصَّلاَةَ أَمْ نَسِيتَ فَلَمَّا صَلَّى بَعْدَ ذَلِكَ قَرَأَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ لِلسُّورَةِ الَّتِي بَعْدَ أُمِّ الْقُرْآنِ وَكَبَّرَ حِينَ يَهْوِي سَاجِدًا”([11]) (ޔައުނީ: ހަމަކަށަވަރުން އަނަސުބްނި މާލިކު ވިދާޅުވިއެވެ. މަދީނާއަށް ވަޑައިގެން މުޢަވިޔާ މީސްތަކުންނާއިގެން އިމާމުވެ ޖަހުރިއްޔަ ނަމާދެއް ކުރެއްވިއެވެ. އޭގައި اَلْحَمْدُ ގެކުރީގައި بِسْمِ ވިދާޅުވެފައި އެއިގެ ފަހު ސޫރަތް ފެށޭތާނގައި بِسْمِ ވިދާޅުނުވެ  މުޅި ކިޔެވުން ނިންމެވިއެވެ. ހަމައެހެންމެ ރުކުންތަކަށް ނަގުލުވެ ވަޑައިގަތުމުގައި ބާރަށް اَللَّهُ أَكْبَرُ ވެސް ވިދާޅު ނުވެތެވެ. މިގޮތުގެ މަތީގައި ނަމާދު ކުރައްވައި ސަލާމް ދެއްވުމުން ޙާޟިރުވެ ތިއްބެވި ބެއިކަލުން އެކިފަރާތްތަކުން ގޮވާލެއްވިއެވެ. އޭމުޢާވިޔާއެވެ! ނަމާދަށް އުނިކަމެއް ގެނެވުނީތޯއެވެ؟ ނުވަތަ އޭގައި ކަލޭގެފާނުން ހަނދުމަފުޅު ނެތުނީތޯއެވެ؟ ދެން އޭގެފަހުން މުޢާވިޔާ ނަމާދުކުރެއްވީ اَلْحَمْدُ ގެފަހުގައްޔާއި ސޫރަތްފެށޭތާގައި بِسْمِ ބާރަށް ވިދާޅުވެގެންނެވެ.)([12])

މިރިވާޔަތް ރިވާކުރެއްވުމަށްފަހު ޢިލްމުވެރިން ވިދާޅުވެފައިވަނީ މިފަދައިންނެވެ.

(ހ) އިލްއިމާމު އައްދާރު ޤުޠްނީ އެކަލޭގެފާނުންގެ “ސުނަނު” ގައި ވީދާޅުވެފައި ވެއެވެ. “رُوَاتُهُ كُلُّهُمْ ثِقَاتٌ” (ޔަޢުނީ: މިޙަދީޘުގެ ސަނަދުގައި ތިއްބެވި އެންމެހައި ބެއިކަލުންނަކީ އިތުބާރުހިފޭ، ޘިޤާ ރާވީންނެވެ.)

(ށ) އިމާމު ޙާކިމު އެކަލޭގެފާނުންގެ “މުސްތަދުރިކު” ގައި  ވިދާޅުވެފައި ވެއެވެ. “هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ مُسْلِمٍ وَقَدْ احْتُجَّ بِعَبْدِ الْمَجِيدِ وَسَائِرِ رُوَاتِهِ مُتَّفَقٌ عَلَى عَدَالَتِهِمْ” (ޔަޢުނީ: މިޙަދީޘުގެ ރާވީންނަކީ، ޢަބްދުލްމަޖީދާއި އެނޫން އެންމެހައި ރާވީންނަށް ދާނދެން ޙުއްޖަތެއްގެ ގޮތުގައި ބެލެވޭ، އެބޭކަލުންގެ ޢަދުލުވެރިކަމުގެ މައްޗަށް ޢިލްމުވެރިން އިތުބާރު ކުރަށްވާ، އަދި އިމާމު މުސްލިމުގެ ޝަރުޠުތައް ހަމަވާ ބޭކަލުންނެވެ.)([13])

(10) ދަންނަވަންތޯއެވެ! މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނުންގެ އަރިހުން ބިސްމިއާ ބެހޭގޮތުން އައިސްފައި ހުރި ރިވާޔަތްތަކަށް ބަލާއިރު އައިސްފައިވަނީ ވަރަށް ތަފާތުކަންބޮޑު ގޮތަކަށެވެ.

އަނަސްގެފާނުންގެ ކިބައިން އިމާމު ބުޚާރީ އާއި މުސްލިމު އެދެބޭކަލުންގެ ދެފޮތުގައި މިފަދައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ” إِنِّى رَأَيْتُ لآلُو أَنْ أُصَلِّى بِكُمْ كَمَا رَأَيْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّى بِنَا” (ޔައުނީ: رَسُولُ اللَّهِ صلّى الله عليه وسلّم އަހަރެމެންނަށް ނަމާދުކޮށް ދެއްވަވަނިކޮށް އަހުރެން ދުށްގޮތަށް ކަލޭމެންނަށް ނަމާދުކޮށް ދިނުމަށް ވަރަށް ބޮޑަށް އަހުރެން މަސައްކަތް ކުރާހުށީމެވެ.)

(ހ) އިމާމު ދާރު ޤުޠްނީ މިރިވާޔަތް ބަޔާންކުރެއްވުމަށް ފަހު އެއާ ގުޅިގެން އަންނަނިވި ރިވާޔަތް ރިވާކުރަށްވާފައިވެއެވެ. އެރިވާޔަތް ގެންނަވާފައިވަނީ އެކަލޭގެފާނުގެ ފޮތް މުސްނަދުގައްޔާއި ސުނަނުގައެވެ. އެ ރިވާޔަތުގެ ސަނަދުގައި އޮންނަނީ މިފަދައިންނެވެ. عنْ مُعْتَمَرُ بْنُ سُلَيْمَانَ عَنْ أَبِيهِ عَنْ أَنَسٍ قَالَ: ( މުޢުތަމަރުގެ ކިބައިން ސުލައިމާނުގެ ކިބައިން އަނަސުގެ ކިބައިން ރިވާވެގެންވެއެވެ. ” كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِالقِرَاءَةِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ” (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ޤިރާއަތުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ކިޔަވާ ވިދާޅުވަތެވެ.)

(ށ) އަދި އިމާމު ޙާކިމު މާތް ﷲ ރަޙްމަތްލެއްވި ޝަރީކު އިބްނު ޢަބްދުﷲގެ ކިބައިން، އެކަލޭގެފާނު އަނަސްގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “سَمِعْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ބާރަށް بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާ ވިދާޅުވާއަޑު ތިމަންކަލޭގެފާނު އައްސަވަމެވެ.)([14])

ދަންނަވަންތޯއެވެ؟ މިއެންމެހާ ރިވާޔަތްތަކަކީ މިއާމެދު އެއްވެސް ޢިލްމުވެރިއަކު ޖަރަޙަ ކުރައްވާފައިނުވާ  ޞައްޙަ ރިވާޔަތްތަކެވެ. އެހެންކަމުން އިމާމު އަބޫ މުޙައްމަދު އަލްމަޤްދަސީ ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމަށާއި އަދި ބާރަށް ކިޔަވަން އޮންނަ ތަންތާގައި ކިޔަވަންޖެހޭނީ ބާރަށް ކަމުގައި ބުރަވެ ވަޑައިގަންނަވަމުން މިފަދައިން ލިއުއްވާފައިވެއެވެ. “قَدْ حَصَلَ لَنَا وَالْحَمْدُ لِلَّهِ عِدَّةَ أَحَادِيثَ جِيَادٍ فِى الْجَهْرِ” (ޔައުނީ:  ﷲއަށް ޙަމްދުކުރަމެވެ. އެއިލާހުގެ ރަޙްމަތްފުޅުން އަހަރުމެންނަށް މިވަނީ بِسْمِ ބާރަށް ކިއުމާ ބެހޭގޮތުން ޖައްޔިދު ދަރަޖައިގެ ޞައްޙަ އެތަކެއް ރިވާޔަތެއް ލިބިފައެވެ.) އޭގެފަހުން އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އިމާމު އިބްނުލްޖައުޒީ އަނަސްގެފާނުންގެ ކިބައިން ބާރަށް ބިސްމި ކިއުމާމެދު އައިސްފައި ހުރި ބައެއް ރިވާޔަތް ޟަޢީފު ކަމަށް ވިދާޅުވި ކަމުގައި ވިއަސް އެކަލޭގެފާނު ޟަޢީފު ކުރެއްވި އެއްވެސް ރިވާޔަތެއް ތިމަންމެން މިތާކު ބަޔާނެއް ނުކުރަމެވެ. އަދި އަނަސްގެފާނުންގެ ކިބައިންވެސް ގެނެސްފައި މިވަނީ ބާރަށް ކިއުމާމެދު އައިސްފައިހުރި ޞައްޙަ ރިވާޔަތްތަކެވެ. އަދި މިިތާގައި އަހަރެމެން ގެނައި ރިވާޔަތައްތަކުގެ ތެރެއިން އިބްނުލްޖައުޒީ ދެކޮޅު ހައްދަވާފައިވަނީ ހަމައެކަނި ޝަރީކުގެ ރިވާޔަތަށެވެ. އެއާމެދު އަހަރެމެން ބުނާނީ ޝަރީކަކީ އިމާމު ބުޚާރީއާއި މުސްލިމު އެދެބޭކަލުންގެ ޞަޙީޙު ފޮތުގައި އެއްބަސްވެ، ގެންނަވާފައިވާ ރާވީއެކެވެ. އެހެންކަމުން މިތާގައި އިބްނުލްޖައުޒީގެ އިޢުތިރާޟުގައިވެސް މާބޮޑު ބުރަދަނެއް އޮތްކަމަކަށް އަހަރެމެން ނުދެކެމެވެ. އަދި އިބްނުލްޖައުޒީގެ ބަސްފުޅު ޤަބޫލުކޮށް އަނަސްގެފާނުންގެ ބިސްމިއާބެހޭ ރިވާޔަތް އަހަރެމެން ދޫކޮށްލި ކަމުގައިވިއަސް އަހަރެމެން މިވަނީ ބާރަށް ބިސްމި ކިޔެވުމާމެދު އެނޫން އެތަކެއް ޞައްޙަ ރިވާޔަތްތަކެއް ދަލީލުގެ ގޮތުގައި ގެނެސްފައެވެ.([15])

(11) ދަންނާށެވެ! އިސްވެ ބަޔާންވެދިޔަ ރިވާޔަތްތަކުގެ އިތުރުން، އަޞްޙާބު ބޭކަލުންގެ ތެރެއިން މާތް ﷲ ރުއްސުންލެއްވި عَلِيُّ بْنُ أَبِى طَالِب އާއި سُمْرَةُ بْنُ جُنْدُب ގެ ކިބައިން ވެސް بِسْمِ ބާރަށް ކިއުމާއި ބެހޭގޮތުން ޞައްޙަ ރިވާޔަތްތައް އައިސްފައި ވެއެވެ.([16])

ބަޔާންވެދިޔަހައި ރިވާޔަތްތަކުން بِسْمِ އަކީ اَلْحَمْدُ ގެ އާޔަތެއް ކަމާއި އެއާޔަތް ކިޔަވަންވަނީ ބާރަށްކަން ވަރަށް ޞަރީޙަކޮށް ވަނީ އެނގި ބަޔާންވެގެންނެވެ.

[1] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދެވެ. އަދި އިމާމު ބުޚާރީއާއި މުސްލިމެވެ. އަދި މިއީ ބުޚާރީ ގެންނެވި ލަފްޒެވެ.

[2] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި ނަސާއީއާއި އިބްނު ޚުޒައިމާއާއި އިބްނު ޙިއްބާނާއި ދާރުޤުޠްނީއާއި އަލްޙާކިމާއި ބައިހަޤީއާއި އަލްޚަޠީބާއި އެނޫންވެސް ބޭކަލުންނެވެ. އަލްޙާކިމާޢި އިބްނު ޙިއްބާނާއި ދާރުޤުޠްނީ ވިދާޅުވެފައިވަނީ މިއީ ޞައްޙަ ޙަދީޘެއް ކަމަށެވެ. ބައިޙަޤީ ވިދާޅުވެފައިވަނީ ދެޝައިޚުންގެ ޝަރުޠާ އެއްގޮތްވާ ކަމަށާއި މިޙަދީޘުގެ އެއްވެސް ރާވީއަކާމެދު ވާހަކަ ދެކެވައި ނުވާ ކަމަށެވެ.

[3] މިރިވާޔަތް ދާރުޤުޠްނީ ރިވާކުރެއްވިއެވެ. އަދި މިރިވާޔަތުގެ ބައެއް ސަނަދު ޟަޢީފުކަމުގައި އެކަލޭގެފާނުން ވިދާޅުވިކަމުގައި ވިއަސް އަނެއްބައި ސަނަދު ޞައްޙަކަމުގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއީ އަބޫ އުވައިސުގެ ރިވާޔަތެވެ. އެކަމަކު އަބޫ އުވައިސަކީ އިތުބާރު ހިފޭ ރާވީއެއް ކަމުގައި އިމާމު ޝާފިޢީއާއި އިމާމު މުސްލިމު ވިދާޅުވެފައި ވެއެވެ. އިމާމު މުސްލިމު އެކަލޭގެފާނުންގެ ޞަޙީޙުގައި އަބޫއުވައިސުގެ ކިބައިން ރިވާކުރަށްވާފައިވެއެވެ.

[4] އިމާމު ނަވަވީ: އަލްމަޖްމޫޢު 254/3 ގައި މިވާހަކަ ބަޔާންކުރަށްވާފައި ވެއެވެ.

[5] އިމާމު އަޙްމަދު ޟަޢީދު ކުރަށްވައި، ބުޚާރީއާއި މުސްލިމު އިތުބާރުކަމަށް ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި ތެރޭގައި ޖަޢުފަރު އިބްނު ސުލައިމާނުއް ޟަބްޢީއާއި އަލްޙާރިޘު އިބްނު ޢަބުދުލް ޢަޔާދީއާއި އައިމަނު އިބްނު ނާމިލުލް ޙަބަޝީއާއި ޚާލިދު އިބްނު މުޚައްލަދުލް ޤަޠުވާނީއާއި ސުވައިދު އިބްނު ސަޢީދުލް ޙަރުޘާނީއާއި ޔޫނުސު އިބްނު އަބީ އިސްޙާޤުއް ސަބީޢީއާއި މިނޫންވެސް އެތައް ބެއިކަލުންނެއް ހިމެނިވަޑައިގަންނަވައެވެ. މިކަމުގެ އިތުރު މަޢުލޫމާތު ޝައިޚު އަލްބާނީގެ “އައްސިލްސިލަތުއް ޞަޙީޙާ” ގެ 5/261 އިންނާއި ޖާމިޢުއްތިރްމިޛީގެ ޙަދީޘު 3713 އިން ހޯއްދަވާށެވެ.

[6] މިރިވާޔަތް ރިވާކުރެއްވީ އިމާމު ޙާކިމާއި ދާރުޤުޠްނީއާއި އިބްނު ޚުޒައިމާއާއި އައްޛަހަބީއެވެ. އަދި މިބޭކަލުން މިރިވާޔަތް ޞައްޙަ ކަމުގައި ވިދާޅުވެފައި ވެއެވެ. އިމާމު ނަވަވީވެސް ވިދާޅުވަނީ މިއީ އެއްވެސް ކިލަނބުކަމެއްނެތް ޞައްޙަ ރިވާޔަތެއް ކަމަށެވެ.

[7] މިރިވާޔަތް ރިވާކުރެއްވީ އިމާމު ޙާކިމެވެ. އަދި ބައިހަޤީއާއި ނަވަވީ ރިވާކުރަށްވާފައި ވެއެވެ.

[8] މިރިވާޔަތް ރިވާކުރެއްވީ އިމާމު ދާރުޤުޠްނީއެވެ. އަދި ބައިހަޤީއާއި ނަވަވީ ރިވާކުރަށްވާފައި ވެއެވެ.

[9] މިރިވާޔަތް ރިވާކުރެއްވީ އިމާމު ދާރުޤުޠްނީއެވެ. އަދި ބައިހަޤީއާއި ނަވަވީ ރިވާކުރަށްވާފައި ވެއެވެ.

[10] މިރިވާޔަތުގައި ބިސްމި ކިޔެވުމުގައި އައިސްފައިވަނީ ޞަލާތުގައި ކަމަށެވެ. ޞަލާތުގެ އެއް މާނައަކީ ސީދާ ނަމާދެވެ. އަނެއް މާނައަކީ ސޫރަތުލްފާތިޙާއެވެ. އެއިން ކޮންމެ މާނައެއް ބެލި ކަމުގައި ވިއަސް ދޭހަކޮށްދެނީ ހަމަ އެއްވާހަކައެކެވެ. އެއީ ކީރިތި ރަސޫލާ ނަމާދުގައި ބާރަށް ބިސްމި ވިދާޅުވާ ވާހަކައެވެ.

[11] މިރިވާޔަތް ރިވާކުރެއްވީ އިމާމު ޝާފިޢީއެވެ. (އަލްއުއްމު، އަލްމުސްނަދު) އަދި އަންނަވަނީ: ޝަރަޙުލްމުހައްޛަބްގައި (348/3)

[12] މިރިވާޔަތް ރިވާކުރެއްވީ އިމާމު ޝާފިޢީއެވެ. (އަލްއުއްމު، އަލްމުސްނަދު) އަދި މީގެ އިތުރުން މިރިވާޔަތް އައިސްފައިވަނީ ޝަރަޙުލްމުހައްޛަބުގެ (348/3) ވަނަ ޞަފްޙާގައެވެ. އަދި އިމާމު ޝާފިއީ މިރިވާޔަތް އަނަސްގެފާނުގެ ބަދަލުގައި އިބްނު ރިފާޢާގެ ކިބައިންވެސް ރިވާކުރަށްވާފައި ވެއެވެ. އޭގައި ވަނީ فَلَمَّا سَلَّمَ نَادَاهُ مَنْ شَهِدَ مِنَ الْمُهَاجِرِينَ وَالأَنْصَارِ مِنْ كُلِّ مَكَانٍ … މާނައީ: ދެން މުޢާވިޔަތުގެފާނު ސަލާމް ދެއްވުމުން މުހާޖިރުންނާއި އަންޞާރުން، އެތަންމިތަނުން އަޑުގަދަކުރަށްވައި ގޮވާލައްވަން ފެއްޓެވިއެވެ. (އަލްމުޙައްޛަބް: 349/3)

[13] މިރިވާޔަތް އިމާމު ޝާފިޢީގެ އިތުރުން އިމާމު ޙާކިމާއި ދާރުޤުޠްނީއާއި ބައިހަޤީއާއި ނަވަވީ ރިވާކުރަށްވާފައި ވެއެވެ. އަދި އިބްނު ޖަރީރާއި ޢަބްދުއްރައްޒާޤްވެސް ރިވާ ކުރަށްވާފައި ވެއެވެ. އިމާމު ނަވަވީ ވިދާޅުވެފައި ވަނީ ޢަބްދުއަރައްޒާޤު ރިވާކުރެއްވީ އަލްޙުމައިދީގެ އަރިހުން ކަމަށެވެ. އިމާމު ޝާފިޢީއާއި އިމާމު ބައިހަޤީ، އަނަސްގެފާނުންގެ އަރިހުންނާއި އުބޫ ރިފާޢާގެ އަރިހުންނެވެ. އިމާމު ޝާފިޢީ އަލްއުއްމުގައި ވިދާޅުވެފައިވަނީ އަބޫރިފާޢާގެ ރިވާޔަތަށް ވުރެން އަނަސްގެފާނުންގެ ރިވާޔަތުގައި ލުއިކަން ބޮޑެވެ. މާނައީ އަބޫރިފާޢާގެ ރިވާޔަތުގައި އޮންނަނީ އަލްޙަމްދުގައިވެސް މުޢާވިޔާ ބިސްމި ވިދާޅުނުވާ ވާހަކައެވެ.

[14] މިރިވާޔަތް ރިވާކުރެއްވީ އިމާމު ޙާކިމާއި ދާރުޤުޠްނީއެވެ. އަދި ނަވަވީއެވެ. (އަލްމަޖްމޫޢު: 350/3)

[15]  ނަވަވީ: (އަލްމަޖްމޫޢު: 350/3)

[16]  ނަވަވީ: (އަލްމަޖްމޫޢު: 351/3)

(ހ) މިދެރިވާޔަތް ރިވާކުރެއްވި ކަމަށް ނަވަވީ ވިދާޅުވެފައިވަނީ ދާރުޤުޠްނީއާއި ބައިހަޤީއެވެ. ޢަލީގެފާނުންގެ ރިވާޔަތާ ބެހޭގޮތުން ދާރުޤުޠްނީ ވިދާޅުވެފައިވަނީ އޭގައި ވާ ހުރިހާ ރާވީންނަނީ އިތުބާރުހިފޭ ޘިޤާއިން ކަަމަށެވެ. އޭގައި ޢަލީގެފާނު ވިދާޅުވެފައިވަނީ: ” رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދުގައި ބިސްމި ވިދާޅުވާ ކަމަށެވެ.” މިއެވެ. ދެން ދާރުޤުޠްނީ އެހެން ޞަޙާބީންގެ ކިބައިން ބިސްމިއާބެހޭ ރިވާޔަތްތައް ގެންނެވީއެވެ. އަދިވެސް ދާރުޤުޠްނީ ޢަލީގެފާނުންގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ. “ޢަލީގެފާނުންގެ އަރިހުން އައްސަބްޢުލް މަޘާނީއަކީ ކޮބައިތޯ ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަލްޙަމްދެވެ. މީހަކު ދެންނެވިއެވެ. އެއީ ހަ އާޔަތްނޫންނޫއެވެ؟ ޢަލީގެފާނުން ވިދާޅުވިއެވެ. ބިސްމިއަކީ އެއްއާޔަތެވެ.” މިރިވާޔަތުގައިވާ އެންމެހައި ރާވީންނަކީވެސް ޘިޤާއިން ކަމުގައި ދާރުޤުޠްނީ ވިދާޅުވެފައި ވެއެވެ. (އަލްމަޖްމޫޢު: 351/3) ދެން އިމާމު އަބޫ މުޙައްމަދު އަމަޤްދަސީ ވިދާޅުވި ކަމަށް ނަވަވީ ވިދާޅުވެފައި ވެއެވެ. “ޢަލީގެފާނުންގެ ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއްކަން އެނގުމާއެކު އަލްޙަމްދުގެ އެންމެހައި އާޔަތްތައް އެކަލޭގެފާނުގެ އަރިހުގައި ބާރަށް ކިޔަން އޮންނަކަން އެއޮތީ ސާބިތުވެފައެވެ.”

(ށ) ސުމްރާގެ ރިވާޔަތަށް ބަލާއިރު އެރިވާޔަތް ރިވާކުރަށްވާފައިވަނީ ދާރުޤުޠްނީއާއި ބައިހަޤީއެވެ. އެބޭކަލުން ސުމްރާގެ އަރިހުން އެރިވާޔަތް ރިވާކުރަށްވާފައިވަނީ ޙުމައިދުގެ ކިބައިން އަލްޙަސަނުލް ބަޞަރީގެ ކިބައިން ސުމްރާގެ ކިބައިންނެވެ. ދާރުޤުޠްނީ ވިދާޅުވެފައިވަނީ މިރިވާޔަތުގެ ހުރިހާވީންނަކީ އިތުބާރުހިފޭ، ޘިޤާއިން ކަމަށެވެ. އަދި ދާރުޤުޠްނީ ވިދާޅުވެފައިވަނީ މިރިވާޔަތާމެދު ޢިމްރާނު އިބްނު ޙުޞައިނަށް ޝައްކުވެގެން މާތް ﷲ ރުއްސުންލެއްވި އިބައްޔު އިބްނު ކަޢުބަށް ލިއުމުން އެކަލޭގެފާނުވަނީ ސުމްރާގެ ބަސްފުޅު ތެދުކުރަށްވާފައެވެ. ދެން މިރިވާޔަތުގައި މިއޮތް އަލްޙަސަނުލް ބަޞަރީއާއި ސުމްރާއާއި ބައްދަލުވިކަމަށް ޢަލިއްޔު އިބްނު އަލްމަދީނީ ވަނީ ވިދާޅުވެފައެވެ. (ނަވަވީ)

_________________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment